ފަޅުރަށުގެ އަޅުވެރިޔާ – ތިޔަބައިމީހުންގެ ކަލާނގެ އަވަހާރަފުޅު ލައްޕަވާތޯއެވެ؟

އެޑްމިން

ޢަބްދުލް ވާޙިދު އިބުނު ޒައިދު ރަޙިމަހުމުﷲއަކީ އިމާމު އަބޫ ޙަނީފާގެ ދަރިވަރެކެވެ. އެކަލޭގެފާނު ވެއްލެއްވީ، ޢިލްމު ހޯއްދެވުމުގައި ގިނަގުނަ ދަތުރުފުޅުތައް ކުރެއްވި މާތް ބޭކަލަކުކަމުގައެވެ. އެކަލޭގެފާނު ފާހަގަކުރެއްވިފައިވަނީ ދުނިޔެވީ އަދި ދީނީ ޢިލްމު ހާސިލްކުރެއްވުމުގައި އިސްލާމީ އުންމަތަށްވެސް ނަމޫނާ ބޭކަލެއްކަމުގައެވެ. އެކަލޭފާނުގެ ފަރާތްޕުޅުން އައިސްފައިވާ ޢިބުރަތްތެރި އެތައް ވާހަކަތަކެއްވެއެވެ. އެއީ އަދުގެ ޖީލުތައް އެފަދަ ހާދިޘާތަކުން ޢިބުރަތް ލިބިގަނެ، އެކަންތައްތަކުގެ މައްޗަށް ތިމާގެ ދިރިއުޅުން އިސްލާޙުކޮށް ހަރުދަނާކޮށް، އިސްލާމީ ގިއުގަނޑުގެ މަތީގައި ދިރިއުޅުން އާރާސްތުކުރުމަށް އޮތް އަލި ރާސްތާތަކެކެވެ.

ޢަބްދުލް ވާޙިދު އިބުނު ޒައިދުގެ ފަރާތްޕުޅުން އައިސްފައިވެއެވެ. އެކަލޭގެފާނާއި މުސްލިމުންގެ ޖަމާޢަތެއްގެ ބޭކަލުން ކަނޑުދަތުރެއްގެ މަތީގައިވީމެވެ. ދަތުރުގެ މެދެއްހާތަނުން، ވައިގަދަވެ ކަނޑު ކައްކަން ފަށައިފިއެވެ. ނަވުގެ ރިޔާތަކަށް ކެތްނުކުރެވޭ ވަރަށް ރޯޅިވާން ފެށުމުން، އެންމެފަހުން ނަވުގެ މިސްރާބު ބަދަލުކުރާން މަޖުބޫރުވެއްޖެއެވެ. ނަވު ދަތުރުކުރަމުން ގެންދިޔައީ މާކަނޑުގައި ކަމުން، ރަށެއް އަތުޖެހޭތޯ އިރުކޮޅަކު ދުއްވާން ޖެހުނެވެ. މިކޮޅިގަނޑުގެ ތެރޭގައި މުޅި ނަވު ބަނދެވިގެން އުޅެނިކޮށް، ދާދި ކައިރިން ރަށެއްގެ މަލަމަތި ދައްކާލައިފިއެވެ. ލަސްނުކޮށް ނަވުގެ މާލިމީ، އެރަށާއި ދިމާއަށް ނަވު މިސްރާބުކޮށްފިއެވެ. ވިއްސާރައިގެ މި ކޮޅިގަނޑުގައި ނަވަށް ރައްކާތެރިކަން ހޯދަންޖެހުނީ މިރަށުގައި ބަނދަރުކޮށްގެންނެވެ.

