ޢުމަރު އިބުނު ޢަބްދުލް ޢަޒީޒް – ހަސަނުލް ބަސަރީގެ ނަޞޭހަތްޕުޅުތައް

އެޑްމިން

އުމަވީ ޚިލާފަތުގެ ދުވަސްރަކީ އިސްލާމީ އުންމަތް ފުޅާވެ، އެތައް ގޮތަކުން ފާހަގަވެގެންދިޔަ ދުވަސްވަރަކަށެވެ. އުމަވީ ޚިލާފަތުގެ އެންމެ އުސް އެއްކުރިބޯއްޓަކީ ޢުމަރު އިބްނު ޢަބްދުލް ޢަޒީޒެވެ. ޢުމަރު ދެވަނައިގެ ނަމުން، ތާރީޚުގެ ޢިލްމުވެރިން އެކަލޭގެފާނަށް ނިސްބަތްކުރައްވާއިރު، އެކަލޭގެފާނުގެ މަންމާފުޅަކީ ޢުމަރު އިބުނުލް ޚައްތާބުގެ ކާފަ ދަރިކަނބަލުން ލައިލާ ބިންތު އާސިމްއެވެ. އެއީ މަދީނާގެ ގަވަރުނަރުކަމުގައި އެކަލޭގެފާނު ހުންނެވި ދުވަސްރެވެ. މަދީނާގެ އަހުލުވެރިންގެ މެދުގައި އެކަލޭގެފާނުގެ ޤަދަރު އުފުލިގެންވަނީ، ތަޤުވާވެރިކަމާއި، ޢަދުލުވެރިކަމާއި، ޙައްޤަށް ނަޞްރުދެއްވުމުގެ އާދާ އެކަލޭގެފާނުގެ ޒާތްކޮޅުގައި އަށަގެންފައިވާލެއް ފުރިހަމަކަމުންނެވެ.

ޢުމަރު ބިން ޢަބްދުލް ޢަޒީޒް މަދީނާގެ ގަވަރުނަރުކަމުގެ މަޤާމުގައި ހުންނަވަނިކޮށް، ދިމިޝްޤުން އައި މުހިންމު ސިޓީއެއް އެކަލޭގެފާނުގެ އަތްޕުޅައަށް އަރުވައިފިއެވެ. އޭގައިވަނީ ސިޓީ ލިބުމާއެކު ލަސްނުކުރައްވާ، އެކަލޭގެފާނު ދިމިޝްޤަށް ވަޑައިގެންނެވުމަށެވެ. މި ދަތުރުފުޅަށްފަހު، އެކަލޭގެފާނު މަދީނާގެ ގަވަރުނަރުކަމުގެ މަޤާމުން ވަކިކުރެވި، ރަސްކަމުގެ ދަރުބާރުގައި އުޅުއްވަން ފައްޓަވައިފިއެވެ. މި ގޮތުގެ މަތީން ދުވަސްތައް ހޭދަވަމުން ދަނިކޮށް، އެދުވަސްވަރު ޚިލާފަތުގެ ގޮނޑިކޮޅު ފުރުއްވަމުން ގެންދެވި ޚަލީފާ ސުލައިމާންގެ ހާލުކޮޅު ދެރަވެ، ޚިލާފަތުގެ ދަރުބާރު ޢުމަރު އިބުނު ޢަބްދުލް ޢަޒީޒުގެ އަތްޕުޅަށް ދޫކޮށްލައްވައިފިއެވެ. މިއީ ޚުދު އެކަލޭގެފާނަށްވެސް ޤަބޫލުފުޅުކުރައްވަން ފަސޭހަފުޅުވި ކަމަކަށް ނުވުމާއެކު، އެދުވަސްވަރަށް މަޝްޙޫރު ޢިލުމުވެރިޔާ 'އަލް ޚިންދީގެ' ލަފާފުޅުގެ މަތިން މުސްލިމުންގެ އަމީރެއްގެ ގޮތުގައި ވެވަޑައިގަތުމަށް ނިންމަވައިފިއެވެ. އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ނަބަވީ ޚުލުޤުފުޅުގެ ސަބަބުން، މިއީ އެކަލޭގެފާނަށް ބޮޑުވެގެންވާ ތަކުލީފެއްގެގޮތުގައި ސިފަވާންފެށިއެވެ.

