سورة الكهفގެ ސިއްރުތައް

އެޑްމިން

ރަސޫލާ (صلى الله عليه وسلم ) އަހަރެމެންނަށް سورة الكهف ހުކުރުދުވަހު ކިޔެވުމަށް އަންގަވާފައިވަނީ ކީއްވެ ކަމާއިމެދު ވިސްނާލީމު ހެއްޔެވެ؟

މި ސޫރަތުގައި އިބުރަތުން ފުރިގެންވާ ހަތަރު ވާހަކައެއްވެއެވެ. އެ ވާހަކަތަކުން އަހަރުމެންނަށް ފަހުމްވެގެންދާ ކަންތައްތަކަށް ބަލައިލަމާތޯ؟

1. ހޮހޮޅައިގެ މީހުންގެ ވާހަކަ

މި ވާހަކައަކީ الله އަށް އުރެދިފައިވާ ބައެއް އުޅުނު، ކުޑަ ސަހަރެއްގައި އުޅުނު ޒުވާން ފިރިހެނެއްގެ ވާހަކައެވެ. އެގޮތުން އެމީހުން ނިންމީ އެ ސަހަރު ދޫކޮށް އެހެން ތަނަކަށް الله އަށްޓަކައި ދިއުމަށެވެ. الله سبحانه و تعالى އޭގެ ބަދަލު ދެއްވާ، އެކަލާނގެ ކުޅަދުންވަންތަކަން އެ ހޮހޮޅައިގައި މިންވަރުކުރަށްވައި އަދި އިރުގެ ނުރައްކަލުން އެބައިމީހުން ސަލާމަތްކުރެއްވިއެވެ. އެބައިމީހުން ހޭލިއިރު އެ ސަހަރުން ފެނިގެން ދިޔައީ الله އަށް ކިޔަމަންތެރި އަޅުންނެވެ.

އިބުރަތް: އީމާންތެރިކަމުގެ އިމްތިހާން

2. ދެ ބަގީޗާގެ ވެރިޔާ

މި ވާހަކައަކީ، މީހަކަށް الله سبحانه و تعالى ‎ ދެއްވާފައިވާ ދެ ބަގީޗަގެ ވާހަކައެވެ. އެކަމަކު އެމީހާއަށް الله سبحانه و تعالى ދެއްވި ހުރިހައި ނިޢުމަތްތަކަށް ޝުކުރުއަދާކުރަންވަނީ ހަނދާންނެތިފައެވެ. އަދި ކިއެއްތަ! އޭނަވަނީ ކުރީގެ ޙަޔާތާ ގުޅޭގޮތުން الله سبحانه و تعالى އަށް ޝައްކުކޮށްފައެވެ. އެހެން ވުމުގެ ސަބަބުން އޭނަގެ ބަގީޗަތައް ވަނީ ހަލާކުވެގެން ގޮސްފައެވެ. އޭނަ އެކަމަށް ފަހުން ހިތާމަކުރި ނަމަވެސް، އޭރު ވަގުތުވަނީ ފާއިތުވެގެން ގޮސްފައެވެ. އަދި އެ ކަމުގެ ސަބަބުން އޭނައަށް އެއްވެސް ފައިދާއެއް ނުވިއެވެ.

