ދިމިޝްޤުގެ އަޅުވެރި ޔަހޫދީ – ރަސޫލުﷲގެފާނު އޭނާގެ ޙައްޤުވެސް އަދާކޮށްދެއްވިއެވެ.

އެޑްމިން

ރަސޫލުﷲގެފާނުގެ ޒަމާނުގައި ދިމިޝްޤުގެ އަޅުވެރި، ދުނިޔޭގެ އެދުންތަކުން އެއްކިބާވެފައިވާ ޔަހޫދީއަކު އުޅުނެވެ. ވަންހަނާނުވާނޭގޮތުން ޔަހުދީންނަކީ ރަސޫލުﷲގެފާނުގެ މައްޗަށް ޢަދާވާތްތެރިކަން ގަދަކޮށްގެންތިބިބައެވެ. މިއީ މާތް ޞަޙާބީ ޢަބްދުﷲ އިބްނު ސަލާމްގެފާނުގެ އިސްލާމުވެވަޑައިގެން ހާދިޘާއިންވެސް ފާޅުވާންއޮތް ޙަޤީޤަތެކެވެ. އެބަމީހުންނީ ޙައްޤު ފާޅުވުމާއެކުވެސް އެބަމީހުންގެ ދީންމަތީގައި ނުހަނު ގަދައަށް ހިފައްޓައިގެން ތިބުމަށް ހުވާކޮށްގެންތިބި، ޙައްޤަށް ކަނުވެގެންތިބި ބައެކެވެ. ރަސޫލުﷲގެފަނު ފާޅުކުރައްވާނޭ ވާހަކައިން އެބައިމީހުންގެ ފަތްފުށްތަކުގައި ނުހަނު ތިލަކޮށް ބަޔާންކޮށްފައިވާއިރުވެސް، އެބައިމީހުންވީ ދެތުމުގައި ދެކޮޅުހަދާ ބަޔަކުކަމުގައެވެ. ކަން މިހެންއޮތް ނަމަވެސް، ޔަހޫދީންގެ ތެރެއިން އިސްލާމްވީވެސް އެތައް އެތައް ބޭކަލެކެވެ. އަދި އެބޭކަލުން ވެލެއްވީ، ޒޙުދުވެރިކަންބޮޑު، އަޅުވެރި، ތަޤުވާވެރި ބޭކަލުންކަމުގައެވެ.

މި އަޅުވެރިޔާއަކީ ހެނދުނާއި ހަވީރު އޭނާގެ ދީނުގެ ސުޙުފުތަކުން ކިޔަވާ އެޒަމާނަށްބަލާއިރު މުސްލިމުންގެ ތެރެއިން މެނުވި ފެންނަން ނެތްވަރުގެ އަޅުވެރި ތަޤުވާވެރިއެކެވެ. އެހެނަސް އޭނާގެ ހިތުގައި އިންތިހާއަށް ރަސޫލުﷲގެފާނުގެ މައްޗަށް ނަފަރަތާއި ރުޅިވެރިކަން އޮވެއެވެ. އެއްވެސް ޙައްޤެއްނެތިއެވެ. މިގޮތަށް ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު، އޭނާގެ ދީނުގެ ސުޙުފުތައް ކިޔަވަމުންދާއިރު، 'މުޙައްމަދު' މި ނަންފުޅު އެނާއަށް ކިޔާންޖެހެއެވެ. މިކަމާއިދޭތެރޭގައި އޭނާ ފުންކޮށް ވިސްނި ވަރަކަށް ރަސޫލުﷲގެފާނުގެ މައްޗަށް އޭނާގެ ހިތުގައިވާ ޢަދާވާތްތެރިކަން ވީ އިތުރެވެ. އެހެންކަމުން، އޭނާ ކޮންމެދުވަހަކު ކިޔަމުންދާ އޭނާގެ ދީނުގެ ސުޙުފުތަކުގައިވާ 'މުޙައްމަދު' މި މާތް ނަންފުޅު އެ ސުޙުފުތަކުން އުނިކުރާން އޭނާ ގަސްތުކުރިއެވެ. މިއާއެކު އޭނާގެ ސުޙުފުތަކުގައި ރަސޫލުﷲގެފާނުގެ މާތް ނަންފުޅު، ނަންގަނެވިގެންވާ އެންމެހާ ތަންތަކުން، އެ މާތް ނަންފުޅު އުނިކޮށް، އޭނާ އެދޭގޮތަށް އެ ސުޙުފުތައް ބަދަލުކޮށްފިއެވެ. މިކަމުގެ ހިތްހަމަޖެހުމުގައި އޭނާ އެރޭ ނިދައިފިއެވެ.

