މީލާދީ ސަނަތުން ގުނާނަމަ މީގެ ތޭރަސަތޭކަ އަށްޑިހަ އެތައް އަހަރެއްގެ ކުރީގައި އިސްލާމީ އުންމަތުގެ މާތް މާތް އެތައް ޞާޙާބީންނަކާއެކު ޝާމުކަރައިގެ ޔަރުމޫކު ކޯރުގެ އައްސޭރީގައި ބައިޒެންޓައިން ނުވަތަ ރޯމަނުންނާއި ދެކޮޅަށް ކުރެވުނު ހަނގުރާމައަކީ، އޭގެ ފަހުގައި މުޅި މެދުއިރުމަތީގެ ތަސައްވުރު ތާ އަބަދަށްމެ ބަދަލުވެގެން ދިޔަ ހަނގުރާމައެކެވެ. މުސްލިމުންގެ ނަސްރާއި ނަޞީބުގެ ތަރި މެދު އުޑުން އަރާ، އޭގެ އަލިކަން މުޅި ދުނިޔޭގެ ހަތަރު ބިތަށް ފަތުރާން ފެށުމުގައި ދިއްލުނު އަލިގަދަ ބައްތިއެއްކަމުގައެވެ. އެތައް ޒަމާނަކަށް ޝާމުކަރައިގެ މައްޗަށް އަތްގަދަކޮށްގެން ތިބި ރޯމަނުންގެ ވެރިކަމުގެ ނިޒާމުގެ އަތް ޝާމުން ދޫވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައެވެ.
ޚާލިދު ބިން ވަލީދުގެފާނުންގެ ލަޝްކަރު ޔަރުމޫކު ކޯރުގެ އައްސޭރިއަށް ޖަމާވަމުންދާއިރު، ޢަމްރު އަބުނުލް ޢާސްގެފާނުންގެ ޤިޔާދަތުގެ ދަށުގައި ޤާދިސިއްޔާގައި މުސްލިމުންގެ ލަޝްކަރު ގަދަފަދަ ހިތްވަރު ކުރައްވަނީއެވެ. ޚާލިދު ބިން ވަލީދުގެފާނުގެ ލަޝްކަރުގައި އިސްލާމީ އެތައް އެތައް އަބްޠާލުންނެއްވެއެވެ. އަބޫ ޢުބައިދާ އާމިރުބުނުލް ޖައްރާޙުފަދަ، ޖެހިލުން ކުޑަކަމާއި ހިތްވަރުފުޅުގަދަކަމުގައި ދުޝްމަނުންގެ ތެރޭގައި ނަންހިގާފައިވާ އެތައް އެތައް ފަޚުލަވާނުންނެއް ހިމެނިވަޑައިގަންނަވައެވެ. ހިނި ދަރުގަނޑަކުން ހިނިތައް އުތުރި އަރައިގެން އަންނަ ފަދައަކުން، ރޯމަރުންގެ ލަޝްކަރު މައިދާނަށް ޖަމާވަމުން ގެންދަނީއެވެ. މި މަންޒަރު ފެނި، އިސްލާމީ ލަޝްކަރުގެ ކޮމާންޑަރުންގެ ޝޫރާގެ ދަށުން، އަމީރުލް މުއުމިމީން ޢުމަރު އިބުނުލް ޚައްތާބަށް ސިޓީފުޅެއް ލިޔުއްވައިފިއެވެ. އެ ސިޓީފުޅުގައި ޔަރުމޫކުގެ މައިދާނުގެ ކަންހުރި ނެތްގޮތާއި، އެކަލޭގެފާނުގެ އިރުޝާދުފުޅަށް އެދި ލިޔުއްވާފައިވެއެވެ. ޢުމަރުގެފާނަށް މި ސިޓީފުޅު ލިބިވަޑައިގެންނެވުމާއެކު، ލަސްނުކުރައްވާ އަވަސް މަގުން ފިޔަވަޅުތައް އަޅުއްވާ ފެއްޓެވިއެވެ. ޤާދިސިއްޔާގައިވާ ލަޝްކަރުން ބަޔަކާއިގެން ޔަރުމޫކުގެ މައިދާނަށް އަވަސް މަގުން ވަޑައިގެން ޚާލިދުގެފާނުންގެ ލަޝްކަރަށް މަދަދު ފޯރުއްވުމަށް ޢަމުރު ބުނުލް ޢާސްގެފާނަށް އަމުރުފުޅު ކުރައްވައިފިއެވެ. އަލްމަދީނަތުލް މުނައްވަރާއިން ހަހާސް ފަޚުލަވާނުންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް ތައްޔާރު ކުރައްވާ، މުހިންމު ވަޞިއްޔަތްޕުޅުތަކާއެކު ޔަރުމޫކުގައިވާ އިސްލާމުތަކުންނަށް ނަސްރުދިނުމަށް ފޮނުއްވައިފިއެވެ. މި ލަޝްކަރުގެ ތެރޭގައި ޞަޙާބީންގެ އެއްހާސް ބޭކަލުން ހިމެނިވަޑައިގަތެވެ. އެބޭކަލުންގެ ތެރޭގައި ބަދުރުގެ މައިދާނައި ފައިތިލަ ސާބިތުކުރެއްވުމުގެ މާތްކަން މިލްކުކުރެއްވި، ސަތޭކަ ބޭކަލުންވެއެވެ.
