2⃣
އަދި އެއިލާހު تعالى ގެ ވަޙީބަސްފުޅު:
▶️مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ مِّن مَّاءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ الثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَالِدٌ فِي النَّارِ وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ◀️މާނައީ: "ތަޤުވާވެރިންނަށް ވަޢުދު ކުރައްވާފައިވާ ޖަންނަތުގެ މިސާލަކީ އެ ތާނގައި ތަޣައްޔަރުކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ޖަންނަތެވެ. އަދި އެ ތާނގައި އެ މީހުންނަށް ޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެ މީހުންގެ ރައްބުގެ ހަޟްރަތުން ފާފަ ފުއްސެވުން ހުއްޓެވެ. (މި ހުރިހާ ނިޢުމަތްތައް ލިބިގެންވާ މީހުންނާއި) އެ މީހަކު ނަރަކައިގައި ދެމިހުރެ، އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެ މީހުންނަށް ބޯންދެއްވުމުން، އެ މީހުންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟" [محمد:١٥]
🏆އެތާގެ ބިނާތައް
ސުނަނު އައް-ތިރްމީޛީގައި ވެއެވެ. ޖަންނަތާއި އެތާގެ ބިނާއާއި މެދު ނަބިއްޔާ ﷺ އާއި ސުވާލުކުރެވުނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ: "ރަނުގެ ގަލަކުން އަދި ރިހީގެ ގަލަކުންނެވެ. އަދި އެ ދެ ގަލުގެ ދެމެދުގައިވާ އުވައަކީ އަޛްފަރުވެގެންވާ (އެބަހީ: ވަސްގަދަ) ގޮމަކަސްތޫރިއެވެ. އެތަނުގެ ކުދިގަލަކީ ރަންމުތާއި ޔާޤޫތެވެ. އެތަނުގެ ވެއްޔަކީ ކުކުނެވެ. އެތަނަށް ވަދެއްޖެ މީހަކު ވާނީ ނިޢުމަތްތައް ލިބިލިބިއެވެ. މާޔޫސްވުމެއް ނުވާނެއެވެ. ތާއަބަދަށް ދެމިތިބޭ ޙާލުއެވެ. ދުވަހުކުވެސް މަރެއްނުވާނެއެވެ. އެއުރެންގެ ފޭރާންތައް ދުވަހަކުވެސް ބަލެއް ނުވާނެއެވެ. އަދި އެއުރެންގެ ޒުވާންކަން ދުވަހަކުވެސް ފިލައި ނުދާނެއެވެ." އަލް-އަލްބާނީ މި ރިވާޔަތް ޞައްޙަ ކުރެއްވިއެވެ. ⁴
އަދި އަބޫ މާލިކް އަލް-އަޝްޢަރީ - رضي الله عنه - ވިދާޅުވިކަމަށް އަލް-މުސްނަދުގައި އަޙްމަދު ރިވާކުރެއްވިއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ޖަންނަތުގައި، އެތެރެއިން ބޭރު ފެންނަ އަދި ބޭރުން އެތެރެ ފެންނަ ކޮޓަރިތަކެއް ވެއެވެ. الله تعالى އެ ކޮޓަރިތައް ތައްޔާރު ކުރައްވާފައިވަނީ މީސްތަކުންނަށް ކާންދޭ، ބަސްމަގު މަޑުމައިތިރި، ރޯދަ ހިފާ، އަދި މީސްތަކުން ނިދާފައިވާ ޙާލު ރޭގަނޑުގައި ދަމުނަމާދު ކުރާ މީހުންނަށެވެ. އަދި ޢަލިއްޔު ކިބައިން އައް-ތިރްމީޛީ އެފަދައިން ރިވާކުރެއްވިއެވެ. އަދި އަލް-އަލްބާނީ އެ ޞައްޙަ ކުރެއްވިއެވެ." ⁵
