އިސްލާމް ދީނާ ދެކޮޅަށް ދުނިޔޭގައި ބޮޑު ހަނގުރާމައެއް ވަނީ ފެށިފައި - އަރުނޫދު

އެޑްމިން

އިސްލާމް ދީނާ ދެކޮޅަށް ދުނިޔޭގައި ބޮޑު ހަނގުރާމައެއް ފެށިފައިވާ ކަމަށް އަރުނޫދް ވަންދޫން ވިދާޅުވެއްޖެއެވެ.

އިސްލާމްދީނާއި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމަށް ފިލްމެއް ހަދައި އޭގެ ދުވަސްކޮޅެއް ފަހުން އިސްލާމްދީނުގެ ހިދާޔަތް ލިބުނު މީހެއްގެ ގޮތުގައި މަޝްހޫރުވި އަރްނޫދް މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން "ދަ މެސެޖު" ގެ ނަމުގައި ބާއްވަމުންގެންދާ ސިލްސިލާ ދީނީ ދަރުސް ތަކުގެ ތެރޭން 2015 ފެބްރުއަރީ 20 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި ބޭއްވި ދަރުސްގައި އޭނާ އިސްލާމްވާން ދިމާވި ގޮތް ކިޔައިދެމުންނެވެ.

އަރުނޫދު ވިދާޅުވީ އިސްލާމްދީނަށް އޭނާ އެނބުރުމުން ލިބިދާނެ އިންޒާރަކަށް ނުވަތަ ކުރިމަތިވެދާނެ ގޮންޖެހުމަކަށް ފަރުވާލެއް ނެތް ކަމަށާއި އަދި އިސްލާމްދީނު ދިފާއު ކުރުމަށް ދުނިޔޭގެ އެކިކަންކޮޮޅުތަކުގަ ތިބި 1.2 ބިލިއަން މުސްލިމުން އެއްބައިވާންޖެހޭ ކަމަށެވެ. އަރުނޫދް ވިދާޅުވީ، އޭނާ ރާއްޖެއަށް އަންނަން އުޅުމުން އިންޒާރުތައް ލިބިފައިވާއިރު، އެނބުރި ގައުމަށް ދިއުމުން އެއާޕޯޓުގައި ހިފަހައްޓާ ސުވާލުތައް ކުރާނެ ކުރުން ގާތް ކަމަށެވެ. އަދި ހައްޔަރުވެސް ކޮށްފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަރުނޫދް ވިދާޅުވީ ބޮޑު ހަނގުރާމައެއް ފެށިފައިވީނަމަވެސް ކީރިތި ރަސޫލާ ﷺ ގެނެސްދެއްވި ރިސާލާތާއި ތެދުމަގުގައި ދެމި ތިބޭ ނަމަ ހައްގަށް ނަސްރު ލިބޭނެ ކަމަށެވެ. އަދި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާ ﷺގެ ހަދީސްތައް ކިޔައި ދީނީ އަގީދާ ވަރުގަދަ ކުރުމަށްވެސް އަރުނޫދު ގޮވާލައިފައިވެއެވެ.

ނެދަލެންޑްސްގެ ކުރީގެ ސިޔާސީ ބޭފުޅެއްކަމަށްވާ އަރްނޫދް ވިދާޅުވީ ހުޅަނގުގެ ގައުމުތަކުގައި، ހާއްސަކޮށް ނެދަލޭންޑްގައި އިސްލާމްދީނަށް މީހުން ވަރަށް ނަފުރަތު ކުރާ ކަމަށާއި، ނަމަވެސް އިސްލާމްދީން ދަނީ ހަލުވިކަމާއިއެކު ހުޅަނގުގެ ގައުމުތަކުގައި ފެތުރެމުން ކަމަށެވެ. އަދި އިސްލާމްދީން ނެދަލޭންޑްސްގައި ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަރުނޫދު ވިދާޅުވީ ކުރިން އެކި ގޮތްގޮތުން އެނގިފައިވާ ގޮތުގައި އިސްލާމްދީނަކީ އަނިޔާވެރި އަދި ބިރުވެރި ކަމުން ފުރިގެންވާ ދީނެއް ގޮތުގަ ކަމަށާއި، އިސްލާމް ދީނާ މެދު ރަނގަޅަށް އެނގިފައިނުވާތީ އެ ދީނާމެދު ބިރުހީވެ "އިސްލާމަފޯބިކް" އަކަށްވީ ކަމަށް އަރްނޫދް ވިދާޅުވިއެވެ.

އަދި އިސްލާމްދީނާ ދޭތެރޭ ހުޅަނގުގެ މީޑިއާ ތަކުން އިވިފައިވާ ވާހަަކަތަކުން އިސްލާމްދީނާ މެދުނަފުރަތުކޮށް ބިރު އުފެދުން ކަމަށާއި، ނަމަވެސް ގިނަ އަދަދެއްގެ މީހުން އިސްލާމްދީން ގަބޫލުކުރަމުން ދާތީ، ހިތުގެ ތެރޭގައި ސުވާލުތައް އުފެދެން ފެށި ކަމަށް އަރުނޫދު ވިދާޅުވިއެވެ.

އަރުނޫދް ވިދާޅުވީ ދީނާ ބެހޭގޮތުން ކަންތައްތައް ސާފުކުރަން ފެއްޓުމަށް ފަހު އޭނާ އިސްލާމްވުމަށް ދެ އަހަރުވަރު ހޭދަވި ކަމަށެވެ. އޭނާއަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނީ ކީރިތި ރަސޫލާ ﷺއާ ގުޅޭ ވާހަކައެއް ކިޔާލުމުން ކަަމަށާއި އަދި މުސްލިމުންގެ ފަރާތުން ފެނުނު އޯގާވެރިކަމާއި އެކުވެރިކަމުގެ ސަބަބުން އިސްލާމްދީނާމެދު އޮތް ވިސްނުން މުޅިން ބަދަލުވެގެން ދިޔަ ކަމަށެވެ.

"ދަ މެސެޖު"ގެ ފުރަތަމަ ދަރުސް "ގައުމާ މެދު އަހަރެންގެ މަސްއޫލިއްޔަތު" މި ނަމުގައި ބާއްވާފައިވަނީ މިދިޔަ މަހު 23 ވަނަ ދުވަހު ގެ ރޭ އަލިމަސް ކާނިވާ ސްޓޭޖުގައެވެ. އެ ދަރުސް ދެއްވާފައިވަނީ އައްޝެއިހް އާދަމް ޝަމީމް އެވެ.

ކޮމެންޓް

ގުޅޭ ލިޔުންތައް