އިސްރާޢީލުން މަސައްކަތްކުރަމުންދަނީ މަސްޖިދުލްއަޤްޞާގެ ބިމުގައި ޔަހޫދީންގެ ފައްޅިއެއް އެޅުމަށް
އެޑްމިން
މަސްޖިދުލް އަޤޞާއަކީ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ. އަދި މުސްލިމުންގެ އެންމެ މާތް 03 މިސްކިތުން މިސްކިތެކެވެ. އަދި ކީރިތި ރަސޫލާ މުޙައްމަދު صلی اللہ علیہ وسلم އިސްރާޢާ މިޢުރާޖުގެ ދަތުރުފުޅުގައި މުޙިއްމު އެއް މަންޒިލްވެސް މެއެވެ. އަދި މަސްޖިދުލް އަޤްޞާ ހުރީ މުސްލިމުންގެ ބިމެއްކަމުގައިވާ ފަލަސްތީނުގެ ބިމުގައެވެ. މިހެން މިކަން އޮއްވައި ފަލަސްތީނުގެ ބިން ގަދަކަމުން ފޭރިގަނެގެން އުޅޭ ޙައްދުފަހަނައަޅާފައިވާ ޔަހޫދީން މިހާރު މަސައްކަތްކުރަމުން އެދަނީ މަސްޖިދުލް އަޤްޞާ ހަލާކުކޮށްލައި އެތަނުގައި އެމީހުންގެ ބޮޑު ފައްޅިއެއް އެޅުމަށެވެ.
މަސްޖިދުލް އަޤޞާ ހުންނަ ތަނުގައި ޔަހޫދީ ފައްޅިއެއް އެޅުމަށް މީގެ 07 އަހަރު ކުރިން ފެށިގެން އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިސް ނެސެޓުގެ ކޮމިޓީއެއްގައި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރަމުން އައިސްފައިވެއެވެ.
މަސްޖިދުލްއަޤްޞާގެ ޙިމާޔަތުގައި ފަލަސްތީނުގެ ރައްޔިތުން ތިބީ އެމީހުންގެ ލެޔާއި މުދާ ޤުރުބާން ކުރަން ތައްޔާރަށެވެ. އެމަންޒަރުތައް މިހާރުވެސް މިދަނީ އަޅުގަނޑުމެންގެ ލޯމައްޗަށް ފެންނަމުންނެވެ. މީގެކުރިންވެސް ދޭތެރެ ދޭތެރެއިން ޔަހޫދީ ސިފައިން އަޤްޞާ މިސްކިތުގެ ޙުރުމަތް ކަނޑައި މިސްކިތަށް ގަދަކަމުން ވަދެގަނެ އަޅުކަމުގައި ތިބި އެތަށް ބަޔަކަށްވަނީ ޙަމަލާ ދީފައެވެ.
ނިމިދިޔަ ރަމަޟާން މަހުންފެށިގެން މިވަނީ އިތުރަށް މަސްޖިދުލް އަޤްޞާއަށް ގިނަ ގެއްލުންތަކެއް ދީ އަދި ސެޕްޓެމްބަރ މަހުވަނީ އެތަށް ފަހަރެއްގެ މަތިން ހަތިޔާރާއިއެކު މިސްކިތަށް ވަދެގަނެ އެތަނުގައި ތިބި އެތަށް ބަޔަކަށް ހަމަލާދީ އެތަނުން މުސްލިމުން ނެރެ ޔަހޫދީންގެ މީހުން އެތަނަށް ވައްދާފައެވެ.
