މިހާރު އަޅުގަނޑުމެން ގުނަމުންމިދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކެވެ. އަހަރުތެރޭގައިވެސް އަންނާނެ އެންމެ މާތް ދުވަސްތަކެވެ. އެދުވަސްތަކެއްގެ ބޭނުން ހެޔޮގޮތުގައި ނުހިފައިފިމީހެއް ގެއްލިދާ ދުވަސްތަކެކެވެ. މިދުވަސްވަރުގައި ފެންނަމުންދަނީ މިސްކިތްތަކުން ފަޅުފިލާ މީސްތަކުން މާތްﷲގެ ރަޙްމަތްފުޅު އެދިގެން ދަރުމައާއި ޘަވާބު ހޯދުމަށްއެދި މަސައްކަތްކުރަމުންދާތަނެވެ. މިފަދަ ވަގުތެއްގައި ވިސްނާލަންވީ އެންމެ މުޙިއްމުކަމަކީ އަހަރެމެން ނަމާދުކޮށް ހެޔޮ ޢަމަލުތައް ކުރުންމަތީ ތިބެންވީ ހަމައެކަނި ރަމަޟާންމަހުގައި ނޫންކަމެވެ. އަދި ރަމަޟާންމަހަށްފަހުވެސް ހެޔޮޢަމަލުތައް ކުރުންމަތީ ދެމިތިބުމަށް ޢަޒުމްކަނޑައަޅައި އެގޮތުގައި ތިބުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
އަހަރެމެން ރަމަޟާންމަހާއި ބައްދަލުކުރީ މިމަހުގެ ދަރުމައާއި ޘަވާބުހޯދުމަށް މީގެ ކުރިން ކުރެވިފައިވާ ފާފަތަކަށް އިޚްލާޞްތެރި ތައުބާއަކުން ތައުބާވާ ޙާލުއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. {وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ} [النور: 31] މާނައަކީ " އެންމެހާ މުއުމިނު އަޅުތަކުންނޭވެ. ތިޔަބައި މީހުން އެންމެން ﷲ ތަޢާލާގެ ޙަޟްރަތަށް ތައުބާ ވާށެވެ. އެއީ ތިޔަބައިމީހުން ކާމިޔާބު ލިބިގަތުމަށްޓަކައެވެ." ތައުބާވުމަކީ ހިތް ޣާފިލްވެފައިވާ ޙާލު ތައުބާ ވެއްޖައީމޭ ދުލުން ބުނެލުމުން ފުދޭނެ ކަމެއް ނޫނެވެ. ތެދުވެރި ތައުބާއަކީ ތިމާއަށް އެނގި ހުރެ ކުރެވިފައިވާ ފާފަތަކާއި ނޭނގި ކުރެވިފައިވާނެ ފާފަތަކަށް ހިތުގެ އަޑިން އިޢުތިރާފްވެ، އެކަމާމެދު ހިތާމަކުރާ ހާލު ﷲ ތަޢާލާގެ ޙަޟްރަތުން އެފާފާތައް ފުއްސަވައިދެއްވުން އެދި ދުޢާ ކުރުމެވެ. އެހެންކަމުން ތިމާއަށް ކުރެވިފައިވާ ފާފަތަކާމެދު ރޮއި އެފާފަތައް ފުއްސެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި އާދޭސް ދަންނަވަން ޖެހޭނެއެވެ. ކީރިތިރަސޫލާ صلى الله عليه وسلم ގެ ޙަދީޘްބަސްފުޅެއްގައި ވެއެވެ. " لا يلج النار رجل بكى من خشية الله حتى يعود اللبن في الضرع " رواه الترمذي މާނައަކީ " ﷲ ތަޢާލާދެކެ ބިރުން ރުއިމީހަކު، (ގެރީގެ) ވައްގަނޑަށް ކިރު ރުޖޫޢަ ވެއްޖައުމަށްދާންދެން ނަރަކައަށް ނުވަންނަ ހުއްޓެވެ. "
ކީރިތި ރަސޫލާ صلى الله عليه وسلم އަކީ ހުރިހާ ކަމެއްގައިވެސް މުއުމިނުންނަށް ފުރިހަމަ ނަމޫނާއެކެވެ. މިގޮތުން އެކަލޭގެފާނަކީ، ﷲ ތަޢާލާއަށް ބިރުވެތި ވުމާއި ޚުޝޫޢަތްތެރިވުމުގެ ނަމޫނާއެކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވަނީ " يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ " މާނައަކީ " އޭ އެންމެހާ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ތައުބާ ވާށެވެ. ފަހެ ތިމަންކަލޭގެފާނު ދުވާލަކު 100 ފަހަރު އެއިލާހަށް ތައުބާވަމެވެ. " މިއީ އެކަލޭގެފާނުގެ އިސްވެދިޔަ ފާފަތަކާއި އަންނަން ހުރި ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވާފައިވާ އިރުވެސް މެއެވެ. އެހެންކަމަށް ވާނަމަ އަހަރުމެން ފަދަ ތާއަބަދު ކުށްކުރެވޭ ބަޔަކު ތައުބާވާންވީ މިންވަރު ވަޒަންކޮށްލާށެވެ.
