އިސްލާމް ދީނަށް ފާޅުގައި ގޮވާލައްވަން ފެއްޓެވުމާއެކު، އެ ދީނުގެ ޚިދާޔަތު ﷲ މިންވަރު ކުރެއްވި ގިނަ ބޭކަލުންނަކީ އާރާއި ބާރާއި ނުފޫޒުގެ ގޮތުން އެދުވަސްވަރު މައްކާގެ އަހުލުވެރިންގެ ތެރޭގައި ގަދަފަދަ ބޭކަލުންނެއް ނޫނެވެ. އެބޭކަލުންގެ ތެރެއިން މަދު ބޭކަލަލު ފިޔައެވެ. އިސްލާމްދީނުގެ ޅަފަތުގެ ދުވަސްވަރު، އިސްލާމް ވަޑައިގެން ގިނަ ބޭކަލުންވަނީ މައްކާގެ މީސްތަކުންކުރެ ފަޤީރުންނާއި، ނިކަމެތިންނާއި އަޅުން ކަމުގައެވެ. މި ފަދަ ބޭބޭކަލުންގެ ޖަމާޢަތްތައް ސަފުސަފަށް އިސްލާމްދީނަށް ވަންނަމުން ދިއުމާއެކު، މައްކާގެ ބޮޑުންނަށް މިއީ ބަލަން ކެތްވާވަރުގެ މަންޒަރަކަށް ނުވިއެވެ. އެންމެފަހުން، އެބޭކަލުން އިސްލާމްދީނުން ބޭރުކޮށް، އިހުތިބި ގޮތަށް އަނބުރާލުމުގެ ގަސްތުގައި، އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ، ބޮޑަތިވެގެންވީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކަށް އެބޭކަލުންގެ ނަފްސުތަކާއި އެބޭކަލުންގެ އަހުލުންނާއި މުދާތައް ހުށައަޅުއްވައިފިއެވެ.
މައްކާގެ މުޝްރިކުންގެ އަނިޔާތައް ދުވަހެއް ދުވަހަކަށް އިތުރުވެ، މި ވޭންތަކަށް ކެތް ނުކުރެވޭ ދަރަޖައަށް ގޮސްފައިވަނިކޮށް އަނިޔާ ލިބެމުންދާ މުސްލިމުތަކުން، ޙަބާޝާއަށް ޙިޖުރައަށް ވަޑައިގަތުމުގެ މަތިވެރި އިޛުނަފުޅު ދެއްވިއްޖެއެވެ. މުސްލިމުންގެ ފުރަތަމަ ޙިޖުރައިގެ މަރުކަޒަކީ ޙަބަޝާއަށް ހެދުމުގެ އެންމެ ބޮޑު އެއް ސަބަބެއްކަމުގައިވީ އެދުވަސްވަރު ޙަބަޝާގައި ވެރިއަކަށް ހުންނެވި ނަޖާޝީގެ ޢަދުލުވެރިކަމާއި އިންސާފުވެރިކަމުގެ ވާހަކަ އެބޭކަލުންގެ ކަންފަތްތަކަށްވެސް ފޯރާފައިވާ ކަމުންނެވެ. މުސްލިމުތަކުންނަށް ދެއްވުނު މި އިޛުނައާއެކު، އެތައް އެތައް ބޭކަލުންނެއް ޙަބާޝާއަށް ޙިޖުރައަށް ވަޑައިގެންފިއެވެ. މިގޮތުގައި ޙަބަޝާގެ ދީލަތި ހިޔާވަހިކަމުގައި މުސްލިމުތަކުން އެބޭކަލުންގެ ދިރުއުޅުން އާރާސްތުކުރައްވަން ފައްޓަވައިފިއެވެ.
