ރޯމަނުންގެ ސަފީރު – އޭނާގެ ސުވާލުތަކުގެ ޖަވާބު އޭނާއަށް އިއްވީ ކުޑަ ކުއްޖެކެވެ.

އެޑްމިން

ބަޣުދާދުގައި ޤާއިމްވެގެންވާ އިސްލާމީ ޚިލާފަތުގެ ރަން ޒަމާނުގެ ދުވަސްވަރެކެވެ. މުސްލިމުންވަނީ ޢިލްމީ ހޯދުންތަކާއި ދުނިޔެވީ ތަފާތު ހޯދުންތަކުގެތެރޭގައި މަސްޢޫލުވެގެންނެވެ. މިދުވަސްރަކީ ޚިލާފަތުގެ ދަރުބާރުން، ޢިލްމުވެރިންނަށް ކަމޭހިއްތެވުމާއެކު އެބައިމިހުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ބޮޑަތި ޢަދަދުތަކުން ހަދިޔާ ދެއްވަމުން ގެންދެވި ދުވަސްވަރެކެވެ. އިސްލާމީ ޚިލާފަތުގެ ފުށުން މަދުރަސާތަކާއި، ޔުނިވަރސިޓީތައް ބިނާކުރައްވާ، ޢިލްމު ފެތުރުއްވުމުގައި ގިނަގުނަ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވިއެވެ. ޚިލާފަތުގެ ދަރުބާރުން އިސްލާމީ ޚިލާފަތުގެ އެންމެހާ ކަންކޮޅުތަކަށް ފަތްފޮޅުތައް ފޮނުއްވާ، ޢިލްމުގެ މައިދާނުގައި ފުންނާބު އުސް އެންމެ ބޭކަލުން، އިސްލާމީ ޚިލާފަތުގެ މައި ކިއްލާ، އަލް މަދީނަތުއް ސަލާމް، އާދެ، ބަޣުދާދަށް ޖަމާކުރައްވަމުން ގެންދަވަނީއެވެ. މިއީ ތާބިޢީ ބޭކަލުންގެ ދުވަސްވަރު ކަމުން، ޢިލްމާއި ދީން ކުރިއަރަމުން ދިޔައީ ފަތުއަޑުކިޔާފައެވެ. އެއްކޮޅުން ފުތޫހާތުގެ ދަންމަރުތައް، ޢަރަބި ބައްރު ހުރަސްކޮށް، ޔޫރަޕާއި އެފްރިކާގެ ހަނަފަސްކަންގަދަ ބިންތަކުގައި ނަޞްރަކަށް ފަހު ނަޞްރެއް ހޯދަމުން ކުރިއަރާދަނީއެވެ. އަނެއްކޮޅުން، ޢިލްމުގެ މަޖިލިސްތަކުގައި އިސްލާމީ ނުފޫޒު ގަދަވެ، އަތް ނުފޮރާ ފަށަށްދަނީއެވެ. މިގޮތުގައި ބަޣުދާދަކީ އިސްލާމީ ޙަޟާރަތުގެ ހިތްކަމުގައި ވެއްޖެއެވެ.

