ލައިލަތުލްޤަދުރި ވިލޭރޭގެ ދަރުމަޔާއި ސަވާބު ހޯދުމަށް ކުރެވިދާނެ 05 ކަމެއް

އެޑްމިން

ލައިލަތުލްޤަދުރި ވިލޭރެއަކީ އަހަރުތަކުގެ އެހެން ހުރިހާ ދުވަސްތަކާއި ރޭތަކާއި ޚިލާފަށް ޚާއްސަކަމެއް ދެވިގެންވާ ރެޔެކެވެ. އެރެޔަކީ މާތްﷲ އެކަލާނގެ އަޅުތަކުން އިމްތިޙާނުކުރައްވައި އެއަޅުތަކުންގެ ތެރެއިން ތަޢުބާވެ ފާފަފުއްސެވުމަށް އެކަލާނގެ އިރާދަކުރައްވާ އަޅުތަކުންގެ ފާފަފުއްސެވުމަށް ޚާއްސަކުރެވިފައި ރެޔެކެވެ. ލައިލަތުލްޤަދުރި ވިލޭރޭ ހިމެނިގެންވަނީ ޢިލްމުވެރިން އިއްތިފާޤުވެލައްވާގޮތުގައި ރަމަޟާން މަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުން ރެޔެއްގައެވެ.

ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި އެރެޔަކީ އެކިއަހަރަށް ބަދަލުވެދާނެ ރެޔެކެވެ. މާނަޔަކީ އެއްބައި އަހަރު އެރެޔަކީ 21 ވަނަ ރޭކަމުގައި ވެދާނެއެވެ. ނުވަތަ 23، 25، 27 އަދި 29 މިއިން ރެޔެއްކަމުގައި ވެދާނެއެވެ. މާތްﷲ އެކަލާނގެ މަތިވެރި ޙިކުމަތްފުޅާއިއެކު ވަނީ އެރޭ އަޅުގަނޑުމެންނަށް ސިއްރުކުރައްވާފައެވެ.

އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ އެރޭ ހޯދުމަށް މިދުވަސްވަރު (ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި) ލައިލަތުލްޤަދުރި ވިލޭރޭ ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.

މިތަނުގައުި މިބަލައިލަނީ މިގޮތުން ލައިލަތުލްޤަދުރި ވިލޭރޭގެ ދަރުމަޔާއި ސަވާބު ހޯދުމަށް ކުރެވިދާނެ މައިގަނޑު 05 ކަމެއްގެ މައްޗަށެވެ.

01. ޞަދަޤާތްކުރުން

ފަހުދިހައިގެ ކޮންމެރެޔެއްގައި ތިބާގެ މުދަލުން ކޮންމެވެސް މިންވަރެއް ޞަދަޤާތްކުރައްވާށެވެ. އެގޮތުން މިންވަރެއް ކަނޑައަޅުއްވާނީ އެކަމަކަށް އެމީހަކު ކުޅަދާނަކަން ލިބިގެންވާ މިންވަރެކެވެ. އެގޮތުން ލައިލަތުލްޤަދުރި ވިލޭރެޔާއި ދިމާވެއްޖެނަމަ (އިންޝާﷲ ކޮންމެ ރެޔަކު މިޢަމަލު ކުރެވޭނަމަ އެރެޔާއި ދިމާވާނެ) އެމީހަކު 83 އަހަރު ވަންދެން ކޮންމެ ރެޔަކު ޞަދަޤާތްކުރި ފަދަ ޘަވާބާއި ދަރުމަ އެމީހަކަށް ލިޔުއްވާނެތެވެ.

02. ޤުރުޢާން ކިޔެވުން

ފަހުދިހައިގެ ކޮންމެރެޔެއްގައި ތިބާގެ ކީރިތި ޤުރުޢާން ކިޔެވުމުގައި ކޮންމެވެސް ވަގުތެއް ހޭދަކުރައްވާށެވެ. އެހެނީ ލައިލަތުލްޤަދުރި ވިލޭރެޔަކީ އެޤުރުޢާން ބާވައިލެއްވުނު ރެޔެވެ. އެގޮތުން ލައިލަތުލްޤަދުރި ވިލޭރެޔާއި ދިމާވެއްޖެނަމަ (އިންޝާﷲ ކޮންމެ ރެޔަކު މިޢަމަލު ކުރެވޭނަމަ އެރެޔާއި ދިމާވާނެ) އެމީހަކު 83 އަހަރު ވަންދެން ކޮންމެ ރެޔަކު ޤުރުޢާންކިޔެވި ފަދަ ޘަވާބާއި ދަރުމަ އެމީހަކަށް ލިޔުއްވާނެތެވެ.