މި ޚަބަރު މައްކާގެ މުޝްރިކުންނަށް ލިބުމާއެކު، އެބޭކަލުން އަނބުރާ މައްކާއަށް ރުޖޫޢަކުރައްވާތޯ ނަޖަޝީގެ އަރިހުގައި ދެއްނެވުމުގެ މަޤްޞަދުގައި އެދުވަސްވަރަށް މައްކާގެ ބޮޑުންކުރެ ޢަމުރު ބުނުލް ޢާސް ޙަބަޝާއަށް ވަޑައިގެން އެކިއެކި ވެދުންތަކާއެކު ނަޖާޝީގެ އަރިހުގައި ދަންނަވައިފިއެވެ. އެބޭކަލުން އަނބުރާ މައްކާއަށް ފޮނުއްވާތޯއެވެ. މުސްލިމުންގެ ފަރާތްޕުޅުން ޖަޢުފަރު އިބުނު އަބީޠާލިބުގެފާނުގެ ޙާޟިރުގައި ހިންގެވުނު އިންސާފުވެރި ޝަރީޢަތަކަށްފަހު، ނަޖާޝީ އިޢުލާނު ކުރެއްވިއެވެ. 'ތި އެންމެ ބޭކަލުން، އެނބުރި ދާށެވެ. އަމާންކަމާއެކު އަހުރެންގެ ބިމުގައި ތިޔަބައިމީހުން އުޅޭށެވެ.' މިއާއެކު ޢަމްރު ބުނުލް ޢާސްއަށް އިޝާރާތްކުރައްވާ ވިދާޅުވިއެވެ. 'ކަލޭގެފާނަށް އަހުރެންގެ ޖަވާބު ލިބިއްޖެ ނޫންހެއްޔެވެ؟ މައްކާގެ ބޮޑުންނަށް ދަންނަވާށެވެ. އަހުރެންގެ ބިމުން ހިމާޔަތާއި ރައްކާތެރިކަން އެދިގެން އައިސްތިބި ބަޔަކު، އިންސާފަކާއި ނުލާ ރައްދެއްނުކުރާނަމެވެ. މައްކާގެ ބޮޑުންގެ ފުށުން ހަދިޔާއެއްކަމުގައި އަހުރެންގެ ގާތަށް ފޮނުވުނު އެންމެހާ ތަކެތި އަނބުރާ ގެންދާށެއެވެ. މިފަދަ ކަންކަމުގައި ރަސްރަސްކަލުންގެ ދަރުބާރަށް ހުށައެޅޭ ހަދިޔާއަކީ ރިޝްވަތެވެ. އަހުރެންގެ ވެރިކަން އަހުރެންނަށް އަނބުރާ ރައްދުކޮށްދެއްވުމުގައި މާތް ކަލާނގެ އަހުރެން ކިބަޔަކުން ރިޝްވަތެއް ނުހިއްޕަވައެވެ.'
އައް ޒުޙުރީ ރަޟިޔަﷲ ޢަންހުގެ ފަރާތްޕުޅުން އައިސްފައިވެއެވެ. އުންމު ސަލަމާގެފާނުގެ ކިބައިންނާއި، ޢުރުވަތު ބުނުއް ޒުބައިރުގެފާނުގެ ފަރާތްޕުޅުން އައިސްފައިވާ ވާހަކައެއްވެއެވެ. އެކަލޭގެފާނު ވިދާޅުވާތީ އަހުރެން އެހީމެވެ. 'ޢަމްރު ބުނުލް ޢާސްގެފާނަށް ދެއްވެވި ޖަވާބުގައި ތިމަން ރަސްގެފާނުގެ ވެރިކަން އަނބުރާ އިޔާދަކޮށްދެއްވުމުގައި ތިމަން ރަސްގެފާނުގެ ފަރާތްޕުޅުން މާތް ރަސްކަލާނގެ ރިޝްވަތެއް ނުހިއްޕަވައޭ ނަޖާޝީ ވިދާޅުވީ ކޮން ހާދިޘާއަކާ ގުޅިގެންކަން އެނގިލައްވާތޯއެވެ؟ އެކަލޭގެފާނުގެ މި ސުވާލުފުޅަށް އައް ޒުޙުރީ ރަޟިޔަﷲ ޢަންހު ނޫނެކޭ، ތިމަންކަލޭގެފާނަށް އެނވަޑައިގެންނުވަމޭ ވިދާޅުވެ ޖަވާބު ދެއްވުމާއެކު، އެކަލޭގެފާނު ނަޖާޝީގެ އެ ހާދިޘާ ކިޔައިދެއްވަމުން ވިދާޅުވިއެވެ.
'ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން އައިސްފައިވާތީ ތިމަންކަލޭގެފާނު މި ވާހަކަ އެއްސެވީމެވެ. އެއީ އައްނަޖާޝީގެ ބައްޕާފުޅު ޙަބަޝާގެ ވެރިކަމުގައި ހުންނެވި ދުވަސްވަރެވެ. އެކަލޭގެފާނުގެ ބައްޕާފުޅާއި އެއްކިހުނުގައި ވީ ކޮއްކޯފުޅަކު ހުންނެވިއެވެ. އޭނާގެ ކިބައިގައި ބާރަ ދަރިންވެއެވެ. އެހެނަސް އިތުރު ދަރިކަލަކު ލިބިވަޑައިނުގަންނަވާކަމުން އައްނަޖާޝީގެ ބައްޕާފުޅުގެގެ ފަރާތްޕުޅުގައިވަނީ އެކަލޭގެފާނު ގިނިކަންޏާއެވެ.
ހަބަޝާގެ މީސްތަކުންނަކީ ވެސް ސުލްޙައާއި މަސަލަސްކަމަށް ލޯބިކުޅަބައެވެ. އެއްދުވަހެކެވެ. ޙަބަޝާގެ ބޮޑުންގެ މެދުގައި ހިނގި ހޫނު ސައްލާއަކަށްފަހު، އައް ނަޖާޝީގެ ބައްޕާފުޅު އަވަހާރަކޮށްލުމަށްފަހު، އައް ނަޖާޝީގެ ބައްޕާފުޅުގެ އެއްކިހުނުގައިވީ ކޮއްކޯފުޅާއި ރަސްކަމުގެ ބާރުތައް ހަވާލުކުޅައުމަށް ނިންމައިފިއެވެ. އެއީ ކޮއްކޯފުޅުގެ އަރިހުގައި ބާރަ ދަރިން ތިބި ކަމަށްޓަކައްޔާއި، އެކަމުގެ ސަބަބުން، ރަސްކަމުގެ ތާޖަށް ހިނގާނެ ކޯޅުން ކުޑަވެ، ލޭއޮހޮރުވުންތައް މަދުވެ، ޙަބަޝާގެ މިސްތަކުންގެ މެދުގައި ދިގުދެމިގެންދާނެ ހަމަޖެހުމެއް އަށަގަންނާނެތީއެވެ. ކޮންމެއަކަސް ކޮއްކޯފުޅަށް ވެރިކަން ލިބިވަޑައިގަތުމާއެކު، އައް ނަޖާޝީ އެކަލޭގެފާނުގެ ބޭބޭފުޅުގެ އަރިހަށް ވަޑައިގެންފިއެވެ. އެކަލޭގެފާނުގެ ވިސްނުންފުޅުގެ ތޫނުކަމަށްޓަކައްޔާއި، ހެޔޮވެގެންވާ ޚުލްޤުފުޅަށްޓަކައި ބޭބޭފުޅުގެ ވެރިކަމުގެ ދަރުބާރުގައި އަރިސް ބޭކަލެއްގެ ގޮތުގައި އެކަލޭގެފާނު ގެންގުޅުއްވަން ފައްޓަވައިފިއެވެ. ޙަބަޝާގެ ބޮޑުންނަށް ރަސްގެފާނުގެ ދަރުބާރުގައި އައް ޖަނާޝީއަށް، އާދެ ތާރީޚުގެ ޢިލްމުވެރިން ލިޔުއްވާގޮތުންނަމަ އަލް އަރްމާއަށް ލިބިވަޑައިގެންފައިވާ މަތިވެރި ދަރަޖަ ފެނިވަޑައިގެން، ރަސްގެފާނުގެ ދަރުބާރަށް ވަޑައިގެން އެބަ ދަންނަވައެވެ. 