މަރުވެފައިވާ ދޫނި – ޙައްޖަށްވުރެ އަހުރެމެންނަށް މި ފަހަރަ މިގޮތް ހެޔޮކަން ބޮޑެވެ!

އެޑްމިން

ޢަބްދުﷲ އިބުނު މުބާރަކު ރަޙިމަހުﷲގެ ޢިލްމުވެރިކަމާއި އެކަލޭގެފާނުގެ ހަރުދަނާ ޝަޚްސިއްޔަތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފަހުގައި އިސްލާމީ އުންމަތް އާރާސްތުކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކަމެކެވެ. އެކަލޭގެފާނުގެ ޢިލްމުވެރި ދަރުސްތަކާއި މުޅި އިސްލާމީ އުންމަތަށްމެ ދޫކުރެއްވި ފަތްފުށްތަކަކީ އެކަމުގެ މައްޗަށް އަދުގެ އިސްލާމުތަކުން ވިސްނާ، ބުއްދިކުރުން ހުރި ކަންކަމެވެ.

އެކަލޭގެފާނު ވިސްނުންފުޅުގައި ޢިލްމުގެ ކުރިއަށް އަދަބު އިސްވެއެވެ. ވުމާއެކު އެކަލޭގެފާނު ޢިލްމު އުނގެނިވަޑައިގަތުމުގެ ކުރިއަށް އިސްލާމީ އަދި ދުނިޔެވީ އަދަބުތައް ހިތްޕުޅާއި ޢަމަލުތަކަށް ނެންގެވުމުގައި ތިރީސް އަހަރު ހޭދަކުރެއްވިއެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅުގެ ވިދިގެންއައި ފަސްސަވީސް އަހަރު ޢިލްމު އުނގެނިވަޑައިގަތުމުގައި ހޭދަކުރެއްވެވިއެވެ. އެކަލޭގެފާނުގެ އަޅުގަނޑުމެންގެ ތެރެއަށް ދޫކުރެއްވި އެންމެ މުހިންމު އެއް މަސައްކަތްޕުޅަކީ އެކަލޭގެފާނުގެ މަޝްހޫރު ފޮތް 'ކިތާބުލް ޖިހާދެވެ.' އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. 'މީސްތަކުން ދީނުގެ އެންމެ ލުއި މިންވަރުގައި ހިފައިގެން ތިބޭތީ އަހުރެން ދެކެމެވެ. އެކަމަކު މި ދުނިޔޭގެ ނިޢުމަތްތަކުގެ ތެރެއިން އެންމެ ކުޑަ މިންވަރުގައި ހިފުމަށް މީސްތަކުން ވަނީ ޢުޛުރުވެރިވެގެންނެވެ.' ކޮންމެއަކަސް އެކަލޭގެފާނުގެ ހަޔާތްޕުޅުގެ ކޮންމެ ދުވަހަކީވެސް ބުއްދިއާއި ފިކުރު ހިންގައިފި އިންސާނަކަށް ޢިބުރަތަކަށް ފުދޭނޭ ކަންކަމެވެ. އެކަލޭގެފާނުގެ ޢިލްމީ ދައުރަކީ ޢިލްމު 'ޢަމަލަށް' ހެއްދެވި ދުވަސްވަރެކެވެ.

