ކީރިތި ޤުރުއާމަކީ ދެމިގެންވާ މުޢުޖިޒާތެއްކަމުގައި އަޅުގަނޑުމެން މުސްލިމުތަކުން ޤަބޫލުކުރަމެވެ. އެއީ އެ ޤުރުއާނުގެ މައްޗަށް އެފަދަ އެންމެ ސޫރަތެއްވެސް، އަދި ކިއެއްތަ އެފަދަ އެންމެ އާޔަތެއްވެސް މުޅި އިންސާނީ ނަސްލާއި ޖިންނީންގެ ދަރިފަސްކޮޅު އެކުވެ މަސައްކަތްކުޅަ ނަމަވެސް ގެނެސްގަތުމަށް ކުޅަދާނަވެގެން ނުވާނޭކަމުގައި ކީރިތި ޤުރުއާނުގައި މީގެ ސާދަސަތޭކެ އެތައް އަހަރެއް ކުރިން ކީރިތިވަންތަ ﷲ އެކަލާނގެ ޚަލްޤުތަކުންނަށް ގޮންޖައްސަވާފައިވުމުންނެވެ. އެކަލާނގެ އެ ޤުރުއާން ރައްކާތެރި ކުރައްވާނޭ ކަމުގެ ވަޢުދުގެ ބަސްފުޅު ވަޙީކުރައްވާފައިވާ ކަމުންނެވެ. އެ ޤުރުއާނުގައި ވާ އިލާހީ ބަސްފުޅުތައް ބަދަލުނވާނޭކަމުގައި އަންގަވާފައިވުމުންނެވެ.
ކޮންމެ އަކަސް ކީރިތި ޤުރުއާނުގެ ކޮންމެ ކަމެއްގައިވެސް ވަނީ އާދަޔާޚިލާފު ކަންތައްތަކެވެ. އުސްލޫބާއި އެމުނި އެކުލެވުންތަކެވެ. މާޒީއާއި މުސްތަޤުބަލުގެ ވާހަކަތަކުންނެވެ. އެ ޤުރުއާނުގެ މައްޗަށް ފުންކޮށް ވިސްނައިފިނަމަ ފެންނަން އޮތްއަނެއް ޙަޤީޤަތަކީ ކީރިތި ޤުރުއާނަކީ ދިރިއުޅުމުގެ ނިޒާމަށް މަގު ދައްކައިދޭ ބައްތިއެއްކަމެވެ. ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ ޙިދާޔަތެއްގެ ގޮތުގައި މީސްތަކުންނަށް ބާވާލެއްވި އެ ޤުރުއާނުގައި މީސްތަކުންނަށްވާ 99 އަމުރުފުޅެއްވެއެވެ. އެއީ އެކަންތައްތަކުގެ މައްޗަށް އިސްލާމީ ދިރިއުޅުން ތަރުތީބުވެގެންވާ 99 އަމުރުފުޅެވެ. ކޮންމެ މުސްލިމަކުވެސް މި 99 އަމުރުފުޅުގައި ހިފުން މަޖުބޫރުވެގެންވެއެވެ. އެ 99 އަމުރުފުޅަކީ އިސްލާމީ ފުރިހަމަ ދިރިއުޅުމެއްގެ ރީތި ވާހަކައެއް ފަދައެވެ. ނިކަން އަޑު އަހާލާށެވެ.
1- ވާހަކަ ދެއްކުމުގައި ރުންކުރުވެ ހަރުކަށިނުވާށެވެ.
ސޫރަތުލް އާލު އިމްރާނުގެ 159 ވަނަ އާޔަތް
2- ރުޅި ތިމާގެ ބުއްދީގެ ދަށުގައި މައިތިކުރާށެވެ.
ސޫރަތުލް އާލު އިމްރާނުގެ 134 ވަނަ އާޔަތް
3- މީސްތަކުންނަށް ހެޔޮކޮށް ހިތާށެވެ.
