500 އަހަރުވީ ތަޤުވާވެރިޔާ - ﷲގެ ރަޙްމަތުން މެނުވީ ސުވަރުގެ ވަނުމެއްނުވެއެވެ.
އެޑްމިން
އަޅުގަނޑުގެ ހަނދާނުގެ މިންވަރު ކުށްކަމުގައި ނުވާނަމަ، މިއީ މީގެ ދެތިން އަހަރު ކުރިން، އަލް އަޚް މުޙައްމަދު ރިޔާޟު، ރަތްބަގީޗާގެ، ނ. މިލަދޫ، އަޅުގަނޑަށް ކިޔައިދެއްވާފައިވާ ޢިބުރަތުން ފުރިގެންވާ ވާހަކައެކެވެ. މި ވާހަކަ ތަފްސީލުކޮށް އަޅުގަނޑާ ހިސާބަށް އައުމާއެކު، މި ތަރުޖަމާގެ އެހީގައި ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ކިޔައިދެމެވެ.
ޖިބްރީލް ޢަލައިހިއްސަލާމްގެ ފަރާތްޕުޅުން އިތުރު ރަސޫލުﷲގެފާނަށް އިއްވަވައިދެއްވި ވާހަކަފުޅެއްވެއެވެ. އެކަލޭގެފަނު ދުނިޔެއަށް ވަޑައިގަތުމުގެ މާކުރީގެ ޒަމާނެއްގައި ނުހަނު ބޮޑު ތަޤުވާވެރި އަޅުވެރިޔަކު ދުނިޔޭގައި އުޅުނެވެ. އޭނާއަށް ﷲ ތަބާރަކަ ވަތަޢާލާ ފައްސަތޭކަ އަހަރު އެކަލާނގެ އަށް ކުއްތަންވުމާއެކު އަޅުކަން އަދާކުރުމުގެ މަތިވެރިވެގެންވާ ތައުފީޤު މިންވަރުކުރެއްވިއެވެ. އޭނާގެ މުޅި އުމުރު އޭނާ ހޭދަކުޅައީ ﷲއަށް އަޅުކަން ކުރުމުގައެވެ. ރަސޫލުﷲގެފާނުގެ އުންމަތުގެ މީސްތަކުންކުރެ އެއްވެސް މީހަކަށް މިފަދަ ދިގުމުއްދަތެއްގައި ﷲ ތަޢާލާއަށް އަޅުކަން އަދާކުޅައުމުގެ މާތް ތައުފީޤު މިންވަރެއް ނުކުރައްވައެވެ. ކޮންމެއަކަސް އޭނާވީ ތަޤުވާވެރިކަމާއި އަޅުވެރިކަމުގައި އެފަދަ މިސާލެއް ނެތްފަދަ އިންސާނަކަށެވެ.