ކޮންމެއަކަސް ޚާލިބު ބިން ވަލީދުގެ ޤިޔާދަތުގެ ދަށުގައި މުޅި އިސްލާމީ ލަޝްކަރު ހެލިގެންފިއެވެ. ފުރިހަމަ ރޭއްވެވުމާއި، މުޝްރިކުންނަށް ސިހުންގެނުވާނެ އެތައް އުކުޅުތަކަކާއެކުގައެވެ. މިގޮތުގައި، އިސްލާމީ އުންމަތުގައި އެދުވަސްވަރަށް ތިއްބެވި ހަނގުރާމައިގެ ހުށިޔާރުޔާރުކަމާއި ކުޅަދާނަކަމަށް އެންމެ ނަންހިނގާފައިވާ ތިން ކޮމާންޑަރުންކަމުގައިވާ، ޚާލިދު ބުނުލް ވަލީދުގެފާނާއި، އަބޫ ޢުބައިދަތުގެފާނާއި، ޢަމުރު ބުނުލް ޢާސްގެފާނުގެ ރޭއްވެވުމާއި، ހަނގުރާމައިގެ އުކުޅުތަކުން، އެއްލައްކަ އެތައް ހަނގުރާމަވެރިންނެއްގެ މައްޗަށް ހިމެނޭ ރޯމަރުނުންގެ އެ ބިޔަ ބޮޑު ލަޝްކަރު ކުރިއެރިޔަ ނުދީ ފަހަތައް ޖައްސަމުން އެގެންދަވަނީ މުސްލިމުންގެ އެންމެ ތިރީސްހާހެއްހާ ބޭކަލުންގެ މައްޗަށް ހިމެނިވަޑައިގަންނަވާ، ހަނގުރާމައިގެ ހުނަރު ހުރި، ޖޯޝުހުރި ލަޝްކަރަކުންނެވެ. ޚާލިދު އިބުނު ވަލީދުގެފާނުގެ ހަނގުރާމައިގެ އުކުޅުތަކާއި، ޙިކުމަތްތަކާއި، އެކަލޭގެފާނު އެލަޝްކަރެއްގައި ހިމެނިވަޑައިގަންނަވާ ލަޝްކަރެއްގެ ފުށުން ދުޝްމަނުންގެ ލަޝްކަރުތަކުގެ މައްޗަށް ގެނެސްގަންނަ ތަކުލީފުތަކާއި ހަނގުރާމައިގެ ވޭންވަރުތަކުގެ ވާހަކަތަކަކީ އެކަލޭގެފާނުގެ ޢަދާވާތްތެރީންގެ ތެރޭގައިވެސް މަޝްހޫރު ވާހަކަތަކެކެވެ. އެކަލޭގެފާނުގެ ލަޤަބުފުޅު، އާދެ 'ސައިފުﷲގެ' ބިރު ނުހިނގާ ހަމަ އެންމެ ހިތެއްވެސް ދުޝްމަނުންގެ ތެރޭގައިނުވެއެވެ. ނުވަތަ އެކަލޭގެފާނުގެ އެ ލަޤަބުފުޅަށްޓަކައި އިޙުތިރާމް ނުކުރާ ހަމަ މަދު ބަޔަކު ފިޔަވާ ނުވެއެވެ.
