ޖަންނަތުގެ ނިޢުމަތް – އޭނާގެ ފިޔަވަޅުގެ ދަށުން ބިންގަނޑުވެސް އަލިވެގެންވެއެވެ.
އެޑްމިން
ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލުﷲގެފާނު ދުނިޔެއަށް ފޮނުއްވުމުގެ ކުރިން ދުނިޔޭގެ ދިރިއުޅުން ވޭތުކުޅަ ދެ މީހެއްގެ ވާހަކައިން އަޅުގަނޑުމެންނާއި ހިސާބަށް އައިސްފައިވެއެވެ. އެއީ ބަނީ އިސްރާއީލުން ތެރޭގައި އުޅުނު ދެ މީހެކެވެ. އަބޫ ޖައުފަރު އިބުނު ޖަރީރުއް ތަބަރީ މިފަދައިން ނަގުލުކުރައްވާފައިވާ ވާހަކަފުޅެއްވެއެވެ. ސޫރަތުއް ޞޯއްފާތުގެ ފަންސާސް އެއްވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ މީސްތަކުންގެ ވާހަކަ ފުރާތު އިބުނު ޘައުލަބާގެފާނުގެ އަރިހުން މިފަދައިން އައިސްފައިވެއެވެ. އެ ސޫރަތުގެ ފަންސާސް އެއްވަނަ އާޔަތުގެ މާނައިގައި ވަނީ 'އެއުރެންގެ ތެރެއިން ބުނާ މީހަކު ބުނާނެތެވެ. ހަމަކަށަވަރުން ތިމަންނާއަށް އެކުވެރިޔަކު ވިއެވެ.' މިފަދައިންނެވެ.
ބަނީ އިސްރާއީލުންގެ ތެރޭގައި ދެ އެކުވެރިޔަކު އުޅުނެވެ. މިއީ އެކުގައި މަސައްކަތްކޮށް އާމްދަނީ ހޯދަމުން ދިޔަ ދެ އެކުވެރިންނެވެ. ދެ މީހުންގެ މަސައްކަތުން ނުހަނު ގިނަ ފައިސާ އެއްކުރަމުން ދެއެވެ. މިގޮތުގައި ޒަމާންތައް ދައުރުވެ، އެބައިމީހުންގެ މިލްކިއްޔާތު އަށްހާސް ދީނާރަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އިތުރުކޮށްދެއްވައިފިއެވެ. މި ދެމީހުންގެ މިލްކިޔާތުގައި އަށްހާސް ދީނާރު ހަމަވުމާއެކު ދެ މީހުންކުރެ އެކަކު އެ ފައިސާތައް ދެމީހުންގެ މެދުގައި ހަމައަށް ބަހާލަން ބޭނުންވެއްޖެއެވެ. މި ދެމީހުން ކުރެ އެކެއްގެ އަތުގައި މަސައްކަތަށް ބޭނުންވާނެ އާލާތްތައް ހުއްޓެވެ. ދެވަނަ މީހާގެ މިލްކިއްޔާތުގައި މިފަދަ އެއްވެސް އެއްޗެއްނުވެއެވެ. ނުވަތަ އެކަމަށް ބޭނުންވާނެ ހުނަރެއްވެސް ނެތެވެ. ނުވަތަ އޭނާގެ ކިބައިގައި ނުނިޔަތާއި އޮޅުވާލުމެއްވެސް ނުވެއެވެ. އޭނާގެ އަތުގައި އާލާތްތައް ހުރި މީހާ އެބަ ބުނެއެވެ. 'ތިބާގެ އަތުގައި މަސައްކަތަށް ބޭނުންވާނެ ސާމާނެއްވެސް ނެތެވެ. ނުވަތަ އެކަމަށް ބޭނުންވާނެ ހުނަރެއްވެސް ނެތެވެ. އެހެންކަމުން، އަހުރެމެންގެ އަތުގައިވާ ފައިސާތައް ދެމީހުންނަށް އެއްވަރަށް ބަހާލުމަށްފަހު، އަހުރެމެން ދެ މީހުން ވަކިވާނީއެވެ.'