ވިދިގެން އައި ދުވަހު މި ޔަހުދީ އަޅުވެރިޔާ، އޭނާގެ މަސައްކަތައިގެން މަސްޢޫލުވެއްޖެއެވެ. އޭނާގެ މަސައްކަތަކީ ދެއިރަށް ޔަހުދީ ދީނުގެ ސުޙުފުތައް ކިޔެވުމާއެކު، މި ދޭތެރެއިން ލިބޭ ވަގުތުތަކުގައި ކާންބޯން މަސައްކަތްކުރުމެވެ. ކޮންމެއަކަސް ހެނދުނުގެ އަޅުކަމާއެކިގެން އޭނާ މަސްޢުލުވެ، ޔަހޫދިއްޔަ ދީނުގެ ސުޙުފުތައް ކިޔަވަން އޭނާ ފެށިއެވެ. ހައިރާންކަމާއެކު އެ ސުޙުފުތަކަށް އޭނާ ބަލަމުން އެދަނީ އިއްޔެގައި، އެތައް ހާލަކުން އޭނާ އެ ސުޙުފުތަކުން އުނިކުރި މުޙައްމަދު ނަބީކަލޭގެފާނުގެ ނަންފުޅުތައް، އިހު ހުރިގޮތަށް އެތަންތަނުގައި އެ މާތް ނަންފުޅުތައް އެތުރިގެންވާތީއެވެ. މިއީ ކޮންމެވެސް މީހެއްގެ ގިލަންވެރިކަމެއްކަމުގައި ހިތާ، މި ޔަހޫދީ އަޅުވެރިޔާ، އަނެއްކާވެސް އެ ސުޙުފުތަކުގައި ރަސޫލުﷲގެފާނުގެ ނަންފުޅުގަނެވިގެންވާ އެންމެހާ ތަންތަނުގައިވާ އެކަލޭގެފާނުގެ މާތް ނަންފުޅުތައް އުނިކޮށްފިއެވެ. މިކަން ހިނގާ ދިޔަގޮތާއިމެދު ކުޑަވެސް ފިކުރުކުރުމެއްނެތިއެވެ.

މިގޮތުގައި ތިންވަނަ ދުވަހަކާއި މި ޔަހޫދީ އަޅުވެރިޔާ ބައްދަލުކޮށްފިއެވެ. އާދައިގެ މަތިން ހެދުނުގެ ސުޙުފުތައް އެނާ ކިޔަވާންފެށިއެވެ. ސުޙުފުތައް ކިޔެވުމުގައި ކުރިއަށް ދިޔަވަރަކަށް، އޭނާގެ ހާސްކަމާއި ހައިރާންކަން އިތުރުވިއެވެ. އޭނާ އެތައް ހާލަކުން އެ ސުޙުފުތަކުގައި ރަސޫލުﷲގެފާނުގެ ނަންފުޅުގެނެވިފައިވާ އެންމެހާ ތަންތަނުގައިވާ އެކަލޭގެފާނުގެ ނަންފުޅުތައް އުނިކުރީ އިއްޔެގައި ނޫންހެއްޔެވެ؟ އެ ސުޙުފުތަކުގައި އެކަލޭގެފާނުގެ ނަންފުޅުތައް ނަންގަނެވިފައިވާ ތަންތަނުގައި ހަމަ އިހުހުރިގޮތަށް އެ ނަންފުޅުތައް އެ ހުރީ ކީތްވެގެން ހެއްޔެވެ؟ ޔަޤީނުންވެސް ތިމަންނާއެއް ނުލިޔަމެވެ. މިގެއަށް އިތުރު އިންސާނަކު ނުވަދެއެވެ. ވަން ނަމަވެސް ރޭގަނޑުގެ އެ ދަމުގައި، އެ އަނދިރިކަމުގައި ލިޔުމުގެ ކުޅަދާނަކަން ލިބިގެންވަނީ ކާކަށް ހެއްޔެވެ؟ އޭނާގެ ސުވާލުތައް އިތުރުވާ މިންވަރަކަށް އޭނާގެ ހިތުގައިވާ ޝައްކުތައް ފިލާ، ޔަޤީންކަމުގެ އަލިކަން އޭނާގެ ހިތް ތޮރުފަން ފަށައިފިއެވެ. އޭނާގެ އަމިއްލަ ނަފްސަށް އޭނާއަށް ބުނެވުނެވެ. 'މިއީ ކަލާނގެ ހަޟުރަތުން އައި މަގުދެއްކެވުމެކެވެ. ފަހުގެ ނަބިއްޔާ ފާޅުވެއްޖެކަމުގެ ޢަލާމާތެކެވެ. އަހުރެން އެންމެ ހިނދުކޮޅަކަށް މިތަނުގައި މަޑެއްނުކުރާނަމެވެ. އެ ނަބިއްޔާއާ ބައްދަލުވުމަށްފަހުގައި މެނުވީ އަހުރެން ހިމޭނެއް ނުވާނަމެވެ.'

