ފުޟައިލު އިބުނު އިޔާދު ރަޙިމަހުﷲ - ޝައިޚުލް ޙިޖާޒް

އެޑްމިން

ﷲ ތަޢާލާ އިންސާނަކަށް ތެދުމަގު ދެއްކެވުމަށް އިރާދާފުޅު ކުރައްވާހިނދު، އެކަމަށް ނަގާނީ ހިނދުކޮޅެކެވެ. އެކަލާނގެ އެކަމަކަށް ވާށޭ ވަޙީކުރެއްވުމާއެކު އެކަމެއްވެދެއެވެ. އަދި ކިއެއްތަ، އެ ކަލާނގެ ތެދު މަގު ދައްކަވައިފި އަޅަކު، މަގުފުރައްދާނޭ އެއްވެސް ފުރާނައެއް މި ބިންމަތީގައި ނުލައްވައެވެ. އެކަލާނގެ އެމީހެއްގެ ހިތް ޙިދާޔަތުގެ ނޫރުން އުޖާލާކުރައްވަތެވެ. މިއީ ފުޟައިލް އިބުނު އިޔާދު ރަޙިމަހުﷲ ގެ ހިތްޕުޅު ޙިދާޔަތުގެ ނޫރުން އުޖާލާވެގެން ދިޔަގޮތުގެ ވާހަކައެވެ. އާދެ، މިހާދިޘާއަށްފަހުގައި އަންނާން އޮތް ޖީލުތަކަށް އިމާމުލް ޙަރަމުގެ ގޮތުގައި ނަންހިނގާ ދިޔަ މާތް ބޭކަލެއްގެ ވާހަކައެވެ. މީސްތަކުންގެ މެދުގައި ޝައިޚުލް ޙިޖާޒުގެ ލަޤަބުން ނަން ދެއްވުނު ބޭކަލެއްގެ ވާހަކައެވެ. އާދެ، އަލް އިމާމުލް ރައްބާނީގެ ނަމުން މުޚާތަބު ކުރެވުނު ބޭކަލެއްގެ ވާހަކައެވެ.

ފުޟައިލް އިބުނު އިޔާދުގެ ހަނދާންތައް މުސްލިމުންނާއި އައިސް ގުޅެނީ ތަޤުވާވެރިކަމާއި ވަރަޢަވެރިކަމުގައި އެދުވަސްވަރަށް މީސްތަކުންގެ މެދުގައި ހުންނެވި އެންމެ މާތް ބޭކަލެއްގެގޮތުގައެވެ. އެކަލޭގެފާނުގެ އަޅުވެރިކަމާއި އުނގަންނައިދެއްވުމުގެ ރޫޙަކީ އެކަލޭގެފާނުގެ އަރިހުން ދަސްވެނިވި މާތް އެތައް ބޭކަލުންނެއްގެ ފަޚުރެކެވެ. އެހެނަސް އެކަލޭގެފާނުގެ ފެށުންވަނީ ހެޔޮކަންތައްތަކުގެ ތެރެއަކުން ނޫނެވެ. އެކަލޭގެފާނު ދީނަށް ރުޖޫޢަވެވަޑައިގެންނެވުމުގެ ކުރީގައި އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ ޙިޖާޒުގެ ސަހަރާތަކުގައި ޤާފިލާތަކާއި މިސްތަކުން އަތުން މަގު ފޭރޭ މީހެއްގެ ގޮތުގައެވެ. ދިރިއުޅުމަށް ކޮށްއުޅުމު މަސައްކަތަކީ އެއީއެވެ.

