އުންމަތުގެ އިމާމުންގެ ފުށުން އަޅުގަނޑުމެންނަށް އެތައް އެތައް ކަންތައްތަކެއް ދަސްވެއެވެ. ހެޔޮކަމުގެ މަގުގައި ހިނގާދާ ޢިބުރަތްތެރި އެތައް ފިލާވަޅުތަކެއް އަޅުގަނޑުމެންނަށްޓަކައި އެބޭކަލުން ދޫކުރެއްވިއެވެ. މިއިން ކޮންމެ ކަމެއްގައި، އިންސާނެއްގެ މުޅި ދިރިއުޅުމަށް އަލިކޮށްދޭނެ އެތައް ދަރުސްތަކެއްވެއެވެ. އަޅުގަނޑުމެންނަށްއޮތީ، މިކަންކަން ދެނެގަނެ، އެކަންކަމުގެ ޙިކުމަތް އޮޅުންފިލުވުމާއެކު، މިކަންކަމުގެ މައްޗަށް ފުރިހަމައަށް ޢަމަލުކުރުމެވެ.
އެކަލޭގެފާނުގެ އުމުރުފުޅުގެ ފަހުއަތުގައިވެސް އިމާމް އަޙްމަދު އިބުނު ޙަމްބަލްވެވަޑައިގެންނެވީ ޢިލްމަށް ދަހިވެތިވެވަޑައިގެން ހުންނެވި ބޭކަލަކުކަމުގައެވެ. މުސްކުޅި އުމުރުފުޅުގައިވެސް އެކަލޭގެފާނުގެ މޫނުފުޅު ނިވާކުރައްވައިގެން، އެކިއެކި ބޭކަލުންގެ ދަރުސްތަކަށް ވަޑައިގަންނަވައެވެ. އެންމެ އެދުންފުޅެއްގައެވެ. އެތަނަކުން ނުވަތަ އެމީހެއްފުށުން ޢިލްމުގެ ކޮންމެވެސް މިންވަރެއް އިތުރަށް ލިބިލައްވާތޯއެވެ. އަލް އިމާމު އަޙްމަދު އިބްނު ޙަމްބަލްއަކީ އިމާމް ޝާފިޢީގެފާނުގެ އާދަޔާޚިލާފު ދަރިވަރެކެވެ. އެކަލޭގެފާނަކީ އެދުވަސްވަރަށް މުޅި އިސްލާމީ އުންމަތުގައި ހުންނެވި އެންމެ މާތް ޢިލްމުވެރިޔާއެވެ. އެކަލޭގެފާނުގެ ޒުޙުދުވެރިކަމާއި، ވަރަޢަވެރިކަމާއި، ޢިލްމުގެ މައިދާނުގައި އެކަލޭގެފާނަށް ލިބިވަޑައިގެންވީ މަޤާމަށްޓަކައެވެ.
