"ހަމައެކަނި ބިރު ގަންނަނީ ﷲ ދެކެ" - ޝަހީދު ޑރ.މުޙައްމަދު މުރުސީ

އެޑްމިން

2019 ޖޫން 17 ވަނަ ދުވަހު ޖަލުގައި ހަދާފައިވާ ކޯޓު ތެރެއަށް ވެއްޓިވަޑައިގެންނެވުމުގެ ކުރިން މުރުސީ 25 މިނެޓް ވަންދެން ވާހަކަފުޅު ދެއްކެވިއެވެ. އެވަގުތު ކޯޓުގައި ހުރި މީހަކާއި ހަވާލާދީ އަރަބި ބަހުން ނެރޭ އޮންލައިން ނޫހެއް ކަމަށްވާ "ގަޒްލާން" ގައި މުރުސީގެ ވާހަކަފުޅު ގެނެސްދީފައިވެއެވެ.

އޭނާ މައުލޫމާތު ދީފައިވާ ގޮތުގައި ވެއްޓިވަޑައިގެންނެވުމުގެ ކުރިން މުރުސީ ވަނީ އޭނާ ޖަލުގައި އަވަހާރަވެދާނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު މިވަނީ އެކަހެރި ކުރެވިފައި. ކޮންމެ ދުވަހަކު ޖަލުގައި އަޅުގަނޑަށް ދަނީ އަނިޔާ ކުރަމުން. ނަމަވެސް ކަލޭމެން ތިދަނީ ހަޤީޤަތާއި ކުރިމަތިލާން ފަސްޖެހެމުން. ކަލޭމެން ބޭނުން ވަނީ އަހަރެން މަރުވާން. އެއްވެސް ކަމަކަށް ނިމުން އަންނާނެ ވަގުތު ހަމައެކަނި ދެނެވޮޑިގެން ވަނީ މާތް ﷲ. ހުރިހާ ކަމެއްގެ ވެރިފަރާތަކީ މާތް ﷲ. ކޮންމެ ބޭއިންސާފަކަށް ﷲ އިންސާފު ހޯއްދަވައިދެއްވާނެ." މުރުސީ އަވަހާރަވުމުގެ އިރުކޮޅެއް ކުރިން ވިދާޅުވިއެވެ.

މުރުސީ އަވަހާރަވުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި ވަނީ އަނބިކަނބަލުންނާއި ދަރިން ދެކެ ވެސް ވަރަށް ލޯބިވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު އަޅުގަނޑުގެ އަނބިމީހާ އާއި ދަރިންނަށް ދޭން ބޭނުންވާ މެސެޖަކީ އަޅުގަނޑު އަޅުގަނޑުގެ އަނބިމީހާ އާއި ދަރިން ދެކެ ވަރަށް ލޯބިވެއޭ. ޖަލުގައި މިއަނިޔާ ތަހައްމަލް ކުރަމުންދާއިރު ކަލޭމެންގެ މަތިން ކޮންމެ ދުވަހަކު ހަނދާން ކުރާމޭ. ކޮންމެ ދުވަހެއް، ކޮންމެ ރެއެއް މިހޭދަކުރާ ކަލޭމެންގެ ހަނދާނުގައޭ. ފަހަރެއްގައި މިދުނިޔެ މަތީގައި އަހަރެންނަށް ކަލޭމެންނާއި ބައްދަލުނުވެދާނެ. ނަމަވެސް މާތް ﷲ އިރާދަކުރެއްވިއްޔާ އަހަރެމެން ސުވަރުގެ އިން ބައްދަލުކުރާނަން." މުރުސީ ވިދާޅުވިއެވެ.

މުރުސީ ވިދާޅުވީ އޭނާ އަށް ޖަލުގައި ދެމުން ގެންދާ އަނިޔާތަކަށް ޤިޔާމަތް ދުވަހު އިންސާފު ލިބިގެންދާނެއެވެ.

މުރުސީ ވިދާޅުވީ އޭނާ ބިރުގަންނަނީ ހައްދަވާ ބޮޑުކުރެއްވި އިލާހް الله سبحان و تعالىٰ ދެކެ އެކަންޏެވެ. އެހެންކަމުން ޖަލުގައި ދޭ އަނިޔާއެއްގެ ސަބަބުން ފަހަތައް ޖެހިވަޑައިނުގަންނަވާނެ ކަމަށް މުރުސީ ވިދާޅުވިއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މައްސަލައަށް އިޝާރާތް ކުރައްވާ މުރުސީ ވިދާޅުވީ ހަމާސް ޖަމާޢަތާއި އޭނާ ގުޅުން ބާއްވަވާ ކަމަށް ބުނެ ދައުވާ ކުރާއިރު މިސްރު ސަރުކާރުން މިހާރު ވެސް ހަމާސް ޖަމާޢަތާއި ގުޅުން ބާއްވާ ތަފާތު މަޝްވަރާތައް ކުރާ ކަމަށެވެ.

ކޮމެންޓް

އިބްރާހީމް

މާތްﷲ ޑރ.މުރުސީއަށް ޝަހީދެއްގެ ޖަރަދަ ދެއްވާނދޭވެ! އާމީން

ގުޅޭ ލިޔުންތައް