ޖިބްރީލް ޢަލައިހިއްސަލާމް – ވަޙީގެ އަމާނާތްތެރިޔާ

އެޑްމިން

މަލާއިކަތް ބޭކަލުންގެ ތެރޭގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެންމެ އަރިސް ކަލޭގެފާނެވެ. ރަސޫލުﷲގެފާނާއި އެކަލޭގެފާނުގެ ކުރިން ފޮނުއްވުނު އެންމެހާ ޔަބިއްޔުންނާއި ރަސޫލު ބޭކަލުންގެ މަލަކޫތީ އެކުވެރިޔާއެވެ. ޚަބަރާއިގެން ފޮނުއްވުނު ކޮންމެ ބޭކަލެއްގެ އަރިއަހަށް ޚަބަރާއިގެން ފޮނުއްވުނު މާތް އަމީނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެންމެ ފުރިހަމަ އެއް މަޚުލޫޤެވެ.

'ﷲ އާއި އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ރަސޫލުންނާއި، ޖިބްރީލްގެފާނާއި، މީކާއީލްގެފާނަށް ޢަދާވާތްތެރިޔަކުކަމުގައިވާ މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން ﷲއީ ކާފިރުންނަށް ޢަދާވާތްތެރިވެވޮޑިގެންވާ ރަސްކަލާނގެއެވެ.' ސޫރަތުލް ބަޤަރާގެ 98 ވަނަ އާޔަތުގެ މާނައިގައި މިފަދައިން ވަހީކުރައްވާއިރު، މާތް ﷲގެ ދަރުބާރުގައި ޖިބްރީލް ޢަލައިހިއްސަލާމްގެ މަޤާމުފުޅުގެ ތަނަވަސްކަމާއި، އެކަލޭގެފާނުގެ ޙައިބަވަންތަކަމަށް ފުދޭނޫން ހެއްޔެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެ ފުރަތަމައަށް ޙަލުޤުކުރެއްވި މަޚްލޫޤަކީ ޖިބްރީލް ޢަލައިހިއްސަލާމެވެ. އިމާމް ބުޚާރީގެ ހާޟިރުން އެނގެން އޮންނަ ގޮތުގައި ސުވަރުގެއާއި ނަރަކައަށްވުރެ ކުރިން ޚަލްޤުކުރެއްވުނީ ޖިބްރީލުލް އަމީނެވެ.

އެންމެ ފުރަތަމައަށް ސުވަރުގެ އުފެއްދެވުނު ހިނދު، ﷲ ސުބުޙާނަހޫ ވަތަޢާލާ، ޖިބްރީލްގެފާނަށް އެތަން ބައްލަވާލެއްވުމަށް ބަސްފުޅު ވަޙީކުރެއްވެވިއެވެ. އެކަލޭގެފާނު ސުވަރުގޭގެ ކަންކޮޅުތަކަށް ވަޑައިގެން، އެތަނުގެ އަހުލުވެރިންނަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ ތައްޔާރުކުރައްވާފައިވާ ގިނަގުނަ ނިޢުމަތްތައް ފެނިވަޑައިގަތްހިނދު، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައި ބަސް ދެންނެވިއެވެ. 'އޭ އަޅުގެ ވެރި ރައްބެވެ. އިބަ އިލާހުގެ މަތިވެރިކަން ގަންދީ ދަންނަވަމެވެ. މިތަނުގެ ޚަބަރު އިވުނު އެއްވެސް މަޚުލޫޤަކު، މިތަނާއި ދުރަކަށް ނުދާނެތެވެ.' އެހިނދު ﷲ ސުބުޙާނަހޫ ވަތަޢާލާ ސުވަރުގޭގެ ވަށައިގެން، ތަކުލީފުތަކާއި، އުނދަގޫ ކަންތައްތައް ލެއްވެވިއެވެ. އަދި އަލުން ސުވަރުގެއަށް ވަޑައިގެން، އެތަން ބައްލަވާލެއްވުމަށް ޖިބްރީލްގެފާނަށް ބަސްފުޅު ވަހީ ކުރެއްވެވިއެވެ. އެކަލޭގެފާނަށް ސުވަރުގޭގެ ކަންކޮޅުތަކާއި ވަށައިގެންވާ އެންހެމާ ކަންކަން ފެނިވަޑައިގެން ހިނދު، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައި ބަސް ދެންނެވިއެވެ. 'އޭ އަޅުގެ ވެރި ރައްބެވެ. އިބަ އިލާހުގެ މަތިވެރިކަމާއި މާތްކަން ގަންދީ ދަންނަވަމެވެ. އެތަނަށް އެއްވެސް މަޚުލޫޤަކަށް ނުވަދެވިދާނެތީ އަޅު ބިރުވެތިވަމެވެ.'

