އެންމެ ބުއްދިވެރި މީހާ އާއި އެންމެ ޖާހިލު މީހާ

އެޑްމިން

އިސްލާމީ ޚިލާފަތުގެ ކުރިތައް ފަޅައިގެން އައި ދުވަސްވަރަކީ އެދުވަސްވަރުގެ ޢިލްމުވެރިންގެ ޙިކުމަތާއި ބަސްފުޅުތަކުގެ ޤަދަރު އުފުލިގެންވީ ދުވަސްވަރެކެވެ. ޚިލާފަތުގެ ދަރުބާރުގައި ކަމެއް ގޯހުން ހިނގާނަމަ އެކަމެއްގެ ހެވާއި ނުބައި ބުނެދިނުމާއެކު، އެބައިމީހުންގެ އުރެދުމުގެ ނުވަތަ އަނިޔާވެރިކަމުގެ އަމުރުތައް ނަފީކުރުމުގެ ތެރެއިންނެވެ. މިފަދަ ޢިލްމުވެރި، ތަޤުވާވެރި ބޭކަލުންނީ އެދުވަސްވަރުގެ ވެރިންގެ ޖާހިލުކަމުގެ ބަލިމަޑުކަމަށް ޙިކުމަތުގެ ބޭސް ލިޔެދެއްވި ޙަކީމުންނެވެ.

އުމަވީ ދައުލަތުގެ ޚަލީފާއިންކުރެ ޢަބްދުލް މަލިކު އިބުނު މަރުވާންގެ ދަރުބާރަކީ ޚާއްސަވެގެން ޢިލްމުވެރިންގެ ޤަދަރާއި ޢިއްޒަތް ދެމެހެއްޓެވި ދަރުބާރެކެވެ. ދައުލަތުގެ ކަންކަން ފައިސަލާކުރުމުގައި ޢިލްމީ ބޭބޭކަލުންނާއި ޚާކިމުންގެ ބަސް ހޯދެއްވި ދަރުބާރެކެވެ. އެއީ ޚަލީފާގެ ފާރަތްޕުޅުން ޙުކުމްފުޅުތައް ނެރުއްވުމާއި، ނިޔާ ކަނޑައެޅުމުގެ ދުވަސްވަރެއްކަމުން، އެކަމުގައި ދީނީ އަދި ދުނިޔެވީ ޢިލްމު ލިބިވަޑައިގެން ތިއްބެވި ޢާލިމުންގެ ފުށުން އަންނަ ބަސްފުޅުތަކާއި ޙިކުމަތްފުޅުތަކަށް ތަބާވެވަޑައިގަތުމުގެ ނަމޫނާ ދައްކަވަމުން ގެންދެވި ދަރުބާރެކެވެ. މި ދުވަސްވަރުގެ ތެރެއިން ދުވަހެއްގައި ޚަލީފާ ޢަބްދުލް މަލިކު އިބުނު މަރުވާންގެ ދަރުބާރުގައި ޢިލްމުވެރިންނާއެކު ޚަލީފާ ދަރުބާރު ކުރައްވަމުން ގެންދަވަނީއެވެ. އެއީ އަލް މަންޞޫރު އިބުނު އަންމާރު ޚަލީފާ ޢަބްދުލް މަލިކު އިބުނު މަރުވާންގެ ދަރުބާރަށް ވެންނެވި ވަގުތެވެ. އަލް މަންޞޫރު ފެނިވަޑައިގެންނެވުމާއެކު ޚަލީފާ ޢަބްދުލު މަލިކު އިބުނު މަރުވާން އަލް މަންޞޫރަށް ނިސްބަތްކުރައްވާ ވިދާޅުވެއްޖެއެވެ. 'އޭ މަންޞޫރެވެ! އަހުރެންގެ ޙާޟިރުގައި ދެ ސުވާލެއް އެބައޮތެވެ. އެ ދެ ސުވާލުގެ ޖަވާބު ހޯދައިގަތުމަށް އަހުރެން ތިބާއަށް އެއް އަހަރު ދުވަހުގެ މުއްދަތު ދިނުމަށްވެސް ތައްޔާރެވެ'.

