ރޫމުގެ ރަސްގެފާނާއި އިމާމް ޝާބިޢީގެފާނު – އޭނާގެ ހިތުގައިވަނީ ހަސަދައެވެ.
އެޑްމިން
އުމަވީ ޚިލާފަތުގެ ދުވަސްވަރުގެ ފަހުކޮޅަށް އައިސް ޚިލާފަތުގެ އެތެރޭގެ ކޯޅުންތައް ބޮޑުވެފައިވެއެވެ. ޙިޖާޒުގައި ޤާއިމްވެ ތިބި ޤުރައިޝުންގެ މީސްތަކުންވަނީ އަލް-ޙައްޖާޖުގެ އަނިޔާތަކަށް ދެކޮޅުވެރިވެގެންނެވެ. ބަޣުދާދުގައި ވަކި ދައުލަތެއް އުފެދި، އުމަވީ ޚިލާފަތުގެ ދަރުބާރު ގޮތްހުސްވެފައިވެއެވެ. ކޮންމެއަކަސް މި ކަންތައްތަކުގައި މެދުން އިސްލާމީ ފުތޫޙާތު ފަތުއަޑުކިޔާފައި ކުރިއަށް ދަނީއެވެ.
އުމަވީ އަމީރުންކުރެ، ޢަބްދުލް މަލިކު އިބުނު މަރުވާން ޚިލާފަތުގެ ތަޚްތަށް އިސްވެވަޑައިގެން ދުވަސްވަރެވެ. ދުނިޔޭގެ ބޮޑަތި ރަސްރަސްކަލުންނާއި އުމަވީ ދައުލަތާއި މެދުގައި ސަފީރުން ބަދަލުކުރެވެމުން ދަނީއެވެ. އެފްރިކާގެ ރަސްރަސްކަލުންނާއި ރޫމުގެ ވެރިކަމުގެ ދަރުބާރަށް މިފަދައިން ފޮނުވުއްވުނު ސަފީރުންގެ ތެރޭގައި އަލް އިމާމް ޝާބިޢީގެފާނު ހިމެނިވަޑައިގަންނަވައެވެ. އާމިރު އިބުނު ޝަރާހީލް ނުވަތަ އިބުނު ޢަބްދުﷲ ބިން ޝަރާހީލް ބިން ޢަބްދުއްޝާބިޢީގެ ނަންފުޅުން އެބޭކަލަކަށް ނިސްބަތްކުރެވޭ މި ކަލޭގެފާނަކީ އެދުވަސްވަރަށް މުޅި އިސްލާމީ އުންމަތް ދުށް އެންމެ މާތް ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭކަލެކެވެ. ހަދީޘު ޢިލްމުގައި އަރާ ހުންނެވި ޝާބީގެފާނަކީ މާތް މާތް އެތައް ޞަހާބިއްޔަ ބޭކަލުންނެއްގެ އަރިއަހުން ޢިލްމު އުނގެނިވަޑައިގެން ހުންނެވި ބޭކަލެކެވެ. އަލް އިމާމުއް ޝާބިޢީގެފާނަކީ ޖެހިލުން ކުޑަކަމާއި ޙައްޤުގެ ބަސް ޤާއިމްކުރެއްވުމުގައި އަރާ ހުންނެވި ބޭކަލަކުކަން އެކަލޭގެފާނުގެ ޚިދުމަތްތަކުން ދަލީލުދެއެވެ.
