އަބޫ ޙާމިދުލް ޣަޒާލީ ރަޙިމަހުﷲ – ދުނިޔެއަށް ލޯހުޅުވާލަދޭ ހަ ސުވާލާއި އޭގެ ޖަވާބު!

އެޑްމިން

އެއީ ޞަލީބީން ލަޝްކަރުތައް އިސްލާމީ ޚިލާފަތުގައި ފުރަތަމަ ފަހަރަށް ރެނދު އަޅުވާލި ދުވަސްވަރެވެ. އިސްލާމީ ތަމައްދުންގެ ކުރިބޯށިތައް ޞަލީބީން މިލްކުކޮށް، އިސްލާމީ އުންމަތަށް ހިފެހެއްޓުމެއްނެތް ފުރައްސާރަކުރަނީއެވެ. އެބައިމީހުންނާއި ކުރިމަތިލާ އިސްލާމީ ލަޝްކަރުތައް ނިކަމެތިވަމުންދަނީއެވެ.

ޞަލީބީންގެ ބައިގަނޑު އިސްލާމީ ލަޝްލަރުތައް ބަލިކުރަމުން، މުސްލިމުންގެ މެދުގައި ޤާއިމްވެގެންވީ އިސްލާމީ ޢަޤީދާ ރޫޅަމުން ބަލިކަށިކުރަމުންދަނީއެވެ. މިއީ އަބޫ ޙާމިދުލް ޣަޒާލި ރަޙިމަހުﷲ، އެކަލޭގެފާނުގެ ޢިލްމީ ފުތޫޙާތު ފައްޓަވައިގެން ކުރިއަށް ގެންދެވި ދުވަސްވަރެވެ. ބަޣުދާދުގެ އަލް ނިޒާމިއްޔާއިން ޢިލްމީ ދުނިޔެއަށް އުފަންވެވަޑައިގެން، މުޅި އިސްލާމީ އުންމަތުގެ ކަންކޮޅުތަކަށް ދަތުރުފުޅުކުރައްވާން ފައްޓަވައިފިއެވެ. އިސްލާމީ ފަލްސަވާވެރިކަމާއި މެދު ފިކުރު ހިންގަވަމުންނެވެ. ބަޢުދާދުން ނިކުމެވަޑައިގެން، ދިމިޝްޤާއި ފަލަސްތީނުގެ ބިންތައް ފަދަ ބިންތަކުގައި އަޅުވެރިކަމާއި، އެކަލޭގެފާނުގެ ނަފްސު ހޯދައިގަތުމުގައި ހިތްމަތާއެކު މަސައްކަތްޕުޅު ކުރައްވަނީއެވެ. މިގޮތުގައި ދިހަ ވަރަކަށް އަހަރު ބަޢުދާދުން ބޭރުގައި ހޭދަކުރެއްވެވިއެވެ. އެއީ އެކަލޭގެފާނުގެ މަސްޙޫރު ޙުއްޖަތުލް އިސްލާމު ލިޔުއްވާ މުޅި އިސްލާމީ އުންމަތަށް ހަދިޔާއެއްގެ ގޮތުގައި ވަޤުފުކުރެއްވި ދުވަސްވަރެވެ. މިއީ ޞަލާޙުއްދީނުލް އައްޔޫބީ ފަދަ އުންމަތުގެ ބޮޑަތި އަބްޠާލުން އިސްލާމީ އުންމަތުގެ މައްޗަށް މުޅި ހަޔާތްޕުޅު ޤުރުބާންކޮށް، ފުތޫޙާތުގެ ކާރުބާރޫ އިސްލާމީ އުންމަތުގެ ތެރޭގައި ހިންގާލެވުމަށް ބާރުއެޅިގެންދިޔަ އެންމެ ބޮޑު އެއް ސަބަބެވެ. އެކަލޭގެފާނުގެ ޙުއްޖަތުލް އިސްލާމުގައި، އެންމެ އިސްލާމުތަކުންނަށް އެބައިމީހުންނަކީ ކޮން ބައެއްކަން ބުނެދެއްވީއެވެ. އެބައިމީހުން ދިރިއުޅުމުގެ މައްޗަށް މާނަ އުފައްދައިދިނީއެވެ.