އާދައިގެ މަތީން، ހަނގުރާމައިގެ މައިދާނުން ދެ ލަޝްކަރު މުޤާބަލާކުރުމަށް ތައްޔާރުވަމުންދަނީއެވެ. ސައިފުﷲ، އާދެ ﷲ ކަނޑިކޮޅުގެ ބާރު ދުޝްމަނުންގެ ކަނދުރާތަކުގައި ހިންގުމަށް ތައްޔާރުވެވެމުންދަނީއެވެ. މިގޮތުގައި ހަނގުރާމަ ހިނގަމުން، ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުންގޮސް، ދުޝްމަނުންގެ ހިތްތަކަށް ސިހުމާއި ބިރުވެރިކަން ފާވާން ފަށައިފިއެވެ. ޚާލިދުގެފާނުގެ ކުޅަދާނަފުޅުކަމާއި، ދުޝްމަނުންގެ ޝަފުތަކަށް ދެއްވަމުން ގެންދަވާ އާދަޔާޚިލާފު ކުއްލި ހަމަލާތަކާއެކުގައެވެ. އިސާހިތަކު، އެކަލޭގެފާނުގެ ވާހަކަފުޅާއި، އެކަލޭގެފާނުގެ އަތްޕުޅުގައިވާ ﷲ ޙަޟުރަތުން ބާވާލެއްވުނު ކަނޑިކޮޅެއްގެ ވާހަކައިން ދުޝްމަނުންގެ ލަޝްކަރުގެތެރޭގައި ޚަބަރު ދައުރުވާންފަށައިފިއެވެ. އެކަލޭގެފާނު ލަޝްކަރުތައް ވިއްސިވިހާލި ކުރައްވަނީ މިކަނޑިކޮޅުގެ އެހީގައި ކަމުގައިވެސް ދުޝްމަނުން ބުނަންފަށައިފިއެވެ. އެންމެ ސަބަބަކަށްޓަކައެވެ. އެކަލޭގެފާނުގެ އާދަޔާޚިލާފު ހިތްވަރުފުޅާއި، އެކަލޭގެފާނަށް ސައިފުﷲގެ ނަންފުޅުން މުޚާތަބުކުރެއްވޭ ކަމަށްޓަކައެވެ.
ވިދިގެން އައި ދުވަހު ހަނގުރާމައަށް ތައްޔާރުވުމުގައި މުސްލިމުންގެ ލަޝްކަރު ހޭލެމޭލައަށް އުޅުމުގެ ތެރޭގައި ރޯމަރުންގެ މަތީ ފަންތީގެ ދަހަނާއެއްގައިވާ މީހަކު އިސްލާމީ ލަޝްކަރާއި ގާތަށް އަންނާތީ މުސްލިމުންގެ ބޭކަލުންނަށް ފެނިވަޑައިގެންފިއެވެ. އޭނާ މުސްލިމުންގެ ލަޝްކަރާއި ގާތްވި ހިނދު، އެއީ ބައިޒެންޓައިނުން، އާދެ، ރޯމަނުންގެ ލަޝްކަރުގެ އެއް ކޮމާންޑަރަކުކަމުގައިވާ ޖަރުޖާކަން އެބޭކަލުންނަށް އެނގިވަޑައިގެންފިއެވެ. އޭނާ އައިސް ޚާލިދުގެފާނަށް ގޮވާލައްވައިފިއެވެ. 'އޭ ޚާލިދެވެ! އަހުރެންނާއި ކުރިމަތިލާށެވެ. ތެދު ބަހުން އަހުރެން މިކުރާ ސުވާލުތަކަށް ޖަވާބު ދޭށެވެ. މިނިވަނުންގެ ކިބައިގައި ދޮގުހެދުމެއް ނުވެއެވެ.' އޭނާގެ މިއަޑާއެކު، ޚާލިދުގެފާނު އޭނާގެ ކުރިމައްޗަށް ވަޑައިގެން، އެދެނީ ކޮންމެކަމަކަށްތޯއާމެދު ސުވާލު ކުރައްވައިފިއެވެ. ޖަވާބުގައި ޖަރުޖާގެ ސުވާލުތައް އޭނާ ހުށައަޅައިފިއެވެ. 