ފިނި މޫސުމުގެ ފިނިކަން ގަދަ ފަތިހެކެވެ. ބާރުވަޔާއެކު ސްނޯގެ ތޫފާނެއްގެ ތެރޭގައި މުޅި ސަހަރުވަނީ ނިދާފައެވެ. ފާރިސްކަރައިގެ ހަމަދާނަކީ ފިނިމޫސުމުގައި އިންތިހާ ފިނީގައި މީސްތަކުން ދިރިއުޅުން ވޭތުކުރަމުންގެންދާ ރަށެއް ކަމުން، ފަޖުރުގެ އަލިކަމާއެކު، އެ ގަދަ ފިނީގެ ތެރޭގައި މީސްތަކުން ހޭލަމޭލައަށް އުޅެން ފަށައިފިއެވެ. މަސައްކަތާއިގެން މަސްއޫލުވާ މީހުންނާއި ފޮތްތައް ކިހިލި ޖަހާލައިގެން މަދަރުސާތަކާ މިސްކިތްތަކާއި ދިމާއަށް ދުވަމުންދާ ދަރިވަރުން މަގުމަތިން ފެންނަމުންދާލެއް މަދެއް ނޫނެވެ.
މި ފިނިކަމުގެ ތެރޭގައި ހަމަދާނުގެ މިސްކިތްތަކުގެ ތެރެއިން މިސްކިތަކަށް ދަރިވަރުންތައް ޖަމާވަމުން އެދަނީ ދީނީ، އިޖުތިމާޢީ އަދި ދުނިޔަވީ ޢިލްމަށް އެކުދިންގެ ހިތްތަކުގައި ދެވިފައިވާ މަތިވެރި ޤަދަރެއްގެ ސަބަބުންކަން ޔަޤީނެވެ. ފާރިސްކަރައިގެ ހަމަދާނުގެ މި މިސްކިތަކީ އެތައް ގޮތަކުން މަޝްހޫރު އަދި ޚާއްސަ މިސްކިތެކެވެ. އާދެ، މަޝްހޫރު އިސްލާމީ ފަލްސަފާވެރިޔާ އަދި ޙަކީމް، އިބްނު ސީނާ އެ މިސްކިތުގައި އެކަލޭގެފާނުގެ ދަރިވަރުންނަށް ކިޔަވައިދެއްވާތީއެވެ. ތާރީޚުގެ މި ޚާއްސަ ދުވަސްވަރު ވެގެންގޮސްފައިވަނީ ދުނިޔެއާއި ސައެންސަށް އިސްލާމީ އުންމަތުގެ ލޯ ހުޅުވާލަދިން ދުވަސްވަރަށެވެ. އެހެންކަމުން، އެދުވަސްވަރަށް ޢިލްމުގެ ގޮތުން އަރާ ހުންނެވި، އުސްތާޛު އިބްނު ސީނާގެ ދަރުސްތަކާއި ފިލާވަޅުތައް ވެގެންދިޔައީ ޝައުޤާއި ހައިރާންކަމުން ފުރިގެންވީ ފިލާވަޅުތަކަކަށެވެ. ވަކިން ޚާއްސަކޮށް އިބްން ސީނާގެ އަރިހުން އުނގެނެމުން ދިޔަ ދަރިވަރުން ވެގެންދިޔައީ އެދުވަސްވަރަށާއި އަންނާން އޮތް ޖީލުތަކަށް މަޝްޙޫރު އުސްތާޛުންކަމުގައެވެ. އިބްނު ސީނާގެ ޢިލްމާއި ސައެންސަށް ކުޅަދާނަކަމުގެ ވާހަކަ އަރަބި ބައްރު ހުރަސްކޮށް، ޔޫރަޕަށް ފޯރަން ފެށުމާއެކު، 'އަވިސީނާ'ގެ ނަމުން މުޅި ޔޫރަޕުގައި އިބްނު ސީނާގެ ނަން ފަވާލެވުނެވެ.