ސޫރަތުއް ނިސާގެ 36 ވަނަ އާޔަތް
4- ބޮޑާވެގަތުމުން އެއްކިބާވާށެވެ.
ސޫރަތުލް ޢަޢުރާފުގެ 13 ވަނަ އާޔަތް
5- މިސްތަކުންނަށް މަޢާފުކުރަށެވެ
ސޫރަތުލް ޢަޢުރާފުގެ 199 ވަނަ އާޔަތް
6- މަޑުމައިތިރިކަމާއެކު މީސްތަކުންނާއި މުޚާތަބުކުރަށެވެ.
ސޫރަތުއް ޠާހާގެ 44 ވަނަ އާޔަތް
7- ތިބާގެ އަޑު މަޑުކުރާށެވެ.
ސޫރަތުއް ލުޤުމާނުގެ 19 ވަނަ އާޔަތް
8- މީސްތަކުންނަށް ފުރައްސާރަ ނުކުރާށެވެ
ސޫރަތުލް ޙުޖުރާތުގެ 11 ވަނަ އާޔަތް
9- މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ.
ސޫރަތުލް އިސްރާގެ 23 ވަނަ އާޔަތް
10- މައިންބަފައިންނަށް ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ.
ސޫރަތުލް އިސްރާގެ 23 ވަނަ އާޔަތް
11- މައިންބަފައިންގެ ޚާއްސަވެގެންވާ ތަންތަނަށް އެދެމައިންގެ ހުއްދައަކާނުލާ ނުވަންނާށެވެ.
ސޫރަތު އައްނޫރުގެ 58 ވަނަ އާޔަތް
12- ތިމާގެ ދަރަނިތައް ލިޔެ ސާބިތުކުރާށެވެ.
ސޫރަތުލް ބަޤަރާގެ 282 ވަނަ އާޔަތް
13- ކަނު ލޯތްބާއެކު އެއްވެސް މީހަކަށް ތަބާވުމެއްނުވެއެވެ.
ސޫރަތުލް ބަޤަރާގެ 170 ވަނަ އާޔަތް
14- ދަރަނިވެރިޔާވަނީ އުނގަދޫ ހާލަތެއްގައި ނަމަ، އޭނާއަށް އިތުރު ވަގުތު ދޭށެވެ.
ސޫރަތުލް ބަޤަރާގެ 280 ވަނަ އާޔަތް
15- ރިބާ އިން ކައިނުއުޅޭށެވެ.
ސޫރަތުލް ބަޤަރާގެ 275 ވަނަ އާޔަތް
16- ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމެއްވެސް ނުވެއެވެ.
ސޫރަތުލް ބަޤަރާގެ 188 ވަނަ އާޔަތް
17- ވަޢުދަށް ޙުރުމަތްތެރިކޮށް ހިތާށެވެ.
ސޫތަރުލް ބަޤަރާގެ 177 ވަނަ އާޔަތް
18- މުޢާމަލާތްތަކުގައި އިތުބާރު ދަމަހައްޓާށެވެ.
ސޫރަތުލް ބަޤަރާގެ 183 ވަނަ އާޔަތް
19- ޙައްޤާއި ބާޠިލް އޮޅުވައިނުލާށެވެ.
ސޫރަތުލް ބަޤަރާގެ 42 ވަނަ އާޔަތް
20- މީސްތަކުންގެ މެދުގައި ޢަދުލުވެރިކަމާއެކު ޙުކުމްކުރާށެވެ.
ސޫރަތުއް ނިސާގެ 58 ވަނަ އާޔަތް
21- ޢަދުލު އިންސާފު ޤާއިމްކުރުމުގައި ދެމިތިބޭށެވެ.
ސޫތަރުއް ނިސާގެ 135 ވަނަ އާޔަތް
22- ވާތުރަ މުދާ ބެހުންވަނީ ވާރިޘުންގެ މެދުގައެވެ.
