ޚުރާސާނީއާއި އަބޫ ޤައިޘް – ހައިހޫނުކަމާއި ފަޤީރުކަމުގައި 87 އަހަރު!

އެޑްމިން

ތެދުވެރިކަމުގެ ފެށުންވަނީ ﷲއަށް ބިރުވެތިވުމުގައެވެ. އެންމެ ނިކަމެތި އާދައިގެ ދިރިއުޅުމަށް ލޯބިކުރުމުގައެވެ. ތެދުވެރި ހާލަތުގައިވާ އިންސާނާ، އޭނާގެ ވެރި ރައްބުގެ ހަޟުރަތުން އައި މުދަލެއްގެބޭރުން، ހުއްދަވެގެންނުވާ ގޮތުގައި ހޯދޭ މުދަލުން ބަނޑުފުރާނަ މުއްތިކުރުމަކީ، ދުނިޔެމަތީގައި އޭނާ ކުރުމަށް އެންމެ ބިރުވެތިވާ ޢަމަލެވެ. އޭނާއަށް އެފަދަ ފާފައެއް ކުރެއްވިއްޖެނަމަ، ރޭގަނޑުގެ އަރާމު ނިދިން އޭނާގެ ނަފްސު މަޙްރޫމުކޮށްލައެވެ. އޭނާގެ ވެރިރައްބުގެ ޢަޛާބުގެ ގަދަފަދަކަން ހިތަށް ގެނެސްގަތުމުންނެވެ. އެކަމުގައި އޭނާއަށް ހިތްހަމަޖެހުންވަނީ ފުރިހަމަ ތައުބާއަކުން ތައުބާވުމުގައެވެ. އެފާފައިގެ ބުރައިން ނެއްޓިގަތުމުގައި އޭނާއަށްޓަކައި މިގޮތް ހެޔޮކަން ބޮޑެވެ.

އިބުނު ޖަރީރުއް ތަބަރީ ވިދާޅުވާތީ އަޅުގަނޑުމެންނާއި ހިސާބަށް އައިސްފައިވާ ވާހަކައެއްވެއެވެ. ޙައްޖު މޫސުމުގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އެއްދުވަހަކު އެކަލޭގެފާނު ހަރަމްފުޅުގެ އަރިހުގައިވަނިކޮށް، ޚުރާސާނުން މައްކާގެ މާތްބިމަށް އައިސްހުރި ޙައްޖާޖީއަކު، މިސްތަކުންނަށް ގޮވާ އެއްކުރާތީ ތިމަންކަލޭގެފާނަށް ފެނިލެއްވިއެވެ. ވަނީ ކީތްތޯ ބައްލަވާލެއްވުމަށް ތިމަންކަލޭގެފާނު އޭނާގެ ގާތަށް، މީސްތަކުން ބޮނޑިވެފައިވާ ސަރަޙައްދަށް ޖެހިލިއުރު، އެއްވެފައިވާ މީސްތަކުންނަށް ނިސްބަތްކޮށް ޚުރާސާނީ ބުންޏެވެ. 'އޭ އެންމެހާ ޙައްޖާޖީންނެވެ! އޭ މައްކާގެ ލޮބުވެތި އަހުލުވެރިންނެވެ! މިތަނަށް ހާޟިރުވެތިއްބެވި ބޭކަލުންގެ ފަރާތުން މިތަނުގައި މިވަގުތަށް ހާޟިރުވެ ނެތް މީސްތަކުން އަންގައިދިނުން އެދެމެވެ. އެއްހާސް ދީނާރު އަޅާފައިވާ ކީސާއެއް އަހުރެންގެ އަތުން މައްކާގެ މާތް ބިމަށް ގެއްލިއްޖެއެވެ. ފަހެ، އެ ކީސާ ފެނުނު މީހަކު އަހުރެންނަށް އެކީސާ ރައްދުކޮށްދޭށެވެ. އަހުރެންނަށް އެ ކީސާ ރައްދުކޮށްދިން މީހަކަށް ﷲ ގިނަގުނަވެގެންވާ ޘަވާބުދެއްވާ، އެމީހާ ނަރަކައިގެ ޢަޛާބުން މުއްތިކޮށްދެއްވާނެތެވެ. އަދި ޤިޔާމަތްދުވަހު، އެމީހެއްގެ މައްޗަށް ހިފެހެއްޓުމެއް ނެތް ދަރުމައާއި ޘަވާބު ދެއްވާނެތެވެ.'