އުމަވީ ޚިލާފަތުގެ ފަހު ދުވަސްވަރެވެ. ޚަލީފާ ޢަބްދުލް މަލިކު އިބުނު މަރުވާނުގެ ފަރާތްޕުޅުން ޚަބަރާއިގެން ފޮނުއްވުނު ބޭކަލެއްގެ ގޮތުގައި އިމާމް އައް ޝާބިޢީގެފާނު ރޫމުގެ ރަސްގެފާނުގެ ދަރުބާރަށް ފޮނުއްވިއްޖެއެވެ. ރޫމުގެ ޤުސްތަންތީނިއްޔާގައި ޤާއިމްވެގެންވާ ރޫމުގެ ރަސްކަމުގެ ޙައިބަތު ބޮޑު ދަރުބާރަށް އެކަލޭގެފާނު ޙާޟިރުކުރެވުނު ހިނދު، އެކަލޭގެފާނަށް ބަސް ދެންނެވިއްޖެއެވެ. އެ ދަރުބާރުގައި އެކަލޭގެފާނަކީ އިސްލާމީ ޚިލާފަތުގެ ދަރުބާރުން ފޮނުއްވިގެންވާ ސަފީރެއްކަމުގައި ދެންނެވުނެވެ. ރޫމުގެ ރަސްގެފާނުގެ ފަރާތްޕުޅުން އިމާމް ޝާބިޢީގެފާނުގެ ފަރާތްޕުޅުގައިވާ އަމީރުލް މުއުމިނީން، ޢަބްދުލް މަލިބު އިބުނު މަރުވާގެ ޚާއްސަ ފަތްކޮޅު އައްސަވައިފިއެވެ. އެއީ ވެރިން ގިނަ ދަރުބާރެކެވެ. ޢިއްޒަތްތެރިން ގިނަ ދަރުބާރެކެވެ. ވުމާއެކު ޢަބްދުލް މަލިކު އިބުނު މަރުވާނުގެ އިސްލާމީ ގޮވާލެއްވުމާއި އެންގެވުންތަކުގެ މައްޗަށް ރޫމުގެ ރަސްގެފާނުގެ ސުވާލުތައް އިމާމް އައް ޝާބިޢީގެފާނަށް އަމާޒުކުރައްވަން ފައްޓަވައިފިއެވެ.
ރޫމުގެ ރަސްކަމުގެ ދާނުން އެކަލޭގެފާނަށް ހުށައެޅެމުންދާ ސުވާލުތަކަށް އެކަށޭނެ ސާފު ޖަވާބުތައް، އެކަލޭގެފާނުގެ ފަރާތްޕުޅުގައިވާ ޢިލްމުގެ ޙަޒާނާތަކުން ދެއްވަމުން ގެންދަވަނީއެވެ. ދީނީ އަދި އިޖުތިމާޢީ ޙުކޫމަތުކަމާއި މެދުގައެވެ. އިސްލާމީ އުންމަތުގެ މެދުގައި އެކަލޭގެފާނަށް ލިބިވަޑައިގެންވީ މަތިވެރި މަޤާމާއިމެދު ކުޑަކޮންވެސް އެ ދަރުބާރުގެ މީސްތަކުންނަށް އެނގިނެއްނުވެއެވެ. އެހެންކަމުން އެކަލޭގެފާނުގެ ޢިލްމީ ޖަވާބުތައް ވެގެންދިޔައީ އެދަރުބާރުގެ ދޫތައް ބަންދުކޮށް، އެ ދަރުބާރުގެ ޢިއްޒަތްތެރިކަމަށް ފަނޑުކަން ގެނައިކަމެއްކަމުގައެވެ.