ސޫރަތުއް ނިސާގެ 7 ވަނަ އާޔަތް
23- ވާރުތަ މުދަލުން އަންހެނުންނަށް ޙައްޤުވެގެންވެއެވެ.
ސޫރަތުއް ނިސާގެ 7 ވަނަ އާޔަތް
24- ޔަތީމުންގެ މުދަލުން ކައި ނޫޅޭށެވެ. އެއަށް ރައްކާތެރިވާށެވެ.
ސޫރަތުއް ސިނާގެ 10 ވަނަ އާޔަތް
25- ޔަތީމުންނަށް ރައްކާތެރިވާށެވެ.
ސޫރަތުލް ބަޤަރާގެ 220 ވަނަ އާޔަތް
26- އިންސާފުން ބޭރުން އެކެއް އަނެކެއްގެ މުދަލަށް އަރައި ނުގަންނާށެވެ.
ސޫރަތުއް ނިސާގެ 29 ވަނަ އާޔަތް
27- މީސްތަކުންގެ މެދުގައި ޞުލްޙައަށް މަސައްކަތް ކުރާށެވެ.
ސޫރަތުލް ޙުޖުރާތުގެ 9 ވަނަ އާޔަތް
28- ކުށް ހީތަކުން ދުރުވެގަންނާށެވެ.
ސޫރަތުލް ޙިޖުރާތުގެ 12 ވަނަ އާޔަތް
29- މީސްތަކުންނަށް ފާރަލާ ޢީބަބުނެ ނުހަދާށެވެ.
ސޫރަތުލް ބަޤަރާގެ 283 ވަނަ އާޔަތް
30- ޖާސޫސްނުކުރާށެވެ. ނުވަތަ ޢީބަވެސް ނުބުނާށެވެ.
ސޫރަތުލް ޙުޖުރާތުގެ 12 ވަނަ އާޔަތް
31- މުދަލުން ޞަދަޤާތްދީ އުޅޭށެވެ.
ސޫރަތުލް ޙަދީދުގެ 7 ވަނަ އާޔަތް
32- މިސްކީނުންނަށް ކާންދިނުމަށް ބާރުއަޅާށެވެ.
ސޫރަތުލް މާޢޫންގެ 3 ވަނަ އާޔަތް
33- ބޭނުން ޖެހިފައިވާ މީސްތަކުން ހޯދާ، އެބައިމީހުންނަށް އެހީތެރިވާށެވެ.
ސޫރަތުލް ބަޤަރާގެ 273 ވަނަ އަޔަތް
34- މުދަލުން ބޭކާރުގޮތުގައި ހޭދަކޮށް ނޫޅޭށެވެ.
ސޫރަތުލް އިސްރާގެ 29 ވަނަ އާޔަތް
35- ކަލަގޮވުމުން ތިޔަ ބައިމީހުންގެ ޞަދަޤާތްތައް ބާޠިލްނުކުރާށެވެ.
ސޫރަތުލް ބަޤަރާގެ 264 ވަނަ އާޔަތް
36- މެހުމާނުންނަށް ކަމޭހިތާށެވެ.
ސޫރަތުލް އައްދާރިޔަ ގެ 26 ވަނަ އާޔަތް
37- މީސްތަކުންނަށް ހެޔޮކަންކަމަށް ޢަމަލުކުރަންވާނީ ތިމާ އެކަންކަމުގައި ފުރިހަމައަށް ހިފުމާއެކުގައެވެ.
ސޫރަތުލް ބަޤަރާގެ 44 ވަނަ އާޔަތް
38- ބިމުގައި ފަސާދަ ނުކުރާށެވެ.
ސޫރަތުލް ބަޤަރާގެ 60 ވަނަ އާޔަތް
39- މީސްތަކުން މިސްކިތްތަކަށް ވަނުމުން މަނާ ނުކުރާށެވެ.
ސޫރަތުލް ބަޤަރާގެ 114 ވަނަ އާޔަތް
40- ހަނގުރާމަ ވެވުން އޮތީ ހަމައެކަނި ހަނގުރާމަ ކުރާ މީހުންނާއެވެ.