އެހިނދު ﷲ ސުބުޙާނަހޫ ވަތަޢާލާ ނަރަކަ އުފެއްދެވިއެވެ. އަދި ޖިބްރީލް ޢަލައިހިއްސަލާމަށް ނަރަކަށް ވަޑައިގެން އެތަން ބައްލަވާ ލެއްވުމަށް ބަސްފުޅު ވަޙީކުރެއްވެވިއެވެ. އެކަލާނގެ އަމުރުފުޅަށް އުރެދުމެއް ނުވާ ހާލު އެކަލޭގެފާނު ނަރަކައިގެ ކަންކޮޅުތަކަށް ވަޑައިގެން އެތަންތަނުގެ ނުބައިކަން ފެނިވަޑައިގެން ހިނދު، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޞުތަރުގައި ބަސް ދެންނެވިއެވެ. 'އޭ އަޅުގެ ވެރި ރައްބެވެ. އިބް އިލާހުގެ މާތްކަމާއި މަތިވެރިކަން ގަންދީ ދަންނަވަމެވެ. މިތަނުގެ ޚަބަރު އިވުނު އެއްވެސް މަޚުލޫޤަކު މިތަނާއި ކައިރިވެސް ނުވާނެތެވެ. ދެން ﷲ ސުބުޙާނަހޫ ވަތަޢާލާ ނަރަކައިގެ ވަށައިގެން ލައްޒަތާއި އުފާވެރިކަމާއި އެކިއެކި ނިޢުމަތްތައް ލައްވެވިއެވެ. އެއަށްފަހު އަލުން ނަރަކައަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލެއްވުމަށް ޖިބްރީލް ޢަލައިހިއްސަލާމަށް ބަސްފުޅު ވަޙީކުރެއްވެވިއެވެ. މި ހިނދުން އެކަލޭގެފާނު ދެވަނަ ފަހަރަށް ނަރަކައަށް ވަޑައިގެން ނަރަކައިގެ ކަންކޮޅުތަކާއި އެތަނުގެ ވަށައިގެން ލެއްވިފައިވާ އެންމެހާ ކަންތައްތަކުގެ މައްޗަށް ހެކިވެވަޑައިގެން، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައި ބަސް ދެންނެވިއެވެ. 'އޭ އަޅުގެ ވެރި ރައްބެވެ. އިބަ އިލާހުގެ މާތްކަމާއި މަތިވެރިކަން ގަންދީ ދަންނަވަމެވެ. ފަހެ މިތަނުގެ ނުބައިކަމުން އެއްވެސް މަޚްލޫޤަކު ސަލާމަތް ނުވެދާނެކަމުގެ މައްޗަށް ތިމަންކަލޭގެފާނު ބިރުވެތިވަމެވެ.'

