ދީނާރުލް އަޔާރު – އޭ ދީނާރެވެ! ތިބާވަނީ ގެއްލުމެއްގެތެރޭގައެވެ!

އެޑްމިން

ދީނާރުލް އަޔާރާ ބެހޭގޮތުން އައިސްފައިވާ ތަފާތު ވާހަކައެއްވެއެވެ. ހެޔޮ މަގަށް ދީނާރުލް އަޔާރުގެ މިސްރާބު ބަދަލުކޮށްލަދިން ހާދިޘާއެވެ. ޒުވާންކަމުގެ މޭވާއަކީ ޝައިޠާނާ އަބަދުވެސް އެ އެއްޗަކަށް ދަހިވެތިވެފައިވާ އެއްޗެކެވެ. ރަސޫލުﷲގެފާނުގެ ދުވަސްވަރުން ފެށިގެން މިއަދާ ހަމަޔަށްވެސް އެކަން އޮތީ އެގޮތުގައެވެ. މައިންބަފައިންގެ ހެޔޮކަމާއި މާތްކަން ﷲ ތަޢާލާގެ ޙަޟުރަތުގައި އުފުއްލެވެމުންދާއިރު، ދަރީންގެ ފާސިދުކަން އިންތިހާގައިވާ ކިތަންމެ ވާހަކައެއް އަޅުގަނޑުމެންނަށް އަޑުއިވޭ ނޫންތޯއެވެ.

ދީނާރުލް އަޔާރުގެ ޒުވާންކަމުގެ ހަޔާތް ފެށިގެން އައީ ވެސް މިފަދައިންނެވެ. ޝައިޠާނާގެ ވަސްވާސްތެރިކަމާއި ހެއްލުންތެރިކަމުގައެވެ. ޝައިޠާނާގެ އުފަލާ ހިތްހަމަޖެހުމަށްޓަކައި މުޅި ދުވަސް ހޭދަވެގެންދަނީ ބޮޑަތިވެވެގެންވާ ފާފަތަކަށް އަރައިގަތުމުގައެވެ. ދުވަސްތައް ވޭތުވަމުން، ދީނާރުލް އަޔާރުގެ ޒުވާންކަން ފުރިހަމަވަމުން ދެއެވެ. އޭނާގެ ހިތުގެ އެދުންތަކާއި ހަވާނަފްސުގެ މައްޗަށް ލެނބެމުންދާއިރު، ދީނާރުލް އަޔާރުގެ މަންމާފުޅު ގިސްލަމުން، އޭނާއަށް ނަސޭހަތްދެއްވުމުގައި ޤާއިމްވެހުއްޓެވެ. ދީނާރުލް އަޔާރުގެ މަންމާފުޅަކީ އިސްލާމުދީނުގެ ޙިދާޔަތުގެމަތީގައި ނުހަނު ގަދައަށް ފައިތިލަ ސާބިތުކޮށްގެން ހުންނެވި ކަނބަލެއްކަމުން، އެކަމަނާ އޭނާގެ ދަރިފުޅާއި މެދު އުންމީދު ކަނޑުއްވައެއް ނުލައްވައެވެ. ﷲ ރަޙްމަތް އެކަމަނާގެ ދަރިފުޅަށް ތެދުމަގު ދެއްކެވުމަށްވެސް ތަނަވެސް ވެގެންވާކަމުގައި އެކަމަނާ ހިތްޕުޅުގެ އަޑިން ޤަބޫލުފުޅުކުރެއްވިއެވެ. ކެނޑިނޭޅި، އޭނާގެ ފާފަތަކުގެ މައްޗަށް ތައުބާވުމަށް ނަސޭހަތްތެރިވަމުން ގެންދެވިއެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައެއް ދީނާރުލް އަޔާރުގެ ކަންފަތައް ނުއިވޭ ފަދައެވެ.