ސޫރަތުލް ބަޤަރާގެ 190 ވަނަ އާޔަތް
41- ހަނގުރާމައިގެ ޣާނީމާ ހުއްދަވެގެންވެއެވެ.
ސޫރަތުލް ބަޤަރާގެ 191 ވަނަ އާޔަތް
42- ހަނގުރާމައިގާ ފުރަގަސްދީ ފިލަން ދުވަން ދިއުމެއްނުވެއެވެ.
ސޫރަތުލް އަންފާލުގެ 15 ވަނަ އާޔަތް
43- ދީނަށް ވެއްދުމުގައި މަޖުބޫރުކުރުމެއް ނުވެއެވެ.
ސޫރަތުލް ބަޤަރާގެ 256 ވަނަ އާޔަތް
44- އެންމެހާ ރަސޫލުންނާއި ނަބިއްޔުންނަށް އީމާންވާންޖެހެއެވެ.
ސޫރަތުލް ބަޤަރާގެ 285 ވަނަ އާޔަތް
45- އަންހެނާ ޙައިޟުގެ ހާލުގައި ވަނިކޮށް އެއްދާން ނުކުރާށެވެ.
ސޫރަތުލް ބަޤަރާގެ 222 ވަނަ އާޔަތް
46- ކުޑަ ކުއްޖާ ދެ އަހަރަށް ދިއުމާ ގާތަށް މައިންގެ ގާތުން ކިރު ދޭށެވެ.
ސޫރަތުލް ބަޤަރާގެ 233 ވަނަ އާޔަތް
47- ޒިނޭއާ ގާތްވާން ހިތަސްވެސް ނާރުވާށެވެ.
ސޫރަތުލް އިސްރާގެ 32 ވަނަ އާޔަތް
48- ތިޔަބައިމީހުންގެ މައްޗަށް ވެރިންކަމުގައި ޢިލްމުވެރިން ޚިޔާރުކުރާށެވެ.
ސޫރަތުލް ބަޤަރާގެ 247 ވަނަ އާޔަތް
49- އެއްވެސް މީހަކަށް ކުޅަދާނަވެގެންނުވާ މިންވަރަށް އޭނާގެ މައްޗަށް ތަކުލީފު ނުޖައްސާށެވެ.
ސޫރަތުލް ބަޤަރާގެ 286 ވަނަ އާޔަތް
50- ވަކިވަކިވެ ނުގަންނާށެވެ.
ސޫރަތުލް އާލު އިމްރާނުގެ 103 ވަނަ އާޔަތް
51- ކާއިނާތުގައި ޚަލުޤުކުރެއްވޮގެންވާ އެންމެހާ ކަންތައްތަކާއި މެދު ފުންކޮށް ވިސްނާ ފިކުރު ހިންގާށެވެ.
ސޫރަތުލް އާލު އިމްރާނުގެ 191 ވަނަ އާޔަތް
52- ޢަމަލުތަކަށް ޖަޒާދެއްވުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަވެގެންވެއެވެ.
ސޫރަތުލް އާލު އިމްރާނުގެ 195 ވަނަ އާޔަތް
53- ލޭގެ ގުޅުމުގެ ތެރެއިންވާ މީސްތަކުންނާއި ކައިވެނި ނުކުރަށެވެ.
ސޫރަތުއް ނިސާގެ 23 ވަނަ އާޔަތް
54- ޢާއިލާގެ އެންމެ އިސް ފަރާތަކީ ފިރިހެންމީހާއެވެ.
ސޫރަތުއް ނިސާގެ 34 ވަނަ އާޔަތް
55- ދަހި މީހަކު ކަމުގައިނުވާށެވެ.
ސޫރަތުއް ނިސާގެ 37 ވަނަ އާޔަތް
56- ހަސަދަވެރިވެ ނުގަންނާށެވެ.