ޖިބްރީލްގެ ފާނުގެ ނަންފުޅު އައިސްފައިވާ ގޮތަށް ބަލާއިރު، ޖިބްރީލް މި ނަންފުޅު ދެބަޔަކަށް ބަހާލެވެއެވެ. އެއީ 'ޖިބްރް' އަދި 'އީލް'އެވެ. 'ޖިބްރް' ގެ މާނައަކީ އަޅެވެ. (މި ލަފްޒުގެ އަނެއް މާނައަކީ 'ޢަބްދު' ނުވަތަ 'އަޅު' މިއެވެ) 'އީލް'ގެ މާނައެއްކަމުގައި ޢިލްމުވެރިން ވިދާޅުވަނީ އެއީ 'ﷲ'ކަމުގައެވެ. އެހެންކަމުން، 'ޖިބްރީލް' މި ނަންފުޅުގެ މާނައަކީ 'ﷲގެ އަޅާއެވެ' މިއެވެ. ޖިބްރީލް ޢަލައިހިއްސަލަމައަށް އުޑުތަކުގައި ޙަމްދު ލިބިގެންވެއެވެ. އެންމެ މަލާއިކަތް ބޭކަލުން އެކަލޭގެފާނަށް ތަބާވެގެންވާކަމުގައިވެއެވެ. މިއީ އެކަލޭގެފާނުގެ ގަދަފަދަކަމަށްޓަކައި އެކަލޭގެފާނަށް ލިބިގެންވީ ނިޢުމަތެއް ނޫނެވެ. މިއީ އެކަލޭގެފާނުގެ އިތުބާރަށްޓަކައި އެކަލޭގެފާނަށް މާތްﷲ މިންވަރު ކުރެއްވި ނިޢުމަތެކެވެ. އެކަލޭގެފާނަށް ނިސްބަތްކުރެވޭ ބައެއް ނަންފުޅުތަކުގެ ތެރޭގައި 'ނާމޫސް' ހިމެނެއެވެ. މި ނަންފުޅުގެ މާނައަކީ 'ސިއްރުތަކުގެ އަމާނާތްތެރިޔާއެވެ'. ނުވަތަ 'ޖާސޫސް' މި ނަމުގެ އިދިކޮޅެވެ. އަދި އެކެލޭގެފާނަށް 'ޖިބްރީން'ގެ ނަމުންވެސް މުޚާތަބުކުރެވިފައިވެއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުން ގެނެވޭ އިލާހީ އެންމެހާ ބަސްފުޅުތައް ބިމަށް ވާސިލްކޮށްދިނުމުގެ އަމާނާތްތެރިޔަކީ ޖިބްރީލް ޢަލައިހިއްސަލާމެވެ. އެކަލޭގެފާނަކީ ވަޙީގެ އަމާނާތްތެރިޔާއެވެ. އަދި ﷲގެ ހަޟުރަތުން ވަހީއަށް އިންކާރުކުރާ އެންމެހާ މަޚްލޫޤުންނަށް އިންޒާރުކުރާ 'ހަނގުރާމައިގެ' ކޮމާންޑަރެވެ. އިންސާނުންގެ ހިތްތަކުގައިވާ ނޫރު، ވަޙީގެ (ކީރިތި ޤުރުއާނުގެ) ޒަރީއާއިން އުޖާލާކޮށްދެއްވުމުގެ ޒިންމާ އަދާކުރައްވާ ބޭކަލަކީ ޖިބްރީލް ޢަލައިހިއްސަލާމްކަމުގައި ބުނެވެއެވެ. އެކަލޭގެފާނަށް 600 ވަރަފުޅު ލިބިވަޑައިގެންވެއެވެ. އަދި މި ވަރަފުޅުތަކުން އަބަދާ އަބަދުމެ، މުތީއާއި އަލިމަސްފަދަ ޖަވާހިރު ފައިބާކަމުގައިވެއެވެ. ރަސޫލުﷲގެފާނުގެ އަރިއަހަށް މާތް ޞަޙާބީ ދިޙްޔަތުލް ކިލަބީގެފާނުގެ ރީތި ސިފަފުޅުގައި ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގަންނަވާކަން އެކިއެކި ރިވާތަކުން ދަލީލުލިބެން އެބަހުއްޓެވެ.

