އެންމެ ރީތި އަންހެނާ!

އެޑްމިން

ޑަޔާނާ އަދި ޝުޝްމިތާއެއް ނޫނެވެ. އައިޝްވާރިޔާއެއްވެސް ނުމެ ނޫނެވެ. އަދި ކީއްކުރަން ހެއްޔެވެ؟ އަފީފާ އަދި އައްޒައެއްވެސް ނޫނެވެ. ރިޝްމީއާއި ނިއުމާ އަދި ޖަމްޝީދާއެއްވެސް ނޫނެވެ. އެހެންވީރު ދެންފަހެ އެއީ ކޮން އަންހެނެއް ހެއްޔެވެ؟ އިސްލާމީ ގިއުގަނޑު ތެރޭގައި ފިކުރު ހިންގާލާށެވެ. އިސާހިތަކު އެއީ ކޮން އަންހެނެއްކަން އެނިގިދާނެއެވެ. އެއަންހެނާ އޭނާގެ ފައިގެ ކަށިމައްޗާއި ހަމައަކަށް ފައުޅެއް ނުކުރާނެއެވެ. ހިނގުމުގައި ބަނޑި ބަނޑި ލެއްވުމެއް ނުހުންނާއެވެ. މިސް ވޯރލްޑު އަދި މިސް ޔުނިވާރސްފަދަ މަޤާމުތަކެއް ހަމަހިލާ އެއަންހެނާ ނޭދޭނެއެވެ. މިފަދަ ހުރިހައި ދުނިޔަވީ ޒީނަތްތެރިވުމަކުން އެއަންހެނާވަނީ ރައްކައިތެރި ވެފައެވެ. އެހެންވީރު އެއަންހެނާއަކީ ކާކު ހެއްޔެވެ؟

ހިލޭ ފިރިހެނުންގެ ލޯތައް އެނާއާދިމާލަށް އަމާޒުވާކަށް އެއަންހެނާ ނޭދޭނެއެވެ. އެކިކަހަލަ ތަފާތު ކުޅިވަރުތައްކުޅެ ދުނިޔޭގެ މަޝްހޫރުކަން ހޯދައިކަށް އެއަންހެނާ ބޭނުމެއް ނުވާނެއެވެ. އިސްޓޭޖު ތަކުގައާއި ކެމެރާތަކުގެ ކުރިމަތީގައި ނަށައިގެން މީހުންގެ ޝައުޤުވެރިކަން ހޯދައިކަށް އެއަންހެނާ ނޫޅޭނެއެވެ. އަދި އެއަންހެނާގެ އަޑު އެހެން މީހުންނަކަށް ވިއްކައެއް ނުހަދާނެއެވެ. ހުނުމުގެ އަޑަށް އެހެން މީހުން މަސްތު ކުރުމަކަށް އެއަންހެނާ މަސައްކަތެއް ނުކުރާނެއެވެ. އެހެނަސް އެއީ ފިނިފެންމަލަކަށްވުރެވެސް ރީތި އަންހެނެކެވެ. ވީއިރު އެއީ ކޮން އަންހެނެއް ހެއްޔެވެ؟

އަންހެނުންނަށް ދެއްވާފައިވާ ޙައްޤުތަކުން އަމިއްލައަށް އެއްކިބާވެހުރެ، އެޙައްޤުތަކަށް އެދި އަޑުގަދަކުރާ އަންހެނެއް ކަމުގައި އެއަންހެނާ ނުވެއެވެ. ފިރިމީހާގެ ޙައްޤުތަކަށް ފުރިހަމައަށް ރައްކައިތެރިވެ ހުރެ، ފިރިމީހާގެ މައިންބަފައިންނަށް އޯގާތެރިކަމާއި ލޯތްބާއެކު ކަންތައްތައް ކޮށްދިނުމަކީ ލިބޭ އުފަލެއް ކަމުގައި އެއަންހެނާ ދެކޭނެއެވެ. އެއަންހެނާއަކީ ކާކުކަން މިހާރު ވިސްނިއްޖެ ދޯއެވެ؟ އާއެކެވެ. އެއީ ސާދަ ވިލޭރޭގެ ހަނދެއްފަދަ ރީތި އަންހެނެކެވެ. އެއަންހެނާއާ އެއްފަދަ ދެވަނަ އެހެން އަންހެނަކު މިދުނިޔެއަކު ނެވެއެވެ. އެއީ ޙަލާލް ފިރިމީހާގެ ކުރިމަތީގައި މެނުވީ އޭނާގެ ޒީނަތްތެރިކަން ފައުޅު ނުކުރާ އަންހެނާއެވެ. އާދޭހެވެ! އެންމެ ރީތި އަންހެނާއަކީ ހިޖާބުގެ ތެރޭގައި ނިވާވެހުރެ، ދުނިޔޭގެ ޒީނަތްތެރިކަމުން ދުރުވެ، އާޙިރަތަށްޓަކައި މަސައްކަތްކުރާ އަންހެނާއެވެ. އެންމެ ރީތި އަންހެނާއަކީ ދުނެޔެއާއި އާޙިރަތުގައިވެސް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހުން ލިބިފައިވާ އަންހެނާއެވެ.