އިބުނު ކަޘީރު ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތް 'އަލް ބިދާޔާ ވައްނިހާޔާ'ގައި ބަޔާންކުރައްވާފައިވާ ވާހަކައެއްވެއެވެ. ޙިޖުރައިން ދެވަނަ ޤަރުނުގެ ތެރެއިން ދުވަސްވަރެކެވެ. ޢަބްދުﷲ އިބުނު މުބާރަކު ރަޙިމަހުﷲ އާއި އެކަލޭގެފާނާއެކު ވެ ވަޑައިގެން ޖަމާޢަތެއްގެ ބޭކަލުން ސުންނަތް ޙައްޖެއް އަދާކުޅައުމަށްޓަކައި މައްކާގެ މާތް ބިމަށް ދަތުރުފުޅު ކުރެއްވުމަށް ތައްޔާރުވަނީއެވެ. ކާނާގެ ބާވަތްތައް އެއްކޮށް، ދަތުރުމަތީގެ އެންމެހާ ކަންކަން ބަލަހައްޓާނެ އިންތިޒާމުތައް ރާއްވަވަނީއެވެ. ޙިޖާޒުގެ ސަހަރާތަކަކީ އާންމު ނިސްބަތުންވެސް ހޫނުކަން ގަދަ ސަހަރާތަކެއް ކަމުން، އެކަލޭގެފާނަށް ސަހަރާގެ ހަނަފަސްކަމާއި ކުރިމަތިލައްވާން ޖެހިވަޑައިގަންނަވާނެއެވެ. ދަތުރުގެ ތައްޔާރީތައް ނިމުމާއެކު، އެކަލޭގެފާނާއެކު ޙައްޖު ޤާފިލާ އެކަލޭގެފާނު ހުންނެވި ރަށުން ނިކުމެވަޑައިގެން ޙިޖާޒުގެ މާތް ބިމަށް ދިމުއުގެ ދަތުރުފުޅު ފައްޓަވައިފިއެވެ. ހަނަފަސް ސަހަރާތަކާއި ވާދީތައް ހުރަސްކުރައްވަމުންނެވެ.

މި ދަތުރުފުޅުގެ ވަކި ހިސާބަކުން މީހުން އުޅޭ އަވަށެއްގެ ކައިރިން ޢަބްދުﷲ އިބުނު މުބާރަކާއި އެކަލޭގެފާނުގެ ޤާފިލާ ދަތުރުފުޅު ކުރައްވަން ޖެހިވަޑައިގަތެވެ. ޤާފިލާގެ ކުރީގައި އެކަލޭގެފާނާއި އެކަލޭގެފާނުގެ ޖަމާޢަތުގެ ބޭކަލުން ދަތުރުފުޅު ކުރައްވަމުން ވަޑައިގަންނަވަނީއެވެ. މިގޮތުގައި އެ އަވަށުގެ ކައިރިން ދަތުރުފުޅު ކުރެއްވުމުގައި ޤާފިލާގެ ކުރިމަތިން މަރުވެފައިވާ ދޫންޏެއް ފެނިވަޑައިގަތެވެ. އެކަލޭގެފާނު ޤާފިލާ މަޑުކުރައްވާ، އެ ދޫނި ނަގާ އެއްފަރާތްކޮށް، އެތަނާއި މާދުރުނޫން ހިސާބެއްގައި ޙާއްސަވެފައިހުރި ކުނި އެއްކުރާ ތަނަކަށް އެ ދޫނީގެ މަސްގަނޑު އެއްލާލުމަށް އަމުރުފުޅު ކުރައްވައިފިއެވެ. އެ ޤާފިލާގައި ހިމެނޭ ޚައްދާމުންކުރެ މީހަކު، އެ ދޫނިނަގައިގެން ގޮސް، އެކަލޭގެފާނު އިޝާރާތްކުރެއްވި ތަނަށް ގެންގޮސްލައިފިއެވެ.