މިދުވަސްވަރުގެ ތެރެއިން ދުވަހެކެވެ. ދީނާރުލް އަޔާރު، ޤަބުރުސްތާނެއްގެ ތެރެއިން ހިނގާފައިދަނީއެވެ. އޭނާ ހިނގަމުން ދިޔަ މަގުމަތީގައި އޮތް މިނިކަށިކޮޅެއް އޭނާގެ ލޮލުގައި އަޅައިގެންފިއެވެ. ދީނާރު އޭނާގެ އަތަށް މިކަށިކޮޅު ނެގުމާއެކު، އެކަށިކޮޅު މުގުރި ވެއްޔަށްވެގެން އޭނާގެ އަތުން ފައިބައިގެންފިއެވެ. މި ކަށިކޮޅަށް މިވީގޮތް އޭނާގެ ލޮލަށް ފެނުމާއެކު އޭނާގެ ހިތަށް ބިރުވެރިކަން ވެރިވެއްޖެއެވެ. އޭނާގެ ނަފްސަށް ހުއްޓުން އެރީ އޭނާގެ ދެފައިގައި މީހަކަ ހިފަހައްޓާފައިވަ ފަދައަކުންނެވެ. އޭނާގެ ކުރިމަތީގައި އޭނާގެ މުޅި ހަޔާތުގައި އޭނާ ކުޅާ ފާފަތަށް އައިސް އެތުރުނު ފަދައެވެ. މިކަންތައްތަކުގެ ބިރުވެރިކަން ހިތަށް އިޙުސާސްކުރެވި، އޭނާގެ އަމިއްލަ ނަފްސަށް އޭނާ ބުންޏެވެ. 'އޭ ދީނާރެވެ. ތިބާއަށް ހަލާކުހުއްޓެވެ. ތިބާގެ ނިމިދިއުންވަނީ އެ ނިކަމެތި ކަށިކޮޅު ފަދައިންނެވެ. ތިބާގެ ނަފްސު ވެއްޔައްވެ ނިމިދާނެއެވެ.' ދީނާރުގެ މުޅި ހަޔާތުގައި އޭނާއަށް ކުރެވިފައިވާ ފާފަތަކުގެ ބަރު އޭނާއަށް އިޙްސާސްކުރެވެން ފެށުމާއެކު، އޭނާ ތައުބާވާން ބޭނުންވިއެވެ. އޭނާގެ އިސް އުޑާއިދިމާއަށް އުފުލާލުމަށްފަހު އޭނާގެ ވެރި ރައްބުގެ ޙަޟުރަތުގައި ދަންނަވަނީއެވެ. 'ޔާ އިލާހީއެވެ! އަޅު އިބަރަސްކަލާނގެ މަގަށް ރުޖޫޢަވެއްޖައީމެވެ. އަޅުގެ މައްޗަށް އޯގާވަންތަވެވޮޑިގެން އަޅުގެ ތައުބާ ޤަބޫލުކުރައްވާނދޭވެ.'

އޭނާ ޤަބުރުސްތާނުން ނިކުމެ، މިސްރާބު ބަދަލުކޮށްލީ އޭނާގެ ގެޔާއި ދިމާއަށެވެ. އޭނާގެ މަންމާފުޅުގެ ގާތަށެވެ. އޭނާ ގެއަށް އައިސް އޭނާގެ މަންމާފުޅާއި ބައްދަލުވި ހިނދު ސުވާލު ކުޅައެވެ. 'އޭ މަންމާއެވެ! އޭނާގެ ޞާޙިބުމީހާއަށް ފިލައިގެން އުޅޭ އަޅަކު، އެތައް ދުވަހެއްގެފަހުން އެ ޞާޙިބުމީހާގެ އަތް ދަށުވުމުން، އެ ޞާޙިބުމީހާ ކަންތައްތައް ކުރާނީ ކޮންގޮތަކަށްތޯއެވެ؟' ދީނާރުގެ މަންމާފުޅު އޯގާތެރިކަމާއެކު ޖަވާބުދިނެވެ. 'އޭނާއަށް އަދަބު ދިނުމުގެ ގޮތުން ދެރަ ފޭރާން އޭނާއަށް ލައްވާނެއެވެ. އޭނާއަށް ކާންދެވޭނީ އެންމެ ނުބައި ކާނާއެވެ. އޭނާ ދެވަނަ ފަހަރަށް އެ ޞާޙިބުމީހާގެ އަރިހުން ފިލައިގެން ދިޔަ ނުދިނުމަށްޓަކައި އޭނާގެ އަތްފައި ބަނދެފައި ބާއްވާނެއެވެ.' ދީނާރު އޭނާގެ މަންމާފުޅަށް ނަންގަތެވެ. 'އޭ ލޯބިވާ މަންމާއެވެ! ފިލައިގެންގޮސްފައިވާ އަޅަކު އަތުލައިގަނެވުމުން ކަންތައްތައް ކުރާ އުސޫލުން އަހުރެންނާއި މެދުގައި ކަންތައްތައް ކޮށްދޭށެވެ. އަހުރެންނަށް ނިކަމެތި ފެރާމެއް ލެއްވުމަށްފަހު، ކާތަކެތީގެ އެންމެ ދެރަ މިންވަރު އަހުރެންނަށް ފޯރުކޮށްދޭށެވެ. ހިލިހިލާއިން އަހުރެންގެ އަތްފައި ބަނދެދޭށެވެ. ފަހަރުގައި މިކަންތައްތަކުގެ ސަބަބުން، އަހުރެންގެ ވެރި ރަސްކަލާނގެ އަހުރެންނަށް ޢަފޫ ދެއްވަފާނެތެވެ.' އޭނާގެ ދަރިފުޅުގެ ފަރާތުން މިފެނުނު އާދަޔާޚިލާފު ކަންތައްތަކުގެ ސަބަބުން، އޭނާގެ ދަރިފުޅު ތައުބާވެ ﷲގެ ރަޙްމަތަށް އެދިގެންވި މިންވަރު އެކަމަނާއަށް ވަޒަންކުރެވިއްޖެއެވެ. އެހެންކަމުން، ދީނާރުލް އަޔާރު އެދުނު ގޮތަށް އެކަމަނާ ކަންތައްތައް ކޮށްދީފިއެވެ.