ޚުރާސާނީގެ ޚުތުބާ ނިމުމާއެކު މައްކާގެ އަހުލުވެރިންގެ ތެރެއިން މުސްކުޅި އަޖޫޒަކު ނިކުމެ އޭނާއާ މުޚާތަބުކުރިއެވެ. 'އޭ ޚުރާސާނީއެވެ. އަހުރެމެންގެ ޤައުމު، މި މާތް މައްކާވަނީ ތަދުމަޑު ހާލުގައެވެ. ޙައްޖު ދުވަސްތައް ނިމުމަކާ ގާތްވެއްޖެއެވެ. އެއި ވަގުތު ބަޔާންވެގެންވާ މޫސުމެއް ނޫން ހެއްޔެވެ؟ މައްކާގެ އަހުލުވެރިންނަށް ވިޔަފާރީގެ މަންފާއެއް ލިބެނީ ޙައްޖު ދުވަސްވަރުއެވެ. އަހަރުގެ ބާކީ އޮތްބައި އަހުރެމެން ހޭދަކުރަނީ ދަތި ހާލުގައެވެ. ތިބާ ތިޔަ ނަންގަންނަ ދީނާރު ކިސާ މުސްކުޅިކަމާއި ފަޤީރު ހާލުގައިވާ އީމާންކަމުގެ އަހުލުވެރިއެއްގެ އަތަށް އަރައިދާނެކަމަށް ބިރުވެތިވަމެވެ. ފަހަރުގައި ތިޔަ ކީސާއިން ކުޑަ މިންވަރެއް، އެ ކީސާ ރައްދުކުރާ ފަރާތައް ދޭނެކަމުގައި ތިބާ އިޢުލާނުކުރަނިކޮށް، ނުވަތަ އެއިން މިންވަރެއް އޭނާއަށް ބޭނުންކުރުން ޙަލާލުކޮށްދެނިކޮށް، އެ އެއްހާސް ދީނާރު އަޅާފައިވާ ކީސާ ތިބާއަށް ރައްދުވެދާނެކަމުގައި އަހުރެންނަށް ހީވެއެވެ. އެވަގުތު ޚުރާސާނީ އެމުސްކުޅިޔާއަށް ބުންޏެވެ. 'އޭނާ އެދެނީ އެފައިސާގެ ތެރެއިން ކިހާ މިންވަރެއް ދިނުމަށް ހެއްޔެވެ؟' ޖަވާބުގައި މުސްކުޅިޔާ ބުންޏެވެ. 'އޭނާއަށް އެފައިސާގެ ދިހަބައިކުޅަ އެއްބައި، ދިނުން ކީތްތޯއެވެ؟ އެއީ ސަތޭކަ ދީނާރުގެ މިންވަރެވެ.'

އެ މުސްކުޅިޔާ ދެއްކި އެއްވެސް ވާހަކައަކަށް ބެލުމެއްނެތި ޚުރާސާނީ ބުންޏެވެ. 'ނޫނެކެވެ. އެއިން އެންމެ ލޯލާރިއެއްވެސް ތިމަން އޭނާއަކަށް ނުދޭނަމެވެ. އަދިކިއެއްތަ، ތިމަންމެންގެ މައްސަލަ ޤިޔާމަތްދުވަހުން ﷲގެ ހަޟުރަތުގައި އުފުލާނަމެވެ. ފަހެ އަހުރެންނަށް ﷲ ފުދައެވެ. އެއީ އިތުބާރުދެއްވާ ކަލީމެވެ.'

