އަޅު މަސައްކަތުމީހާ – އަހުރެން ރޭނގަޑު ހައިހޫނުކަމަށް ކެތް ކޮށްފާނަމެވެ.

އެޑްމިން

އިތުރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ޢަބްދުﷲ އިބުނު ޖައުފަރު ރަޟިޔަﷲ ޢަންހު މީސްތަކުންގެ މެދުގައި މަޝްހޫރުވެގެންވަނީ ދީލަތި ޞާޙިބެއްގެ ގޮތުގައެވެ. ތާރީޚުގެ ޢިލްމުވެރިން އެކަލޭގެފާނުގެ ދީލަތިކަން ސިފަކުރައްވަނީ ކަނޑެއް ފަދައިންނެވެ. އެ ކަނޑުން ރޯދިވުން މީސްތަކުންނަށް ހުޅުވާލެވިގެންވެއެވެ. ޙަބާޝާއަށް ޙިޖުރައަށް ވަޑައިގެންނެވި ފަހުން، އެންމެ ފުރަތަމައަށް އެ މާތް ބިމުގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މުސްލިމަކީ ޢަބްދުﷲ އިބުނު ޖައުފަރުގެފާނެވެ. އާދެ އެކަލޭގެފާނުގެ ބައްޕާފުޅަކީ ޙަބަޝާގެ މާތް ބިމަށް، އިސްލާމްދީނުގެ ޙިދާޔަތު ފެތުރުއްވެވި މާތް ޖައުފަރުއް ތައްޔާރު، ޖައުފަރު ބިން އަބީ ޠާލިބެވެ.

ޖައުފަރު ރަޟިޔަﷲ ޢަންހުގެ އެންމެ އިހުގެ ދުވަސްވަރުއްސުރެ އެކަލޭގެފާނު ހިމެނިވަޑައިގެންނެވީ އިސްލާމްދީނާށާއި މުސްލިމުތަކުންގެ ޙައްޤުގައި ގިނަގުނަ ހޭދަތައް ކުރެއްވެވި ބޭކަލަކު ކަމުގައެވެ. އެކަލޭގެފާނުގެ ދީލަތިކަން މީސްތަކުންނަށް ބަޔާންކޮށްދެއްވުމުގެ ގޮތުން، އަޅުގަނޑުމެންނާއި ހިސާބަށް އައިސްފައިވާ ވާހަކައެއްވެއެވެ. އެކަލޭގެފާނު ޙިޖުރައަށް ވަޑައިގެންނެވިފަހުން ފާއިތުވެ ދިޔަ ދުވަސްވަރުގެ ތެރެއިން ދުވަހެކެވެ. އެ ރަށުގެ ސަރަހައްދެއްގައިވާ ނުހަނު ހިތް ފަސޭހަ ކަދުރު ރުކުގެ ބަގީޗާއެއްގެ ކައިރިން އެކަލޭގެފާނު ވަޑައިގަންނަވަނީއެވެ. މި ބަގީޗާގެ ހިތްފަސޭހަކަމާއި ތަނަވަސްކަމުން، އެކަލޭގެފާނު އެތަނަށް ބައްލަވަމުން ވަޑައިގެންނެވި މަގުމަތީގައި އެ ބަގީޗާގެ އަޅުންކުރެ މީހަކު އެކަލޭގެފާނުގެ ލޮލުގައި އަޅައިގަތެވެ. އޭނާގެ ޒުވާންކަމާއެކުވެސް، ފަރުވާތެރިކަމާއި ހުށިޔާރުކަމާއެކު އޭނާ އެ ބަގީޗާއިން ކަރުދު އެއްކުރަމުން، އެއްތަނަކަށް ޖަމާކުރަމުން ދިޔައީތީއެވެ. އެ ބަގީޗާގެ ވެރިންކުރެ މާތް ޞާޙިބަކު އެ ބަގީޗާގެ ތެރޭގައި ހިގަމުން އައިސް، އެ އަޅު މަސައްކަތު މީހާގެ އަތަށް ދެފޮތި ޕާން ދިއްކޮށްލައިފިއެވެ. އެއަށް ނުހަނު ބޭނުންވެފައިވާ ފަދައަކުން އެ އަޅު މަސައްކަތު މީހާ އޭނާގެ ޞާޙިބު މީހާގެ އަތުން އެ ދެފޮތި ޕާން ޤަބޫލުކުޅައެވެ.

