ރާއްޖޭގައި އިސްލާމް ދީނަށް އުޅުމަށް ހުރަސް އަޅާނަމަ މައްސަލަތައް ކުރިމަތިވާނެ- ޝައިޚް އަޙްމަދު ސަމީރު
އެޑްމިން
ރާއްޖޭގައި އިސްލާމް ދީނަށް އުޅުމަށް ހުރަސް އަޅާނަމަ ަމައްސަލަތައް ކުރިމަތިވާނެކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެެ.
އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން 2017 ޖޫން 06 ވަނަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގައި ބޭއްވި އިހްޔާ ފޯރަމްގައި ޝައިޚް ސަމީރު ވިދާޅުވީ މިއީ އިސްލާމީ ޤައުމެއް ކަމަށާއި މި ޤައުމުގައި އިސްލާމީ ހުރިހާ ކަންކަމަށް ޖާގަ އޮންނަން ޖެހޭނެ ކަމަށެވެ. "އެކަމަށް މިގައުމުގައި މަގު ތަނަވަސްވާންޖެހޭނެ. އިސްލާމް ދީނާ ޚިލާފް ކަމަކަށް ނަމަ މިޤައުމު ވަރަށް ހަނިވާނެ. ދަތިވާނެ. އެކަންކަމަށް ހަނިވީމާ ޤައުމު ދޫކޮށް ދާމީހުން ދާނެ. ގޮސް ފަަސޭހަ ޤައުމުތަކުގައި އެމީހުން އުޅޭނެ."
ޝައިޚް ސަމީރު ވިދާޅުވީ މި ޤައުމުގައި އޮންނާނީ މުސްލިމުންގެ ހައްޤު ކަމަށާއި އެކަން ވަނީ މިޤައުމުގެ ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ކަމަށެވެ. "މިޤައުމުގެ ރައްޔިތުން ރުހިފަ އޮތް ދީން އެއީ (އިސްލާމް ދީން). މިއީ އަޅުގަނޑުމެންގެ ފަސްގަނޑު. އަޅުގަނޑުމެންގެ ބިން މިއީ. އަޅުގަނޑުމެން ޤަބޫލުކުރާ ހަމަތަކާއި އުޞޫލުތައް މިއީ. އެކަން ކަމުނުދާ ބައަކު ދާން ބޭނުންތަނަކަށް ގޮސް އަޅުގަނޑުމެންގެ ކަންކަމާއި ނުބެހި އުޅުނީމާ ރަނގަޅުވާނެ. އަޅުގަނޑުމެންވެސް އެމީހުންގެ ކަންކަމަކާ ނުބެހެން."
ޝައިޚް ސަމީރު ވިދާޅުވީ އިސްލާމް ދީނަށް އަމަލުކުރާ މީހުންނަށް ތަފާތު ދަތިތައް ކުރިމަތިވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. "ތުނބުޅިއެއް ބަހައްޓައިގެން ވަޒިފާގަ ނޫޅެވޭނަމަ މޫނު ބުރުގާ އަޅައިގެން އުޅޭ މީހުން އެކަހެރިވާނަމަ އެ ހައްޤު ހޯދަން އެމީހުން މަސައްކަތްކުރާނެ. އެމީހުނާ މެދު އެދަދިތައް ކުރިމަތިކުރުވާ މުއައްސަސާތަކާމެދު އެމީހުންގެ ހިތް ކަޅުވެގެންދާނެ. އެމީހުން ބުނާނެ ދީނުގަ އޮތް ގޮތަށް، ސުންނަތާއެއްގޮތަށް މިޤައުމުގަ އަހަރެމެންނަށް އުޅެވެން ނެތްކަމަށް. އެހެންކަމަށްވާނަމަ ޤައުމުގަ އިސްކޮށް ތިބި ފަރާތްތަކާއިމެދު އެމީހުންގެ ހިތް ކަޅުވެ ދޭތެރެޖެހި ވަރަށް ބޮޑަށް އަދާވާތްތެރިކަމާ ނަފުރަތު އުފެދިގެންދާނެ."
ޝައިޚް ސަމީރު ވިދާޅުވީ އިސްލާމީ ޤައުމެއް ކަމަށް ބުނާނަމަ އިސްލާމީ ހުރިހައި ކަންކަމަށް އަމާންކަމާއި އޮމާންކަމާއެކު އެ ޤައުމެއްގައި ޖާގަ އޮންނަންޖެހޭނެ ކަމަށެވެ. ކަމެއް ގޯސްކޮށްދާނަމަ އެކަމެއް ހައްލުކުރަން މަޑުމައިތިރިކަމާއެކު މަސައްކަތްކުރާނަމަ ޤައުމު އޮންނާނީ ސަލާމަތްތެރިކަމާއިއެކުގައި ކަމަށެވެ.
ޝައިޚް ސަމީރު ވިދާޅުވީ ދީނުގައި ހިމެނޭ ކަންކަން އެއީ ނެތް ކަންކަން ކަމަށް ޤަބޫލުކުރުމަކީވެސް ހައްދުފަހަނައަޅައިދިއުން ކަމަށެވެ. ހަމަ އެއާއިއެކު އިސްލާމް ދީނުގައި ބަޔާންވެގެންވާ ކަންކަން އަޅުގަނޑުމެން ކުރާނެ ކަމަށާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ކުރުމަށް އަޅުގަނޑުމެންނަށް އަންނަގވާފައިވާ ކަންކަން ކުރުމަށް ދަތިތައް ކުރިމަތިވާނަމަ އެއީ މައްސަލައަކަށް ވާނެ ކަމަށެވެ.
އެގޮތުން އަންހެނުން ހެދުން އަޅަންވީ ގޮތް އިސްލާމް ދީނުން އެނގެން އެބައޮތް ކަމަށާއި އެގޮތަށް ހެދުން އެޅުމުން އެކަމަށް ހުރަސްތައް ކުރިމަތިވާނަމަ އެއީ ވެސް މައްސަލައަކަށްވާނެ ކަމަށެވެ. "މިސާލަކަށް ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނާގެ އައުރައަކީ މުޅިހަށިގަނޑުކަމަށް އެބައޮތް އަންގަވާފަ. އެހެންވީމާ އެކަން ޤަބޫލުކުރާ މީހުން މުޅި ހަށިގަނޑު ނިވާކުރާނެ. މުޅި ހަށިގަނޑު ނިވާކުރީމާ ނުވަތަ ކަޅު ކުލައިން ހެދުމެއް ލީމާ އެކަން އެބަވޭ މައްސަލައަކަށް. ބައްލަވާ ހުޅުވިފަ މިއޮތް ދުނިޔޭގަ ވަކި ކުލައެއްގެ ހެދުމެއް ލީމާތޯ މައްސަލައަކަށްވާންވީ؟ މީހަކު ހެދުން ލާފަ ހުރިގޮތުން އެމީހަކު އެހެރީ ދީނުގެ އިމުން ބޭރުގަ ކަމަށް ބުނާނަމަ އެއީ ހަޤީޤަތުގަ މައްސަލައެއް." ކަމަށްވެސް ޝައިޚް ސަމީރު ވިދާޅުވިއެވެ.
މިއީ، 2017 ޖޫން 06 ވަނަ ދުވަހު ލިޔެފައިވާ ލިޔުމެކެވެ.
ކޮމެންޓް
ގުޅޭ ލިޔުންތައް