ކޮންމެއަކަސް މިރަށުގެ ރަށްބޭރަށް ނަވު ބަނދަރުކޮށް، ވިއްސާރަ އަލިކޮށްލުމާއެކު ރަށުތެރެ ބަލައިލުމުގެ ގަސްތުގައި ޢަބްދުލް ވާޙިދު އިބުނު ޒައިދާއި އެކަލޭގެފާނުގެ ޖަމާޢަތުގެ ބޭކަލުން ރަށަށް ފައިބަންނަވައިފިއެވެ. ރަށުގެ މަލަމަތިން އިންސާނެއްގެ އަސަރެއް ނުފެނުނު ކަމުން، ރަށުގެ އެތަން މިތަން ބަލަމުން، އެބޭކަލުން ރަށުގެ އެތެރެއަށް މިސްރާބު ޖައްސަވައިފިއެވެ. އެބޭކަލުންނަށް ހައިރާންކަން ލިބިލެއްވީ، މާދުރުނޫން ހިސާބެއްގައި އިންސާނަކު، އެކަނި ނަފްސަށް ޙަރަކާތްތަކެއް ކުރުމުގައި އަވަދިނެތި އުޅޭ މަންޒަރު އެބޭކަލުންނަށް ފެނިލެއްވުމުންނެވެ. އެ އިންސާނަކު ހުރީ އެބޭކަލުންނަށް ފުރަގަސްދީގެންކަމުން، އޭނާގެ ފުރަގަހުގައި ބަޔަކު ތިބިކަމުގެ އިޙުސާސް އޭނާއަކަށް ނުކުރެވުނެވެ. އެބޭކަލުން ހައިރާންކަމާއެކު ބައްލަވަމުން ގެންދެވީ އޭނާ ކުރަމުން ގެންދިޔަ ޙަރަކާތްތަކަށެވެ. އޭނާގެ ޙަރަކާތްތަކުން، އޭނާ އެކުރަނީ ޒާތެއްގެ އަޅުކަމެއްކަން އެބޭކަލުންނަށް އެނގިލައްވައިފިއެވެ.

މިކަމުގެ ހައިރާންކަން އިތުރުވެ، އެބޭކަލުން އޭނާއާއި ސުވާލު ކުރައްވަން ފައްޓަވައިފިއެވެ. 'ތިބާ ތިޔަ އަޅުކަންކުރަނީ ކޮން ފަރާތަކަށް ހެއްޔެވެ؟' އޭނާއަށް އެބޭކަލުންގެ އަޑު ޖެހުމާއެކު، އެބޭކަލުންނަށް ބަލާލިއެވެ. އަދި އެބޭކަލުން އޭނާއާ ކުޅަ ސުވާލުގެ ޖަވާބު އެބޭކަލުންނަށް އެރުވުމުގެ ގޮތުން ތަންކޮޅެއް ދުރުގައިވާ ބުދަކަށް އޭނާ އިޝާރާތްކުރިއެވެ. އެއީ އޭނާ އެ އަޅުކަން ކުރަމުން ގެނދިޔަ އިލާހުކަމުގައި އެބޭކަލުންނަށް ދެއްކުމުގެ ބޭނުމުގައެވެ. އޭނާގެ ފުށުން މި ލިބުނު ޖަވާބާއެކު، ޢަބްދުލް ވާޙިދު އިބުނު ޒައިދު ވިދާޅުވެއްޖެއެވެ. 'އަހުރެމެންގެ ނަވުގައި ތިޔަ ފަދަ އިލާހަކަށް އަޅުކަން ކުރާ މީހަކު އަހުރެމެންނާއެކު ދަތުރުކުރި ހަނދާނެއް ނުވެއެވެ. ތިބާއީ މިރަށުގެ އަހުލުވެރިޔަކީމުތާއެވެ.' އެކަލޭގެފާނުގެ ފަރާތްޕުޅުން އޭނާއަށް މި އިވުނު ބަސްތަކާއެކު، އެކަލޭގެފާނަށް ނިސްބަތްކޮށް އޭނާ އެއްސެވެ. 'ނިކަން ބުނެބަލާށެވެ. ތިޔަބައިމީހުން އަޅުކަން ކުރަނީ ކޮން ފަރާތަކަށް ހެއްޔެވެ؟' އޭނާގެ މި ސުވާލުގެ ޖަވާބުގައި އެބޭކަލުގެ ތެރެއިން ބޭކަލަކު ދެންނެވިއެވެ. 'އަހުރެމެންގެ ވެރި އިލާހަކީ ﷲ ތަޢާލާއެވެ. އެއީ ޙައްޤުވެގެން އަޅުކަން ކުރެވޭ ފަރާތެވެ.'