މިއީ އިބުނު ސީނާގެ ދަރުސްތަކާއި، ފަތްފުށްތަކާއި ހޯދުންތައް، ކަނޑުތަކާއި ހަނަފަސް ސަހަރާތައް ހުރަސްކޮށް، ޔޫރަޕަށް ވާސިލްވެ، އެބައިމީހުންގެ މަދަރުސާތަކާއި ކޮލެޖުތަކުގައި ކިޔަވައިދިނުމުގެ އަސްލެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ދުވަސްވަރެވެ. ކޮންމެއަކަސް، އިބްނު ސީނާގެ ވިސްނުންތެރިކަމާއި، ބުއްދި ބޭނުންކުރުމުގައި ގެންގުޅޭ އުސޫލުތަކާއި، ފަލްސަފާތަކުގެ މޮޅުކަމުން އިބްނު ސީނާގެ ދަރިވަރުން އެކަލޭގެފާނާއިމެދު ނުހަނު ގަޔާވެއެވެ. އިބްނު ސީނާ ކިޔަވައިދެއްވާ ކިލާހެއްގައި އެކަލޭގެފާނާއެކު އިށީނުމަކީ ލިބޭ ފަޚުރެއްކަމުގައި އިބްނު ސީނާގެ ދަރިވަރުން ދުއްޓެވެ.
ކޮންމެއަކަސް މި ފިނި ފަތިހުގެ ވަގުތުގައި އެތައް ދަރިވަރުންނެއް ހަމަދާނުގެ މި މަޝްހޫރު މިސްކިތަށް ޖަމާވެ އެ ތިބެނީ ފަލްސަފާވެރިކަމާއި ސައެންސުގެ މައިދާނުގައި މުޅި ދުނިޔެއަށް މަޝްހޫރު އިބްނު ސީނާގެ އިންތިޒާރުގައެވެ. ގަދަ ފިންޏާއި ބާރު ވައިގެ ސަބަބުން ދެ ތިން މިނިޓެއް ލަހުން އާދެވުނު ނަމަވެސް، އިބްނު ސީނާ މިސްކިތުގެ ކިޔަވައިދިނުމަށް ޚާއްސަކުރެވިފައިވާ މާލަމަށް ވެންނެވުމާއެކު، އެކަލޭގެފާނުގެ އަދަބަށްޓަކައި އެންމެހާ ދަރިވަރުން ކޮޅަށްތެދުވިއެވެ. އިސްލާމީ ރިވެތި ސަލާމަށްފަހު ދުވަހުގެ ފިލާވަޅު ދަރިވަރުންނަށް ބުނެދެއްވުމާއެކު އެކުދިންގެ ސުވާލުތަކަށް އެކަށޭނެ ޖަވާބުތައްވެސް އެކަލޭގެފާނު ގެންދެވީ ނުހަނު ޚިކުމަތްތެރިކަމާއި ކެތްތެރިކަމާއެކު ދެއްވަމުންނެވެ. މި ހުރިހާ ކަމެއް މިގޮތުގައި ވޭތުވަމުން ދާއިރު، އެކަލޭގެފާނުގެ ދަރިވަރުންގެ ތެރޭގައި އެކަލޭގެފާނާއި ވަކިން ގާތް އަދި ޚާއްސަގޮތެއް ބަހައްޓާ ކުއްޖަކު އުޅުނެވެ. ބަހަމަން ޔާރުގެ ނަމުން މުޚާތަބުކުރެވޭ މި ކުއްޖާއަކީ އިބްނު ސީނާގެ ދަރިވަރުންގެ ތެރޭގައި ޒުވާންކަމާއި ޢިލްމާއި އެކިއެކި ކަންކަމަށް ބުއްދި ހިންގުމަށް އަރާހުރި ކުއްޖެކެވެ. އިބްނު ސީނާގެ ކޮންމެ ދަރުހަކާއެކު ބަހަމަންގެ ހިތުގައި އިބުނު ސިނާގެ ފަލްސަފާވެރިކަމާއި ޢިލްމަށް ދެވިފައިވާ ޤަދަރާއި ލޯބި ދިޔައީ އިތުރުވަމުންނެވެ. މި ލޯބި ކަނުވެ، ބައެއް ދުވަސް ދުވަހު ކިލާހުގައި ތިބޭ ބަހަމަންގެ އެކުވެރިންނަށް އެނާ ބުނެއުޅެއެވެ. 'އުސްތާޛުގެ އެ ވިސްނުމާއި، ޚިޔާލާތާއި، އޭނާއަށް ލިބިހުރި ޢިލްމުގެ މޮޅުކަމާއެކު އޭނާ ނަބީކަމަށް ދަޢުވާ ނުކުރަނީ ކީތްވެބާއެވެ؟ މިއީ ތިމަންގެ ހިތުގައި އުފެދޭ ސުވާލެކެވެ.'
