ރަމަޟާން މަހުގެ ފަހު ދިހަދުވަހުގެ ތާވަލު

އެޑްމިން

ރަޙުމަތުގެ މައްސަރަށް އަޅުގަނޑުމެން މަރުހަބާކީ އުފަލާއި އުންމީދުން ފުރިވެގެން ތިބި ޙާލު ހިނިތުންވުމާއި އެކުގައެވެ. އިސްވެދިޔަހާ ފާފަތައް ފުހެވިގެން ދިއުމާއި، ޘަވާބާއި ދަރުމައިން ހެޔޮކަމުގެ މީޒާން ފުރިގެންތިބެ ސުވަރުގެ ޙާޞިލްކުރުމުގެ އެދުންވެރިކަމުގައި ތިބެގެންނެވެ. ޤުރުއާން ޚަތިމްކުރުމާއި، ތަރާވީޙް ނަމާދުކުރުމާއި ދަމުނަމާދަށް ހޭލުމުގެ މަތިވެރި އުންމީދާއި އެކުގައެވެ. އިސާހިތަކު ރަމަޟާން މަހުގެ ފުރަތަމަ ދެދިހަ މިވަނީ އަޅުގަނޑުމެންނާއި އަލްވަދާޢުކިޔާފައެވެ.

ރަޙުމަތުގެ ދިހަދުވަހާއި، މަޣްފިރަތުގެ ދިހައެއް ނިމިގެން ދިޔައިރު، އަޅުގަނޑުމެން ރަމަޟާން މަހަށްޓަކައި ތައްޔާރުކުރި “ޕްލޭން”ގެ ކިތަށް އިންސައްތަ ޙާޞިލްކުރެވުނު ބާއެވެ؟ ލައިލަތުލް ޤަދްރި ވިލޭރޭ އަޅުގަނޑުމެންނާއި ބައްދަލްކުރާ، ފަހު ދިހައިގެ ދުވަސްތަކާއި ބައްދަލްކުރެވުމާއި އެކު އަޅުގަނޑުމެންގެ ނަފްސުތައް ޙިސާބުކޮށްލަމާތޯއެވެ! އަހަރަކު އެއްފަހަރު އަޅުގަނޑުމެންނާއި ބައްދަލްކުރާ މި”ތަދު ބޭހު”ގެ ބާކީ ހުރި މިންވަރުން އެންމެ އެދެވޭ ޝިފާއެއް ލިބިގަންނާނީ ކިހިނެތް ކަމާއި މެދު ވިސްނަވާލައްވަމާ ހިންގަވާށެވެ! ފާއިތުވީ ދުވަސްތައް މުރާޖަޢާކޮށްލުމަށްފަހު، އަޅުގަނޑުމެންގެ ކިބައިގައި ހަރުލާފައި ހުރި ނޭދެވޭ ސިފަތަކާއި ދުރުވެ، އެންމެ ހެޔޮ ގޮތުގައި މިރަމަޟާން މަސް ނިންމަވަމާ ހިންގަވާށެވެ!

ފަހު ދިހައިގެ ދުވަސްތަކާއި އެކު އަޅުގަނޑުމެންގެ ޢަމަލްތައް ސީދާކުރުމުގައި ސަމާލުކަން ދިނުން މުހިންމު ބައެއް ކަންކަމަށް ނަޘަރުހިންގަވާލައްވަމާތޯއެވެ!

އަޅުކަމާއި ދުޢާ އިތުރުކުރުން:

ދުވާލުގެ ވަގުތުގައި ކެއިންބުއިމާއި ދުރުހެލިވެ ތިބެ އަޅުގަނޑުމެން ރޯދައަށް ތިބޭ އިރު، ފަރުޟު ފަސް ނަމާދު ވަގުތުގެ އެންމެ ކުރީކޮޅުގައި އަދާކުރުމާއި، ރަވާތިބު ސުންނަތްތައް އަދާކުރުމާއި އެކު، ދުޢާތަކާއި ޛިކުރުތައް ކުރުމުގައި އަޅުގަނޑުމެންގެ ދޫތައް މަޝްޣޫލުކުރުން މުހިންމެވެ. ކެއްކުމުގައި ބަދިގޭގައި އަވަދިނެތި ހޭދަކުރާ ވަގުތު ކުރުކުރުމަށް ސަމާލުވާންޖެހެއެވެ.

