މާލިކު ބިން ދީނާރާއި ވަގުކަލޭގެ – 'އަހުރެންގެ އަތުން ވައްކަންކުރީ މާލިކް އިބުނު ދީނާރެވެ'.

އެޑްމިން

ދުވަސްވަރަކީ އިސްލާމީ ތާރީޚުގެ ތެރެއިން ތާބިޢީ ބޭކަލުން މިބިންމަތީގެ ކަންކަން އިސްލާޙުކުރެއްވުމަށް ގަދައަޅާ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވި ދުވަސްވަރެވެ. މިދުވަސްވަރު އިރާޤުގެ ބަސަރާގައި ތަޤުވާވެރިކަމާއި އަޅުވެރިކަމުގައި މަދުން މެނުވީ ނުފެންނާނެފަދަ ހިތްތިރި، ޒުހުދުވެރި ބޭކަލަކު އުޅުއްވިއެވެ. އެބޭކަލެއްގެ ގޮތްކޮޅާއި، އުޅުއްވުމުގައިވަނީ ސާދާކަމާއި މާދަމާވެސް ދުނިޔެއިން ވަކިވެގެން ހިނގައިދާނޭކަމަށް ތައްޔާރަށް ހުންނެވިކަމުގެ ދަލީލުތަކެވެ. ބޭނުންކުރައްވާ ހެދުންކޮޅުތަކުގެ ސާދާކަމެވެ. ގޭތެރޭގައި ހިފާ ގެންގުޅޭ ތަކެތީގެ މަދުކަމާއި، ކާނާގެ ދެރަކަމެވެ. ބަސްފުޅު މަދުކަމާއި، ﷲ ތަޢާލާގެ ޙަޟުރަތަށް ޛިކުރު ކުރެއްވުމުގައި މަސްޢޫލުވެ އިންނަވާލެއް ގިނަކަމުންނެވެ. އާދޭހެއެވެ. އެއީ ހިތްތިރިކަމާއި އަޅުވެރިކަމަށް މުޅި އިސްލާމީ އުންމަތަށްމެ މަޝްޙޫރު މާލިބު ބިން ދީނާރެވެ.

އެކަލޭގެފާނުގެ ހަޔާތްޕުޅުން ދުވަހެކެވެ. ވަގަކު އޭނާގެ އާންމު އުސޫލުގެ މަތީން ވައްކަންކުރުމަށްޓަކައި ތައްޔާރުވަމުން ދަނީއެވެ. އޭނާގެ ވައްކަމުގެ ހަޔާތުގައި، ކޮންމެ ދުވަހަކުވެސް އޭނާގެ ޝިކާރަ މާކުރިން އޭނާ ފާހަގަކުރެއެވެ. އެއީ އެ މީހަކާއި އޭނާއާއި ގުޅިފައިވާ ތަނެއްގެ މަޢުލޫމާތުތައް ރަނގަޅަށް ދެނެގަނެ، އެތަކުން ލިބެން އޮތް އެންމެ ބޮޑު މަންފާއެއް ނުވަތަ އަތުލެވެން އޮތް އެންމެ އަގުބޮޑު ޚަޒާނާއެއް ޣަނީމާކޮށްލުމުގެ ގަސްތުގައެވެ. ދުވާލުގެ ވަގުތު އޭނާ ހޭދަކުރަނީ ކަންކަމާއި ތަންތަން ހޯދާ ބެލުމާއި، އޭނާގެ ޝިކާރަ އަތުލައިގަންނާނޭ ގޮތް ހޯދާ ބެލުމުގައެވެ. ކޮންމައަކަސް ވިދިގެން އައި ރެއަށް އޭނާގެ ވައްކަމުގެ އަމާޒުފަތްގަނޑަކަށްވީ މާލިކު ބިން ދީނާރުގެ ގެކޮޅެވެ.