އިބްނު ސީނާއަކީ އާދައިގެ ދިރިއުޅުއްވުމަކަށް ލޯބި ކުރެއްވި ސާޙިބެކެވެ. އެހެންކަމުން، ގިނަ ދުވަސް ދުވަހު ބާޒާރަށް ވަޑައިގެން އަމިއްލަފުޅަށް ތަކެތި ބައްލަވައިގެން އުޅުއްވައެވެ. މި ފަދަ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އިއްތިފާޤުން އިބްނު ސީނާއަށް ހުންނެވުނީ ރޮއްޓާއި ޕާން ފިހާ މީހެއްގެ ދުއްކާނެއްގެ ދޮރުމަތީގައެވެ. އެވަގުތަކީ ކުޑަ ކުއްޖަކު އައިސް އެ ދުއްކާނުގެ ވެރިމީހާގެ ކިބައިގެން އަލިފާންކޮޅެއް ދިނުމަށް އެދުނުވަގުތެވެ. އެއީ އެ ކުޑަ ކުއްޖާގެ މަންމަގެ އެދުމުގެ މަތިންނެވެ. އެ ދުއްކާނުގެ ވެރިމީހާ އެ ކުއްޖާއަށް އިޝާރާތްކޮށް އަލިފާން އުފުލާނޭ ކަންވާރެއް ނުވަތަ ބާލިދީއެއް އެބައޮތްތޯ ސުވާލުކުރުމުން، ޖަވާބުގައި އެ ކުއްޖާ ދެ އަތަށް ބޯހޫރާލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އެއަށް ފަހު އެކުއްޖާ ބުންޏެވެ. ކަންވާރެއް ނެތަސް ތިމަންނާއަށް ތިޔަ އަލިފާން ގެންދެވިދާނެއެވެ. ކުޑަ އިރުކޮޅަކުން އެ ކުޑަ ކުއްޖާއައީ ދެއަތް ފުރާ އަލިފާން އަންދާފައިހުރި އަޅި އަތަށް އަޅައިގެންނެވެ. އަދި އޭގެ މަތީގައި އަނގުރުކޮޅު ބާއްވާލަދިނުމަށް ދުއްކާނުގެ ވެރިމީހާގެ ކިބައިން އެދުނެވެ.