ރަސްރަސްކަލުންގެ ދަރުބާރަށް ފޮނުއްވާ ސަފީރުންނާއި މެދުގައި އޯގާތެރިކަމާއި ކަމޭހިތުމުގެ އާދައިން ޢަމަލުކުރުމަކީ އޭރުވެސް އިންސާނީ ނަސްލުގައި އަށަގެންފައިވާ މަތިވެރި ސިފައެކެވެ. އެހެނަސް އިމާމް ޝާބިޢީގެފާނުގެ ނުދެތުމުގައި އެކަލޭގެފާނު ޤައިދުކުރެއްވިއްޖެއެވެ. ޢިއްޒަތާއި އަރާމުގައި ރޫމުގެ ރަސްކަމުގެ މެޙުމާނުސަރާގައި އެކަލޭގެފާނު ބެހެއްޓިފައިހުރީއެވެ. ވުމާއެކު މިއީ ޤައިދެއްކަމެއް އެކަލޭގެފާނަށް އެނގިވަޑައެއްނުގަތެވެ. މިގޮތުގައި ދުވަސްތައް ފާއިތުވާމުން ގޮސް، އެކަލޭގެފާނު އެނބުރި ޢަރަބިކަރައަށް ވަޑައިގަތުމުގެ ޙުއްދައަށް އެދި ރަސްކަމުގެ ދަރުބާރުގައި ދަންނަވައިފިއެވެ. މިގޮތުގައިވެސް އެކަލޭގެފާނު އެނބުރި ޢަރަބިކަރައަށް ވަޑައިގަތަނުދީ ދުވަސްތަކެއްވަންދެން ޤައިދުކުރެއްވިއެވެ. އެހެނަސް އެކަލޭގެފާނުގެ ހުށައެޅުއްވުން ތަކުރާރު ކުރައްވަން ފެއްޓެވުމާއެކު، ރޫމުގެ ރަސްކަމުގެ ދަރުބާރަށް އެކަލޭގެފާނު ޙާޟިރުކުރެވިއްޖެއެވެ. ރޫމުގެ ރަސްގެފާނު އެކަލޭގެފާނާއި ސުވާލު ކުރައްވަން ފައްޓަވައިފިއެވެ. 'ތިބާއީ ރަސްކަމުގެ ދަރުބާރުގައި ވާ މީހަކީމު ހެއްޔެވެ؟ ނުވަތަ ތިބާއީ ރަސްކަމުގެ ޚާންދާނުގެ ވާރިޘަކީމު ހެއްޔެވެ؟' ރޫމުގެ ރަސްގެފާނު ކުޅަ މި ސުވާލަށް އެކަލޭގެފާނު ޖަވާބު އަދާކުރެއްވީ އަދަބުވެރިކަމާއެކުގައެވެ. 'އޭ ރޫމުގެ ރަސްގެފާނެވެ! އަހުރެންނަކީ މުސްލިމުންގެ އެންމެ އާދައިގެ މީހަކީމެވެ. އަހުރެންނީ ރަސްކަމުގެ ދަރުބާރުގެ ނުވަތަ ރަސްކަމުގެ ޚާންދާނުގެ މީހަކީމެއް ނޫނެވެ.' އެކަލޭގެފާނުގެ މިޖަވާބާއެކު ރޫމުގެ ރަސްގެފާނު އޭނާގެ ފާރަވެރިންކުރެ މީހެއްގެ ކަންފަތްދޮށުގައި ސިއްރުން އެއްޗެކޭ ވިދާޅުވެއްޖެއެވެ. އިސާހިތަކު އޭނާ އެ ދަރުބާރު ދޫކޮށްގޮސް، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެނބުރި އަތުވެއްޖެއެވެ. އެ ފާރަވެރިޔާ އައިސް އިމާމް ޝާބިޢީގެފާނުގެ އަތްޕުޅަށް ސިޓީއަކާއި ވަކިން ޚާއްސަ ނޯޓުކޮޅެއް އަރުވައިފިއެވެ. އެ ސިޓީއާއި ނޯޓު ކޮޅު އިމާމް ޝާބިޢީގެފާނުގެ އަތްޕުޅަށް އެރުވުމަށްފަހު ރޫމުގެ ރަސްގެފާނު އެކަލޭގެފާނަށް ވަޞިއްޔަތް ކުރެއްވިއެވެ. 'އޭ ސަފީރެވެ! ތިޔަ ސިޓީ ކަލޭގެފާނުގެ ވެރިއަކަށް ހުންނެވި ކަލޭގެފާނަށް އަރުވާއިރު، ތިޔަ ނޯޓުކޮޅުވެސް އަރުވާށެވެ.' މިއާއެކު އެކަލޭގެފާނަށް ދަރުބާރުން ވަކިވުމުގެ ހުއްދަ އެރުވިއްޖެއެވެ.
