ޖުލައިބީބް ރ.ޢ - ޠާހިރު ހިތުގެ ވެރިޔާ

އެޑްމިން

ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންގެ ތެރޭގައި ތަފާތު އެކިއެކި ބޭކަލުން ވެ ލެއްވިއެވެ. ކުލައިގެ ގޮތުންނާއި، ނަސްލުގޮތުންނާއި، ޢިއްޒަތާއި ޖާހުގެ ގޮތުންނާއި، ޢިލްމާއި ހުނަރުގެ ގޮތުންނާއި، މިހެންގޮސް މުޖުތަމަޢެއް ފުރާފުރިހަމަވާނެ އެންމެހާ ކުލަތައް އެކަލޭގެފާނުގެ ދަރުބާރުގައިވެއެވެ. މިއިން ކޮންމެ ބޭކަލެއްގެ ނަންފުޅަކީ ތާރީޚަށްޓަކައި ދެމިގެން ވާސިލްވެގެން ނުދާނެ ނަންފުޅުތަކެއް ކަމުގައިވީނަމަވެސް، ﷲގެ ހަޟުރަތުގައި މަތިވެރިކަމާއި ޢިއްޒަތް އުފުއްލެވިގެންވާ ނަންފުޅުތަކެކެވެ. ތާރީޚަށް ބަލާއިރު، ޞަޙާބީންގެ ތެރެއިން ގިނަ ބޭކަލުންގެ ނަންފުޅުތައް ތާރީޚުގެ ތެރެއިން އަޅުގަނޑުމެންގެ ޖީލުތަކަށް ވާސިލްވެފައިވަނީ އިސްލާމީ އުންމަތަކަށް ކުޅަ ކޮންމެވެސް މުހިންމު ޚިދުމަތަކާއެކުގައެވެ. އަނެއްބައި ބޭކަލުންގެ ހަނދާނާއި ދިރުން ގެނުވަނީ ރަސޫލުﷲގެފާނުންގެ ހިތްޕުޅުގައި އެބޭކަލަކަށް ވާ ޤަދަރާއި ލޯބިފުޅަށްޓަކައެވެ.

މަދީނާގެ އަންޞާރުންކުރެ، ޖުލައިބީބް ރަޟިޔަﷲ ޢަންހުގެ ވާހަކައަކީ އަޅުގަނޑުމެން އަހާ އޮޅުންފިލުވުން ހުރި ޢިބުރަތްތެރި ވާހަކައެކެވެ. ޖުލައިބީބުގެފާނުގެ ކެތްތެރިކަމާއި، ހިތްތިރިކަމުގެ ވާހަކަތަކަކީ އަޅުގަނޑުމެންފަދަ މުސްލިމުންނަށް ޢިބުރަތުން ފުރިގެންވާ ވާހަކަތަކެވެ.

ޖުލައިބީބުގެފާނަކީ ބޭރުފުށުގެ ސިފަފުޅުތައް ރިވެތި ބޭކަލެއްކަމުގައި ވެ ނުލެއްވި ނަމަވެސް، ހިތްޕުޅުގެ ޠާހިރުކަމާއި، ޢަޚްލާޤުގެ މާތްކަމުގައި އަރާ ހުންނެވި ބޭކަލެކެވެ. އެއީ އިސްކޮޅުން ކުރު، ރީތިރީއްޗަށް ކިޔާވަރުގެ ސިފަފުޅެއް ލިބިވަޑައިގެންވީ ބޭކަލެކެވެ. އިސްލާމުވެވަޑައިގެންނެވުމުގެ ކުރިއަށް، ހަނގުރާމައިގެ މައިދާންތަކުގައި ޖުލައިބީބުގެފާނުގެ ނަންފުޅަކީ ވިދުންގަދަ ނަންފުޅެއްކަމުގައި ނުވި ނަމަވެސް، އިސްލާމުވެވަޑައިގެންނެވުމަށްފަހު، އެކަލޭގެފާނަކީ ޖެހިލުންކުޑަ، އީމާންކަމުގައި އަރާހުންނެވި ބޭކަލެއްގެގޮތުގައި މުޅި އިސްލާމީ ތާރީޚަށް އާންމުވެފައިވެއެވެ. އެކަލޭގެފާނުގެ ޔަތީމު ހާލުކޮޅާއި، ސިފަފުޅުގެ ހުތުރުކަމަށްޓަކައި، މަދީނާގެ މުޖުތަމަޢުގައި އެކަލޭގެފާނަކީ ނެތް ބޭކަލެއްފަދައެވެ. އެދުވަސްވަރުގެ މަދީނާގެ މީސްތަކުން ދޫތަކާއި ލޯތައް އަމާޒުވަނީ އެކަލޭގެފާނުގެ އީމާންތެރިކަމާއި މާތްކަމަށްވުރެ ބިޑަށް އެކަލޭގެފާނުގެ ބޭރުފުށުގެ ސިފައަށެވެ.