އޭނާ މިހެން ބުނުމަށްފަހު، އެބައިމީހުންގެ މިލްކިއްޔާތުގައިވާ އަށްހާސް ދިނާރު ހަމައަށް ބަހާލައިފިއެވެ. އެއަށްފަހު، މަސައްކަތުގެ އާލަތްތައް އޭނާގެ މިލްކުގައިވާ މީހާ އޭނާގެ ބައިވެރިޔާ ދޫކޮށް ހިނގައްޖެއެވެ. އޭނާ ޝަހަރުގެ ތެރެއަށްގޮސް އެއްހާސް ދީނާރުގެ އަގަހުރި ރީތި ބޮޑު ހަވޭލީއެއް ގަނެފިއެވެ. މިއީ އެ ޝަހަރުގައި ކުރިން ރަސްކަން ކުރެއްވި ރަސްކަލެއްގެ މިލްކިއްޔާތުގައިވީ ބޮޑު ހަވޭލީއެކެވެ. އެ ރަސްގެފާނުގެ ވާރިޘުންގެ އަތުން އޭނާ މި ހަވޭލީގަތީއެވެ. އޭނާ މިހަވޭލީ ގަތުމަށްފަހު، އޭނާގެ އެކުވެރިޔާއަށް އެ ހަވޭލީ ބަލާލުމަށް އައުމަށް ދަޢުވަތު ދިނެވެ. ދެވަނަ މީހާއައުމާއެކު އެ ހަވޭލީ ގަތް އެކުވެރިޔާ އޭނާއާ ސުވާލުކުރަން ފައްޓައިފިއެވެ. 'އެކުވެރިޔާއެވެ! އަހުރެންގެ ހަވޭލީއާމެދު ކަލޭ ބުނަނީ ކީކޭ ހެއްޔެވެ؟' އެ ސުވާލުގެ ޖަވާބުގައި ދެވަނަ މީހާ ބުންޏެވެ. 'ސުބުޙާނަﷲއެވެ. މި ހަވޭލީގެ ފުރިހަމަކަމާއެވެ.' އޭނާ މިހެން ބުނުމަށްފަހު އެ ހަވޭލީން ނިކުމެއްޖެއެވެ. އެތަނުން ބޭރަށް ނިކުމެ ހިނގަމުން އޭނާގެ ވެރި އިލާހުގެ ޙަޟުރަތުގައި އޭނާ ދަންނަވަނީއެވެ. ‘ޔާ އިލާހީއެވެ! އަހުރެންގެ އެކުވެރިޔާ އެއްހާސް ދީނާރުގެ އަގުހުރި ހަވޭލީއެއް މިލްކުކޮށްފިއެވެ. އެހެނަސް ތިމަންއަޅާ މި ދުނިޔެމަތީގެ ގަނޑުވަރެއް ލިބުމަށްވުރެ އެދެނީ ސުވަރުގޭގެ ގަނޑުވަރުތަކުގެ ތެރެއިން ގަނޑުވަރެކެވެ.' އޭނާ މިފަދައިން ދުޢާކުރުމަށްފަހު، އޭނާގެ މިލްކުގައިވާ ހަތަރުހާސް ދީނާރުން އެއްހާސް ދީނާރު ޞަދަޤާތްކޮށްފިއެވެ.
އޭގެ އެތައްދުވަހެއްގެ ފަހެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވި ވަގުތެއްގެ ފަހުގައި، ހަވޭލީގެ އެކުވެރިޔާގެ ގެއިން ދެވަނަ މީހާއަށް ދަޢުވަތެއް އައިސްފިއެވެ. އޭނާގެ އެކުވެރިޔާގެ މިދަޢުވަތު ޤަބޫލުކޮށް އޭނާ އެ ހައިބަތު ބޮޑު ހަވޭލީއަށް އައުމާއެކު އޭނާއަށް ނުހަނު ރިވެތި އަންހެން ޞާޙިބަކު ތަޢާރަފްކޮށްދީފިއެވެ. ލަސްތަކެއްނުވެ، ހަވޭލީގެ އެކުވެރިޔާގެ ޖާފަތް ފެށިއްޖެއެވެ. މި ޖާފަތުގެ ސައްލާގައި ހަވޭލީގެ އެކުވެރިޔާ ދެވަނަ މީހާއަށް ނިސްބަތް ބުންޏެވެ. 'އަހުރެން އެއްހާސް ދީނާރުގެ ރަނަށް މި އަންހެނާއާއި ކައިވެނިކޮށްފީމެވެ. މިކަމާއި މެދުގައި ތިބާ ދެކެނީ ކިހިނެތް ހެއްޔެވެ؟' ހަވޭލީގެ އެކުވެރިޔާގެ ވާހަކަތައް ނިމުމާއެކު ދެވަނަ މީހާ ޖަވާބު ދޭން ފަށައިފިއެވެ. 'ﷲ ތިބާއަށް ދެއްވާފައިވާ ނިޢުމަތުގެ ފުރިހަމަކަމާއެވެ.' މި ޖާފަތް ނިންމާލުމަށްފަހު ދެވަނަ މީހާ އޭނާގެ އެކުވެރިޔާއަށް ވަދާޢުކުރުމަށް އެ ހަވޭލީ ދޫކޮށް ނިކުމެއްޖެއެވެ. މި ހިނގާ ދިޔަ ކަންތަކުގެ މައްޗަށް ކެތްތެރިވެ، އޭނާގެ ވެރި ރަސްކަލާނގެ ހަޟުރަތުގައި ދުޢާ ދަންނަވަން ފަށައިފިއެވެ. 'ޔާ އިލާހީއެވެ! އަހުރެންގެ އެކުވެރިޔާ އެއްހާސް ދީނާރުގެ ރަނަށް އަންބަކު އިޚްތިޔާރުކޮށްފިއެވެ. ތިމަން އަޅާއަށްޓަކައި ސުވަރުގޭގައި ފުރިހަމަވެގެންވާ އަންބަކު ލައްވާށިއެވެ.' އޭނާ މިފަދައިން ދުޢާކުރުމަށްފަހު އޭނާގެ މިލްކިއްޔާތުގައިވާ ތިންހާސް ދީނާރުގެ ތެރެއިން އެއްހާސް ދިނާރު ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަޅުތަކުންގެ ތެރެއިން ބަޔަކަށް ޞަދަޤާތްކޮށްފިއެވެ.
މިގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އިދާރަކުރެއްވި މުއްދަތެއް ފަހަނައަޅާގޮސް، ހަވޭލީގެ އެކުވެރިޔާ ދެހާސް ދީނާރުގެ އަގަކަށް ފެހިކަންގަދަ ދެ ބަގީޗާ ގަނެފިއެވެ. އޭނާ މި ދެ ބަގީޗާ ގަތުމަށްފަހު، އޭނާގެ އެކުވެރިޔާއަށް މި ދެ ބަގީޗާ ބަލާލުމަށް އޭނާގެ ގާތަށް އައުމަށް ދަޢުވަތުދީފިއެވެ. ދެވަނަ މީހާއާއެކު އޭނާ ބަގީޗާއަށް ވަނުމަށްފަހު ބުންޏެވެ. 'މިއީ އަހުރެން ދެހާސް ދީނާރުގެ އަގަކަށް މިލްކުކުޅަ ތަކެއްޗެވެ. މި ތަންތަނުގެ ހައިބަތާއިމެދު ތިބާ ބަހަކީ ކޮބައިތޯއެވެ؟' އޭނާ މިހެން ބުނުމުން، ދެވަނަ މީހާ އެ ބަގީޗާތަކުގެ ތެރޭގައި ހިނގަމުން ބުންޏެވެ. 'ތިބާގެ ބަގީޗާތަކުގެ ފުރިހަމަކަމާއެވެ. މިފަދަ ފުރިހަމަ ބަގީޗާއެއް އަހުރެން މީގެ ކުރިއަކުން ނުދެކެމެވެ.' އޭނާ މިހެން ބުނުމަށްފަހު، ބަގީޗާގެ އެކުވެރިޔާއާ ވަދާޢުކޮށް އެ ބަގީޗާއިން ބޭރަށް ނިކުމެއްޖެއެވެ. އޭނާގެ ވެރި ރައްބުގެ ޙަޟުރަތުގައި އޭނާ ދަންނަވަނީއެވެ. 'ޔާ އިލާހީއެވެ! އަހުރެންގެ އެކުވެރިޔާ ދެހާސް ދީނާރުގެ އަގުހުރި ދެ ބަގީޗާ މިލްކުކޮށްފިއެވެ. ތިމަންއަޅާއަށްޓަކައި ސުވަރުގޭގައި އެފަދަ ދެ ބަގީޗާ ލައްވާށިއެވެ.' އޭނާ މިފަދައިން ދުޢާ ކުރުމަށްފަހު، އޭނާގެ މިލްލުގައިވާ ދެހާސް ދިނާރުން ޞަދަޤާތްދީފިއެވެ. ސުވަރުގެއިން އެފަދަ ރީތި ދެ ބަގީޗާއަށް ދަހިވެތިވެގެންނެވެ.