އެ ކުއްޖާގެ ޅަ ކަމަކާއެކުވެސް އެ ކުއްޖާގެ ކިބައިގެން މި ފެނުނު އާދަޔާޚިލާފު ޚިކުމަތާއި ހިތްވަރުގެ ސަބަބުން، މި މަންޒަރު ބައްލަވާން ހުންނެވި އިބްނު ސީނާއަށް އެ ކުއްޖާގެ ވިސްނުމުގެ ތޫނުކަން ވަޒަންކުރެއްވިއްޖެއެވެ. ހަމަ އެވަގުތު އިބްނު ސީނާގެ ފުރިހަމަ ބެއްލެވުމުގެ ދަށުން އެކުއްޖާއަށް ޢިލްމު އުންގަންނައިދީ، އެ ކުއްޖާ މީހަކަށް ހެދުމަށް ނިންމާ، އެކުއްޖާގެ މައިންބަފައިންނަށް އެހުށައެޅުން ހުށައެޅިއެވެ. އަދި އީޖާބީ ޖަވާބެއް އެ ކުއްޖާގެ ބެލެނެވެރިންގެ ފުށުން ލިބުނެވެ. އުފަލާއެކުގައެވެ. މިއީ ބަހަމަންއާއި އިބްނު ސީނާގެ ގުޅުން ފެށުމަށް މެދުވެރިވި ހާދިޘާއެވެ. ޒަމާންތައް ދައުރުވެ، ބަހަމަން ޔާރު ހެދިބޮޑުވެ ފުރާ ފުރިހަމަވަމުން އައީ އިބްނު ސީނާގެ ހިޔާވަހިކަމާއި އޯގާތެރިކަމާއި ޢިލްމުގެ ގޯތީގައެވެ. ޢިލްމާއި ފަލްސަފާވެރިކަމުގައި ބަހަމަން ވެގެން ދިޔައީ އިބްނު ސީނާގެ ފަޚުރަކަށްކަމުގައެވެ.
ފިނި މޫސުމުގެ ރޭތަކުގެތެރެއިން ރެއެކެވެ. އިރާކޮޅު ފަހަނައަޅާގޮސް މެންދަމުން އަލިވެއްޖެއެވެ. ފައިބަމުން ދިޔަ ސްނޯގެ ބޯކަމާއި ގަދަ ވައިގެ ސަބަބުން، ގޭތެރެއަށް ފިނީގެ އަސަރުކޮށްފައިވެއެވެ. މި ނުބައި ފިނީގެ ޝިކާރައިން އިބްނު ސީނާއާއި ބަހަމަން ރައްކާތެރިކަން ހޯދަމުން ގެންދިޔައީ ބޯ ކެހެރި ރަޖައެއްގެ އެހީގައެވެ. ގޭތެރޭގައި ދިއްލާފައި ހުރި ބައްތީގެ އަލިކަން ފަނޑުވަމުންގޮސް، ހުޅުކޮޅު ނިވުނު އިރުވެސް، ގޭތެރެއިން އިވެމުން ދިޔައީ ބަހަމަންގެ ސުވާލުތަކާއި، ނުހަނު ކެތްތެރިކަމާއި ޝައުޤުވެރިކަމާއެކު އެ ސުވާލުތަކަށް އިބުނު ސީނާ ދެއްވަމުން ގެންދެވި ޖަވާބުތަކުގެ އަޑެވެ. އިބުނު ސީނާ ދެއްވަމުން ގެންދެވި ޖަވާބުތަކުގެ މޮޅުކަމާއި ޙިކުމަތްތެރިކަމުގެ ސަބަބުން ބަހަމަންގެ ހިތުގައި ދައުރުވަމުން ދިޔަ ޝުޢުރުތަކަށް ކެތް ނުކުރެވި، އެންމެ ފަހުން އެނާގެ ހިތުގައިވާ ސުވާލުތައް ސީދާ އިބުނު ސީނާގެ ކުރިމައްޗަށް ހުށައެޅުމަށް އޭނާ ގަސްތުކުރިއެވެ. އެއާއެކު ބަހަމަންގެ ސުވާލުތައް އިބުނު ސީނާގެ ކުރިމައްޗަށް ހުށައެޅިގެންދިޔައެވެ. 