ކޮންމެ ޖަވާބަކާއެކުގައި އޭނާގެ ކިބައިގާވާ ސުވާލުތައްވީ އިތުރެވެ. އޭނާ ފިކުރު ހިންގަމުންދާ ނަޒަރަކުން އެބެކަލުންނާއި ސުވާލުކުރަމުން ގެންދެއެވެ. 'ﷲ އީ ކޮން އިލާހެއް ހެއްޔެވެ؟' ޖަވާބުގައި އިބުނު ޒައިދުގެފާނު ވިދާޅުވިއެވެ. 'އެއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ވޮޑިގެންވަނީ އެކަލާނގެ އަރުޝުކޮޅުގައެވެ. އެއީ އުޑުތަކާއި ބިމުގައި ޚަލްޤުކުރެވިގެންވާ އެންމެހާ މަޚުލޫޤުން އުފެއްދެވި ޚާލިޤުވަންތަ ރަސްކަލާނގެއެވެ.' ކޮންމެ ޖަވާބަކާއެކު އޭނާގެ ސުވާލުތަކުގެ ގިންތިވެސް އޭނާ މަތިކުރެއެވެ. އޭނާގެ މިފަހަރުގެ ސުވާލު ތަފާތެވެ. 'އެކަލާނގެއާ ބެހޭގޮތުން ތިޔަބޭކަލުންނަށް ތިޔަހާ ފުރިހަމަކޮށް އެނގިލެއްވީ ކޮންގޮތަކުންތޯއެވެ؟' އޭނާގެ މި ސުވާލުގެ ޖަވާބު އެބޭކަލުން ދެއްވީ ތިލަކަމާއި ސާދާކަމާއެކުގައެވެ. އޭނާއަށް އެ ސުވާލުގެ ޖަވާބު ފަޙުމްވުން އިތުރުކުރުމަށްޓަކައެވެ. އެބޭކަލުންގެ ތެރެއިން ބޭކަލަކު އޭނާއަށް ނިސްބަތްކޮށް ވިދާޅުވިއެވެ. 'އެކަލާނގެ އަހުރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވެވިއެވެ. ޙުއްޖަތްތަކާއި މުޢުޖިޒާތްތަކާއި އެކުގައެވެ. އެއީ އެކަންތައްތަކުގެ މައްޗަށް އެކަލޭގެފާނަށް ބާރުދެއްވުމުގެ ގޮތުންނެވެ.' އޭނާ އަނެއްކާވެސް ސުވާލުކުޅައެވެ. 'ތިޔަ ބޭކަލުން ތިޔަ ވިދާޅުވާ ރަސޫލާ މިހާރު ކޮބައިތޯއެވެ؟' ކެތްތެރިކަމާއެކު އެބޭކަލުން ޖަވާބު ދެއްވަމުން ގެންދެވިއެވެ. 'އެކަލޭގެފާނާއި ހަވާލުކުރެވިފައިވާ ރަސޫލުކަން ފުރިހަމަވުމާއެކު، އެކަލޭގެފާނު އެކަލާނގެ ޙަޟުރަތަށް، ދާއިމަށް ދެމިގެންވާ ގޯއްޗަށް ދަތުރުކުރެއްވީއެވެ.' މިއާއެކު އެބޭކަލުންނާއި މެދުގައި އޭނާގެ ޝައުޤުވެރިކަން އިހުނަށްވުރެ ބޮޑުވެ، އެބޭކަލުންނާ ސުވާލުކުޅައެވެ. 'އެބޭކަލަކު ހަމަ ވަޑައިގަތީތޯއެވެ. ތިޔަ ބައިމީހުންނަކަށް ހަމަ އެކައްޗެއްވެސް ނުދެއްވާތޯއެވެ؟' އޭނާ ކުޅަ މިސުވާލުގައި އެކުލެވިގެންވީ ޝައުޤު އެބޭކަލުން ދެނެވަޑައިގެން އޭނާގެ ސުވާލުގެ ޖަވާބު އަރުވައިފިއެވެ. 'ނޫނެވެ. އެކަލޭގެފާނު އަހުރެމެންނަށް ދޫކުރެއްވީ އެކަލާނގެ އަހުރެމެން އިންސާނުންނަށްޓަކައި ބާވާލައްވާފައިވާ މާތް ފޮތެވެ.'