ޚަލީފާ ޢަބްދުލް މަލިކު އިބުނު މަރުވާން އަލް މަންޞޫރަށް ނިސްބަތް ކުރައްވާ މިހެން ވިދާޅުވުމަށްފަހު، އެ ދަރުބާރު ހިމޭންވުމާއެކު ޚަލީފާގެ ދެ ސުވާލު އަލް މަންޞޫރަށް ހުށައަޅުއްވައިފިއެވެ. 'އޭ މަންޞޫރެވެ! އަހުރެންގެ އަތުގައިވާ ފުރަތަމަ ސުވާލަކީ މީސްތަކުންގެ ތެރެއިންވާ އެންމެ ބުއްދިވެރި މީހަކީ ކާކުތޯއެވެ؟ ސަމާލުވާށެވެ! އަހުރެންގެ ގާތުގައިވާ ދެވަނަ ސުވާލަކީ މީސްތަކުންގެ ތެރެއިންވާ އެންމެ ޖާހިލު މީހަކީ ކާކުތޯއެވެ؟' ޚަލީފާގެ މި ސުވާލުފުޅުތައް އަލް މަންޞޫރަށް އަމާޒުކުރެއްވުމާއެކު ވަކި އެއްޗެއް ވިދާޅުނުވެ، އަލް މަންޞޫރު އެ ދަރުބާރު ދޫކުރައްވާ ވަޑައިގެންފިއެވެ. ޚަލީފާގެ ދަރުބާރުން ނިކުމެ ވަޑައިގެން، އަލް މަންޞޫރު އެދުވަހުގެ ދެބައި ދަން، އެކިއެކި ޢިލްމީ މަޚްކަމާތަކާއި، މަޖިލިސްތަކުގައި ހޭދަކުރައްވައިފިއެވެ. ޚަލީފާގެ ސުވާލުފުޅުތަކާއި މެދު ފުންކޮށް ފިކުރުކުރައްވަމުންނެވެ. މިގޮތުގައި ޚަލީފާ ޢަބްދުލް މަލިކު އިބުނު މަރުވާން ކުޅަ ދެ ސުވާލުގެ ޖަވާބު އަލް މަންޞޫރު އިބުނު އަންމާރުގެ ބުއްދިފުޅަށް ތިލަކުރެވިއްޖެއެވެ.

ހަރު ހިންގެވުމުގައި އަލް މަންޞޫރު އިބުނު އަންމާރު އެ ވަޑައިގަންނަވަނީ މުއުމިނުންގެ އަމީރު ޢަބްދުލް މަލިކު އިބުނު މަރުވާންގެ ދަރުބާރަށެވެ. އެ ސުވާލެއްގެ ޖަވާބު ހޯދައިގަތުމުގައި އެއްއަހަރު ދުވަހުގެ ވަގުތު ވަޤުފުކުރެއްވިގެންވީ ސުވާލުގެ ޖަވާބު އަމީރުލް މުއުމިނީންއަށް އެރުވުމަށެވެ. އަލް މަންޞޫރު، ޚިލާފަތުގެ ދަރުބާރުން އެތެރެއަށް ވެދެވަޑައިގެން އަމީރުލް މުއުމިނީން ޢަބްދުލް މަލިކު އިބުނު މަރުވާންގެ އަރިހުގައި ބަސް ދެންނެވުމުގެ އިޛުނައަށް އެދި ދަންނަވައިފިއެވެ. ޚަލީފާގެ އިޛުނަފުޅު ލިބިވަޑައިގަތުމާއެކު އަލް މަންޞޫރުގެ ޖަވާބު ޚަލީފާގެ ކަންފަތްޕުޅަށް އަރުވަން ފައްޓައިފިއެވެ. 'އޭ އަމީރުލް މުއުމިނީންއެވެ! މީސްތަކުންގެ ތެރެއިންވާ އެންމެ ބުއްދިވެރި މީހަކީ އޭނާގެ ހެޔޮ ޢަމަލުތައް އޭނާގެ ވެރި ރައްބުގެ ޙަޟުރަތުގައި ޤަބޫލުނުވެވިދާނެކަމުގެ މައްޗަށް ބިރުވެތިވެ ހެޔޮ ޢަމަލު ކުރުން މަތީ ދެމިހުންނަ މީހާއެވެ. އޭ އަމީރުލް މުއުމިނީންއެވެ! ކާލޭގެފާނުގެ ދެވަނަ ސުވާލުގެ ޖަވާބުގައި ދަންނަވަމެވެ. މީސްތަކުންކުރެ އެންމެ ޖާހިލުމީހަކީ ހެޔޮ ޢަމަލުތައް ކުޅައުމަށްފަހު، އެ ހެޔޮ ޢަމަލުތައް އޭނާގެ ވެރި ރަސްކަލާނގެ ޙަޟުރަތުގައި ޤަބޫލުވެވިގެންވާ ފަދައަކުން، އެކަމުގެ މައްޗަށް ފާރަވެރިވުމެއްނެތި ހިތްހަމަޖައްސާލައިގެން ހުންނަ މީހާއެވެ.'