އެއީ ޙިޖުރައިން ސަތޭކަ ހަތްވަނަ އަހަރެވެ. ސަމަރުޤަންދުގެ އަވަށްތަކުގެ ތެރެއިން އަވަށެވެ. އެއީ ޙިޖުރައިން ދެވަނަ ޤަރުނުގައި ކަމުން، އެދުވަސްވަރު ސަމަރުޤަންދުގެ އެ ސަރަހައްދުތަކުގައި އިސްލާމީ އުސޫލުތައް ދެމެހެއްޓުމުގައި މަޖުބޫރުކަމެއް ނެތެވެ. ހުރިހާ ބާވަތެއްގެ މީސްތަކުން ވަދެނިކުމެވާ ސަމަރުޤަންދުގެ ތެރެއަށް އިސްލާމްދީނަކީ އެހާ ރައްޓެހި ދީނެއްކަމުގައިވެސް ބުނެވޭކަށްނެތެވެ. އެދުވަސްވަރަށް އެތަނުގެ ކަންތައްތައް ހުރި ނެތްގޮތުންނެވެ. ފުޟައިލް އިބުނު އިޔާދުގެ ފެށުން ވަނީ ސަމަރުޤަންދުގައި ކަމުގައިވިޔަސް، އެކަލޭގެފާނުގެ ނަސްލުވަނީ އިރާޤުކަރައިންނެވެ. އެކަލޭގެފާނުގެ ބައްޕާފުޅަކީ އިރާޤުކައިން ސަމަރުޤަންދަށް ޙިރުޖަކުރެއްވި، މުސްލިމެކެވެ. އެދުވަސްވަރު ސަމަރުޤަންދުގައި ދައުލަތާއި އިދިކޮޅު ގިނަ ޙަރަކާތްތަކެއް ފާޅުވެ، އެކަމުގެ ތެރޭގައި އެކަލޭގެފާނުގެ ބައްޕާފުޅުވެސް ވަކިވެގެން ދިޔަކަމުގައި ބުނެވެއެވެ. އެހެންކަމުން ދިރިއުޅުމުގެ ކަންކަން ފުއްދަމުން އައީ ލޫޓުމާރުކުރުމާއި ފޭރުމުގެ ޢަމަލުތަކުގެ ތެރެއިންނެވެ.

އާދެ، މިދުވަސްވަރުގެ ތެރެއިން ދުވަހެކެވެ. ސަރަޚަސްއާއި އަބީވަރުދުގެ މެދުގައި ދަރުތުފަތުރުގެ ކުރާ ޤާފިލާތަކުގެ މީސްތަކުން އެމަގުން ދަތުރުކުރުމުގެ ވޭނާއި ތުރާ އިންތިހާއަށް ގޮސްފައިވެއެވެ. ސަހަރާގެ ހަނަފަސްކަމާއި ގަދަ ހޫނުގެ ސަބަބަކުން ނޫނެވެ. އެމަގުގެ ބިރުވެރިކަމާއި ނާމާންކަމުގެ ސަބަބުންނެވެ. އެބައިމީހުންގެ މުދަލުގެ މައްޗަށް އެއްވެސް ރައްކާތެރިކަމެއް އަނދިރީގެ ފަރުދާގައި ނެތްކަން ވަޒަންކުރެވޭތީއެވެ. އިރު އޮއްސިއްޖެނަމަ އެބައިމީހުން ތެބެނީ ބިރުން ސިހިސިހިއެވެ. ބަކަރި އައިނަކަށް ސިންގާއެއް ވަދެ ޝިކާރަކޮށްލައިގެން އެ ސޮރުގެ ކާނާ ހިފައިގެން ފާދައިން، ފުޟައިލް އިބުނު އިޔާދު އެބައިމީހުންގެ ޤާފިލާތަކުގެ ތެރެއިން ފެންނާނެއެވެ. އެބައިމީހުން ފާރަވެރިވެ ތިއްބާ، އެބައިމީގެ މުދަލުން ލޫޓުވާލައެވެ. ފަތިސްވެއްޖެނަމަ ޤާފިލާތަކުން މީސްކުންގެ ރުޔުމާއި ހިތާމައިގެ އަޑުއިވެއެވެ. އެބައިމީހުންނަށް ލިބިފައިވާ ގެއްލުންތަކުގެ މައްޗަށެވެ. ދުވަސްތައް ފާއިތުވަމުން ގޮސް، ދަތުރުވެރިންގެ ޤާފިލާތަކުގެ މެދުގައި ފުޟައިލު އިބުނު އިޔާދުގެ ބިރުވެރި ނަން ހިނގާފައިވަނީ ނުހަނު މަތީ ދަރަޖައަކަށެވެ. ކޮންމެ ބަޔަކުވެސް އިރު އޮއްސުމުގެ ކުރިން އެ މަގުން އެއްކިބާވެ، ރައްކާތެރިކަން ހޯދައެވެ. ކުޑަނަމަވެސް ގޮތެއް އޮތްނަމަ މީސްތަކުން ސަޚަރާސް އެ މަގުން ދަތުރެއް ނުކުޅައީހެވެ. އެތައް ދަލެއް އޮހޮރުވައިގެން އެބައިމީހުން ހޯދާ މުދާކޮޅު މަގުފޭރޭ މީހެއްގެ އަތްމައްޗަށް ދޫކޮށްނުލުމަށެވެ.