މިކަންތައްތަކަށްފަހު ޤާފިލާ ނަގާ ދަތުރަށް ފެށުމުގައި ހެލިގެންފިއެވެ. އެއީ ޢަބްދުﷲ އިބުނު މުބާރަކުގެ ލޯފުޅުގައި ކަމެއް އަޅައިގެންވަގުތެވެ. އެ ދޫނި އެއްލާލެވުނު ކުޅި އަޅާ ސަހަރައްދާއި މާ ދުރުނޫން ހިސާބެއްގައި ހުރި ގެޔަކުން، ތުއްތު އަންހެން ކުއްޖަކު ނިކުމެގެން އެ ކުނި އަޅާ ސަރަހައްދާއި ދިމާއަށް މިސްރާބު ޖަހާތީއެވެ. އެ ތުއްތު އަންހެން ކުއްޖާ، ޢަބްދުﷲ އިބުނު މުބާރަކުގެ ޖަމާޢަތަށް ބެލުމެއްނެތި، ކުނި އަޅާ ސަރަހައްދަށް ގޮސް، ދެންމެގައި އެއްލާލެވުނު މަރުވެފައިވާ ދޫނީ ނަގައިގެން އަވަސް އަވަހަށް އޭނާގެ ގެއާއި ދިމާލަށް މިސްރާބު ޖަހައިފިއެވެ. މި މަންޒަރު ފެނިވަޑައިގެންނެވުމާއެކު ޢަބްދުﷲ އިބުނު މުބާރަކުގެ ހިތްޕުޅުގައި މި ހިނގި ކަންތަކާއި މެދު ނުހަނު ގިނަ ސުވާލުތައް އުފެދި، އެކަންކަމުގެ ޚަބަރު އޮޅުން ފިލުވާން ބޭނުންވިއެވެ. ވުމާއެކު އެކަލޭގެފާނު އެ ކުއްޖާގެ ގެއަށް ގޮސް އެކުއްޖާއާއި ސުވާލު ކުރައްވަން ފައްޓަވައިފިއެވެ. 'ކަނބުލޯއެވެ. ދެންމެގައި ކަނބުލޯ ތިޔަ ކުރީ ކީތް ހެއްޔެވެ؟' އެކަލޭގެފާނުގެ މި ސުވާލާއެކު އެ ކުއްޖާ ޖެހިލުންވެ ހުރެ، އެކަލޭގެފާނަށް އަރުވަން ފައްޓައިފިއެވެ. 'އޭ ބޭބޭއެވެ! މިއީ އަހުރެމެންގެ ގޮވައްޗެވެ. އަހުރެމެންގެ އަންނައުނު ފިޔަވާ އަހުރެންގެ އަތުގައި މުދަލެއް ނުވެއެވެ. އެތަނަށް މިސްތަކުން އުކާލާ ކުނިން ފިޔަވާ އަހުރެމެންނަށް ކާއެއްޗެއް ލިބުމެއްނުވެއެވެ. އަހުރެމެންނަށް ކާނެ އެއްޗެއް ނުލިބި ހައިހޫނުކަމުގައި ތިބޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭ ބޭބޭއެވެ. އަހުރެމެންނަށް މިވަގުތު އެ މަރުވެފައިވާ ދޫނީގެ މުޅަ މަސްވެސް ކެއުން ޙުއްދަވެގެންވެއެވެ.'

އެ ކުއްޖާގެ ޖަވާބުތަކުން ޢަބްދުﷲ އިބުނު މުބާރަކުގެ ހިތްޕުޅުގައި އޯގަތެރިކަމާއި ރިހުން ހިގައިފިއެވެ. އެކަލޭގެފާނު އިތުރަށް އައްސަވައިފިއެވެ. 'އޭ ކަނބުލޯއެވެ. ތިބާގެ ބައްޕަ ކޮބައިތޯއެވެ؟.' އެކަލޭގެފާނުގެ މި ސުވާލުފުޅާއެކު އެ ތުއްތު ކުއްޖާގެ ހިތުގައި އަޅަމުން ދިޔަ ވޭނާއެކުވެސް އެ ކުއްޖާ އެކަލޭގެފާނަށް ޖަވާބު ދިނުމުގައި އުނި އަޚްލާޤެއް ނުދައްކައެވެ. އެ ކުއްޖާ ބުންޏެވެ. 'އޭ ބޭބޭއެވެ! އަހުރެމެންގެ ބައްޕަވީ ތަނަވަސްކަމުގެ އަހުލުވެރިޔަކުކަމުގައެވެ. އެހެނަސް މީސްތަކުންގެ ތެރެއިން ބަޔަކު ބައްޕައަށް އަނިޔާވެރިވީއެވެ. ބައްޕަގެ މުދާތައް ފޭރި، ބައްޕަ ޤަތުލުކުޅައީއެވެ.'