ރޭގަނޑުން ބައެއް ފާއިތުވެ، ދަން އަތަށް އަޅާލުމުން، އާދައިގެމަތިން ވަގުކަލޭގެ އެނާގެ މަސައްކަތަށް ފަށައިގެންފިއެވެ. މާލިކު ބިން ދީނާރުގެ ގެކޮޅުގެ ފާރުމަތީން، ނުހަނު ކުޅަދާނަކަމާއި ފަސޭހަކާއެކު އޭނާ އެގޭގެ ތެރެއަށް ދެމިގެންފިއެވެ. ކުޑަނަމަވެސް އަޑެއް އިއްވާލުމެއްނެތިއެވެ. އޭނާ މާލިކު ބިން ދީނާރުގެ ގެކޮޅުގެ ދޮރު ހުޅުވާލުމަށްފަހު، ހަލުވިކަމާއެކު އެތެރެއަށް ދެމިގެންފިއެވެ. ވައިރޯޅިއަށްވެސް އިހުސާސްނުވާނެހާ ހުށިޔާރުކަމާއެކުގައެވެ. ގޭތެރެއަށް ވަނުމާއެކު، ގޭގެ އެތަން މިތަން އޭނާ ހޯދަންފެށިއެވެ. ފައިސާކޮޅެއް ނުވަތަ އަގުބޮޑު ޖަވާހިރެއް ގޭގެ ކޮންމެވެސް ތަނެއްގައި ރައްކާކޮށްފައި އޮވެދާނެކަމަށްޓަކައެވެ. މިގޮތުގައި އޭނާ އެތައް ވަގުތެއް ހޭދަކޮށްފިއެވެ. ކޮޓަރިއަކަށްފަހު ކޮޓަރިއެއް ބަލާ ނިމުނުއިރުވެސް އޭނާއަކަށް ބާޒަރުގައި ވިއްކާލެވެނެ ޒާތުގެ އެއްޗެއްވެސް އެގެއިން އަތަކުނުޖެހުނެވެ. އެންމެފަހުން ގޭތެރޭގައި ހިފާ ގެންގުޅޭ ޒާތުގެ އެއްޗެއް ނަމަވެސް ހިފައިގެން ނޫނީ އެގެއިން ނުނިކުތުމަށް އޭނާ ނިންމައިފިއެވެ. މިކަމުގައިވެސް އޭނާވީ ނަޔާމިޔާބެވެ. މިއީ އޭނާ އުންމީދު ކުޅަ ގޮތަށް، ޖާހާއި ޢިއްޒަތުގެ ގެއެއް ނޫނެވެ. މިއީ ސާދާކަމާއި ހިތްތިރިކަމުގެ ގެއެކެވެ. އޭނާގެ މުޅި މަސައްކަތް ފެނަށް ދިޔަ ކަމުގެ ހިތާމަ އޭނާގެ މޫނު މައްޗަށް ވެރިވެއްޖެއެވެ.

ވަގުކަލޭގެ ގެއަށް ވަތް ވަގުތަކީ، މާލިބު ބިން ދީނާރު އެކަލޭގެފާނުގެ އާދަފުޅުގެ މަތީން، ރޭގަނޑުގެ ދަމު ނަމާދު ކުރުމުގައި މަސްޢޫލުވެއިން ވަގުތެވެ. ގޭތެރޭގައި މީހަކު އުޅޭކަމުގެ ހީތަށް އެކަލޭގެފާނަށް ލިބިވަޑައިގަތުމާއެކު ނަމާދު ކުރުކޮށްލެއްވުމަށްފަހު، ގޭތެރެއަށް ނަޒަރު ހިންގަވާލެއްވިއެވެ. އެއީ ލިބުނު މާޔޫސްކަމުގައި ވަގުކަލޭގެ، އެކަލޭގެފާނަށް ފުރަގަސްދީގެން، އެގެއިން ނިކުތުމަށް މިސްރާބުޖަހާފައިވާ ވަގުތެވެ. މާލިބު ބިން ދީނާރަށް އޭނާގެ ފެނިލައްވައިފިކަމާއި އޭނާގެ ގަސްތަކީ ކޮބައިކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވާކަން އޭނާއަށް އެންގުމުގެ ގޮތުން ވިދާޅުވިއެވެ. 'އޭ އަހުރެންގެ އަޚާއެވެ! މާތް ﷲ ތިބާގެ ފާފަ ފުއްސަވާށިއެވެ. ތިބާ އަހުރެންގެ ގެއަށް ވަނީ ކޮންމެވެސް އެއްޗެއް ހޯދާކަށް ނޫން ހެއްޔެވެ. އެހެންކަމުން ހުސްއަތާ ތިބާ މިގެއިން ދިއުމީ އަހުރެން އެދޭގޮތެއް ނޫނެވެ.'