އިސާހިތަކު އޭނާގެ މިސްރާބު އެ ހަނަފަސް ސަހަރާގައި އަލް މަދީނަތުލް މުނައްވަރާއާވީ ދިމާލަށް ޖަގައިފިއެވެ. ދަތުރުގެ މައްޗަށް ފުދޭ މިންވަރުގެ ކާބޯތަކެއްޗާއެކުގައެވެ. އޭނާ ކުރާންޖެހެނީ ދިރު އަދި ތުރާ ގިނަ ދަތުރެއްކަމުގައިވީ ނަމަވެސް، އޭނާގެ ހިތުގައި މި ހިނގާދިޔަ ކަންތައްކަށްފަހު ރަސޫލުﷲގެފާނުގެ މައްޗަށް އުތުރިއަރަންފެށި ލޯބި މާގަދައެވެ. ރޭގަނޑުގެ އަރާމަށް މެނުވީ އޭނާ އެންމެ ހިނދުކޮޅަކަށް ވެސް މަޑެއްނުކުރެއެވެ. މިގޮތުގައި އެތައް ދުވަހެއްގެ ދަތި ދަތުރަކަށް ފަހު، މި ޔަހޫދީ އަޅުވެރިޔާއަށް މަދީނާގެ ފެހިކަންގަދަ ބިމަށް އާދެވިއްޖެއެވެ. ވެފައިހުރި ވަރުބަލީގެ ބޮޑުކަމުންނާއި، އެ ބީރައްޓެހި ފަސްމަތީގައި ދާނެނުދާނެ ވަކިތަކެއް ނެތުމާއެކު، އޭނާ ހިނގަމުންދިޔައީ މަސްޖިދުއްނަބަވީއާ ދި ދިމާއަށެވެ. ނުއެނގުމުގައެވެ. މަސްޖިދުއްނަބަވީއަށް އާދެވުމާއެކު މިއީ އަޅުކަމުގެ ޚާއްސަތަނެއްކަން މި ޔަހޫދީ އަޅުވެރިޔާއަށް ވިސްނި، އޭނާ އެތަނުގެ ބޭރުގައި މަޑުކޮށްލިއެވެ. އެވަގުތު ރަސޫލުﷲގެފާނުގެ ޞަޙާބީންކުރެ އަނަސް ރަޟިޔަﷲ ޢަންހު މިސްކިތަށް ވަޑައިގަންނަވާ މަންޒަރު ފެނިގެން، އެކަލޭގެފާނަށް މުޚާތަބުކޮށް، އޭނާ ނަންގަތެވެ. 'އެކުވެރިޔާއެވެ! ނަބިއްޔާގެ އަރިހަށް އަހުރެން ގެންގޮސްދީބަލާށެވެ'.