މިގޮތުން މާތްވެގެންވާ މަސްޖިދުލްއަޤްސާގެ ތެރެ އަށް އިސްރާއީލު ސިފައިން ހަތިޔާރާ އެކު ވަދެ އެމުގައްދަސް ބިނާގެ ހުރުމަށް ކަނޑާލައި މަސްޖިދުލްއަގްސާގައި ގުރުއާން ކިޔެވުމަށާއި ނަމާދުކުރުން ފަދަ އަޅުކަންތައް ކުރަންތިބި އެތަށްބަޔެއްގެ ގައިގައި ކޮޅުފައިން ތަޅުންފަދަ އަނިޔާވެރި އަމަލުތައް ހިންގާފަ އެވެ. މީގެއިތުރުން ރަބަރު އުންޑަ ބޭނުންކޮށްގެން ހަމަލާދީ އެތަށް ބައެއް ޒަޚަމްކޮށްލާފައިވެއެވެ. އަދި މިސްކިތުގެ އެކިތަންތާ ހުޅުޖަހައި ނަމާދުކުރާ ސަރަހައްދުގައިހުރި ގިނަ ތަކެއްޗަށް ގެއްލުންދީ ޤުރުޢާން ލިޔެފައިވާ ފޮތްތައް އުކާ ހަދާފައިވެއެވެ.
މިހާރު މުސްލިމުންގެ ތެރެއިން 50 އަހަރުން މަތީގެ ފިރިހެނުން ފިޔަވައި މިސްކިތަށް ވަނުން ވަނީ ޔަހޫދީ ސިފައިން މަނާކޮށްފައެވެ.
2015 އޮކްޓޯބަރ 01 އިން ފެށިގެން މުސްލިމުންނާއި ދެކޮޅަށް ޔަހޫދީ ސިފައިން ހަރުކަށި ޖަރީމާ ތަކެއް މިސްކިތުގެ ސަރަޙައްދުގައި ހިންގަމުން އަންނަ އިރު ހަމައެކަނި އިއްޔެވެސް 02 މީހަކު ޝަހީދުކޮށް 395 މީހަކު ޒަޚަމްކޮށްލާފައިވެއެވެ. އަދި މިއަދުގެ ވަގުތެއްގައި 18 އަހަރުގެ ޒުވާނަކުވަނީ ޝަހީދުކޮށްލާފައެވެ. ރޭގެ އެކިވަގުތުތަކުގައި ފަލަސްތީނުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އެކި ޙަމަލާތައްދީ ތަންތާ ރޯކޮށް ބަޑިން ހަމަލާދީފައިވެއެވެ. މިގޮތުން މަދުވެގެން ޔަހޫދީ ސިފައިން ބަޑިޖެހުމުގެ ސަބަބުން 32 ލައިވް ވަޒަން އެކިމީހުންގެ ހަށިގަނޑަށް އަރާފައިވެއެވެ. އަދި މަދުވެގެން 234 ގޭސް ކެނިސްޓަރ ބޭނުންކޮށް ހަމަލާދީ އަދި ފަލަސްތީންގެ ބިން ފޭރިގަނެގެން ތިބި ޢާންމު ޔަހޫދީންވަނީ 11 ފަލަސްތީނީންއެއް ގައިގައި ތަޅައި އަނިޔާކޮށްފައެވެ.
މަސްޖިދުލް އަޤްޞާ ބިނާ ކުރެވިފައި ވާ ބިމަކީ ޔަހޫދީންގެ ތެރޭގައި "ޓެމްޕަލް މައުންޓް" ގެ ނަމުން މަޝްހޫރު ވެފައި ވާ ސަރަހައްދެކެވެ. އެއީ ޔަހޫދީންގެ ގާތުގައި ވެސް މުޤައްދަސް ތަނެކެވެ. އެ ސަރަހައްދުގައި މަސްޖިދުލް އަޤްޞާ ބިނާ ކުރެވިފައި ވަނީ، އެތައް ގަރުނެއް ވާންދެން، ބައިޒެންޓައިން ކްރިސްޓިއަނުން އެ ތަން ގޮނޑެއްގެ ގޮތުގައި ބޭނުން ކޮށްފައި ވަނިކޮށެވެ. މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނު ޤުދުސް ފަތަޙަ ކުރެއްވުމަށް ފަހުގައެވެ.
މިހާރު ޔަހޫދީން ދަނީ އެމީހުންގެ ހައްދުފަހަނައަޅާފައިވާ ޝައިތާނީ ބޮޑުވަޒީރުގެ ކިބައިން ފަލަސްތީނުގެ މީހުންނާއި ދެކޮޅަށް ފިޔަވަޅުއެޅުމަށް އެދިފައެވެ.
ކޮމެންޓް
ގުޅޭ ލިޔުންތައް