ފުޟައިލް އިބުނު އިޔާދުގެ އާދަޔަ އެއްގޮތަށް ޤާފިލާތަކުގައިވާ މުދާތައް ޝިކާރަކުރުމުގައި ރޭގަނޑުން ބައެއް ހޭދަކުރުމަށް ފަހު އޭނާ ރަށުތެރެއަށް އަރާއްޖެއެވެ. އޭނާގެ ހިތުގައި ޚާއްސަ ޤަދަރެއް ދެވިފައިވާ ކަނބަލަކަށްޓަކައެވެ. އެ އަންހެން ޞާޙިބުގެ ޙަރަކާތްތަކަށް ފާރަލާ، އެކަމަނާގެ ގެއަށް ވަނުމުގެ ގަސްތުގައެވެ. އޭނާ އެކަމަނާގެ ގެޔާއި އަރާހަމަކޮށް، އެގޭގެ ފާރުމަތިން ކުޅަދާނަކަމާއެކު އަރަމުން ދަނީއެވެ. އެކަމަނާއާއި ބައްދަލުވުގެ ގަސްތުގައެވެ. ރޭގަނޑުގެ އެދަމުގައި އޭނާ މި ޙަރަކާތުގައި ޝާމިލްވެ އުޅުމުގެ އުޅެނިކޮށް ކީރިތި ޤުރުއާނުގެ މޫރިތި އާޔަތެގެ އަޑު އޭނާގެ ކަންފަތުގައި އައިސްޖެހުނެވެ. އެ އަޑުއައީ ކޮން ދިމާއަކުންކަން ނޭނގުނުކަމުގައި ވިޔަސް، ފުޟައިލް އިބުނު އިޔާދަށް އެއީ ކޮންމެވެސް މީހަކު ނަމަދަށްހުރެ ކިޔަވާ އަޑުކަން ދެނެގަންނާކަށް މާގިނައިރުތަކެއްނުވެއެވެ. އެއީ ވިދިދގެން އެހެން އާޔަތްތަކުގެ އަޑު އިވެންފެށުމުންނެވެ. އެއީ ސޫރަތުލް ޙަދީދުގެ ސޯޅަވަނަ އާޔަތެވެ. 'اَلَمۡ يَاۡنِ لِلَّذِيۡنَ اٰمَنُوۡۤا اَنۡ تَخۡشَعَ قُلُوۡبُهُمۡ لِذِكۡرِ اللّٰهِ وَمَا نَزَلَ مِنَ الۡحَـقِّۙ وَلَا يَكُوۡنُوۡا كَالَّذِيۡنَ اُوۡتُوا الۡكِتٰبَ مِنۡ قَبۡلُ فَطَالَ عَلَيۡهِمُ الۡاَمَدُ فَقَسَتۡ قُلُوۡبُهُمۡؕ وَكَثِيۡرٌ مِّنۡهُمۡ فٰسِقُوۡنَ.' އެއާޔަތުގެ މާނައިވާ 'ﷲ ހަނދުމަކުރުމަށާއި ޙައްޤު ބަސްފުޅުގެ ތެރެއިން ބާވާލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، އީމާންވި މީހުންނަށް އަދިވެސް ވަޤުތު ނާންނަނީ ހެއްޔެވެ؟ ފަހެ އެ އުރެންނަށް ޒަމާން ދިގުވެގެންވެއެވެ. ދެން، (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަ މީހުންނީ ފާސިޤުންނެވެ.' މި ޢިބާރާތް ފުޟައިލުގެ އިބުނު އިޔާދުގެ ހަރު ހިތުގެ މައްޗަށް ބާރުފޯރުވަން ފަށައިފިއެވެ. އޭނާގެ ހިތުގައި އެތައް ޒަމާނަކަށް އެޅިފައިވާ ކަސްތޮޅެއް ކުއްލިއަކަށް ނެއްޓުނު ފަދައެވެ. އޭނާގެ ހިތުގެ މައްޗަށް މިފޯރަންފެށި އާބާއެކު އޭނާ އެގޭގެ ފާރުމަތިން ތިރިއަށް ފައިބައިފިއެވެ. ކުޑަ ކުއްޖަކު އޯގާވެރިކަމާއި ރަޙްމަށްއެދި އޭނާގެ މަންމަގެ އުނގަށް އައިސް ވެއްޓިގަންނަ ފަދައިން ފުޟައިލު އިބުނު އިޔާދު އޭނާގެ ވެރި ރައްބުގެ ޙަޟުރަތަށް ދަންނަވަން ފަށައިފިއެވެ. 'ޔާ އިލާހީއެވެ! އީމާންވީ މީސްތަކުންކުރެ، އަޅު އިބަ އިލާހުގެ ޙަޟުރަތަށް އެނބުރެންވީ ވަގުތު ޖެހިއްޖެއެވެ.'