އަނަސްގެފާނު އޭނާއަށް ވަކިއެއްޗެއް ވިދާޅުނުވެ، މިސްކިތުގެ އެތެރެއަށް އިޝާރާތްކުރެއްވިއެވެ. އެހިނދު، އެ ޔަހޫދީ އަޅުވެރިޔާ މިސްކިތުގެ އެތެރެއަށް ވަނެވެ. އޭނާއަށް ފެނުނީ އެންމެންގެ މޫނުތައް ހިތާމައިން މޯޅިވެގެންވާތަނެވެ. އެބައިމީހުންގެ މޫނުތަކުން، އެބައިމީހުންގެ ހިތްތަކުގައި ދައުރުވަމުންދާ ހިތްދަތި އިޙްސާސްތައް ބުނެދެއެވެ. ކޮންމެއަކަސް މި މާތް މަޖިލީހުގެ މެދުގައި ދަރުބާރުކުރައްވަން އިންނެވި ކަލޭގެފާނުގެ އަރިހަށް އެ ޔަހޫދީ އަޅުވެރިޔާ ހުއްޓިހުރެ ބުންޏެވެ. 'އޭ ﷲގެ ޙަޟަރަތުން ޙަބަރާއިގެން ވަޑައިގެންނެވި ކަލޭގެފާނެވެ! ތެދުމަގު ލިބުމަށް ދަހިވެތިވެފައިވާ މުސްކުޅިއެއްގެ ފުށުން ކަލޭގެފާނަށް ސަލާމް ހުއްޓެވެ.' އޭނާ މިހެން ބުނުމާއެކު، އެމަޖިލީހުގައި ތިއްބެވި އެންމެ ބޭކަލުން ކީރިތިކުރައްވަން ފެއްޓެވިއެވެ. އެއަޑުތަކުގައިވަނީ ވޭނުގެ އަސަރުތަކެވެ. މާޔޫސްކަމާއި ހިތްދަތިކަމެވެ. މި މަންޒަރު ފެނުމާއެކު، އޭނާ ހަދާނެގޮތް ހުސްވެ، އެ ބޭކަލުންނަށް ނަންގަތެވެ. 'އަހުރެންނަކީ ޔަހޫދީންކުރެ މި ރަށަށް ބީރައްޓެއްސަކީމެވެ. ޙައްޤުވެގެންވާ ﷲގެ ދީނަށް އަހުރެންގެ ނަފުސު ވެއްދުމަށްޓަކައި ހަދަންޖެހޭ އެއްވެސްގޮތެއް އަހުރެންނަކަށް އެނގިގެންނުވެއެވެ. ފަހެ، އަހުރެންނަށް ތިޔަ އެންމެ ބޭކަލުންގެ ހިތްޕުޅުގައި ޖެހޭނެފަދަ ބުރަ ބަހެއް ބުނެވުނީ ހެއްޔެވެ؟ އަހުރެން އެއްވެސް ބަހެއް މި މާތް މަޖިލީހުގައި ނުބުނެ ހުންނާންވީތޯއެވެ؟ ނުވަތަ މިއީ ތިޔަ އެންމެ ބޭކަލުންގެ ދީނުގައި ކަނޑައެޅިގެންވާ އަޅުކަމެއްތޯއެވެ؟ ތިޔަ އެންމެ ބޭކަލުން ކީރިތި ކުރައްވަނީ ކޮން ކަމަކާތޯއެވެ؟ މިއީ ދީނީ އާދައެއްނަމަ، މިފަދަ އެއްވެސް އާދައެއް އަހުރެން މީގެކުރިއަކުން ނުދެކެމެވެ.'