އާދެ! މިހާރު އަޅުގަނޑުމެން މިވަނީ ފާފަތަކުން ތަތްތެޅިފައިވާ ޙާލު ރަމަޟާން މަހާއި ކުރިމަތިލައި އެރަމަޟާންމަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި ފާފަތަކުން ތައުބާވެ މާތްﷲއަށް ރުޖޫޢަވެގެންނެވެ. އެންމެ ބޮޑު އިސްކަމެއް ދޭންވީ ފާފައެއް ކުރެވޭހިނދު ލަސްނުކޮށް މާތްﷲއަށް ތައުބާވުމަށެވެ. އަޅުގަނޑުމެންނީ އިންސާނުންކަމަށް ވީހިނދު ފާފަ ކުރެވުމަކީ ނުވާނޭކަމެއްނޫނެވެ.
މި ރަމަޟާންމަހަކީ އަހަރެމެންތެރެއިން ކަނޑައެޅިގެންވާ ކޮންމެވެސް ބަޔަކާއި ބައްދަލުކުރާނޭ އެންމެ ފަހު ރަމަޟާންމަހެވެ. އޭގެތެރޭގައި ތިބާ ހިމެނުމަކީވެސް އެކަށީގެންވާކަމެކެވެ. އެހެން ރަމަޟާންމަހަކާއި ކުރިމަތިވަންދެން ދުނިޔޭގައި ހުރެވޭނެކަމުގެ ޔަޤީންކަން ލިބިފައިވާ ހަމައެކަކުވެސް ނުވާނެއެވެ. ވީމާ އަހަރެމެންގެ އެންމެ މުޙިއްމުކަމަކަށްވާނީ މިރަމަޟާންމަހުގެ ސަބަބުން އަހަރުގެ އެހެން ދުވަސްތަކަކީވެސް އަޅުކަމުގެ ދުވަސްތަކަކަށް ހެދުމެވެ. އަޅުކަންތައްމަތީ ވީވަރަކުން ދެމިތިބުމެވެ. ހެޔޮކަންތައްތަކަށް ގޮވާލައި މުންކަރާތްތައް ނަޙީކުރުމެވެ.