އަދި އެކަލޭގެފާނުގެ ޞަޙީޙުގައި މުސްލިމް ރިވާކުރެއްވިއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ޖަންނަތުގައި ގޮނި ތަނަވަސް ރަންމުތްތަކަކުން ތައްޔާރުކުރެވިފައިވާ ފޭލިގެއެއް ވެއެވެ. (އެބަހީ: އޭގެ އެތެރޭގައިވާ ބައި ހުންނާނީ ހުސްކޮށް ހޮއި ހެދިފައެވެ. އަދި އޭގެ އެތެރެ ތަނަވަސްވެގެންވެއެވެ.) އެތާގެ ފުޅާމިނުގައި 60 މޭލު ވެއެވެ. އަދި އެތާގެ ކޮންމެ ކަނެއްގައި އަނެއް ކަނުގައި ތިބި ބަޔަކު ނުފެންނާނެހެން އަނބީން ތިބޭނެއެވެ. އަދި މުއުމިނު އަޅާ އެއުރެންގެ މެދުގައި ބުރުޖަހާނެއެވެ." ⁶
⬆️ އެތާގެ ގަސްތައް
އެތާގެ ގަސްތަކާއި ބެހޭގޮތުން އައިސްފައިވެއެވެ. އަބޫ ހުރައިރާގެ - رضي الله عنه - ކިބައިން އައްތިރުމިޛީ ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "އޭގެ ގަސްގަނޑު ރަނުން މެނުވީ ނުވާ ގަސްތަކެއް ޖަންނަތުގައި ވެއެވެ." މި ޙަދީޘް އަލް-އަލްބާނީ ޞައްޙަ ކުރައްވާފައިވެއެވެ. ⁷
🔽
➖➖➖➖➖
(4) أخرجه الترمذي (2526)، وأحمد (8043)
(5) أخرجه أحمد (6615)
(6) صحيح الجامع : 2182
(7) هداية الرواة : 5557
3⃣
💎 ޖަންނަތުގެ އަހުލުވެރިންގެ ފުރިހަމަ ޞިއްޙަތާއި ރީތިކަން ދާއިމަށް ދެމިހުރުން
އަދި އެއުރެން ތާއަބަދަށް ދެމިތިބޭނެކަމާއި، ނިޢުމަތްތަކާއި ފުރިހަމަ ޞިއްޙަތާއި އަދި ރީތިކަން ދާއިމަށް ދެމިހުންނާނެ ކަމާއި ބެހޭގޮތުން ރިވާވެގެން އައިސްފައިވެއެވެ: ޞަޙީޙު މުސްލިމުގައި އަނަސް ބިން މާލިކުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ޖަންނަތުގައި ބާޒާރެއް ވެއެވެ. ކޮންމެ ހުކުރު ދުވަހަކު އެއުރެން އެތަނަށް އަންނާނެއެވެ. އުތުރުން ވައިރޯޅިއެއް ޖެހޭނެވެ. ފަހެ އެ ވައިރޯޅި އެއުރެންގެ މޫނުތަކާއި ފޭރާމުތަކުގައި ޖެހުމުން، އެއުރެންގެ ރީތިކަމާއި ފުރިހަމަކަން އިތުރުވެގެންދެއެވެ. ފަހެ އެއުރެންގެ އަހުލުންގެ ގާތަށް އެނބުރި ދިއުމުން އަހުލުން ބުނާނެއެވެ: "ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އަހަރުމެންނާއި ވަކިވެގެން ދިޔުމަށްފަހު ތިބާގެ ފުރިހަމަކަމާއި ރީތިކަން އިތުރުވެއްޖެއެވެ." އަދި އެއުރެން ބުނާނެއެވެ: "ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އަހަރުމެން ވަކިވެގެން ދިޔުމަށްފަހުގައި ތިކަނބަލުންގެ ވެސް ފުރިހަމަކަމާއި ރީތިކަން އިތުރުވެއްޖެއެވެ." ⁸
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަަމަށް މުސްލިމް ރިވާކުރެއްވިއެވެ: ގޮވާލާމީހަކު ގޮވާލާނެއެވެ: ހަމަކަށަވަރުން ތިޔަބައިމީހުން ވާނީ ދުޅަހެޔޮ ޞިއްޙަތެއްގައެވެ. ފަހެ ދުވަހަކުވެސް ބައްޔެއް ނުވާނެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ތާއަބަދަށް ދިރިހުންނާނެއެވެ. ފަހެ ދުވަހަކުވެސް މަރެއްނުވާނެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ވާނީ ޒުވާންކަން މަތީގައެވެ. ފަހެ ދުވަހަކުވެސް މުސްކުޅިއެއް ނުވާނެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް ނިޢުމަތްތައް ލިބިލިބި ހުންނާނެއެވެ. ފަހެ ދުވަހަކުވެސް މާޔޫސްވުމެއް ނުވާނެއެވެ. އެއިލާހު عز وجل ވަޙީކުރައްވާފައި ވަނީ އެފަދައިންނެވެ: ▶️وَنُودُوا أَن تِلْكُمُ الْجَنَّةُ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ◀️ މާނައީ: "ދެން އެ މީހުންނަށް ގޮވައި އަންގަވާނެއެވެ. އެހެރީ ޖަންނަތެވެ. ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން އެ ތަން ތިޔަބައިމީހުންނަށް ލިބިދެއްވިއެވެ." [الأَعرَاف:٤٣] ⁹
🪷ޖަންނަތުގެ އަހުލުވެރިންގެ ވަސް
ދެ ޝައިޚުން (އިމާމް ބުޚާރީ އަދި މުސްލިމް) އަބޫ ހުރައިރާ - رضي الله عنه - ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. އަދި މިއީ އަލް-ބުޚާރީގެ ރިވާޔަތުން ނެގިފައިވާ ލަފްޡުތަކެކެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ޖަންނަތަށް އެންމެ ފުރަތަމަ ވަންނަ ޖަމާޢަތުގެ ޞޫރަ ވަނީ ސާދަވިލޭރޭގެ ހަނދުފަދައިންނެވެ. އެއަށްފަހުގައި ވަންނަ މީހުން، އުޑުގައި އަލިކަން އެންމެގަދަ ވެގެންވާ ތަރި ފަދައެވެ. އެބައިމީހުން ކުޑަކަމުވެސް އަދި ބޮޑުކަމުވެސް ނުދާނެއެވެ. ކުޅެއްނުޖަހާނެއެވެ. ނޭފަތުން އަރިދަފުސް ބޭރެއްނުކުރާނެއެވެ. އެބައިމީހުންގެ ބޮލުފުނާތައްވަނީ ރަނުންނެވެ. އެބައިމީހުންގެ ގައިން އޮހޮރޭ ދަލަކީ ގޮމަކަސްތޫރިއެވެ. އެބައިމީހުންގެ މެދުގައި 'އަލް-އުލޫތު އަލް-އަލަންޖޫޖް' ކިޔޭ ވަސް މީރު ޢޫދެއް އެންދޭނެއެވެ. އެބައިމީހުންގެ އަނބީންނަކީ ޙޫރުލް ޢީނުންނެވެ. އެބައިމީހުންގެ އުފެއްދެވުން ވަނީ އެބައިމީހުންގެ ބައްޕަ އާދަމް عليه السلام ފަދައިން (ހަށިގަނޑުގައި) 60 މުށުގެ އިސްކޮޅެއްގައެވެ." ¹⁰
📝ފައިދާއެއް: އަލް-އަލަންޖޫޖް ގެ ޝަރަޙައިގައި އަލް-ޙާފިޡް އިބްނު ޙަޖަރު ވިދާޅުވިއެވެ: الألنجوج: همزة އަދި لام ގައި އަބަފިއްޔެެއް އަދި ن ގައި ސުކުނެކެވެ. ފުރަތަމަ ج ގައި އުބުފިއްޔެއް، و ގައި ސުކުނެކެވެ. އެއީ (މީރުވަސް ދުއްވުމަށްޓަކައި) އަންދަން ބޭނުންކުރާ ލަކުޑި އެކެވެ. އަދި 'އަލް-އަލަންޖޫޖް' ގެ މި ކަލިމައަކީ މިތާގައި 'އަލް-އުލޫތު' ގެ ތަފްސީރެވެ. އަދި ޢޫދަކީ އެ ތަފްސީރުގެ ތަފްސީރެވެ. — اهـ ¹¹
🌙ޖަންނަތުގެ އަހުލުވެރިންގެ ނިދުން
އަދި ޖާބިރުގެފާނު ވިދާޅުވިކަމަށް ޞައްޙަ ސަނަދަކުން އަލް-ބައްޒާރު، އައް-ޠަބަރާނީ އަދި އަލް-ބައިހަޤީ ރިވާކުރެއްވިއެވެ: ބުނެވުނެވެ: އޭ ﷲ ގެ ރަސޫލާ އެވެ. ޖަންނަތުގެ އަހުލުވެރިން ނިދިކުރައްވާނެ ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ނޫނެކެވެ. ނިންޖަކީ މަރުގެ އަޚެވެ. ޖަންނަތުގެ އަހުލުވެރިންނަށް މަރުވުމެއް ނުވެއެވެ. އަދި އެވެރިންނަށް ނިދުމެއްވެސް ނުވެއެވެ. " ¹²
🔽
➖➖➖➖➖
(8) صحيح مسلم : 2833
(9) صحيح مسلم : 2837
(10) صحيح البخاري : 3327