އޭނާ ފިކުރު ކުރަމުން ހިމޭންކަމާއި ދިމާލަށް ހިނގަންފަށައިފިއެވެ. މީސްތަކުންގެ އަޑެއް ބަޑެއް ނީވޭނެ އިސާބަކަށެވެ. އޭނާއަށް މި ކުރިމަތިވީ ކަންތަކާއި މެދުގައި ފުންކޮށް ފިކުރު ހިންގުމަށެވެ. އިއްތިފާޤުން އޭނާއަށް ހިނގާފައި އެދެވެނީ އޭނާ ސަރަޚާސްއާއި އަބީވަރްދާއި ދެމެދުގައިވާ މަގުންނެވެ. އެމަގުގެ ވަކި ހިސާބެއްގައި އޭނާ އީށީނދެ އޭނާގެ ދިރިއުޅުމުގެ މައްޗަށް ބުއްދިކުރަންފަށައިފިއެވެ. ދިރިއުޅުމުގެ މަޤްޞަދާއި މެދުގައެވެ. އޭނާގެ މައްޗަށްވާ ކުށްތަކުގެ ގިނަކަމާއިމެދުގައެވެ. މިތަންފަޅު މާދުރުނޫން ހިސާބަކުން ކޮންމެވެސް ބަޔަކު ވާހަކަ ދައްކާ އަޑު ފުޟައިލް އިބުނު އިޔާދަށް އިވެންފަށައިފިއެވެ. އެއީ ސަހަރާގެ ހިމޭންކަމުގެ ތެރޭގައިކަމުން، ތިމާގެ ހިތުގައި ޖަވާ ވިންދުގެ އަޑުވެސް ސާފުކޮށް އިވޭހާވެއެވެ. މުޅި ސަހަރާއަށް ހިމޭންކަން ވެރިވެރިފައިވަނީ އެހާވެސް ބޮޑަށެވެ. ވުމާއެކު އެބައިމީހުން ދައްކަމުން ގެންދިޔަ ވާހަކަ ފުޟައިލް އިބުނު އިޔާދަށް ސާފުކޮށް އިވޭހާވެއެވެ. އެބައިމީހުންގެ ތެރެއިން މީހަކު ބުންޏެވެ. 'އަވަސްކޮށް މިތަނުން ދަމާ ހިނގާށެވެ. މިއީ ފުޟައިލު އިބުނު އިޔާދު ފޭރުމަށް ނިކުމެ އުޅޭނޭ ވަގުތެވެ. އޭނާ މިހާރު މިތަކާއި ކައިރިވެދާނެ ހެން ހީވެއެވެ.' މިއީ ފުޟައިލް އޭނާގެ ނަފްސާއިމެދު ތެދެވެރިކަމުގެ ސަލާމުން ސަލާމްކުރި ވަގުތެވެ. އޭނާ ހިތުގެ އެދުމާއި ނަފްސު ސުލްޙަވެއްޖެއެވެ. އޭނާ އިށީނދެ އިންތަނުން ތެދުވަމުން އޭނާގެ ނަފްސާއި މުޚާތަބު ކުޅައެވެ. 'ރޭގަނޑުގެ ފަރުދާގައި އަހުރެން ފާފަ ކުޅައީމެވެ. މުސްލިމުންގެ ޖަމާޢަތްތައް އަހުރެންގެ ނުބައިކަމަށް ބިރުވެތިވެފައިވެއެވެ. ﷲ ތަޢާލާ އަހުރެން މިތަނަށް ގެނައުމުގައި ޙިކުމަތެއްވާނެކަން ޔަޤީނެވެ. އެއީ މިބައިމީހުންގެ ވާހަކަތަކުގެ އަޑު އަހުރެންގެ ކަންފަތަށް އިއްވެވުމަށާއި އެކަމުގެ އަހުރެން ތައުބާވުމަށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަހުރެންނަށް ކާކުކަން ނޭނގޭ މީހެއްގެ ފުށުން އެ އާޔަތް އިއްވަވައިދެއްވީ އަހުރެން ހިތް މަޑުމޮޅިކޮށް މިތަނަށް ގެންނާށެވެ.' މިއާއެކު ފުޟައިލް އިބުނު އިޔާދު އޭނާގެ ވެރި އިލާހުގެ ޙަޟުރަތަށް ފުރިހަމަ ތައުބާއަކުން ތައުބާވެއްޖެއެވެ. އޭނާ އެކަލާނގެ ޙަޟުރަތުގައި ދަންނަވަނީއެވެ. 'ޔާ ﷲ! އަޅު އިބަރަސްކަލާނގެ ޙަޟުރަތަށް އަޅުގެ ފުށުން ވެވައިފައިވާ ފާފަތަކުގެ މައްޗަށް އިޢުތިރާފުވަމެވެ. އެ ފާފަތަކުގެ މައްޗަށް އަޅު ތައުބާވަމެވެ. ޔާ ﷲ އަޅުގެ ތައުބާ ޤަބޫލުކުރައްވާނދޭވެ! ޔާ ﷲ! މިއަދަށްފަހުގައި، އަޅުގެ ފުށުން ވެވިފައިވާ ފާފަތަކުގެ ކައްފާރާއެއްގެގޮތުގައި މައްކާގެ މާތް ބިމުގައިވާ އިބަ އިލާހުގެ ގެކޮޅަށް ޙިދުމަތްކުރުގައި އަޅު ދެމިހުންނާނަމެވެ.'