'އޭ ޚާލިދެވެ! އަހުރެންނަށް އިވިފައިމިވަނީ ތެދެއް ހެއްޔެވެ؟ ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޟުރަތުން ބާވާލެއްވުނު ކަނޑިކޮޅެއް އެބޭކަލަކަށްޓަކައި ކަލޭގެފާނު ތިޔަ ހަނގުރާމަކުރައްވާ ނަބީކަލޭގެފާނަށް ބާވާލެއްވުނުތޯއެވެ؟ އެކަލޭގެފާނު އެކަނޑިކޮޅު ކަލޭގެފާނަށް ދެއްވެވިތޯއެވެ؟ ހަނގުރާމައިގެ މާއިދާނުގައި ކަލޭގެފާނުގެ ޚާޟިރުގައި ދުޝްމަނުންގެ ޖަމާޢަތްތަކާއި ލަޝްކަރުތައް ވިއްސިވިހާލިކުރައްވަނީ އެކަނޑިކޮޅުގެ ބާރުގައިތޯއެވެ؟'
ޖަރުޖާގެ މި ސުވާލުތަކުގެ ޖަވާބުގައި އެކަލޭގެފާނު ނޫނެކޭ ވިދާޅުވުމާއެކު ޖަރުޖާ އަނެއްކާވެސް އެކަލޭގެފާނާއި ސުވާލު ކުރައްވައިފިއެވެ. 'އެހެންކަމަށްވާނަމަ ކަލޭގެފާނަށް ސައިފުﷲގެ ނަންފުޅުން މުޚާތަބު ކުރެއްވެނީ ކިއެއްވެގެންތޯއެވެ؟' ޖަވާބުގައި އެއީ އެކަލޭގެފާނު ހަނގުރާމަތަކުގައި ގެންގުޅުއްވާ ގޮތްކޮޅާއި، ﷲގެ ދީން މަތިވެރިކުޅައުމަށް އެދި ކުރާ ޖިހާދުގެ ސަބަބުންކަމުގައި ޖަރުޖާއަށް ވިދާޅުވި ހިނދު، އޭނާގެ މޫނުމަތީގައި ހައިރާންކަމުގެ ކުލަވަރު ހިނގާލައިފިއެވެ. ދުޝްމަނު މީހާ ބިރު ގެންނެވުމުގެ ބަދަލުގައި، އެކަލޭގެފާނު ނަހުނު ތެދު ބަހުން ޖަވާބުދެއްވުން ވެގެން ދިޔައީ ޖަރުޖާއަށް އިތުރަށް ސުވާލުކުރަން މަޖުބޫރުކުރުވި ކަމަކަށެވެ. އޭނާ ޚާލިދުގެފާނުގެ އަރިހުން އެބަ އައްސަވައެވެ. 'ތިޔައީ ތެދެއްކަމުގައިވާނަމަ، ކަލޭގެފާނު ތިޔަ ގެންނަވަނީ ކޮން ކަންތައްތަކެއް ތޯއެވެ؟ ގޮވާލައްވަނީ ކޮން ކަންތައްތަކަކަށްތޯއެވެ؟' އެކަލޭގެފާނު ޖަވާބުފުޅަކީ ރޯމަނުންގެ އެންމެ ދަށުފަންތީގެ މީހާގެ ސިކުނޑިއަށްވެސް ވަޒަންކުރެއްވޭނޭ މޭރުމުން ދެއްވެވި ޖަވާބުފުޅެކެވެ. 'ތިމަންކަލޭގެފާނު މި ގޮވާލަކީ އެއްކައުވަންތަ ﷲ އަށް އީމާންވުމަށެވެ. އެއީ ޢަރުޝިއާއި ކުރުސީގެ ވެރި އިލާހެވެ. އެއީ ތިމަންކަލޭގެފާނާއި ތިބާވެސް ހެއްދެވި އިލާހެވެ. ތިމަންކަލޭގެފާނު މި ގޮވާލަނީ އެކަލާނގެއަށް އީމާންވުމަށާއި، އިސްލާމްކަން ފާޅުކުރުމަށެވެ. އެކަލާނގެ ރަސޫލާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމައަށް އީމާންވުމަށެވެ.'