މި ދުވަސްވަރުގެ ތެރެއިން ދުވަހެކެވެ. މުއުމިނުންގެ އަމީރު، ޚިލާފަތުގެ ދަރުބާގައި އިންނަވަނިކޮށް ރޯމަނުންގެ ފަރާތުން ޚަބަރާއިގެން އައި ސަފީރަކު ދަރުބާރަށް ހާޟިރުވުމުގެ އިޛުނައަށް އެދި ދަންނަވައިފިއެވެ. ޚަލީފާ އޭނާއަށް މި ހުއްދަ ދެއްވުމާއެކު، ރޯމަނުންގެ އަދަބުގެ ގޮތުގެމަތީން، ޚަލީފާއަށް ސަލާމް ރައްދުކުރުމަށްފަހު ނަންގަތެވެ. 'އަހުރެން ޙާޟިރުވެ މިހުރީ ރޯމަންގެ ފަރާތުންވާ ތިން ސުވާލަކައިގެންނެވެ. އެއީ ރޯމަނުންގެ ފަރާތުން، މުސްލިމުންގެ އެންމެ ފަރުދަކުވެސް އިސްތިސްނާވުމެއްނެތި، އެންމެހާ މުސްލިމުތަކުންނަށްވާ ތިން ސުވާލެވެ. އެހެންކަމުން، މި ތިން ސުވާލު އަހުރެން އަދާކުރާނީ ކަލޭގެފާނުގެ އުންމަތުގެ އެންމެ ބޮޑަތި ޢިލްމުވެރިންގެ ޙާޟިރުގައެވެ.' ރޯމަނުންގެ ސަފީރުގެ ބަސްމަގުގައި ހުރި ބޮޑާކަމާއި ކިބުރުވެރިކަން ފެނި، އޭނާ މި ގެނެސްގަންނަން މަސައްކަތަކުރާ ކަންތައްތަކުގެ ބޮޑުކަމާއި ނުރައްކާތެރިކަން ވިސްނިވަޑައިގެން، ޚިލާފަތުގެ ދަރުބާރުން އެދުވަސްވަރަށް އިސްލާމީ އުންމަތުގައި ތިއްބެވި މާތް މާތް ޢިލްމުވެރިން ޚަލީފާގެ ދަރުބާރަށް ޙާޟިރުކުރުމުގެ އަމުރު މަޢުރޫފު ހިންގަވައިފިއެވެ. މުސްލިމުންނަކީ އެބަމީހުންގެ ވެރިންނަށް ކިޔަމަންވުމުގެ ރަން އާދަ އެންމެ ފުރަތަމަ ދުވަހުއްސުރެ އެބައިމީހުންގެ ޚުލްޤުގައި ހަރުލާފައިވާ ބައެއްކަމުން، އިސާހިތަކު ޚަލީފާގެ ދަރުބާރަށް ޖަމާވެއްޖެއެވެ. އެއްވެސް ބޭކަލަކަށް ވާން މިއުޅެނީ ކީތްކަމެއް ނުޑަކޮންވެސް ވަޒަންކޮށްލައްވާކަށް އެނގިއެއްނުލެއްވިއެވެ.

ޢިލްމުވެރިންގެ ޖަމާޢަތްތައް ޚަލީފާގެ ދަރުބާރަށް ޙާޟިރުވުމާއެކު، އަމީރުލް މުއުމިނީން، ރޯމަނުންގެ ސަފީރަށް އޭނާ އެދި ހުރި އިޛުނަ ދެއްވައިފިއެވެ. އިސްލާމީ ޚިލާފަތުގެ ދަރުބާރަށް އޭނާ ޙާޟިރުވެ ހުރި ސަބަބާއިގެން ކުރިއަށް ދިއުމަށެވެ. އެ ސުވާލުތަކާއެކު މުސްލިމުންގެ މޫނުމަތީގައި ހަނދާނުން ނުފިލާނެވަރުގެ ތަފާލެއް ޖެހުމަށެވެ. އިސްލާމީ ޢިލްމުވެރިން ލަދުގަންނަވާލުމަށެވެ. މި ސުވާލުތަކާއެކު އިސްލާމީ އުންމަތުގެ ސަފުތަކުގެ މެދުގައިވާ ބަދަހިކަން ނައްތާލުމެވެ. ކޮންމެއަކަވެސް، ރޯމަނުންގެ ސަފީރަށް ކުރިއަށް ދިއުމުގެ އިޛުނަ ލިބުމާއެކު، އެ ދަރުބާރުގެ އެއް ފަރާތެއްގައިވާ މިންބަރަކަށް އޭނާ އެރިއެވެ. އަދި ދަރުބާރުގައި ވަޑައިގެން ތިއްބެވި ޢިލްމުވެރިންނާއި މުޚާތަބުކޮށް ބުންޏެވެ. 'ތިޔަބައި މީހުންނީ، އިސްލާމް ދީނުގެ އެދުރުންނެވެ. އެދީނުގެ މަޢުލޫމާތާއި، ގޮތާއި ފޮތް އެންމެ ބޮޑަށް އެނގިލައްވާނޭ ބޭކަލުންނެވެ. އަހުރެންގެ އަތުގައިވަނީ ރޯމަނުންގެ ފަރާތުން، އެންމެ އިސްލާމުތަކުންވާ ތިން ސުވާލުކަމުން، އަހުރެންގެ ބުއްދީގައި މި ތިން ސުވާލު ހަވާލުކުރަންވާނީ އޭގެ ޙައްޤުވެރިންނާއެވެ. އާދެ، ތިޔަ ލޮބުވެތި ބޭކަލުންނާއެވެ.' މި ޚުތުބާ ނިންމުމަށްފަހު، ވަޑައިގެންތިއްބެވި ޢިލްމުވެރިންގެ ކުރިމަތީގައި އޭނާގެ ތިން ސުވާލު ތަރުތީބުކަމާއެކު ހުށައަޅައިފިއެވެ.

