އަޅުގަނޑުމެންގެ މުޖުތަމަޢަށް ނަޒަރު ހިންގާ ބަލައިލާއިރު ކޮންމެ ދިމާލަކުންވެސް ފެންނަމުން މިދަނީ ކުށުގެ އަމަލު ތަކެވެ. ވައްކަން ކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ނެތި މޮށުމާއި، ފުރައްސާރަ ކުރުމާއި، ކޮރަޕްޝަން އާއި ފަސާދަ އާއި ބަދުއަޚްލާޤީ ޢަމަލްތަކެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެއެވެ. މައިން ބަފައިންނަށް، ޓީޗަރުންނަށް، ބޮޑެތި މީހުންނަށް މުސްކުޅިންނަށް، ކުޑަ ކުދިންނަށް، އިޙްތިރާމެއް ކުރުމެއް ނެތެވެ. އަފުރާދުންގެ ކިބައިން ރިވެތި ނަމޫނާ ފެނިގަނެެއް ނުދެއެވެ. އަޅުގަނޑުމެން މިވާހަކަ ދައްކާލަ ދައްކާލަ ތިބެންވީތޯ އެވެ؟ ތިބެވޭކަށް ނެތެވެ. އަޅުގަނޑުމެންގެ މި ކުޑަ ކުޑަ މުޖުތަމަޢު އިސްލާޙް ކުރާކަށް ރާއްޖެއިން ބޭރު ބަޔަކު ނާންނާނެއެވެ.
ކޮންމެ މީހަކު އަތުގައި ސްމާރޓް ފޯނެއް އޮވެއެވެ. ކޮންމެ ގެއަކު ޓީވީ އެއް ހުރެއެވެ. ހޭލެވުމާއި އެކު ހުޅުވާ ޓީވީ ނިދުމާއި ޖެހެންދެން ނިވާނުލެވި ހުންނަތަން ފެނިގެންދެއެވެ. ގިނަ ގޭގޭގެ ސިޓިން ރޫމް ތެރެއިން އަބަދުވެސް އިވެމުންދަނީ ލަވަ އާއި މިއުޒިކްގެ އަޑެއެވެ. ނޫނީ ކާރޓޫންގެ އަޑެއެވެ. ނޫނީ ކޮންމެވެސް ހިންދީ ޑްރާމާއެއްގެ އަޑެއެވެ. ކީރިތި ޤުރުއާންގެ އަޑު އިވޭލެއް ވަރަށްވެސް މަދެއެވެ. ބައެއް ފަހަރު މި އީ ހަމަ %100 މުސްލިމް ގަޢުމެއްބާ ވަޔޭ ހިތަށް އަރައެވެ. ތަރައްޤީއަކީ މާއްދީ ތަރައްޤީއެއް ނޫނެވެ. ތަރައްޤީއަކީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ލިބޭގޮތުގައި ކުރެވޭ ހެޔޮ ޢަމަލުތަކުގެމަތިން ގެނެވޭ ހެޔޮ ބަދަލުތަކެވެ.
މުޖުތަމަޢު އިސްލާޙް ކުރެވޭނީ ކޮންމެ މީހަކު ވެސް އެމީހެއްގެ ފަރުދީ ޒިންމާ އެންމެ ފުރިހަމަ އަށް އަދާކޮށްގެނެވެ. ފުރަތަމަ އިސްލާޙް ކުރަންވީ އެމީހެއްގެ އަމިއްލަ ނަފްސެއެވެ. އެއަށް ފަހު އަނބިދަރިންނެވެ. އެއަށްފަހު މުޖުތަމަޢުއެވެ. މުޖުތަމަޢުގައި ހުރި ނޭދެވޭ ކަންކަން އިސްލާޙް ކުރަން އެއިރެއްގެ ސަރުކާރަކުންނާއި ރައްޔިތުންނާއި ކަމާބެހޭ ދާއިރާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭނެއެވެ.
މާތް ވަގެންވާ އިސްލާމް ދީނުގައި އަހަރެމެން އުޅެންވީ ގޮތާއި ނޫޅެންވީގޮތް އަންގަވާފައި ވެއެވެ. ހަރުދަނާ ޖީލެއް ބިނާ ކުރެވޭނީ އަޅުގަނޑުމެންގެ ދަރިންނަށް އިސްލާމީ ތަރުބިއްޔަތު ދެވިގެންނެވެ. އިސްލާމް ދީން އުގަންނައި ދީގެންނެވެ. ކުދިންގެ އީމާންތެރިކަން ވަރުގަދަ ކޮށްގެންނެވެ. އަޤީދާ ވަރުގަދަ ކޮށްގެންނެވެ.
މިހާރު ދުނިޔޭގައި ހިނގާ ހުރިހާ އޮއިވަރެއް މިވަނީ ރާއްޖޭގެ ކަންކޮޅުތަކަށްފެތުރި އެންމެހައި ފާހިޝްކަންކަމަށް މަގުފަހިވެގެންދާނެ ގޮތަށް ކަންކަން ބައްޓަންވެފައެވެ. މިކަންކަމަކީ މުސްލިމުންގެ ޢަދާވަތްތެރިން ބޭނުންވާ ގޮތެވެ. ދިމާވާ ކަންކަމުން އިބްރަތް ލިބިގަންނަތަނެއް ނުފެނެއެވެ. އާއަހަރު ފެށުމުގެ ނަމުގަޔާއި މިނޫންވެސް ނަން ނަމުގައި ސަރުކާރާއި އިސްވެ ތިއްބެވި ވެރިންވެސް ފެންނަނީ ރައްޔިތުން މަގުފުރެއްދުމަށް ޒާތްޒާތުގެ ޝޯތަކާއި އެއްވުންތަކާއި ޑީޖޭތަކުން މަގުފުރެެދުމަށް މަގުފަހި ކުރުވާތަނެވެ.
އަޅުގަނޑުމެންގެ އެދުމަކީ މިފަދަ އެންމެހާ ކަންކަމާއި ފާހިޝް ގޮވާލުންތަކާއި ދުނިޔަވީ މިފަދަ ކަންކަމުން އެންމެހައި މުސްލިމުން ރައްކައުތެރިވެގެން ތިބެ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން މިފަދަ އަވާގައި ޖެހުމުން ސަލާމަތްކުރުމަކީ އަލުގަނޑުމެންގެ މައްޗަށްވާ ވާޖިބެއްކަން ހަނދާންކޮށް އެކަމަށް މަސައްކަތްކުރަންވާނެއެވެ.
ކޮމެންޓް
ގުޅޭ ލިޔުންތައް
2 years ago
2 years ago
4 years ago