އޭނާއަށް ﷲ ތަޢާލާ ތަނަވަސްކުރެއްވި ރިޒުޤުން ކެއުމާއި ބުޔުމަށްފަހު އޭނާ ޚާއްސަވެގަންނަނީ އަޅުކަމާއިގެންނެވެ. އޭނާ ﷲ ތަޢާލާއަށް އަޅުކަން އަދާކުރުމުގައި ޤާއިމްވެގެން ހުންނަނީ ވަށައިގެން ކަނޑުއޮތް ފަރުބަދައެއްގެ މަތީގައި ކަމުން، އެ ފަރުބަދައިގެ މަތިން ދެމިގެން އަންނަ ތާޒާ ފެނުގެ ކޯރެއް، އޭނާ އަޅުކަންކުރުމަށް ޤާއިމްވެގެން ހުންނަ މަޤާމާއި ދާދި ގާތުން ދަތުރުކުރެއެވެ. އެފަރުބަދައިގެ މަތީގައި އޭނާއަށް ބޯހިޔާވަހިކަން ލިބޭފަދަ ގޮތްތައް ﷲ ތަޢާލާ ތަނަވަސް ކުރައްވާފައިވެއެވެ. އެ ތާޒާ ފެނުގެ ކޯރު ފަރުބަދައިގެ މަތިން ދަތުރުކުރަމުންދާ އައްސޭރީގައި ހެދިފައިވާ އަންނާރު ގަސްތަކުން ފޮނިކަން ގަދަ އަންނާރު އެކަލާނގެ އޭނާއަށް ރިޒުޤުކުރެއްވެވިއެވެ. އޭނާގެ ކައިރިން ދެމެމުންދާ ތާޒާ މީރު ފެނުން ފެންވަރާ، ވުޟޫކޮށް އެއިން އޭނާ ބޭނުންކޮށްހަދައެވެ. ބުޔުމަށާއި ކާނާތައްޔާރުކުރުމަށެވެ. އެކަލާނގެ އޭނާއަށްޓަކައި ލެއްވެވި ރިޒުޤުން ކޮންމެ ދުވަހަކުމެ އޭނާ ބޭނުން ކުރަމުން ގެންދެއެވެ.
އޭނާ މިގޮތުގައި އޭނާގެ ވެރިރަސްކަލާނގެއަށް އަޅުކަން އަދާކުޅައުމުގައި ފައްސަތޭކަ އަހަރުވަނީއެވެ. ފޫހިކަމެއް ނެތި އޭނާ ކުރަމުންގެންދިޔަ މަސައްކަތަކީ އެއީއެވެ. މިގޮތުގައި ދުވަސްތައް ހޭދަވަމުން ގޮސް، އޭނާގެ އަޖަލު ގާތްވެއްޖެކަމުގެ އިޙްސާސް އޭނާއަށް ކުރެވުމާއެކު، އޭނާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުތަކުގައި ދުޢާ ދަންނަވަން ފަށައިފިއެވެ. 'ޔާﷲ! އިބަ އިލާހުގެ ޙަޟުރަތަށް ސަޖިދައިގާވާ ހާލު މިއަޅާގެ މަރު ހިއްޕަވާނދޭވެ!' އެކަލާނގެ އެ ތަޤުވާވެރިޔާގެ މި ދުޢާ އައްސަވާވޮޑިގެންފިއެވެ. އެކަލާނގެ އޭނާގެ މަރު ހިއްޕެވީ އޭނާ ސަޖިދައިގާވާ ހާލުގައެވެ. ޖިބްރީލް ޢަލައިހިއްސަލާމް ރަސޫލުﷲ ގެފާނަށް ވިދާޅުވެދެއްވިއެވެ. ތިމަންކަލޭގެފާނު ދުނިޔޭގެ ބިމަށް ފައިބާވަޑައިގަންނަވާ ކޮންމެ ފަހަރަކު، އޭނާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތަށް މި ދުޢާ ދެންނެވުމުގައިވާތީ ދެކެވަޑައިގަންނަވަމެވެ. ޤިޔާމަތްދުވަހުން، ﷲ ސުބުޙާނަހޫ ވަތަޢާލާ މަލާއިކަތް ބޭކަލުންނަށް އަމުރުފުޅު ކުރައްވާނެތެވެ. ތިމަންރަސްކަލާނގެ ރަޙްމަތްފުޅުން އޭނާ ސުވަރުގެއަށް ވައްދާށެވެ.