މި މަންޒަރު ބައްލަވަން މީސްތަކުންގެ ތެރޭގައި އިބުނު ޖަރިރުއް ތަބަރީ ހުއްނެވިއެވެ. މި ހިނގާ ދިޔަ އެންމެހާ ކަންކަމަށް ފަހު، އެ އެއްހާސް ދީނާރުގެ ކީސާވީ އެ ފަޤީރު މުސްކުޅިޔާގެ އަތުގައިކަން އެކަލޭގެފާނަށް ވިސްނިވަޑައިގަތެވެ. މިއާއެކު އެ މުސްކުޅިޔާގެ ފަސްފަހަތުން، އޭނާގެ ގެއަށް ހިނގައްޖެއީމެވެ. އެއީ އެކަލޭގެފާނުގެ ޝައްކުތައް ފިލާ، މި ފައިސާ އަޅާފައިވާ ކީސާއާގުޅޭ އެންމެހާ ކަންކަން ޝައްކެއްނެތް މިންވަރަށް އޮޅުންފިލި ހިސާބެވެ. އިބުނު ޖަރީރުއްތަބަރީ ވިދާޅުވިއެވެ. އެ މުސްކުޅިޔާ އޭނާގެ ގެއަށް ވަނުމަށްފަހު، އޭނާގެ އަނބިކަމަނާއަށް ގޮވާލިއެވެ. 'އޭ ލުބާބަތެވެ!'. މިހެންގޮވާލުމާއެކު، އޭނާގެ އަނބިކަމަނާ އިއިސް އެ މުސްކުޅިޔާގެ ޚިދުމަތަށް ޙާޟިރުވެ ހުރެއްޖެއެވެ. އަބިކަމަނާ ބުންޏެވެ. 'އޭ އަބޫ ޤައިޘްއެވެ! ކަލޭގެފާނުގެ ޚިދުމަތަށްޓަކައި އަޅުގަނޑު ހާޟިރުވެ ހުރީމެވެ.' އެހިނދު އެ މުސްކުޅިޔާ ބުންޏެވެ. 'އަހުރެންނަށް އެ ދީނާރު ކީސާގެ ވެރިޔާ ފެނިއްޖެއެވެ. އަހުރެންނަށް އޭނާ ފެނުނީ ހަރަމްފުޅުގެ ތެރޭގައި އޭނާ ދީނާރު ކީސާ ގެއްލިގެން މީސްތަކުން ކިބައިގެން އެ ކީސާ ހޯދައިދިނުމަށް އެދެމުން ދަނިކޮށެވެ. އަހުރެން އޭނާގެ ކިބައިން އެ ކީސާއިން ސަތޭކަ ދިނާރު އެ ރައްދުކޮށްދޭ މީހަކަށް ދިނުމަށް އެދުނީމެވެ. އޭނާ އެކަމަށް އިންކާރުކޮށް، ޤިޔާމަތްދުވަހުން ﷲގެ ޙަޟުރަތުގައި އިންސާފަށް އެދޭނެ ވާހަކަ ބުންޏެވެ. އޭ ލުބާބަތެވެ! އަހުރެން ދެން ހަދާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ އެ ދިނާރު ކީސާ އޭގެ ވެރިފަރާތަށް ރައްދުކޮށްދޭން އަހުރެން ބޭނުމެވެ. އަހުރެންނަށް މި ކުރެވުނު ފާފައިގެ މިންވަރު އިތުވެދާނެކަމަށްޓަކައެވެ.'

ހިތާމައިގެ ރާގެއްގައި އަބޫ ޤައިޘްގެ އަނބިކަމަނާ ބުންޏެވެ. 'އޭ އަބޫ ޤައިޘެވެ! އަހުރެމެން ހައި ހޫނުކަމާއި ފަޤީރުކަމުގައި ވޭތުކުރާތާ ފަންސާސް އަހަރުވީއެވެ. ކަލޭގެފާނުގެ ބަލަދުގައި ހަތަރު އަންހެން ދަރީންނާއި، އެއްބަނޑު އެއްބަފާގައިވީ ދެ އަންހެނުނާއި، އަހުރެންގެ މަންމައާއި އަހުރެންވެއެވެ. ތިބާ އަކީ މިބަލަދުވެރިކަމުގެ ނުވަ ވަނަ މީހާއެވެ. ތިޔަ ފައިސާ ކަލޭގެފާނުގެ އަތުގައި ބަހައްޓާށެވެ. އެއިން އަހުރެމެންގެ ހައިހޫނުކަން ފިލުވައިދޭށެވެ. އަހުރެމެންނަށް އުނުއަންނައުނު ގަނެދޭށެވެ. ކަލޭގެފާނަށް ވުރެ ބޮޑަށް އަހުރެމެންގެ ނިކަމެތި ހާލު އެނގޭނޭ އިންސާނަކު ނެތެވެ. ތިޔަ ފައިސާއިން އަހުރެމެންނަށް ހޭދަކުރުމަށްފަހު، ފަހަރުގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީލަތިވަންތަކަމުން، ކަލޭގެފާނަށް ތިޔަ ފައިސާ އަނބުރާ އޭގެ ވެރިފަރާތަށް ރައްދުކުރެވޭނޭ ތަނަސްކަމެއް މެދުވެރިކުރެއްވުމަށްވެސް އެކަލާނގެ ކުޅަދުންވަންތައެވެ. ނުވަތަ ޤިޔާމަތްދުވަހުގެ މައިދާނުގައި ކަލޭގެފާނުގެ ފަރާތްޕުޅުންވާ ދަރަނި ކޮންމެވެސް ގޮތަކުން ކަލޭގެފާނުގެ ކިބައިން ފިއްލެވުމަށްވެސް އެކަލާނގެ ކުޅަދުންވަންތައެވެ.