'އޭ ޢިއްޒަތްތެރި ރަސްގެފާނެވެ! ކަލޭގެފާނަށް ފަހުގައި، އެ ކުއްޖާފުޅު ރަސްކަމުގެ ދާނަށް އިސްކޮށްފާނެކަމުގައި އަހުރެމެން ބިރުވެތިވަމެވެ. އެ ކުއްޖާފުޅަށް ރަސްކަމުގެ ތާޖު މިލްކުވެއްޖެނަމަ، އަހުރެމެންނަށް ޖެހޭނެ މުޞީބާތާއިމެދު އޮތީ ހަމައެކަނި ފިކުރުކޮށްލުމެވެ. އެއީ އެކުއްޖާފުޅުގެ ބައްޕާފުޅު އަހުރެމެންގެ އަތްތަކުން ޤަތުލުކުޅަ ކަމަށްޓަކައެވެ. އަހުރެންގެ ތެރެއިންވާ ބޮޑުންގެ އެންމެހާ މީސްތަކުން ޤަތުލުކުރާނެކަން ކަށަވަރެވެ.'
ޙަބަޝާގެ ބޮޑުންގެ މި އާދޭހަށްފަހު، ރަސްގެފާނަށް ދެ ހުށައެޅުމެއް އެބައިމީހުން ހުށައަޅައިފިއެވެ. 'ރަސްގެފާނަށް ފަހުގައި ރަސްކަމުގެ ދަރުބާރު އެ ކުއްޖާފުޅަށް މިލްކުވިޔަ ނުދިނުމަށްޓަކައި އެކުއްޖާ ޤަތުލުކުރާށެވެ. ނުވަތަ ޙަބަޝާގެ ބިމުން އޭނާ ނެރެ އަރުވާލާށެވެ.' މިބައިމީހުންގެ ނުބައިކަން ރަސްގެފާނަށް ވިސްނިވަޑައިގެން ވިދާޅުވިއެވެ. 'ތިޔަބައިމީހުންނަށް ހަލާކު ހުއްޓެވެ. އެންމެ ފުރަތަމައަށް ތިޔަބައިމީހުން އަހުރެންގެ ބޭބޭފުޅު ޤަތުލުކުޅައެވެ. އެއަށްފަހު، އަހުރެންވީ އަހުރެންގެ އަތުން އަހުރެންގެ ބޭބޭފުޅުގެ ދަރިކަލުން ޤަތުލުކުރާން ހެއްޔެވެ؟ އަހުރެންގެ ވެރި ރަސްކަލާނގެ ގަންދީ ބުނަމެވެ. ތިޔަ ކަމެއް ނުކުރާނަމެވެ.' ކޮންމެ އަކަސް މި ދަރުބާރުގެ މަސްރަޚު ހޫނުވެ، އެ ކުއްޖާފުޅު އެބައިމީހުންގެ އެދުމަށް ވީއްލުމަށް ރަސްގެފާނަށް މަޖުބޫރު ވެއްޖެއެވެ. އެހެންކަމުން، ޤަތުލުނުކޮށް އަރުވާލުމަށް ކަނޑައެޅި، އައް ނަޖާޝީ އަލް އަރްމާ އެބައިމީހުންނާއި ހަވާލުކޮށްފިއެވެ. ލަސްތަކެއްނުވެ، އައް ނަޖާޝީ އަލް އަރްމާ އަޅުންގެ ބާޒާރަށް ގެންދެވިއްޖެއެވެ. މިތަނުގައި ކުޑަ ވަގުތުކޮޅެވެސް ނުވަނީސް، ފަރަންޖީ ވިޔަފާރިވެރިޔަކު، ހަތްސަތޭކަ ދީނާރުގެ އަގަށް އައް ނަޖާޝީ އަލް އަރްމާ ބައްލަވައިގެންފިއެވެ. ބަސް ބުނާހާ ހިނދުކޮޅެއްގެތެރޭގައި، ބާޒާރުގެ އައްސޭރީގައިވާ ވާ ނަވެއްގެ ޤައިދުޚާނާއަކަށް އެކަލޭގެފާނު ގެންދެވިއްޖެއެވެ. މި ދުވަހުގެ ވަގުތެއްގައި މި ނާ އެކަލޭގެފާނާއިގެން ފުރައިފިއެވެ.