ކޮންމެއަކަސް، ޚިލާފަތުގެ ގޮނޑިކޮޅަށް އިސްވެވަޑައިގެންނެވުމާއެކު އެކަލޭގެފާނު އެންމެ ފުރަތަމައަށް، އެންމެ މުހިންމުކަމެއްގެ ގޮތުގައި ދެކެވަޑައިގެން ލިޔުއްވީ ސިޓީފުޅެކެވެ. އަލް މަދީނަތުލް މުނައްވަރާގައި ދިރިއުޅުއްވަމުން ގެންދެވި، ޢިލްމުވެރިކަމާއި ޢަދުލުވެރިކަމާއި، އިންސާފަށް ނުހަނު ގަދަލޯބިކުރެއްވެވި ބޭކަލަކަށެވެ. އާދެ، އަލް ޙަސަނުލް ބަސަރީއަށެވެ. އެކަލޭގެފާނުގެ ސިޓީފުޅުގައި ބިސްމީގެ މަތިވެރި ކަލިމައަށްފަހު ލިޔުއްވާފައިވެއެވެ. 'އޭ އަލް ޙަސަނުލް ބަސަރީއެވެ! ތިބާގެ އަރިހުން އަހުރެން ބޭނުންޖެހިފައިވަމެވެ. މުއުމިނުންގެ އަމީރެއްގެ ގޮތުގައި އަހުރެން އައްޔަންކުރެއްވިއްޖެއެވެ. އޭ އަލް ޙަސަނުލް ބަސަރީއެވެ! ކަލޭގެފާނަކީ ޢިލްމަށް ބޮޑުވެގެންވާ ބޭކަލެކެވެ. ޢަދުލުވެރި އިންސާފުވެރި އަމީރެއްގެ ތަޢުރީފު އަހުރެންނަށް ބުނެދޭށެވެ. އެއީ މިކަމުގައި އަހުރެން ހަލާވެނުދިއުމަށްޓަކައެވެ.'

ޢުމަރު އިބުނު ޢަބްދުލް ޢަޒީޒުގެ ސިޓީފުޅު އަލް ޙަސަނުލް ބަސަރީގެ އަތްޕުޅައަށް އެރުމާއެކު، ނުހަނު ފަރުވާތެރިކަމާއެކު އެކަލޭގެފާނުގެ ޚާލިސް ނަސޭހަތްޕުޅު މުއުމިނުންގެ އަމީރަށް އެރުވިއެވެ. އެކަލޭގެފާނުގެ ސިޓީފުޅުގެ ޖަވާބެއްގެ ގޮތުގައެވެ. އެސިޓީފުޅުގައި ބިސްމީގެ މަތިވެރި ބަސްފުޅަށްފަހު ލިޔުއްވާފައިވެއެވެ.

'އޭ މުއުމިނުންގެ އަމީރެވެ! ދަންނާށެވެ! ﷲގެ ޙަޟުރަތުގައި ޢަދުލުވެރި އަމީރަކީ ﷲއަށްޓަކައި އެކަލާނގެ ބިމުގައި މުންކަރާތްތައް ނަހީކުރާ މީހާއެވެ. އެކަލާނގެ ބިމުގައި ފަސާދަވެވޭ ހިނދު، އެކަން ހުއްޓުވާ އެކަލާނގެ މަގަށް ނަޞްރުދޭ މީހާއެވެ. އެއީ ފަޤީރުންނާއި ނިކަމެތިންގެ ބައްޕައެވެ. އެއީ އަނިޔާ ލިބޭ މީހާއަށް އިންސާފު ލިއްބައިދޭ ޚާކިމާއެވެ. އެއީ ހިތާމައިގައިވާ މީހާއަށް އޭނާގެ ހިތާމަތައް ލުއިކޮށްދޭ ހިމާޔަތްތެރިޔާއެވެ.'