ﷲގެ ޢަޛާބަށް އަބޫ ޤައިޘުގެ ހިތުގައިވާ ބިރުވެތިކަން އިހުނަށްވުރެ ބޮޑުވެ، އޭނާގެ އަނބިކަމަނާއަށް ނުރުހުންތެރިކަމާއެކު ބުންޏެވެ. ' އޭ ލުބާބަތެވެ! އަހުރެން ހައިހޫނުކަމާއި، ފަޤީރުކަމުގައި 86 އަހަރު ކެތްކޮށްފީމެވެ. އަހަރެންގެ އެތެރެ ހަށީގެ ގުނަވަންތައް، ނަރަކައިގެ އަލިފާނުން ފިއްސަންވީ މިއަދު ހެއްޔެވެ؟ ﷲގެ ނަފްރަތާއި ކުރިމަތިލާންވި މިއަދު ހެއްޔެވެ؟ ﷲއަށް އުރެދޭންވީ ކަށްވަޅާއި އަހުރެންގެ ނަފުސު ކައިރިވީ ދުވަހު ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ! އަހުރެން ތިޔަ ކަމެއް ނުކުރާނަމެވެ.' އެ މުސްކުޅިޔާގެ މި ވާހަކަތަކާއި، އޭނާގެ އާޢިލާގެ ހާލަތު ވަޒަންކުރެއްވުނު ހިނދު، އިބުނު ޖަރީރުއް ތަބަރީގެފާނުގެ ނަފްސަށް ހައިރާންކަން ލިބިވަޑައިގަތެވެ. މި ޚިޔާލުގައި ހުރެ އެކަލޭގެފާނު އެ މުސްކުޅިޔާގެ ގެއާ ފެއަށް، ހަރަމްފުޅުގެ ތެރެއަށް ރުޖޫޢަވެއްޖެއެވެ. ވިދިގެންއައިދުވަހުން ދަމެއްގައި އަނެއްކާވެސް އެއްކަލަ ގޮވުން ޚުރާސާނީ ތަކުރާރުކުރަންފެށިއެވެ. 'އޭ އެންމެހާ ޙައްޖާޖީންނޭވެ! އޭ މައްކާގެ ލޮބުވެތި އަހުކުވެރިންނޭވެ! އަހުރެންގެ އެއްހާސް ދީނާރުގެ ކީސާ އަހުރެންނަށް ރައްދުކޮށްދިން މީހަކަށް ﷲ ހެޔޮ ދަރުމައާއި ޘަވާބު ދެއްވާނެތެވެ.'

ޚުރާސާނީގެ ޚުތުބާ ނިމުމާއެކު، އެއްކަލަ މުސްކުޅިޔާ އޭނާއާ ބައްދަލުކޮށް ބުންޏެވެ. 'އޭ ޚުރާސާނީއެވެ! ކުރިންވެސް އަހުރެން ތިބާގެ ގާތުގައި ބުނީމު ނޫންހެއްޔެވެ؟ މައްކާގެ ތަދުމަޑުކަންވަނީ އިންތިހާގައެވެ. އެހެންކަމުން، ތިޔަ ކިސާ ރައްދުކޮށްދޭ މީހަކަށް، އެ ކީސާއިން ކޮންމެވެސް މިންވަރެއް ޙައްޤުކޮށްދޭންވީނޫންތޯއެވެ. އެއީ އެކީސާގައިވާ ފައިސާގެ ދަހިވެތިކަމުގައި އެމީހަކު ﷲގެ ދީނުން އެއްކިބާވެގެން ދިޔަ ނުދިނުމަށްޓަކައެވެ. އެކަމަކު ތިބާ އެކަމަށް އިންކާރުކުރީމުއެވެ. ފަހެ، ތިބާގެ ދީނާރު ކީސާ، ޢަޛާބު ދެއްވުމުގައި ގަދަފަދަވަންތަ ﷲއަށް ބިރުވެތިވާ އަޅެއްގެ އަތް މައްޗަށް އަރައިފިނަމަ، އެއިން އޭނާއަށް ސަތޭކަ ދީނާރު ދިނުމުގެ ބަދަލުގައި އެންމެ ދިހަ ދީނާރު ނަމަވެސް، މި މައްކާގެ ތަދުމަޑު ހާލުގެ މައްޗަށް އޭނާއަށް ނުދެއްވާނުތޯއެވެ؟