03. ޒިކުރުކުރުން

ފަހުދިހައިގެ ކޮންމެރެޔެއްގައި ތިބާ މާތްﷲ ޒިކުރު ކުރުމުގައި ވަގުތު ހޭދަކުރައްވާށެވެ. މިގޮތުން ޒިކުރު ކުރުމުގެ ގޮތުން ވާރިދުވެގެންވާ އެކިއެކި ޒިކުރުތައް ކުރެވިދާނެއެވެ. އެގޮތުން މިސާލަކަށް: ސުބުޙާނަﷲ، ﷲއަކުބަރު، އަލްޙަމްދުލިﷲ މިފަދަ ޒިކުރުތައް ކުރެވިދާނެއެވެ. އަދި މިނޫންވެސް ރަސޫލާ صلی اللہ علیہ وسلمގެ ސުންނަތުން ސާބިތު ޒިކުރުތައް ކުރުމުގައި ވަގުތު ހޭދަކުރައްވާށެވެ. އެގޮތުން ލައިލަތުލްޤަދުރި ވިލޭރެޔާއި ދިމާވެއްޖެނަމަ (އިންޝާﷲ ކޮންމެ ރެޔަކު މިޢަމަލު ކުރެވޭނަމަ އެރެޔާއި ދިމާވާނެ) އެމީހަކު 83 އަހަރު ވަންދެން ކޮންމެ ރެޔަކު މާތްﷲ ޒިކުރުކުރުމުން ލިބޭފަދަ ޘަވާބާއި ދަރުމަ އެމީހަކަށް ލިޔުއްވާނެތެވެ.

04. ރޭއަޅުކަން ކުރުން

ފަހުދިހައިގެ ކޮންމެރެޔެއްގައި ތިބާ ރޭއަޅުކަމަށް ވަގުތު ކޮޅެއް ހޭދަކުރައްވާށެވެ. މިގޮތުން ރޭއަޅުކަމުގެ ތެރޭގައި ތަރާވީޙް ނަމާދާއި، ދަމުނަމާދު އަދި ވިތުރި ނަމާދުވެސް ހިމެނިގެންވެއެވެ. ރޭއަޅުކަމުގައިވެސް އެންމެ މޮޅު އިތުރުވެގެންވަނީ ރޭގަނޑުގެ ފަހުބައިގައި ކުރެވޭ ނަމާދެވެ. އެގޮތުން ލައިލަތުލްޤަދުރި ވިލޭރެޔާއި ދިމާވެއްޖެނަމަ (އިންޝާﷲ ކޮންމެ ރެޔަކު މިޢަމަލު ކުރެވޭނަމަ އެރެޔާއި ދިމާވާނެ) އެމީހަކު 83 އަހަރު ވަންދެން ކޮންމެ ރެޔަކު ރޭއަޅުކަންކުރުމުން ލިބޭފަދަ ޘަވާބާއި ދަރުމަ އެމީހަކަށް ލިޔުއްވާނެތެވެ.

05. ދުޢާކުރުން

ފަހުދިހައިގެ ކޮންމެރެޔެއްގައި ތިބާ މާތްﷲއަށް ދުޢާކުރައްވާށެވެ. މިގޮތުން ފާފަފުއްސެވުމަށާއި ސުވަރުގެއަށް އެދި ދުޢާކުރައްވާށެވެ. އަދި ލައިލަތުލްޤަދުރި ވިލޭރޭ ކުރުމަށް ޚާއްސަ ދުޢާވެސް ކިޔުން ގިނަކުރައްވާށެވެ.

اللهم إنك عفو، تحب العفو، فاعف عني

މާނައީ: "ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބްރަސްކަލާނގެއީ ޢަފޫކުރައްވާ އޯގާވަންތަ، ޢަފޫކުރެއްވުމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ފަހެ، މިއަޅާއަށް މިއަޅާގެ ފާފަތައް ޢަފޫކުރައްވާންދޭވެ!"

އެގޮތުން ލައިލަތުލްޤަދުރި ވިލޭރެޔާއި ދިމާވެއްޖެނަމަ (އިންޝާﷲ ކޮންމެ ރެޔަކު މިޢަމަލު ކުރެވޭނަމަ އެރެޔާއި ދިމާވާނެ) އެމީހަކު 83 އަހަރު ވަންދެން ކޮންމެ ރެޔަކު ދުޢާކުރުމުގައި ހޭދަކުރުމުން ލިބޭފަދަ ޘަވާބާއި ދަރުމަ އެމީހަކަށް ލިޔުއްވާނެތެވެ.

މިއިން ކޮންމެ އަޅުކަމެއް ކުރުމުގައިވެސް އެންމެ ސަމާލުވާންވީ މާތްﷲ އަށް އިޚްލާޞްތެރިކަމާއިއެކު ތެދުވެރި ހިތަކާއިގެން އެއަޅުކަމެއް ކުރުމެވެ. އަދި ލައިލަތުލޤަދުރި ވިލޭރޭގެ ދަރުމައެދިގެން މިޢަމަލުތައް ކުރުމެވެ. މިނޫންވެސް އިތުރު ހެޔޮ ޢަމަލުތައް މިދުވަސްވަރަށް ޚާއްސަކޮށް ކުރައްވާށެވެ.

މާތްﷲ ތިބާއާއި އަޅަމެންގެ ކިބައިން ޤަބޫލުކުރައްވައި، ލައިލަތުލްޤަދުރީގެ ފުރިހަމަ ސަވާބު މިންވަރުކުރައްވާށި! އާމީން

ކޮމެންޓް

Ibrahim Rishwan

އާމީން

Ibrahim Rishwan

އާމީން

މުޙައްމަދު

މާޝާﷲ ! ވަރަށް ރަނގަޅު ލިޔުމެއް. ހަނދާން އާވެއްޖެ. ހަނދާން ކޮށްދިނުމަކީ މަންފާ ކުރާނެ ކަމެއް.

ކޫ

ވަރަށް އުފާވެއްޖެ މި މަޢުލޫމާތުކޮޅު ލިބުނީމަ👍

ގުޅޭ ލިޔުންތައް