އިބުރަތް: މުދަލުން އިމްތިޙާން ކުރެއްވުން

2. މޫސާ ޢަލައިހިއްސަލާމް އަދި ހިޟުރު ޢަލައިހިއްސަލާމް

މޫސާގެފާނުގެ އަރިހުގައި ދުނިޔޭގައިވާ އެންމެ އިލްމު ލިބިގެންވާ އިންސާނަކީ ކާކުތޯ ސުވާލު ކުރެވުނު ހިނދު މޫސާގެފާނު ވިދާޅުވިއެވެ. " ތިމަން ކަލޭގެފާނެވެ" ނަމަވެސް މޫސާގެފާނަށްވުރެން ބޮޑަށް ޢިލްމު ލިބިފައިވާ މީހަކު ހުންނެވި ކަމުގައި الله سبحانه و تعالى މޫސާގެފާނަށް ވަހީ ކުރެއްވިއެވެ. މޫސާގެފާނު އެމީހާގެ ގާތަށް ދަތުރުކުރެއްވި އެވެ. އަދި ޙިޟުރުގެފާނުގެ ކިބައިން ފެނި ވަޑައިގެންނެވި ކަންތައްތަކުގެ ސަބަބުން، ބައެއް ފަހަރު އަޅުގަނޑުމެން ގޯސް ކަންތައްތައް ކަމުގައިދެކޭ ބައެއް ކަންތައްތަކުގައި ވަރަށް މަތިވެރި އިލާހީ ޙިކުމަތްތަކެއް ފޮރުވިފައިވާކަން މޫސާގެފާނަށް ވިސްނި ވަޑައިގަތެވެ.

އިބްރަތް: ޢިލްމުގެ އިމްތިހާން

3. ޛުލް-ޤަރްނައިން

މިއީ ވަރަށް އާރާއި ބާރާއި، އަދި އިލްމު ލިބިވަޑައިގެން ހުންނެވި ވަރަށް މަތިވެރި ރަސްކަލެއްގެ ވާހަކަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވާ މީސްތަކުންނަށް އެހީތެރިވެދެއްވާ ހެޔޮކަންތައްތަކަށް އަމުރުކުރައްވާ އުޅުއްވި ރަސްކަލެކެވެ. އޭނާ ވަނީ ޔަޢުޖޫޖް- މަޢުޖޫޖް ބާޤައިގެ މީހުންގެ އުނދަގުލުގެ ކިބައިން މީސްތަކުން ސަލާމަތް ކުރެއްވުމަށްޓަކައި، އޭނާއަށް އެމީހުންކިޔާ އެއްޗެއް ނުވެސް ދެނެގަނެވުނު މީހުންތަކެއްގެ އެހީތެރިކަމާއިއެކު ބޮޑުފާރެއް ރާނުއްވާފަވެއެވެ.

އިބްރަތް: އާރާއި ބާރުގެ އިމްތިހާން

މި އިމްތިހާނުތައް ގެނުވުމުގައި ބޮޑު ދައުރެއް އަދާކުރަނީ އިބިލީސްކަމުގައި، ސޫރަތުގެ މެދުތެރޭގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. "ތިމަން ރަސްކަލާނގެ މަލާއިކަތުންނަށް ވަޙީ ކުރެއްވި ހިނދު ހަނދުމަ ކުރާށެވެ. ތިޔަބައިމީހުން އާދަމްގެ ފާނަށް ސަޖިދަކުރާށެވެ. ދެން އިބިލީސްމެނުވީ، އެ އެންމެ ބޭއްކަލުން ސަޖިދަ ކުރެއްވޫއެވެ. އެ އިބިލީސްވީ ޖިންނީންގެ ތެރެއިން ނެވެ. ދެން އޭނާގެ ވެރި ރަސްކަލާނގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވިއެވެ. ފަހެ، އެ އިބިލީސް އާއި، އޭނާގެ ދަރިފަސްކޮޅު، ތިމަން ރަސްކަލާނގެ ފިޔަވައި އެހީތެރިންކަމުގައި ތިޔަބައި މީހުން ހަދަނީ ހެއްޔެވެ؟ އެއުރެންނީ، ތިޔަބައި މީހުންނަށް ހުރި އަދުއް ވުންނެވެ. އަނިޔާވެރިންނަށްހުރި ބަދަލެއްގެ ނުބައި ކަމާއެވެ."

ދެން ސޫރަތުލް ކަޙަފް އާއި ދައްޖާލުއާއި ހުރި ގުޅުމަކީ ކޮބައިތޯ ބަލައިލަމާތޯއެވެ؟

ޤިޔާމަތް ދުވަހުގެ ކުރިން ދައްޖާލު ފާޅުވަނީ މި ހަތަރު އިމްތިޙާނުއާއި އެކުގައެވެ.