އެދުވަހުގެ ހަވީރުގެ ދަމެވެ. ރަތާއި ވިދުންގަދަ ވިލާގަނޑެއް ހަބާޝާއާ ވީ ދިމާލުން ދައްކާލައިފިއެވެ. ކުޑަ ހިނދުކޮޅެގެރޭގައި ވިއްސާރައިގެ އަސަރުތައް ޙަބަޝާއަށް ފޯރައިފިއެވެ. މި ވިއްސާރައިގެ އުފާ ލިބިގަތުމަށްޓަކައި ޙަބަޝާގެ ރަސްގެފާނު، ވިއްސާރައިގެ ތެރެއަށް ނިކުންނަވައިފިއެވެ. މިއީ އެ ރަސްގެފާނުގެ ފަހު ވަގުތުކޮޅުކަން އިޙުސާސްވެސް ނުކުރެވުނެވެ. ވިދާލި ވިދުވަރާއެކު ބާރުގަދަ ހޮނެއްގެ ޝިކާރައަށް އެރަސްގެފާނު ވުމަށް ނެގީ ދާދި ކުޑަ ހިނދުކޮޅެކެވެ. މިކަންތައްތަކުގެ ޙަބަރު ލިބުމާއެކު ޙަބަޝާގެ ބޮޑުންގެ މީސްތަކުން ރަސްގެފާނުގެ ދަރިދަރިކަލުންކުރެ ފަހަރަކު ބޭކަލެއްގެ އަރިހަށް ގޮސްފިއެވެ. މިހެންގޮސް ބާރަ ދަރިކަލުންގެ އަރިހަށް ދިއުމުންވެސް ވެރިކަމުގެ ޙިކުމަތްތައް އެނގިވަޑައިގަންނަވާ، ހަރުދަނާ ސިފައެއްހުރި ހަމަ އެންމެ ދަރިކަލަކާވެސް ބައްދަލެއްނުވިއެވެ. މިބައިމީހުންނަށް ކުރިން ޤަބޫލުކުރެވުނު ގޮތާއި ޚިލާފަށް ރަސްގެފާނުގެ ދަރިދަރިކަލުންވީ، ޖާހިލު، ދުނިޔޭގެ އޮޔާއިވައި ނުދެނެހުރި ބަޔަކުކަމުގައެވެ. އެންމެފަހުން، މިބައިމީހުންގެ ތެރޭގައި ސައްލާކުރެވެން ފަށައިފިއެވެ. އެތަނުން އެކަކު ބުންޏެވެ. 'މިއީ ކަލާނގެ ޙަޟުރަތުން އަހުރެމެންނަށް ދެއްކެވި މަގެއްކަން ޔަޤީނެވެ. އަހުރެމެންގެ ވެރިރަސްކަލާނގެ ގަންދީ ބުނަމެވެ. އަހުރެމެން މިއަދު އަޅުންގެ ބާޒާރުގައި ވިއްކާލި ކުއްޖާފުޅު މެނުވީ ރަސްކަމުގެ ތަޚުތަށް ޙައްޤުކަން ބޮޑު އެއްވެސް ފަރާތެއްނުވެއެވެ. އަހުރެމެންގެ ހިތްތަކުގައި މި ޙަބާޝާގެ މައްޗަށް ކުޑަ ނަމަވެސް ކުލުނުވެރިމެއް އޮތް ނަމަ، އެ ކުއްޖާފުޅު ޙަބަޝާއިން ބޭރުވުމުގެ ކުރިން އަތުވޭތޯ މަސައްކަތް ފަށަމާ ހިނގާށެވެ.'
