"ކަލޭމެން ޑިޕްލޮމާ ބޭނުމިއްޔާ ރަމަޟާން މަހުގައި ޖެހޭނީ ކާން"

އެޑްމިން

ރަމަޟާން މަސް ފެށުމާއި ގުޅިގެން ޗައިނާ ސަރުކާރުން ދަނީ އުއިޣުރް ދަރިކޮޅުގެ މުސްލިމުން ރޯދަ ހިފުމަށް ދަތިކުރަމުންނެވެ. އެގޮތުން މުސްލިމުން ގިނަ ސަރަޙައްދެއް ކަމުގާއިވާ ޒިންޖިންގ މެޑިސިން ޔުނިވަސިޓީގެ ދަރިވަރުންނަށް ދުވާލުގަޑީގައި ދަނީ ކަރާ ފޮތިފޮތި ހިލޭ ބަހަމުންނެވެ. ޗައިނާގައި އުޅޭ މުސްލިމުންނަށް ރޯދަހިފުން ހުއްދަކަމުގައި ވިއަސް، ޒިންޖިންގ މެޑިސިން ޔުނިވަސިޓީގެ ދަރިވަރުންނަށް ކަރާ ކެއުމަށް މަޖުބޫރު ކުރުވައެވެ. ނުކާން އުޅޭ ކުދިންގެ ޑިޕްލޮމާ ހިފަހައްޓާނެ ކަމުގެ އިންޒާރުދީ ބިރުދައްކާ ހަދައެވެ. މިއީ ޗައިނާގެ ގާނޫނު އަސާސީއާއި ވެސް ޚިލާފު ކަމެކެވެ. "މިތާނގައި ދީނުގެ މިނިވަންކަމެއް ނެތް" ދަރިވަރަކު ބުންޏެވެ.

ކަރާ ބަހާ ތަންތަން އެއީ މުޅިން އާކަމެއް ނޫނެވެ. ވޭތުވެދިޔަ އަހަރު ޗައިނާގެ ސޯޝަލް ނެޓްވޯކުތަކުގައި ފެތުރެމުން ދިޔައީ ކާޝްގަރް ޔުނިވާސިޓީ ކެމްޕަސް ތެރޭގައި ފެން ބަހާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެކެވެ. އެއްވެސް ކުއްޖަކު ފެން ހިފުމަށް އިންކާރު ކޮށްފިނަމަ އެކުދިންގެ ޑިޕުލޮމާ ގެއްލިދާނެ ކަމުގެ ބިރު އޮވެއެވެ. އޭރުން އެކުދިންގެ އާއިލާތަކަށް ނުރައްކާވާނެއެވެ. ރަމަޟާން މަހު ޔުނިވާސިޓީ ތަކުގައި ޕުރޮފެސަރުން ކުދިންނަށް ސަޔަށާއި ކެއުމަށް ދަޢުވަތު ދެއެވެ. އަދި ރޭގަނޑުގެ ވަގުތު އެމީހުން ބޮކި ދިއްލާފައި ހުރޭތޯ ބަލައެވެ. ކުއްޖަކު ރޯދަވީއްލަނިކޮށް ފެނިއްޖެނަމަ އިންޒާރު ދެއެވެ. ޕުރޮފެސަރުންނަށް ވެސް ހަމައެފަދައިން ޢަމަލުކުރެއެވެ.