• ﷲގެ ބަދަލުގައި އިބިލީސްއަށް އަޅުކަން ކުރުމަށް އިބިލީސް މީސްތަކުންނަށް ގޮވާލާނެއެވެ: - އީމާންކަމުގެ އިމްތިޙާން

• އިބިލީސްއަށް ވާރޭ ވެއްސެވުމާއި ހުއްޓުވުމުގެ ބާރު ލިބިފައިވާނެއެވެ. އަދި އިބިލީސްގެ މުދަލުން މީސްތަކުން ހައްލާނެއެވެ.- މުދަލުގެ އިމްތިޙާން

• އިބިލީސްއަށް ލިބިފައިވާ " ޢިލްމުންނާއި އަދި އޭނާ މީސްތަކުންނަށްދޭ ޚަބަރުތަކުން މީސްތަކުން އިމްތިޙާނު ކުރާނެއެވެ. : ޢިލްމުގެ އިމްތިޙާން

• ދުނިޔޭގެ ބޮޑުބައެއް ވާނީ އިބިލީސްގެ ބާރުގެ ދަށުގައެވެ. – އާރާއި ބާރުގެ އިމްތިޙާން

މި ދަތިއުނދަގޫތަކުން ސަލާމަތްވާނީ ކިހިނެތް؟ މި ސުވާލުގެ ޖަވާބު سورة الكهف އިން ލިބިގެންދެއެވެ.

1. ސަލާމަތްވެވޭނެ ފުރަތަމަގޮތް: ރަނގަޅު އެކުވެރިކަމުގެ ގުޅުން/ ރަހުމަތްތެރިކަމުގެ ގުޅުން

"އަދި އެއުރެންގެ ވެރި ރަސްކަލާނގެ وجه ފުޅު އެދިގެން، އެކަލާނގެއަށް ހެނދުނާއި، ހަވީރު دعاء ކޮށް އަޅުކަންކޮށްއުޅޭ މީހުންނާއިއެކު ކަލޭގެފާނުގެ نفس ހިފަހައްޓަވައި، ކެތްކުރަށްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެންފިޔަވައި ފަހަނައަޅައި ދިޔަނުދެއްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް غا فل ކުރައްވާ، އަދި އެމީހެއްގެ އަމިއްލަ އެދުމަށް تبع ވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނައަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! ". (سورة الكهف: އާޔަތް ٢٨)

2. ސަލާމަތްވެވޭނެ ދެވަނަގޮތް: މިދުނިޔޭގެ ހަޤީގަތް ރަނގަޅަށް ފަހުމްވެ އެނގުން

"ކަލޭގެފާނު އެއުރެންނަށް ދުނިޔޭގެ ދިރިއުޅުމުގެ مثال ޖައްސަވައިދެއްވާށެވެ! ތިމަންރަސްކަލާނގެ އުޑުންވެއްސެވި ފެނެއްގެ مثال އެވެ. ދެން ބިމުގެ ގަސްތައް އެ ފެނާއެކުވެ (ތާޒާކަންލިބި ހެދިގަތުމަށްފަހު) ވަޔާބުރައިގެންދާ ހިކި ކުނޑިތަކަކަށްވެދެއެވެ. ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި الله ވޮޑިގެންވެއެވެ. (سورة الكهف: އާޔަތް ٥‎٤)

3. ސަލާމަތްވެވޭނެ ތިންވަނަ ގޮތް: އަމިއްލަ ނަފްސަށް ބޮޑާނުވުން

"ކަލޭގެފާނު ވިދާޅުވިއެވެ. الله އިރާދަކުރެއްވިއްޔާ، ތިމަންކަލޭގެފާނީ ކެތްތެރިޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އެއްވެސް ޢަމުރަކަށް ކަލޭގެފާނަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެ ވަޑައެއްނުގަންނަވާނަމެވެ." (سورة الكهف: އާޔަތް ٦٩‎)

