ރަސޫލުﷲގެފާނު ސުވަރުގެވަޑައިގެންނެވުމާއެކު އިސްލާމީ އުންމަތުގެ މިސްރާބު، އަމާޒެއްނެތި ހިނގައިދާނެކަމުގެ ބިރުހީވާން ފަށައިފިއެވެ. ބޮޑަތިވެގެންވާ މުޞީބާތްތައް އިސްލާމީ އުންމަތުގެ މައްޗަށް ފާޅުވާންފެށީ ކުއްލިއަކަށެވެ. މިކަންތައްތަކުގެ މެދުން، އިސްލާމީ ނައުގެ ހުންގާނު، ރަސޫލުﷲގެފާނަށް ފަހުގައި އިސްލާމީ އުންމަތުގެ މެދުގައި އެފަދަ ދެވަނައެއްނުވާ އިމާމު، އަބޫބަކުރުއް ޞިއްދީޤުގެ އަތްޕުޅަށް އަރުވައިފިއެވެ. އާދެ، ޚުލަފާއުއް ރާޝިދޫންގެ ފެށުންވެގެން ދިޔައީ، ގޮންޖެހުންތައް ބޮޑު، އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމަށް ނުހަނު ގަދަ ހިތްވަރު ކުރަންޖެހުނު ދުވަސްވަރެއްކަމުގައެވެ. އެއްކޮޅުން މުރުތައްދުން ގިނަވެ، ނަބީކަމާއި ރަސޫލުކަމަށް ދަޢުވާކުރުން ގިނަވެއްޖެއެވެ. އަނެއްކޮޅުން ޒަކާތް ނެރުމަށް އިންކާރުކޮށް، އިސްލާމްދީނުގެ ރުކުންތައް މުގުރަމުންދަނީއެވެ. މުއުމިނުންގެ އަމީރު، އައް ޞިއްދީޤަށް މި އެންމެހާ ގަޑުބަޑުތައް ރަމަތަކުރެއްވުން ނޫން އެހެންގޮތެއްނެތެވެ. އެއީ މުނާފިޤުންގެ މީހުން، އަލްމަދީނަތުލް މުނައްވާގައިވާ އިސްލާމީ ޚިލާފަތާއި ދެކޮޅަށް ހަތިޔާރު އުފުލައިފިކަމަށްޓަކައެވެ.
ކޮންމެއަކަސް އިސްލާމީ އުންމަތުގެ މައި ކިއްލާ، އަލް މަދީނަތުކް މުނައްވަރާއިން ޚިލާފަތަށް މަދަދު ދިނުމަށްޓަކައި ލަޝްކަރުތައް ނިކުންނަމުންދަނީއެވެ. އެއީ އަމީރުލް މުއުމިނީން، އަބޫބަކުރުއް ޞިއްދީޤުގެ ފުރިހަމަ ބެއްލެވުމުގެ ދަށުގައި އެކުލަވާލެވުނު އެތައް އެތައް ޞަހާބީއްޔަ ބޭކަލުންގެ މައްޗަށް އެކުލަވާލެވުނު ކުޅަދާނަ ލަޝްރެކެވެ. އެގާރަ ފިރުޤާގެ މައްޗަށް އެކުލެވުގެންވާ މި ލަޝްކަރުގެ ތެރެއިން އެންމެ ފުރަތަމައަށް މުރުތައްދީންނާއި ދިމާލަށް ދަތުރުފެށީ ޢިކްރިމަތުގެފާނުގެ ޤިޔާދަތުގެ ދަށުގައި ލެއްވުނު ފިރުޤާއެވެ. އެކަލޭގެފާނަށް އަމުރުވެވިގެންވަނީ ހަލުވިކަމާއެކު ޔަމާމަތަށް ދަތުރުކޮށް، މުރުތައްދުންގެ ލަޝްކަރު، އާދެ، މުސައިލަމަތުލް ކައްޒާބުގެ ލަޝްކަރާއި ބައްދަލުކުޅައުމަށެވެ. އެކަލޭގެފާނުގެ ފިރުޤާގައިވާ ހަނގުރާމަވެރިންގެ މަދުކަމަށްޓައި މުސައިލަމަތުގެ ލަޝްކަރާއި ހަމަލާ ނުދިނުމަށް އަބޫބަކުރުގެފާނު އެކަލޭގެފާނަށް ވަޞިއްޔަޕުޅުކުރެއްވެވިއެވެ.