ޔަހޫދީ އަޅުވެރިޔާގެ މި ސުވާލުތަކާއެކު، ޢުމަރު ރަޟިޔަﷲ ޢަންހު އޭނާއަށް ޖަވާބު ދެއްވިއެވެ. 'ތިމަންބޭކަލުންނަށް ކީރިތިކުރެއްވެނީ ތިބާގެ ދުލުން ނިކުތް ބަސްތަކެއްގެ ސަބަބަކުން ނޫނެވެ. އޭ ނަސީބު ކުޑަ މީހާއެވެ! އަޑު އަހާށެވެ! ރަސޫލުﷲގެފާނު މި ފާނަވަނި ދުނިޔެ ދޫކުރައްވާ، ޢާޚިރަތު ގޯއްޗަށް ވަޑައިގެންނެވިތާ މިއަދަށް މިވީ އެންމެ ހަފްތާއެކެވެ. ތިބާގެ ދުލުން އެކަލޭގެފާނުގެ ނަންފުޅު އިވުނު ހިނދު، އަހުރެމެންގެ ހިތާމައިގެ އުދާސްތައް ބަނޑުންވީއެވެ. އެކަލޭގެފާނުގެ ހަނދާންތައް އަހުރެމެންގެ ހިތްތަކުގައި އައުވެ އާލާވީއެވެ.'

ޢުމަރުގެފާނު މިހެން ވިދާޅުވުމާއެކު، އެ މުސްކުޅިޔާގެ ކުރިމަތީގައި މުޅި ދުނިޔެ ބަނަވި ކަހަލައެވެ. އޭނާއަށް ރަސޫލުﷲގެފާނުގެ މާތް ސިފަފުޅު ދުށުމާއި މެދުގައި ފަރަޤުމިވީ އެންމެ ހަފްތާއެކެވެ. އޭނާއަށް ގިސްލެވެންފެށިއެވެ. މުޅިގައިގާ ތަޅާ، އޭނާގެ ހެދުން ވީދާންފެށިއެވެ. އިރުކޮޅަކުން ތަންދޮރުކުޑަވެ، އޭނާގެ ޚަބަރު ހުސްވިއެވެ. އޭނާގެ ހޭވެރިކަން ރުޖޫޢަވުމާއެކު އިސްލާމްދީނުގެ ޙިދާޔަތު ލިބިގަތުމާއެކު، އެބޭކަލުންނަށް ނިސްބަތްކޮށް އޭނާ ބުންޏެވެ. 'ތިޔަބައިމީހުން އަހުރެންނަށް ކަމެއް ކޮށްދޭށެވެ. ރަސޫލުﷲގެފާނުގެ ރިދާކޮޅުގެ ތެރެއިން ރިދާކޮޅެއް ނަމަވެސް، އަހުރެންނަށް ލިބޭނޭގޮތް ހައްދައިދެއްވާށެވެ. އަހުރެންނަށް އެކަލޭގެފާނު ދުށުމުގެ ނަޞީބު ނުލިބުނުތާނގައި، އެކަލޭގެފާނުގެ ރިދާކޮޅެއް އަހުރެންނާއި އެކުގައި ބާއްވައިދޭށެވެ.'

މި އަޑު އައްސަވާފައި ޢުމަރުގެފާނު، އެކަލޭގެފާނުގެ އަޚާއަށް ވިދާޅުވިއެވެ. 'ތިޔަކަމަށް ހަމައެކަނި އަރަފޯދެނީ ހަމައެކަނި ފާތިމާ ރަޟިޔﷲ ޢަންހާއެވެ. އެކަމަނާއަށް މެނުވީ އެކަލޭގެފާނުގެ ރިދާކޮޅެއް އެއްވެސް މީހަކަށް ނުދެވޭނެއެވެ. އެކަމަކު އެކަމަނާގެ އަރިހަށް ދިއުމުގެ ކުޅަދާނަކަމެއް ތިމަން ބޭކަލުންނަށް ލިބިގެނެއްނުވެއެވެ.' މިހެން ވިދާޅުވުމާއެކުވެސް އެބޭކަލުންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުން، އެކަމަނާގެ ގެކޮޅަށް ވަޑައިގެން ސަލާމްގޮވާލެއްވިއެވެ. އެބޭކަލުން އެކަމަނާއަށް އެ ޔަހޫދީ މުސްކުޅިޔާގެ ޚާލިސް އެދުމާއި އޭނާގެ ޙާލަތާއި ކަންހިނގި އެންމެހާ ގޮތްތައް ބަޔާންކޮށްދެއްވިއެވެ. ފާތިމާ ރަޟިޔަﷲ ޢަންހާ އެބޭކަލުންނަށް ޖަޥާބު ދެއްވެވިއެވެ. 'ﷲ ގަންދީ ބުނަމެވެ! އެކަލޭގެފާނު، ތިމަންކަމަނާގެ އަރިހުގައި މިކަމުގެ ތެދު ޚަބަރާއިގެން ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ސުވަރުގެވަޑައިގަންވާތާ ހަފްތާއެއްހާ ދުވަހުން، ތިމަންކަލޭގެފާނަށް ބައިޢަތު ހިއްޕެވުމަށްޓަކައި، ތިމަންކަލޭގެފާނުގެ ދީނަށް ވަނުމަށްޓަކައި، ދުރުދަތުރެއްކޮށްފައި މީހަކު އަންނާނެއެވެ. އޭނާގެ ހިތުގައި ތިމަންކަލޭގެފާނަށްޓަކައި ޚާލިސް ލޯބި މެނުވީ ނުވެއެވެ. އެނާއަށް ތިމަންކަލޭގެފާނާއި ބައްދަލުކުރުމުގެ ނަޞީބެއްނުވެއެވެ. ތިމަންކަލޭގެފާނުގެ މި ރިދާ އޭނާއަށް ރައްދުކޮށްދޭށެވެ. ތިމަންކަލޭގެފާނުގެ ފުށުން އޭނާއަށް ކަމޭހިތާށެވެ. އޯގާތެރިވާށެވެ. ތިމަންކަލޭގެފާނުގެ ސަލާމް އޭނާއަށް ރައްދުކޮށްދޭށެވެ.'