ސޫރަތުއް ނިސާގެ 54 ވަނަ އާޔަތް
57- މީސްތަކުން އެކަކު އަނެކަކު ޤަތުލު ނުކުރަށެވެ.
ސޫރަތުއް ނިސާގެ 92 ވަނަ އާޔަތް
58- ޚިޔާނާތްތެރިވެ އެކަމަށް ވާގިވެރިވާ މީހަކުކަމުގައި ނުވާށެވެ.
ސޫރަތުއް ނިސާގެ 105 ވަނަ އާޔަތް
59- މީސްތަކުންގެ މައްޗަށް އަނިޔާވެރިވުމާއި ފާފަކުރުމުގައި އެކަނު އަނެކަކުގެ މައްޗަށް ވާގިވެރި ނުވާށެވެ.
ސޫރަތުލް މާއިދާގެ 2 ވަނަ އާޔަތް
60- ހެޔޮ ކަންތައްތައްކޮށް ތަޤުވާވެރިވުމުގެ މައްޗަށް އެކަކު އަނެކަކުގެ މައްޗަށް ބާރު އަޅާށެވެ.
ސޫރަތުލް މާއިދަގެ 2 ވަނަ އާޔަތް
61- ގިނަ މީހުންވާ ފަރާތަކީ ނުވަތަ ޤަބޫލުކުރާގޮތަކީ ޙައްޤުކަމުގައި ނުވެދާނެއެވެ.
ސޫރަތުލް އަންޢާމްގެ 116 ވަނަ އާޔަތް
62- ހުރިހާ ކަމެއްގައިވެސް ޢަދުލުވެރިވާށެވެ.
ސޫރަތުލް މާއިދާގެ 8 ވަނަ އާޔަތް
63- ކުށްތަކަށް އަދަބު ދިނުންވަނީ އެކަންކަމުން ޢިބުރަތް ހާސިލްކުރުމަށެވެ.
ސޫރަތުލް މާއިދާގެ 38 ވަނަ އާޔަތް
64- ފާފަވެރި ބަސްތައް ބުނުމާއި ޢަމަލުކުރުން މަނާކުރާށެވެ.
ސޫރަތުލް މާއިދާގެ 63 ވަނަ އާޔަތް
65- މުޅަމަހާއި، ލެޔާއި އޫރުގެ މަސް ހަރާމްވެގެންވެއެވެ.
ސޫރަތުލް މާއިދާގެ 3 ވަނަ އާޔަތް
66- ރަލާއި ބުއްދިއަށް އަންނާނޭ ފަދަ ތަކެތިން ރައްކާތެރިވާށެވެ.
ސޫރަތުލް މާއިދާގެ 90 ވަނަ އާޔަތް
67- ޖުވާ ނުކުޅޭށެވެ.
ސޫރަތުލް މާއިދާގެ 90 ވަނަ އާޔަތް
68- ﷲ ފިޔަވާ މީސްތަކުން އަޅުކަންކުރާ ތަކެއްޗެއް އެއްޗެހި ނުގޮވާށެވެ.
ސޫރަތުލް އަންޢާމްގެ 108 ވަނަ އާޔަތް
69- މިނެކިރުމުގައި މަކަރު ނުހަދާށެވެ.
ސޫރަތުލް އަންޢާމްގެ 152 ވަނަ އާޔަތް
70- ފުދޭ މިންވަރަށް ކައިބޮއި އުޅޭށެވެ. އިސްރާފުނުކުރާށެވެ.
ސޫރަތުލް ޢަޢުރާފްގެ 31 ވަނަ އާޔަތް
71- ނަމާދަށް ޒީނަތްތެރިވާށެވެ.
ސޫރަތުލް ޢަޢުރާފްގެ 31 ވަނަ އާޔަތް
72- ރައްކާތެރިކަމަށް އެދޭ މީހާއަށް ރައްކާތެރިކަން ފޯރުކޮށް އެހީތެރިވާށެވެ.