ކޮންމެއަކަސް ދިހަ އަހަރު އިމާމު އަލް ޣަޒާލީ ބަޣުދާދުން ބޭރުގައި އުޅުއްވުމަށްފަހު، އެނބުރި ބަޣުދާދަށް ވަޑައިގެން އެކަލޭގެފާނު ޢިލްމީ ފުރަތަމަ މަކްތަބުކަމުގައިވާ ބަޣުދާދުގެ އަލް ނިޒާމިއްޔާއާ ގުޅިވަޑައިގެންފިއެވެ. އެކަލޭގެފާނަށް ލިބި ހުރި ޢިލްމެއް އޭގެ ޙައްޤުވެރިންނަށް ރައްދުކޮށްދެއްވުމަށެވެ. މި ދުވަސްވަރުގެ ތެރެއިން ދުވަހެކެވެ. އެކަލޭގެފާނުގެ ދަރިވަރުންނާއެކު އެކަލޭގެފާނު ޢިލްމީ މަޖިލިސް ކުރައްވަނީއެވެ. ތަފާތު އެކިއެކި މަޢުޟޫތަކަށެވެ. ދީނީ ޢިލްމާއި، ފަލްސަފާވެރިކަމާއި، ޝަރުޢީ ޙުކޫމަތު ފަދަ އެތައް އެތައް މަޢުޟޫއެކެވެ. އެކަލޭގެފާނުގެ ދަރިވަރުން ނުހަނު ޝައުޤުވެރިކަމާއެކު އެކަލޭގެފާނުގެ ދަރުސްތައް އަޑުއަހަމުންދެއެވެ. އެދުވަސްވަރަށް އެކަލޭގެފާނަށްޓަކައި އިސްލާމި އުންމަތުގައި ދެއްވިގެންވާ މާތް ޤަދަރަށްޓަކައެވެ. އުންމަތް ނިދާފައިވަނިކޮށް ހޭލައްވާލަދިން ދާޢީއެއްގެ ގޮތުގައެވެ. ނާޞާރާއިންނާއި ޔަހޫދީންގެ ތެރެއިންވާ އެތައް އެތައް ޢިލްމުވެރިންނާއި ބަހުސްކުރައްވާ، އެ ބައިމީހުންގެ ޖަވާބުތައް ހުސްކޮށްލުވާކަމަށްޓަކައެވެ.