'އޭ މުއުމިނުންގެ އަމީރެވެ! އިންސާފުވެރި ވެރިއެއްގެ މިސާލީ ނަޢަމުސޫފި ބަލަހައްޓާ މީހެއްގެ މިސާލެވެ. އޭނާ، އެ ޖަނަވާރުތަކަށް ކާންދޭނީ ފެހިކަން ގަދަ ބިންތަކުންނެވެ. އޭނާ އެ ސޫފިތަކަށް މަގު ދައްކަމުންދާނީ، ނުތަނަވަސް އަދި ބިރުވެރި މަގުމަތުން އެ ސޮރުމެން އެއްކިބާކުރަމުންނެވެ. އެ ސޫފިތަކުގެ ވަށައިގެން އޭނާ އަބަދުވެސް ފާރަވެރިވަމުންދާނެއެވެ. މިނިކާ ޖަނަވާރެއްގެ ޝިކާރައަކަށް އެސޮރުމެން ވިޔަ ނުދިނުމަށްޓަކައެވެ. ދުވަހުގެ ގަދަ ހޫނާއި، ރޭގަނޑުގެ ގަދަ ފިނިން އޭނާ އެސޫފިތަކަށް ހިމާޔަތްދޭނެއެވެ. އޭ އަމީރުލް މުއުމިނީންއެވެ! ކަލޭގެފާނު އަހުރެންގެ ގާތުން އެދުނީ ޢަދުލުވެރި އަމީރެއްގެ ސިފަވަންތަކަން ބަޔާންކޮށްދިނުމަކަށް ނޫންހެއްޔެވެ؟ ކަނުލާ އަޑުއައްސަވާށެވެ. އެއީ މިސްކީނުންގެ ބެލެނެވެރި ފަރާތެވެ. އެއީ ފަޤީރުންނަށް ދީލަތިކަމުގެ އަތްފޯރުވުމަށް ﷲތަޢާލާ ކަނޑައަޅުއްވާ ފަރާތެވެ. އެއީ މުސްލިމުތަކުންކުރެ ޔަތީމުންގެ ބަލަދުވެރިޔާއެވެ. މުސްކުޅިންގެ މަދަދުގާރެވެ.'

'އޭ މުއުމިނުންގެ އަމީރެވެ! ކަލޭގެފާނަށްޓަކައި އަހުރެންގެ ވާޖިބު އަދާކުރަމެވެ! ޢަދުލުވެރި އަމީރެއްގެ މިސާލީ އިންސާނާގެ ހަށިގަނޑުގައިވާ ހިތާއި އެ ހަށިގަނޑުގައިވާ އެހެނިހެން ގުނަވަންތަކާއި ދެމެދުގައިވާ ގުޅުމުގެ މިސާލެވެ. އެ ހިތަށް ޤަރާރުވެފައިވާ ވިންދާއި ހިނގުމުގައި އެ ހިތުން ކަނޑައެޅިފައިވާ މިންވަރަށް އެހެންހާ ގުނަވަންތަކަށް ލޭފޮނުވައިދޭނަމަ، މުޅި ހަށިގަނޑު ރައްކާތެރި، ދުޅަހެޔޮ އެއްޗެއްކަމުގައިވެދެއެވެ. ބަދަލުގައި އެހިތުގެ ހިނގުމަށް ބުރޫއަރާ، ހިތް ފާސިދުވެއްޖެނަމަ، މުޅި ހަށިގަނޑުގެ ނިޒާމު ބޮއްސުންލާދެއެވެ.'

