އަޅުގަނޑު ބޮނީ ދުވާލަކު 5 ސިގިރޭޓް، އެވަރު ޙަރާމް ވާނެތޯ؟

އެޑްމިން

ސުވާލު:

لسلام عليكم އަޅުގަނޑު ދުވާލެއްގެ މައްޗަށް ބޮނީ ފަސް ސިނގިރޭޓެވެ. އެކަމަކު ސިނގިރޭޓު ބޯމީހުން ދުވާލެއްގެ މައްޗަށް ފޮށިފޮށިން ބޮއެވެ. އަދި އަޅުގަނޑު ދުށިން ލިއުމެއްގަ ވަނިކޮށް 10 ސިނގިރޭޓު ބޯ މީހަކަށް ގެއްލުން ވާނެ ކަމަށެވެ. ވީމައި ސުވާލަކީ: އަޅުގަނޑު މިކުރާ ގޮތަށް މިކަން ކުރުން ޙަރާމް ވާނެތޯއެވެ؟ އަޅުގަނޑަށް ފެނޭ ބައެއް ޝެއިޚުން ގަދަޔަށް ދުންފަތް ލައިގެން ދުފާތަން، އެހެން ވެއްޖިއްޔާ އެކަންވެސް ވާނީ ޙަރާމް ކަމަކަށް ނޫންތޯ؟

ޖަވާބު:

الحمد لله، والصلاة والسلام على رسول اللهأما بعد:

ސިނގިރޭޓް ބުއިން ނުވަތަ އެއްވެސް ގޮތަކަން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ޙަރާމް ކަމެކެވެ. އެއީ ސުންނަތް ޖަމާޢަތުގެ، އެބޭފުޅުންގެ ބަހަށް އިތުބާރު ކުރެވޭ، ބޮޑެތި ހުރިހާ ޢިލްމުވެރިން ޙަރާމް ކަމެއްކަމުގައި ފަތުވާ ދެއްވާފައިވާ ކަމެކެވެ. އެއީ ވިހައެކެވެ. ޚަބީޘް (މުޑުދާރު) އެއްޗެކެވެ. ގިނައިން ސިނގިރޭޓު ބުއިމުން ބޮޑަށް ނުވަތަ އަވަހަށް ގެއްލުން ވާފަދައިން، މަދުން ބުއިމުން ލިބޭ ގެއްލުން ލަސްވެފައި ކުޑަ ވެދާނެއެވެ. އާޚިރު ނަތީޖާއަކީ ހަމަ އެކައްޗެކެވެ.

އަދިކިޔެއް، ބައެއް މީހުންނަށް މަދު އެތިކޮޅަކުން ލިބޭ ގެއްލުން އަނެއްބައި މީހުނަށް ގިނަ މިންވަރަކުން ލިބިދާނެއެވެ. އެއީ ދުންފަތާއި މެދުގައި ވާ ޝަރުޢީ ހުކުމަށް ބަދަލު އަންނާނެ ކަމެއް ނޫނެވެ. ޝަރުޢީ ޙުކުމް ކަނޑައެޅޭނީ އެއްޗެއްގެ ހަގީގަތުގެ މައްޗަށެވެ.

ޞިއްޙީ ޖަމްޢިއްޔާތަކާއި ދުނިޔޭގެ އެއްމެހައި ޑޮކްޓަރުންގެ ތަހުގީގުތައް އިއްތިފާގުވާ ގޮތުގައި ދުންފަތުގެ ހަގީގަތަކީ އެއީ ޞިއްޙަތަށް ނުރައްކާތެރި، ކެންސަރުފަދަ ބިރުވެރި، ބޮޑެތި ބަލިތައް ޖެހޭ އަދި މީހާ މަރާއި ހަމައަށް ފޯރުކުރުވާނެ ކަމެކެވެ.

ވީމައި ދުންފަތަކީ އިންސާނުންނަށް ނުރައްކާތެރި، ނުބައި އެއްޗެކެވެ. އެއީ ކަނޑައެޅިގެންހުރި ޙަރާމް އެއްޗެއް ކަމުގައި ސުންނަތް ޖަމާޢަތުގެ، އެބޭފުޅުންގެ ބަހަށް އިތުބާރު ކުރެވޭ، ބޮޑެތި ހުރިހާ ޢިލްމުވެރިންނާއި އުންމަތުގެ ބޮޑެތި ފަތުވާ ކޮމެޓީތަކުން ޙަރާމް ކަމެއްކަމުގައި ފަތުވާ ދެއްވާފައިވެއެވެ.

فتاوى اللجنة الدائمة (ج 22، ص 186). ވަކި މީހަކު ނުވަތަ ބަޔަކު ދުންފަތް ބޭނުން ކުރާތީވެ އެކަން ހަލާލެއް ނުވަތަ ރަނގަޅެއް ނުވާނެއެވެ. ދުންފަތް ބޭނުންކުރާ ޝައިޚުން އެކުރަނީ ރަނގަޅު ކަމެއް ނޫނެވެ. އެއީ ޙަރާމް ކަމެކެވެ. އެކަމުން ދުރުހެލިވުމަކީ އެއްމެންގެ މައްޗަށް ވާޖިބެކެވެ.

މާތް ﷲ ނުރުއްސަވާ އެއްމެހައި ކަންތައްތަކުން، ސިއްރާއި ފާޅުގައި ދުރުހެލިވުމުގެ ތައުފީގެ އަޅަމެން އެއްމެނަށް ދެއްވާށި! އާމީން! والله أعلم،

وصلى الله على محمد وآله وسلم

- ޖަވާބުދެއްވީ އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް - 

ކޮމެންޓް

ގުޅޭ ލިޔުންތައް