މިދުވަހުގެ ޢިލްމީ މަޖިލީހުގައި އެކަލޭގެފާނުގެ ދަރިވަރުންނަށް އަމާޒުކުރައްވާ ސުވާލުތަކެއް ކުރައްވަން ފަންޓަވައިފިއެވެ. އެކަލޭގެފާނުގެ ދަރިވަރުންނަށް އެބަ ވިދާޅުވެއެވެ. 'އަހުރެންގެ ގާތުގައި ހަ ސުވަލެއް ވެއެވެ. އޭގެ ޖަވާބުތައް ތިޔަ ބޭކަލުންނަށް ދޫކޮށްލާނަމެވެ.' އެކަލޭގެފާނު މިހެން ވިދާޅުވުމަށްފަހު، ކެތްމަދުވެފައިވާ އެކަލޭގެފާނުގެ ދަރިވަރުންނަށް އެކަލޭގެފާނުގެ ފުރަތަމަ ސުވާލު ހުށައަޅުއްވައިފިއެވެ. 'މި ދުނިޔޭގައި ތިމަންމެންނާއި އެންމެ ގާތުގައިވަނީ ކޮން އެއްޗެއްތޯއެވެ؟' އެކަލޭގެފާނު މިސުވާލު ކުރެއްވެވުމާއެކު އެ މަޖިލީހުގެ އެތަން މިތަނުން ޖަވާބުތައް އޮހެން ފަށައިފިއެވެ. ބައެއް ދަރިވަރުން ބުނަން ފަށައިފިއެވެ. 'އެއީ މައިންބަފައިންނެވެ. އެއީ އަނބިމީހާއެވެ. އެއީ ދަރިންނެވެ. އެއީ ހެޔޮލަފާ ރައްޓެހިންނެވެ.' މިހެންގޮސް ގުޅުންހުރި އެތައް ޖަވާބެއް އެކަލޭގެފާނަށް އެރުވިއްޖެއެވެ. ކުޑަ ހިނދު ކޮޅަކު ހަނު ހިމޭނުން އިންނެވުމަށްފަހު އެކަލޭގެފާނު ވިދާޅުވާން ފައްޓަވައިފިއެވެ. 'ތިޔަ ބޭކަލުންގެ ޖަވާބުތައް ރަނގަޅެވެ. ތިޔައިން އެއްވެސް ޖަވާބެއް ގޯހެއް ނޫނެވެ. އެކަމަކު އަހުރެންގެ ސުވާލުގެ ޙަޤީޤީ ޖަވާބަކީ މަރެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ސޫތަރުލް އާލު އިމްރާނުގެ ސަތޭކަ އަށްޑިހަފަސްވަނަ އާޔަތުގައި މިފަދައިން ވަހީ ކުރައްވާ މަރުގެ ވަޢުދުން ވަޢުދުކުރައްވާފައިވާ ކަމުންނެވެ. 'كُلُّ نَفۡسٍ ذَآئِقَةُ الۡمَوۡتِؕ وَاِنَّمَا تُوَفَّوۡنَ اُجُوۡرَكُمۡ يَوۡمَ الۡقِيٰمَةِؕ فَمَنۡ زُحۡزِحَ عَنِ النَّارِ وَاُدۡخِلَ الۡجَـنَّةَ فَقَدۡ فَازَؕ وَمَا الۡحَيٰوةُ الدُّنۡيَاۤ اِلَّا مَتَاعُ الۡغُرُوۡرِ‏.' މި އާޔަތުގެ މައުނައިގާވަނީ މިފަދައިން ނޫންހެއްޔެވެ؟ 'ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ.' އެހެނަސް އެކަމަށް ކަނޑައެޅިފައިވާ ވަގުތު އެއްވެސް އިންސާނަކަށް ނޭނގޭކަމުން، އެއީ އަހުރެމެންނާއި އެންމެ ގާތުގައިވާ ކަންތައްކަމުގައި ބަލަންވާނެއެވެ.'

ފުރަތަމަ ސުވާލުގެ ޖަވާބު އެކަލޭގެފާނުގެ ދަރިވަރުންނަށް އެރުވުމަށްފަހު، އެކަލޭގެފާނުގެ ދެވަނަ ސުވާލު އެބޭކަލުންނަށް އިއްވަވައިދެއްވައިފިއެވެ. 'މި ދުނިޔޭގައި ތިމަންމެންނާއި އެންމެ ދުރުގައިވަނީ ކޮން އެއްޗެއްތޯއެވެ؟' އެކަލޭގެފާނުގެ ދެވަނަ ސުވާލު ހުށަހެޅުއްވުމާއެކު، އެކަލޭގެފާނުގެ ދަރިވަރުން އެ ސުވާލުގެ މައްޗަށް ބުއްދިކުރަންފަށައިފިއެވެ. އިސާހިތަކު މުޅި އެ މަޖިލީހުގެ އެތަން މިތަނުން އެކަލޭގެފާނުގެ ދެވަނަ ސުވާލަށް އިންސާފުކުރުމަށްޓަކައި ޖަވާބުތައް އޮއްސަން ފަށައިފިއެވެ. އެ މަޖިހުގައި ޙާޟިރުވެ ތިބި ދަރިވަރުން ބުނަން ފަށައިފިއެވެ. 'އެއީ އިރެވެ. ނުވަތަ ހަނދެވެ. ނުވަތަ ދުރުގައިވާ ތަރިތަކެވެ.' ބައެއް ދަރިވަރުންގެ ވިސްނުމުގައި އެއީ ސީނުކަރަ ފަދަ ދުނިޔޭގެ ދުރު ތަނޑީގައިވާ ޤައުމުތަކެވެ. އިމާމު އަލް ޣަޒާލީ މިއިން އެއްވެސް ދަރިވަރެއްގެ ޖަވާބު ނަފީއެއް ނުކުރައްވައެވެ. އެކަލޭގެފާނު އެ ދަރިވަރުންނަށް ނިސްބަތްކޮށް ދިވާޅުވިއެވެ. 'ތިޔަ ހުރިހާ ޖަވާބެއްވެސް ރަނގަޅެވެ. ތިޔަ ހުރިހާ ޖަވާބަކީވެސް އެ ބޭކަލެއްގެ ސިކުނޑީގައި ސުވާލު ވަޒަންކުރެއްވުނު ގޮތަށް ދެއްވާފައިވާ ޖަވާބުތަކެވެ. އެހެނަސް އަޑުއަހާށެވެ. ބުއްދިވެރިޔާގެ ނަޒަރުގައި އަހުރެންގެ މިސުވާލުގެ ޖަވާބަކީ މާޒީއެވެ. އެއީ ކޮންމެ ފަދަ އިންސާނަކު ކަމުގައިވިޔަސް، އެއީ ކޮންމެފަދަ ސަވާރީއެއްގެ މަދަދުގައިކަމުގައި ވިޔަސް، އަހުރެމެންނަށް އެނބުރި ވަގުތުގެ މާޒީއަށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، އަހުރެމެންނާއި ގާތުގައިވާ މިއަދާއި މާދަމާގައި ހެޔޮ ޢަމަލުތައް ޤާއިމްކުރުމަށްވުރެ މޮޅު ގޮތެއް އެބައޮތްތޯއެވެ؟'