ކޮންމެއަކަސް ޖުލައިބީބުގެފާނަކީ މަދިނާގެ ޔަތީމުންގެ ތެރޭގައި ހިމެނުނު ބޭކަލެކެވެ. އިސްލާމުވުމުގެ ކުރިންވެސް އެކަލޭގެފާނުގެ ނަންފުޅަކީ ޖުލައިބީބެވެ. މާނައީ 'ކުރުކޮށް ހުންނަ މީހާއެވެ'. މުޖުތަމަޢުގައި އެކަލޭގެފާނަކީ ކުޑަމީސްކުރެވޭ މީހެއްގެގޮތުގައި އޮތްއޮތުމަކަށް ބަދަލެއް ނާދެއެވެ. އެކަލޭގެފާނުގެ ޔަތީމުހާލުކޮޅާއި، ނަސަބުފުޅު ސާފުނޫން ކަމުންނެވެ. މިހުރިހާކަމެއް ތަޙައްމަލުކުރައްވަމުން ގެންދެވުމާއެކު އެކަލޭގެފާނަކީ އެކަލޭގެފާނުގެ އަމިއްލަފުޅު ވަޒަނުގައި އެކަނިވެރިއެކެވެ. ބީރައްޓެއްސެކެވެ. މަދީނާގެ މާތް ބިމަށް އިސްލާމްދީނުގެ ޙިދާޔަތު އިސް ވަކި ހުއްޕާލިހިނދު، ޖުލައިބުބުގެފާނު އިސްލާމްދީނަށް ވެންނެވުމާއިމެދު ފުންކޮސް ވިސްނުން ހިންގާން ފެއްޓެވިއެވެ. އެ ދީނު އުސޫލުތަކުގެ ހަރުދަނާކަމާއި، ތަފާތުކުރުމެއް އެ ދީނުގައި ނުވާކަމުގެ އަޑުތައް އެކަލޭގެފާނުގެ ކަންފަތްޕުޅަށް އަރަމުންދާތީއެވެ. އެހެންނަމަވެސް، އިސްލާމު ވުމަށްފަހުވެސް، މީސްތަކުންގެ ފުށުން ލިބޭ ގޯނާތަކަށް ނިމުމެއް އަންނާނެކަމަށް އެކަލޭގެފާނުގެ ނަފްސަށް ޤަބޫލެއް ނުކުރެވުނެވެ. އެއީ ފަހަރުގައި އެތައް އަހަރެއްގެ ހިތި ތަޖުރިބާއާއި ވޭނުގެ އަސަރުތައް ކަމުގައި ވެދާނެއެވެ.

މިއެންމެހާ ކަންކަމާއެކުވެސް ޖުލައިބީބުގެފާނު ރަސޫލުﷲގެފާނުގެ އަރިއަހަށް ވަޑައިގެން އިސްލާމްވެވަޑައިގެން އެކަލޭގެފާނަށް ބަޢިއަތު ހިއްޕެވިއެވެ. މިއާއެކު އެކަލޭގެފާނުގެ މުޅި ދިރިއުޅުން ބަދަލުވި ފަދައެވެ. މުޅި ބިންމަތީގައިވި އެންމެ ހެޔޮވެގެންވީ އިންސާނާ، އާދެ ﷲގެ ރަސޫލާގެ ލޯބިފުޅާއި ގާތްކަމާއި އޯގާތެރިކަން ޖުލައިބީބުގެފާނަށް ލިބެންފެށިއެވެ. އިސްލާމުދީނުގެ މާތްކަމުން ހިދާޔަތު ލިބި، އެކަލޭގެފާނު ވެގެންދިޔައީ މަދީނާގެ މުޖުތަމަޢުގައި އިސްލާމްދީނަށް ވަފާތެރި، ތެދުވެރި، ދީނަށް ޙުރުމަތްތެރިކޮށްހިތާ، ކިޔަމަންވުމުގައި އެއް ނަމްބަރުގެ ބަޠޮލަކަށެވެ.