އިމާމް އަޙްމަދުގެ މުސްކުޅި އުމުރުފުޅުގައިވެސް އެކަލޭގެފާނުވެވަޑައިގެންނެވީ ދަތުރުފަތުރު ކުރެއްވުން ގިނަ ބޭކަލަކުކަމުގައެވެ. ޝާމުކަރައާއި، ފަލަސްތީނުގެ އިތުރުން އިސްލާމީ އުންމަތުގެ އެކިއެކި ކަންކޮޅުތަކަށް، ޢިލްމު ހޯއްދެވުމުގެ މާތް މަޤްޞަދުގައި އެކަލޭގެފާނު ދަތުރުފުޅުކުރެއްވެވިއެވެ. މިދުވަސްވަރުގެތެރެއިން ދުވަހެކެވެ. އިސްލާމީ ޚިލާފަތުގެ މައި ކިއްލާ، އާދެ، ބަޣުދާދުގެ އުސް އަދި ރިވެތި ބިނާތަކާއި ގަސްކަރަ އެކަލޭގެފާނުގެ މޯހިރުންގޮސް އެ ގެއްލެނީއެވެ. އެކަލޭގެފާނުގެ ޖަމަލުކޮޅުގެ މަތީގައި ގިނިކަންޏާ އެވަޑައިގަންނަވަނީ، ޝާމްކަރައިގެ ދިމިޝްޤަށެވެ. އެކަލޭގެފާނަށް ހަމައެކަނި ނަންފުޅު އިވިވަޑައިގެންފައިވާ ޢިލްމުވެރި ބޭކަލަކާއި ބައްދަލުވެވަޑައިގަތުމުގެ އުންމީދުގައެވެ. އެ ހަނަފަސް ސަހަރާތަކާއި ވާދީތައް ހުރަސްކުރައްކުރައްވަމުން އެކަލޭގެފާނު އެއުފުއްލަވަނީ، އެ އުމުރުގެ މުސްކުޅިއަކު އެކަނި ނަފްސަށް، ނުއުފުއްލާނޭވަރު އަންތަރީސް ވާވަރުގެ ތަކުލީފެކެވެ. މުސްލިމުންގެ އިމާމު ގިނިކަންޏާ އެވަޑައިގަންނަވަނީ، މީގެ ކުރިން އެކަލޭގެފާނަށް ފެނިވަޑައިގެންފައިނެތް ބޭކަލެއްގެ އަރިއަހަރަށް، ބީރައްޓެހި ބިމަކަށެވެ.
އެތައް ދުވަހެއްގެ ވޭންބޮޑު ދަތުރަކަށްފަހު، އެކަލޭގެފާނަށް ދިމިޝްޤަށް ވަޑައިގެންނެވިއްޖެއެވެ. އޭރު އިރު އޮއްސި މަޣުރިބުގެ ވަގުތު ފަހަނައަޅާދަނީއެވެ. މިފަދައިން ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި އެކަލޭގެފާނުގެ ގެކޮޅެއްކަމުގައި ހައްދަވަނީ އެ މާތް މިސްކިތްކޮޅުތަކެވެ. އެކަލޭގެފާނުގެ އެކުވެރިޔަކު ނުވަތަ މަދަދުވެރިޔަކު އެފަދަ ރަށްރަށުގައި ނުހުންނަކަމުންނެވެ. އާދައިގެމަތިން މިފަހަރުވެސް، އެކަލޭގެފާނު ވަޑައިގެންނެވީ ދިމިޝްޤުގެ ބޮޑު މިސްކިތަށެވެ. އެއީ ޢިޝާ ނަމާދުގެ ޖަމާޢަތަށް މީސްތަކުން އެއްވަމުން ދިޔަވަގުތެވެ. ހަށިގަނޑުގެ ގުނަންތައް ސާފުކޮށް، ވުޟޫކުރެއްވުމަށްފަހު އެކަލޭގެފާނު އަވަސްވެވަޑައިގެންނެވީ ޢިޝާނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގަތުމަށެވެ. ޢިޝާނަމާދުގެ ޖަމާޢަތް ނިމި، ސުންނަތަށްފަހުގައި އެކަލޭގެފާނު، މީސްތަކުންނަށް އުނދަގޫ ނުވާނޭގޮތުން މިސްކިތުގެ އެއްފަރާތެއްގައި އޮށޯވެވަޑައިގެންފިއެވެ. ވަރުބަލިފުޅު ފިލުވާލެއްވުމުގެ ބޭނުންފުޅުގައެވެ. ކޮންމެއަކަށް އެކަލޭގެފާނަށް، ހަމައަށް ލޯފުޅު ނުމެރުއްވެނީސް، އެ މިސްކިތް ބަލަހައްޓަން ހަވާލުކުރެވިފައިވާ ޚައްދާމު އެތަނަށް އަތުވެއްޖެއެވެ. އިމާމް އަޙްމަދުގެފާނަށް އިޝާރާތްކޮށް، އެކަލޭގެފާނު ނިދިން ނެންގެވުމަށްފަހު، އޭނާ ބުންޏެވެ. 