މިގޮތުގައި ބަނދެވި އޮވެ، ނަމާދާއި ދުޢާ ދެންނެވުމުގައި ދީނާރުލް އަޔާރު މަސްޢޫލުވެގެންފިއެވެ. އިރުއޮއްސިއްޖެ ނަމަ އިވެނީ އޭނާގެ ރުޔުމާއި ގިސްލުމުގެ އަޑެވެ. އޭނާ ގިސްލަމުން އޭނާގެ އަމިއްލަ ނަފްސަށް ބުނެއެވެ. 'އޭ ދީނާރެވެ. ތިބާއަށް ހަލާކު ހުއްޓެވެ. ތިބާއަށް ނަރަކައިގެ އަލިފާނަށް ކެތްކުރެވޭނެ ހެއްޔެވެ؟ ތިބާގެ ވެރި ރަސްކަލާނގެ ޙަޟުރަތުންވާ ޢަޛާބާއި ނުރުއްސެވުން ހޯދައިގަތުމަށްޓަކައި ތިޔަހާ ބޮޑު އުރެދުމެއްގައި ތިބާވީއިރު، ތިބާގެ ނަފްސުގެ ޙުރުމަތާއި ލަދު ކޮބައިތޯއެވެ؟' އިރު އަރައްޖެއުމަށްދާންދެން، ﷲގެ ޙަޟުރަތުގައި އޭނާގެ ފާފަތަކުގެ ތައުބާއަށް އެދި ދުޢާ ދަންނަވައެވެ.