އެހެންނަމަވެސް އެ ތަޤުވާވެރި އަޅުވެރިޔާ އެކަމަށް އިންކާރުކޮށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި ދަންނަވާނެއެވެ. ތިމަން އަޅާ ބިމުގައި ފައްސަތޭހަ އަހަރުވަންދެން ކުޅަ އަޅުކަމުގެ ޘަވާބާއި ދަރުމައިން، ތިމަން އަޅާ ސުވަރުގެ ވައްދަވައިދެއްވުންއެދެމެވެ. އެހިނދު، ﷲ ސުބުޙާނަހޫ ވަތަޢާލާ މަލާއިކަތް ބޭކަލުންނަށް އަމުރުފުޅު ކުރައްވާނެތެވެ. 'ތިމަން ރަސްކަލާނގެ އޭނާއަށް ދެއްވި ނިޢުމަތްތަކާއި އޭނާގެ ހެޔޮ ޢަމަލުތަކާއި އަޅާކިޔާށެވެ.' ދެން އެބޭކަލުން އޭނާގެ ހެޔޮ ޢަމަލުތަކުގެ ހިސާބުކޮށް ނިންމަވާއިރު، އޭނާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވެވި ނިޢުމަތްތަކުގެ ތެރެއިން ފެނުމުގެ ނިޢުމަތާއި އޭނާ ފައްސަތޭހަ އަހަރު ކުޅަ ހެޔޮ ޢަމަލުތައް އަޅާ ކިޔާލުމުންވެސް، ބަރުވަނީ އެކަލާނގެ އޭނާއަށް ދެއްވި ފެނުމުގެ ނިޢުމަތުގެ މައްޗަށެވެ. އޭނާގެ މައްޗަށް ހިސާބު ބެއްލެވުމާއެކު އޭނާ ނަރަކައަށް ގެންދިއުމަށް މަލާއިކަތް ބޭކަލުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އަމުރުފުޅު ކުރައްވާނެތެވެ. އެވަގުތު އެ ތަޤުވާވެރިޔާ އޭނާގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި އާދޭސް ދަންނަވާނެތެވެ. 'ޔާ ﷲ! އިބަ ﷲގެ ރަޙްމަތްފުޅުން ތިމަން އަޅާ ސުވަރުގެ ވައްދަވާނދޭވެ.' އެވަގުތު ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާއާ ސުވާލުކުރައްވާނެތެވެ.
ﷲ ސުބުޙާނަހު ވަތަޢާލާ އޭނާއާ އެންމެ ފުރަތަމައަށް ކުރެއްވެވީ މިސުވާލެވެ. 'އޭ ތިމަންރަސްކަލާނގެ އަޅާއެވެ. ތިބާ އުފެއްދެވީ ކޮން ފަރާތަކުންތޯއެވެ؟' އޭނާއަށް ކުޅަ ސުވާލަށް އޭނާ ޖަވާބުދޭނެއެވެ. 'ޔާ ﷲ! ތިމަން އަޅާ ހެއްދެވީ އިބަ ﷲއެވެ.' އަނެއްކާވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާއާ ސުވާލުކުރައްވާނެތެވެ. 'ތިބާ ހެއްދެވީ ތިބާގެ ހެޔޮ ޢަމަލުތަކުގެ ސަބަބުން ހެއްޔެވެ؟ ނުވަތަ ތިމަންރަސްކަލާނގެ ރަޙްމަތްފުޅުން ހެއްޔެވެ؟' އޭނާ ނިކަމެތި ކަމާއެކު ﷲ ތަޢާލާއަށް ޖަވާބު ދޭނެއެވެ. 