އެކަލޭގެފާނަކީ ﷲ ސުބުޙާނަހޫވަތަޢާލާގެ ފަރާތްޕުޅުން ކޮންމެ ނަބީއަކާއި ރަސޫލެއްގެ އަރިއަހަށް ކަނޑައެޅުއްވި މަދަދުޤާރެވެ. އެންމެ ފުރަތަމައަށް ޤަލަމުން ލިޔުއްވި ނަބީ އިދްރީސް ޢަލައިހިއްސަލާމް، އެކަލޭގެފާނުގެ އުމުރުފުޅުގައި ބާކީ އޮތް މުއްދަތާއި ބެހޭގޮތުން މަލަކުލް މައުތުގެފާނުގެ އަރިއަހަށް 4 ވަނަ އުޑަށް ވަޑައިގެންނެވީ ޚުދު ޖިބްރީލް ޢަލައިހިއްސަލާމްގެ ބުރަކަށިފުޅުގައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިންވަރުފުޅު އޮތީ 4 ވަނަ އުޑުގައި އިދްރީސް ޢަލައިހިއްސަލާމްގެ ފުރާނަފުޅު ހިއްޕެވުމަށެވެ. އިބްރާހީމް ޢަލައިހިއްސަލާމް އަލިފާނަށް އެއްލަވާލެއްވުނު ދުވަހު، އެކަލޭގެފާނު އަލިފާނަށް ވެއްޓިވަޑައިގަންނަވަނިކޮށް ސަލާމްލެއްވި ޖިބްރީލްގެފާނު އެތަނަށް ވަޑައިގެން، އެދިވަޑައިގަންނަވަނީ ކޮން އެހީފުޅަކަށްތޯ ސުވާލުކުރެއްވެވިއެވެ. ޖަވާބުގައި އިބްރާހީމްގެފާނު ވިދާޅުވީ 'ތިމަންކަލޭފާނަށް ﷲ ފުދެއެވެ.' އެއާއެކު އަލިފާން އެކަލޭގެފާނަށްޓަކައި ފިނި އެއްޗެއްކަމުގައި ﷲ ލެއްވެވިއެވެ. މިކަންކަމުން އެނގިގެންދަނީ ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންނަށް އަނިޔާވެރިވެވޭ ހިނދު، ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގެން އެހީތެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާކަމެވެ. އިސްމާޢީލްގެފާނު ފެންފޮދަކަށް ކީރިތިކުރައްވަމުން ގެންދެވި ހިނދު، ސަލާމްލެއްވި ޖިބްރީލްގެފާނު އެމާތް ބިމަށް ވަޑައިގެން، އެކަލޭގެފާނަށް ޒަމްޒަމްގެ ބަރަކާތް ދެއްވެވިއެވެ.

ސަދޫމުގެ މީސްތަކުން ހަލާކު ކުރެއްވުމަށް، ލޫތުގެފާނުގެ އަރިއަހަށް ރީތި ތިން ފިރިހެނުންގެ ސޫރައިގައި މަލާއިކަތް ބޭކަލުންގެ ތިން ބޭކަލަކު ވަޑައިގެންނެވިއެވެ. ބައެއް ރިވާއަތްތަކުގައިވާ ގޮތުން މި ތިން ބޭކަލުންނަކީ ޖިބްރީލް ޢަލައިހިއްސަލާމާއި، މީކާއީލް ޢަލައިހިއްސަލާމާއި އިސްރާފީލް ޢަލައިހިއްސަލާމެވެ. ފަހެ، ލޫތުގެފާނުންގެ އަރިއަހުން އެޤައުމުގެ މީހުންގެ ނުބައިކަމާއި ފަސާދައިގެ ވާހަކަތައް އައްސަވާ، އެކަންކަން ލިޔުއްވުމަށްފަހު، އެބައިމީހުންނަށް ޙައްޤުވެގެންއައި ﷲގެ ގަދަފަދަ އަޒާބު ދެއްވެވިއެވެ. އީމާންވީ މީސްތަކުން ސަލާމަތްކުރެއްވުމާއެކުގައެވެ.