'އޭ ﷲ އުމުމިނުތަކުންގެ އަމީރެއްގެ ގޮތުގައި ލެއްވި ކަލޭގެފާނެވެ! ޢަދުލުވެރި އަމީރުވަނީ އޭނާގެ ވެރި ރައްބާއި މުއުމިނުތަކުންނާއި ދެމެދުގައެވެ. އޭނާ ﷲތަޢާލާގެ ބަސްފުޅުތައް އަހާ ކިޔަމަންވާނެއެވެ. އެބަސްފުޅުތަކަށް އެހުމާއެކު މީސްތަކުންނަށް އެ ބަސްފުޅުތައް އިއްވާނެއެވެ. ﷲ ތަޢާލާގެ ދީނުގައިވާ ގޮތުގެ މަތީން އެކަލާނގެ މަޢުރިފާކޮށް ދެނެގަނެ، މިސްތަކުންނަށް އެކަންތައްތައް ކުޅައުމުގެ މައްޗަށް ބާރުއަޅާނެއެވެ. ﷲ ތަޢާލާގެ ބަސްފުޅުތައް އަހާ ކިޔަމަންވުމާއެކު، ﷲ ތަޢާލާގެ ޙުކުމްފުޅުތައް މީސްތަކުންގެ މެދުގައި ޢަދުލުވެރިކަމާއެކު ތަންފީޛުކުރާނެއެވެ.'

'އޭ އަމީރުލް މުއުމިނީންއެވެ! ﷲ ތަބާރަކަ ވަތަޢާލާގެ ތިބާގެ ރައްކާތެރިކަމުގައި، އަމާނާތެއްގެ ގޮތުގައި ތިބާގެ ޞާޙިބާގެ ޢާއިލާއާއި އޭނާގެ މުދާ ލައްވަވާފައިވާ ފަދައަކުން މީސްތަކުންނާމެދު ޢަމަލުކުރާށެވެ. ތިބާގެ ޞާޙިބާގެ މުޅި މިލްކިއްޔާތު ތިބާގެ ޙާޟިރަށް އައުމާއެކު، އެއަށް ޚިޔާނާތްތެރިވެ، އޭނާގެ އަނބިދަރިން ނިކަމެތިކޮށްލާ މީހަކުކަމުގައި ނުވާށެވެ. އޭނާގެ މުދަލުގެ ހައްޤުން އޭނާގެ އަނބިދަރިން މަޙްރޫމުކުރާ މީހަކުކަމުގައި ނުވާށެވެ. އޭނާގެ ޚަޒާނަތައް ހުސްކޮށްލާ، އެބައިމީހުންނަށް ހައްޤުވެގެންވީ ތަނަވަސްކަން ޖަހައިގަންނަ މީހަކުކަމުގައިނުވާށެވެ. އޭނާގެ އަނބިދަރީން ބަނޑުހައިހޫނުކަމަށް ހުށައަޅާ މީހަކުކަމުގައި ނުވާށެވެ.

އޭ އަމީރުލް މުއުމިނީންއެވެ! ކަނުލާ އަޑުއަށްސަވާށެވެ! ހަތް އުޑު މަތީން ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވާލައްވާފައިވާ ޢިލާހީ ޙުކުމްފުޅުތަކުގައި ދިރުމެއްވެއެވެ. އެއީ އެޙުކުމްފުޅުތަކުގެ ތެރޭގައި އިންސާނީ ކަރާމާތް ދެމެހެއްޓުމުންނާއި ޝައިޠާނީ ޢަމަލުތަކުން މީސްތަކުން ދުރުކުޅައުމުގެތެރެއިންވާ ދިރުމެކެވެ. އޭ މުއުމިނުންގެ އަމީރެވެ! ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ ފާފައިގެ ޙުކުމްފުޅުތައް އެ ބޭކަލެއްގެ މައްޗަށް ތަންފީޒުވުމުގެ އައުލާކަން އެންމެބޮޑީ ކަލޭގެފާނުންގެ މައްޗަށްކަމުގައި ވުމާމެދު ބިރުވެތިވާށެވެ. ފަހެ ޤީސާސްހިފުމުގައި ދިރުމެއްވާކަމުގައި ނުވޭ ހެއްޔެވެ؟ އަނިޔާވެރިވެވޭ ހިނދު، އަނިޔާ ލިބޭ މީހާގެ މައްޗަށް އިންސާފު ޤާއިމްނުކުރެވިދާނެކަމުގެ މައްޗަށް ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް ކަލޭގެފާނު ބިރުވެތިވަށެވެ.'