އަލް މަންޞޫރުގެ މި ޖަވާބުތަކާއެކު އަމީރުލް މުއުމިނީން ޢަބްދުލް މަލިކު އިބުނު މަރުވާނަށް ކީރިތި ކުރެއްވުނެވެ. އެކަލޭގެފާނު ތުރުކުރައްވައިގެން އިންނެވި ހެދުންކޮޅު އެކަމުގެ ވޭނުގައި ތެމެނުންދަނީއެވެ. އެކަލޭގެފާނު އަލް މަންޞޫރު އިބުނު އަންމާރަށް ވިދާޅުވެއްޖެއެވެ. 'އޭ މަންޞޫރެވެ! ތިބާއަށް ޝުކުރު ހުއްޓެވެ. ކީރިތި ޤުރުއާނަކީ ޖާހިލުކަމުގެ ފަރުވާ ނޫންހެއްޔެވެ؟ އެއިން އަހުރެންނަށް ތިޔަކަމުގެ ފަރުވާއެއް ބުނެދޭށެވެ.' އެކަލޭގެފާނު މިހެން ވިދާޅުވުމާއެކު، އަލް މަންޞޫރު އިބުނު އަންމާރު ސޫރަތުލް އާލު އިމްރާނުގެ ތިރީސްވަނަ އާޔަތް ވިދާޅުވެދެއްވަން ފައްޓައިފިއެވެ. 'يَوۡمَ تَجِدُ كُلُّ نَفۡسٍ مَّا عَمِلَتۡ مِنۡ خَيۡرٍ مُّحۡضَرًا ۖۚ ۛ وَّمَا عَمِلَتۡ مِنۡ سُوۡٓءٍ ۚۛ تَوَدُّ لَوۡ اَنَّ بَيۡنَهَا وَبَيۡنَهٗۤ اَمَدًاۢ بَعِيۡدًا ؕ وَيُحَذِّرُكُمُ اللّٰهُ نَفۡسَهٗؕ وَاللّٰهُ رَءُوۡفٌۢ بِالۡعِبَادِ .' މި އާޔަތުގެ މައުނައިގައި 'ކޮންމެ ނަފްސެއްމެ، ހެޔޮކަމުގެ ތެރެއިން އެ ނަފްސެއް ކުޅަކަމަކާއި، ނުބައިކަމުގެ ތެރެއިން އެ ނަފްސެއް ކުޅަ ކަމެއް ޙާޟިރުކުރައްވާފައިވާތީ ދެކޭނެ ދުވަސް ހަނދުމަކުރާށެވެ! އެދުވަހުން އެ ނަފްސެއް ކުޅަ ނުބައިކަމަކާއި އެ ނަފްސަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެ ނަމައޭ ހީކޮށް އެކަމަށް އެދޭނެތެވެ. ﷲ އެކަލާނގެ ޢިޤާބަށް ތިޔަބައިމީހުން ބިރުވެތި ކުރައްވަތެވެ. ﷲއީ އަޅުތަކުންނަށް ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ.' މިފަދައިންވެއެވެ.