މާލިނު ބިން ދީނާރުގެ އަޑުފުޅު ޖެހުމާއެކު ވަގުކަލޭގެއަށް ސިހުންލިބި ހުއްޓުން އެރިއެވެ. އަދި އެގެއިން ނިކުންނާން ނުކެރި، އޭނާ މަޑުން ހުރެއްޖެއެވެ. މިތަންވަޅު، މާލިކު ބިން ދީނާރު، ކޮޓަރީގެ ދުރުބިތުގައި ބަހައްޓާފައިހުރި ފެން ކަންވާރެއް ހިފައިގެން އައިސް އޭނާގެ އަތަށް ދިނުމަށްފަހު ވިދާޅުވިއެވެ. 'އޭ އަޚާއެވެ! މި ފެނުން ވުޟޫކުރަށެވެ. އެއަށްފަހު ދެ ރަކުޢަތުގެ ނަމާދެއް ކުރާށެވެ. ތިމާ މިކަން ކޮށްފިނަމަ، ޔަޤީނުންވެސް ތިބާ މިގެއިން ނިކުމެގެން ދާނީ އަގުބޮޑު ހަދިޔާއަކާއެކުގައެވެ. ތިބާއަށް އެއިން ފައިދާ ކުރާނެ، ނިޢުމަތަކާއެކުގައެވެ.' މާލިކު ބިން ދީނާރުގެ ފުށުގައިވާ ހިމޭންކަމާއި އޯގާތެރިކަމުގެ ސަބަބުން، އޭނާގެ ހިތުގައިވާ ބިރުވެރިކަމާއި ކަންބޮޑުވުން ފިލާގޮސް، އެކަލޭގެފާނުގެ މައްޗަށް ނުހަނު ގަދަ އިޙްތިރާމާއި ކުލުނުވެރިކަން ހިނގައިފިއެވެ. އޭނާ މާލިކު ބިން ދީނާރަށް ނަންގަތެވެ. 'ތިޔައީ ދީލާތި ހުށައެޅުމެކެވެ. އަހުރެން ތިޔަކަން ކުރާނަމެވެ.'

އޭނާ އެ ފެނުން އޭނާގެ ގުނަވަންތައް ޠާހިރުކުރުމަށްފަހު، ވުޟޫގެ ބަރަކާތް ހާސިލްކޮށްފިއެވެ. އެއަށްފަހު، އޭނާ ދެ ރަކުޢަތުގެ ނަމާދަށް ފަށައިގަތެވެ. ނަމާދުގެ މިވަގުތަކީ އޭނާއަށް މާލިކު ބިން ދީނާރުގެ ބަސްފުޅުގެ ޙަޤީޤީ މާނަ ފަޙުމްވި ވަގުތެވެ. މި ދެރަކުޢަތަށް ފަހު، އޭނާ މާލިކު ބިން ދީނާރުގެ އަރިހުން އެދުނެވެ. 'އޭ ޢިއްޒަތްތެރި ކަލޭގެފާނެވެ. އަހުރެންނަށް އިތުރަށް ނަމާދުކުރުމުގެ ފުރުސަތު ދެއްވާނުތޯއެވެ.' ޖަވާބުގައި މާލިކު ބިން ދީނާރު އޭނާ އެދޭ މިންވަރަކަށް ނަމާދުކުރުގެ އިޛުނަ ދެއްވި ހިނދު، އޭނާ އެރޭގެ ފަތިސް ވެއްޖައުމަށް ދާންދެން މާލިބު ބިން ދީނާރާއެކުގައި ނަމާދުކުޅައުމުގައި ޤާއިމް ވެއްޖެއެވެ. އޭނާ ކުރަމުން ދިޔަ ކޮންމެ ނަމާދަކާއެކު އޭނާގެ ލޯ ހުޅުވެންފެށިއެވެ. ކުރެވިފައިވާ ފާފަތަކުގެ މައްޗަށެވެ. އޭނާ ހިތުގައި މޮޅިވެރިކަމުގެ އަސަރުތައް ހިނގާންފެށިއެވެ. ކުރެވިފައިވާ ހެޔޮ ޢަމަލުތަކުގެ މަދުކަމުންނެވެ. މިގޮތުގައި ފަތިސްވުމާއެކު، އޭނާ މާލިކު ބިން ދީނާރުގެ އަރިހުގައި ދެންނެވިއެވެ. 'އޭ މާތް ކަލޭގެފާނެވެ! އަހުރެން ދުވާލުގެ ބޮޑުބައި އަޅުކަމުގައި މިގޭގައި ހޭދަކުރުމާއި މެދުގައި ކަލޭގެފާނުގެ އިޢުތިރާޟެއް އެބައޮތްތޯއެވެ. އެއީ އަހުރެން ރޯދައަށް ހުންނާން ގަސްތުކޮށްފީމެވެ.' މާލިކު ބިން ދީނާރަށް އޭނާއަށް މި އަންނަމުންދާ ބަދަލުތައް ވިސްނިވަޑައިގެން، ވިދާޅުވިއެވެ. 'ތިބާ އެދޭ ކޮންމެ ވަގުތަކާއި ޖެހެންދެން އަހުރެން ތިބާގެ ކޮންމެ ކަމަކަށް މަރުޙަބާ ކިޔަމެވެ.'