ކުޑަ ހިނދުކޮޅެއްގެ މެދުކެނޑުމަކަށްފަހު، އެކަލޭގެފާނުގެ ތިންވަނަ ސުވާލު އެ މަޖިލީހުގެ ޙާޟީރީންނަށް ހުށައަޅުއްވައިފިއެވެ. 'މިދުނިޔޭގައިވާ އެންމެ ބޮޑު އެއްޗަކީ ކޮބައިތޯއެވެ؟' އެކަލޭގެފާނު މި ސުވާލު ހުށައެޅުއްވުމާއެކު ދަރިވަރުންގެ މެދުގައި ތަފާތު ކުދި ސައްލާތައް ހިނގަންފަށައިފިއެވެ. އެކަލޭގެފާނުގެ ސުވާލަށް އެންމެ އެކަށޭނެ ޖަވާބު އެރުވުމުގެ ގޮތުންނެވެ. މިގޮތުގައި ހިނދުކޮޅެއް ވޭތުވުމަށްފަހު، ދަރިވަރުންގެ ޖަވާބުތައް އެކަލޭގެފާނުގެ ޙާޟިރަށް އޮއްސަންފަށައިފިއެވެ. ބައެއް ދަރިވަރުން ބުންޏެވެ. 'އެއީ ފަރުބަދައެވެ. ނުވަތަ އެއީ ދުނިޔޭގެ ނިޒާމުގައި ނަމަ އިރެވެ.' ދަރިވަރުންގެ މިފަދަ ޖަވާބުތައް ކެތްތެރިކަމާއެކު އެކަލޭގެފާނު އަޑު އައްސަވަމުންގެންދެވިއެވެ. އެއަށް ފަހު އެކަލޭގެފާނުގެ ދަރިވަރުންނަށް ނިސްބަތްކުރައްވާ ތިން ވަނަ ސުވާލުގެ ޖަވާބު ދެއްވަންފައްޓަވައިފިއެވެ. 'ތިޔައިން އެއްވެސް ޖަވާބެއްގައި ގޯހެއް ނުވެއެވެ. ދުނިޔެވީ ނަޒަރަކުން ވިސްނައިފިނަމަ ތިޔައީ އެންމެ ރަނގަޅު ޖަވާބުތަކެވެ. އެހެނަސް ތިޔައީ އަހުރެންގެ ސުވާލަށް އެންމެ އެކަށޭނެ ޖަވާބުތަކެއް ނޫނެވެ. ކަނުލާ އަޑުއަހާށެވެ. އަހުރެންގެ ތިންވަނަ ސުވާލުގެ ޖަވާބަކީ އިންސާނީ އެދުމެވެ. އަހުރެމެން ވާންވާނީ ނަފްސުގެ އެދުންތަކުގެ މައްޗަށް ފާރަވެރިވެގެންވާ ބަޔަކުކަމުގައެވެ. ސޫރަތުލް ޢަޢުރާފުގެ ސަތޭކަ ހަތްދިހަ ނުވަވަނަ އާޔަތުގައިވޭ ނޫންހެއްޔެވެ. وَلَـقَدۡ ذَرَاۡنَا لِجَـهَنَّمَ كَثِيۡرًا مِّنَ الۡجِنِّ وَالۡاِنۡسِ ۖ لَهُمۡ قُلُوۡبٌ لَّا يَفۡقَهُوۡنَ بِهَا  وَلَهُمۡ اَعۡيُنٌ لَّا يُبۡصِرُوۡنَ بِهَا  وَلَهُمۡ اٰذَانٌ لَّا يَسۡمَعُوۡنَ بِهَا ؕ اُولٰۤـئِكَ كَالۡاَنۡعَامِ بَلۡ هُمۡ اَضَلُّ ؕ اُولٰۤـئِكَ هُمُ الۡغٰفِلُوۡنَ‏. މި އާޔަތުގައި މައުނައިގާ މިފައިން ނުވޭހެއްޔެވެ؟ 'ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކަޔައްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން ޙައްޤުގޮތް ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން ޙައްޤުމަގު ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން ޙައްޤު އަޑު ނާހާ ކަންފަތްތަކެއްވެސް އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ، އެ ތަކެއްޗަށްވުރެވެސް އެއުރެން މަގުފުރެދުން ބޮޑެވެ. އެއުރެންނަކީ ހަމަ ޣާފިލުވެގެންވާ ބައެކެވެ.'