ރޯމަނުންގެ ސަފީރު ބުންޏެވެ. 'އަހުރެންގެ ފުރަތަމަ ސުވާލަކީ ތިޔަބައިމީހުންގެ ކަލާނގެ، ﷲގެ ކުރީގައިވަނީ ކޮން ކަމެއް ނުވަތަ ފަރާތެއް ނުވަތަ އެއްޗެއްތޯއެވެ؟ ދެވަނައަށް އަހުރެންގެ ހަވާލުގައިވާ ސުވާލަކީ ތިޔަބައިމީހުންގެ ކަލާނގެ ﷲ މިވަގުތު ބައްލަވަނީ ކޮން ދިމާއަކަށްތޯއެވެ؟ ތިޔަބައިމީހުންގެ ގާތުގައި އެހުމަށް އަހުރެންނާއި ހަވާލުވެގެންވާ ތިންވަނަ ސުވާލަކީ، ތިޔަބައިމީހުންގެ ކަލާނގެ، ﷲ މިވަގުތު ޝާމިލްވެގެންވަނީ ކޮން ކަމެއް ކުރުމުގައިތީއެވެ؟' އޭނާގެ މި ތިން ސުވާލާއެކު އިސްލާމީ އުންމަތުގައި އެދުވަސްވަރަށް ތިއްބެވި ޢިލްމުވެރިން މެދުގައި ކުދި ސައްލާތައް ހިންގާންފަށައިފިއެވެ. އޭނާގެ ސުވާލުތަކުގެ އެކަށޭނެ ޖަވާބު އޭނާއަށް ދިނުމަށްޓަކައެވެ. މިކަމުގައި ވަގުތުތައް ދިގުވެ، އޭނާއަށް އަރުވާނޭ ޖަވާބެއް ނެތި، މުޅި ދަރުބާރު ހިމޭންވެއްޖެއެވެ. ކޮންމެ ބޭކަލެއްގެ މޫނުފުޅުމަތީންވެސް ފެންނަނީ ނުތަނަވަސްކަމާއި ގޮތްހުސްވުމުގެ ޢަލާމާތްތަކެވެ. މިގޮތުގައި ވަގުތުތައް ދިގުވާން ފެށުމާއެކު ރޯމަނުންގެ ސަފީރަށް އޭނާގެ އެދުން ހާސިލްވެޖެއްކަމުގެ އުފާ ލިބެންފަށައިފިއެވެ. އޭނާއަށް ފެންނަނީ ލަދާއި ތަދުން އިސް އޮބާލަމުންދާ މުސްލިމުންތަކެކެވެ. އެބޭކަލުންނަށް އަމާޒުކޮށް، ބޮޑާކަމާއެކު އޭނާ ބުނަމުން ގެންދިޔައެވެ. 'އަހުރެންގެ ސުވާލުތަކުގެ ޖަވާބުދޭނޭ ހަމަ އެންމެ ބޭކަލަކުވެސް ތިޔަ ބޭކަލުންގެ ތެރޭގައި ނުވަނީތޯއެވެ؟'