އޭނާގެ އެބައިމީހުންގެ ތެރެއަށް ނިކުމެ ބުންޏެވެ. 'އޭ މީސްތަކުންނޭވެ. އަހުރެންނީ ފުޟައިލް އިބުނު އިޔާދެވެ. ތިޔަ ބައިމީހުން އަމާންކަމާއެކު ދަތުރުކުރާށެވެ. ﷲ ގަންދީ ބުނަމެވެ. މި ވަގުތުން ފެށިގެން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތަށް ނުކިޔަމަންތެރިނުވުމަށް އަހުރެން ވަޢުދުވަމެވެ.' މިއާއެކު ފުޟައިލުގެ މުޅި ހަޔާތް ބަދަލުކޮށްލުމަށް އޭނާ ގަސްތުކޮށްފިއެވެ. ލަސްނުކޮށް އޭނާ އަބީވަރްދު ދޫކޮށް ޢިރާޤުކަރައަށް ދިއުމުގެ ދަތުރު ފައްޓައިފިއެވެ. އޭނާގެ އިހުގެ ވަޒަނާއި، އެކު އުޅުނު ރައްޓެހިންނާއި، ގާތް މީހުން ދޫކޮށްފައެވެ. އޭނާގެ ދިގު ދަތުރުވީ އުނދަގޫ އަދި ތުރާ ގިނަ ދަތުރެއްކަމުގައެވެ. އެތައް ދުވަހެއްގެ ތަކުލީފަށްފަހު، ފުޟައިލަށް އިރާޤުގެ ކޫފާއާށް އާދެވިއްޖެއެވެ. އޭނާ ވަރުބަލިވެފައި ހުރުމުންނާއި، ދާނެ ވަކި ދިމާލެއް ނެތުމުން، ކޫފާގެ އެންމެ ބޮޑު މިސްކިތްކަމުގައިވާ ޖާމިޢުލް ކޫފާއާވީ ދިމާލަށް މިސްރާބު ޖަހައިފިއެވެ. އޭނާ މިސްކިތުގައި ތިން ދުވަސްވާންދެން ކާނެ ބޯނެ އެއްވެސް އެއްޗެއްނެތި އިނެއެވެ. ނަމާދާއި ޤުރުއާނުގެ ތެރެއިން ހިތްހަމަޖެހުން ހޯދައިގެންނެވެ. މިގޮތުގައި ދުވަސްކޮޅެއްވުމަށްފަހު، ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިންވަރު ފުޅުން، އޭނާއަށް ކަންކަން ފަސޭހަކޮށްދެއްވިއެވެ.