މިއާޔަތުގެ މައުނައާމެދުގައި ފުންކޮށް ފިކުރު ހިންގަވަމުން ޚަލީފާ ޢަބްދުލް މަލިކު އިބުނު މަރުވާން އަލް މަންޞޫރަށް އިޝާރާތް ކުރައްވާ ވިދާޅުވެއްޖެއެވެ. 'އޭ މަންޞޫރެވެ! ތިބާ އަހުރެންގެ ހިތަށް ނުހަނު ހިތާމަ ދީފީމުއެވެ. އަހުރެންނަށް ބުނެދޭށެވެ. ތިޔަ އާޔަތުގައިވާ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންޒާރު ކުރައްވާ 'ޢިޤާބު'ގެ މަފްޙޫމަކީ ކޮބައިތޯއެވެ؟' އެހިނދު އަލް މަންޞޫރު އިބުނު އަންމާރު ޚަލީފަތުލް މުއިމިނީން ކުޅަ ސުވާލުގެ ޖަވާބު އަރުވައިފިއެވެ. 'އޭ މުސްލިމުންގެ އަމީރެވެ! އެއީ ގަދަފަދަވެގެންވާ ﷲ ގެ ޢަޛާބެވެ.' މިދުވަހުގެ ހާދިޘާގައި ﷲ ތަޢާލާގެ ޙަޟުރަތަށް ބިރުވެތިވެވަޑައިގެން ކީރިތިކުރެއްވުނު ހާލުކޮޅުގައި ޚަލީފާ ޢަބްދުލް މަލިކު އިބުނު މަރުވާން ހޭފުޅު ނެތުނުކަމުގައި ބުނެވެއެވެ.

ނޯޓު: މިހާދިޘާގެ ފަރުދާގައިވާ ޙިކުމަތްތައް ގިނަގުނައެވެ. ބުއްދިވެރިންކުރެ ހެޔޮ މީހާއީ ނަޞޭހަތް ލިބިދޭ މީހާގެ މަޤާމާއި ޢިއްޒަތަށް ނުބަލާ، އެ އެރުވުނު ނަޞޭހަތުގެ ހެޔޮކަމުގެ މައްޗަށް ތިމާގެ ނަފްސު ލަންބާ މީހާއެވެ. ފަހަރުގައި އެ ނަޞޭހަތް އަންނަނީ މުއުމިނުންކުރެ ނަޞަބާއި މުދާވެރިކަމާއި ޖާހުގެ ގޮތުން ނިކަމެތި ފަޤީރެއްގެ ދުލުންކަމުގައި ވެދާނެއެވެ. ނަމަވެސް، ނަޞޭހަތް ލިބިގަންނަ ކޮޅުގައިވާ މީހާގެ ޢިއްޒަތާއި ޝަރަފަށްވުރެ ﷲގެ ޙަޟުރަތުގައި އެ ނަޞޭހަތް އަރުވާ މީހާގެ ދަރަޖަ ޢިއްޒަތްތެރި ކުރެއްވުމަށްވެސް އެކަލާނގެ ކުޅަދުންވަންތައެވެ.

މި ތަރުޖަމާގައި މަޢުލޫމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވާށެވެ.

މަސްދަރު: އިސްލަމާމިކްސްޓޯރީސް، އެޑްމިން

ތަރުޖަމާ: ޙަސަން ޣައްސާން

ކޮމެންޓް

ގުޅޭ ލިޔުންތައް