ރޯމަނުންގެ ސަފީރުގެ ހާސަރާއި މަލާމާތުގެ ބަސްތައް އިތުރުވެ، ދަރުބާރުގެ ހާސްކަން އިތުރުވެގެންދާން ފެށުމާއެކު، އެތަނުން އެއްބޭކަލަކާއެކު ވަޑައިގެން އިންނެވި، އެބޭކަލަކުގެ ދަރިކަލުން، އެބޭކަލަކާއި މުޚާތަބުކޮށް އެބަ ނަންގަނެއެވެ. 'އޭ ލޯބިވާ ބައްޕާއެވެ! އޭނާއަށް ޖާވާބު ދިނުމުގެ ހުއްދަ އަހުރެންނަށް ދޭށެވެ. ﷲ ތަޢާލާގެ ވާގިވެވޮޑިގަތުމާއެކު އަހުރެން އޭނާގެ އަނގަ ބަންދުކުރާނަމެވެ.' އެ ކުޑަ ކުއްޖާއަށް އޭނާގެ ބައްޕަގެ އިޛުނަ މިކަމަށް ލިބުމާއެކު، އޭނާ ކޮޅަށް ތެދުވެ އަދަބު އަދާކުރުމަށްފަހު، ޚަލީފާގެ އަރިހުން ރޯމަނުންގެ ސަފީރަށް ޖަވާބު ދިނުމުގެ އިޛުނައަށް އެދުނެވެ. އެ ކުޑަ ކުއްޖާ އެދުނު އިޛުނަ އޭނާއަށް ލިބުމާއެކު، ދަރުބާރުގެ އެންމެހާ ޙާޟިރީންގެ ލޯތައް އެ ކުޑަ ކުއްޖާއަށް އަމާޒުވިއެވެ. އެ ކުޑަ ކުއްޖާގެ ފުށުގައިވަނީ ކޮންމެ ކަމެއްކަން ނޭނގޭ ހާލު، އެންމެ ބޭކަލުންގެ ހާސްކަން އިތުރުވެ، ކަންބޮޑުވުމުގެ އިންތިހާއަށް މުޅި ދަރުބާރު ގޮސްފިއެވެ. އެ ކުއްޖާ އެއްވެސް ހާސްކަމެއް ނެތި، ދަރުބާރުގެ ކުރިއަށް ޖެހިލުމާއެކު، ރޯމަނުންގެ ސަފީރާއި ކުރިމަތިވާގޮތަށް ހުއްޓިލިއެވެ. މުޅި ދަރުބާރުގައި ވަޑައިގެންތިއްބެވި އެންމެހާ ޢިލްމުވެރި ބޭކަލުން ނޭވާ ހިފައްހައްޓާލައިގެން ތިއްބެވީ، އެ ކުޑަ ކުއްޖާ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ވަކިން ޚާއްސާކޮށް އޭނާގެ އުމުރުގެ ހަގުކަމަށްޓަކައްޔާއި އެ އުމުރުގެ ގިނަ ކުދީންގެ މޮޔަ ކަމަށްޓަކައެވެ.

ރޯމަނުންގެ ސަފީރާއި މުޚާތަބުކޮށް އެ ކުޑަ ކުއްޖާ ބުންޏެވެ. 'ތިބާގެ ފުރަތަމަ ސުވާލަކީ އަހުރެމެންގެ ކަލާނގެ، ﷲ ތަޢާލާގެ ކުރީގައި ވަނީ ކޮން ކަމެއް ނުވަތަ ފަރާތެއް ނުވަތަ އެއްޗެއްތޯއެވެ؟ އޭ ރޯމަނުންގެ ސަފީރެވެ! ތިބާ ހިސާބު އަކުރު ދަންނަމުހެއްޔެވެ؟ އެހެންކަމަށްވާނަމަ، ދިހަޔަކުން ތިރިއަށް ގުނާށެވެ.' އެ ކުއްޖާގެ ބަހާއެކު ރޯމަނުންގެ ސަފީރު، ދިހަޔަކުން އެކަކަށް ގުނައިފިއެވެ. އޭނާ ގުނާ ނިމުމުން، އެ ކުއްޖާ ރޯމަރުންގެ ސަފީރާއި ސުވާލުކުޅައެވެ. އެކެއްގެ ފަހަތުގައިވަނީ ކޮން އަނދަދެއް ތޯއެވެ. ރޯމަނުންގެ ސަފީރު ބުންޏެވެ. 'އެއަށްފަހު ވަނީ ސުމެކެވެ. އެއީ އަނދަދެއް ނޫނެވެ.' މި ޖަވާބާއެކު އެ ކުޑަ ކުއްޖާ އޭނާއަށް ނިސްބަތްކޮށް ބުންޏެވެ. 'އޭ ރޯމަރުންގެ ސަފީރެވެ! އެކަކަށް ފަހު އަނދަދެއް ނުވާކަމަށް ތިބާ އެއްބަސްވެއްޖައީމެވެ. އެހެންކަމަށްވާނަމަ ހިސާބެއް އިމެއްނެތި ވޮޑިގެންވާ ކަލެއްގެ ކުރިން، އެއްވެސް ކަމެއް ނުވަތަ ފަރާތެއް ނުވަތަ އެއްޗެއްވެސް ނުވާނެކަމުގެ ދަލީލު ތިބާ އަމިއްލައަށް ދައްކާ، އެކަމުގެ މައްޗަށް ތިބާ ތިޔަ އިޢުތިރާފުވީއެވެ.' ކުޑަ ކުއްޖާގެ މިޖަވާބާއެކު، މުޅި ދަރުބާރަށް އުފާވެރިކަން އައިސް، ﷲ އަކްބަރުގެ ނަޢުރާއިން މުޅި ދަރުބާރު ގުގުމާލައިފިއެވެ. އެކުއްޖާގެ ކިބައިގައި ޚިކުމަތްތެރިކަމާއި ޢިލްމު ވާކަމަށްޓަކައެވެ.