މިއީ ފުޟައިލު އިބުނު އިޔާދު ރަޙިމަހުﷲ އެކަލޭގެފާނުގެ ޢިލްމީ ދަތުރުފުޅު ފެއްޓެވި ހިސާބެވެ. އެކަލޭގެފާނަކީ ނުގުޑާފަދަ ޢަޒުމެއްގެ ވެރި ބޭކަލަކު ކަމުން، އެކަލޭގެފާނު ޢިލްމު ހޯއްދެވުމުގައި ވެވަޑައިގެންނެވީ މަތިވެރި ޤުރުބާނީތަކެވެ. އިސްލާމަކު ކަމުގައިވީނަމަވެސް، ދީނީ ޢަމަލީ ޢިލްމުގެ މައިދާނުގައި އެކަލޭގެފާނު ހިމެނިވަޑައިގަތީ ތުއްތު ކުއްޖަކު ފަދައިންނެވެ. އެހެންކަމުން އެކަލޭގެފާނު ޢިލްމަށް ދެއްވެވި ސަމާލުކަން ނުހަނު ބޮޑެވެ. އެކަލޭގެފާނުގެ ހިތްޕުޅުގައި ޢިލްމަށް ދެއްވިފައިވާ ޤަދަރުގެ ބޮޑުކަމާއެކު، އެދުވަސްވަރަށް އެންމެ މާތް ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ތާބިޢީންގެ ބޭކަލުންގެ އަރިއަހުން ޢިލްމު ޙާސިލްކުރައްވަން ފެއްޓެވިއެވެ. ފޫކާއާއި ޙިޖާޒުގެ މާތް މާތް ޢިލްމުވެރިންގެ ފާރާތްޕުޅުންވެސްމެއެވެ. އެކަލޭގެފާނު އެބޭކަލުންގެ އަރިހުން ޢިލްމު އުނގެނިވަޑައިގެންނެވި ބޭކަލުންގެތެރޭގައި ޢައުމާޝްއާއި، އިމާމް މާލިކުގެފާނުގެ އުސްތާޛުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޔަޙްޔާ އިބުނު ސަޢިދުލް އަންޞާރީއާއި، މުޙައްމަދު އިބުނު އިސްޙާޤާއި، ޖައުފަރު އައްޞާދި ހިމެނިވަޑައިގަނަވައެވެ. މިކަމަށްޓަކައި އެކަލޭގެފާނު ގިނަގުނަ އުނދަގޫފުޅުތައް އުފުއްލަވާ، އިސްލާމީ އުންމަތު ގިނަ ކަންކޮޅުތަކަށް ދަތުރުފުޅު ކުރެއްވެވިއެވެ. އެކަލޭގެފާނު ހަމައެކަނި ޢިލްމު ޙާސިލްކުރެއްވެވީއެއް ނޫނެވެ. އެ ޢިލްމު އޭގެ އެންމެ ފުރިހަމަގޮތުގައި ފެތުރުއްވުމުގެ މަސައްކަތްޕުޅުވެސް ފެއްޓެވީއެވެ.

