މެދުއިރުމައްޗަށް މިހާތަނަށް އައި އެންމެބޮޑު ފިނީގެ ތޫފާނުގައި ސީރިޔާގެ ރެފިޔުޖީން މަރުވަނީ

އެޑްމިން

މެދުއިރުމައްޗަށް މިހާތަނަށް އައި އެންމެ ވަރުގަދަ ފިނީގެ ތޫފާން މިދިޔަ ބުދަދުވަހު އައިސްފިއެވެ. މިތޫފާނާއި ގުޅިގެން 3 މީހުން މަރުވުމުގެ އިތުރަށް މިހާރުވެސް ދަތިހާލުގައި އުޅެމުންދާ ސީރިޔާގެ އެތަށްހާސް ރެފިޔުޖީންނަކަށް މިވަނީ ވަރުގަދަ ފިންޏާއި، ފެންބޮޑުވުމާއި، ގަދަ ވަޔާއި، ބޯކޮށް ސުނޯ ފޭބުމުގެ ސަބަބުން އިތުރު ތަކުލީފުތަކެއް ކުރިމަތިލާން ޖެހިފައެވެ.

ސީރިޔާގެ ހޮމްސް އިން ފިލި 10 އަހަރުގެ އަންހެން ކުއްޖަކު ބުދަދުވަހު ލުބުނާންގެ ބެކާ ވެލީގައި ވަނީ މަރުވެފައެވެ. އޮފިޝަލުން ބުނަނީ އެކުއްޖާ މަރުވީ ފިނީގެ ސަބަބުން ކަމަށެވެ. އަދި ސީރިޔާގެ ފިރިހެނަކާއި 6 އަހަރުގެ ފިރިހެން ކުއްޖަކުވެސް ޝެބާ ސަރަހައްދުގައި ލުބުނާންގެ ދެކުނުން ފިނީގެ ސަބަބުން މަރުވެފައި ތިއްބާވަނީ ފެނިފައެވެ.

ފިނިކަން ގަދަ ސަރަޙައްދުތަކުގައި ގަޑިއަކު 110 ކިލޯމީޓަރަށް ވުރެ ބާރަށް ވައިޖެހުނެވެ. މީގެ ސަބަބުންނާއި، އިތުރުވަމުން އަންނަ ރެފިޔުޖީންގެ އަދަދުގެ ސަބަބުންނާއި، ފައިސާގެ ދަތިކަމުން މިހާރުވެސް އެ ސަރަޙައްދުގައި ތިބި ސީރިޔާގެ ރެފިޔުޖީންނަށް އެހީ ފޯރުކޮށްދިނުމުގައި ދަނީ އުނދަގޫތަކާއި ކުރިމަތިވަމުންނެވެ.

ސީރިޔާގެ ކައިރި ސަރަޙައްދުތަކުގައި ތިބި 3 މިލިއަނަށްވުރެ ގިނަ ރެފިޔުޖީންނާއި، ސީރިޔާގެ 7.6 މިލިއަނަށްވުރެ ގިނަ ރެފިޔުޖީންނަށް ވަނީ 4 އަހަރުކުރިން ފެށުނު ބައްޝާރުގެ އަނިޔާވެރިކަމާއި ހަމަލާތަކާއި ގުޅިގެން އެމީހުންގެ ގެތަށް ދޫކޮށް ދާން ޖެހިފައެވެ. އެ ޤައުމުގައި މިހާރުވެސް ދަނީ ތެލާއި، ކާބޯތަކެއްޗާއި، ބޭސްފަރުވާއާއި، އަންނައުނާއި ކަރަންޓަށް ޖެހިފައެވެ.

(ޖޯޑަންގައި ހޫދާ)، (ލުބްނާންގައި ޒިނާ) ނަމަކަށް ކިޔާ މި ބޮޑު ސުނޯގެ ތޫފާންގެ ސަބަބުން، ވަރަށް ބޯކޮށް ވާރޭއާއި ވައި އައުމުގެ ސަބަބުން ލުބްނާންގެ އައްސޭރި ސަރަޙައްދުތަކަށާއި ފަރުބަދަ ސަރަޙައްދު އަދި ބެކާ ވެލީއަށް ވަރަށް ބޯކޮށް ސުނޯވެސް ފޭބިއެވެ. ޕެޓްރޯލް ސްޓޭޝަންތަކާއި، ސުކޫލުތަކާއި، ބޭންކުތަކާއި ފިހާރަތަކުންވެސް ވަނީ ކަރަންޓު ކެނޑިފައެވެ. ބޯކޮށް ސުނޯ ފޭބުމުގެ ސަބަބުން ޖޯޑަންގެ ސަރުކާރުގެ މިނިސްޓްރީތަށްވެސް ވަނީ ބަންދުކޮށްފައެވެ. ގަދަ ވަޔާއި ވާރޭގެ ސަބަބުން ލުބްނާންގެ އިރު އުތުރުގައި އޮންނަ އަރްސަލް އަވަށުގެ ހާހަށްވުރެ ގިނަ ރެފިޔުޖީން ދިރިއުޅޭ ޓެންޓްތައް ވަނީ ބިމުން ލުހެލާފައެވެ.