ރޭގަނޑުގެ ނިދި ހަމަކުރުމާއި އެކު ދުވާލު ހޭލާހުރުން، އަދި ރޭއަޅުކަންކުރުން އިތުރުކުރުން:

ރޭގަނޑުގެ ބޮޑު ބައެއްގައ، ނުވަތަ މުޅި ރޭގަނޑު ހޭލާހުރުމުގެ ސަބަބުން ދުވާލު ނިދުމުގައި ހޭދަވާ ނަމަ، ރޯދައިގެ މަޤްޞަދު އަޅުގަނޑުމެންނަކަށް ޙާޞިލެއްނުވެއެވެ. ނުކައި ނުބޮއި، ނަފްސުގެ އެދުންތަކާއި ދުރުހެލިވެ ތިބެ ރޯދަ ހިފަން ޖެހޭއިރު، ދުވާލުގެ ގިނަ ވަގުތު ނިދީގައި ޣާފިލްވެ ތިބޭ ނަމަ އަޅުގަނޑުމެންނަށް ރޯދައިން ލިބޭނީ ކޮން މަންފާއެއްބާއެވެ؟ އެހެންކަމުން ރޭގަނޑުގެ އިރާކޮޅު އަވަހަށް ނިދުމަށްފަހު، ރޭގަނޑުގެ އެންމެ ފަހު ދަމުގައި ރޭއަޅުކަންކުރުމަށް ހޭލަން އާދަކުރައްވާށެވެ!

ވަޤުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުން:

ރަޙުމަތާއި މަޣްފިރަތާއި ދަރުމައިން ފުރިގެންވާ މިމައްސަރު އަހަރުގެ އެހެން މަހަކާއި އެއްފަދަ ނުކުރަމާތޯއެވެ! ޓީވީ ބެލުމާއި، ގޭމްކުޅުމާއި ބޭކާރު ވާހަކަދެއްކުން ފަދަ ފައިދާއެއް ނެތް ކަންކަމުގައި މިމަހުގެ ވަގުތުތައް ބޭކާރުވެގެން ދިޔަނުދިނުމަށްޓަކައި އަޅުގަނޑުމެން ސަމާލުވެ، ހޭލާތިބެންޖެހެއެވެ.

ހާރުކެއުން:

ރޯދަ ވީއްލުމަށް ފަހު މަދުން ކެއުމާއި އެކު އަވަހަށް ނިދުމުން ހާރުކާން ތެދުވެ، ރަނގަޅަށް ހާރުކެއުމަށް ފަސޭހަވެގެންދާނެއެވެ. އެހެން ނޫންނަމަ މާ ބޮޑަށް ބަނޑުފުރުމާއި ނިދި ހަމަނުވުމުގެ ސަބަބުން ހޭލައިގެން ހާރުކެއުން ދަތިކަމަކަށްވުން ގާތެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. “ރޯދައަށް ހުރުމަށްޓަކައި ތިޔަބައިމީހުން ހާރުކާށެވެ! ފަހެ ހާރުކެއުމުގައި ރަޙްމަތެއްވެއެވެ!” (رواه البخارى ومسلم)

އެކަލޭގެފާނުގެ އެހެން ޙަދީޘްފުޅެއްގައިވެއެވެ. “ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ރޯދަ އާއި ފޮތުގެ އަހުލުވެރިންގެ ރޯދައިގެ ތަފާތަކީ ހާރުކެއުމެވެ.” (رواه مسلم)

ރޯދަވީއްލުމުގެ ޖާފަތްތައް އިންތިޒާމްކުރުމުގައި ސަމާލުވުން:

ރޯދަވީއްލުމަށް ދަޢުވަތުދީ، ދަޢުވަތު ޤަބޫލުކުރުމަކީ އެދެވިގެންވާ ކަމެކެވެ. ނަމަވެސް އިސްލާމީ ގިއުގަނޑުގެ ތެރެއިން ބޭރުވާފަދަ ގޮތަކަށް ރޯދަވީއްލުންތައް އިންތިޒާމްކޮށް އެކަހަލަ ޖާފަތްތަކަށް ޙާޟިރުވުމާއި ދުރުހެލިވާންވާނެވެއެވެ. އައުރަ ނިވާނުކޮށްތިބެ ދެޖިންސުގެ މީހުން މަސްހުނިވެ، އަޑުގަދަކޮށް މިއުޒިކާއި ލަވަ ޖެހުން ފަދަ އިސްލާމީ ޙުދޫދުން ބޭރުގައި ރޯދަ ވީއްލުމުގެ ވަގުތު ހޭދަކުރާނަމަ އަޅުގަނޑުމެންގެ ރޯދައިގެ “ޞައްޙަ”ކަމާއި މެދު ސުވާލުއުފެދެއެވެ.

ރޯދަ ވީއްލުން އަވަސްކުރުން:

ބަންގި ގޮވާ ނިމެންދެން ނުވަތަ ބަންގި ގޮވާނިމޭތާ އެތައް އިރެއްވަންދެން ރޯދަ ނުވީއްލާ ތިބެވޭތަން ބައެއްފަހަރު އާދެއެވެ. ނަމަވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އުންމަތަށް އިރުޝާދުދެއްވާފައިވަނީ، ބަންގީގެ އަޑުޖެހުމާއި އެކު ރޯދަވީއްލުމަށެވެ. އެހެންކަމުން ރޯދައިގެ ޘަވާބު އެންމެ ފުރިހަމައަށް ލިބިގަތުމަށްޓަކައި، މިމަހުގެ ބާކީހުރި ދުވަސްކޮޅުގައި މިކަމަށް ސަމާލުވަމާތޯއެވެ!

މާގިނައިން ކެއުން:

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ރޯދަވީއްލާ ގަޑީގައި ނުވަތަ ހާރުދަމުގައި ކެއުން އިތުރުކުރުމަކީ ދުވާލު ހަށިގަނޑުގައި ވަރުޖައްސައިދޭ ކަމެއްގެ ގޮތުގައެވެ. ނަމަވެސް މިކަމަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާއި ޚިލާފް، އަދި އެކަމުގެ ސަބަބުން ހަށިގަނޑު ލޮޑުވެ އަޅުކަމާއި ދުރުހެލިކުރުވާކަމެކެވެ. ކެއުމުގައި ތިމާގެ ބަނޑުގެ ތިންބައިކުޅަ އެއްބައި ނޭވާލުމަށްޓަކައި، އަދި އަނެއް ތިންބައިކުޅަ އެއްބައި ފެންބުއިމަށްޓަކައި ހުސްކޮށް ބޭއްވުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަންގަވާފައިވަނީ މިސަބަބަށްޓަކައެވެ.(އައް ތިރްމިޛީ އަދި އިބްނު މާޖާ)

ދުޢާ އިޖާބަކުރެއްވުމުގެ ރަނުގެ ފުރުޞަތުން މަޙްރޫމްވިޔަނުދިނުން:

ރޯދަވެރިޔާ ރޯދަ ވީއްލާ ވަޤުތު ކުރާ ދުޢާ އަކީ އިޖާބަކުރެއްވިގެންވާ ދުޢާއެއް ކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަންގަވާފައިވެއެވެ. އެކަލޭގެފާނު ޙަދީޡްކުރައްވާފައިވެއެވެ. “ތިން މީހެއްގެ ދުޢާ ﷲސުބަޙާނަހޫ ވަތަޢާލާ އިޖާބަނުކުރައްވާ ދޫނުކުރައްވައެވެ. އެއީ ބައްޕައެއްގެ ދުޢާ އާއި، ރޯދަވެރިޔާގެ ދުޢާ އަދި ދަތުރުވެރިޔާގެ ދުޢާއެވެ.”(އަލް ބައިޙަޤީ)

ނަމާދުނުކޮށް ރޯދައަށް ނުހުރުން:

މުސްލލިމަކާއި ކާފަރަކާއި ދެމެދުގައިވާ ފަރަޤަކީ ނަމާދުކުރުން ކަމުގައި ވީހިނދު، ނަމާދުނުކޮށް ރޯދައަށް ހުންނަ މީހާގެ ރޯދަ ޤަބޫލުކުރެވޭނީ ކޮންފަދައަކުންތޯއެވެ؟ (މުސްލިމް) އަޅުގަނޑުމެންގެ ތެރެއިން ނަމާދާއި ދުރު އަޚުންނާއި އުޚުތުން، ތައުބާވެ ބާކީ ހުރި ދުވަސްކޮޅުގެ ރޯދަތައް ﷲގެ ޙަޟްރަތުގައި ޤަބޫލުކުރެއްވިގެންވޭތޯ ބަލަމާތޯއެވެ؟

ރޯދަ ހިފުމާއި އެކު ނުބައި ޢަމަލްތަކާއި ދުރުހެލިވެހުރުން:

ދޮގުހެދުމާއި، ޣީބަ ބުނެ ފުރައްސާރަކުރުމާއި، މަކަރުހަދާ އޮޅުވާލުމާއި ފާޙިޝް މަންޒަރުތައް ބެލުންފަދަ ފާފަތަކާއި ދުރުހެލިނުވެވޭނަމަ ރޯދައަށް ހުރުމުގެ މަޤްޞަދަކީ ކޮބާތޯއެވެ؟

ރަސޫލާ ޞައްލަﷲ ޢަލައިހިވަަސައްލަމް ޙަދީޡްކުރައްވާފައިވެއެވެ. “ޖާހިލުކަމުގައި ހުރެ ދުލުން ނުބައި ބަސްތައް ބުނުމާއި، ނުބައި ޢަމަލްތައްކުރުމުގައި ދެމިހުންނަ މީހާގެ ކެއުމާއި ބުއިން ދޫކޮށްލުމަކަށް ﷲ ބޭނުންވެވޮޑިގެންނެއްނުވެއެވެ.”(ބުޚާރީ)

ރޯދަހިފުމާއި އައުރަ ނިވާކުރުން:

އަޅުގަނޑުމެންގެ ތެރޭގައި ބުރުގާ ނާޅުއްވާ، ނުވަތަ ނިވާކަންކުޑަ ހެދުން ތުރުކުރެއްވުމަށް އާދަވެފައިވާ އުޚުތުން، ރަމަޟާންމަހުގެ ބާކީ މިހިރަ ކުޑަދުވަސްކޮޅުގެ ރޯދަ އެންމެ ފުރިހަމަ ދަރުމަ އާއި އެކު ޤަބޫލުކުރެއްވިގެން ވުމަށްޓަކައި އައުރަ ނިވާކުރައްވަމާތޯއެވެ!

އަޅުކަމާއި ދުޢާކުރުމާއި އިސްތިޣްފާރުކުރުމާއި ޞަދަޤާތްދިނުމުގައި މަޝްޣޫލުވުން:

މިހާރު އަޅުގަނޑުމެންނާއި ކުރިމަތިވެފައިމިވާ ފަހުދިހައިގެ ދުވަސްތަކަކީ ޡަވާބާއި ދަރުމައިގެ ދުވަސްތަކެވެ. މިދުވަސްކޮޅުގައި ޞަދަޤާތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރުމަށް ބާރުއަޅުއްވާފައިވާ އިރު، ހެޔޮކަން އިތުރުކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާކަމަކުން ދިހަ ރެއާއި ދިހަ ދުވަހުގެ މި ކުރުމުއްދަތު މަޝްޣޫލްކުރަމާތޯއެވެ! މާތްﷲ އަޅުގަނޑުމެންނަށް މިރަމަޟާންމަހުގެ އެންމެ ފުރިހަމަ ދަރުމަ މިންވަރުކޮށްދެއްވާނދޭވެ! އަދި އެއްހާސް މައްސަރުގެ ހެޔޮކަން އެރެއެއްގައި ހިމެނޭ ލައިލަތުލް ޤަދްރިވިލޭރޭ ގެއްލިގެންދިޔަނުދެއްވާނދޭވެ! އާމީން!

ކޮމެންޓް

ގުޅޭ ލިޔުންތައް