އިމާމް ޝާބިޢިގެފާނު ރޫމުން އެނބުރި ވަޑައިގެން ޚަލީފާގެ އަތްޕުޅަށް ރޫމުގެ ރަސްގެފާނުގެ ސިޓީފުޅު އަރުވައިފިއެވެ. އެ ސިޓީފުޅު އެރުވުމަށްފަހު، އެކަލޭގެފާނު އެނބުރި ވަޑައިގެންނެވި މަގުމަތީގައި ރޫމުގެ ރަސްގެފާނުގެ ޚާއްސަ ނޯޓުކޮޓުގެ މަތިން ހަނދުމަފުޅު ވެއްޖެއެވެ. އެހެންކަމުން، އަވަސް އަވަހަށް ޚަލީފާގެ ދަރުބާރަށް ވަޑައިގެން އެ ގަނޑުކޮޅު ޢަބްދުލް މަލިކު އިބުނު މަރުވާންގެ އަތްޕުޅަށް އަރުވައިފިއެވެ. އަމީރުލް މުއުމިނީން މި ނޯޓުކޮޅުގައިވާ އެއްޗެއް ވިދާޅުވުމަށްފަހު ހައިރާންކަމާއެކު އިމާމް ޝާބިޢީގެފާނަށް ބައްލަވަން ހުންނަވާ ވިދާޅުވެއްޖެއެވެ. 'ކަލޭގެފާނުގެ އަތްޕުޅަށް މި ނޯޓުކޮޅު އެރުވުމުގެ ކުރިން ކަލޭގެފާނާއި ރޫމުގެ ރަސްގެފާނު އެއްވެސް ސުވާލެއް ކުޅަ ހެއްޔެވެ؟' ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. 'އޭ މުއުމިނުންގެ އަމީރެވެ. ރޫމުގެ ރަސްގެފާނު އަހުރެންގެ ގާތުގައި އަހުރެންނީ ރަސްކަމުގެ ދަރުބާރުގެ މީހަކީމުތޯ އެއްސެވިއެވެ. ނުވަތަ އަހުރެންނީ ރަސްކަމުގެ ޚާންދާނުގެ ވާރިޘަކުތޯ އެއްސެވިއެވެ. ޖަވާބުގައި އަހުރެންނީ މުސްލިމުންކުރެ އާދައިގެ މީސްތަކުންގެ ތެރެއިންވާ މީހަކު ކަމުގައި ރަސްގެފާނަށް ޖަވާބު އެރުވީމެވެ.'
އިމާމް ޝާބިޢީގެފާނު މިހެން ވިދާޅުވުމަށްފަހު، ޚިލާފަތުގެ ދަރުބާރުން ނިކުމެވަޑައިގެންނެވުމަށް ހިންގަވައިގެންފިއެވެ. ޚިލާފަތުގެ ދަރުބާރުގެ ބޭރު ދޮރާއި އަރާ ހަމަވަނިކޮށް، އިމާމް ޝާބިޢީގެފާނު އަނބުރާ ޚިލާފަތުގެ ދަރުބާރަށް ޙާޟިރު ކުރެވިއްޖެއެވެ. އެތަންވަޅު ޚަލީފާ އެކަލޭގެފާނަށް އިޝާރާތްކުރައްވާ އެބަ ވިދާޅުވެއެވެ. 'ކަލޭގެފާނު މީގައިވާ އެއްޗެއް ވިދާޅުވީމުތޯއެވެ؟.' ޚަލީފާގެ މިސުވާލަށް އެކަލޭގެފާނު އަދަބުވެރިކަމާއެކު ޖަވާބުދެއްވިއެވެ. 'އޭ މުއުމިނުންގެ އަމީރެވެ. އަހުރެން ތިޔަ ނޯޓުގައިވާ އެއްޗެއް ނުކިޔަމެވެ.' އެކަލޭގެފާނު މިހެން ވިދާޅުވުމާއެކު ޚަލީފާގެ އަތްޕުޅުގައިވާ ނޯޓުކޮޅު އެކަލޭގެފާނުގެ އަތްޕުޅަށް އެރުވުމަށްފަހު އޭގައިވާ އެއްޗެއް ވިދާޅުމަށް އަމުރުފުޅު ކުރައްވައިފިއެވެ. އެކަލޭގެފާނު އެ ނޯޓުކޮޅުގައި ލިޔެވިގެންވާ އެއްޗަކަށް ބެއްލެވިއިރު، އޭގައި ލިޔެވިގެންވެއެވެ. 'ތިޔަބައިމީހުންގެ މެދުގައި މިފަދަ މާތް ބޭކަލުން ތިއްބަވަނިކޮށް، ތިޔަ ބައިމީހުންގެ ވެރިއަކަށް އަނެކަކު އިސްކުޅަ ބައެއްގެ ޖާހިލުކަމުގެ މައްޗަށް އަހުރެން އަޖައިބުވަމެވެ.' މި ނޯޓުކޮޅުގައިވާ އެއްޗެއް ވިދާޅުވުމަށްފަހު، އިމާމް ޝާބިޢީގެފާނު ޚަލީފާއަށް ވިދާޅުވެއްޖެއެވެ. 'ﷲ ގަންދީ ދަންނަވަމެވެ. އަހުރެންނަށް މީގައިވާ ޢިބާރާތް ކުރިން އެންގިފައިވީނަމަ، އަހުރެން މި ކަރުދާސްކޮޅު ގެނައުމަށް އިންކާރުކުރީމުހެވެ. ރޫމުގެ ރަސްގެފާނުވަނީ ޖާހިލަކުކަމުގައެވެ. ފަހެ، އެ ރަސްގެފާނަށް ކަލޭގެފާނު ފެނިލެއްވުމުން ތިޔަ ކަންތައް ސާފުވެދާނެކަމުގައި ދެކެމެވެ.'