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ހަބަޝާގައި އަތްފުނާ އަޅާ ނިންމާލައިފިއެވެ. އެ ކުއްޖާފުޅު ހަބަޝާގައިވީ ކަމަކަށް ނުވެއެވެ. އެހެންކަމުން އެ ފަރަންޖީ ވިޔަފާރިވެޔާ ދަތުރަށް ފަށައިފި ކަމުގެ ބިރުހީވެގެން، އެބައިމީހުން ނައު ތަކުގައި ނިކުމެ، އެ ވިޔަފާރިވެރިޔާ ދަރުކުރާނެހެން ހީވާ މަގުތަށް ހޯދާ ބަލަންފަށައިފިއެވެ. ލަސްތަކެއް ނުވެ، އެބައިމީހުން އޭނާގެ ނަވާއި ބައްދަލުކޮށް، އެކުއްޖާފުޅު އެނަވުން މިނިވަންކޮށްގެން ޙަބާޝާއަށް ގެންގޮސްފިއެވެ. ރަސްކަމުގެ ތަޚުތު ހުސްވެފައިވުމާއެކު، އައް ނަޖާޝީ އަލް އަރްމާ، އެކަލޭގެފާނަށް ހައްޤުވެގެންވީ ގޮނޑިކޮޅުގައި ވަޑުވައިފިއެވެ. މިތަންވަޅު، އެ ވިޔަފާރިވެރިޔާ އެބައިމީހުންގެ ފަހަތުން ނަވުގައި އައިސް ޙަބާޝާއަށް ބަނދަރުކޮށް، އެބައިމީހުންގެ ބޮޑުން ހޯދުމަށްފަހު ބުންޏެވެ. 'ކަލޭމެން އަހުރެންގެ އަޅުކަލޭގެ އަހުރެންގެ އަތުން އަތުލައިފިއެވެ. އަހުރެންނަށް އޭނާ ނުވަތަ އޭނާގެ އަގަށްވާ ހަތްސަތޭކަ ދިރުޙަމް ދޭށެވެ. ޙަބަޝީންގެ މިމަޖިލީހުން އޭނާގެ އަޅު އޭނާއަށް ނުދިނުމަށާއި، އޭނާ އެ އަޅުކަލޭގެ ގަތް ފައިސާވެސް އޭނާއަށް ނުދިނުމަށް ނިންމި ހިނދު، އެ ވިޔަފާރިވެރިޔާ އެބައިމީހުންނަށް ބުނެފިއެވެ. 'އަހުރެން މިދަނި ތިޔަބައިމީހުންގެ ރަސްގެފާނުގެ އަރިހަށެވެ. ތިޔަކަމުގެ ޝަކުވާ އުފުލުމަށެވެ.'