ސޫރަތުއް ތައުބާގެ 6 ވަނަ އާޔަތް
73- ޠާހިރުކަންމަތީ ހުންނާށެވެ.
ސޫރަތުއް ތައުބާގެ 108 ވަނަ އާޔަތް
74- ﷲގެ ރަޙްމަތުން މާޔޫސްނުވާށެވެ. އުންމީދު ކަނޑާނުލާށެވެ.
ސޫރަތުލް ޔޫސުފުގެ 87 ވަނަ އާޔަތް
75- ނުދެތުމުގައި ވެވޭ ފާފަތައް ﷲ ތަޢާލާ ޢަފޫ ކުރައްވައެވެ.
ސޫރަތު އަންނަޙްލްގެ 119 ވަނަ އާޔަތް
76- ދީނަށް ގޮވާލުމުގައި ޙިކުމަތާއި ރިވެތި އިރުޝާދުތައް ބޭނުންކުރާށެވެ.
ސޫރަތު އަންނަޙްލުގެ 125 ވަނަ އާޔަތް
77- ތިމާގެ ކުށަށް އަނެކާ ޒިންމާ ވުމެއްނުވެއެވެ.
ސޫރަތުލް އިސްރާގެ 15 ވަނަ އާޔަތް
78- ފަޤީރުކަމާއި ހައިހޫނުކަމުގެ ބަރަށް ދަރީން ނުމަރާށެވެ.
ސޫރަތުލް އިސްރާގެ 31 ވަނަ އާޔަތް
79- އެނގުމެއް ނުވާ ވާހަކައިން މީސްތަކުންގެ މެދުގައި ނުފަތުރާށެވެ.
ސޫރަތުލް އިސްރާގެ 36 ވަނަ އާޔަތް
80- ބޭކާރު ކަންތައްތަކާއި ވާހަކަތަކުން ދުރުވެގަންނާށެވެ.
ސޫރަތުލް މުއުމިނޫންގެ 3 ވަނަ އާޔަތް
81- ހުއްދަނެތި އަނެކާގެ ގެޔަށް ނުވަންނާށެވެ.
ސޫރަތުއް ނޫރުގެ 27 ވަނަ އާޔަތް
82- އެކަލާނގެއަށް އީމާންވާ އަޅުތަކުންނަށް އެކަލާނގެ ރައްކާތެރިކަން ދެއްވައެވެ.
ސޫރަތުއް ނޫރުގެ 55 ވަނަ އާޔަތް
83- މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާބިނގާވެ އުޅޭށެވެ.
ސޫރަތުލް ފުރުޤާނުގެ 63 ވަނަ އާޔަތް
84- ދުނިޔެއިން ތިބާއަސް ލިބެންވީ ބައިން ހަނދާންނައްތައިނުލާށެވެ.
ސޫރަތުލް ޤަޞަޞްގެ 77 ވަނަ އާޔަތް
85- އަޅުކަންކުރުމުގައި ﷲ ތަޢާލާއާއި އެހެން ފަރާތެއް ބާއިވެރި ނުކުރާށެވެ.
ސޫރަތުލް ޤަޞަޞްގެ 88 ވަނަ އާޔަތް
86- އެއްޖިންސުން ގުޅުން ނުހިންގާށެވެ.
ސޫރަތުލް ޢަންކަބޫތުގެ 29 ވަނަ އާޔަތް
87- ހެޔޮކަންތަކަށް އަމުރު ކުރާ މިސްތަކުންގެ ތެރެއިންވާށެވެ. ނުބައިކަންތައް ނަހީކުރާ މީސްތަކުންގެ ތެރެއިންވާށެވެ.
ސޫރަތުއް ލުޤުމާނުގެ 17 ވަނަ އާޔަތް
88- ބޮޑާވެގެންވާ ހާލު ބިމުގައި ނުހިނގާށެވެ.