ދުވަސްތައް ފާއިތުވަމުގެ ތެރެއިން އެއްދުވަހަކު ޖުލައިބީބުގެފާނާއި ރަސޫލުﷲގެފާނާއި ބައްދަލުވެވަޑައިގަތެވެ. މި ބައްދަލުވުމުގައި ހިތާމައިން ފޯވެގެންވާ ހާލުގައި އެކަލޭގެފާނު ރަސޫލުﷲގެފާނަށް އެކަލޭގެފާނުގެ ހިތްޕުޅުގެ ޝަކުވާތައް ހުށައެޅުއްވިއެވެ. ' އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނާއި ކަލޭގެފާނު ގެންނެވި އެންމެހާ ކަންކަމަށް އަޅަކު އީމާންވެ ބޯލަނބައިފިނަމަ، އޭނާވަނީ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން ނޫންތޯއެވެ؟ އަދި އޭނާއަށް ސުވަރުގޭގެ ހޫޜަލްޢީނުންގެ ފުށުން އުފާވެރިކަން ލިބޭނެނޫންތޯއެވެ؟ އަހަރެން ކޮންމެ ސިފައެއްގައި ވިޔަސް އެންމެ ރަނގަޅެވެ. ފަރުވާލެއްނެތެވެ. އަހުރެން ހިތް ސާފެވެ. ﷲ ބައްލަވާވޮޑިގެންވަނީ އަހުރެންގެ ހިތަށް ނޫން ހެއްޔެވެ؟ އޭ ﷲގެ ރަސޫލާއެވެ. ﷲ އެކަލާގެ އަޅުތަކުންގެ ސިފައަށް ބައްލަވާވޮޑިގެންނުވާ ކަމަށާއި، އެކަލާނގެ ހަޟުރަތުގައި މަޤުބޫލުކަން ބޮޑީ އަޅުންކުރާ ހެޔޮ ޢަމަލުތަކާއި، ހިތްތަކުގެ ޠާހިރުކަން ކަމުގައި ހަދީޘުކުރެއްވީ ކަލޭގެފާނު ނޫން ހެއްޔެވެ؟' ޖަވާބުގައި ރަސޫލުﷲގެފާނު އާދޭހޭ، ތިޔައީ ދެތެވެ، ދެންނެވުމުން، ޖުލައިބީބުގެފާނު އަނެއްކާވެސް އެކަލޭފެނުގެ ވާހަކަފުޅު ފެއްޓެވިއެވެ. 'އެހެންކަމަށްވާ ނަމަ ކަލޭގެފާނުގެ ޞާޙާބިން ތިމަން އެބޭކަލުންގެ ދަރިކަނބަލަކާއި ކައިވެނިކުރުމުން މަޙްރޫމުކޮށް އިންކާރުކުރަނީ ކީތްވެތޯއެވެ؟ އެފަދަ ބައެއް ބޭކަލުން މިހާރުވެސް ކަލޭގެފާނުގެ މި ޖަމާޢަތުގައި އެބަތިއްބެވިއެވެ. ކޮންމެ ޞާޙާބީއަކުވެސް ތިމަންކަލޭގެފާނުގެ ސިފައަށް ބަލާ، ތިމަންކަލޭގެފާނު ބާކީކޮށްލައްވަނީއެވެ. ފަހެ، ތިމަންކަލޭގެފާނަށް އޮތީ ކައިވެންޏަކާއި ނުލާ ނިމި ދިއުންތޯއެވެ؟'