އޭނާގެ ސުވާލުތަކަކަށް ނިމުމެއް ނައެވެ. ރައްދުގައި އޭނާ ސުވާލުކުރަނީއެވެ. 'ތިޔަ ފޮތެއް އަހުރެންނަށް ނިކަން ދައްކާލަބަލާށެވެ.' ކޮންމެއަކަވަސް އެބޭކަލުންކުރެ ބޭކަލަކު، އޭނާއަށް ކީތިރި ޤުރުއާނުގެ މުސްޙަފެއް ދައްކައިފިއެވެ. އޭނާ އިރުގަނޑެއް ވާންދެން އެފޮތުގެ އެތަން މިތަން ބެލުމަށްފަހު ބުނެފިއެވެ. 'އަހުރެންނަކީ ލިޔަން ކިޔަން ދަންނަ މީހަކު ކަމުގައި ނުވަމެވެ. ނިކަން ތިޔަ ފޮތުގައިވާ އެއްޗެއް އަހުރެންނަށް އިއްވައިދީބަލާށެވެ.' އެބޭކަލުންގެ ތެރެއިން ބޭކަލަކު، ޤުރުއާނުގެ މޫރިތި އާޔަތައް އޭނާށް ކިޔަވާ ވިދާޅުވެ ދެއްވަން ފައްޓަވައިފިއެވެ. އޭނާގެ ހަށިގަނޑު ގަބުވެ، އިޚްތިޔާރަކާ ނުލާ އޭނާއަށް ރޮވެންފަށައިފިއެވެ. އެބޭކަލަކު އެ ކިޔަވާވިދާޅުވަމުން ގެންދެވި އާޔަތްތަކުގައި އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅުތަކުގެ މުރާދު އޭނާއަށް އޮޅުންފިލަމުންދާ ފަދައަކުންނެވެ. ރޮވެމުން ގިސްލެމުން ދިޔަ ހާލު އޭނާ އެބޭކަލުންނަށް ބުންޏެވެ. 'ތިޔަ ފަދައިން ވަޙީކުރައްވާ ކަލަކަށް ފުރަގަސްދިނުމަކީ އެއްގޮތަކަށްވެސް ކުރެވޭނޭ ކަމެއް ނޫނެވެ.' އޭނާ މިހެން ބުނުމާއެކު، އެބޭކަލުން އޭނާއަށް ޝަހާދަތުގެ ދެ ކަލިމަ، لآ اِلَهَ اِلّا اللّهُ مُحَمَّدٌ رَسُوُل اللّهِ، ލައިދީފިއެވެ. މި މަދު ވަގުތުކޮޅުގެ ތެރޭގައި އޭނާ އިސްލާމްދީނާއި ބެހޭގޮތުން އެތައް ކަމެއް އޮޅުން ފިލުވައިފިއެވެ. ނަމާދުގެ ޙަރަކާތްތައް ފަދަ ޢަމަލީ ކަންކަންވެސް ދަސްކުރަން ފަށައިފިއެވެ.