މި މުސްކުޅިޔާގެ އެދުމަށް ފުރަގަސްދިނުމާއެކު ޚުރާސާނީ ބުންޏެވެ. 'އަހުރެން ތިޔަ ކަމެއް ނުކުރާނަމެވެ. ޤިޔާމަތްދުވަހުން ﷲގެ ދަރުބާރުގައި އަހުރެންނަށް އިންސާފު ލިބިދެވޭނެއެވެ. އަހުރެންނަށް ﷲ ފުދެއެވެ. އަހުރެންގެ އެންމެހާ ކަންކަން ވަކީލުކުރަނީ ﷲއަށެވެ.' މި ޖަވާބާއެކު މީސްތަކުން އެކިދިމަދިމާއަށް ގޮސް ގެއްލިއްޖެއެވެ. އަދި ކޮންމެ މީހަކުވެސް އެމީހެއްގެ މަސައްކަތާއިގެން މަސްޢޫލުވެއްޖެއެވެ. ދުވަހުގެ ވަގުތުތައް ފާއިތުވަމުން އައު ދުވަހަކާއި މައްކާގެ މިސްތަކުން ބައްދަލުކޮށްފިއެވެ. މިއަދުވެސް އެ ޙައްޖާޖީ ޚުރާސާނީގެ ގޮވުން ހަމަ އެގޮތުގައި ތަކުރާރުކޮށްފިއެވެ. އޭނާ ގޮވަމުން ދިޔައެވެ. 'އޭ އެންމެހާ ޙައްޖާޖީންނޭވެ! އޭ މައްކާގެ ލޮބުވެތި އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ ތެރެއިން މީހަކަށް އަހުރެންގެ ދީނާރު ކީސާ ފެނިއްޖެނަމަ، އަހުރެންނަށް އެ ރައްދުކޮށްދޭށެވެ. ފަހެ އެ މީހަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ހެޔޮ ދަރުމައާއި ޘަވާބު ދެއްވާނެތެވެ.'

މިފަދައިން ހަމަ ގޮވާލުމާއެކު، މީސްތަކުންގެ ތެރެއިން އެ މުސްކުޅިޔާ ނިކުމެ، އާދޭހާއެކު ޚުރާސާނީއަށް ބުންޏެވެ. 'އޭ ޚުރާސާނުގެ އަހުލުވެރިޔާއެވެ! އިއްޔެގައިވެސް ތިބާގެ ގޮވާލުމުގެ މައްޗަށް، އެ ދީނާރު ކީސާ ރައްދުކޮށްދޭ މީހަކަށް އެންމެ ދިހަ ދީނާރުން ނަމަވެސް ޚައިރާތެއް ކުޅައުމަށް އެދުނު ހިނދު، ތިބާ އެކަމުގެ މައްޗަށް އިންކާރުކުރީމުއެވެ. ބަދަލުގައި އެ ރައްދުކޮށްދޭ މީހާއަށް އެންމެ ދީނާރެއްގެ މިންވަރު ނަމަވެސް ދިނުން ކިއެއްތޯއެވެ؟ އެއީ އެ ދީނާރުގެ ދެބައިކުޅަ އެއްބަޔަށް އޭނާއަށް ބޭނުންވާ ތަކެތި ގަނެފައި، އަނެއް ބަޔަށް ކަންބަޅީގެ ކިރު ގަނެ، އޭނާގެ އަހުލުންނަށް ބޯންދިނުމާއެކު، ބޭނުންޖެހިފައިވާ މީހުންނަށް އެއިން ފޯރުކޮށްދިނުމަށްޓަކައެވެ.' މިއާއެކުވެސް ޚުރާސާނީގެ ޖަވާބަށް ބަދަލެއް އައި ކަމަކަށް ނުވިއެވެ. އެ މުސްކުޅިޔާއަށް ނިސްބަތްކޮށް ޚުރާސާނީ ބުންޏެވެ. 'ނޫނެކެވެ! އަހުރެން ތިޔަގޮތަށް ކަންތަކެއް ނުކުރާނަމެވެ. ޤިޔާމަތްދުވަހުން ﷲގެ ދަރުބާރުގައި އަހުރެންނަށް އިންސާފު ލިބިދެވޭނެއެވެ. އަހުރެން ވަކީލު ކުރަނީ އެކަލާނގެއަށެވެ.'

ޚުރާސާނީގެ ވިސްނުން ބަދަލުނުވާނެކަން އެނގުމުން، މާޔޫސްކަމާއެކު އެ ޢަޖޫޒު މުސްކުޅިޔާ ބުންޏެވެ. 'އޭ ޚުރާސާނީއެވެ! އަހުރެންނާއި އެކުގައި ތިބާ އަންނާށެވެ. ތިޔަ ކީސާ އަހުރެންގެ އަތަށް އެރީއްސުރެ، އަހުރެންނަށް ރޭގަނޑުގެ އުފާވެރި ނިދި ވެފައިވަނީ ވޭނެއްކަމުގައެވެ.

