ހަލޫގާގެ ދަރުބާރު – ރަސޫލުﷲގެފާނަށް މަލާމަތް ކުޅަ މީހާގެ ނިމުން!

އެޑްމިން

ޙިޖުރައިން ހަސަތޭކަ ހަތްދިހައިގެ އަހަރުގެ ދުވަސްވަރަކީ އިސްލާމީ މުޅި އުންމަތުގެ ނިމުން ކުރިމަތިވި ފަދަ ބިރުވެރިކަން ބޮޑު ދުވަސްވަރެކެވެ. މޮންގޯލުންގެ ލާއިންސާނިއްޔަތުގެ ދަށުގައި ކުށެއްނެތް އެތައް މުސްލިމުންނެއް ޝަހީދުކުރެވެމުން ދަނީއެވެ. އިސްލާމީ ޚިލާފަތު ރޫޅި، ޤަބީލީ ވެރިކަމުގެ ނިޒާމުގެ މި ދުވަސްވަރު މުޅި އިސްލާމީ އުންމަތަށް ޖެހުނު މި އިމްތިޙާނުގައި ވަނީ ހައްތަހާވެސްވަނީ ކަރުންނުން ލޯތައް ފާއްދާލާނެ ހިތި ހަނދާތަކެވެ. އަނެއްކޮޅުން އެކަންތައްތަކުގެ މައްޗަށް ބުއްދި އިސްކޮށް ދުރުތިބީންގެ ނަޒަރުން ވިސްނުން ހިންގައިފިނަމަ، އެކަމުގައި ފޮރުވިގެންވީ ޙިކުމަތްތަކާއި އެންމެހާ ހެޔޮތައް ދެނެގަތުންވަނީ ދުރެއްގައެއްނޫނެވެ.

ކޮންމެއަކަސް މޮންގޯލުން ބައްރުތައް ސާފުކުރަމުން، ކަރައަކަށްފަހު ކަރައެއް އެބައިމީހުންގެ ވަކިތަކުގެ ދަށުގައި ލަމުން، އެތަންތަން އަންދާ އަޅިއަށް ހަދަމުންދިޔައިރު އިސްލާމީ އުންމަތް އޮތީ ނިދާފައެވެ. މިގޮތުގައި ބަޣުދާދުގައި ޤާއިމްވެގެން އޮތް ޢައްބާސީ ޚިލާފަތް ދުޝްމަނުންގެ އަނިޔާގެ ދަށުގައި ޝިކާރަވެވެމުން ދިޔައިރު ދިމިޝްޤުގައި އޮތް އައްޔޫބީ ދައުލަތަށް އަންނާން އޮތް ރާޅުގެ ބިޔަކަން އެބައިމީހުންނަށް އިޙުސާސްވެސް ނުކުރެވޭފަދައެވެ. ދިމިޝްޤުގެ ކިއްލާތައް މޮންގޯލުންގެ އަތްދަށުލާކަށް މާގިނަ ދުވަސްތަކެއް ނުނެގިއެވެ. ބަޣުދާދާއި ދިމިޝްޤުގެ ބިމުން އިވެމުންދިޔައީ ބޭއިންސާފާއި އަނިޔާގެ ގިސްލުމުގެ އަޑެވެ. އެތައް ލައްކަ މުސްލިމުންނެއް ޝަހީދުކުރެވެމުން ދިޔައިރު، މިސްރުގައި ޤާއިމްވެގެން އޮތް މަމްލޫކުންގެ ޚިލާފަތުގެ ދަރުބާރުގައިވަނީ ހިމޭންކަމާއި ގޮތް ހުސްވެފައިވާކަމުގެ ޢަލާމާތްތަކެވެ.