ޙާލިދުގެފާނުގެ ޖަވާބުފުޅާއިމެދު ފުންކޮށް ވިސްނާލުމަށްފަހު، ޖަރުޖާގެ ސުވާލު އެކަލޭގެފާނަށް އަމާޒުކޮށްފިއެވެ. ޖަރުޖާގެ ސުވާލުތަކުގައިވަނީ އޭނާ އިހު ހުރިގޮން ނޫން ޙައްޤުވެގެންވާ ގޮތް ހޯދުމަށް ދަހިވެތިވެފައިވާ ފަދައަކުންނެވެ. 'އޭ ޚާލިދެވެ! ނިކަން ބުނެބަލާށެވެ. ތިޔަ އެދޭ ކަންތައްތަކަށް އީމާންވެއްޖެ ނަމަ ތިޔަބައިމީހުންގެ ދީނުގައި އެމީހާގެ މަޤާމަކީ ކޮބައިތޯއެވެ؟' އެކަލޭގެފާނު ޚިކުމަތްތެރިކަމާއެކު ޖަރުޖާއަށް ޖަވާބުދެއްވަމުން ގެންދަވަނީއެވެ. 'އޭ ޖަރުޖާއެވެ! އަހުރެންގެ ދީނުގެ ރިވެތިކަމާއެވެ. އަހުރެންގެ ދީނުގައި ހުރިހާ މީސްތަކުންމެ ވަނީ ހަމަހަމަވެގެންނެއެވެ. ކަޅުމީހުންނާއި ދޮންމީހުންނެވެ. ޢަރަބީންނާއި ޢަޖަމީންނެވެ. ފަޤީރުމީހާއާއި މުއްސަނދިމީހާއެވެ. އަހުރެމެންގެ ދީނުގައި މީސްތަކުން އެކަކު އަނެކަކުގެ މައްޗަށް ކުރިއަރާދަނީ ﷲއަށް ކިޔަމަންގަތުމުގައެވެ. ތަޤުވާވެރިކަމުގައެވެ. އެންމެ ފަޤީރު މީހާވެސް ﷲގެ ޙަޟުރަތައް ތިރިވެ ސަޖިދަޖަހާއިރު، އަހުރެމެންގެ އަމީރުވެސް ﷲގެ ޙަޟުރަތަށް ތިރިވެ ސަޖިދަ ޖަހާނެއެވެ. އެންމެ ފަޤީރު ނިކަމެތި މީހާއަށް ރޯދަ ވާޖިބުވެގެންވެއެވެ. އަހުރެމެން ކުރެ އެންމެ މަތީ ދަރަޖައިގާވާ އަމީރަށްވެސް ރޯދަ ވާޖިބުކުރެއްވިގެންވެއެވެ.' އެކަލޭގެފާނު މިފަދައިން ވިދާޅުވެ ޖަރުޖާއަށް ޖަވާބުފުޅު ދެއްވުމުން، އޭނާ ކުޑަ ހިނދުކޮޅަކަށް މަޑުކޮށްލުމަށްފަހު، އޭނާގެ ފަހު ސުވާލު ޚާލިދު އިބުނު ވަލީދުގެފާނަށް ރައްދުކޮށްފިއެވެ. 'އޭ ޙާލިދެވެ! އަހުރެންނަށް ބުނެދޭށެވެ. ކަލޭގެފާނުގެ ދީނަށް މީހަކު ވަދެއްޖެނަމަ، ކަލޭގެފާނަށް ލިބޭ ޘަވާބާއި ދަރުމަ އޭނާއަށްވެސް ހުންނާނެ ހެއްޔެވެ؟' ޚާލިދުގެފާނަށް ޖަރުޖާގެ ގަސްދު ކޮންމެވެސް ވަރަކަށް ވަޒަންކުރެއްވެން ފައްޓަވައިފިއެވެ. އެކަލޭގެފާނު ޖަވާބުފުޅު ދެއްވީ ޖަރުޖާގެ ދަހިވެތިކަން އިތުރުވާނޭ މޭރުމަކުންނެވެ. 'އާދޭހެވެ! އަދި ކިއެއްތަ އަހުރެންނަށް ވާ ޘަވާބަށްވުރެ އެމީހަކަށްވާ ޘަވާބު އިތުރުވެގެންވާކަމުގައި ދެކެމެވެ.' އެކަލޭގެފާނުގެ ޖަވާބުފުޅާއިމެދު ޖަރުޖާގެ އަންތަރީސްކަން އިތުރުވެ، ޚާލިދުގެފާނަށް ނިސްބަތްކޮށް ބުނެފިއެވެ. 'ތިޔައީ ކިހިނެތްވާނޭ ކަމެއް ހެއްޔެވެ؟'