'ޢިލްމުގެ މައިދާނުގައި ކަލޭގެފާނަށް ލިބިގެންވާ މަޤާމާއި، ސައެންސުގެ ދިނިޔޭގެ ކަލޭގެފާނަށްވުރެ މޮޅު ވަކިން އިތުރު ފަރާތެއް ނެތްކަމުގެ މައްޗަށް ބުއްދިކޮށް، ކަލޭގެފާނު ނަބީކަމަށް ދަޢުވާ ނުކުރަނީ ފަހެ ކީތްވެގެން ހެއްޔެވެ؟ ކަލޭގެފާނުގެ ކުރިން ފޮނުއްވުނު ބައެއް ނަބީންނަށްވުރެ ސައެންސުގެ ޢިލްމުގައި ކަލޭގެފާނު ކުރީގައި އުޅުއްވާކަމަށް ޤަބޫލުފުޅު ނުކުރައްވަމުތޯއެވެ؟ ފަހެ، ކަލޭގެފާނަށް ދުނިޔޭގެ ކަންކޮޅުތަކުގައި ލިބިގެންވާ މަޤާމަށް ގޮންޖަހާނޭ އިތުރު މީހަކުނެތެވެ. ކަލޭގެފާނު ނަބީކަމަށް ދަޢުވާކޮށްފިނަމަ، އެކަމަށް ދެކޮޅުހަދާނޭ އަދި އެކަން އަނބުރައިގަންނާނޭ މީހަކުވެސް ހުންނާނެއޭ ތިމަންގެ ހިތެއް ނުބުނެއެވެ. ކަލޭގެފާނު އެކަމަށް ދަޢުވާކުރައްވައިފިނަމަ، އަހުރެންވާނީ ޝަރުތެއް ވަޙުމެއް ނެތި އެންމެ ފުރަތަމައަށް ކަލޭގެފާނަށް ތަބާވާ އަދި ކިޔަމަންގަންނަ މީހުންގެ ތެރެއިންނެވެ.
ބަހަމަންގެ ޒުވާންކަމާއި އޭނާގެ މޮޔަކަމުގެ މައްޗަށް ވިސްނާ، އޭނާ ހުށައެޅި ކަމަކީ އޭނާގެ ވިސްނުމާއި ބުއްދިން ދުރު، ޖަޒުބާތީ ވާހަކަތެއްގެ ގޮތުގައި ބަލައި، އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އެކަލޭގެފާނު ބަހަމަނަށް ހިނިތުންވަމުން ނިދިކުރައްވައިފިއެވެ. ފަތިހުގެ ވަގުތާއި ގާތަށް އައުމާއެކު ރޭގަނޑުގެ ފިނި އިހުނަށްވުރެ ބާރުވެ، ވައިބާރުވެއްޖެއެވެ. ކަރުހިއްކުމާއެކު އިބްނު ސީނާއަށް ލޯ ހުޅުވާލެއްވުމާއެކު ފެންފޮދަކަށް އެދި ގޭތެރެ ހޯދަންފެށިއެވެ. ކަންދިމާވި ގޮތުން ގޭތެރޭގައި ބޭނުންކުރާ ހުރިހާ ކަންވާރަކުން ފެންހުރީ ހުސްވެފައެވެ. އެހެންކަމުން ބަހަމަނަށްގޮވާ، އޭނާ ތަންމަތިން ނެގުމަށްފަހު ފެންފޮދެއް ގެނެސްދިނުމަށް އެދުނެވެ. އެއާއެކު ގޭގައި ފެން ނެތީތޯ ބަހަމަން ސުވާލުކޮށް، އެކަން އޮޅުން ފިލުމުން ބޭރަށް ނިކުންނަން ގަސްތުކުރިއެވެ. ކައުނަށް ވެރިވެފައިވާ އަނދިރިކަމާއި، ބާރު ވަޔާއި ފިނީގެ ބިރަށް އޭނާ ގަސްތާއި ނިތް ބަދަލުވިއެވެ. އަދި ފެންބަލާ ނުދިއުމަށްޓަލައި ތަފާތު ބަހަނާތައް ދައްކަންފެށިއެވެ.