އެ ތުއްތު ކުއްޖާގެ މިބަސްތައް އިވުމާއެކު ޢަބްދުﷲ އިބުނު މުބާރަކު ރަޙިމަހުﷲ އެކަލޭގެފާނުގެ ޤާފިލާގެ މީސްތަކުންކުރެ މީހަކަށް އިޝާރާތް ކުރައްވައިފިއެވެ. 'އަހުރެމެންގެ އަތުގައި މިވަގުތު ވަނީ ކިހާ ފައިސާއެއް ހެއްޔެވެ؟' އެކަލޭގެފާނު މިހެން އެއްސެވުމާއެކު، އެ ޤާފިލާގައި ނަޤުދު ފައިސާގެ ގޮތުގައިވަނީ އެއްހާސް ދީނާރުކަމުގައި އެ މީހާ އެކަލޭގެފާނަށް ދެންނެވިއެވެ. އިތުރަށް ފިކުރުފުޅު ކުރެއްވުމެއް ނެތި އެކަލޭގެފާނު އެ ޚައްދާމަށް ވިދާޅުވިއެވެ. 'ތިޔަ ފައިސާގެ ތެރެއިން ވިހި ދީނާރު ޤާފިލާއަށް ނެގުމަށްފަހު، އަނެއްބައި މި ކުއްޖާއަށް ދޭށެވެ. އެއިން އަހުރެމެންގެ އެނބުރި ދިއުމުގެ ޚަރަދަށް ފުދޭނެއެވެ. މިއިން އެކުއްޖާގެ މައްޗަށް ހޭދަކުރުން އަހުރެމެންގެ މިއަހަރުގެ ސުންނަތް ޙައްޖަށް ވުރެ ހެޔޮކަން ބޮޑެވެ.' އެކަލޭގެފާނު މިފަދައިން ވިދާޅުވުމަށްފަހު، އެ ކުއްޖާއަށް އޭނާގެ ޙައްޤު އަދާކޮށްދީފިއެވެ. ޢަބްދުﷲ އިބުނު މުބާރަކާއި އެކަލޭގެފާނުގެ ޤާފިލާ އެނބުރި ރަށަށް ވަޑައިގަތީއެވެ.

ނޯޓު: ތިމާގެ މުދަލުގައި ބޭނުން ޖެހިގެންވާ މީހުންނަށް ޙައްޤެއްވެއެވެ. ޢަބްދުﷲ އިބުނު މުބާރަކު ރަޙިމަހުﷲގެ ހަޔާތްޕުޅުން އައިސްފައިވާ މިޙާދިޘާއިން ލިއްބައިދޭ ފިލާވަޅުތަކުގެ ތެރޭގައި ހެޔޮ ގޮތުގައި އަދާކުރެވޭ ޢަމަލުތަކުގައި ﷲ ތަޢާލާ ބަރަކާތްލައްވަތެވެ. އަދި އެކަމުގެ އަޖުރާއި ޘަވާބު އާޚިރަތްދުވަހުން މިންވަރު ކުރައްވަތެވެ. މުސްލިމުންގެ މައްޗަށް ނަމާދާއި ރޯދަ ފަރުޟު ކުރެއްވުނު ފަދައިން ޒަކާތް ވާޖިބު ކުރެއްވުނީވެސް މިފަދަ ކުދީންގެ ޙައްޤުތައް އަޅުގަނޑުމެންގެ މުދަލުގައި ހިމެނިގެންވާތީއެވެ.

މި ތަރުޖަމާގައި މަޢުލޫމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވާށެވެ.

މަސްދަރު: އިސްލަމާމިކްސްޓޯރީސް، އެޑްމިން / ސުންނަތް.އޯގް

ތަރުޖަމާ: ޙަސަން ޣައްސާން

ކޮމެންޓް

ގުޅޭ ލިޔުންތައް