4. ސަލާމަތްވެވޭނެ ހަތަރުވަނަ ގޮތް: ތެދުވެރިކަން/ އިޚްލާސްތެރިކަން

" ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ތިޔަބައިމީހުންކަހަލަ آدم ގެ ދަރިޔަކުކަމުގައެވެ. ތިމަންކަލޭގެފާނަށް وحى އިއްވަވަނީ، ތިޔަބައިމީހުންގެ إله އަކީ، އެއް إله އެއް ކަމުގައެވެ. ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ ( ދަންނާށެވެ!) ފަހެ، އެމީހާ صالح عمل އިން عمل ކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ!." (سورة الكهف: އާޔަތް:١١٠)

5. ސަލާމަތްވެވޭނެ ފަސްވަނަ ގޮތް: الله سبحانه و تعالى އަށް ދުޢާދެންނެވުން

"ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮތުން، ކަލޭގެފާނަށް وحى ކުރެއްވިތަކެތި ކިޔަވާވިދާޅުވާށެވެ! އެކަލާނގެ كلمة ފުޅުތަކަށް ބަދަލުގެނެވޭނެ އެކަކުވެސް ނެތެވެ. އަދި އެކަލާނގެ ފިޔަވައި އެހީއަށްއެދި، އެނބުރި ވަޑައިގަންނަވާނެ ފަރާތެއް، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ" (سورة الكهف: އާޔަތް ٢٧)

6. ސަލާމަތްވެވޭނެ ހަވަނަގޮތް: އަނެއް ދުނިޔެމަތިން ނުވަތަ ޤިޔާމަތްދުވަސްމަތިން ހަނދުމަކުރުން

" އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ލުހެލައްވައި، ފުނޑުފުނޑުކޮށްލައްވާ ދުވަސް ހަނދުމަކުރާށެވެ! (އެދުވަހުން) ބިންގަނޑު ހަމަހަމަވެ ފާޅުވެގެންވާތީ ތިބާދެކޭނޫއެވެ. އަދި އެއުރެން محشرއަށް ފޮނުއްވާ ހުށީމެވެ. ފަހެ އޭގެތެރެއިން ހަމައެކަކުވެސް ދޫނުކުރައްވާ ހުށީމެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ސަފުސަފަށް އެއުރެން ހުސަހެޅޭނެތެވެ. (އަދި اﷲ ވަޙީކުރައްވާނެތެވެ.) ތިމަންރަސްކަލާނގެ އެންމެފުރަތަމަ ފަހަރު ތިޔަބައިމީހުން ހެއްދެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކލާނގެ ހަޟުރަތަށް ތިޔަބައިމީހުން އަތުވެއްޖައީމުއެވެ. އަދި ކީއްހެއްޔެވެ! ތިޔަބައިމީހުން ހީކުޅައީ (محشرއަށް ފޮނުއްވުމަށް) ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ވަގުތެއް ކަނޑަ ނާޅުއްވާނޭކަމަށެވެ." އަދި ( ކޮންމެ މީހަކުމެ ކޮށްފައިވާ عملތަކުގެ) ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ، އެފަތުގައިވާ ތަކެއްޗާއިމެދު، ކުއްވެރިން ބިރުގަންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެނަނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މި ފަތަށް ވެފައި މިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލާފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހާ عمل ތައް އެފަތުގައިވާތީ ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ." (سورة الكهف: އާޔަތް: ٤٧,٤٨ , ٩‎٤ ‎)

ނޯޓް: މިއީ އިނގިރޭސިބަހުން ލިޔެފައިވާ ލިޔުމެއް އަސްލަކަށްބަލައިގެން ކޮށްފައިވާ ތަރުޖަމާއެކެވެ. 

ކޮމެންޓް

ގުޅޭ ލިޔުންތައް