ވިއްސާރަ އެއްކޮށް އަލިވެ، ކޮޅިގަނޑު އެރަށް ފަހަނައަޅާ ދިއުމުން ޢަބްދުލް ވާޙިދު އިބުނު ޒައިދާއި އެކަލޭގެފާނުގެ ޖަމާޢަތް ދަތުރަށް ތައްޔާރުވާން ފަށައިފިއެވެ. އެބޭކަލުން ވަޑައިގަންނަވަން އުޅުއްވާކަން އޭނާއަށް މޭރުންވުމާއެކު، އެކަލޭގެފާނަށް ނަންގަތެވެ. 'ކަލޭގެފާނުންގެ ނަވުގައި އަހުރެން ފަޅުވެރިއެއްގެ ގޮތުގައި ގެންގޮސް ދެއްވޭނެތޯއެވެ؟' އެބޭކަލުންގެ އަޚާގެ އެދުމަށް ފުރަގަސްދިނުމެއްނެތި، އެންމެ ބޭކަލުން އެކަމަށް އެއްބަސްވެލެއްވިއެވެ. އޭނާ އެބޭކަލުންނާއެކު ދަތުރުގައި ބައިވެރުމުގެ އުފާވެރިކަން އެބޭކަލުންނަށް އިޙުސާސްކުރެއްވެން ފެއްޓެވީ ކީރިތި ޤުރުއާނުގެ ސޫރަތްތައް އޭނާއަށް ދަސްކޮށްދިނުމުގެ މަސައްކަތް ފެއްޓުނު ހިސާބުންނެވެ. މިދުވަހު އޭނާ ޤުރުއާނުން އެތައް އާޔަތެއް ދަސްކުޅައެވެ. ދުވަސް ދައުރުވެ، އިރުއޮއްސި، ޢިޝާ ދަމުގެ ފަހުއަތަށް ޖެހުމާއެކެ، މުޅި ނަވުގެ މީސްތަކުން ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށްފަހު، ނިދުމާއިގެން މަސްޢޫލުވާން ފަށައިފިއެވެ. އެއީ ޢަބްދުލް ވާޙިދު އިބުނު ޒައިދުގެފާނުންގެ އަރިހުގައި ފަޅުރަށުން ބައްދަލުވި، އެބޭކަލުންގެ އަޚާ އިތުރު ސުވާލެއް ކުރި ވަގުތެވެ. 'ނިކަން ބުނެދެއްވަ ބައްލަވާށެވެ. އަހުރެންގެ ޞާޙިބުވަންތަ ރަސްކަލާނގެއަށް އަވަހާރަފުޅުލެއްޕެވުން ވޭތޯއެވެ؟' އޭނާގެ ސުވާލުގެ ޖަވާބު އަދާކުރުއްވުމުގެ ގަސްތުގައި އެކަލޭގެފާނު އޭނާއަށް ސޫރަތުލް ބަޤަރާގެ ދުއިސައްތަ ފަންސާސް ފަސްވަނަ އާޔަތް ވިދާޅުވެދެއްވާ، އެ އާޔަތުގެ މައުނަ 'އެއީ ދިރިދެމިވޮޑިގެންވާ، ދާއިމަށް ޤާއިމްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ.' މިފަދައިން ވިދާޅުވެދެއްވިއެވެ.

ކީރިތި ޤުރުއާނުގެ މިއާޔަތް އަޑުއިވުނު ހިނދު، އޭނާ އެބޭކަލުންގެ ޖަމާޢަތަށް އިޝާރާތްކުރަމުން ބުންޏެވެ. 'ތިޔަބޭކަލުންނީ އަދަބުކުޑަ ބައެއްތާއެވެ. އެބައެއްގެ ވެރި ޞާޙިބު ނުނިދާވާ ހާލުގައި، އެ ޞާޙިބުގެ އަޅުން ނިދުމަކީ ހާދަޔާ ވިޔާނުދާ ސިފައެކެވެ.' އޭނާ މިހެން ބުނުނާއެކު، އޭނާގެ ހަށިގަނޑަށް އައު ބާރަކާއި ހިތްވަރެއް އައި ފަދަޔަކުން ކޮޅަށް ތެދުވެ ނަމާދުކުރުމާއި ޤުރުއާނުން އޭނާއަށް ދަސްވެފައިވާ މިންވަރު ކިޔެވުމައި މަސްޢޫލުވެއްޖެއެވެ. އޭނާގެ ރުޔުމާއި ދުޢާގެ އަޑު އަލިވިލޭންދެން، އެބޭކަލުންނަށް އިވިއިވި ހުއްޓެވެ. އިބުނު ޒައިދުގެފާނުގެ ޖަމާޢަތުގެ ބޭކަލުން ދަތުރުކުރައްވަމުން ގެންދެވި މަންޒިލުކަމުގައިވާ ފާރިސްކަރައިގެ ޢަބާދާނުގެ ބަނދަރަށް އާދެވުމާއެކު އެބޭކަލުން މަޝްވަރާކުރައްވަން ފައްޓަވައިފިއެވެ. އެބޭކަލުންގެ އަޚާއަށް ކޮންމެވެސް ގޮތެއް ހޯދައިދިނުމާއި މެދުގައެވެ. މި މަޝްވަރާއަށްފަހު، އޭނާގެ ގާތަށްގޮސް އެބޭކަލުން ވިދާޅުވެއްޖެއެވެ. 'ތިބާއީ މިރަށަށް ބީރައްޓެއްސެކެވެ. މިހުރީ ތިމަން ބޭކަލުން ތިބާއަށްޓަކައި ދޭ ފައިސާކޮޅެކެވެ. މިރަށުން ގޮތެއް ފެންނަންދެން މިއިން ކައިބޮއި އުޅޭށެވެ.' އެބޭކަލުންގެ މިފައިސާގައި ހިފުމަށް އިންކާރުކުރަމުން އޭނާ އެބޭކަލުންނަށް ނަންގަތެވެ. 'ތިޔަ ފައިސާއިން ތިޔަ ބޭކަލުން ހޭދަކުރާށެވެ. ސުބުޙާނަﷲއެވެ. ތިޔަ ބައިމީހުންނަށް ވަޒަންވެސް ފުރިހަމައަށް ނުކުރެވޭހާ މާތް ދީނަކަށް ތިޔަބައިމީހުން އަހުރެންނަށް މަގުދައްކައިދީފީމު ނޫންހެއްޔެވެ؟ ފަޅު ރަށެއްގައި، އެކަނިމާއެކަނި، އަހުރެންގެ ވެރި އިލާހު ފިޔަވާ މަށިންވާ އިލާހަކަށް އަހުރެން އަޅުކަން ކުރަމުން ގެންދިޔައިރުވެސް އެކަލާނގެ އަހުރެންނަށް ރިޒުޤު ދެއްވިއެވެ. އަހުރެންނަކަށް ދައްޗެއް ނުކުރައްވަވައެވެ. މިއަދު އަހުރެން، އެހުރިހާ ކަމެއްދޫކޮށް، ޙައްޤުވެގެން އަޅުކަންވެވޭ އިލާހަށް ފުރިހަމައަށް އީމާންވުމުން، އެކަލާނގެ އަހުރެންނަށް ކަނޑައެޅިގެންވާ ރިޒުޤުން އަހުރެން މަޙްރޫމު ކުރައްވާނެތޯއެވެ. އެއީ އެކަލާނގެ އަޅުތަކުންނަށް ކަންކަން ތަނަވަސްކޮށްދެއްވުމުގައި ކުޅަދުންވަންތަ ރަސްކަލާނގެއެވެ.' އޭނާ މިހެން ބުނުމަށްފަހު، އަހުރެމެންނާއި ވަކިވެގެން ހިގައްޖެއެވެ.