ހައިރާންވެފައި ހުރި ރޯމަނުންގެ ސަފީރާއި ކުރިމަތިލުމަށްފަހު އެ ކުޑަ ކުއްޖާ ދެވަނަ ސުވާލައިގެން ކުރިއަށް ދިޔައެވެ. 'އޭ ރޯމަނުންގެ ސަފީރެވެ! ތިބާގެ ދެވަނަ ސުވާލަކީ އަހުރެމެންގެ ކަލާނގެ، ﷲ ތަޢާލާގެ މިވަގުތު ބައްލަވާވޮޑިގެންވަނީ ކޮން ދިމާއަކަށްތޯއެވެ؟' މިއާއެކު، ދަރުބާރުގެ ޚައްދާމުން ކުރެ މީހަކަށް އިޝާރާތް ކުރުމަށްފަހު އެކުއްޖާ ބުންޏެވެ. 'އަހުރެންގެ އަތަށް ރޯކޮށްފައިވާ އުއްބައްތިއެއް ގެނެސްދީބަލާށެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި ޙައްދާމު، ދިއްލާފައިވާ އުއްބައްތިއަކާއިގެން އެނބުރިއައިސް އެ ކުޑަ ކުއްޖާގެ އަތަށް އެ ބައްތި އެރުވި ހިނދު އެ ކުޑަ ކުއްޖާ ބުންޏެވެ. ' މި ބައްތީގެ ހުޅުކޮޅު ހުރީ މައްޗަށެވެ. އެހެންނަމަވެސް މި ހުޅުކޮޅުންވާ އަލިކަން ހުރިހާ ފަރާތަކަށް އެބަ ދަތުރުކުރެއެވެ. މައްޗަށާއި ތިރިއަށެވެ. ކަނާތްފަރާތަށާއި ވައަތްފަރާތަށެވެ. ވަށައިގެންނެވެ. ތިބާއަށް މި ބައްތީގެ އަލިކަން ހުރިހާ ދިމާއަކަށް ދާތީއެބަ ފެނޭ ނޫންހެއްޔެވެ؟ އިންސާނުންގެ އަތުން ހަދާފައިވާ މި ބައްތީގެ އަލިކަން ދަތުރުކުރަމުންދާ ވަކި ދިމައެއް އަހުރެމެންނަށް ބަޔާންކޮށްދޭން ނުކުޅެދޭއިރު، އެންމެހާ ނޫރުތަކުގެ ވެރި ރައްބުގެ ނޫރުފުޅުވަނީ ކޮންދިމާއެއްގައިކަން ބުނެދިނުމުގެ ކުޅަދާނަކަން އަހުރެމެންނަށް ލިބިގެންވޭ ހެއްޔެވެ؟ އަދި ކީތް ހެއްޔެވެ! އެކަލާގެ ނޫރުފުޅުވަނީ ހުރިހާ ދިމާއެއްގައެވެ.' މިޖަވާބާއެކު މުސްލިމު އުންމަތުގެ ޢިލްމުވެރިން ﷲ ތަބާރަކަވަތަޢާލާގެ ޙަޟުރުތުން، އެ ކުއްޖާގެ މައްޗަށް މިންވަރު ކުރައްވާފައިވާ ބުއްދިއާއި ޚިކުމަތުގެ މައްޗަށް ކޮޅުނެތްކޮޅަށް ޝުކުރު ދަންވަންފަށައިފިއެވެ. ﷲ އަކްބަރުގެ ނަޢުރާއިން މުޅި ދަރުބރު ގުގުމަމުންނެވެ.