ދަރިވަރުންގެ ވިސްނުންހުރި ދިމާ ވަޒަންކުރެއްވުމުގެ ގޮތުން އެކަލޭގެފާނުގެ ހަތަރުވަނަ ސުވާލު އެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ. 'މި ދުނިޔޭގައިވާ އެންމެ ބަރު އެއްޗަކީ ކޮބައިތޯއެވެ؟' އެކަލޭގެފާނުގެ ދަރިވަރުން އިހުނަށްވުރެ ބޮޑަށް ސަމާލުވެ، އެކަލޭގެފާނުގެ ސުވާލުގެ މުރާދާއިމެދު ވިސްނަންފަށައިފިއެވެ. ދުނިޔަވީ ވިސްނުމުގައި ދަރިވަރުން އެބައިމީހުންގެ ޖަވާބުތައް އެކަލޭގެފާނުގެ ކުރިފުޅު މައްޗަށް ބަންޑުން ހަޖަންފަށައިފިއެވެ. ބައެއް ދަރިވަރުންގެ ނަޒަރުގައި އެއީ 'އެތެވެ. ނުވަތަ ދަނގަޑެވެ. ނުވަތަ އެކަތައެވެ.' އެކަލޭގެފާނުގެ ދަރިވަރުންގެ ޖަވާބުތައް ހުސްވުމާއެކު، އަލް އިމާމުލް ޣަޒާލީ ރަޙިމަހުﷲ ވިދާޅުވިއެވެ. 'އާއެކެވެ. ތިޔައީ ހައްތަހާވެސް ތެދެވެ. އެހެނަސް އަހުރެން އުންމީދުކޮށްގެން ހުރި ޖަވާބަކީ ތިޔައެއްނޫނެއެވެ. އެއީ އިތުބާރުގެ ބަރެވެ. ﷲ ތަޢާލާގެ މަޚްލޫޤުންކުރެ ގަސްގަހާގެއްސާއި، ޖަނަވާރުންނާއި ފަރުބަދަތަކަށްވެސް މި ބިމުގައި ޚަލީފާއިންކަމުގައި ވުމަށް އޮތް އިތުބާރުގެ ބުރަ އިޙުސާސްކުރެއެވެ. އެހެނަސް މި އިންސާނާ އޭނާގެ ބޮޑާކަމާއި ހައިބަތަށްޓަކައި އެކަމަށް އަވަސްވެގަނެއެވެ. އެކަމުގައިވާ އަމާނާތްތެރިކަމުގެ ބުރަ އިޙުސާސްކުރުމެއްނެތިއެވެ. އެކަމުގައި އޭނާ އެތައް ބައެއްގެ އަމާނާތަށް ޚިޔާނާތްތެރިވެ، އެތައް ބައެއްގެ ޙައްޤުތައް ނިގުޅައިގަނެ، އެތައް ބައެއްގެ އިތުބާރު ކަނޑާ، އޭނާގެ ނަފްސު ޖަހަންނަމައަށް ހުށައަޅައެވެ. ސޫރަތުލް އަޙްޒާބުގެ ހަތްދިހަ ދެވަނަ އާޔަތުގައި ﷲ ތަޢާލާ މިފަދައިން ވަޙީ ނުކުރައްވާ ހެއްޔެވެ؟ 'اِنَّا عَرَضۡنَا الۡاَمَانَةَ عَلَى السَّمٰوٰتِ وَالۡاَرۡضِ وَالۡجِبَالِ فَاَبَيۡنَ اَنۡ يَّحۡمِلۡنَهَا وَاَشۡفَقۡنَ مِنۡهَا وَ حَمَلَهَا الۡاِنۡسَانُؕ اِنَّهٗ كَانَ ظَلُوۡمًا جَهُوۡلًا ۙ.' މިއާޔަތުގައި ބަޔާންކުރައްވާފައިވާ 'އަމާނަތު'ގެ މާނައަކީ ޚިލާފަތުގެ ބުރަކަން ނޫން ހެއްޔެވެ؟ މިކަމުގައި މުސްލިމުތަކުންނަށް ޢިބުރަތްތައް ނުވޭ ހެއްޔެވެ؟'