އޭގެ އެތައް ދުވަހެއްގެ ފަހެވެ. އެބޭކަލުންނަށް އޭނާގެ ޚަބަރު އަބާދާނުގެ ތެރެއިން އޮޅުން ފިލާވަރުވެއްޖެއެވެ. އޭނާގެ ބަލި ޙާލުގެ ވާހަކައިން އޮޅުންފިލުމުން، އެބޭކަލުން އޭނާގެ ގާތަށް ވަޑައިގެންފިއެވެ. އެބޭކަލުންނަށް އޭނާގެ ގާތަށް ވަޑައިގެންނެވުނު އިރު އޭނާގެ ފަހު ވަގުތުތައް އޭނާ ގުނަމުންދަނީއެވެ. އޭބަލުން އޭނާއަށް ސަލާމް ރައްދުކުރުމަށްފަހު، އޭނާގެ ކިބައިން ބޭނުންވަނީ ކޮން ކަމަކަށްތޯ ސުވާލުކުޅައެވެ. އޭނާގެ ޖަވާބުގައިވަނީ ވިސްނުން ހިންގައިފި ކޮންމެ ފުރާނައަކަށް ޢިބުރަތުން ފުރިގެންވާ ދަރުހެކެވެ. 'އަހުރެންގެ ނުދެތުމުގައި ތެދުމަގާއިގެން އެ ފަޅުރަށަށް ތިޔަ ބޭކަލުން ނެގެސްދެއްވި ރަސްކަލާނގެ އަހުރެންނަށް އެންމެހާ ކަންކަން ފުއްދަވައިދެއްވާފައިވެއެވެ.'