އިބުނު ޖަރީރު ވިދާޅުވިއެވެ. މިއާއެކު ފަސްވުމެއް ނެތި، ޚުރާސާނީ އެ މުސްކުޅިޔާއާއެކެ އޭނާގެ ގޭދޮށަށް ދިޔައެވެ. ދެމީހުން އެކުގައި އޭނާގެ ގެއަށްވަދެ، އެނާގެ ގޭގައި ވަޅުލާފައިވާ ފައިސާ ކީސާއެއް ނެގިއެވެ. އެ މުސްކުޅިޔާ، މި ކީސާ ޚުރާސާނީގެ އަތަށް ދެމުން ބުންޏެވެ. 'އޭ ޚުރާސާނީއެވެ! މިއޮތީ ތިބާގެ ފައިސާ ކީސާއެވެ. އެންމެ ކަމެއް ކޮށްދޭށެވެ. ﷲގެ ޙަޟުރަތުން އަހުރެންގެ ފާފަ ފުއްސަވައިދެއްވުން އެދި ދަންނަވައިދޭށެވެ. އަދި ތިބާ ބުނި ފަދައިން ﷲގެ ޙަޟުރަތުން އަހުރެންނަށްވާ ޘަވާބަށް އެދި އެކަލާނގެ ހަޟުރަތުގައި ދަންވައިދޭށެވެ.'

މި ދުޢާކުރަމުން ޚުރާސާނީ އެ ގޭގެ ދޮރާދިމާއަށް ހިނގައިގަތެވެ. އަދި ދޮރުމަތީގައި މަޑުކޮށްލުމަށްފަހު ބުންޏެވެ. 'އޭ މުސްކުޅި ޢިއްޒަތްތެރިޔާއެވެ! އަހުރެންގެ ބައްޕަވަނީ ﷲގެ ރަޙްމަތަށް ދަތުރުކޮށްފައެވެ. ﷲ އެކަލޭގެފާނަށް ބަރަކާތް ލައްވާނެތެވެ. މިއީ އަހުރެންގެ ބައްޕަ ބަލި އެނދުގައި އޮވެ އަހުރެންނާއި ހަވާލުކުރި އަމާނާތެކެވެ. ބައްޕަ މަރުވަމުން އަހުރެންނަށް 3000 ދީނާރު ދިނެވެ. އަދި ވަޞިއްޔަތެއްގެ ގޮތުގައި އަހުރެންނަށް ބުންޏެވެ. މިއިން ތިންބައިކުޅަ އެއްބައި އޭގެ ޙައްޤުވެރިއަކަށް، މާނައީ ބޭނުންޖެހިފައިވާ ފަޤީރަކަށް ރައްދުކޮށްދޭށެވެ. އެދުވަހުއްސުރެ، އަހުރެން މިއަންނަނީ އެފަދަ މީހަކަށް ފާރަވެރިވެ، ހޯދަމުންނެވެ. އިއްތިފާޤުން އަހުރެންގެ އަތުން މި ފައިސާ ކީސާ ގެއްލި، މި ކީސާ އަހުރެންނަށް ރައްދުވީ ތިޔަ މުސްކުޅިޔާގެ އަތްމަތީގައެވެ. ﷲ ގަންދީ ބުނަމެވެ. އަހުރެން ޚުރާސާނުން ނިކުތީއްސުރެ މިއަދާ ހަމައަށް، ތިބާ ފިޔަވާ މި ފައިސާއަށް ޙައްޤު އިންސާނަކު ނުދެކެމެވެ. މިއީ ތިބާގެ ޙައްޤެކެވެ. މި ގެންދާށެވެ. ފަޤީރުކަމާއި ހައިހޫނުކަމުގެ ކުރިމަތީގައި ތިބާ ދެއްކެވި ތެދުވެރިކަމާއި، ހިތްވަރު ﷲ ބައްލަވާވޮޑިގެންފިއެވެ. ﷲ ތިބާއަށް ބަރަކާތް ލައްވާށިއެވެ.' ޚުރާސާނުގެ އަހުލުވެރިޔާގެ މި ހަދިޔާއާއެކު އޭނާ އެގެއިން ނިކުމެގެން ހިނގައްޖެއެވެ. އެ މުސްކުޅިޔާއަށް ރޮވިއްޖެއެވެ. އެނާގެ ކޯތާފަތުގެ މަތިން ޝުކުރުގެ ކަރުނަތައް އޮހެމުންދަނީއެވެ. 'ޔާ ﷲ! މިފައިސާގެ ވެރިޔާއަށް ކަށްވަޅާއި އާޚިރަތުގެ ހެޔޮ ޖަޒާ ދެއްވާށިއެވެ.