ޖޯޑަންގެ ޒާޓަރި ކޭމްޕްގައި 95،000 ރެފިޔުޖީންގެ ތެރެއިން ބޮޑުބައެއް އުޅެނީ ކަރަވާން ތަކުގައެވެ. އެކަމަކު 20 ޓެންޓަށް ފެން ވަނުމުގެ ސަބަބުން ޢާއިލާތަށްވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައެވެ. 1800 ޢާއިލާގެ ތެރެއިން 47 ޢާއިލާއެއް ވެސް ވަނީ އެހެން 2 ކޭމްޕަކަށް ބަދަލުކޮށްފައި ކަމުގައި ސީރިޔާގެ ރެފިޔުޖީންގެ ކަންތައްތައް ބަލަހައްޓާ އިސްވެރިޔާ ބުރިގޭޑިއަރ ޖެނެރަލް ވައްދާހް ހުމޫދު ވިދާޅުވިއެވެ.

"20 ޢާއިލާ ކުއްލި ގޮތަކަށް ބަދަލުކުރަން ޖެހުނެވެ." ޖޯޑަންގައި ހުރި އދގެ ރެފިޔުޖީންނާއިބެހޭ އޭޖެންސީ ޔޫއެންއެޗްސީއާރުގެ އިސް އޮފިޝަލް، އެންޑްރޫ ހާރޕާ ވިދާޅުވިއެވެ. "ޓެންޓްތައް ހޯދުމުގައާއި، ޢާއިލާއާއިއެކު މީހުން ގެންދިއުމުގައާއި، ރައްޓެހިންނާއި މިސްކިތާއި، އެމަޖެންސީ ގެތައް ހެދުމުގައި ބައެއް ދަތިތަކާއި ކުރިމަތި ވިއެވެ. ބޭނުންވާ ގޮތަށް ބަލައި ގެތަށް ހަމަޖައްސަމުން އެބަދަމެވެ."

މުޙައްމަދު އަލްދީކް، 23އ، އަކީ ދެރާއިން 18 މަސްދުވަސް ކުރިން ފިލި މީހެކެވެ. ޓެންޓުގައި ފެންބޮޑުވި މީހުންގެ ތެރޭގައި މީނާގެ ޓެންޓްވެސް ހިމެނެއެވެ.

"އެއީ ހެނދުނު 5 ނުވަތަ 6 ޖަހާއިރުއެވެ. ޓޭންޓް އެކަށް ތެމިގެން އަހަރެމެންގެ ބޯމަށްޗަށް ވެއްޓުނީއެވެ. " އޭނާ ބުންޏެވެ. " އަހަރެންގެ އަންހެނުން އިނީ މިމަހު ވިހަން ވެފައެވެ. އަހަރެމެން ނޭވާހާސްވުމުގެ ފުރުޞަތުވެސް އޮތެވެ. އަހަރެންގެ ބޭބެގެ ޓެންޓްވެސް ވެއްޓުނެވެ. އަހަރެމެން އެންމެން ދިޔައީ ކިންޑަރގާޓެން ގެއަކަށެވެ. "

ޖޯޑަންގެ މައި ރެފިޔުޖީ ކޭންޕުތައް ކަމަށްވާ ޒަޓާރީއާއި އަޒްރަގްއަށް ގޭސްފުޅިއާއި، ހީޓަރާއި، ރަޖަޔާއި، ކާބޯތަކެތި ފޯރުކޮށްދިނުމުގައި ހުރިހާ ވަގުތެއް ޔޫއެންއެޗްސީއާރު އޭޖެންސީއިން ހޭދަކުރީ މި ތޫފާނަށް ތައްޔާރުވުމުގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްސަކޮށް ޣައްޒާ އަދި ސީރިޔާގައި ތިބި ރެފިއުޖީންނަށް މިވަނީ އެތަށް އެހީތެރިކަމެއް ބޭނުންވެފައެވެ. އަހަރެމެންނަކީ މުސްލިމުންކަމަށްވީއިރު ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އަހަރެމެންގެ މައްޗަށް އޮތް ވާޖިބެއްކަން ޔަޤީނެވެ. ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކަށް ވެވުނު މިންވަރަކުން ޞަދަޤާތްކޮށް ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިލްތިމާސްކުރަމެވެ.

ޙާލުގައި ޖެހިފައިތިބި މުސްލިމުން އެ އުނދަގުލުން ސަލާމަތްކުރައްވުންއެދި މާތްﷲގެ ޙަޟުރަތުގައި ދަންނަވަމެވެ.

ޚަބަރު ނެގީ TheNational ވެބްސައިޓުން

ތަރުޖަމާ: މުޙައްމަދު ކާމިލް 

ކޮމެންޓް

ގުޅޭ ލިޔުންތައް