ޔޫސުފު ޢަލައިހިއްސަލާމް ވަޅަށް އެއްލާލެވުނު ހިނދު، އެ ވަޅުގެ ތިރީގައި ޖިބްރީލްގެފާނުގެ ހުންނެވިއެވެ. އަދި އެކަލޭގަފާނަށް އަނިޔާއެއް ނުވާނޭގޮތުން، އެކަލޭގެފާނު ސަލާމަތްކުރެއްވެވިއެވެ. އެކަލޭގެފާނުގެ ބައްޕާފުޅުގެ ރައްކާތެރިކަމުން ނެރެލެވުނު ހިނދު، އެކަލޭގެފާނަށް ހިމާޔަތް ދެއްވާ ބޭކަލަކުކަމުގައި ޖިބްރީލް ޢަލައިހިއްސަލާމް ވެވަޑައިގަތެވެ. މަރިޔަމް ޢަލަހިއްސަލާމުގެ އަރިއަހަށް ޢީސާގެފާނުގެ އުފާވެރިކަމުގެ ޚަބަރާއިގެން، އިންސާނީ ސިފައިގައި ޖިބްރީލްގެފާނު ވަޑައިގެންނެވިއެވެ. އެއާއެކު އެކަލޭގެފާނަށް ނިސްބަތްކޮށް އެކަމަނާ ﷲއަށް ބިރުވެތިވުމަށް ވިދާޅުވި ހިނދު، އެކަލޭގެފާނުގެ މަލަކޫތީ ސޫރައަށް ބަދަލުވެ ވަޑައިގެން ޢީސާގެފާނުގެ އުފާވެރިކަމުގެ ޙަބަރު އެކަމަނާއަށް ދެއްވެވިއެވެ.

ޢީސާ ޢަލައިހިއްސަލާމް ޞަލީބަށް އަރުވާ އަވަހާރަކޮށްލުމަށް އެކަލޭގެފާނުގެ ޤައުމުގެ މީހުން އައި ހިނދު، ޖިބްރީލް ޢަލައިހިއްސަލާމުގެ ބުރަކަށިފުޅުގައި އެކަލޭގެފާނު އުޑައަށް އުފުއްލެވިއެވެ. ކަނޑައެޅިފައިވާ ވަކި ވަގުތެއް ޖެހުމަށްދާންދެނެވެ.

ރަސޫލުﷲގެފާނު ތުއްޕުޅުދުވަސްވަރު ސަޢުދު ވަންހައިގެ މީހުންގެ ތެރޭގައި އުޅުއްވި އުޅުއްވުމުގައި އެއްދުހަކު ޖިބްރީލުގެފާނު ވަޑައިގެން އެކަލޭގެފާނުގެ މޭފުޅު އިރުއްވާ، ހިތްޕުޅުގައިވި ޝައިޠާނާގެ ބައިވަރުގަނޑު ނަންގަވާ، އެކަލޭގެފާނުގެ ހިތްޕުޅު ޠާހިރު ފެނަކުން ދޮންނަވާ އިހު އޮތްގޮތަށް ރުޖޫޢަކުރެއްވިއެވެ. މީގެ ފަހުގައި އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނު ފަހުން، ޖިބްރީލް ޢަލައިހިއްސަލާމް ވެވަޑައިގެންނެވީ އެކަލޭގެފާނުގެ ފާރަވެރިޔަކުކަމުގައެވެ.