ހަލުވި ދަތުރަކަށްފަހު، އިސްލާމީ ލަޝްކަރުގެ އެގާރާ ފިރުޤާ އަލްޔަމާމަތުގެ އަޤުރަބާއެވެ ކިޔުނު ހުސް މައިދާނަށް ޖަމާވެއްޖެއެވެ. މިއީ ދުޝްމަނުންގެ ލަޝްކަރުތައް ފޭލިގެ ޖަހައިގެން ތިބި ބިންކަމުން، އިސާހިތަކު ހަނގުރާމައިގެ ޢިއުލާނު ކުރެއްވިއްޖެއެވެ.
ބަސްބުނާހާ ހިނދުން ހަނގުރާމަ ފެށި، ދުނިތަކާއި، ނޭޒާތަކައި ކަނޑިތަކުގެ ބާރު މިސްތަކުންގެ ކަނދުރާގައި ހިންގަންފެށުމާއެކު، މައިދާނުގެ ރަތްކަން ގަދަވެއްޖެއެވެ. ދެފަރާތަށްމެ ލޮޚުސާން ބޮޑުވެ، މުސްލިމުންގެ ލަޝްކަރުގެ ތެރެއިން މާތް މާތް އެތައް ބޭކަލުންނެއް ޒަޚަމްވެ ޝަހީދުވާންފަށައިފިއެވެ. އިސްލާމީ ލަޝްކަރުގެ ތެރެއިން އެންމެ ފުރަތަމައަށް ޒަޚަމްވެވަޑައިގެން ބޭކަލުންގެ ތެރޭގައި އަންޞާރިއްޔަ ބޭކަލުންކުރެ އަބޫ ޢަޤީލުގެންފާނު ހިމެނިވަޑައިގަތެވެ. ދުޝްމަނުންގެ ލަޝްކަރުން ވިއްސާލި ތީރެއް ފަތުއަޑުކިޔާފައި އައިސްވަނީ އެކަލޭގެފާނުގެ ވައަތު ކޮޑަށެވެ. ނަސީބު ދިމާކުރިގޮތުން، މި ތީރުން އެކަލޭގެފާނުގެ ހިތްޕުޅަށް އެއްވެސް ގެއްލުމެއް ނުލިބޭކަމުން، އެކަލޭގެފާނަށް ފަރުވާ ކުރުމަށްޓަކައި އިސްލާމީ ލަޝްރަކުގައި ޒަޚަމްވާ މީހުންނަށް ފަރުވާ ދިނުމަށް ޚާއްސަކުރެވިފައިވާ ފޭލިގެއަށް ގެންދެވިއްޖެއެވެ. އެކަލޭގެފާނުގެ ވާތްފަރާތު މޭފުޅަށް ހެރިފައިވާ ތީރު ލުއްސާލުމާއެކު، އެކަލޭގެފާނުގެ ހަށިކޮޅު ވާތްފަރާތުގެ ބާރު ދެރަވެ، ޙަރަކާތްތެރިކުރުމަށް އުނގަދޫފުޅުވެއްޖެއެވެ. އޮހޮރެމުންދިޔަ ލޭގެ ގިނަކަމާއެކު، މުޅި ހަށިކޮޅުގެ ވަރު ދެރަވެއްޖެއެވެ. މިވަގުތަކީ ހަނގުރާމައިގެ ހޫނު އެންމެ ގަދަވެ، އިސްލާމީ ލަޝްކަރަށް އޭނެ ނުބައި އަސަރު ފޯރަމުން ދިޔަ ވަގުތެވެ. ދުޝްމަނުންގެ ކުރިމަތީގައި އިސްލާމީ ލަޝްކަރުގެ ހިތްވަރު އެލި، ދުޝްމަނުންނަށް އިސްލާމީ ލަޝްކަރުގެ ބުރަކަށިތައް ދައްކަންފަށައިފިއެވެ. މައިދާނަށް ފުރަގަސްދީ، މީސްތަކުން ފިލަން ދުވަންފަށައިފިއެވެ.