މިގޮތުގައި ދުވަސްތައް ވޭތުވާންފެށުމާއެކު ދީނާރުލް އަޔާރުގެ މޫނުމަތި މިލަންފަށައިފިއެވެ. އޭނާގެ ހަށިގަނޑު ނިކަމެތިވެ، ލުއިވާންފަށައިފިއެވެ. ދިނާރުގެ މަންމާފުޅަށް އެކަމާނާގެ ދަރިފުޅަށް މި އަންނަމުންދާ ބަދަލުތައް ފެނި ހިތްޕުޅަށް ކެތްނުކުރެވި، ދިނާރަށް ބުނާން ފަށައިފިއެވެ. 'އޭ ލޯބިވާ ދަރިފުޅާއެވެ! ތިބާގެ ނަފްސުގެ މައްޗަށް ތިޔަހާ ތަކުލީފު ނުޖައްސާށެވެ.' ވޭނުގައި އެތައް ދުވަހަކު އުޅެފައިވާ މީހަކު ފަދައިން، އެކަމަނާއަށް އޭނާ ޖަވާބުދިނެވެ. 'އޭ ލޯބިވާ މަންމާއެވެ! އަހުރެން މިގޮތުގައި ދުވަސްކޮޅަކު އޮތަދޭށެވެ. ފަހަރުގައި މިއީ އަހުރެންނަށް ފަހުން މަންފާކުރާނޭ ކަމެއްކަމުގައި ވެދާނެއެވެ. މާދަމާ ވާނޭ ގޮތެއް އަހުރެންނަކަށް ނޭނގެއެވެ. އަހުރެންގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް އަހުރެން ގެންދެވޭ ހިނދު، އެތަނުގައި އަހުރެން ހުންނާން ޖެހޭނީ ކޮން ހާލެއްގައި ކިހާ ދުވަހަކު ކަމެއް އަހުރެންނަކަށް އެނގިގެނެއްނުވެއެވެ. އެތަނުން އަހުރެން ފޮނުވާލެވޭނީ ރީތި ބަގީޗާއަކަށް ކަމެއް ނުވަތަ އިންސާނުންގެ ލޯތަށް ދެކިފައިނުވާ ފަދަ ބިރުވެރިކަމާއި ނާމާންކަމުން ފުރިގެންވާ ނަރަކައަށް ކަމެއް އަހުރެންނަކަށް އެނގިގެނެއްނުވެއެވެ. ދީނާރުގެ މަންމާފުޅު އޯގާތެރިކަމާއެކު އޭނާއަށް އަނެއްކާވެސް ވިސްނައިދެއްވޭތޯ މަސައްކަތް ފައްޓެވިއެވެ. ދުވަހެއް ދުވަހަކަށް ދަށްވަމުންދާ އޭނާގެ ހަށިގަނޑުގެ ހާލުގެ މައްޗަށް ޙަމްދަރިދީ ވަމުންނެވެ. 'އޭ ލޯބިވާ ދަރިފުޅާއެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ތިޔަ ހަށިގަނޑަށް އަރާމު ދޭށެވެ.' ދީނާރު އޭނާގެ މަންމައަށް ބުނެދެވޭތޯ މަސައްކަތްކުރަމުން އެގެންދަނީ އޭނާގެ ފާފަތަކުގެ ބުރަކަމެވެ. ދީނާރު އޭނާގެ މަންމާފުޅަށް ނުހަނު ލޯތްބާއެކު ބުންޏެވެ. 'އަހުރެންގެ ދެލޯފަދައިން ލޯބިވާ މަންމާއެވެ! އަހުރެން މިއެދެނީ މިވަގުތުގެ އުފަލާ ހިތްހަމަޖެހުމަކަށް ނޫނެވެ. މަންމައާއި އެހެން މީސްތަކުން މަދަމާވެސް ސުވަރުގެއަށް ގެންދެވޭ އިރު އަހުރެން ދަމާފައި ނަރަކައަށް ގެންދެވޭ މަންޒަރު އަހުރެންނަށް މިހާރުވެސް ސިފަވާ ކަހަލައެވެ.' ދީނާރުލް އަޔާރުގެ މި ޖަވާބާއެކު އޭނާގެ މަންމާފުޅު އެތަނުން ނިކުމެއްޖެއެވެ. އަނެއްކާވެސް އޭނާ ރުޔުމާއި، ދުޢާ ދެންނެވުމާއި، ނަމާދުކުރުމާއި ޤުރުއާން ކިޔެވުމުގައި މަސްޢޫލުވެއްޖެއެވެ. މިގޮތުގައި ރޭދުވާ ތަކުރާރުވަވަމުންގޮސް، އެއް ރެއެއްގެ ވަގުތެވެ. ދީނާރު ޤާއިމްވެ އެއިނީ ޤުރުއާންކިޔެވުމައިގެންނެވެ. އެއީ އޭނާއަށް ސޫރަތުލް ޙިޖުރުގެ ނުވަދިހަ ދެވަނަ އާޔަތާއި ނުވަދިހަ ތިންވަނަ އާޔަތާއި އަރާ ހަމަވީ ވަގުތުވެ. އޭނާ އެ އާޔަތްތަކުގައި ފޮރުވިގެންވާ މާނައާއިމެދު ފުންކޮށް ފިކުރުކުރަން ފެށިއެވެ. އެއާޔަތްތަކުގެ މައުނައިގާވަނީ މިފަދައިންނެވެ. 'ފަހެ ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. ތިމަން ރަސްކަލާނގެ އެއުރެން އެންމެންނާއި ސުވާލު ކުރައްވާ ހުށީމެވެ. އެއުރެން ކޮށް އުޅުނު ޢަމަލުތަކާއި މެދުގައެވެ.'

