އަލްމަސްޖިދުލް އަޤްޞާއަކީ، މަސްޖިދުލްޤިބްލީ ކަމަށް ގިނަ ބަޔަކު ހީކުރެއެވެ. އަދި އަލްމަސްޖިދުލް އަޤްޞާއަކީ ޤުއްބަތުއްޞަޚްރާ ކަމަށް ބައެއް މީހުން ހީކުރެއެވެ. ޙަޤީޤަތުގައި އަލްމަސްޖިދުލް އަޤްޞާއަކީ، މަސްޖިސުލްޤިބްލީއާއި ޤުއްބަތުއްޞަޚްރާއާއި އެހެނިހެން ބިނާތައް ބިނާކުރެވިފައިވާ، ވަށައިގެން އުސް ފާރު ލެވިފައިވާ މުޅި ބިމެވެ. ތަޞްވީރުގައި ރަތްކުލައިގެ ރޮނގަކުން ފާހަގަކޮށްފައިވަނީ އެ ބިމެވެ.
ތިރީގައި މިވަނީ ތަޞްވީރުގައި ނަންބަރު ޖަހާފައިވާ ތަންތަނުގެ ބައެއް ތަފުޞީލެވެ.
1. އަލްމަސްޖިދުލްޤިބްލީ: މިއީ 5000 (ފަސް ހާސް) މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތަށް އަލްމަސްޖިދުލްޤިބްލީ އެވެ، ކިޔަނީ މި މިސްކިތް ހުރީ މަސްޖިދުލްއަޤްޞާގެ ބިމުގައި ޤިބުލަ ފަރާތުގައި ކަމަށް ވީތީއެވެ. މިހާރު މި މިސްކިތް ހުރި ތަނުގައި އެންމެ ފުރަތަމަ މިސްކިތެއް ބިނާކުރެވުނީ، ޢުމަރުގެފާނުގެ އަމުރުފުޅަށެވެ. އެއީ ހިޖުރައިން 15 ވަނަ އަހަރުގައި، ބައިތުލް މަޤުދިސް ފަތަޙަކުރެއްވުމަށްފަހުގައެވެ. އެއަށްފަހު އެ މިސްކިތް އާކުރެއްވީ އުމަވީ ޚަލީފާ މަރްވާނު ބްނުލްޙަކަމް އެވެ. އެއަށްފަހު އެ މިސްކިތް ފުޅާކުރައްވައި މިހާރު ހުރި ބޮޑު މިސްކިތް ބިނާކުރައްވަން ފެށްޓެވީ، އުމަވީ ޚަލީފާ ޢަބްދުލްމަލިކު ބްނު މަރްވާން އެވެ. މިސްކިތް ބިނާކުރައްވައި ނިންމެވީ އެމަނިކުފާނުގެ ދަރިކަލުން އަލްވަލީދު ބްނު ޢަބްދުލްމަލިކު އެވެ.
2. ޤުއްބަތުއްޞަޚްރާ: ބިނާކުރެއްވީ ޢަބްދުލްމަލިކް ބްނު މަރްވާން (26-86 ހ.) އެވެ. އެމަނިކުފާނު މި ޤުއްބު ބިނާކުރެއްވީ، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، އެ ހިލަކޮޅެއްގެ މަތިން މިޢުރާޖު އަރާވަޑައިގެންނެވި ހިލަކޮޅުގެ މަތީގައެވެ.
3. ޙާއިޠުލްބުރާޤް: މި ފާރުގެ ދިގުމިނަކީ ގާތްގަނޑަކަށް 50 މީޓަރެވެ. އުސްމިނަކީ ގާތްގަނޑަކަށް 20 މީޓަރެވެ. އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުކުރެއްވި ރޭގައި، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ސަވާރީ ކަމުގައިވާ ބުރާޤުގެ ލަގަން ބަނދެލެއްވީ މި ފާރުގައެވެ.
4. ނަމާދުކުރަން އޮންނަ ހުސް ބިމެއް: މިތަނަށް ދެވިފައިވާ ނަމަކީ، އަލްމުޞައްލަލްމަރްވާނީ އެވެ.
5. އަލްމުޞައްލަލްމަރްވާނީ: މިއީ، އަލްމަސްޖިދުލްޤިބްލީގެ ބިންގާ ވަރުގަދަކުރުމަށްޓަކައި ބިނާކުރެވުނު ތަނެކެވެ. މިތަން ވެސް ބިނާކުރެވުނީ، އަލްމަސްޖިދުލްޤިބްލީ ބިނާކުރެވުނު ޒަމާނުގައެވެ.
މި ބަޔާންކުރެވުނު ތަންތަން ނޫނަސް، އަލްމަސްޖިދުލްއަޤުޞާގެ ބިމުގައި ކިތަންމެ ތަންތަނެއް ވެއެވެ. އެ މާތް ބިމުގައިވާ އާސާރީ ތަންތަނުގެ ޢަދަދު 200 އަށް އަރައެވެ. އަލްމަސްޖިދުލްއަޤްޞާ އެވެ، ކިޔަނީ މުޅި އެ ބިމަށެވެ. އެ ބިމުގެ މިންތަކަކީ:
ދެކުނުފަރާތުގެ ދިގުމިން: 281 މީޓަރު.
އުތުރުފަރާތުގެ ދިގުމިން: 310 މީޓަރު.
އިރުމަތީ ފަރާތުގެ ދިގުމިން: 462 މީޓަރު.
ހުޅަނގުފަރާތުގެ ދިގުމިން: 491 މީޓަރު.
އަލްމަސްޖިދުލްއަޤްޞާ ބިނާކުރެއްވުނު ފަހުން، މި މިންތަކަށް ބަދަލު ގެނެވިފައެއް ނުވެއެވެ.
<><><>
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
ކޮމެންޓް
ގުޅޭ ލިޔުންތައް
2 years ago
2 years ago
4 years ago