އިސްލާމީ ލަޝްކަރުގެ ފޭލިގެތައް ހުރަސްކޮށް، މީސްތަކުން ދުވަންފެށި މަންޒަރު މަދީނާގެ އަންޞާރުންކުރެ، މުޢާން ބިން އަދީގެފާނަށް ފެނި ވަޑައިގެންނެވުމާއެކު، އެކަލޭގެފާނު އަސްމަތީގައި ހަލުވި ދުވެލީގައި ދުޝްމަނުންގެ ލަޝްކަރާއިވީ ފަރާތަށް ދުއްވަމުން އަޑުހަރުކޮށް ގޮވާލައްވަމުން އެބަ ގެންދަވައެވެ. 'އޭ އަންޞާރިއްޔަ ބޭކަލުންނޭވެ! އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަ ބައިމީހުން ﷲއަށް ބިރުވެތިވާށެވެ. ދުޝްމަނުންނަށް ފުރަގަސްދީ ފިލަން ނުދާށެވެ.' މިހެން ގޮވާލައްވަމުން، ދުޝްމަނުންނަށް ގަދަފަދަ ހަމަލާތައް ދެއްވަމުން، މުސްލިމުތަކުންނަށް މިސާލު ދައްކަވަމުން އެކަލޭގެފާނު ކުރިއަށް ވަޑައިގަންނަވަން ފައްޓަވައިފިއެވެ. އެކަލޭގެފާނު އަޑުފުޅު ޖެހުމާއެކު، އަންޞާރުންގެ ބޭކަލުން، ޖަމާޢަތް ޖަމާޢަތަށް އެކަލޭގެފާނަށް އިޖާބަދެއްވަން ފައްޓަވައިފިއެވެ. ފަރުވާގެ ފޭލިގޭގައި، ތަންމަތީގައި އޮންނެވި އަބޫ ޢަޤީލުގެފާނަށް މުޢާނު ބިން އަދީގެ ގޮވާލެއްވުމުގެ އަޑުފުޅު އިވިވަޑައިގަތުމާއެކު، ހަނގުރާމައިގެ އެ ހާލަތުގެ ނުރައްކާތެރިކަން އިޙުސާސްކުރެއްވިއްޖެއެވެ. އެކަލޭގެފާނު އޮންނެވި ތަންމަތިން ތެދުވެވަޑައިގެން، ހަށިކޮޅުގެ ވައަތްފަރާތުގައި ވާގި ދަށްވުމާއެކު، ކަނާތްޕުޅުން ކަނޑި ހިއްޕަވައިގެން ފޭލިގެއިން ނިކުންނަން މިސްރާބު ޖައްސަވައިފިއެވެ. އެވަގުތު އެކަލޭގެފާނަށް ފަރުވާ ދެއްވަން ތިއްބެވި ބޭކަލުން ވިދާޅުވިއެވެ. 'ކަލޭގެފާނު ހަނގުރާމައަށް ވަޑައިނުގަންނަވާށެވެ. އެކަލޭގެފާނު އެ ގޮވާލައްވަނީ ޒަޚަމްވެފައި ތިއްބެވި ބޭކަލުންނަކަށް ނޫނެވެ. އަންޞާރުންނަށް ގޮވާލެވުނަސް، ކަލޭގެފާނަށް އެކަމުގައި ޢުޒުރު އެބައޮތް ނޫންހެއްޔެވެ؟'