ރޭގަނޑުގެ ފިނިކަމާއެކު އެވަގުތުގައި ފެންބުނުމަކީ ސިއްޚަތަށް ގެއްލުން ހުރި ކަމެއްކަމުގައި ބަހަމަން ބުންޏެވެ. މި ކަމަށް އިންކާރުކޮށް، ސިއްޚަތަށް ގެއްލުން ލިބޭނެ ކަންކަމާއި ނުލިބޭނެ ކަންކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވުމުން، ބަހަމަން ހިމޭންވެއްޖެއެވެ. އަނެއްކާވެސް ބަހަމަން ބުންޏެވެ. ފަތިސްވާކަށް ދެން މާ ގިނަ އިތުރަކެއް ދެން ނެތެއްނޫންތޯއެވެ؟ ފަތިސްވަންދެން ފެން ފޮދަކާ ނުލާ ކެތްތެރިވެ ލެއްވުމަށް ބަހަމަން އިބްނު ސީނާއަށް އިޝާރާތްކޮށް ބުންޏެވެ. މިކަމުންވެސް އިބުނު ސީނާގެ އެދުމުން އަރައިނުގަތުމުން، މިފަދަ ގަދަ ފިނީގައި އޭނާ ބޭރަށް ގޮސްފިނަމަ ރޯގާޖެހި ބަލިވެދާނޭކަމުގައި ބުންޏެވެ. މިހެން ބުނުމަށް ފަހު ބަހަމަން އޭނާގެ އަރާމު ތަންމަތީގައ އޮވެ ނިދައިފިއެވެ.
މުޅި ގޭތެރެއާއި ދުނިޔެމަތީން އިވެމުންދިޔައީ ގަސްތަކާއި މުޅި ރަށަށް ގޯނާކުރަމުން ދިޔަ ވައިގެ އަޑެވެ. ކުއްލިއަކަށް މުޅި ހަމަދާން ހޭލައްވާލީ ފަތިހުގެ ބަންގީގެ ހިތްގައިމު އަޑެވެ. އެރީތި އަޑުގެ ވެރި މުޢައްޒިން ގޮވަމުން ދިޔައެވެ. 'أَشْهَدُ أَنْ لَا إِلَٰهَ إِلَّا ٱللَّٰهُ، أَشْهَدُ أَنَّ مُحَمَّدًا رَسُولُ ٱللَّٰهِ. ފަހެ، ﷲ އީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހުކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް އަޅުހެކިވަމެވެ، މިފަދައިންނެވެ. މިކަލިމަގެ މަތިވެރިކަމާއި ފުރިހަމަކަން އިބުނު ސީނާގެ ހިތްޕުޅަށްވެރިވެ، ބަހަމަންގެ ސުވާލުތަކުގެ ޖަވާބު އޭނާއަށް ދޭނެ އުސްލޫބު ހިތުގައި ކުރަހާލިއެވެ. އިސާހިތަކު ބަހަމަނަށް ގޮވާ އޭނާ ހޭލެއްވުމާއެކު، އިބްނު ސީނާ ބަހަމަނަށް ނިސްބަތްކޮށް، ބަހަމަންގެ ސުވާލުތަކުގެ ޖަވާބު ދެއްވަން ފެއްޓެވިއެވެ. 'ބަހަމަންއެވެ. ތިބާ އަހަރަންނާއި ތަކުރާރުކޮށް ސުވާލުތަކެއް ކުރިމަތިކޮށްފީމުއެވެ. އެ ސުވާލުތަކުގެ ޖަވާބު އަޑުއަހާށެވެ.' މިއަޑާއެކު ބަހަމަންގެ ނިދި ފިލާގޮސް، މި ޖަވާބުތަކަށް އޭނާގެ ވިސްނުމާއި ޝައުޤު ހުއްޓިއްޖެއެވެ.