އެ މުސްކުޅިޔާގެ ގެއިން ޚުރާސާނީ ނިކުމެގެން ދިއުމާއެކު، އިބުނު ޖަރީރުވެސް އޭނާގެ ފަހަތުން ޙަރަމްފުޅުތެރެއަށް ހިނގާއްޖެއެވެ. ނަމަވެސް، އަބޫ ޤައިޘު، އިބުނު ޖަރީރުއް ތަބަރީގެ ފަހަތްޕުޅުން ވަޑައިގެން، އެކަލޭގެފާނު އޭނާގެ ގެއަށް ގެންގޮސްފިއެވެ. އެއަށްފަހު އެ ގޭގެ އަހުލުންނަށް އެ ޖަމާޢަތަށް ހާޟިރުވުމަށް އެންގުމަށް އޭނާގެ އަނބިކަމަނާއަށް ބުންޏެވެ. ބަސްބުނާހާ ހިނދުކޮޅަކުން، އަބޫ ޤައިޘްއާއެކު ނުވަ މީހުން ޖަމާޢަތެއް އެގޭގައި ހަމަވިއެވެ. އިބުނު ޖަރީރުގެ ޙާޟިރުގައި 10 ވަނަ މީހަކު ހަމަވިއެވެ. އިބުނު ޖަރީރަށް ނިސްބަތްކޮށް އެ މާތް މުސްކުޅިޔާ ބުންޏެވެ. 'ފުރަތަމަ ދުވަހުއްސުރެ، އަހުރެންގެ ފަހަތުން ތިބާ އަންނާތީ ދުށީމެވެ. އަހުރެންގެ ޚަބަރު ތިބާއަށް އޮޅުންފިލީ އިއްޔެ ނުވަތަ މިއަދެވެ. ރަސޫލުﷲގެފާނު ޙަދީޘުފުޅު ކުރައްވާކަމުގައި ބުނެވެއެވެ. އެހެންމީހެއްގެ ފުށުން އެދުމަކާއި ނުލާ ނުވަތަ ސަލާމްޖެހުމަކާއި ނުލާ ﷲގެ ޙަޟުރަތުން ތިބާއަށް ރިޒްޤެއް މިންވަރު ވެއްޖެނަމަ، ފަހަ އެ އެއްޗެއްގައި ހިފާށެވެ. އެ އެއްޗެއް އަނބުރާ ރައްދުނުކުރާށެވެ.' އެހެންކަމުން މިއީ މިކަން ފެށުނީއްސުރެ މި ޖަމާޢަތުގައި ބައިވެރިވީ އެންމެނަށް ﷲ ދެއްވި ރިޒްޤެކެވެ.

މި ފައިސާ ހަމަޔަށް ބެހުމަށްޓަކައި ކޮންމެ މީހަކުވެސް އެމީހެއްގެ ހެދުމުގެ އިސްބައި ދިއްކުރުމަށް އަބޫ ޤައިޘު އެދުނެވެ. އޭނާގެ ދަރިން ފިޔަވާ އެންމެން އެބައިމީހުންގެ ހެދުން ދިއްކުރިއެވެ. އެކުދިންގެ ހެދުމުގައި އެފަދަ މިންވަރެއް ނެތުމުން، އެކުދިންގެ އަތް ދިއްކުރުމަށް އެދުނެވެ. އެ ޖަމާޢަތުގެ ކޮންމެ ޚާޟިރީއެއްގެ އުނގަށް ނުވަތަ އަތައް ފަހަރަކު ދީނާރެއްގެ މަގުން، ދިނާރެއް އެ ކީސާ ހުސްވަންދެން އަބޫ ޤައިޡު ލައިދިނެވެ. އިބުނު ޖަރީރުއް ތަބަރީ އިސްތިސްނާވުމެއްނެތިއެވެ. އިބުނު ޖަރީރު ވިދާޅުވިއެވެ. އަހުރެންނަށް ލިބުނު ސަތޭކަ ދީނާރަށްވުރެ ބޮޑަށް އަހުރެންގެ ހިތަށް އުފާވެރިކަން ލިއްބައިދިނީ އެކުދިންނަށާއި އެޢާއިލާއަށް ލިބުނު ބޮޑު ނިޢުމަތުގެ މައްޗަށެވެ. އެ މުސްކުޅިޔާގެ އިޙްސާންތެރިކަމަށް ޝުކުރު އަދާކުރުމަށްފަހު އިބުނު ޖަރީރު އެގެއިން ނިކުތުމަށް ހިންގައިގަތް ވަގުތު އެ މުސްކުޅިޔާ ބުންޏެވެ. 'އޭ ޒުވާނާއެވެ! ތިބާއަށް ބަރަކާތް ހުއްޓެވެ. ތިޔައީ ޙަލާލު ފައިސާއެވެ.'