މިގޮތުގައި ދުވަސްތަކެއް ނުވެ، މި ދެ އެކުވެރިންގެ އަޖަލު އެބައިމީހުންނާއި ބައްދަލުކޮށްފިއެވެ. މި ދެމީހުންގެ ފުރާނަ ދާއިމަށް ދެމިގެންވާ ގޮވައްޗަށް ގެންދެވިއްޖެއެވެ. އެބައިމީހުން ދުނިޔެމަތީގައި ކުޅާ އަމަލަކާއިގެންނެވެ. މި ދެމީހުންކުރެ ޞަދަޤާތްކޮށް އުޅުނުމީހާ، އޭނާ އެ ގަނޑުވަރެއް އެދިގެން ޞަދަޤާތްކުޅަ ގަނޑުވަރަށް ވެއްދިއްޖެއެވެ. އެގަނޑުވަރުގައި އޭނާ ﷲއަށް ދުޢާ ދެންނެވިފަދައިން ނުހަނު ފުރިހަމަ އަންހެން ސާހިބަކު އޭނާގެ އިންތިޒާރުގައިވިއެވެ. އެކަމަނާގެ ފައިތިލައިގެ ދަށުން ބިންގަނޑުވެސް އަލިވެގެންވާހާ ފުރިހަމަ އަންހެން ޞާހިބެކެވެ. އެއަށްފަހު، އެތަނުގައިވާ ފުރިހަމަ ދެ ބަގީޗާއަކަށް އޭނާ ގެންދެވިއްޖެއެވެ. އަދި އޭނާއަށް އޭނާ އެދި އުޅުނު ނިޢުމަތްތަކާއި އޭނާގެ ވެރި ރަސްކަލާނގެ ޢިލްމުފުޅުގައިވި އޭނާގެ މައްޗަށް މިންވަރުކުރެއްވުންވާ އެންމެހާ ކަންތައްތައް އޭނާއަށް ދެއްވިއްޖެއެވެ. އޭނާގެ ޙާޟިރުގައިވާ މަލާއިކަތް ބޭކަލަކަށް އޭނާ ދަންނަވައިފިއެވެ. 'މިއީ ދުނިޔެމަތީގައި އެވެނި މީހާއަށް ލިބިގެންވީ ފަދަ ނިޢުމަތްތަކެވެ.' އެހިނދު އެ މަލާއިކަތް ބޭކަލަކު އޭނާއަށް ބުނާނެތެވެ. 'މިއީ ތިބާ އެދި އުޅުނު ތަކެއްޗެވެ. މި ގަނޑުވަރާއި، ހޫރަލްޢިނާއި، މި ބަގީޗާތަކެވެ.' އެހިނދު އޭނާ މަލާއިކަތް ބޭކަލަކަށް ދަންނަވާނެއެވެ. 'ހަމަކަށަވަރުން ތިމަންނާއަށް އެކުވެރިއަކުވިއެވެ. އޭނާ އަހުރެންގެ ގާތުގައި އަހުރެންނީ އީވާންވެގެންވާ މީހަކުތޯ އަހާ އުޅުނުއެވެ.' އޭނާގެ މި ބުނުމާއެކު، އެ މަލާއިކަތް ބޭކަލަކު އޭނާއަށް ޖަވާބު އަރުވާނެތެވެ. 'އޭނާ ވަނީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނެވެ.' މިއާއެކެ އޭނާއަށް އޭނާގެ އެކުވެރިޔާ ދެއްކޭ ހުއްޓެވެ. އެމަންޒަރު ފެނުމާއެކު އޭނާގެ އަމިއްލަ ނަފްސަށް އޭނާއަށް ބުނެވޭނެއެވެ. 'އަހުރެންގެ ވެރިރަސްކަލާނގެ ގަންދީ ދަންނަވަމެވެ. އޭނާ އަހުރެން މަގުފުރެއްދީހެވެ. އަހުރެންގެ ވެރި ރަސްކަލާނގެ ރަޙްމަތްފުޅުން ނޫން ނަމަ އަހުރެންވެސް ވީ އެނަރަކައިގެ އަހުލުވެރިޔަކު ކަމުގައެވެ.'
ނޯޓު: އިބުނު ޖަރީރުއް ތަބަރީގެ ފަރާތްޕުޅުން އައިސްފައިވާ މި ވާހަކައިގައި ދަލީލު ދޭ ގިނަ ކަންތައްތަކެއް މުސްލިމުންނަށްވެއެވެ. ޞަދަޤާތްދީ އުޅުމުގެ މާތްކަމާއި، އެކަމުގައި އެކުލެވިގެންވީ ފައިދާތަކާއި، އެކަމުގެ މައްޗަށް އިސްލާމްދީން ބާރު އަޅާ މިންވަރެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޘު ބަސްފުޅެއްގެ މައުނައިގާވޭ ނޫން ހެއްޔެވެ؟ 'ފަހެ ޞަދަޤާތެއްގެ ގޮތުގައި ކަދުރު އޮށެއްގެ މިންވަރުން ހޭދަކޮށްގެން ނަމަވެސް ތިޔަ ބައިމީހުން ނަރަކައިގެ އަލިފާނުން ސަލާމަތްވެގަންނާށެވެ.' ސަޙީޙް ބުޚާރީ، ވޮލިއުމް 2، ހަދީޘު 498
މި ތަރުޖަމާގައި މަޢުލޫމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވާށެވެ.
މަސްދަރު: އިސްލަމާމިކްސްޓޯރީސް، އެޑްމިން
ތަރުޖަމާ: ޙަސަން ޣައްސާން
ކޮމެންޓް
ގުޅޭ ލިޔުންތައް