އެކަލޭގެފާނުގެ ޖަވާބުފުޅު ޖަރުޖާއަށް ތިލަކޮށްދެއްވަން ފައްޓަވައިފިއެވެ. 'އޭ ޖަރުޖާއެވެ. ތިމަންކަލޭގެފާނު އީމާންވީ ރަސޫލުﷲގެފާނުގެ ދެތުމުގައެވެ. ތިމަންކަލޭގެފާނާއި ﷲގެ ރަސޫލާއާ ބައްދަލުކުޅައުމުގެ ތައުފީޤު މިންވަރުކުރެއްވިއެވެ. އެކަލޭގެފާނާއި އެއް މަޖިލީހެއްގައި ވުމުގެ ހެޔޮކަން މިންވަރުކުރެއްވެވިއެވެ. އަހުރެމެންނަށް އޮޅުން އަރާކަންކަމުގެ ސުވާލުން އެކަލޭގެފާނާއި ސުވާލުކުޅައުމުގެ ތައުފީޤު މިންވަރުކުރެއްވެވިއެވެ. އެކަލޭގެފާނުގެ ފަރާތްޕުޅުގައިވި އެކިއެކި މުޢުޖިޒާތްތައް ފާޅުކުރެއްވެވީ ތިމަންބޭކަލުންގެ ކުރިފުޅުމަތީގައެވެ. އެކަމަކު މީގެ ފަހަށް އިސްލާމްދީނުގެ ޙިދާޔަތަށް ވަދެގަންނަ މީހާއީ އެކަލޭގެފާނު ދުށުމަކާއިނުލާ އެކަލޭގެފާނަށް އީމާންވާ މީހާއެވެ. އެކަލޭގެފާނުގެ ފަރާތްޕުޅުގައިވީ މުޢުޖިޒާތްތައް ދުށުމުކަމާއި ނުލާ އީމާންވާ މީހާއެވެ. އެކަލޭގެފާނާއި ސުވާލުކުރުމެއްނެތި، އެކަލޭގެފާނު ގެންނެވި ކަންތައްތައް ބަލައިގަނެ އީމާންވާ މީހާއެވެ. އެހެންކަމަށްވާ ނަމަ، އެކަލޭގެފާނުގެ ދެތުމަކާއިނުލާ، އެކަލޭގެފާނު ގެންނެވި އެންމެހާ ކަންތައްތަކަށް ފުރިހަމައަށް އީމާންވާ މީހާގެ މާތްކަން އަހުރެންނަށްވުރެ އިތުރުވެގެން ނުވޭހެއްޔެވެ؟'
ޖަރުޖާ އިތުރަށް މަޑެއްނުކުރެއެވެ. އޭނާ ހުރި ފިޔަވަޅުމަތީގައި ހުރެ ބުނެފިއެވެ. 'ކަލޭގެފާނުގެ ގޮވާލުމަށް އަހުރެން އިޖާބަ ދެމެވެ. ﷲ ފިޔަވާ އެހެން އިލާހަކު ނުވާކަމަށް އަހުރެން ހެކިވަމެވެ. މުޙައްމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާކަމަށް އަހުރެން ހެކިވަމެވެ.' ޖަރުޖާގެ މިޖުމްލަތައް ޚާލިދުގެފާނަށްވީ އުފާވެރިކަމާއި ހިތްވަރުފުޅު އާލާވީ ކަމެއްކަމުގައެވެ. އެކަލޭގެފާނާއި އެންމެހާ މުސްލިމުންތަކުން ނިންމައިލުމަށް އައިސްއޮތް އެ ބިޔަ ބޮޑު ލަޝްކަރުގެ އެންމެ އިސް އެއް ކޮމާންޑަރު، އިސްލާމްދީނަށް ބައިޢަތު ހިފީއެވެ. އެކަލޭގެފާނު ހަނގުރާމައަށް ވަޑައިގެންނެވުމުގެ ކުރިން ޖަރުޖާއާއިގެން ނަމާދުފުޅެއް ކުރެއްވެވިއެވެ. ޖަރުޖާއަށް އެކަލޭގެފާނު ވިދާޅުވާފަދައިން ތަކުބީރު ވިދާޅުވުމަށާއި، އެކަލޭގެފާނު ޙަރަކާތްފުޅު ކުރައްވާގޮތް ބައްލަވައިގެން ކުރެއްވުމަށް ވަޞިއްޔަތްޕުޅު ކުރައްވަމުންނެވެ.