ގިނައިރުތަކެއްނުވެއެވެ. އެކަލޭގެފާނުގެ ފަސްވަނަ ސުވާލު އެ ޢިލްމީ މަޖިލީހަށް ހުށައެޅިގެން ހިނގައްޖެއެވެ. 'މި ދުނިޔޭގައިވާ އެންމެ ލުއި ނުވަތަ ފަސޭހަ އެއްޗަކީ ކޮބައިތޯއެވެ؟' އެކަލޭގެފާނަކީ ގިނަ ފަންނުގައި އަރާ ހުންނެވި އުސްތާޛެއްކަމުން، ދަރިވަރުންނަށް ޖަވާބާއިމެދު ވިސްނައިގަންނާކަށް ފަސޭހައެއްނުވިއެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު، މަޖިލީހުގެ އެކި ދިމަދިމާއިން ޖަވާބުތައް އަންނާން ފަށައިފިއެވެ. އެކި ދަރިވަރުންގެ ޖަބާތުއް ތަފާތެވެ. ބައެއް ޖަވާބުތައް އައި މިފަދައިންނެވެ. 'އެއީ ކަފައެވެ. ނުވަތަ އެއީ ހިރަފުހެވެ. ނުވަތަ އެއީ ވައެވެ.' ދަރިވަރުންގެ ޖަވާބުތަކުގެ މިސްރާބުގައިވާނީ މާއްދިއްޔަތުކަން ވިސްނިވަޑައިގެން އެކަލޭގެފާނު ވިދާޅުވިއެވެ. 'ހައްތަހާވެސް ރަނގަޅު ޖަވާބެވެ. އޭ ބޭކަލުންނޭވެ. އެހެނަސް އަޑުއަހާށެވެ. އެއީ ނަމާދު އެޅުމެވެ. މީސްތަކުން އެބައެއްގެ ކަންތައްތަކާއި ވިޔަފާރިއާއި ދިރިއުޅުމުގެ ކަންކަމުގައި މަސްޢޫލުގެ ނަމާދުގެ މަތިން ހަނދުމަނެތިކޮށް، ނުވަތަ ދެތުމުގައި ނަމާދު ވަގުތުން ފަސްކޮށް ހެދުމަކީ ނުހަނު ފަސޭހައިންކުރެވޭ ކަމެކެވެ. ބުރަ ކަމަކީ އެކަމުގައި ދެމި ހުރުމެވެ. ވަގުތުގައި ނަމާދު އަދާކުރުމެވެ. އޭ ބޭކަލުންނޭވެ. ނަމާދަށް ރައްކާތެރިވާށެވެ.'