(11) الفتح 6/458
(12) البدور السافرة : 475
4⃣
🌍 ދަރަޖަތައް
ޖަންނަތުގެ އަހުލުވެރިން، —ﷲ ތަޢާލާ އަހަރުމެން އެތާގެ އަހުލުވެރިން ކަމުގައި ލައްވާށި— އެވެރިންގެ ޢަމަލުތަކާއި އެއްފަދައިން ތަފާތު ދަރަޖަތަކެއްގައި ވާނެއެވެ. ޢަބްދުލް ﷲ رَضِيَ اللَّهُ عَنْهُ ކިބައިން ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ވެއެވެ: "ހަމަކަށަވަރުން ނަރަކައިގެ އަހުލުވެރިންގެ ތެރެއިން އެންމެ ފަހުން އެތަނުން ނުކުންނާނެ ފަރާތް، އަދި ޖަންނަތުގެ އަހުލުވެރިންގެ ތެރެއަށް އެންމެ ފަހުން ވަންނާނެ ފަރާތް ތިމަންކަލޭގެފާނު ދެނެވަޑައިގަންނަވަމެވެ. އެއީ އަނގަވަތަށް ވެއްޓެމުން ތެދުވަމުން ވެއްޓެމުން އަންނަ ޙާލުގައި ނަރަކައިން ނުކުންނާނެ މީހެކެވެ. ފަހެ ﷲ ވަޙީކުރައްވާނެއެވެ: ތިބާ ޖަންނަތަށް ވަންނާށެވެ. ދެންފަހެ އޭނާ ޖަންނަތް ކައިރިއަށް އަންނާނެއެވެ. އޭނާއަށް އެތަން ފުރިފައި ވަނިކޮށް ދެއްކެވޭނެއެވެ. އޭނާ އެނބުރި އައިސް ދަންނަވާނެއެވެ: އޭ އަޅުގެ ވެރި ރައްބެވެ! މިއަޅާ އަށް އެތަން ފެނުނީ ފުރިފައި ވަނިކޮށެވެ. ފަހެ އެއިލާހު ވަޙީކުރައްވާނެއެވެ: "ތިބާ ދާށެވެ. އަދި ޖަންނަތައް ވަންނާށެވެ. ފަހެ ހަމަކަށަވަރުން ދުނިޔެއާއި އެއްފަދަވެގެންވާ އަދި އެ ދުނިޔޭގެ ދިހަ ގުނަ ފަދަ (ނިޢުމަތް) ތިބާއަށް ދެއްވާހުށީމެވެ." ފަހެ އެހިނދު އޭނާ ބުނާނެއެވެ: "ތިޔަ އިލާހަކީ ރަސްވަންތަ އިލާހުކަމުގައިވާ ޙާލު މިއަޅާ އަށް މަލާމާތްކުރައްވަނީތޯއެވެ؟." ފަހެ އެކަލޭގެފާނު (ނަބިއްޔާ ﷺ) ގެ ކޮލުދަތްތައް ފާޅުވެއްޖެއުމަށް ދާންދެން ރަސޫލާ ﷺ ހިނިވަރުނަކުރައްވަނިކޮށް އަހުރެން ދެކުނީމެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އެއީ ޖަންނަތުގެ އަހުލުވެރިންގެ ތެރެއިން (ދަރަޖައިގެ ގޮތުން) އެންމެ ދަށް މީހާގެ މަންޒިލެވެ." ¹³
⬅️ މިއީ އިސްލާމްވެބްގެ ފަތުވާއަކުން ނެގިފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެވެ. މި ހިސާބަށް އެ ލިޔުންކޮޅު ނިމުނީއެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިއީ ޖަންނަތެވެ. އެތަން ބޭނުންނުވާނީ ފަހެ ކާކުތޯއެވެ؟ ބޭނުންނަމަ، ﷲ އެއްކައުވަންތަ ކުރައްވާށެވެ! އެންމެހާ ހެޔޮ ޢަމަލްތައް ކުރައްވާށެވެ! އަދި މި އެންމެހާ ހެޔޮކަން ބާޠިލް ކުރުވަނިވި ޝިރްކާއި އެންމެހާ ނުބައި ޢަމަލްތަކުން ދުރުހެލިވެ ވަޑައިގަންނަވާށެވެ! ތަވްޙީދުގެ ކަލިމައިގެ މަތީގައި މެނުވީ މަރުނުވާށެވެ! ﷲ ތަޢާލާ އަޅަމެން ޖަހަންނަމައިން މުއްތި ކުރައްވަވައި، ޖަންނަތުގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! آمين
ނިމުނީ
➖➖➖➖➖
(13) صحيح البخاري : 6571
#Tazkiyah #Jannah
ކޮމެންޓް
ގުޅޭ ލިޔުންތައް
4 years ago
4 years ago
5 years ago