ގަމީހެއް ފަހާފައި އެހަލާކުކޮށްލާ މީހަކު ފަދައިން ނުވާށެވެ. އެފަދަމީހެއް ދެކުނިންހެއްޔެވެ؟ އޭނާ ގަމީސް ފެހުމަށްފަހު އެއާއިމެދު ހިތަހަމަޖެހެއެވެ. އަދި އެއަށްފަހު އެއްވެސް ސަބަބެއްނެތި، ފަހަރަކު ރޮއްޖެއް ދަމަމުންގޮސް އެގަމީސް ހަލާކުކޮށްލައެވެ. އެފަދަމީހަކާއި މެދު މީސްތަކުން ބުނާނީ ކީކޭހެއްޔެވެ؟ ނުވަތަ ވިޔަފާރި ވެރިއެއް ދެކުނިންހެއްޔެވެ؟ އޭނާ ދުވާލުގެ މަސައްކަތުން ވިޔަފާރިކޮށްގެން ހޯދާ ފައިސާ ރޭގަނޑުވުމުން، ފަހަރަކު ފައިސާ ފޮއްޗެއް އުކަމުން ގޮސް އޭނާއަށް އެދުވަހު ލިބުން ހުރިހާ ފައިސާ އުކާލައެވެ. އެފަދަމީހަކާއި މެދު މީސްތަކުން ބުނާނީ ކީކޭހެއްޔެވެ؟ މިއީ ރަމަޟާންމަހުގައި ހެޔޮ ޢަމަލުތައް ކުރުމަށްފަހުވެސް އެމަސް ދިއުމުން ފާފަތަކަށް އެނބުރިދާ މީހުންގެ މިސާލެވެ. މިފަދަމީހުންނަށް ނަމާދު ފަރުޟު ކުރައްވާފައިވަނީވެސް ހަމައެކަނި ރަމަޟާންމަހުގައި ކަމަށް ހީވާކަހަލައެވެ. ރަމަޟާންމަހުގައި އެކަނި މާތްﷲ ވޮޑިގެންވާކަމަށް އެމީހުންގެ ޢަމަލުތަކުން ޤަބޫލުކުރާމީހުންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! އަލް ހިޖްރު ސޫރަތުގެ 99 ވަނަ އާޔަތުގެ މާނައިގައިވަނީ " އަދި ކަލޭގެފާނުންގެ އަރިހަށް، ޔަޤީންވެގެންވާކަންތައް (އެބަހީ:މަރު) އަތުވެއްޖައުމަށް ދާންދެން، ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ކަލާނގެ ކިބައަށް އަޅުކަން ކުރައްވާށެވެ."
ރަމަޟާންމަހުގައި އަހަރެމެން ހެއްދެވިފަރާތާއި ދެމެދު ގުޅިފައިވާގުޅުން ހީނަރުވިޔަނުދީ އެގޮތުގައި އެގުޅުން ދެމެހެއްޓުމަކީ އަހަރެންގެ ވާޖިބެކެވެ. މިގޮތުން ރަމަޟާންމަސް ވަކިވެދިޔަނަމަވެސް ފަރުޟު ފަސްނަމާދާއިމެދު ފަރުވާތެރިވުމާއި، ސުންނަތް ރޯދަ ހިފުމަށް އާދަކުރުމާއި، ކޮންމެ ދުވަހަކުވެސް ކީރިތި ޤުރުއާނުން މިންވަރެއް ކިޔެވުމާއި، ފިތުރު ޒަކާތުގެ އިތުރުން މުދަލު ޒަކާތަކީ ދީނުގެ ރުކުނެއްކަމުގައިދަނެ އެކަންވެސް ފުރިހަމަކުރަންވާނެއެވެ. އަދި ރަމަޟާންމަހުގައި ނޫންނަމަވެސް ރޭއަޅުކަންކުރުމާއި، ސުންނަތްތަކުގައި ހިފެހެއްޓުމާއި، ވީވަރަކުން ފާފަތަކުން ރައްކާތެރިވެގެންވުމާއިއެކު މީސްތަކުންނަށް އެމީހުންގެ ކަންކަމުގައި އެހީތެރިވެދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. އަދި މިގޮތުގައި ދެމިހުރެ މިރަމަޟާން މަހުގައި ކުރެވުނު އަޅުކަންތައް ޤަބޫލުވެވިގެންވާ އަޅުކަންތަކެއްކަމުގައި ލެއްވުންއެދި ދުޢާ ދަންނަވައި، ކުރިއަށް އޮތް ރަމަޟާން މަހުގެ ދަރުމައާއި ޘަވާބު ހޯދުމުގެ ތައުފީޤު ދެއްވުންއެދި ދަންނަވަންވާނެއެވެ. ރަމަޟާންމަހަށްފަހު ދިރިއުޅުމުން އެކަން ފެންނަންވާނެއެވެ.
(ނިމުނީ)
ކޮމެންޓް
ގުޅޭ ލިޔުންތައް
4 years ago
4 years ago
5 years ago