ފިކުރުކުރުން ހައްޤު ނޫން ހެއްޔެވެ؟ ވައްކަން ކުރުމުގެ ގަސްތުގައި މާލިކު ބިން ދީނާރުގެ ގެއަށްވަން މީހާ އެ އިނީ އެކަލޭގެފާނާއެކު ނަމާދުކޮށް ޛިކުރުކުރުމުގައެވެ. އެކަލޭގެފާނާއެކު ރޯދައަށެވެ. މިގޮތުގައި އެތައް ދުވަހަކު އޭނާ ހޭދަކޮށްފިއެވެ. ރޭގަނޑު ރޭ އަޅުކަންކުރުމާއި ޛިކުރުކުރުމުގައެވެ. ކުރެވިފައިވާ ފާފަތަކުގެ މައްޗަށް ތެދުވެރި ތައުބާއިން ތައުބާވުމުގައެވެ. ދުވާލުގެ ވަގުތުތަކުގައި ﷲ ތަޢާލާއަށްޓަކައި ހައިހޫނުކަމުގައި ކެތްކުރަނީއެވެ. ޤުރުއާން ކިޔެވުމާއި ނަމާދުކުރުމުގެ ތެރެއިންނެވެ. މިގޮތުގައި ދުވަސްކޮޅެއް ހޭދަކުރުމަށްފަހު، އޭނާ މާލިކު ބިން ދީނާރުގެ އަރިހުގައި ނަންގަތެވެ. 'އޭ މާތް ކަލޭގެފާނެވެ! އަހުރެންނަށް ކުރެވިފައިވާ ކުށްތަކުގެ މައްޗަށް ތައުބާވަމެވެ. އަހުރެން އަނބުރާ އިހުގެ ދިރިއުޅުމަށް ދިއުމަށް އިންކާރުކުރަމެވެ'. މާލިކު ބިން ދީނާރަށް އޭނާގެ ބަހުގެ ތެދުކަން އިޙުސާސްކުރެއްވުމާއެކު ވިދާޅިވިއެވެ. 'ތިބާގެ ތައުބާވަނީ ﷲގެ ޙަޟުރަތުންނެވެ.'