އެ އަޅު މަސައްކަތު މީހާ، އޭނާ މަސައްކަތް ކުރަމުން ދިޔަ ސަރަހައްދުގައި އެ ޕާންފޮތިތަކާއިގެން އިށީނެވެ. އެއިން އޭނާގެ ހަށިގަނޑަށް އަރާމާއި ހިތްހަމަޖެހުން ލިބިގަތުމަށްޓަކައެވެ. އޭނާ އެތަނުގައި އިށީނުމަށްފަހު މާގިނައިރެއްނުވެ، ހައިވެފައިވާ ކުއްތާއެއް އެ ބަގީޗާގެ ތެރެއިން އެނާގެ ގާތަށް އަތުވެއްޖެއެވެ. އެ ސޮރުގެ ނަގޫ ތަޅުވަމުން ދިޔައިރު، އާދޭހުގެ ނަޒަރަކުން އެ ސޮރު ބަލަމުން ގެންދިޔައީ އެ ޕާންފޮއްޗާއި ދިމާއަށެވެ. އެ އަޅު މަސައްކަތު މީހާއަށް އެ ސޮރުގެ އާދޭސް އިވުނު ފަދައެވެ. އޭނާއަށް އެ މަންޒަރު ފެނުމާއެކު، އޭނާގެ އަތުގައިވާ ޕާންފޮތި އެ ސޮރާއި ދިމާއަށް އެއްލައިފިއެވެ. އެ ކުއްތާގެ ހައިހޫނުކަން އިންތިހާއަށް ގޮސްފައިވާ ކަމުން، އެ ސޮރު އަވަސް އަވަހަށް އެ ޕާންފޮތި ތުނބުލިއެވެ. އެތިއެކި ކޮޅުން ކަމުންގޮސް، ކުޑަ އިރުކޮޅެއްގެ ތެރޭގައި މުޅި ޕާންފޮތި ކައި ހުސްކޮށްލައިފިއެވެ. ނަމަވެސް އެ ކުއްތާގެ ހައިކަން ނުފިލާކަމުން، އެ ސޮރު އަނެއްކާވެސް ތެދުވެ، އެ އަޅު މަސައްކަތު މީހާ ކަމުން ދިޔަ ޕާންފޮއްޗާއި ދިމާލަށް ބަލަން އޮވެއްޖެއެވެ. އެ ޕާންފޮތިވެސް އެ ސޮރުގެ ކޮއްތަށް ލިބުން އެދޭ ފަދައަކުންނެވެ. އެ ސޮރުގެ ހާލަތު ފެނި، އެ އަޅު މަސައްކަތު މިހާ އެ ސޮރުގެ ކުރިމަތީގައި އެ ޕާންފޮތި ކެއުމަށް އުޛުރުވެރިވެއްޖެއެވެ. އެހެންކަމުން އޭނާ އެ ޕާންފޮތިވެސް އެ ސޮރުގެ ރިޒުޤުކަމުގައި ދޫކޮށްލައިފިއެވެ. އެ އަޅު މަސައްކަތު މީހާ އޭނާގެ ކާނާ، އެ ކުއްތާއަށް ދޫކޮށްލުމަށްފަހު، އޭނާގެ މަސައްކަތަށް އެނބުރި ރުޖޫޢަވެއްޖެއެވެ. ޝުކުރުވެރި ހިތަކައިގެންނެވެ. ޝަކުވާއެއް ކުރުމެއް، އެކަމުގެ މައްޗަށް ހިތާމަ ކުރުމެއް ނެތިއެވެ.