އެބޭކަލުންނަށް ޖަވާބު ދެއްވަމުން އެކަލޭގެފާނު ފޭލިގެއިން ބޭރަށް ވަޑައިގެންފިއެވެ. 'އަހުރެންނީ އަންޞާރުންގެ ތެރެއިވާ މީހަކީމެވެ. އަންޞާރިއްޔަ ޖަމާޢަތުގެ ކިބައިން އިސްލާމްދީނަށް ނަސްރުދިނުމަށް އެކަލޭގެފާނުގެ ގޮވާލެއްވުމަށް އަހުރެން އިޖާބަދޭނަމެވެ. އަހުރެން އެ މައިދާނަށް ފިރުކިފައި ދާންޖެހުނަސް ފަރުވާލެއްނެތެވެ.' އެކަލޭގެފާނުގެ ހިތްޕުޅުގައި މިވަގުތު ހިނގަމުން އެދަނީ ދީނަށް ނަސްރުދެއްވުމުގެ ގަދަ ހިތްވަރާއި ފަންވަރުގެ ޠާހިރު ލެއެކެވެ. ﷲތަޢާލާގެ މަގުގައި ޝަހީދުވުމުގެ މާތްކަން ލިބިގަތުމަށްޓަކައި އެކަލޭގެފާނު އެވަޑައިގަންނަވަނީ އަންޞާރިއްޔަ ބޭކަލުން ޖަމާވެވަޑައިގެން ހަނގުރާމައިގެ ގަރަނބުކަން ގަދަކޮށްފައިވާ ދިމާލަށެވެ. ވަޑައިގަންނަވަމުން އެކަލޭގެފާނު އަންޞާރިއްޔަ ޖަމާޢަތަށް އެ ގޮވާލަށްވަނީއެވެ. 'އޭ އަންޞާރިއްޔަ ބޭކަލުންނޭވެ! އޭ ޢަޤަބަތުގެ ބަޢިއަތުގެ އަހުލުވެރިންނޭވެ! ހުނައިނުގެ ދުވަހު، ތިޔަބައިމީހުންގެ ހަށިތަކުން ކުޅަ ހިތްވަރު ނިކަން ނެރެ ދައްކާށެވެ. ހުނައިނުގެ ދުވަހު ދިންފަދަ ގަދަފަދަ ތެދުވެރި ހަމަލާއަކުން ދުޝްމަނުންނަށް ހަމަލާ ދޭށެވެ.' އެކަލޭގެފާނުގެ މި ބަސްފުޅާއެކު އަންޞާރިއްޔަ ބޭކަލުންގެ އިސްތަށިތައް ކޮޅަށްޖެހި، އެބޭކަލުންގެ ހަށިކޮޅުތަކުގައި ޒާތެއްގެ ހިތްވަރެއް ހިނގައިގެންފިއެވެ. އެބޭކަލުން ހަނގުރާމަ ކުރައްވަމުން އެގެންދަވަނީ ޝަހީދުވުން ނުވަތަ ނަސްރު އެބޭކަލުންގެ ޙާޟިރަށް އަތުވެއްޖައުމަށްދާންދެނެވެ. މުސްލިމުންގެ ލަޝްކަރުގެ މި ކުއްލި އަދި ގަދަފަދަ ހަމަލާތަކާއެކު، ދުޝްމަނުންނަށް ހައިރާންކަން ލިބި، އެބައިމީހުންގެ ހިތްވަރު އެލި، މައިދާން ދޫކޮށް ފިލަންދުވަން ފަށައިފިއެވެ. މުސައިލަމާގެ މުޅި ލަޝްކަރުގެ އެތުރުން ބޮއްސުންލާ، އޭނާގެ ލަޝްކަރުގެ ބާކީ ތިބި މީހުން 'މަރުގެ ބަޤީޗާ'ގެ ނަމުން މި ހަނގުރާމަށްފަހު ނަންދެވުނު ބަޤީޗާއަށް ވަދެ ފޮރުވިގެން ތިބެއްޖެއެވެ. މިތަންވަޅު ހަނގުރާމައިގެ ފޯރި އިތުރު ދަރަޖައަކަށް އުފުލި، ވަޙްޝީ އިބުނު ހަރުބާއި އަބޫ ދުޖާނަތުގެފާނާއި ދެބޭކަލުންގެ ހަމަލާއިން މުސައިލަމަތުލް ކައްޒާބު ޤަތުލުކޮށް، އޭނާގެ ފިތުނައިން މުޅި އުންމަތް ސަލާމަތްކޮށްދީފިއެވެ.
