ޚުޠުބާއިން: "ރޯދައަކީ އައްޑަނައެކެވެ"

އެޑްމިން

ރޯދައަކީ އައްޑަނައެއްކަމާއި, އޭގެ މާނައަކީ ރޯދަ އިންސާނާގެ ނަފުސު ނުބައިކަމުން ސަލާމަތްކޮށްދިނުންކަމަށް މިދިޔަ ހުކުރު ޚުޠުބާގައި ޒިކުރުކޮށްފިއެވެ.

ހުކުރު ޚުޠުބާގައި އަލިއަޅުވައިލައިފައިވަނީ ރަމަޟާންމަހުގެ މައްޗަށެވެ. އެ ގޮތުން އެ މަހުގައި ހުރި ސަވާބާއި ދަރުމަ ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ އެ މަހުގައި އަންނަ މާތްވެގެންވާ ރޭ ގެ މައްޗަށް ވެސް އަލިއަޅުވައިލައިފައިވެއެވެ.

ރަމަޟާންމަހުގެ މާތްކަން ބަޔާންކޮށް ޚުތުބާގައި ވަނީ ރަސޫލާ ﷺ ގެ ބައެއް ހަދީސްތައް ވެސް ޒިކުރުކޮށްފައެވެ.

"މައްސަރުތަކުގެތެރެއިން އެންމެ މާތްވެގެންވާ ބަރަކާތްތެރި މައްސަރު ތިޔަބައިމީހުންގެ ގާތަށް އަތުވެެއްޖެެއެވެ. ފަހެ އެ މަހަށް މަރުހަބާ ކިޔާށެވެ." (ރަވާޙުލްބައިހަޤީ)

ރަސޫލާގެ ﷺ ޞަޙާބީ ބޭކަލެއްކަމަށްވާ ސަލްމާނުލް ފާރިސީގެ އަރިހުން ރިވާވެގެންވާ ހަދީސެއްގެ މާނައިގައި ވަނީ ޝަޢުބާންމަހުގެ އެންމެ ފަހު ދުވަހުގައި ރަސޫލާ ޚުޠުބާއެއް ދެއްވި ކަމަށެވެ.

އެ ޚުޠުބާގައި ރަސޫލާ ﷺ ހަދީސް ކުރައްވައިފައިވަނީ ބަރަކާތްތެރި މައްސަރު ތިޔަބައިމީހުންގެ ގާތަށް އަތުވެެއްޖެެ ކަމަށާއި, އެ މަހުގައި ރޯދަހިފުން ފަރުޟުކުރައްވައިފައިވާ ކަމަށެވެ. އަދި އެ މަހުގައި ރޭ އަޅުކަންކުރުން ސުންނަތެއްކަމުގައި ލައްވައި, އެ މަހުގައި ފަރުޟެއް އަދާކުރި މީހާ އެ ނޫން މަހެއްގައި 70 ފަރުޟު އަދާކުރިފަދަ ކަމަށެވެ. އަދި އެއީ ކެތްތެރިކަމުގެ މައްސަރު ކަމަށާއި, ކެޔްތެރިކަމުގެ ޖަޒާއަކީ ސުވަރުގެކަމަށެވެ. އަދި އެއީ ހަމްދަރުދީގެ މައްސަރު ކަމަށާއި, އެ މަހުގައި މުއުމިނުންގެ ރިޒުޤު އިތުރުކުރައްވާ ކަމަށެވެ. ހަމައެހެންމެ ރޯދަވެރިޔާއަށް ރޯދަ ވީއްލާނެ ކާއެއްޗެއް ނުވަތަ ބޯއެއްޗެއް ދީފި މީހާގެ ފާފަ ފުއްސަވާ ކަމަށެވެ. ރޯދަވެރިޔާއަށް ލިބޭ ސަވާބާއި އެއްވަރަށް އެ މީހާއަށް ވެސް ސަވާބު ލިބޭނެކަމަށާއި, އެއީ ރޯދަވެރިޔާގެ ސަވާބުން އުނިކުރެއްވުމެއް ނެތި ކަމަށެވެ.

މީގެ އިތުރުން “ރޯދައަކީ އައްޑަނައެކެވެ.“ މި ގޮތަށް ހަދީސްކުރެއްވި ހަދީސް ވެސް ޚުޠުބާގައި ހިމަނުއްވައިފައިވެއެވެ. އެ ހަދީސްގެ މާނައަކީ ރޯދަ އިންސާނާގެ ނަފުސު ނުބައިކަމުން ސަލާމަތްކޮށްދިނުންކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

ކޮމެންޓް

ގުޅޭ ލިޔުންތައް