އަމިއްލަ އަށް މަރުވާ މީހުންގެ ޙުކުމަކީ ކޮބައިތޯ؟

އެޑްމިން

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

އަމިއްލަ އަށް މަރުވުމަކީ ބޮޑުވެގެންވާ މުންކަރާތެކެވެ. އަދި އެއީ ބޮޑު ފާފައެއް ވެސް މެއެވެ. އެކަން އެގޮތަށް ކުރުމަކީ އެއްވެސް މުސްލިމަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.

ސޫރަތުއް ނިސާގެ 29 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّـهَ كَانَ بِكُمْ رَ‌حِيمًا )

މާނައަކީ: "އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّهވޮޑިގެންވެއެވެ."

ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ قَتَلَ نَفْسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِي يَدِهِ يَتَوَجَّأُ بِهَا فِي بَطْنِهِ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ شَرِبَ سَمًّا فَقَتَلَ نَفْسَهُ فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ فَهُوَ يَتَرَدَّى فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا)) صحيح مسلم، (1 / 282)

މާނައަކީ: "ތިބާގެ ނަފްސު ދަގަނޑު އެއްޗަކުން (ވަޅިއެއް ފަދަ އެއްޗަކުން) ގަތުލު ކޮށްފި މީހާ ޖަހަންނަމައިގެ އަލިފާނުގައި އަބަދުގެ އަބަދަށް އެފަދަ އެއްޗަކުން އޭނާގެ ބަނޑަށް ހަރައިހަރައި (އޭނާ އޭނާގެ ނަފްސު ގަތުލު ކުރި ގޮތަކަށް) ހުންނާނެއެވެ. އަދި ވިހައެއް ބޮއެގެން ތިބާގެ ނަފްސު ގަތުލު ކުރި މީހަކު ނަމަ އަބަދުގެ އަބަދަށް ޖަހަންނަމައިގެ އަލިފާނުގައި ވިހަ ބޮއެބޮއެ ހުންނާނެއެވެ. އަދި ފަރުބަދައަކުން ފުންމާލައިގެން ތިބާގެ ނަފްސު ގަތުލު ކޮށްފި މީހާ ޖަހަންނަމައިގެ އަލިފާނުގައި އަބަދުގެ އަބަދަށް ތިބާގެ ނަފްސު މަތިން ވައްޓާލައިގެން ގަތުލު ކޮށްކޮށް ހުންނާނެއެވެ."

އެހެންކަމުން، ދުނިޔެމަތީގައި ދަތިއުނދަގޫ ކަމެއް ދިމާވެއްޖެ މީހާ ކެތްތެރިވާން ވާނެއެވެ. އަވަސް އަރައިގަނެގެން މީހާގެ ނަފްސު ގަތުލު ކޮށްލައިގެން ނުވާނެއެވެ. އަދިކިއެއްތަ، އެފަދަ ކަންތަކުން ދުރުހެލިވެ ރައްކާތެރިވެ، ކެތްތެރިކަން އިސްކުރަންވާނެއެވެ. އަސްބާބުތަކުގައި ހިފަންވާނެއެވެ. ސޫރަތުއްޠަލާގް ގެ 2 އަދި 3 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَ‌جًا ﴿٢﴾ وَيَرْ‌زُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ ۚ إِنَّ اللَّـهَ بَالِغُ أَمْرِ‌هِ ۚ قَدْ جَعَلَ اللَّـهُ لِكُلِّ شَيْءٍ قَدْرً‌ا ﴿٣﴾ )

މާނައަކީ: "އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ أمر ފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّهކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ."