އެކަލޭގެފާނު ވެވަޑައިގެންނެވީ އޭގެ ފަހުގައި އިސްލާމި އުންމަތް ދުށް އެތައް ޢިލްމުވެރިންނަށް ޢިލްމު އުގަންނަވައިދެއްވި އުސްތާޛެއްކަމުގައެވެ. އެކަލޭގެފާނުގެ އަރިހުން ޢިލްމު އުގެނިވަޑައިގެންނެވި ބޭބޭކަލުންގެ ތެރޭގައި ސުފްޔާނު އިބުނު އުޔައިނާއާއި، ޢަބްދުﷲ އިބުނު މުބާރަކާއި، ޔަޙްޔާ އިބުނު ސަޢީދުލް ޤަޙްތާނާއި ޢަބްދުރަޙްމާނު އިބުނު މަޙްދީގެފާނު މާތް އެތައް ޢާލިމުންނެއް ހިމެނިވަޑައިގަންނަވައެވެ. ފުޟައިލު އިބުނު އިޔާދުގެ ޢިލްމީ މަޖިލިސްތައް އެފަދަ އެހެން ބޭބެކަލުންގެ މަޖިލިސްތަކާއި ތަފާތުވެގެންވެއެވެ. އެއީ އެކަލޭގެފާނުގެ މަޖިލިސްތަކުގައި ދީނީ އަދި ދުނިޔެވީ ޢިލްމު ތިލަފަތް ހަމަވާގޮތުގައި ކިޔަވައިދެއްވާކަމުންނެވެ.