އިތުރަށް އެ މުސްކުޅިޔާ ބުންޏެވެ. 'އޭ ޒުވާނާއެވެ! އަހުރެން ފަޖުރަށް ތެދުވަނީ މި ތެތް ގަމީހާއެކުގައެވެ. އަހުރެން ނަމާދުކޮށް ނިމުމަށްފަހު، އަހުރެންގެ އަންހެން ދަރީން ނަމާދު ކުރުމަށްޓަކައި މި ގަމީސް ދެމެވެ. ކުއްޖަކަށްފަހު ކުއްޖެއް މި ގަމީސްލައިގެން ފަތިސް ނަމާދުކުރާނެއެވެ. އެކުދިން ނަމާދުކޮށް ދިމުމުން އަހުރެން ގަމީސް ލަމެވެ. މެންދުރުކޮށް ނިމުމުން އަހުރެން މަސައްކަތު ދަމެވެ. އަޞުރު ނަމާދު ވަގުތަށް އަހުރެން އެނބުރި ގެއަށް އަންނަމެވެ. ﷲ ތަޢާލާ އަހުރެންނަށް ދެއްވި ރިޒްޤަކައިގެންނެވެ. އެއީ ޕާނެއް ތަންކޮޅެއް ވިޔަސް، ކަރުދު ކޮޅެއްގެ މިންވަރު ވިޔަސް ޝުކުރުވެރިވަމުންނެވެ. އަހުރެން ގެޔައަށް އައުމުން، ކޮންމެ ނަމާދަކަށް އަހުރެންގެ ގަމީހަކީ އަހުރެންގެ ދަރީންގެ ހައްޤެކެވެ. މިފަދަ ތަނަވަސްކަމަކީ އަހުރެންނާއި އަހުރެންގެ ޢާއިލާ އުންމީދުކުރި ކަމެއް ނޫނެވެ. ފަހެ މިފައިސާގެ ވެރި ކަލޭގެފާނަށް ﷲ ކަށްވަޅުގައްޔާއި، ޢާޚިރަތުގައި ޘަވާބު ދެގުނަ ކުރައްވާނެތެވެ.' މިއަށްފަހު މާ ގިނަ ދުވަސްތަކެއްނުވެ އެމާތް މުސްކުޅިޔާ ނިޔާވެއްޖެއެވެ. މާތް ﷲ އޭނާގެ ފުރާނައަށް ހެޔޮ ޖަޒާދެއްވާނދޭވެ! އޭނާގެ އަންހެން ދަރީންވެގެން ދިޔައީ އެދުވަސްވަރު އިސްލާމީ އުންމަތުގެ ވެރިންނާއި، އެވެރިންގެ ދަރިދަރިކަލުންގެ އަނބިއަނބިކަނބަލުންނަށްކަމައި އިބުނު ޖަރީރު ވިދާޅުވެއެވެ.

އިބްނު ޖަރިރުއް ތަބަރީ އެ މުސްކުޅިޔާއަށް އިންތިހާ ޝުކުރު އަދާކުރުމަށްފަހު، އެގެއިން ހިނގައްޖެއެވެ. އިބުނު ޖަރީރު ވިދާޅުވެއެވެ. އަހުރެން އެފައިސާ ހޭދަކުރީ ޢިލްމު ހޯދުމަށެވެ. އަހުރެން އެފައިސާއިން ކަރުދާހާއި ދެލި ގަނެ، ޢިލްމު ހޯދުމުގައި ދެ އަހަރު ދުވަސް ހޭދަކުރީމެވެ.

ނޯޓު: އަބޫ ޤައިޘުގެ ހަޔާތުން ފެންނަންއޮތީ މިންވަރަށް އީމާންވުމުގެ މާތް އާދައެވެ. ކިތަންމެ ކުޑަ ނަމަވެސް ﷲގެ ކޮންމެ ނިޢުމަތަކަށް ޝުކުރުވެރިވުމުގެ މާތް އާދައެވެ. ﷲގެ މަގުގައި، ﷲއަށްޓަކައި ޤުރުބާނެއް ވެއްޖެ މީހާއަށް، އޭނާ ހީނުކުރާހާ ގިނަ ގޮތްގޮތުން ﷲ އޭނާއަށް ޘަވާބާއި މަދަދުވެރިކަން ދެއްވަތެވެ.

މި ތަރުޖަމާގައި މަޢުލޫމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވާށެވެ.

މަސްދަރު: އިސްލާމްކޭން / އިބްރާހިމް ޙިންދީ

ތަރުޖަމާ؛ ޙަސަން ޣައްސާން 

ކޮމެންޓް

ގުޅޭ ލިޔުންތައް