'އޭ މުއުމިނުތަކުންގެ އެހީތެރިޔާއެވެ! ގިނަގިނައިން މަރު ހަނދުމަކުރަށެވެ. އަދި މަރުވުމަށްފަހު، ދިރުއްވާނޭ ދުވަހުގެ ނުބައިކަމާއި މެދުގައި ބިރުވެތިވުން ކަލޭގެފާނުގެ މައްޗަށް ހެޔޮކަން ބޮޑެވެ. އެއީ އެދުވަހަކުން، ކަލޭގެފާނަށްޓަކައި މަދަދުވެރިވާނެ ދެވަނަ ފުރާނައެއް ނުވާނެ ދުވަހެވެ. ކަލޭގެފާނުގެ ހިސާބުނުކުރެވޭހާ ގިނަ ޚައްދާމުންނާއި އަހުލުން ގެއްލޭނެ ދުވަހެވެ. އެހެންކަމުން އާޚިރަތުގެ ދަތުރަށް ތައްޔާރުމުގައި ކަލޭގެފާނުގެ މައްޗަށްވާ ހެޔޮކަން ބޮޑެވެ. އެދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުން ސަލާމަތްވެގެންވާ އަޅުތަކުންގެ ތެރޭގައި ކަލޭގެފާނު ވުމަށްޓަކައެވެ.'

'އޭ ޚަލީފަތުލް މުސްލިމީންއެވެ! ކަލޭގެފާނު މިއަދު ތިޔަ ހުންނެވި މަޤާމު ނޫން މަޤާމެއްގައި ހުންނަވަން ޖެހިވަޑައިގަންނަވާނެ ދުވަހެއް ދާދި އަވަހަށް އަތުވެދާނެއެވެ. އެއީ ކަލޭގެފާނުގެ އަހުލުވެރިންނާއި އެކުވެރިންނާއި ވަކިކުރެވޭނެ ދުވަހެވެ. ވަގުތުތަށް ދިގުވެގެންވާ، ގިނިކަންޏާ ކަލޭގެފާނު ވޭތުކުރައްވަން ޖެހިވަޑައިގަންނަވާނެ ދުވަހެކެވެ. އެހެންކަމުން، ކަލޭގެފާނުގެ ދަތުރުގެ ކޮއްތު ތައްޔާރުކުރުމައިގެން އަވަސްވެލައްވާށެވެ! އެދުވަހުގެ ބިރުވެރިކަމުގެ ޚަބަރާއިގެން ސޫރަތުލް ޢަބަސައިގެ ތިރީސް ހަތަރުވަނައާޔަތާއި، ތިރީސް ފަސްވަނަ އާޔަތާއި، ތިރީސް ހަވަނަ އާޔަތުގެ މާނައިގައިވޭ ނުންހެއްޔެވެ؟ 'އެއީ އެ މިހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމަގެ ކިބައިންނާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމިހާގެ ކިބައިންނާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ'. އޭ މުއުމިނުންގެ އަމީރެއްގެގޮތުގައި ﷲ ތަޢާލާ މިންވަރުކުރެއްވި ކަލޭގެފާނެވެ! ސޫރަތުލް ޢާދިޔާތުގެ ނުވަ ވަނަ އާޔަތާއި ދިހަވަނަ އާޔަތުގެ މާނަ ކަލޭގެފާނު ހަނދުމަކުރުން ގިނަ ކުރައްވާށެވެ. އެއާޔަތްތަކުގެ މާނައިގައިވޭ ނޫންހެއްޔެވެ؟ 'ކަށްވަޅުތަކުގައިވާ ތަކެތި ނެރެ އުކައިލައްވާހިނދު، އަދި ހިތްތަކުގައިވާ ސިއްރުތައް އެއްކޮށް ފައުޅުކުރައްވާހިނދު، ފަހެ އެ އިންސާނާ އެކަންތައް ނުދަންނަނީ ހެއްޔެވެ؟ ތަކުލީފުލިބިގެންވީ ކަލޭގެފާނެވެ. ސޫރަތުލް ކަޙްފުގެ އޮނަފަންސާސްވަނަ އާޔަތް ކިޔެވުން ކަލޭގެފާނު ގިނަކުރައްވާށެވެ. އެ އާޔަތުގެ މައުނައިގައިވޭ ނޫންހެއްޔެވެ؟ 'ކިތަންމެ ކުޑަ ކަމެއްވެސް، އަދި ކިތަންމެ ބޮޑު ކަމެއްވެސް އެފަތުގައި ނުހިމަނާ ދޫކޮށްލާފައެއްނުވެއެވެ.'