ސޫރަތުއް ލުޤުމާނުގެ 18 ވަނަ އާޔަތް
89- އަންހެނުންނަށް ވަނީ ފަރުދާވެގެންވުމެވެ.
ސޫރަތުލް އަޙްޒާބުގެ 33 ވަނަ އާޔަތް
90- އެންމެހާ ކުށްތަކަށް ޢަފޫ ދެއްވުމަށް ﷲ ކުޅަދުންވަންތެއެވެ.
ސޫރަތު އައްޒުމަރުގެ 53 ވަނަ އާޔަތް
91- ﷲގެ ރަހްމަތުން އުންމީދު ކަނޑާލުމެއްނެތެވެ.
ސޫރަތު އައްޒުމަރުގެ 53 ވަނަ އާޔަތް
92- ހެޔޮ ޢަމަލުތަކުގެ ތެރެއިން ނުބައިކަންކަމާއި ދުރުވެގަންނާށެވެ.
ސޫރަތުލް ފުއްޞިލަތުގެ 34 ވަނަ އާޔަތް
93- މަޝްވަރާގެ މަތިން ކަންކަން ނިންމާށެވެ.
ސޫރަތުއް ޝޫރާގެ 38 ވަނަ އާޔަތް
94- އެންމެ މާތް މީހަކީ އެންމެ ތަޤުވާވެރި މީހާއެވެ
ސޫރަތުލް ޙުޖުރާތުގެ 13 ވަނަ އާޔަތް
95- ދުނިޔެއަޅާ ގޮސް އަޅުކަމުގައި ތިބުމެއްނުވެއެވެ.
ސޫރަތުލް ޙަދީދުގެ 27 ވަނަ އާޔަތް
96- ޢިލްމުވެރިންގެ ދަރަޖަ ﷲގެ ޙަޟުރަތުގައި އުފުއްލެވިގެންވެއެވެ.
ސޫރަތުލް މުޖާދިލައިގެ 11 ވަނަ އާޔަތް
97- މުސްރިކުންނާއިމެދުވެސް ކަންތައްތައް ހިންގަންވާނީ އޯގާތެރިކަމާއި އިންސާފިވެރިކަމާއެކުގައެވެ.
ސޫރަތުލް މުމްތަޙާނާގެ 8 ވަނަ އާޔަތް
98- ނަފްސުގެ މައްޗަށްވާ ދަހިވެތިކަމުން ރައްކާތެރިވާށެވެ.
ސޫރަތުއް ތަޣާބުންގެ 16 ވަނަ އާޔަތް
99- ފާފާ ފުއްސެވުން އެދި ގިނަގިނައިން ދަންވާށެވެ. އެއީ ރަޙްމާނުވަންތަ ރަޙީމުވަންތަ ރަސްކަލާނގެއެވެ.
ސޫރަތުލް މުޒަންމިލްގެ 20 ވަނަ އާޔަތް
ނޯޓު: ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ މި 99 އަމުރުފުޅާކީ އެކަންކަމުގެ މައްޗަށް އަޅުގަނޑުމެންގެ ދިރިއުޅުން ބާއްޖަވެރިވެ، އާޚިރަތް މުއްސަނދިވެ، ﷲ ތަޢާލާގެ ރުއްސެވުން މިލްކުވެގެންދާނެ ކަންކަމެވެ. ކީރިތި ޤުރުއާނުން ނެގޭ މިހިތްގައިމު ދިރުއުޅުމުގެ ވާހަކައަކީ ޢިބުރަތުން ފުރިގެންވާ، ދިރިއުޅުމުގެ މަގަށް އަލިކޮށްދޭ އަލިގަދަ ބައްތިއެކެވެ.
މި ތަރުޖަމާގައި މަޢުލޫމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވާށެވެ.
މަސްދަރު: ސިޔާސަތުޑެއިލީ / މާސިފުލްސާރވަންޓް
ތަރުޖަމާ: ޙަސަން ޣައްސާން
ކޮމެންޓް
ގުޅޭ ލިޔުންތައް