އިބުނު ޒައިދުގެފާނު، އޭނާގެ މަގަތުގައި އިށީނދެވަޑައިގެނެވިއެވެ. އޭނާގެ ހިތް ހަމަ ޖައްސަވައިދެއްވާ، އެނާއަށް ހޭހާންކޮށްދެއްވުމުގެ ބޭނުންފުޅުގައެވެ. މާކަގިނަ އިރުތަކެއްނުވެ، އެކަލޭގެފާނަށް ނިދިކުރެއްވިއްޖެއެވެ. ނިދީގެ ފުންކަމާއެކު، ހުވަފެންފުޅެއް އެކަލޭގެފާނަށް ފެނިވަޑައިގެންފިއެވެ. ހުވަފެންފުޅުގައި އެކަލޭގެފާނަށް ފެނިވަޑައިގަތީ އަބާދާނުގެ ޤަބުރުސްތާނެވެ. އެތަނުގައި ނޫރެއްފަދައިން ވިދާބަބުޅާ އަންހެން ޞާޙިބަކު އެކަލޭގެފާނަށް ވިދާޅުވަނީއެވެ. އޭނާގެ ކަށުކަމާކެމީގެ ކަންތައްތައް އަވަހަށް ނިންމާށެވެ. އޭނާއަށްޓަކައި އަހުރެން އިންތިޒާރުގައިވާތާ އެތައް ދުވަހެކެވެ.' މި ހުވަފެންފުޅާއެކު، އެކަލޭގެފާނަށް ހޭފުޅުލެއްވެވިއްޖެއެވެ. އޭރު އޭނާގެ ޠާހިރު ފުރާނަ އޭނާގެ ހަށިގަނޑާއި ވަކިވެ ހިގައްޖެއެވެ. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ޖަމާޢަތުގެ ބޭކަލުން، އެބޭކަލުންގެ އަޚާގެ ޖަނާޒާގެ ކަންކަން ނިންމުމަށްފަހު، އަބާދާނުގެ ޤަބުރުސްތާނުގައި އޭނާގެ ހަށިގަނޑު ވަޅުލުމަށްފަހު، އެބޭކަލުންގެ ގެތަކަށް އެބޭކަލުން ރުޖޫޢަވެއްޖެއެވެ. އިބުނު ޒައިދުގެފާނުވެސް އެކަލޭގެފާނުފެ ގެކޮޅަށް ވަޑައިގެން، އޮށޯވެވަޑައިގަތުމާއެކު ނިދިކުރެއްވިއްޖެއެވެ. ނިދީގެ ތެރޭގައި އެކަލޭގެފާނާށް އަނެއްކާވެސް ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. އެހުވަފެންފުޅުގައި ފަޅުރަށުން ބައްދަލުވެ އިސްލާމްވީ އަޚާ ނުހަނު ރީތި ސޫރައެއްގައިވަނިކޮށް ފެނިވަޑައިގަތެވެ. އޭނާގެ ގާތުގައި އިށީނދެލައިގެން އެއިނީ ކުރިން ހުވަފެނުގައި ދުށް ރިވެތި ކަމަނާއެވެ. އޭނާ އެތަނުގައި އިނދެ ސޫރަތުއް ރަޢުދުގެ ސައުވީސްވަނަ އާޔަތް ކިޔަވަމުން ގެންދެއެވެ. 'سَلَامٌ عَلَيْكُمْ بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى الدَّارِ' މައުނައީ، 'އެބޭކަލުން ވިދާޅުވާނެތެވެ. ތިޔަބައިމީހުން ކެތްތެރިވިކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ފަހެ، އާޚިރަތުގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ.'

ނޯޓު: އިބުނު ޒައިދުގެ ފަރާތްޕުޅުން އައިސްފައިވާ މި ހާދިޘާގެ އަސްލަށް ބަލާއިރު، ކޮންމެ ކަމެއްގައިވެސް ވަކީލުކުރުން ހައްޤުވެގެންވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާކަން ކަށަވަރުވެއެވެ. އެކަލާނގެއީ ދޫނިސޫފާސޫފިތަކަށް ރިޒުޤު ތަނަވަސްކޮށްދެއްވާ ފަދައިން، އެކަލާނގެއަށް ވަކީލުކުރުމުގައި ދެމިތިބޭ އަޅުތަކުންނަށް ރިޒުޤު ތަނަވަސްކޮށްދެއްވުމުގައި ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

މި ތަރުޖަމާގައި މަޢުލުމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވަށެވެ.

މަސްދަރު: އިސްލާކްސްޓޯރީސް

ތަރުޖަމާ: ޙަސަން ޣައްސާން

ކޮމެންޓް

ގުޅޭ ލިޔުންތައް