އޭ ޚަލީފަތުލް މުސްލިމައިންއެވެ! މަރު އައިސް ކަލޭގެފާނުގެ ފުރާނަފުޅު ހިއްޕެވުމާއި ހިސާބަށް، ކަލޭގެފާނުގެ އަރިހުގައި ވަގުތުއެބައޮތެވެ. އޭ ޢިއްޒަތްތެރި އަމީރެވެ! މުޢުމިނުތަކުންގެ މެދުގައި ޙުކުމްކުރެއްވުމުގައި ޖާހިލަކުކަމުގައި ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ. މަގުފުރިގެންވާ މީސްތަކުގެ މަދަދަށް ކަލޭގެފާނުގެ ބެލެނެވެރިކަމުގެ ދަށުގައިވާ މީސްތަކުން ހުށަނާޅުއްވާށެވެ. ކަލޭގެފާނުގެ ފަރާތްޕުޅުން މީސްތަކުންގެ މައްޗަށްވާ ވެރިންކަމުގައި ރަޙުމްކުޑަ އަނިޔާވެރިން ނުލައްވަށެވެ. އެއީ އެކަމުގެ ސަބަބުން ﷲ ތަޢާލާއަށް އީމާންވެގެންތިބި މީސްތަކުންނަށް ތަކުލީފު ނުޖެއްސުމަށްޓަކައެވެ. އެއީ އެކަމުގެ ސަބަބުން، ސުވާލުކުރެވޭ ދުވަހު ކަލޭގެފާނުގެ ޢަމަލުތަކުގެ މައްޗަށާއި އެބައިމީހުންގެ ފުށުން އައި ނުބައި ކަންތައްތަކުގެ ޒިންމާ ކަލޭގެފާނުގެ ކޮނޑުފުޅުގައި އެޅުނަ ނުދިނުމަށްޓަކައެވެ. އޭ ޢިޒަތްތެރި ކަލޭގެފާނެވެ. ވަގުތު އަޖަލުގައި ދުނިޔޭގެ ހެއްލުންތެރި ޒީނަތަށް ހުށައެޅިގެންދާ އަމީރަކު ކަމުގައި ކަލޭގެފާނު ވެ ނުލައްވާށެވެ. ކަލޭގެފާނުގެ އާޚިރަތް ބާއްޖަވެރިކުރުމެ ނިޔަތުގައި މެނުވީ މި ދުނިޔޭގެ އެއްވެސް އެއްޗެއް ފަރީއްނުކުޅުއްވާށެވެ. ކަލޭގެފާނަށް މިވަގުތަށް ލިބިފައިވާ ޖާހާއި އާރާއި ބާރަކީ ފަނާވެދަނިވި ކަންތައްތައްތަކެވެ. އެކަންތައްތައް ހޯދައިގަތުމުގައި ކަލޭގެފާނު މަސްޢޫލުވެ ނުލައްވާށެވެ. މަރުގެ ތުންފަތްމަތީގައި ކަލޭގެފާނު ބަނދެވޭހިނދު، ކަލޭގެފާނަށްޓަކައި ބާރުފޯރުކޮށްދޭނެ ހެޔޮ ޢަމަލުތަކުންވާ ލަޝްކަރެއް ތައްޔާރުކުރުން ކަލޭގެފާނުގެ މައްޗަށް ބުއްދިވެރިވެގެންވެއެވެ.