އަލްހާފިޡު އިބްނު ރަޖަބު ރަޙިމަހުމުއްﷲ އެކަލޭގެފާނުގެ ފޮތް، އަލް ޚޫޝޫޢުއް ޞަލާހުގައި ލިޔުއްވާފައިވެއެވެ. މި ދުވަސްވަރުގެ ތެރެއިން ދުވަހެކެވެ. ކީރިތި ރަސޫލާގެ އަރިއަހަށް ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގެން އުންގަނަވައިދެއްވާން އިންނަވަނިކޮށް، ކުއްލިއަކަށް ވިލާތައް ދެފަޅިވެ، އުޑުން ބޭކަލަކު އެކަލޭގެފާނު އިންނެވި ދިމާއަށް ވަޑައިގަންނަވާތީ ފެނިލައްވައިފިއެވެ. މިއާއެކު ޖިބްރީލް ޢަލައިހިއްސަލާމްގެ މޫނުފުޅުމަތިން ނުތަނަވަސްކަމުގެ އަސަރުތައް ފާޅުވެ، އެކަލޭގެފާނު ހިމޭންވެއްޖެއެވެ. އިހުނަށްވުރެ ކުޑަވެ، ކަލާނގެކިބައަށް ޚުޝޫޢަތްތެރިކަން ރައްދުކޮށްފިއެވެ. ހިތްތަކަށް ތަސައްވުރުނުކުރެވޭ ވަރުގެ ބޮޑުކަމެއް ވާންއުޅޭ ފަދައަކުން އެކަލޭގެފާނުގެ ހަށިކޮޅުގައި ހިފެހެއްޓުނެވެ. ބިރުފުޅުގެ އަސަރު އެކަލޭގެފާނުގެ މޫނުފުޅު މަތިން ފާޅުވާން ހުއްޓެވެ. ކޮންމެ އަކަސް އެމަލާއިކަތާ ވަޑައިގެން ރަސޫލުﷲގެފާނަށް ދެއްނެވިއެވެ. 'އޭ ﷲގެ ރަސޫލާއެވެ. ތިމަންކަލޭގެފާނުގެ ވެރި ރަސްކަލާނގެ ހަޟުރަތުން އައި ބަސްފުޅަކައިގެން ކަލޭގެފާނުގެ އަރިއަށް ޙާޟިރުވެހުރީމެވެ. ކަލޭގެފާނަށް، ދެ ކަމަކަށް ތިމަންކަލޭގެފާނު އިޚްތިޔާރުދެމެވެ. ރަސްކަލެއްފަދަ ނަބީއެއްގެ ދަރަޖައިގައި، ދުނިޔޭގެ އެންމެހާ އުފާތަކާއި، އާރާއި، ބާރާއި، ހިސާބެއްނެތްފަދަ ނިޢުމަތްކާއެކު ކަލޭގެފާނުގެ ހަޔާތްޕުޅު ވޭތުކުރެއްވުމާއި، އާދައިގެ އަޅެއްގެ ދަރަޖައާއި ހާލަތުގައި ކަލޭގެފާނުގެ ދިރިއުޅުން ވޭތުކުޅައުމާއި ދެމެދު އިޚްތިޔާރު ކުރަމަށެވެ. އިތުރު ރަސޫލުﷲގެފާނު ޖިބްރީލްގެފާނަށް ބައްލަވާލެއްވުމާއެކު އެމަލާއިކަތް ބޭކަލަކަށް ވިދާޅުވިއެވެ. އާދައިގެ އަޅެއްގެ ދަރަޖައާއި ހާލަތުގައި ތިމަންކަލޭގެފާނުގެ ހަޔާތްޕުޅު ވޭތުކުޅައުމަށް އެދެމެވެ.' މ ވަޖާބާއިގެން އެ މަލާއިކަތްބޭކަލަކު އެނބުރި ވަޑައިގަތުމުން، އެކަލޭގެފާނު ޖިބްރީލް ޢަލައިހިއްސަލާމަށް ބައްލަވާލެއްވުމަށް ފަހު، ވިދާޅުވިއެވެ.

