މީހުން މެރުމާ އިންސާނިއްޔަތަށް ގެއްލުން ދިނުމަކީ ކުރެވޭނެ އެންމެ ބޮޑުކުށް: ޙަރަމްފުޅުގެ އިމާމް

އެޑްމިން

މީހުން މެރުމާ އިންސާނިއްޔަތަށް ގެއްލުން ދިނުމަކީ އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑުކުށް ކަމަށް ޙަރަމްފުޅުގެ އިމާމް އައްޝައިޚް ޚާލިދް ބިން ޢަލީ އަލް-ޣަމްދީ ވިދާޅުވެއްޖެއެވެ.

ޙަރަމްފުޅުގައި އިމާމުވެ ހުކުރު ޚުޠުބާ ވިދާޅުވަމުން ޝައިޚް ވިދާޅުވީ މީސްތަކުންގެ ތެރެއިން އެންމެ މާތް މީހުންނަކީ މާތްﷲ އަށް އަޅުކަން ކުރުމުގައި މިސްކިތްތަކުގައި، ޚާއްޞަކޮށް 3 ޙަރަމްފުޅުގައި ތިބޭ މީހުން ކަމަށެވެ. އަދި އެތަންތަނަކީ ބިންމަތީގައިވާ އެންމެ މާތް ތަންތަން ކަމަށެވެ.

އިމާމް ވިދާޅުވީ ޝަރުޢީ ޙުކުމަކާއި ނުލައި އެއްވެސް ތަނެއްގައި ހުރި އެއްވެސް މީހަކު މެރުމަކީ ﷲ އެންމެ ބޮޑަށް ރުހިވޮޑި ނުގަންނަވާ އަމަލުކަމަށެވެ. އެހެންކަމާއިއެކުވެސް އެކި ނަންނަމުގައި ޖަމާއަތްތައް ހަދައި މީހުން މަރަމުން ގެންދަނީ އިންސާނިއްޔަތުގެ ދުޝްމިނުން ކަމަށެވެ. މިސްކިތްތަކުގައި ތިބޭ މީހުންނަށް ހަމަލާ ދެނީ ﷲ އާއި އިސްލާމް ދީނުގެ އަދާވާތްތެރިން ކަމަށެވެ.

އިމާމް ވަނީ މިފަދަ ހުރިހައި ކަންކަމުން ދުރުހެލިވެ ތިބުމަށް އިސްލާމީ އުންމަތަށް ގޮވައިލައްވައިފައެވެ. އަދި އެފަދަ ޖަމާއަތަކާއި ނުގުޅުމަށްވެސް ވަނީ އިލްތިމާސްކުރައްވައިފައެވެ.

"އެމީހުން ހީކުރަނީތަ ޖަމާއަތް ހަދައިގެން މީހުން މަރައި ލޭ އޮހޮރުވީމާ މާތްﷲ އެމީހުންނާއި ސުވާލު ނުކުރައްވަވާނެ ކަމަށް؟ މާތްﷲއަށް ލޮބުވެތިވެ އަޅުކަމުގައި ތިބޭ މީހުން މަރާއިރު އެމީހުންގެ ހިތްތަކުގައި މާތްﷲ އާއިމެދު އެއްވެސް ވިސްނުމެއްވޭތަ؟" އިމާމް ވަނީ ސުވާލުކުރައްވައިފައެވެ.

މަސްދަރު: މިއަދު ނިއުސް

ކޮމެންޓް

ގުޅޭ ލިޔުންތައް