އިސްލާމީ އުސް ކުރިބޯށިތައް ކަމުގައި ބެލެވުނު ބަޣުދާދާއި ދިމިޝްޤާއި ފާރިސީ ރައްތަކުގެ މައްޗަށް އަތްގަދަ ކުރަމުން ގެންދިޔައީ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާފައިވާ މޮންގޯލުންގެ ޖެނެރަލް ހަލޫޤާއެވެ. އޭނާ މިރަށްތަކާއި މިރަށްރަތުގައިވާ މުއްސަނދިކަން ހައްދެއްނެތް މިންވަރަށް ބޭނުން ކުރަމުން، އިސްލާމީ ޝިޢާރުތައް ބަލިކަށިކުރަމުން، މުސްލިމުން ނިކަމެތި ކުރަމުން ދަނީއެވެ. އިސްލާމީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަތް މާތް މާތް އެތައް ޢަލިމުންނެއް ޝަހީދުކުރައްވަމުން ގެންދަވަނީއެވެ. މިގޮތުގައި ހަލޫޤާގެ މުޅި ލަޝްކަރުގެ ބަޣުދާދުގެ ރަސްކަމުގެ ކޮއިލުގެ ތެރޭގައި ރަނގަޅަށް ވަކި ހިއްޕާލައި، މޮންގޯލުންގެ ވެރިކަން އެތަނުގައި ހަރުލައްވައިފިއެވެ. މޮންގޯލުންނާއި އެއް ސަފުގައި އިސްލާމީ ޚިލާފަތުގެ މައްޗަށް މި މުޞީބާތް ގެނެސްގަތުގެ އެންމެ އިސް ދައުރެއް އަދާކުރި ވަޙުޝީ މީސްތަކުންގެ ތެރޭގައި އަރުމީނިޔާގެ ޞަލީބި ރަސްކަމުގެ ޚާންދާންނުން އައިސްހުރި ހައިތޫމްއާއި، އަންތާކިޔާގައި ރަސްކަން ކުރަމުން ގެންދިޔަ ޞަލީބި ރަސްގެފާނު ބޮހެމަންޑު ހަވަނަ ހިމެނެއެވެ. ހަލޫޤާގެ ލާއިންސާނީ އަނިޔާތަކުގައި މުޅި ބަޣުދާދު ތަޅާ ސުންނާފަތި ކުރެވެމުން ދިޔައިރު، އެބައިމީހުންގެ ޖާހިލުކަން ހުރި މިންވަރުގެ މައްޗަށް ޞަލީބީން ތިބީ ފާރަވެރިވެގެންނެވެ. އެބައިމީހުންގެ ހިތްތަކުގައި މުސްލިމުންގެ މައްޗަށްވާ ހަސަދައާއި ފުރައްސާރަފެނި، ޞަލީބީން ދިޔައީ އެންމެ ފުރިހަމައަށް ދަނޑިވަޅުގެ ބޭނުން ހިފަމުންނެވެ. ޔޫރަޕުގައިވާ ޞަލީބިއްޔަ ދީނުގެ ފާދިރީންތައް ބަޣުދާދާއި ދިމިޝްޤުގެ މަގުތައް ފުރާލައިފިއެވެ. މުސްލިމުތަކުން އެބައިމީހުންގެ ދީނުން ބޭރުކޮށް، ޞަލީބަށް އަޅުކަންކުރުމަށް އެބައިމީހުންނަށް ބާރުއަޅާ، މަޖުބޫރުކުރަމުން ދަނީއެވެ. މިއީ އެތައް ޒަމާނަކަށް އެބައިމީހުން ދުށް ހުވަފެނެކެވެ. ހަލޫޤާއަކީ ޞަލީބީއެއް ނޫން ނަމަވެސް، އޭނާގެ އަނބިމީހާއަކީ ނަޞާރާއެއްކަމުން، މިކަމުގައި ނަޞާރާއިން ޙަރަކާތްތެރިވަމުން ދަނީ ފާޅުގައެވެ. ޙައްޤެއް ޙަލާލެއް ބަލައިގެނެއް ނޫނެވެ. އާދެ، ހަލޫޤާގެ ނުރަސްމީ ރުހުމުގައެވެ.

މި ދުވަސްވަރުގެ ތެރެއިން ދުވަހެވެ. ހަލޫޤާ އޭނާގެ ދަރުބާރުގެ ބޮޑުންނާއިގެން މަޖިލިސްކުރަނީއެވެ. މޮންގޯލުންގެ އާދަކާދައިގެ ގޮތުގެ މަތީންނެވެ. ޢަރަބިކަރައިގެ އެތަން މިތަނުން ހަލޫޤާގެ ދަރުބާރަށް ޙާޟިރުވެ ތިބި ނަޞާރާ ދީނުގެ ފާދިރީންނަށް މެޙްމާންދާރީ އަދާކުރުމުގެ ގޮތުންނެވެ. މި މަޖިލީހުގައި އެދުވަސްވަރަށް ނަޞާރާ ދީނުގައި ތިބި ބޮޑަތިވެގެންވާ ފާދިރީންތައް ހިމެނިގެންވެއެވެ. މިބައިމީހުންގެ މި ދަރުބާރު ޚާއްސަކުރެވިގެންވަނީ މޮންގޯލުންގެ ޝާހީ ޚާންދާނުގެ ޢިއްޒަތްތެރިއަކު ނަޞާރާދީން ޤަބޫލުކުރުމާއެކު އޭނާއަށް މަރުޙަބާކިޔާ، މޮންގޯލުންގެ ތެރެއިން އޭނާގެ ހިމާޔަތް ހޯދައިގަތުމުމަށެވެ. މޮންގޯލުންގެ ޝާހީ ޚާންދާނުގެ މި މީހާއަކީ އޭނާގެ ހަށިފާރަވެރިކަމުގައި ފޭރާދަތްތައް ބޭރަށް ނިކުމެފައިވާ ތޫނު ވަކިތަކެއް ހުންނަ ވަލު ކުއްތާއެއް ގެންގުޅޭ މީހެކެވެ. އެ ސޮރުވަނީ އަބަދުވެސް އޭނާގެ ކިޔަމަނުގެ ދަށުގައެވެ. މި ދަރުބާރުގައި އެ ކުއްތާގެ ކަރުގައި އައްސާފައިވާ ވާގަނޑު މުހާލުމަށްފަހު، އެސޮރުގެ ވަޒީފާ އާދެ، ފާރަވެރިޔަކު ކަމުގައި އޭނާގެ ގާތުގައި ބާއްވައިފިއެވެ.