'އޭ މުސްކުޅި އަޚާއެވެ! މިސްކިތް ބަންދުކުރާ ވަގުތު ޖެހިއްޖެއެވެ. އަވަހަށް ނިކުންނާށެވެ.' ޚައްދާމުގެ އެންގުމާއެކު އެކަލޭގެފާނު ވިދާޅުވިއެވެ. 'އަހުރެންނަކީ ދަތުރުވެރިޔަކީމެވެ. އަހުރެންދާނޭ ވަކިތަނެއް މިރަށުގައި ނުވެއެވެ. އެހެންކަމުން، އަހުރެން މިސްކިތުގައި މަޑުކޮށްލުން ކީތްތޯއެވެ.' އިމާމު އަޙްމަދުގެފާނު ވިދާޅުވި އެއްވެސް އެއްޗަކަށް ފަރުވާލެއްނެތި، އަނެއްކާވެސް އެ ޚައްދާމު މީހާ އެކަލޭގެފާނަށް ނިސްބަތްކޮށް ބުނެފިއެވެ. 'އަވަހަށް ނިކުންނާށެވެ. މިސްކިތް ބަންދުކުރާ ވަގުތު ޖެހިއްޖެއެވެ.' އެ ޚައްދާމު، އެކަލޭގެފާނަށް ކުޑަނަމަވެސް އޯގާތެރިކަމެއް ނުބަހައްޓާ، އެކަލޭގެފާނު ކޮށްޕަމުން، މިސްކިތްކޮޅުން ބޭރަށް ނެރެލައިފިއެވެ.
އިމާމް އަޙްމަދުގެފާނު އެއްވެސް ޝަކުވާއެއްނެތި މިސްކިތުގެ ޢިމާރާތުން ބޭރަށް ނިކުމެވަޑައިގެންނެވިއެވެ. އަދި ވަޑައިގަންވާނޭ ވަކިތަނެއް އެނަގިވަޑައިނުގެން، މިސްކިތުގެ ގޯތިތެރޭގައި މީސްތަކުންނަށް އެކަލޭގެފާނުގެ އުނދަގޫ ނުފޯރޭފަދަ ހިސާބެއްގައި އޮށޯވެވަޑައިގެންފިއެވެ. އެ ޚައްދާމައަށް، އޭނާއަށް މިސްކިތުން އެ ނެރެލެވުނީ މުސްލިމުންގެ އިމާމުކަން ކުޑަކޮށްވެސް ފަޙުމްވިނަމަ، އޭނާ އެކަމެއް ނުކުރާނެއެވެ. އެ ޚައްދާމަށް ނިސްބަތްކޮށް އެކަލޭގެފާނަށް އެފަދައިން ބުނެވުނީހެވެ. އެހެންނަމަވެސް އެކަލޭގެފާނު އިސްކުރެއްވީ ހިތްތިރިކަމާއި، ކެތްތެރިކަމެވެ. އުންމަތުގައި އެކަލޭގެފަނަށް ލިބިވަޑައިންވީ މަތިވެރި މަޤާމަށް ކުޑަނަމަވެސް އުނިކަމެއް އަންނާން އެކަލޭގެފާނަށް އެދިވަޑައިނުގެންނެވުނީއެވެ. މާގިނައިރުތަކެއް ނުވެއެވެ. އެ ޚައްދާމަށް އަނެއްކާވެސް އެކަލޭގެފާނު މިސްކިތުގެ ގޯތިތެރޭގައި އޮށޯވެވަޑައިގެން އޮންނަވަނިކޮށް ފެނުމާއެކު، އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. އޭނާ ރުޅިވެރިކަމާއެކު އެކަލޭގެފާނާއި މުޚާތަބުކޮށް ބުންޏެވެ. 'މިސްކިތް ބަންދުކުރެވިއްޖެއެވެ. މިތާނގައި އޮވެގެންނުވާނެއެވެ.' މިހެންބުމާއެކު، އޭނާ އެކަލޭގެފާނުގެ ފައިންޕުޅުގައިހިފާ ދަމާފައި ކަހަލަ ގޮތަކަށް، އެކަލޭގެފާނު މިސްކިތުން ބޭރަށް، މަގުމައްޗަށް ނެރެލައިފިއެވެ.