މި ދުވަސްވަރުގެ ތެރެއިން ދުވަހެކެވެ. އެކަލޭގެފާނުގެ ދަރިވަމުންނާއެކު މަޖިލިސްކުރައްވަމުން ވިދާޅުވިއެވެ. 'އަހުރެނަށް މީހެއްގެ މައްޗަށް ކުރަން ލިބިފައިވަނީ އިޖާބަ ކުރެއްވޭނޭ ހެޔޮ އެންމެ ދުޢާއެއްނަމަ، އަހުރެން އެދުޢާ ކުރާނީ މުސްލިމުންގެ އިމާމުގެ މައްޗަށެވެ.' އެކަލޭގެފާނު މިހެން ވިދާޅުވުމާއެކު މި މަޖިލީހުގައި ހައިރާންކަން ހިނގައި އެކަމުގެ ޙިކުމަތަކީ ކޮބައިތޯ އެކަލޭގެފާނުގެ އަރިހުން ސުވާލުކުރެވުނެވެ. އެކަލޭގެފާނުގެ ދަރިވަރުންނަށް ޖަވާބު ދެއްވަމުން އެކަލޭގެފާނު ވިދާޅުވިއެވެ. 'އެ ދުޢާ އަހުރެންގެ އަމިއްލަ ނަފްސުގެ މައްޗަށް ކޮށްފިނަމަ، އެކަމުގެ ހެޔޮކަން ވަނީ އަހުރެންގެ ނަފްސަށް އެކަންޏެވެ. އެކަމަކު އަހުރެން މުސްލިމުންގެ އިމާމުގެ މައްޗަށް އެ ދުޢާ ކޮށްފިނަމަ، އޭގެ ސަބަބުން، އޭގެ ވެރިކަމުގެ ދަށުގައިވާ އެންމެހާ މީސްތަކުންނާއި، މުދަލާއި، ރަށްތަކާއި އަވަށްތަކުގެ ކަންކަން ފަސޭހަވެ، އެކަމުގެ ހެޔޮކަން މުޅި އުންމަތަށް ފޯރާނެއެވެ. ނިކަން އަޑު އަހާށެވެ. މީސްތަކުންގެ އިމާމު ނުވަތަ ވެރިއަކަށް ހުންނަ މީހާއީ ޢަދުލުވެރި މާތް މީހަކުގައި ވާނަމަ، މިސްތަކުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ބޮޑުވެދެއެވެ. މީސްތަކުންނަށް ދުނިޔެވީ މުޢާމަލާތްތައް ކުރުމުގައި އިތުބާރު ލިބޭނެއެވެ. މީސްތަކުންގެ އިމާމަކީ ނުވަތަ ވެރިޔަކީ މާތް މީހަކު ކަމުގައިވާނަމަ، މީސްތަކުން ބޭނުންވާ ކަންތައްތައް ވަނީ ޤުރުއާނާއި ސުންނަތުގައި ކަމުގައި ދެކޭނެއެވެ. އެހިނދުން އޭނާ، އެކަންކަން މީސްތަކުގެ މެދުގައި ޤާއިމްކުރާނެއެވެ.' އެކަލޭގެފާނު މިހެން ވިދާޅުވުމާއެކު ޢަބްދުﷲ އިބުނު މުބާރަކު ކޮޅަށް ތެދެވެވަޑައިގެން ފުޟައިލު އިބުނު އިޔާދަށް ދެންނެވިއެވެ. 'ކަލޭގެފާނުވަނީ ހެޔޮވެގެންވާ އެދުރުންގެ ތެއިންނެވެ.'

ނޯޓު: ފުޟައިލު އިބުނު އިޔާދު ރަޙިމަހުﷲގެ ހަޔާތްޕުޅުން ނެގެންހުރި ދަރުސްތަކަކީ އަގުނުކުރެވޭ ފަދަ ދަރުސްތަކެކެވެ. މިކަމުގައި ކުށުގެ ވެށީގައި ބަނދެވިގެންވާ ކޮންމެ ފުރާނައަކަށް ރަޙްމަތުގެ ދަރުސްވެއެވެ. މާޔޫސް ނުވުމަށެވެ. ސުބުޙާނަﷲ! ނިކަން ވިސާލައްވަބައްލަވާށެވެ. އޭރު މަގުފޭރުމުގައި ދުވަސްތައް ހޭދަކުރި މީހާވީ އުންމަތުގެ ބޮޑަތި ޢާލިމުންގެ އިމާމުކަމުގައެވެ. އެހެންކަމުން، ކުރިން ކުރެވިފައިވާ ފާފައެއްގެ ބަރުގައި ތާއަބަދު އެކަލާނގެ ރަޙްމަތުން މަޙްރޫމުވުމެއް ނުވެއެވެ. ހަމައެކަނިވަނީ ފުރިހަމަ ތައުވާއަކުން ތައުބާވެ، އެކަލާނގެ މަގުގައި ފުރިހަމައަށް ޤާއިމްވުމެވެ.

މި ތަރުޖަމާގައި މަޢުލޫމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވާށެވެ.

މަސްދަރު: ޢަބްދުލް ވައްޙާބު ސަލީމް

ތަރުޖަމާ: ޙަސަން ޣައްސާން

ކޮމެންޓް

ގުޅޭ ލިޔުންތައް