މިއީ ނަޞާރާއިންގެ ފާދިރީންކުރެ ފާދިރީއަކު އިތުރު ރަސޫލުﷲގެފާނަށް ހުތުރު ބަސްތައް ރައްދުކޮށް، އެކަލޭގެފާނުގެ ޙައިބަތަށް އުނިކަން އަންނާނޭ ފަދަ ބަސްތަކުން އެކަލޭގެފާނަށް ނިސްބަތްކޮށް މުޚާތަބުކުރެވެމުން ދިޔަ ވަގުތެކެވެ. އޭނާގެ އަތް އެކި ދިމަދިމައަށް އުކަމުން، ރުޅިވެރިކަމާއެކު އެކަލޭގެފާނަށް ހުތުރު އެއްޗެހި ގޮވަނީއެވެ. މިއީ މޮންގޯލުންގެ ޢިއްޒަތްތެރިޔާގެ ފާރަވެރިކަމުގައި އޮތް ކުއްތާ މަޑުމަޑުން ކޮޅަށް ތެދުވާން ފެށި ވަގުތެވެ. އެ ސޮރުގެ ދަތްތައް ކާރުވާ، ވައްވައް ޖައްސަން ފެއްޓިވަގުތެވެ. އެ ސޮރުގެ ލޯ އަމާޒުވެފައިހުރީ އެ ފާދިރީ ކަލޭގެއަށެވެ. ބަނޑުހައިވެފައިވާ ސިންގާއެއް އޭގެ ޝިކާރައަށް ކަޅި އަޅަމުންދާ މިސާލުގައެވެ. އޭނާ އެ ސޮރުގެ މި ޙަރަކާތްތަކަށް ފަރުވާލެއްނެތި، އިތުރު ރަސޫލުﷲގެފާނަށް އިހާނަތްތެރި ބަސްތައް ރައްދުކުރުމުގައި ހައްދުފަހަނައަޅާދަނީއެވެ. ގިނަ އިރުތަކެއް ނުވެއެވެ. އެ ކުއްތާ އެ ފާދިރީއާ ދިމާލަށް ގޮސް އޭނާގެ ގައިގާ ހިފައިގެންފިއެވެ. އޭނާގެ ހަށިގަނޑުގެ އެތަން މިތަނުގައި އެ ސޮރުގެ ތޫނު ފޭރާ ދަތްތަކުން ދަތް އަޅާ، އޭނާގެ އެތަން މިތަން ޒަޚަމްކޮށްލައިފިއެވެ. އެތަންވަޅު އެ ދަރުބާރުގެ ފާރަވެރިންގެ ތެރެއިން ބަޔަކު، ނުހަނު އުނދަގުލުން އެ ކުއްތާގެ ކިބައިން އޭނާ ސަލާމަތްކޮށްފިއެވެ. އަދި އެ ސޮރު އޭގެ ވާގަނޑުގައި އައްސައިފިއެވެ. އޭނާއަށް ލިބިފައިވާ ޒަޚަމްތަކާއި މި ހިނގާ ދިޔަ ކަންތައްތައް ފެނުމާއެކު އެ ދަރުބާރުގައި ތިބި ނަޞާރާ ފާދިރީންގެ ތެރެއިން ބަޔަކު އޭނާއަށް ނިސްބަޔްކޮށް ބުންޏެވެ. 'ތިޔައީ ކަލޭ އަމިއްލައަށް ހޯދައިގަތް ކަމެކެވެ. ތިޔައީ ކަލޭ މުޙައްމަދުގެފާނަށް ހުތުރު ބަސްތައް ގޮވުމުގެ ނަތީޖާއެވެ. ދެންވެސް ތިޔަ ކަންތައް ހުއްޓާލުމަށްފަހު، ސަމާލުވެގެން އިންނާށެވެ.'