ތުއްތު ތުއްތު ދެ އަންހެން ކުއްޖެއްގެ ވާހަކަ އަޑުއެހީމު ހެއްޔެވެ؟ އެއްދުވަހަކު ތުއްތު ތުއްތު ދެ އަންހެން ކުދިން އަވީގައި ކުޅެން ތިއްބެވެ. އޭގެތެރެއިން އެއްކުއްޖަކު ހުރީ ސުކާރފެއް ކަހަލަ ފޮތިކޮޅަކުން އޭނާގެ ބޮލުގެ އިސްތަށިގަނޑު ނިވައި ކޮށްގެންނެވެ. އަނެއްކުއްޖާގެ އިސްތަށިގަނޑު ހާމަޔަށް ފެއްނަން އޮތެވެ. "ކަލޭގެ ބޮލުގައި ސުކާރފު އަޅައިގެން ތިހުރީ ކީއްވެ؟" ސުކާރފު ނުއަޅާ ހުރި ކުއްޖާ ސުވާލު ކުރިއެވެ. ސުކާރފު އަޅައި ބޮލުގެ އިސްތަށިގަނޑު ނިވައި ކޮށްގެން ހުރި ކުއްޖާ ޖަވާބު ދިނެވެ. "އަހަރެންގެ އިސްތަށިގަނޑު ނިވައި ކޮށްފައި ހުރުމުން މާތް ﷲ އަހަރެންދެކެ ލޯބިވެ ވޮޑިގެންނަވާނެ. އަދި އަހަންނާ ދިމާ ފިރިހެން ކުދިންނެއް ނުބަލާނެ. ޙަޤީގަތުގައިވެސް ބޮޑުވެގެން އަހަރެން ވާން ބޭނުމީ އަހަރެން މަންމަ ކަހަލަ، އިސްލާމީ ގިއުގަނޑުގެ ތެރޭގައި ހެދުންއަޅާ އަންހެނަކަށް."

ތިބާ އަމިއްލަ ނަފުސާއިމެދު ތިބާ ސުވާލު ކޮށްލާށެވެ. ތިއީ ރީތި އަންހެނެއް ހެއްޔެވެ؟ ސުވަރުގޭގެ ރާނީންތަކުގެ ތެރޭގައި ތިބާ ހިމެނޭނެ ހެއްޔެވެ؟ އެޅިފައި ތިހުރީ ކޮންކަހަލަ ހެދުމެއް ހެއްޔެވެ. އިސްލާމީ ގިއުގަނޑުގެ ތެރޭގައި ހިމެނޭ ހެދުމެއް ހެއްޔެވެ. ޝައްކުކަމެއް ހިތުގައި އުފެދިއްޖެ ދޯއެވެ؟ އަވަހަށް ތަޢުބާ ވާށެވެ. އެންމެ ރީތި އަންހެނާއަކީ ޑަޔާނާ އަދި ޝުޝްމިތާއެއް ނޫނެވެ. ރިޝްމީ އަދި އައްޒައެއްވެސް ނޫނެވެ. އެއަންހެނާއަކީ ހަމަ ތިބާއެވެ. ނަމަވެސް އެއީ އިސްލާމީ ރިވެތި ހެދުމުން ނިވާވެގެން ހުރިނަމައެވެ.

(ނިމުނީ)

ކޮމެންޓް

ގުޅޭ ލިޔުންތައް