'ތިބާ އަހުރެންނަށް ނިސްބަތްކޮށް ނަބީކަމަށް ދަޢުވާ ނުކުރަނީ ކީތްވެތޯ ތަކުރާރުކޮށް ސުވާލުކުރަމުއެވެ. އަދި އެފަދަ ދުވަހެއް އަތުވެއްޖެ ނަމަ، ތިބާ ވާނީ އަހުރެންނަށް ފުރިހަމައަށް ތަބާވާ، ކިޔަމަންތެރިކަން އަދާކުރާ، ޚާލިސް އަޅަކުކަމުގައި ބުނަމުއެވެ. އަޑުއަހާށެވެ. ތިބާއީ އަހުރެންގެ ދަރިވަރުންކުރެ އަހުރެން އެންމެ ކަމޭހިތާ، ގަޔާވާ، އަހުރެންގެ ފުށުން އެންމެ ބޮޑަތި ޢިލްމުތައް ހާސިލްކޮށްފައިވާ ދަރިވަރެވެ. އަހުރެންގެ ހިޔާވަހިކަމުގައި އަހުރެންގެ އޯގާތެރިކަމުގައެވެ. އެހެނަސް، އަހުރެން ތިބާގެ ކިބައިން މި ފިނީގެ ތެރޭގައި ބޭރަށްގޮސް އަހުރެންނަށް ފެން ފޮދެއް ގެނެސްދޭން އެދުމުން، ތިބާ އެކަމަށް ފުރަގަސްދީ އުރެއްދިއްޖައީމެވެ. އަހުރެން އަދިވެސް މިވަނީ އިންތިހާއަށް ކަރުހިއްކުމުގައެވެ. ތިބާގެ ފުށުގައިވަނީ މާނައެއްނެތް ބަހަނާތަކެކެވެ.'
'ނިކަން ބަންގީގެ އެ ރީތި ކަލިމަތައް ގޮވަމުން އެދާ މީހާއަށް ވިސްނާލާށެވެ. ފިކުރު ހިންގާށެވެ. ރޭގަނޑުގެ ގަދަ ފިނީގައި، މުންނާރުގެ އެންމެ މައްޗަށް އަރާ އޭނާ އެހުރީ، ރޭގަނޑުގެ އެންމެ ފިނި މި ފަތިހުގެ ވަގުތުގައި، ފިނި ފެނުން ވުޟޫކޮށްގެންނެވެ. އެއީ ދެވަނަ އެހެންކަމެއް ކުރާކަށް ނޫނެވެ. އޭނާގެ ވެރި ރަސްކަލާނގެއަށާއި އެކަލާނގެ ރަސޫލާއަށް ފުރިހަމަ ކިޔަމަންތެރިކަން އަދާކުރުމަށެވެ. އަހުރެންނާއި އެ ރަސޫލާއާ ދެމެދު ކިހާ ފަރަޤެއް އެބަހުރި ހެއްޔެވެ؟ ނިކަން އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ.
ނޯޓު: މި ހާދިޘާގައި އިބުނު ސީނާ އިޝާރާތްކުރައްވަނީ، އެކަލޭގެފާނު ދުނިޔޭގައި، އަޅުގަނޑުމެންގެ ތެރޭގައި ވަޑައިގެން ނެތް އިރުވެސް މީސްތަކުން ﷲ އާއި އެކަލާނގެ ރަސޫލާއަށް ތަބާވަމުން މިދާ ދިއުމީ އިލާހީ ޙިކުމަތްފުޅުގެ ތެރެއިންވާ ކަންކަންކަމުގައެވެ. މިކަންކަމުގައި ވިސްނާ ކޮންމެމީހަކަށްމެ ޢިބުރަތްތައްވާނެކަން ކަށަވަރެވެ.
މި ތަރުޖަމާގައި މަޢުލޫމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވާށެވެ.
މަސްދަރު: އިސްލާމިކް އޯރގް
ތަރުޖަމާ: ޙަސަން ޣައްސާން
ކޮމެންޓް
ގުޅޭ ލިޔުންތައް