މި އާޔަތްތަކުގެ ބުރަކަމާއި ތަކުލީފުގެ ބޮޑުކަމުންނާއި ދީނާރުލް އަޔާރުގެ ފުށުންވެވިފައިވާ ފާފަތަކުގެ މައްޗަށް އޭނާގެ ވިސްނުން ހިންގަންފެށުމާއެކު، އޭނާގެ ނިކަމެތި ހަށިގަނޑަށް އެކަން ބަރުދާސްތެއް ނުކުރެވުނެވެ. އޭނާގެ ޚަބަރު ހުސްވެއްޖެއެވެ. ދީނާރުގެ ރުޔުމުގެ އަޑު ފަނޑުވުމާއެކު، އޭނާގެ މަންމާފުޅު އޭނާގެ ކޮޓަރިއަށް އަވަސްވެގެންފިއެވެ. އެކަމަނާއަށް ފެނިލެއްވީ ދިނާރުލް އަޔާރު ޚަބަރުހުސްވެފައިވާތީއެވެ. އެކަމަނާ ހިތާމައިގައި އޭނާއަށް ގޮވަމުން ގެންދެއެވެ. 'އޭ އަހުރެންގެ ލޯބިވާ ދަރިފުޅާއެވެ! އޭ އަހުރެންގެ ހިތުގެ ވިންދެވެ. އަހުރެންނަށް ދަރިފުޅާ ބައްދަލުވާނެ ހެއްޔެވެ؟' ދީނާރުގެ ހަށިގަނޑުގައި ފުރާނައިގެ އަސަރު ހުރުމާއެކު، އޭނާގެ މަންމާފުޅުގެ ވޭނީ ގޮވުންތަކުން އޭނާއަށް އެވަގުތަށް ހޭވެރިކަން ލިބެއްޖެއެވެ. 'ލޯބިވާ މަންމާއެވެ. ޤިޔާމަތްދުވަހުގެ މައިދާނުގައި މަންމައަށް އަހުރެން ނުފެނިއްޖެނަމަ، ނަރަކައިގެ މާލިކުގެ އަރިހުން އަހަށެވެ.' ދީނާރުލް އަޔާރަށް ބުނެވުނީ މިހާވަރަށެވެ. އޭނާގެ މަންމާފުޅުގެ އުނގުގައި އޮވެ، އޭނާ ފުރާނަ ﷲގެ ޙަޟުރަތަށް ގެންދެވިއްޖެއެވެ. އޭނާގެ ފުރާނަ، އަބަދަށް ދެމިގެންވާ ގޮވައްޗަށް ދަތުރުކޮށްފިއެވެ. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ!

ވެރިވެފައިވާ ހިތާމައަށްވުރެ ދީނާރުގެ މަންމާފުޅު އިސްކުރެއްވީ އޭނާގެ ކަށުކަމާކެމީގެ ކަންތައްތަކެވެ. އަވައްޓެރިންގެ އެހީތެރިކަމާއެކެ، އެކަމަނާ އޭނާގެ ކަށުކަމާކެމީގެ ކަންތައްތައް ނިންމަވައިފިއެވެ. އެއަށްފަހު، ދީނާރުލް އަޔާރުގެ މަންމާފުޅު ނިކުންނަވާ މީސްތަކުންނަށް ގޮވާންފަށައިފިއެވެ. އެކަމަނާގެ ބަސްވަނީ މިފަދައިންނެވެ. 'އޭ މީސްތަކުންނޭވެ! ނަރަކައިގެ އަޛާބަށް ބިރުވެތިވުމުގައި މަރުގެންގެވުނު މީހާގެ މައްޗަށް ކަށުނަމާދުކޮށްދޭން އަވަސްވެގަންނާށެވެ. އެކަމަނާގެ މި ގޮވާލެއްވުމަށް، މުޅި އަވަށުގެ ހުރިހާ ކަންކޮޅުތަކުން މީސްތަކުން ދީނާރުލް އަޔާރުގެ ގެއަށް ޖަމާވަންފަށައިފިއެވެ. ކަށުނަމާދަށްފަހު، މީސްތަކުން އޭނާ ވަޅުލައިފިއެވެ. އެންމެ ފަހުގެ ވަދާޢު އޭނާއަށް ކުރަމުންނެވެ. އޭނާގެ ވާހަކަ އިވުމާއެކު، މީސްތަކުން އެބައިމީހުންގެ ގެތަކަށް ދިޔައީ ކަރުނުން ފޯވެގެންނެއެވެ.