މި މަންޒަރު ބަލަން، މަގުމަތީގެ އަނެއް ފަރާތުގައި ރޮށި ފިހާމީހަކު ހުއްޓެވެ. އޭނާ އެކަލޭގެފަނަށް ގޮވާލިއެވެ. އަދި ބުންޏެވެ. 'އަހުރެންގެ ގެއަށް އަންނާށެވެ. އެތަނުގައި ކަލޭގެފާނަށް މިރޭ ނިދިކުރެއްވޭނެއެވެ. އެއީ ބޮޑު ތަނެއް ނޫނަސް، ކަލޭގެފާނަށް ނިދިކުރެއްވޭނެ ޖާގަ އޮންނާނެއެވެ.' ރޮށި ފިހާ މީހާގެ އިޙުސާންތެރިކަމަށް ޝުކުރުވެރިވަމުން، އޭނާއާއެކު އެކަލޭގެފާނު އޭނާގެ ގެއަށް ވަޑައިގެންފިއެވެ. އެކަލޭގެފާނަށް ނިދާންވީ ތަން ދެއްކުމަށްފަހު، ރޮށިފިހާމީހާ އޭނާގެ މަސައްކަތައިގެން މަސްޢޫލުވެއްޖެއެވެ. މި ހިނގާދިޔަ ކަންތައްތަކަށް ފަހު، އިމާމް އަޙްމަދުގެފާނުގެ ލޯފުޅަކަށް ނިދީގެ އެއްވެސް އަސަރެއް ނައެވެ. އެހެންކަމުން އެކަލޭގެފާނު، އެ ރޮށިފިހާ މީހާގެ ޙަރަކާތްތަކަށް ބެއްލެވުމުގައި އެކަލޭގެފާނުގެ ވަގުތުތައް ހޭދަކުރަންފެށިއެވެ. އިސާހިތަކު ނިދިއަތުވެދާނެކަމަށްޓަކައެވެ. މިގޮތަށް އޮންނެވުމުގައި އޭނާގެ ކިބައިން އާދަޔާޚިލާފުކަމެއް އެކަލޭގެފާނަށް ފާހަކުރެއްވުނެއެވެ. އޭނާ ފުއްގަނޑު މޮޑޭ އިރުވެސް ﷲއަށް ޛިކުރުކުރަނީއެވެ. އޭނާ އެ ފުއްގަނޑު ވަކިކުރާއިރުވެސް، މެދުކެނޑުމެއްނެތި ﷲއަށް ޛިކުރު ކުރަނީއެވެ. އޭނާ ރޮށި ދަމާއިރުވެސް ﷲއަށް ޛިކުރުކުރަނީއެވެ. އޭނާ އެދަމާ ދޮށި، ފިހަން އުނދުނަށްލާއިރުވެސް ﷲއަށް ކުރާ ޛިކުރުގެ އެންމެ މިންވަރެއްގެ އުންޏެއްނުވެއެވެ. އޭނާ ކިޔަމުންދެއެވެ. سبحان الله، ٱلْحَمْدُ لِلَّٰهِ، الله أكبر، أستغفر الله މިފަދައިންނެވެ. ހުއްޓުމެއް، މެދުކެނޑުމެއް ނެތިއެވެ. އޭނާ އިމާމް އަޙްމަދަށް އުނދަގޫފުޅުވެދާނެ ކަމަށްޓަކައި އެކަލޭގެފާނާ އިސްވެ ވާހަކައެއް ނުދައްކައެވެ. އެކަލޭގެފާނު ސުވާލެއް ކުރައްވައިފިނަމަ ޖަވާބު ދެއްވައެވެ. އެނޫން ވަގުތުތަކުގައި އޭނާ އިސްތިޣުފާރުކުރަނީއެވެ. އޭނާގެ ވެރި ރައްބުގެ ޙަޟުރަތަށެވެ. އިމާމް އަޙްމަދުގެފާނަށް މިކަން ވެލެއްވީ ހައިރާންކަން އިތުރުވީ މަންޒަރެއްކަމުގައެވެ. އެއީ އާންމުވެގެން ޒިކުރުކުރާ މީހަކުވެސް، އޭނާގެ ޛިކުރު ފަސްވަރަށް މިނިޓަށް ދިގުކޮށްފާނެއެވެ. އެހެނަސް، ރޮށިމީހާ އޭނާގެ ޛިކުރުގެ މަތީގައި އެތައް ގަޑިއިރެއް ހޭދަކޮށްފިއެވެ.