'ހަމަކަށަވަރުންވެސް އެއީ އިބަ ރަސްކަލާނގެ ރަޙްމަތްފުޅުންނެވެ.' އެކަލާނގެ އަނެއްކާވެސް އެ ތަޤުވާވެރިޔާއަށް ސުވާލުކުރައްވާނެތެވެ. '500 އަހަރުވަންދެން ތިމަން ރަސްކަލާނގެއަށް އަޅުކަން އަދާކުރުމުގެ ތައުފީޤު މިންވަރު ކުރެއްވީ ކޮން ފަރާތަކުންތޯއެވެ؟ ޖަވާބުގައި އޭނާ ބުނާނެތެވެ. 'ޔާ އިލާހީއެވެ! އެއީ އިބަ ﷲ ނޫން ދެވަނަ ކޮން ފަރާތެއްތޯއެވެ؟' އޭނާގެ މިޖަވާބާއެކު ﷲ ތަޢާލާ އޭނާއާ ކުރައްވާ ސުވާލުފުޅު އިތުރު ހަރުފަތަކަށް ގެންދަވާނެތެވެ. 'ކަނޑުވަށާލެވިގެންވީ ފަރުބަދައެއްގެ މަތީގައި ތިބާ ލެއްވެވީ ކޮން ފަރާތަކުންތޯއެވެ؟ އެފަރުބަދައިގެ މަތިން އޮހޮރިގެން އަންނަ މީރު ފެނުގެ އާރެއް ލެއްވެވީ ކޮން ފަރާތަކުންތޯއެވެ؟ އެ ފެންއާރުގެ އައްސޭރީގައި އަންނާރުގަސްތައް ލައްވަވާ، އެއިން ތިބާއަށް އަންނާރު ރިޒުޤުކޮށްދެއްވީ ކޮން ފަރާތަކުންތޯއެވެ؟ ތިބާ ސަޖިދައިވާ ވަނިކޮށް މަރު ގެންނެވީ ކޮން ފަރާތަކުންތޯއެވެ؟' އޭނާ ﷲގެ ޙަޟުރަތުގައި ދަންނަވާނެއެވެ. 'އޭ ޢާލަމްތަކުގެ ވެރި އިލާހެވެ! ތިޔަ އެންމެހާ ކަންކަން މިންވަރު ކުރެއްވީ އިބަ އިލާހެވެ.' ދެން އެކަލާނގެ އޭނާގެ ޖަވާބުތަކަށް ބަސްފުޅު އިއްވަވާނެއެވެ. 'މި އެންމެހާ ކަންކަން ވަނީ ތިމަންރަސްކަލާނގެ ރަޙްމަތްފުޅުގެ ތެރެއިންނެވެ. ފަހެ، ތިބާ ސުވަރުގެ ވަނުން ވަނީވެސް ތިމަން ރަސްކަލާނގެ ރަޙްމަތްފުޅުގެ ތެރެއިންނެވެ.
ނޯޓު: ޖިބްރީލް ޢަލައިހިއްސަލާމްގެ ފަރާތްޕުޅުން އައިސްފައިވާ މި ވާހަކަފުޅަށް ވިސްނާ ފިކުރު ހިންގާއިރު، ﷲގެ ރަޙްމަތްފުޅުން މެނުވީ އެއްވެސް ކަމެއް ނުވަތަ ނިޢުމަތެއް ނުހިނގައެވެ. ނަރަކައިން މުއްތިކުރައްވާ، ސުވަރުގެ މިންވަރު ކުރެއްވުންވެސް ވަނީ އެކަލާނގެ ރަޙްމަތްފުޅުގެ ތެރެއިންނެވެ. އޭ އަޙުންނާއި އުޚްތުންނޭވެ! ކުރެވޭ ހެޔޮ ޢަމަލުތަކުގެ މައްޗަށް ބޮޑާވެ ނުގަންނާށެވެ. ތިބާގެ މުޅި ހަޔާތުގައ ކުޅަ ހެޔޮ ޢަމަލުތައް އެ ހުތުރު ސިފައިގެ ސަބަބުން ނެތިދިޔަ ނުދޭށެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅަށް އެދި ގިނަގިނައިން ދަންނަވަށެވެ.
މި ތަރުޖަމާގައި މަޢުލުމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވަށެވެ.
މަސްދަރު: ކިތާބުލް ތަންބިހުލް ޣާފިލީން / ޝައިޚް އަބޫ ލައިޘު ސަމަރުޤަންދީ
ތަރުޖަމާ: ޙަސަން ޣައްސާން
ކޮމެންޓް
ގުޅޭ ލިޔުންތައް