އެބައިމީހުންގެ މި ބަހަށް ބެލުމެއްނެތި އޭނާ ބުންޏެވެ. 'ނޫނެކެވެ. ތިޔައީ ތިޔަގޮތަށް ހިނގާދިޔަ ކަމެއް ނޫނެވެ. އަހުރެންގެ ވާހަކައިގެ ތެރޭގައި އެކިއެކި ދިމާއަށް އަތް އުކާ އިޝާރާތްކޮށް ހެދުމުގައި އެ ކުއްތާއާއިވީ ދިމާލަށް އަތް އުކުމުން، އެ ސޮރަށް ނުބައިކޮށް ވިސްނުނީއެވެ.' އޭނާ މިހެން ބުނުމަށްފަހު، އިތުރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތް ހުތުރު ބަސްތަކުން މުޚާތަބުކުރަން ފަށައިފިއެވެ. އެ ކުއްތާގެ ފަރާތުން ފެނުނު ރުޅިވެރިކަމުގެ ފަހަތުގައިވަނީ ކޮން ކަމެއްތޯއާމެދު އޭނާ ކުޑަކޮށްވެސް ބުއްދިއެއްނުކުރެއެވެ. އޭނާގެ ނުބައި ވާހަކަތަކާއިގެން މުޅި މަޖިލީހަށް އޭނާގެ ނުބައިކަމުގެ ބިރު ހީވާންފަށައިފިއެވެ. އެއީ އެ ކުއްތާގެ ވައްވައް ޖެހުން އިހުނަށްވުރެ ބާރުވެ، އެ ސޮރުގެ ވާގަނޑު ދެންމެ ދެންމެ ކަނޑާލަފާނެކަމުގައި އެބައިމީހުންގެ ހިތްތަކަށް ވަޒަންކުރެވެން ފެށުމުންނެވެ. އެދެމެދުގައި ވޭތުވީ ބަސްބުނާހާ ކުޑަ ހިނދުކޮޅެކެވެ. އައްސާފައިވާ ކުއްތާ، އެ ސޮރުގެ ވާގަނޑު ކަނޑާލުމަށްފަހު، ވައިރޯޅިއެއްހާ ހަލުވި މިނުގައި އައިސް އެ ފާދިރީކަލޭގެ ކަރަށް އެ ސޮރުގެ ތޫނު ފޭރާ ދަތްތައް އަމުނާލައިފިއެވެ. އެއާއެކު އޭނާގެ ލަގޮނޑި ކަރާއި ވަކިކޮށް އެއްލާލައިފިއެވެ. އެ ނުބައި ފާދިރީ ކަލޭގެ، ހަށިގަނޑާއި އޭނާގެ ފުރާނަ ދެތަންކުރުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވީ އެކަލާނގެ މަޚްލޫޤުންކުރެ އެ ކުއްތާއެވެ. މިކަންވީ އެމަޖިލީހުގައި ބާކީތިބި މީސްތަކުންގެ ހިތްތައް ބިރުންގޮސް ވިރިގެންދިޔަ ފަދަ ކަމަކަށެވެ. އެބައިމީހުންނަށް ހުރި ޢިބުރަތަކަށެވެ.

ނޯޓު: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ހުތުރުބަސް ބުނާ މީސްތަކުން، އެބައިމީހުންގެ އަމިއްލަ ނަފްސުތައް ނޫނީ މުޞީބާތުގެ ތެރެއަށް އެއްލައެއްނުލައެވެ. އިސްލާމީ ތާރީޚުގައި މިފަދަ އެތައް ހާދިޘާއެއް ހިނގާފައިވާތީ އަޅުގަނޑުމެންނާ ހިސާބަށް ފޯރާފައިވެއެވެ. ސުބުޙާނަﷲއެވެ. މިހާލަތުގައި ރަސޫލުﷲގެފާނުގެ ޢިއްޒަތާއި ޝަރަފު ނެގެހެއްޓުމަށް ﷲ ތަޢާލާ މިންވަރު ކުރެއްވީ އެ ވަލު ކުއްތާއެވެ. އެ މަޚްލޫޤުގެ ހިތުގައި އެކަލާނގެ ރަސޫލާއަށް ދެއްވިގެންވާ ލޯތްބެއްގެ ތެދުވެރިކަމާއެވެ.

މި ތަރުޖަމާގައި މަޢުލޫމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވާށެވެ.

މަސްދަރު: އިސްލަމާމިކްސްޓޯރީސް، އެޑްމިން

ތަރުޖަމާ: ޙަސަން ޣައްސާން

ކޮމެންޓް

ގުޅޭ ލިޔުންތައް