މިކަމުގެ ޢަޖާއިބުކަމަށްޓަކައި އެކަލޭގެފާނު އެ ރޮށިފިހާމީހާއަށް މި ސުވާލު ކުރައްވައިފިއެވެ. ' ތިބާ ތިޔަގޮތަށް އަބަދުވެސް ޛިކުރު ކުރަމު ހެއްޔެވެ؟ ތިޔަ ޛިކުރު ކުރުމުން ތިބާއަށް އެއްވެސް ކަމެއް ހާސިލްވޭ ހެއްޔެވެ؟' ޖަވާބުގައި އެ ރޮށިފިހާ މީހާ ދެންނެވިއެވެ. 'އޭ މުސްކުޅި ކަލޭގެފާނެވެ! ރަސޫލުﷲގެފާނު ޙާދީޘުފުޅުކުރެއްވި ނޫންހެއްޔެވެ؟ ﷲއަށް ޛިކުރުކުރުމުގައި ދެމިހުރެއްޖެމީހާ، އޭނާ މުޞީބާތްތަކުން އެކަލާނގެ ސަލާމަތްކުރައްވަތެވެ. އަދި އޭނާ ހީނުކުރާ ގޮތްގޮތުން އޭނާއަށް ރިޒްޤު ތަނަވަސްކޮށްދެއްވަތެވެ. އަހުރެން މިގޮތުގައި އަބަދުވެސް ޛިކުރުކުރަމެވެ. ﷲ ގަންދީ ދަންނަވަމެވެ. ﷲ ޙަޟުރަތުން އިޖާބަ ނުކުރައްވާ އެންމެ ދުޢާއެއްވެސް ތިމަން ނުކުރަމެވެ. އެންމެ ދުޢާއެއް ފިޔަވައެވެ.' މިއާއެކު އިމާމް އަޙްމަދުގެފާނުގެ ޝައުޤު މި ރޮށިފިހާ މީހާއަށް އެއްކޮށް އަމާޒުވެއްޖެއެވެ. ޝައުޤާއެކީ އެކަލޭގެފާނު ރޮށިފިހާމީހާއާ ސުވާލުކުޅައެވެ. 'ތިބާގެ ދުޢާތަކުގެ ތެރެއިން އިޖާބަ ނުކުރައްވާ ވަނީ ކޮން ދުޢާއެއްތޯއެވެ؟' ފަސްވުމެއްނެތި އޭނާ އެކަލޭގެފާނަށް ޖަވާބު ދެއްވިއެވެ. 'މުސްލިމުންގެ އިމާމް، އިމާމް އަޙްމަދު އިބްނު ޙަމްބަލާއި ބައްދަލުވުމަށް އެދި އަހުރެން ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމަވެ. އެހެނަސް އެކަލޭގެފާނާއި ބައްދަލުކުރުމުގެ ނަޞީބެއް އަހުރެންނަށްކަށް އަދިއެއްނުވެއެވެ.'