އޭނާ މިހެންބުނުމާއެކު އައް ނަޖާޝީ އަލް އަރްމާގެ ދަރުބާރަށް ޙާޟިރުވެ އޭނާގެ ޝަކުވާ އުފުލައިފިއެވެ. އޭނާގެ މި ޝަކުވާއާއެކު، ނަޖާޝީގެ ދަރުބާރަށް ޙަބަޝީންގެ އެ މަޖިލީހުގެ މީސްތަކުން ޙާޟިރުކޮށްފިއެވެ. ދެ ފަރާތުގެ ޙާޟިރުގައި އޭނާގެ ޝަކުވާ ރަސްގެފާނުގެ ދަރުބާރުގައި އުފުލައިފިއެވެ. 'އޭ ރަސްގެފާނެވެ! އަހުރެން ހަތްސަތޭކަ ދިރުހަމްގެ އަގަކަށް މި ބައިމީހުންގެ އަތުން ޙަބަޝީ އަޅަކު ގަތީމެވެ. ވިޔަފާރި ޢަޤުދުކޮށްނިމި، އަހުރެން ދަތުރުގެ މަތީގައި ވަނިކޮށް، މިބައިމީހުން އަހުރެންގެ އަޅުކަލޭގެ އަހުރެންގެ އަތުން އަތުލައިގެންފިއެވެ. އަގު އަދާކުރުމަކާއި ނުލައެވެ. އަހުރެން މިބައިމީހުންގެ ކިބައިން އަޅުކަލޭގެ އަހުރެންނަށް ރައްދުކޮށްދިނުމަށް ނުވަތަ އޭނާގެ އަގު އަހުރެންނަށް އަދާކޮށްދިނުމަށް އެދި ހުށައެޅީމެވެ. ނަމަވެސް މިބައިމީހުން މި ދެކަންތަކުންވެސް މަނާވެގެންފިއެވެ. އޭ ރަސްގެފާނެވެ! އަހުރެންނަށް އޮތީ ކޮން އިންސާފެއްތޯއެވެ؟' ދެ ފަރާތުގެ ވާހަކަތައް އަޑު އެއްސެވުމަށްފަހު، ނަޖާޝީ އެބައިމީހުންނަށް ވިދާޅުވިއެވެ. 'ތިޔަބައިމީހުން އޭނާއަށް، އޭނާގެ އަޅުގެ އަގު އަދާކުރަށެވެ. ނުވަތަ އޭނާގެ އަޅު، އަހުރެން، އޭނާއަށް ރައްދުކުރާށެވެ.' އެކަލޭގެފާނުގެ މި ނިޔާފުޅާއެކު، ޙަބަޝީންގެ ބޮޑުން އެ ވިޔަފާރިވެރިޔާއަށް އޭނާގެ ފައިސާ އަނބުރާ ރައްދުކޮށްފިއެވެ. މިއީ އެކަލޭގެފާނުގެ އިންސާފުވެރިކަމާއި ތޫނުފިލި ޙުކުމްފުޅުތަކުގެ ތެރެއިން ފުރަތަމައަށް އިއްވެވި ޙުކުމްފުޅުކަމުގައި ބުނެވެއެވެ.
ނޯޓު: މި ވާހަކައިން ލިބިދޭ ފިލާވަޅުތަކުގެ ތެރޭގައި ޙައްޤުވެރިންނަށް އެ ޙައްޤެއް އަދާވުމުގެ އިލާޙީ ޢަދުލުގެ ނިޛާމެއް އޮންނަކަން ފަޙުމްވެއެވެ. އަދި އިންސާފުވެރިކަމާއި ޢަދުލުވެރިކަން އިސްކުރާ ކޮންމެ މީހަކަށްމެ ﷲ ތަބާރަކަ ވަތަޢާލާގެ މަދަދުވެރިކަން އެކަލާނގެ އޮއްސަވާނެކަމެވެ. އެއީ އައް ނަޖާޝީއަށް އެކަލޭގެފާނުގެ ވެރިކަން ﷲ ތަޢާލާ މިލްކުކޮށްދެއްވި ފަދައިންނެވެ.
މި ތަރުޖަމާގައި މަޢުލުމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވަށެވެ.
މަސްދަރު: އިސްލާމިކްސްޓޯރީސް
ތަރުޖަމާ؛ ޙަސަން ޣައްސާން
ކޮމެންޓް
ގުޅޭ ލިޔުންތައް