ނަމާދަށް ފަހު، ޚާލިދު އިބުނު ވަލީދުގެފާނު އިސްލާމީ ލަޝްކަރާއިގެން މައިދާނަށް ނިކުންނަވައިފިއެވެ. އަރިހުގައި އެވަނީ ރޯމަނުންގެ ކުރީގެ ކޮމާންޑަރު ޖަރުޖާއެވެ. އެކަލޭގެފާނުގެ އަރިހުގައި ސިންގާއެއްވާ ފަދައިން، އޭނާ ކާފަރުންގެ ބޯތައް ކެނޑުމަށް ކެތްމަދުވެފައިވެއެވެ. މީގެ ކުޑަ އިރުކޮޅެއްގެ ކުރިން އޭނާ އެބައެއްގެ ތެރެއަށް ނިސްބަތްވީ ރޯމަނުންގެ ސަފުތައް ފޫއަޅުވާލުމަށެވެ. ﷲ ތަޢާލާގެ ދީނަށް ނަސްރުދިނުމަށްޓަކައެވެ. ތައުޙީދުގެ ކަލިމަ، މަތިވެރިކުރުމަށެވެ. ހަނގުރާމައިގެ މައިދާނުގައި ހިރަފުސްކަން ގަދަވެ، މީސްތަކުން ހަތިޔާރުތަކުން ޢަމަލުކުރުމާއިގެން މަސްޢޫލުވެއްޖެއެވެ. ހަވީރުވުމާއި ގާތްވެފައިވަނިކޮށް، ހަނގުރާމައިގެ ޤަވާޢިދުގެ މަތިން ދެލަޝްކަރު ވަކިވެއްޖެއެވެ. ޖަރުޖާ އެނބުރި އިސްލާމުންގެ ލަޝްކަރުގެ ތެރެއަކަށް ނާދެއެވެ. އާދެ، ﷲގެ މަގުގައި އޭނާ ޝަހީދުވީއެވެ. ޖަރުޖާއަށް ﷲ ތަޢާލާގެ ޙަޟުރަތުގައިވާ ދަރަޖައިގެ މަތިވެރިކަމާއެވެ. އެނާ، އިސްލާމުވެ، އެންމެ ނަމާދަކާއެކު ޝަހީދުން ދަރަޖަ ހޯއްދެވީއެވެ.
ނޯޓު: ޖަރުޖާގެ ވާހަކައިން ލިބިދޭ ފިލާވަޅުތަކުގެ ތެރޭގައި ޙައްޤުގޮތް އެނގި ބަޔާންވުމަށްފަހު، އެމަގަށް ރުޖޫޢަވުމާ މީހާވަނީ ގެއްލުމެއްގެ ތެރޭގައެވެ. ތިމާ އެކަނި ހުންނާންޖެހުނަސް، ޙައްޤުގެ މަގުގައި ސާބިތުވުމަކީ ﷲ ތަޢާލާ، އެ މީހަކަށް މިންނެތް ދަރުމައާއި މަދަދުވެރިކަން އިތުރުކުރައްވާ ކަމެކެވެ. ވުމާއެކު، ޖަރުޖާ ފަދައިން، މަތިވެރިކަން ހާސިލުކުރުމުގައި އިސްވެގަންނަ ފަރާތަކަށް އަހުރެމެން އެންމެ މުސްލިމުތަކުން ވާންޖެހެއެވެ.
މި ތަރުޖަމާގައި މަޢުލުމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވަށެވެ.
މަސްދަރު: ދިޕްރިޒާވްޑްޓްރޫތު / ޝައިޚް އަޙްމަދު ޢަލީ
ތަރުޖަމާ: ޙަސަން ޣައްސާން
ކޮމެންޓް
ގުޅޭ ލިޔުންތައް