އެބޭކަލުންނަށް ވި ވާހަކަފުޅު ވިދާޅުވެދެއްވުމާއެކު، ރަސޫލުﷲގެފާނުގެ ރިދާކޮޅު އޭނާއަށް އެރުވުނެވެ. އޭނާ އެ ރިދާކޮޅު އޭނާގެ ހަށިގަނޑުގައި އޮޅާލުމަށް ފަހު، ރަސޫލޫﷲގެފާނު ފަސްދާނުލެވިފައިވާ ތަނަށް ގެންގޮސްދިނުމަށް އެދުނެވެ. އެހިނދު، އެބޭކަލުން އޭނާ އެކަލޭގެފާނުގެ ޤަބުރުފުޅުގެ އަރިހަށް ގެންގޮސްދިނެވެ. މިތަނުގައި މާގިނަ ވަގުތަކެއް ނުވެ، އެ އަޅުވެރިޔާ އޭނާގެ ފަހު ނޭވާ ދޫކޮށްފިއެވެ. ކޮންފަދަ ނިޢުމަތެއްތޯއެވެ. ފަހު ނޭވާ ދޫކުރެއްވީ، އިސްލާމްކަންމަތީ، ރަސޫލުﷲގެފާނުގެ ރިދާކޮޅާއެކު، އެކަލޭގެފާނުގެ އަހުލުންގެރޭގައެވެ.

ނޯޓު: މި ޙާދިޘާއިން އެނގި ހާމަވާން އޮތީ، ﷲ ތެދުމަގު ދައްކަވައިފި އަޅަކު މަގުފުރައްދާނޭ އެއްވެސް ފުރާނައެއް މި ބިންމަތީގައި ނުވާކަމެވެ. ޢިއްޒަތްތެރިކަމަކީ އެކަލާނގެ ޙައްޤެކެވެ. އެކަލާނގެ އިރާދަކުރައްވާ އަޅާކު ބަސްބުނާހާ ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި ޢިއްޒަތްތެރިކުރައްވައެވެ. އެކަމަކަށް ވަކި މަކާނެއް، ޒަމާނެއް ނޯވެއެވެ. އެކަލާނގެ ރަޙްމަތް ޙައްޤުވެގެންވަނީ ޙައްޤު ބަޔާންވުމަށްފަހު، އެއަށް ތަބާވާ އަޅުންނަށެވެ.

މި ތަރުޖަމާގައި މަޢުލުމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވަށެވެ.

މަސްދަރު: އިލާހީ ނާމާ / ޝައިޚް ފަރީދުއްދީނުއްތާރު

ތަރުޖަމާ؛ ޙަސަން ޣައްސާން

ކޮމެންޓް

ގުޅޭ ލިޔުންތައް