ޗައިނާގައި އިސްލާމް ދީން ހުއްދަ ނަމަވެސް އަހަރެމެންގެ އޮބްޒާވަރުން ބުނަނީ ޒިންޖިންގ ސަރަޙައްދުގެ ވެރިން ދަނީ ދީނަށާއި މުސްލިމުންނަށް ދަތިތަށް ކުރިމަތި ކުރަމުންނެވެ. ކާތަކެތި ބެހުން، މިއީ އުއިޣުރު ދަރިކޮޅުގެ މުސްލިމުންނަށް އުނދަގޫ ކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. އެންމެ ބޮޑަށް ދުއްތުރާ ލިބެމުން ދަނީ ސިވިލް ސާވަންޓުންނަށެވެ. އެތަކެއް ޗައިނާގެ ވެބްސައިޓުތަކާއި ޒިންޖިންގް ގެ ކޮމިއުނިސްޓް ޕާޓީގެ ރަސްމީ ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަ ތަކުން މިކަން ސާބިތުވެއެވެ. އެގޮތުން އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި ރަމަޟާން މަހާއި ގުޅުންހުރި ދީނީ އަޅުކަންތަކުގައި (ރޯދަހިފުމާއި، ޖަމާޢަތުގައި ނަމާދުކުރުން) ބައިވެރިވުން މަނާކުރުމާއި، އެމީހުންގެ ރަޙްމަތްތެރިންނާއި، ޢާއިލާއާއި، ދަންނަމީހުންގެ ދީނީއަޅުކަންތައް ކުރާތަން ބެލުމުން މަޙުރޫމް ކުރުން ހިމެނެއެވެ. އަދި ރަސްމީ މީޑިއާއިން މަސައްކަތް ކުރަމުން ދަނީ ރޯދަ ހިފުމަކީ ސިއްޙަތަށް ގެއްލުން ލިބޭ ކަމެއް ކަމުގައި މީހުންނަށް ޔަޤީންކޮށްދޭން މަސައްކަތް ކުރަމުންނެވެ.

"ޔިލީގައި ދިރިއުޅޭ އަހަރެންގެ ރަޙުމަތްތެރިއަކު ބުނީ އޭނާ މީހުން އެއްވެ އުޅޭ ތަނެއްގައި ހިޖާބު އަޅައިގެން އުޅުމުގެ ސަބަބުން 15 ދުވަހު ޖަލުގައި ހޭދަކުރަން ޖެހުން. ކާޝްގަރްގައި މީހަކު ތުނބުޅި ބަހައްޓައިފިނަމަ ޖަލަށް ލައިފާނެކަމުގެ ބިރު އެބައޮތް. މިއީ ކޮންމެ ދުވަހެއްގެ ވެސް ޙާލަތް. ނަމަވެސް ގިނަމީހުން ވަނީ މިކަމާއި ޣާފިލު ވެފައި. އަހަރެމެން މިނިވަންކަމަށް ހަނގުރާމަ ނުކޮށްފިއްޔާ، ޒިންޖިންގ ގައި އަހަރެމެންގެ ދަރިންގެ އޮންނާނީ ކޮންކަހަލަ މުސްތަގުބަލެއް ހެއްޔެވެ؟" ޗައިނާގެ މުސްލިމަކު ބުނެފައިވެއެވެ.

ޕޮލިހުން ރަމަޟާން މަސް ފެށުމާއި އެކު ކުޑަކުދިންނާއި އަންހެނުން މިސްކިތަށް ވަނުން މަނާ ކުރެއެވެ. އިރުއޮއްސޭ ވަގުތު (އަހަރެމެން ރޯދަވީއްލާ ވަގުތު) ޕޮލިހުން އަބަދުވެސް ޙުރުމަތްތެރި ތަންތަނަށް ވަންނަ ދޮރުތަށް ބައްދައިގެން ތިބެއެވެ. ޗައިނާގެ އެހެން ސަރަޙައްދު ތަކުގައި ރަމަޟާން މަސް ވަރަށް ބޮޑަށް ބަރުދާސްތު ކުރިޔަސް ޒިންޖިންގ ގައި ތިބި އަހަރެމެންގެ އޮބްޒާވަރުން ބުނަނީ އެތަނުގެ އިސްވެރިން މިމަތިވެރި އަޅުކަން ކުރުމުގެ ދޮރުތައް ބަންދުކުރުމަށް ވަރަށް ގަދަޔަށް މަސައްކަތް ކުރާކަމެވެ.

"އަހަރެން މަންމަ ގަންނަ ބިރެއްގެ ބޮޑުކަމުން ގޭގައި ޚަތިމެއް ބާއްވަންވެސް ނުކެރެއެވެ."