'ކަލޭގެފާނަށް ތިޔަ ވެލެއްވީ ކީތްތޯއެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައިގަތީ ކޮންކަމަކާތޯއެވެ؟' ޖަވާބުގައި އެކަލޭގެފާނު ރަސޫލުﷲގެފާނަށް ދެއްނެވިއެވެ. 'އޭ މުޙައްމަދުގެފާނެވެ. މިއީ މީގެކުރިން ދުވަހަކުވެސް ދުނިޔޭގެ ބިމަށް ފައިބާވަޑައިގެން ބޭކަލެއް ނޫނެވެ. ﷲ ގަންދީ ދަންނަވަމެވެ. އެބޭކަލަކު ފެނިލެއްވުމާއެކު، ތިމަންކަލޭގެފާނު ހީޕުޅުކުރެއްވީ ދުނިޔޭގެ ހުރިހާ ކަމެއްގެ ނިމުން އައިސް ޖެހުނީކަމަށެވެ. ޤިޔާމަތުގެ އިޢުލާނުކުރެއްވުމަށް އެކަލޭގެފާނު ވަޑައިގަންނަވަނީކަމަށެވެ. ފަހެ، އެއީ އިސްރާފީލް ޢަލައިހިއްސަލާމެވެ.' މި ހާދިޘާއަށް ފަހު، ރަސޫލުﷲގެފާނުގެ އުޅުއްވުން ދުނިޔޭގެ އަރާމާއި ލައްޒަތާއި އިތުރަށް ދުރުހެލިކުރިއެވެ.

ޖިބްރީލް ޢަލައިހިއްސަލާމް އިތުރު ރަސޫލުﷲގެފާނަށް ވަސިއްޔަތްޕުޅުކުރެއްވެވިއެވެ. 'އޭ މުޙައްމަދުގެފާނެވެ! މަރުވާނެކަމުގައި ދަނެގެން ދިރިއުޅޭށެވެ. މީސްތަކުންދެކެ ލޯބިވާންވާނީ އެބައިމީހުންނާއި ވަކިވާންޖެހޭނެކަމުގައި ދެނެގެންނެވެ. ކޮންމެ ޢަމަލަކަށްވެސް އެ ކުޅަ ޢަމަލަކާ އެއްވަރަށް ޘަވާބު ނުވަތަ ޢަޒާބު އޮންނާނެކަން ދަންނާށެވެ. އޭ މުޙައްމަދުގެފާނެވެ! މުއުމިނުންގެ މާތްކަންވަނީ ރޭގަނޑުގެ ތެރެއިންވާ ނަމާދުގައެވެ. ނުވަތަ ރޭއަޅުކަމުގައެވެ. މުއުމިނު އަޅާގެ ޢިއްޒަތްވަނީ އެހެން މީހުންގެ ކިބައިން މަދަދުވެރިކަން ނުހޯދުމުގައެވެ.'

ނޯޓު: ޖިބްރީލް ޢަލައިހިއްސަލާމްގެ ފަރާތްޕުޅުން ނެގެން ހުރި ފިލާވަޅުތަކުގެ ތެރޭގައި، ރަސޫލުﷲގެފާނަށް އެކަލޭގެފާނު ދެއްވި އަގުހުރި ނަސޭހަތްޕުޅުތައް ހިމެނެއެވެ. އެއީ އެ 4 ކަންތަކުގައި މުއުމިނު އަޅާގެ މައްޗަށް ހެޔޮކަމާއި ބާއްޖަވެރިކަން ހުރި ކަންކަމެވެ.

މި ތަރުޖަމާގައި މަޢުލޫމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވާށެވެ.

މަސްދަރު: ރައްޔާން ސަމީރު / މީޑީއަމް.ކޮމް

ތަރުޖަމާ: ޙަސަން ޣައްސާން

ކޮމެންޓް

ގުޅޭ ލިޔުންތައް