އޭ އަމީރުލް މުއުމިނީންއެވެ! އަހުރެންގެ ކުރިން ފާއިތުވެދިޔާ ޢިލްމުވެރި އެތައް އެތައް ބޭކަލުންނާއި އެއްވަރަށް އަހުރެންގެ ކިބައިގައި ޢިލްމުވެރިކަން ނެތް ނަމަވެސް، އަހުރެންގެ ވާޖިބު އަހުރެން އަދާކޮށްފީމެވެ. އެއީ ކަލޭގެފާނަށް ނަސޭހަތް އެރުވުމެވެ. އަހުރެންގެ މި ސިޓީވަނީ ޙަކީމަކު އޭނާގެ ގާތް އަޚަކު ބަލިވުމުން، އޭނާއަށް ލިޔެދެއްވާ ބޭހެއް ފަދައިންނެވެ. އެއީ ޙަކީމު ލިޔެދެއްވާ ބޭހަކީ ކެއުމަށާއި ބުއިމަށް ހިތި ބޭހެއް ނަމަވެސް، އޭނާ އެކަން އެކުރަނީ އޭނާގެ އަޚާގެ ސިއްޙަތާއި ދުޅަހެޔޮކަމަށްޓަކައެވެ.'

ނޯޓު: މިވާހަކައިގެ މަސްދަރުން އެނގެން އޮތްގޮތުގައި، ކަންކަމުގައި ގޮތް ނިންމުމުގެ ކުރިން މަޝްވަރާކުރުމުގެ މުހިންމުކަމާއި، ތިމާއަށް އެކަމުގެ ޢިލްމު ލިބިގެންނުވާ ކަންކަމުގެ މައްޗަށް ޢިލްމުވެރިންގެ ބަސްފުޅު ހޯދާ، އެ ބަސްފުޅުތަކުގެ މައްޗަށް ތަބާވުމުގެ މާތްކަން ލިބިގަތުމަކީ އިސްލާމީ މުހިންމު އަސާސެކެވެ. މިފަދަ ބޭކަލުންގެ ދިރިއުޅުއްވުމުންނާއި، ހަޔާތުގެ އެކިއެކި ހާދިޘާތަކުން ލިބެންހުރި ފިލާވަޅުތައް ހޯދައިގަތުމުގައި އަޅުގަނޑުމެންގެ މައްޗަށް ހެޔޮކަން ބޮޑުވެގެންވެއެވެ. މިއީ މިކަންތައްތަކުގެ މައްޗަށް އިސްލާމީ ކޮންމެ ވެރިޔަކު ފިލާވަޅުތައް ހޯދައިގަތުން ބުއްދިވެރި ކަންކަމެވެ.

މި ތަރުޖަމާގައި މަޢުލުމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވަށެވެ.

މަސްދަރު: އިސްލާމިކްސްޓޯރީސް

ތަރުޖަމާ؛ ޙަސަން ޣައްސާން

ކޮމެންޓް

ގުޅޭ ލިޔުންތައް