ޢަބްދުﷲ އިބުނު ޖައުފަރުގެފާނަށް މި މަންޒަރު ފެނިވަޑައިގެންނެވުމާއެކު އެކަލޭފާނުގެ ހިތްޕުޅަށް ނުހަނު ފުން އަސަރުތަކެއް ކުރުވައިފިއެވެ. އެފަދަ އަޅު މަސައްކަތު މީހެގެއް ފުށުން، މިފަދަ ބަޔާންކުރަން ދަތި އިޙުސާންތެރިކަމާއި ދީލަތިކަން ފެނުމާއެކު، އެކަލޭގެފާނު މި ކަންތައްތައް އޮޅުން ފިލުވަން ބޭނުންވެއްޖެއެވެ. އެހެންކަމުން، އެ އަޅު މަސައްކަތު މީހާގެ ގާތަށް އެކަލޭގެފާނު ވަޑައިގެންފިއެވެ. އެކަލޭގެފާނަށް އޭނާގެ ގާތަށް ދެވުމާއެކު، އޭނާއަށް ސަލާމް ރައްދުކުރުމަށްފަހު، އޭނާގެ ފުށުން އޮޅުންފިލުއްވަން ފައްޓަވައިފިއެވެ. 'އޭ ޒުވާނާއެވެ! ތިބާއަށް ދުވާލަކު ކިތައް އިރުގެ ކޮއްތު ލިބޭ ހެއްޔެވެ؟' އެ އަޅު މަސައްކަތު މީހާ އަދަބުވެރިކަމާއެކު އެކަލޭގެފާނަށް ޖަވާބުއެރުވިއެވެ. 'ކަލޭގެފާނަށް ތިޔަ ފެނިލެއްވި މިންވަރަށެވެ.' އޭނާގެ މި ޖަވާބާއެކު އެކަލޭގެފާނަށް ހައިރާންކަން ލިބިވަޑައިގެން، އިތުރަށް ސުވާލުފުޅުތައް ކުރައްވަން ފައްޓަވައިފިއެވެ. 'އޭ ޒުވާނާއެވެ! އެހެންކަމަށްވާނަމަ، ތިބާ އެ ދެފޮތި ޕާން އެ ކުއްތާއަށް ދިނީ ކީތްވެތޯއެވެ؟' ޖަވާބުގައި އެ އަޅު މަސައްކަތު މީހާ އެކަލޭގެފާނަށް ދެންނެވިއެވެ. 'ޞާޙިބާއެވެ! މިރަށުގައި މާގިނަ ކުއްތާތަކެއް ވަޒަންވެރިވެގެނެއް ނޫޅެއެވެ. އެހެންކަމުން، އެ ކުއްތާ މި ބަގީޗާއަށް ގެނުވީ ހައިހޫނުކަން ފިޔާވާ ދެން ކޮން ކަމެއްތޯއެވެ. ވުމާއެކު، އަހުރެންގެ ނަފްސުގެ މައްޗަށް އެ ސޮރުގެ ހައިހޫނުކަން އިސްކުޅައީއެވެ.' އަޅެއްގެ ފުށުން އިވުނު މި ޖަވާބުތަކާއެކު އެކަލޭގެފާނުގެ ދީލަތިފުޅުކަމުގެ ނުކުޅެދުންތެރިކަމާއި އުނި ސިފަތައް އެކަލޭގެފާނަށް ވަޒަން ކުރެއްވިއްޖެއެވެ. އެކަލޭގެފާނު އަނެއްކާވެސް އޭނާއާ ސުވާލުކުޅައެވެ. 'މިއަދު ތިބާ އިތުރަށް ކާނީ ކޮން އެއްޗެއްތޯއެވެ؟' އެ އަޅު މަސައްކަތު މީހާ ހިތްހަމަޖެހުމާއެކު އެކަލޭގެފާނުގެ ސުވާލުގެ ޖަވާބު އަރުވައިފިއެވެ. 'އަހުރެން ރޭގަނޑު ހައިހޫނުކަމުގައި ހޭދަކޮށްފާނަމެވެ.'

މި ހިނގާދިޔަ ކަންތަކުގެ މައްޗަށް ވިސްނާ ފިކުރު ހިންގަމުން އެކަލޭގަފާނުގެ ނަފްސަށް ވިދާޅުވެވުނެވެ. 'މީސްތަކު އަހުރެންގެ ދީލަތިކަމުގެ މައްޗަށް ފުދި ހިތަހަމަޖެހިގެންވެއެވެ. އެހެނަސް، މި އަޅު ކުއްޖާ ދީލަތިކަމުގެ މައިދާނުގައި އަހުރެން ފަހަނައަޅާ ހިނގައްޖެއެވެ.' އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ތަމްސީލްވެވިގެން މިދިޔަ ހާދިޘާގެ މޯހިރުގައި އެކަލޭގެފާނުގެ ހިތްޕުޅުގައި އެ ޒުވާނާއަށް ޚާއްސަ މަޤާމެއް ދެއްވިއްޖެއެވެ. އެހެންކަމުން، އެކަލޭގެފާނު އެވަޑައިގަންނަވަނީ އެ އަޅު މަސައްކަތު މީހާގެ ޞާހިބު މީހާގެ އަރިހަށެވެ. އޭނާ މިނިވަންކުރެއްވުމުގެ ގަދަ އަޒުމްފުޅުގައެވެ. އެކަލޭގެފާނުގެ މި ހުށައެޅުއްވުން އޭނާގެ ޞާޙިބުމީހާއަށް ހުށައެޅުއްވުމާއެކު ނުހަނު ކަމޭހިއްތެވުމާއެކު އެކަލޭގެފާނަށް އެ ޞާޙިބުމީހާ ޖަވާބުދެއްވަން ފައްޓަވައިފިއެވެ. 'ކަލޭގެފާނު އެ އަޅު ކުއްޖާ ބައްލަވައިގަތުމުގެ ގަސްތަކީ ކޮބައިތޯއެވެ؟' އެ ހިނދު، އެކަލޭފާނުގެ ޙާޟިރުގައި ހިނގައިދިޔަ އެންމެހާ ކަންކަން ނުހަނު ތަފްސީލުކޮށް އެކަލޭގެފާނު އެ އަޅު މަސައްކަތު މީހާގެ ޞާޙިބު މީހާއަށް ވިދާޅެވެދެއްވިއެވެ. މި ވާހަކަފުޅުތަކަށްފަހު އެ ޞާޙިބު މީހާއަށް އިޝާރާތްކޮށް އެކަލޭގެފާނު ވިދާޅުވިއެވެ. 'ﷲ ގަންދީ ބުނަމެވެ. އަހުރެންގެ ގަސްތަކީ ކަލޭގެފާނުގެ އަތްޕުޅުން އޭނާ ގަތުމަށްފަހު، އޭނާ މިނިވަންކޮށް ދޫކޮށްލުމެވެ. އަދި ކަލޭގެފާނުގެ އަތްޕުޅުން މި ހިތްގައިމު ބަގީޗާ ގަނެ، ހަދިޔާއެއްގެ ގޮތުގައި އޭނާއަށް މިލްކުކޮށްދިނުމެވެ.'