އަލް އިމާމުލް ޣަޒާލީ ރަޙިމަހުﷲ އެކަލޭގެފާނުގެ ފަހުގެ ސުވާލު، އާދެ ހަވަނަ ސުވާލު އެކަލޭގެފާނުގެ ދަރިވަރުންގެ ޖަމާޢަތަށް ދޫކުރައްވައިފިއެވެ. 'އޭ ބޭކަލުންނޭވެ. އަޑުއަހާށެވެ. އަހުރެންގެ ހަވަނަ ސުވާލަކީމިއެވެ. ދުނިޔޭގައިވާ އެންމެ ތޫނު އެއްޗަކީ ކޮބައިތޯއެވެ؟' އަލް އިމާމުލް ޣަޒާލީ ރަޙިމަހުﷲ މި ސުވާލު އެކަލޭގެފާނުގެ ދަރިވަރުންގެ ތެރެއަށް ދޫކުރެއްވުމާއެކު މުޅި މަޖިލީހުގެ ތެރޭގައި މަޝްވަރާގެ ސައްލާތައް ހިނގަންފަށައިފިއެވެ. އެކަލޭގެފާނުގެ ސުވާލުގެ ޖަވާބު އެރުވުމަށްޓަކައެވެ. ދަރިވަރުންގެ ކުޅަދާނަ ސިކުނޑިތަކުން ތަފާތު ޙާޟިރު ޖަވާބުތައް އަރުވަމުންދަނީއެވެ. 'އެއީ ކަނޑިއާއި ވަޅިއެވެ.' އެކަލޭގެފާނުގެ ވިސްނުންފުޅުގައި މިއިން އެއްވެސް ޖަވާބެއް އޭގެ ޒާތުގައި ގޯހެއްނޫނެވެ. އެކަލޭގެފަނު ވިދާޅުވިއެވެ. 'ތިޔަ ބޭކަލުންގެ ޖަވާބުތައް ރަނގަޅެވެ. އެހެނަސް އެންމެ އައުލާކަން ބޮޑު ޖަވާބަކީ އިންސާނާގެ ދުލެވެ. އިންސާނާގެ ދުލުގެ ތޫނުކަމުން އެތައް ހިތަކާއި ބަޔަކު ޒަޚަމުކުރެއެވެ. ދެތުމާއި ނުދެތުމުގައެވެ. އެއިން ފަސޭހަނުވާނޭ އެތަކެއް ޒަޚަމުތަކެއް މިސްތަކުންގެ ހިތަތަކުގައި ލައްވާލައެވެ.'

ނޯޓު: އަލް އިމާމުލް ޣަޒާލީގެ ފަރާތްޕުޅުން އައިސްފައިވާ މިހާދިޘާއިން ގިނަގުނަ ޢިބުރަތްތައް ހާސިލުވެއެވެ. 'އިންސާނާގެ ހިތުގެ ދިރުމަކީ ޢިލްމެވެ. އެހެންކަމުން އެއަށް ރައްކާތެރިވާށެވެ. ޢިލްމުގެ ދިރުމާނުލާ އިންސާނާގެ ހިތް މަރުވެދެއެވެ. ޖާހިލުކަމުގެ ތެރެއަށެވެ. އަޅުގަނޑުމެނަށް އެންމެ ފައިދާ ހުރި ގޮތަކީ ޢިލްމަށް އޭގެ ޚާއްސަ މަޤާމު ދިނުމެވެ. އެ އުނގެނުމެވެ. އެ ފެތުރުމެވެ. އަހުރެންގެ މި ނަސޭހަތް ތިޔަބައިމީހުންނަށް ފުދިގެންވެއެވެ. މިއަށް ޢަމަލުކުރާށެވެ.' – އަލް އިމާމުލް ޣަޒާލީ ރަޙިމަހުﷲގެ މި ބަސްފުޅު މި ދަރުސްގެ ޢިބުރަތަކަށް ފުދިގެންވެއެވެ.

މި ތަރުޖަމާގައި މަޢުލޫމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވާށެވެ.

މަސްދަރު: ވަޓްޕެޑް / ޒަކަރީ މުޙައްމަދު

ތަރުޖަމާ: ޙަސަން ޣައްސާން

ކޮމެންޓް

AHMED RASHEED

ޖަޒާކަﷲޚައިރް. ވަރަށް ފައިދާ ކުރުވި އާޓިކަލްއެއް.

ގުޅޭ ލިޔުންތައް