މި ދުވަހަށްފަހު، އޭނާ ކައިބޮއި އުޅެންފެށީ ޙަލާލު މަސައްކަތުންވާ ރިޒުޤުންނެވެ. އޭނާގެ އިހުގެ އުޅުން ދޫކޮށް، ހެޔޮކަމުގެ މަގަށް އޭނާ ރުޖޫޢަވެއްޖެއެވެ. އޭނާއަށް ވައްކަންނުކޮށް އޭނާގެ މުޅި އުމުރުގައި ދިރިއުޅެވޭނެ ފަދަ އަގުމާތް ނިޢުމަތެއް އޭނާއަށް ލިބުނީއެވެ. މާލިކު ބިން ދީނާރުގެ ގެއިންނެވެ. ކޮންމެއަކަވެސް އޭނާގެ އިހުގެ އާދަތައް ދޫކޮށް، މަސައްކަތުގައި މަސްޢޫލުވެ އުޅުނު ދުވަހެކެވެ. އޭނާގެ ކުރީގެ ހަޔާތުގެ ރައްޓެއްސަކާއި ބައްދަލުވެއްޖެއެވެ. އޭނާގެ އެކުވެރިޔާ، އޭނާއަށް ނިސްބަތްކޮށް ބުންޏެވެ. 'ކޮބާ އަގު ބޮޑު އިނާމެއް އަތުވި ހެއްޔެވެ؟' އޭނާގެ އެކުވެރިޔާގެ މިޖުމްލައިގެ ގަސްތަކީ ކޮބައިގެން ވިސްނި، އޭނާ އޭނާގެ އެކުވެރިޔާއަށް ޖަވާބު ދިނެވެ. 'އެކުވެރިޔާއެވެ! އަހުރެންނަށް އެގެއިން އަތުވީ މާލިކު ބިން ދީނާރެވެ. އަހުރެން އެނާގެ ގެއަށް ވަނީ އެގެއިން ވައްކަން ކުރުމުގެ ގަސްތުގައެވެ. އެހެންނަމަވެސް، ސަމާލުނުވެވި އުޅެނިކޮށް، އަހުރެންގެ އަތުން ވައްކަންކުރީ މާލިކު ބިން ދީނާރެވެ. އޭނާ އަހުރެންގެ ހިތް ވަގަށް ނެގީއެވެ. އޭ އަޙާއެވެ. އަހުރެން ތައުބާ ވެއްޖައީމެވެ. އަހުރެންގެ ވެރި އިލާހުގެ ޙަޟުރަތުންވާ ތައުބާގެ ރަޙްމަތް ލިބިގަތުމުގައި ދަހިވެތިވެފައިވަމެވެ. މިގޮތުގައި ދެމިހުރުމަށް އަހުރެން ޢަޒުމްކަނޑައަޅައިފީމެވެ. އެކަލާނގެއަށް ޚާލިސް އަޅަކުކަމުގައި ވެއްޖައުމަށްދާންދެނެވެ.'

ނޯޓު: މާލިކު ބިން ދީނާރުގެ ހަޔާތްޕުޅުން އައިސްފައިވާ ޙާދިޘާއިން ހާސިލްކުރެވެން ހުރި ޢިބުރަތްތެރި ފިލާވަޅުތަކުގެ ތެރޭގައި ގަނޑުވަރުތަކާއި، މުއްސަނދިކަމުގެ ކުރިމަތީގައި ސާދާ ގެތަކާއި ހިތްތިރި ދިރިއުޅުމުގެ މާތްކަން ﷲގެ ޙަޟުރަތުގައި ބޮޑުވެގެންވެއެވެ. އެއީ އެންމެ ބޮޑު އަނިޔާވެރިޔާވެސް، ފާފަކުރުންމަތީ ދެމިހުންނަ މީހާވެސް އެގެތަކުގެ ތެރެއިން ގެއަކަށް ވަދެއްޖެނަމަ، އޭނާގެ ހިތް މިލާ މޯޅިވެދިއުމަށްޓަކައެވެ. އެކު އުޅުމުގައި އިޚްތިޔާރުކުރަންޖެހޭނީ ޖެހޭނީ ހެޔޮ ރައްޓެހިންކަމާއި، އެފަދަ ހެޔޮ މީހުންނާއެކު ތިމާގެ ދިރިއުޅުން ވޭތުކުރާނަމަ، ތިމާގެ ހަޔާތަކީ އެފަދަ މީހުންގެ ތަސްވީރުތައް ފެންނަން ހުންނާނެ ލޯގަނޑަކަށްވުމަށްޓަކައެވެ.

މި ތަރުޖަމާގައި މަޢުލުމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވަށެވެ.

މަސްދަރު: އިސްލާމިކްސްޓޯރީސް / އެޑްމިން

ތަރުޖަމާ؛ ޙަސަން ޣައްސާން

ކޮމެންޓް

ގުޅޭ ލިޔުންތައް