ހިނިތުންވުމާއެކު އެ އަޅު މަސައްކަތު މީހާގެ ޞާޙިބާމީހާ އެކަލޭގެފާނުގެ ހުށައެޅުއްވުމުގެ ޖަވާބު ދެއްވަން ފައްޓަވައިފިއެވެ. 'އޭ ޢަބްދުﷲއެވެ! ކަލޭގެފާނު އޭނާ މިނިވަން ކުޅައުމަށް ތިޔަ އުޅުއްވަނީ އޭނާގެ ފުށުން ފެނުނު އިޙްސާންތެރިކަމާއި ދީލާތިކަމުގެ އެންމެ ޢަމަލަކަށްތޯއެވެ. ﷲގެ ޙައްޤުގައި ބުނަމެވެ. ކޮންމެ ދުވަހަކީވެސް އަހުރެންނަށް އޭނާގެ ފުށުން ތިޔަފަދަ އަޖާއިބުތައް ދުށުމުގެ ތައުފީޤު ﷲ ތަޢާލާ މިންވަރުކުރައްވާ ދުވަހެކެވެ. އޭ އަޚާއެވެ! ހެކިވާށެވެ! މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ހެކިކޮށް ބުނާ ބުނުމެވެ. އަގަކާ ނުލާ އަހުރެން އޭނާ މިނިވަންކޮށްފީމެވެ. އަދި އަހުރެންގެ ފުށުންވާ ހަދިޔާއެއްކަމުގައި އޭނާއަށް މި ބަގީޗާ މިލްކުކޮށްދީފީމެވެ.'

ސުބުޙާނަﷲއެވެ! ކުއްތާއެއްގެ މައްޗަށް އޯގާތެރިވެ ދީލަތިވުމުގައި ﷲ ތަޢާލާގެ ރަޙްމަތްފުޅު ނިކަންދެކިބަލާށެވެ.

ނޯޓު: މި ހާދިޘާގެ ކުއްނުގައި އަދުގެ މުސްލިމުތަކުން އެކަމުގެ މައްޗަށް ގިނަ ގުނަ ފިލާވަޅުތައް ހޯދައިގަތުން ހުރި ކަންކަން ވެއެވެ. މިއީ އިތުރު ރަސޫލުﷲގެފާނުގެ ފަރާތްޕުޅުން ދަރިވަރުވެލެއްވި އެކަލޭގެފާނުގެ ޞަޙާބީންގެ ފުށުން އައިސްފައިވާ ދީލަތިވުމުގެ މާތް މިސާލުތަކެވެ. އެކަމުގައި އެއްބޭކަލަކު އަނެއް ބޭކަލަކަށްވުރެ ކުރިއަރާދާން މަސައްކަތްކުރާ މިންވަރެވެ. އަދި ދީލަތިވުމުގެ މައްޗަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތްފުޅު ތަނަވަސްވެގެންވާ މިންވަރެވެ. މިއީ އަޅުގަނޑުމެންގެ ނަފްސުތަކުގައި އެ ސިފައެއް ހަރުލެއްވުން މޮޅު އިތުރުވެގެންވާ، މާތް ސިފައެކެވެ. އާޚިރަތަށްޓަކައެވެ.

މި ތަރުޖަމާގައި މަޢުލޫމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވާށެވެ.

މަސްދަރު: އިސްލަމާމިކްސްޓޯރީސް، އެޑްމިން

ތަރުޖަމާ: ޙަސަން ޣައްސާން

ކޮމެންޓް

ގުޅޭ ލިޔުންތައް