މިވާހަކަކޮޅާއެކު ރަސޫލުﷲގެފާނުގެ ހިތްޕުޅަށް ނުހަނު އަސަރުކުރިއެވެ. އެއާއެކު، ލަސްކުރެއްވުމެއްނެތި އަންޞާރިއްޔަ ބޭކަލެއްގެ އަރިހަށް ވަޑައިގެން އެކަލޭގެފާނުގެ ދަރިކަނބަލުންގެ ކައިވެރިފުޅަށް އެދި ހުށައެޅުއްވިއެވެ. މިކަމާއި ވީ އުފަލުން މި ޞަޙާބީކަލޭގެފާނު ވިދާޅުވިއެވެ. 'އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނަށްޓަކައި އަޅުގަނޑުގެ ދަރިފުޅުގެ ކައިވެންޏަށް ދެކޮޅެއް ނަހަދަމެވެ.' އެހިނދު މިކައިވެނިފުޅަކީ ރަސޫލުﷲގެފާނުން ކުރައްވާ ކައިވެނިފުޅެއް ނޫންކަމުގައި އެބޭކަލަކަށް ވިދާޅުވެވުނެވެ. ކައިވެނިވެވޭ ފަރާތަކީ ކޮބައިތޯ އެބޭކަލަކު ސުވާލުކުރެއްވުމުން، އެއީ ޖުލައިބީބުގެފާނުކަމުގައި ރަސޫލުﷲގެފާނު ވިދާޅުވިއެވެ.

މިއާއެކު އެބޭކަލަކަށް ސިހުންލިބިވަޑައިގެން ރަސޫލުﷲގެފާނަށް ޖަވާބުދެއްވެވިއެވެ. 'ތިމަންގެ އަބިކަމަނާއާއި ތިޔަކަމާ މަޝްވަރާއަށް އަހާލަން ބޭނުމެވެ. ތިމަން އެނބުރި އެބަ އަންނަމެވެ. އެބޭކަލަކު އެތެރެއަށް ވަޑައިގެން، އަނބިކަނބަލުންނަށް، އެބޭކަލަކުގެ އަންހެންދަރިކަނބަލުންގެ ކައިވެންޏަށް އެދި ރަސޫލުﷲގެފާނު ޙާޟިރުވެވަޑައިގެން ހުންނެވި ވާހަކަ ނަންގަތެވެ. އިތުރަށް ސުވާލެއްވެސް ކުރުމެއްނެތި، އަނބިކަމަނާ މިކަމަށް އެއްބަސްވެލެއްވުމުން، އެ ކައިވެނިފުޅަކީ ޖުލައިބީބަށްޓަކައި ރަސޫލުﷲގެފާނު އެދިވަޑައިގެންނެވި ކައިވެނިފުޅެއްކަމުގައި އެބޭކަލަކު އެކަމަނާއަށް ދެންނެވިއެވެ. އެކަމަނާގެ މޫނުމަތީގެ ކުލަވަރާއި ޖަވާބު ބަދަލުވީ މިހާހިސާބުންނެވެ. 'ﷲ ގަންދީ ބުނަމެވެ. ޖުލައިބީބަކަށް އަހުރެމެންގެ އަންހެން ދަރިފުޅުގެ ކައިވެންޏެއް ނުދޭނަމެވެ.'

ރަސޫލުﷲގެފާނަށް މި ޖަވާބު އަރުވާނޭ ގޮތެއް ނުއެނގިހުރެ، ވިސްނަމުން، އެބޭކަލަކު ރަސޫލުﷲގެފާނުގެ އަރިހަށް، އެގޭގެ ދޮރުމައްޗަށް ހިންގަވައިގަތްވަގުތެވެ. އެ އަންހެންދަރިކަނބަލުންގެ އަޑުން އެބޭކަލަކަށް ހިމޭންކަން ލިބުނެވެ. 'އަހުރެންގެ ކައިވެންޏަށް އެދި އައީ ކޮންބޭކަލެއް ހެއްޔެވެ؟' ޖަވާބުގައި އެބޭކަލަކު އެކަމަނާއަށް ކަންހިނގި އެންމެހާ މަގުތައް ބަޔާންކޮށްދެއްވުމަށްފަހު، އެކަމަނާގެ ކައިވެންޏަށް އެދެނީ ޖުލައިބީބުގެފާނުކަމުގައި ދެންނެވިއެވެ. 'ސުބުޙާނަﷲ! ﷲގެ ރަސޫލާ އަހުރެންގެ ކައިވެނި އެވެނި މީހަކަށް ދިނުމަށް އެދުމުން އެކަމަށް އިންކާރުކުރަނީ ހެއްޔެވެ؟ އެކަލޭގެފާނުގެ ނިންމެވުމުގައި އަހުރެންނަށް ހުރީ ހެޔޮކަމާއި، ޘަވާބާއި ނިޢުމަތްނޫން އިތުރު ކޮން ކަމެއް ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. ޖުލައިބީބު ނޫން މީހަކާއި އަހުރެން ނުއިންނާނަމެވެ.'