ދީނާރުލް އަޔާރުގެ ކަށުނަމާދުގައި ބައިވެރިވުމަށްފަހު، އޭނާގެ އެކުވެރިންތައްވެސް އެނބުރި ހިނގައްޖެއެވެ. އޭނާގެ މައްޗަށް ހެޔޮ ދުޢާކުރަމުންނެވެ. އޭގެތެރެއިން ދީނާރުގެ ޚާއްސަ ރައްޓެއްސަކު އެނބުރިގޮސް ނިދަންއޮށޯވެއްޖެއެވެ. އޭނާގެ އެކުވެރިޔާ ނެތްކަމުގެ މައްޗަށް ހިތާމަކުރަމުންނެވެ. ދީނާރުގެ އެކުވެރިޔާއަށް ނިދި ޖެހުނު ވަގުތު ތަފާތު ހުވަފެނެއް ފެނުނެވެ. ދީނާރުލް އަޔާރު ފެހިކަންގަދަ ހެދުމެއްގައި ވަނިކޮށެވެ. އޭނާ ސުވަރުގޭގެ ބަޤީޗާއެއްގައި ދުވަމުން ކީރިތި ޤުރުއާނުގެ ސޫރަތުލް ޙިޖުރުގެ ނުވަދިހަ ދެވަނަ އާޔަތާއި ނުވަދިހަ ތިންވަރަ އާޔަތް ކިޔަވަނީއެވެ. 'فَوَرَبِّكَ لَنَسْأَلَنَّهُمْ أَجْمَعِينَ. عَمَّا كَانُوا يَعْمَلُونَ.' މިއާޔަތްތަކުގެ މައުނައިގައިވެއެވެ. ''ފަހެ ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. ތިމަން ރަސްކަލާންގެ އެއުރެން އެންމެންނާއި ސުވާލު ކުރައްވާ ހުށީމެވެ. އެއުރެން ކޮށް އުޅުނު ޢަމަލުތަކާއި މެދުގައެވެ.' ހުވަފެނުގައި ދީނާރުގެ އެކުވެރިޔާއަށް އިޝާރާތްކޮށް އޭނާ ބުނަނީއެވެ. 'އަހުރެންގެ ވެރިރަސްކަލާންގެ ރަޙްމަތްފުޅުން އަހުރެންނަށް ޢަފޫ ވެއްޖެއެވެ. އަހުރެންގެ މަންމާފުޅަށް މި ޚަބަރު ގެންގޮސްދޭށެވެ.'

ނޯޓު: ދީނާރުލް އަޔާރުގެ މިވާހަކައިން ދަލީލު ލިބެން އޮތްގޮތުގައި، އިންސާނާ އޭނާގެ ވެރިރަސްކަލާނގެ ޙަޟުރުތަށް ކުރެވިފައިވާ ކުށްފާފަތަކުގެ މައްޗަށް ތައުބާވުމަކަށް ވަކި ވަގުތެއް ނުވަތަ ހާލަތެއް ނުވެއެވެ. ތެދުވެރި ތައުބާއަކުން ތައުބާ ވެއްޖެނަމަ، ﷲގެ ރަޙްމަތްފުޅުން އެ އިންސާނަކަށް އެކަލާނގެ ޢަފޫކޮށްދެއްވަތެވެ. އޭ އެކުވެރިންނޭވެ! ތައުބާވުމަށް އަވަސްވެލައްވާށެވެ. މާދަމާއަށް ލަސްނުކުރައްވާށެވެ. ފުރިހަމަ ތައުބާއަކުން ތައުބާ ވެއްޖެނަމަ، އެކަލާނގެ ރުއްސެވުމާއި ފުއްސެވުން އެކަމުގައިވާނެކަން ކަށަވަރެވެ.

މި ތަރުޖަމާގައި މަޢުލުމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވަށެވެ.

މަސްދަރު: އިސްލާމިކްސްޓޯރީސް

ތަރުޖަމާ؛ ޙަސަން ޣައްސާން

ކޮމެންޓް

ގުޅޭ ލިޔުންތައް