މި ހަމަލާގެ ތެރޭގައި އަބޫ ޢަޤީލުގެފާނުގެ އަތްޕުޅު ހަށިގަނޑާއި ވަކިވެ، އެކަލޭގެފާނުގެ ފުރާނަފުޅު ހަށިގަނޑާއި ވަކިވުމާއި ގާތަށް ގޮސްފައިވެއެވެ. އެކަލޭގެފާނުގެ ހަށިކޮޅުގެ ސާދަތަނެއް ޒަޚަމްކޮށްލެވިފައި ހުއްޓެވެ. ކޮންމެއަކަސް މުސްލިމުންނަށް ފަތަޙައާއި ކާމިޔާބުލިބި، މައިދާނުގައި ޝަހީދުވެފައި ތިއްބެހި ބޭކަލުން ހޯއްދެވުމާއިގެން އެންމެހާ ޞާޙާބީން އަވަސްވެޑައިގެންފިއެވެ. އެއީ ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު، އަބޫ ޢަޤީލުގެފާނުންގެ ނަންފުޅުން ގޮވާލައްވަމުން ވަޑައިގެންނެވި ވަގުތެވެ. އަބޫ ޢަޤީލުގެފާނަށް އެކަލޭގެފާނުގެ ނަންފުޅު އިވުނު ހިނދު، ކުކުރަމުންދިޔަ ހާލު ޢަބްދުﷲ އިބުނު ޢުމަރުގެފާނަށް އިޖާބަދެއްވިއެވެ. 'އަހުރެން މިއޮތީއެވެ. ﷲއަށްޓަކައި ބުނެދޭށެވެ. ހަނގުރާމައިގެ ނަސްރުއައީ ކޮން ފަރާތަކަށް ހެއްޔެވެ؟' ޢަބްދުﷲ އިބުނު ޢުމަރު އެކަލޭގެފާނަށް ޖަވާބުދެއްވިއެވެ. 'އޭ އަޚާއެވެ! އުފާކުރާށެވެ! ﷲއާއި އެކަލާނގެ ރަސޫލާގެ ޢަދުއްވުން ބަލިވެއްޖެއެވެ.' އެކަލޭގެފާނުގެ އަރުފުޅުގައި އިތުރަށް ބަހެއް ވިދާޅުވާނެހާ ވަރުފުޅުނެތުމާއެކު އެކަލޭގެފާނުގެ ޝަހާދަތް އިނގިލިފުޅުން މައްޗަށް އިޝާރާތް ކުރެއްވިއެވެ. އެ ނަސްރުގެ މައްޗަށް ﷲ ތަބާރަކަ ވަތަޢާލާއަށް ޙަމްދުކުރެއްވުގެ ގަސްތުގައެވެ. ލަސްތަކެއްނުވެ އެކަލޭގެފާނު އެދިވަޑައިގެން ހުންނެވި ދަރަޖަ، އާދެ، ޝަހީދުންގެ މާތް ދަރަޖައަށް އެކަލޭގެފާނު އުފުލިއްޖެއެވެ.
އަބޫ ޢަޤީލުގެފާނުންގެ ވާހަކަފުޅު ޢުމަރު ރަޟިޔަﷲ ޢަންހަށް އިވިވަޑައިގެންހިނދު، މަޑުމޮޅިކަމާއެކު ވިދާޅުވިއެވެ. 'ﷲ އަބޫ ޢަޤީލުގެފާނަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ. އެކަލޭގެފާނު ކޮންމެ ހަނގުރާމައެއް ކުރެއްވީ ﷲގެމަގުގައި ޝަހީދުވުމަށް ދަހިވެތިވެޑައިގެން ހުންނަވައެވެ. އެންމެފަހު، އެކަލޭގެފާނުގެ ހިތްޕުޅުގެ އެދުންފުޅު ހާސިލްކުރެއްވީއެވެ. ކަށަވަރުން، އެކަލޭގެފާނުވަނީ ﷲގެ ރަސޫލާގެ އަރިހުގައި މާތްކަން ބޮޑު ބޭކަލަކުކަމުގައެވެ.
ނޯޓު: މި ހާދިޘާއިން އެނގިގެންދަނީ ޞަޙާބީންގެ ހިތްޕުޅުގައި އިސްލާމުދީނުގެ ޤަދަރަށްޓަކައިވާ މާތް ލޯބިފުޅެވެ. އެދީނުގެ ޢިއްޒަތާއި މަތިވެރިކަން ގުޅިފައިވަނީ އެބޭކަލުން ވެލެއްވި ހައިރާންކުރުވަނިވި ޤުރުބާނީތަކުގެ މައްޗަށްކަމެވެ. ތެދުވެރި މުސްލިމުންގެ ގޮތަކީ، ﷲއާއި އެކަލާނގެ ރަސޫލާއަށް ނަސްރުދިނުމަށް ގޮވާލެވޭ ހިނދު، ފުރަގަސްދިނުމެއް ނެތި، އެ ގޮވާލެއްވުމަށް އިޖާބަ ދިނުމެވެ. ޔާ ﷲ އަޅަމެން އެންމެންނަކީ އިސްލާމްދީނަށް ނަސްރުދޭ، އެ ދީނުގެ ހިމާޔަތްތެރިންކަމުގައި ލައްވާށިއެވެ.
މި ތަރުޖަމާގައި މަޢުލުމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވަށެވެ.
މަސްދަރު: އިސްލާމްކޭން / އިބްރާހިމް ޙިންދީ
ތަރުޖަމާ؛ ޙަސަން ޣައްސާން
ކޮމެންޓް
ގުޅޭ ލިޔުންތައް