އަހަރެންގެ މަންމަގެ ރަޙްމަތްތެރިއަކު އުރުމްގީގެ ޔުނިވާސިޓީ އޮފް ޒިންޖިންގ ގައި އިނގިރޭސި ކިޔަވައިދެއެވެ. އޭނާއާއި އެކު މަސައްކަތްކުރާ މީހުން އަބަދުވެސް ރަމަޟާން މަހުގައި އޭނާގެ މޭޒުމަތީގައި އިރުމަލުގެ އޮށާއި ބަދަން ބަހައްޓައެވެ. އެއީ ކިޔެވުމުގެ އިސްވެރިޔާ އެމީހުންނަށް އަމުރުކޮށްގެން ކުރާ ކަމެކެވެ.

ސަރުކާރު ކޮންމެހެން އިސްލާމް ދީނާއި ދެކޮޅީއެއް ނޫނެވެ. އެކަމަކު އުއިޣުރް ދަރިކޮޅުގެ މީހުން ދީނާހެދި އެކަތިގަނޑަކަށް ވެދާނެތީ ބިރުގަންނަނީއެވެ.

ރަމަޟާން މަހުގެ ތެރޭގައި ޕޮލިހުން ޒިންޖިންގ ގައި ސަވައިލެންސް އެލާޓެއް ނެރެއެވެ. އަހަރެންނަށް މިރަމަޟާން މަސް ފެށުމުގެ ކުރިންވެސް މިއީ ވަރަށް އުނދަގޫ ވާނެ މަހެއްކަން އެނގެއެވެ.

ޒިންޖިންގ ގައި އަބަދުވެސް ދީނީ އަޅުކަންތަކަކީ އެކަންތައް ނުކުރުމަށް ނަޞޭހަތްތެރި ވާ ތަނެކެވެ. ނުތަނަވަސްކަން ފެށުމުގެ ކުރިން ސަވައިލެންސްގެ އަސަރު މިއަށް ވުރެ މާކުޑައެވެ. މީގެ އަހަރުތަކެއް ކުރިން އަހަރެން ސަރުކާރުގެ ކުންފުންޏެއްގައި މަސައްކަތް ކުރީމެވެ. އަދި އެތަނުގެ މީހުން އަހަރެން ރޯދަހިފާތީ އެކަމަށް އިޙްތިރާމް ކުރެއެވެ. އަހަރެން މަސައްކަތް ކުރާއިރު ހިޖާބު އެޅުން މަނައެވެ. ނަމަވެސް މަގުމަތީގައި ހިޖާބު އެޅުން ހުއްދައެވެ.

ފަހަކަށް އައިސް އަހަރެން ޕަބްލިކް ޕާކުގައި ހިޖާބު އަޅައިގެން ހުންނަން ބޭނުންވިއެވެ. ނަމަވެސް ޕޮލިހުން ހިޖާބު ނަގަން މަޖުބޫރު ކުރިއެވެ.

މިއީ ޗައިނާގެ މުސްލިމުންގެ ޙާލަތެވެ. ޗައިނާގެ ބައެއް ހިސާބުތަކުގައި މުސްލިމުންގެ ގޭގެއަށް ރަމަޟާންމަހު ފުލުހުން ގޮސް ނުކައި ތިބެނީ ކޮންބައެއްތޯބަލައި ހަދައި، އަދި ރޯދަވީއްލާގަޑީގައި ކަނީ ކޮންބައެއްތޯބަލަިއ ރޯދަހިފައި މީހުންނާއިމެދު އެކި ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

އުންމަތުގެ ކަންކަމާއިމެދު ފިކުރުކޮށް ނުވިސްނާ މީހުންނަކީ އުންމަތުގެ ތެރެއިން ވާބައެއް ނޫނެވެ. އެހެންކަމުން އަހަރެމެންވާންޖެހޭނީ އުންމަތުގެކަންކަމާއި މެދު ވިސްނައި ފިކުރުކޮށް އެކަމާއިމެދު އަހަރެމެންނަށް ކުރެވެންހުރީ ކޮންކޮން ކަންތަކެއްތީ ވިސްނާބަޔަކަށެވެ. އަދި އަހަރެމެންނަށް ލިބިފައިމިވާ ނިޢުމަތްތަކާއިމެދު ޝުކުރުވެރިވެ އެބައިމީހުންވެސް އެދަތިކަމުން މިންޖުކުރައްވާތޯ ދުޢާކުރާބަޔަކަށެވެ. 

ކޮމެންޓް

ގުޅޭ ލިޔުންތައް