އެކަމަނާގެ ޖަވާބު ރަސޫލުﷲގެފާނުގެ ފަރާތްޕުޅުން ޖުލައިބީބަށް ލިބިލެއްވި ހިނދު، އެކަލޭގެފާނަށް އުފަލުގެ ކޮޅެއްނެތެވެ. ޖުލައިބީބުގެފާނަކީ ފަޤީރަކު ކަމުން، އެކަލޭގެފާނުގެ ކައިވެނީގެ އެންމެހާކަންކަން ހަމަޖެއްސެވުމުގައި ރަސޫލުﷲގެފާނާއި އެކަލޭގެފާނުގެ ޞަޙާބީން ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެއްވިއެވެ. އެގޮތުން އުޘުމާނުގެފާނާއި ޢަލީގެފާނުގެ ފަރާތްޕުޅުން ޖުލައިބީބުގެފާނަށް ދީލަތި އެހީފުޅުތައް މިކަމުގައި ލިބިވަޑައިގަތެވެ. ކައިވެންޏަށްފަހު، ދިރިއުޅުމުގެ އެންމެހާކަންކަން ކުރިއަށްގެންދިއުމުގައެވެ. މިކަންކަން ހަމަޖެއްސުމަށް ފަހު ރަސޫލުﷲގެފާނުގެ މާތް ހާޟިރުގައި އެމާތް ކައިވެނިފުޅު ޢަޤުދުކޮށްދެވުނެވެ.

މި ކައިވެނިފުޅަށްފަހު، މާދިގު ނޫން މުއްދަތެއްގައި ތެރޭގައި މަދީނާގެ އަހުލުވެރިންނަށް ހަނގުރާމައަކަށް ގޮވާލެވުނެވެ. ހަނގުރާމައިގެ ގޮވުމުގެ އަޑުއިވުމާއެކު، ޖުލައިބީބުގެފާނަށް ބުނެވުނެވެ. 'އަހުރެން މިއޮތްހާދު އަންބަކަށް އެދިހުރެ، އެކަން އަހުރެންނަށް ފުރިހަމަވެއްޖެއެވެ. އެކަން ފުދުމާއެކު، އަހުރެންނަށް މިޖެހުނީ ރަސޫލުﷲގެފާނުގެ އަރިއަހުގައި ހަނގުރާމައަށް ދާށެވެ. ﷲއަށްޓަކައި ބުނަމަވެ. އަހުރެން ﷲގެ ރަސޫލާގެ އަރިހުގައި ހަނގުރާމައަށް ނިކުންނާނަމެވެ.'މިއީ ޖުަލައިބީބުގެފާނުގެ ހިތްޕުޅުގައި ރަސޫލުﷲގެފާނަށް އޮތް މަތިވެރި ލޯތްބެވެ.