މި އެންމެ ބޭކަލުންނަށްވުރެ ރޯމަނުންގެ ސަފީރަށް ލިބުނު ހައިރާންކަމާއި، އޭނާ ހުށައެޅިގެންދިޔަ ލަދުވެތިކަން ބޮޑެއެވެ. އޭނާގެ ކުރިމަތީގައި، އޭނާއަށްވުރެ އެތައް ގޮތަކުން ހަގު އިންސާނަކު އޭނާ ފަޟީޙަތްކޮށް ނިންމާލަނީއެވެ. އޭނާގެ ބުއްދީގައި އެ ކުޑަ ކުޑަ ކުއްޖާއަށް އެކަށޭނެ ޒުވާބެއް ދެވޭނެ މިންވަރު ނެތަތީއެވެ. އެ ކުޑަ ކުއްޖާ ރޯމަނުންގެ ސަފީރަށް އޭނާގެ ތިންވަނަ ސުވާލުގެ ޖަވާބު ދިނުމަށްޓަކައި ކުރިމަތިލައިފިއެވެ. އެ ކުޑަ ކުއްޖާ ރޯމަނުންގެ ސަފީރަށް ބުންޏެވެ. 'ތިބާގެ ތިންވަނަ ސުވާލަކީ އަހުރެމެންގެ ކަލާނގެ، ﷲ ތަބާރަކަ ވަތަޢާލާ މިވަގުތު ވޮޑިގެންވަނީ ކޮންމެ ކަމެއްކުރެއްވުމުގައިތޯއެވެ؟ މި ސުވާލުގެ ޖަވާބު ދިނުމުގެ ކުރިން، އަހުރެން ތިބާގެ ކިބައިން އެދޭ އެދުމެއް އެބައޮތެވެ. ތިބާ އަރާ ތިޔަ ހުރި މިންބަރުން ފައިބައި އަހުރެންނަށް ތިޔަ މިމްބަރަށް އެރުމުގެ ފުރުސަތުދޭށެވެ. އެއީ އަހުރެންޖެ ޖަވާބުގެ މުހިންމުކަމަށްޓަކައި މީސްތަކުންނަށް އެ ޖަވާބު ފުރިހަމަގޮތުގައި އިއްވުމަށްޓަކައެވެ.' ކުޑަ ކުއްޖާގެ މިބަހަށް އިޖާބަދީ ރޯމަނުންގެ ސަފީރު އެ މިމްބަރުން ފޭބުމާއެކު، އެ ކުއްޖާ އެ އުސްމިމްބަރަށް އަރައިފިއެވެ. އެއާއެކު އެ ކުއްޖާ ރޯމަނުންގެ ސަފީރުގެ ތިންވަނަ ސުވާލުގެ ޖަވާބު އިއްވާން ފައްޓައިފިއެވެ. 'އޭ ރޯމަނުންގެ ސަފީރެވެ! ދެންމެ މި އުސް އަދި ޢިއްޒަތެރިވެގެންވާ މިންބަރުކޮޅުގައި ﷲ ތަޢާލާއަށް ބަދުބަސް ބުނާ އިންސާނަކު ހުއްޓަތީ އެކަލާނގެ ދެނެވޮޑިގެންވެއެވެ. އެކަލާނގެ އިރާދަކުރެއްވީ، އޭނާގެ ހައިބަތު ތިރިކުރައްވާ އިސްލާމްދީނުގެ ޢިއްޒަތް އުފެއްލުމަށެވެ.' ދެން އެ ކުޑަ ކުއްޖާ މުޅި ދަރުބާރަށް ކީރިތި ޤުރުއާނުގެ އައްޜަހްމާނު ސޫރަތުގެ އޮނަތިރީސްވަނަ އާޔަތުގައި ބަޔާންކުރެވިގެންވާ ވާހަކަތައް އިއްވައިދީފިއެވެ. 'އުޑުތަކާއި ބިމުގައިވާހާ ބަޔަކު އެކަލާނގެއަށް އެދި ދަންނަވަތެވެ. ކޮންމެ ހިނދުކޮޅެއްގައިމެ، އެކަލާނގެ ވޮޑިގެންވަނީ ކަމެއްގައެވެ. އެބަހީ، ބައެއް އަޅުތަކުން ޢިއްޒަތްރިކުރައްވައި، އަނެއްބައި އަޅުތަކުން ނިކަމެތި ކުރައްވައި، އެއްބަޔަކަށް ރިޒްޤު ދެއްވައި، އަނެއް ބަޔަކު ރިޒުޤުން މަޙްރޫމު ކުރައްވަތެވެ.'