އޭނާގެ މި ޖުމްލައާއެކު އެކަލޭގެފާނަށް ހިމޭންކަން ލިބިވަޑައިގަތެވެ. ގަސްތަކާނުލާ އިސްދަށަށް ޖެއްސެވުނެވެ. ކުޑަ ހިނދުކޮޅެއްގެ ފަހުން، އެ ރޮށިފިހާމީހާއަށް ނިސްބަތްކޮށް އެކަލޭގެފާނު ވިދާޅުވިއެވެ. 'ﷲގެ ކުޅަދުންވަންތަ ކަމާއެވެ! އޭ މާތް މީހާއެވެ! ﷲއީ އަހުރެން ބަޣުދާދުހައި ހުއްޓާ، ދިމިޝްޤަށް ގެނެސްދެއްވި ކަނލާނގެއެވެ. އެކަލާނގެ އަހުރެން ތިމާގެ އަރިހަށް ގެނައީ ދަމާ ކޫއްތާފައެވެ. އެއީ އަހުރެން މިސްކިތުގައި އިންދާ، ކޮއްޕަމުން، ދަމަމުން، ތިބާގެ އަރިހައަށް އަހުރެން ގެނައި ރަސްކަލާނގެއެވެ. ސުބްޙާނަﷲއެވެ! ތިބާ ދުޢާ ﷲ އިޖާބަކުރެއްވި ގޮތުގެ ފުރިހަމަކަމާއެވެ. ފަހެ، ތިބާގެ ކުރިމަތީގައި މިހުރީ އަޙްމަދު އިބްނު ޙަމްބަލައެވެ.' އެވަގުތު ރޮށިފިހާމީހާއަށް ނުހަނު ގަދަ ސިހުންލިބި، އެނާ ﷲގެ ޙަޟުރަތަށް ޝުކުރު ދެންނެވުމުގައި މަސްޢޫލުވެގެންފިއެވެ. ﷲ އޭނާގެ ދުޢާ އިޖާބަކުރެއްވައިފިއެވެ.
ނޯޓު: ޛިކުރުކުރުމުގައި އަޅުގަނޑުމެން އިންސާނުންނަށް ވަޒަންނުކުރެވޭ ހެޔޮ އެތައް ކަމެއް ފޮރުވިފައިވެއެވެ. އެކަމުގައި ﷲ ތަޢާލާގެ ރުއްސެވުމާއި، ފުއްސެވުމާއި، އެކަލާނގެ ލޯބިވެވޮޑިގެންނެވުމާއި، ތިބާގެ ރިޒުޤު އެކަމުގައި އެކުލެވިގެންވުމާއި، މުޞީބާތްތަކުން ތިބާ މިންޖުކުރެއްވުމާއި، މިފަދަ އެތައް އެތައް ހެޔޮކަމެއް، ޛިކުރުގެ އަޅުވެރިންނަށް އެކަލާނގެ މިންވަރުކުރައްވާފައިވާކަމީ އިމާމް އަޙްމަދުގެފާނުގެ ފަރާތްޕުޅުން އައިސްފައިވާ މި ހާދިޘާއިން ނެގެންހުރި ފިލާވަޅުތަކެވެ.
މި ތަރުޖަމާގައި މަޢުލުމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވަށެވެ.
މަސްދަރު: އިޤްރާ.ކޮމް / މުޙައްމަދު ލުޠުފީ
ތަރުޖަމާ؛ ޙަސަން ޣައްސާން
ކޮމެންޓް
ގުޅޭ ލިޔުންތައް
ތުނިޔަ
ތިފަދަ ލިޔުންތައް ހުށަހަޅާ މުހައްމަދު ލުތުފީ ، ހަސަންގައްސާނު އަށް މާތްރަސްކަލާގެ ހެޔޮރަހުމަތްލަައްވާށިއެ އާމީން
އަޙްމަދު
ޙަސަން ޣައްސާން ވަރަށް ފުރިހަމަ މަސައްކަތެއް. މާތްﷲ ބަރަކާތް ލައްވާށި. އާމީން