ހަނގުރާމައިގެ ތަޅާފޮޅުމާއި، ލޭ އޮހޮރުވުންތައް ނިމި، މުސްލިމުންނަށް ނަޞްރުލިބި، މުޅި މައިދާނަށް ހިމޭންކަން ލިބުމާއެކު ރަސޫލުﷲގެފާނު ޞަޙާބިއްޔަ ބޭކަލުންނަށް ވިދާޅުވިއެވެ. 'ތިޔަ ބޭކަލުންގެ ތެރެންމަދުވަނީ ކޮން ކޮން ބޭކަލުންނެއް ހެއްޔެވެ؟ ދެން އެއްބޭކަލަކު އަނެއް ބޭކަލަކަށް އެވެނި ބޭކަލަކާއި މިވެނި ބޭކަލަކު ނެތްކަމަށް ވިދާޅުވަމުން ގެންދެވިއެވެ. އެބޭކަލުން ނަންފުޅުތައް ވިދާޅުވެ ނިމުމުން، އަނެއްކާވެސް އެކަލޭގެފާނު ހަމަ އެސޫވާލު ތަކުތާރު ކުރެއްވެވިއެވެ. ޖަވާބުގައި އިތުރު ބޭކަލަކު މައިދާނުގައި ޝަހީދުވެފައި ނެތްކަމުގައި އެކަލޭގެފާނަށް ދެންނެވުނެވެ. ދެން މީސްތަކުންގެ ތެރެއަށް ބައްލަވާލެއްވުމަށްފަހު، ޖުލައިބިބުގެފާނުން ކޮބައިތޯ ސުވާލުކުރެއްވިއެވެ. އެހިނދުން، ޖުލައިބީބުގެފާނުން ހޯއްދެއްވުމަށް، ޞަހާބީން ޖަމާޢަތްތައް މައިދާންނަށް ނިކުންނަވައިފިއެވެ. އިސާހިތަކު އެކަލޭގެފާނު ފެނިއްޖެއެވެ. އެކަލޭގެފާނުގެ ހަށިކޮޅުގެ ވަށައިގެން ދުޝްމަނުންގެ ހަތް މީހަކު ޤަތުލުވެފައިވެއެވެ. ރަސޫލުﷲގެފާނު ހަދީޘުކުރެއްވިކަމުގައި ރިވާވެގެންވެއެވެ. 'ތިމަންކަލޭގެފާނަކީ ޖުލައިބީބެވެ. އަދި ޖުލައިބީބަކީ ތިމަންކަލޭގެފާނެވެ. މިދުވަހު ޖުލައިބީބުގެފާނު ފެނިލެއްވުމާއެކު ރަސޫލުﷲގެފާނު، ޖުލައިބީބުގެފާނުގެ އިސްތަށިފުޅު ބިންމަތިން ނަންގަވާ، ވިދާޅިވިއެވެ. 'އޭ ޖުލައިބީބެވެ. މިހާރު ތިބާއަށް ސުވަރުގޭގެ ޙޫރަލްޢީނުންގެ ކައިވެނި ލިބޭނެތެވެ'.

މި ހަނގުރާމައަށް ފަހު، އެ ހަނގުރާމައިގައި ބައިވެރިވީ ޞަޙާބީންގެތެރޭގައި ހިމެނިވަޑައިގަންނަވާ ޒުވާން އެތައް ބޭކަލަކު ޖުލައިބީބުގެފާނުގެ ހުވަފަތް އަނބިކަނބަލުންގެ ކައިވެންޏަށް އެދި ހުށައެޅުއްވިއެވެ. ހަމަ އެންމެ އެދުންފުޅެއްގައެވެ. އެކަމަނާގެ ބަރަކާތްތެރިކަން ލިބިގަތުމުގައެވެ. ރަސޫލުﷲގެފާނަށް ކިޔަމަންގަތުމުގައި އެކަމަނާ މުޅި އުންމަތަށް ނަމޫނާ ދައްކަވާފައިވާތީއެވެ.

ނޯޓު: ޖުލައިބީބުގެފާނުގެ ދިރިއުޅުއްވުމުން ނެގޭ ފިލާވަޅުތަކުގެ ތެރޭގައި ﷲއާއި ރަސޫލާއަށްޓަކައި ކަމެއް ޤުރުބާންކޮށްފި މީހަކަށް، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހުރިކަމީ ޝައްކެއްނެތް މިންވަރަށް ޤަބޫލުކުރަންޖެހޭކަމެކެވެ. ބޭރުފުށުގެ ރީތިކަމަކީ ހިތްތަކުގެ ރީތިކަން ނެތިއްޖެނަމަ އެއްވެސް އަގެއް ހުރި އެއްޗެއް ނޫންކަމެވެ. ވުމާއެކު ތިމާގެ ދިރިއުޅުން ބައްޓަންކުރަންވީ ރިވެތި އަޚުލާޤުގެ މައްޗަށްކަމެވެ.

މި ތަރުޖަމާގައި މަޢުލޫމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވާށެވެ.

މަސްދަރު: އައިވަރީއައިސް / ވަޓްޕެޑް

ތަރުޖަމާ: ޙަސަން ޣައްސާން

ކޮމެންޓް

ޝިއުތު

ވަރަށް ޢިބްރަތްތެރި ވާހަކަ ކޮޅެއް

ގުޅޭ ލިޔުންތައް