އެ ކުޑަ ކުއްޖާގެ ކިބައިން ފެނުނު މި ޢަޖާއިބުކުރުވަނިވި މަންޒަރުތަކުގެ ސަބަބުން ރޯމަނުންގެ ސަފީރުގެ ހިތުގައި އޭނާގެ ދީނާއި މެދުގައި ފުންކޮށް ވިސްނުމަށް ޖާގަ ހުޅުވާލައިފިއެވެ. އެއީ އޭނާއަށް އެ ހުރެވުނީ އެންމެ ރަނގަޅު ދީނުގެ މަތީގައިތޯ އޭނާގެ ނަފްސާއި ސުވާލުކުރުމުގެ ވިސްނުން އޭނާއަށް ލިބިއްޖެއެވެ. ޔަޤީނުންވެސް ރޯމަނުންގެ ސަފީރު، އެނބުރި އޭނާގެ ޤައުމުގެ މީސްތަކުންގެ ގާތަށް އެދަނީ ހުސްއަތަކައިގެނެއް ނޫނެވެ. އޭނާގެ ސުވާލުތަކުގެ ޖަވާބާއި، ވިސްނާ ފިކުރު ކުރުންހުރި އެތައްކަމަކާއިގެންނެވެ.

ނޯޓު: މި ވާހަކައިގާ އެތައް ޚިކުމަތްތަކެއްވެއެވެ. ދީން ޤަބޫލުނުކުރާ މީހުންނާއި، މަންސޫޚުކުރެވިފައިވާ ދީންތަކުގެ މީސްތަކުންގެ ފުށުން އިސްލާމްދީނުގެ ނުކުޅެދުންތެރިކަމުގެ މައްޗަށް ހުށައެޅިގެންދާ ސުވާލުތަކަށް ޖަވާބުދިނުމުގައި ވިސްނަންވީ ދުނިޔެވީ ހަމަތަކާއި، އިސްލާމީ ދިރިއުޅުމެއްގެ ވައްޓަފާޅިން މިފަދަ ފަރާތްތަކަށް ދެވިދާނެ ޙާޟިރު އެތައް ޖަވާބެއް ހުރިކަން، މިވާހަކައިން ބުނެދެއެވެ. ވަކިން ޚާއްސާކޮށް، ﷲގެ މަގުގައި ކަމަކާއި ކުރިމަތިލައިފި މީހާ، އެކަލާނގެ ދޫކޮށް ނުލައްވާނެކަމުގައި މި ވާހަކައިގެ މަސްދަރުން ސާބިތުވެއެވެ.

މި ތަރުޖަމާގައި މަޢުލުމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވަށެވެ.

މަސްދަރު: އިސްލާމިކްސްޓޯރީސް.ކޮމް

ތަރުޖަމާ: ޙަސަން ޣައްސާން

ކޮމެންޓް

ގުޅޭ ލިޔުންތައް