އަމިއްލަ ނަފްސު ގަތުލު ކޮށްފިމީހާ ﷲ ގެ ކޯފާ އާއި ޢަޛާބަށް ހުށަހެޅިގަންފިއެވެ. އެފަދަމީހަކު ވާހުށީ ﷲ ގެ މަޝީއަތު[1]ގެ ދަށުގައެވެ. ސަބަބަކީ އަމިއްލަ ނަފްސު ގަތުލު ކުރުމަކީ ޝިރްކު ކުރުމާއި އެއްފަދަ ކަމެއް ނޫނެވެ. ސޫރަތުއް ނިސާގެ 48 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(إِنَّ اللَّـهَ لَا يَغْفِرُ‌ أَن يُشْرَ‌كَ بِهِ وَيَغْفِرُ‌ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ )

މާނައަކީ: "ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ!) ޝިރްކު ފިޔަވާ އެހެން ކޮންމެ ފާފަ އަކީ ﷲ ގެ މަޝީއަތުގެ ދަށުގައިވާ ކަންތަކެވެ."

ނަފްސު ގަތުލު ކުރުމަކީ ޝިރްކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. ހަމައެފަދައިން، ޒިނޭ ކުރުމާއި، ވައްކަން ކުރުން، އަދި މަސްތުވާތަކެތި ބޭނުން ކުރުމަކީ ވެސް ޝިރްކު ކުރުމާއި އެއްފަދަ ކަމެއް ނޫނެވެ. އެފަދަ ފާފަތަކަށް އަރައިގަންނަ މީހުންވަނީ ﷲ ގެ މަޝީއަތުގެ ދަށުގައެވެ. އެފަދަ ކުށެއް ކުރުން މަތީގައި ހުރެ މަރުވާ މީހާ ވަނީ ﷲ ގެ މަޝީއަތުގެ ދަށުގައެވެ. ﷲ އިރާދަ ކުރައްވައިފިނަމަ އެމީހަކު ކޮށްފައިވާ ޞާލިޙް ޢަމަލުތަކަށް ޓަކައި ފާފަ ފުއްސަވާ މާފް ކުރައްވައެވެ. ނޫންނަމަ، އެމީހަކު ކުރި ކުށަކަށް ވާވަރަށް ނަރަކާގައި ޢަޛާބު ދެއްވައެވެ. އެއަށްފަހު، ނަރަކައިން ނެރުއްވާނެތެވެ. އަހްލުއްސުންނާ ވަލްޖަމާޢަތުގެ ޢަގީދާ އަކީ ފާފަތަކުގެ އަހްލުވެރިން ނަރަކާގައި ދެމިނުހުރުމެވެ. ފާފަތަކުގެ އަހްލުވެރިން އެމީހުންގެ ފާފައަށްވާ ވަރަށް ނަރަކާގައި ޢަޛާބު ދެއްވުމަށްފަހު ސުވަރުގެ ވައްދަވާނެތެވެ. ނަރަކާގައި ދެމިތިބޭނެ ބަޔަކީ ޝިރްކު ކުރުން މަތީގައި ދެމިތިއްބާ މަރުވާ މީހުން އެކަންޏެވެ.

ވީމާ، އަމިއްލަ އަށް މަރުވާ މީހާ އަކީވެސް ﷲ ގެ މަޝީއަތުގެ ދަށުގައިވާ މީހެކެވެ. ﷲ އިރާދަ ކުރައްވައިފިނަމަ އޭނާ އަށް މާފު ދެއްވާނެތެވެ. ނޫންނަމަ، އޭނާ ކުރިކުށަށް ޢަޛާބު ދެއްވުމަށްފަހު ނަރަކައިން ނެރުއްވާ ސުވަރުގެ ވައްދަވާނެތެވެ. މިފަދަ މީހުންގެ މައްޗަށް ކަށުނަމާދު ކޮށް، ފާފަ ފުއްސެވުމަށް އެދި ދުޢާކޮށް ހެދުމަކީ އެންމެ ރަގަޅު ކަމެކެވެ. والله أعلم.

[1] މަޝީއަތުގެ މާނައަކީ އިރާދަފުޅެވެ. ﷲ އިރާދަ ކުރައްވައިފިނަމަ ފާފަ ފުއްސަވާނެތެވެ. ނޫންނަމަ ޢަޛާބު ދެއްވާނެތެވެ.

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް

މަސްދަރު: އެމްވީިއިސްލާމްކިޔުއޭ

ކޮމެންޓް

ގުޅޭ ލިޔުންތައް