އެކަލޭގެފާނުގެ ޖަވާބާއެކު ޚަލީފާ ޢަބްދުލް މަލިކު އިބުނު މަރުވާން އެކަލޭގެފާނަށް ނިސްބަތް ކުރައްވާ ސުވާލު ކުރައްވައިފިއެވެ. 'ރޫމުގެ ރަސްގެފާނުގެ މި ނޯޓުކޮޅުގެ ގަސްތު ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟' ޚަލީފާގެ މި ސުވާލުގެ ޖަވާބުގައި އެކަލޭގެފާނު ނޫނެކޭ ވިދާޅުވުމުން، ޚަލީފާ ޢަބްދުލް މަލިކު އެކަލޭގެފާނަށް ވިދާޅުވެ ދެއްވަން ފައްޓަވައިފިއެވެ. 'އިސްލާމި އުންމަތުގައި ތިޔަ ފަދަ ބޭކަލަކު ވާކަމަށްޓަކައި އޭނާ ހަސަދަވެރިވީއެވެ. އޭނާގެ މި ނޯޓުކޮޅުގެ ގަސްތަކީ އަހުރެންގެ ހިތް ކަލޭގެފާނާއި މެދުގައި ނުބައިކޮށް، އަހުރެންގެ އަތުން ކަލޭގެފާނު ޤަތުލުކުޅައުމެވެ. އެއީ މުސްލިމު އުންމަތް ޢިލްމުން މަޙްރޫމު ކުރުމަށްޓަކައެވެ.'
ނޯޓު: އިމާމް ޝާބިޢީގެފާނުގެ ހަޔަތްޕުޅުން ނަގުލުކުރެވިފައިވާ މިވާހަކައިގެ އަސްލަށް ވިސްނުން ހިންގާއިރު، އިމާމް ޝާބިޢީ ރަޙިމަހުﷲގެ ފަރަތްޕުޅުގައިވާ ޢިލްމުގެ މާތްކަމާއި، އެދުވަސްވަރު މުސްލިމުންގެ މެދުގައި ޢާލިމުންގެ ދަރަޖައާއި، ބަސްވިކުމާއި އެދުވަސްވަރުގެ އިސްލާމީ ޢިލްމުވެރިންގެ ނަޒާޙާތްތެރިކަމާއި، ތަޤުވާވެރިކަމާއި، އަމާނާތްތެރިކަމާއި، ތެދުވެރިކަމާއި، ﷲއަށް ބިރުވެތިވުން ހުރި މިންވަރާއި ޙައްޤަށް ނަސްރުވެރިވުން ހުރި މިންވަރު ވަޒަންކޮށްލެވެއެވެ. އެހެންކަމުން، އަދުގެ ވަޅުޖަހާފައިވާ އިސްލާމީ އުންމަތް ނަގާ ކޮޅަށްޖެހުމުގައި ޢިލްމުވެރިންނަށް ދެއްވާފައިވާ ޤަދަރު އޭގެ ހައްޤުވެރިންނަށް އަދާކުރުމުގެ މުހިންމުކަން ދޭހަކޮށްދެއެވެ. އޭ އެކުވެރިންނޭވެ! ޢިލްމުވެރިންނަށް ނުބައި ބަސް ނުބުނާށެވެ. އެބައިމީހުންގެ ބަސް އަހާށެވެ. އެބައިމީހުންނަށް ހެޔޮކޮށް ހިތާށެވެ.
މި ތަރުޖަމާގައި މަޢުލޫމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވާށެވެ.
މަސްދަރު: އިސްލާމިކްސްޓޯރީސް، އެޑްމިން
ތަރުޖަމާ: ޙަސަން ޣައްސާން
ކޮމެންޓް
ގުޅޭ ލިޔުންތައް