އިޚްލާޞްތެރިކަމަކީ އުނދަގޫ ކަމެކެވެ.

އެޑްމިން

ޢަރަބި ބަހުން ހިތަށް ކިޔާނީ (ޤަލަބު) އެވެ. ޤަލްބުގެ މާނައަކީ ފުރޮޅުމެވެ. ހިތަށް މިހެން ކިޔުނީ ހިތަކީ ވަރަށް ފަސޭހައިން ފަރާތް ފަރާތަށް ފުރޮޅޭ އެއްޗަކަށް ވާތީއެވެ. ދުނިޔެއަށް ޖެހޭ ތަފާތު އޮއިވަރުތަކާއި ތަފާތު ފިކުރުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއްޗަކީ އިންސާނާގެ ހިތެވެ. ފިތުނައިގެ ޒަމާނުގައި ހެނދުނު މުސްލިމެއްގެ ގޮތުގައި ހުންނަ މީހާ ހަވީރު ކާފަރުވާ ވަރުގެ ބޮޑެތި ފިތުނަ ފަހުޒަމާނުގައި އަންނާނެކަމަށް ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގެއެވެ.

އަދި އެކަލޭގެފާނު އެފިތުނަ ސިފަކުރައްވާފައިވަނީ ކަޅުފޮއި ރެއެއްގެ ކަޅު އަނދިރިކަން ފަދައިންނެވެ. ވީމާ ހިތަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. ދުނިޔަވީ އެދުންތަކުގެ ފިތުނައިން ރައްކާތެރިކޮށް އެހިތުގެ ވެރި ރަސްކަލާނގެއާ ގުޅުވައި މިގުޅުން ހީނަރުވެ ދިޔަ ނުދިނުމަށްޓަކައި އަބަދުވެސް ފާރަވެރިވާން ޖެހެއެވެ.

އިސްވެ ގޮސްފައިވާ ޞާލިޙު އަޅުން އެންމެ ބޮޑަށް އިސްކަންދީފައވަނީ ހިތުގެ އިޞްލާހަށެވެ. އަދި އެކަމުގެ ސަބަބުން އެބޭކަލުންވަނީ ދުނިޔޭގައި މިޘާލު ޖެހޭ ނަމޫނާ ބަޔަކަށްވެ ވަޑައިގެންފައެވެ.

އެބޭކަލުންގެ ޙަޔާތުގެ ތަޖުރިބާއަށް ބަލައިފިނަމަ، ފެންނަނީ އިޚްލާސްތެރިކަމަކީ ޙާޞިލުކުރަން އުނދަގޫ ކަމެއްކަމަށެވެ. އަދި އެއީ ނަފްސާ ކުރަންޖެހޭ ވަރުގަދަ ޖިހާދެއްކަމެވެ.

ޞާލިޙު އަޅުންގެ ތެރޭގައި ގުނާލެވޭ، އައްޔޫބުއްސަޚްތިޔާނީ – ރަޙިމަހުﷲ - ވިދާޅުވިއެވެ. "ޢަމަލުގައި އިޚްލާޞްތެރިވުމަކީ ހުރިހާ ޢަމަލަކަށްވުރެ މީސްތަކުންނަށް ބުރަކަމެކެވެ. "

ޒާހިދުންގެ ތެރެއިން މަޝްހޫރު ބޭފުޅެއް ކަމުގައިވާ ފުޟައިލު ބުނު ޢިޔާޟް – ރަޙިމަހުﷲ - ވިދާޅުވިއެވެ. " ތިބާއާ ދިމާލަށް އޭ ދެއްކުންތެރިޔާއޭ! ބުނެވިއްޖެނަމަ ތިބާ ރުޅިއާދެއެވެ. އެހެނަސް ތިބާއާއި ދިމާލަށް މިބުނެވުނު ބަހަކީ ހަމަ ޙައްޤު ބަހަކަށްވެސް ވެދާނެއެވެ. އެހެނީ ތިބާ ދުނިޔެއަށްޓަކައި އެބަ ޒީނަތްތެރިވަމުއެވެ. ތިބާގެ ހެދުން ކުރުކޮށް ތިބާގެ ބޭރުފުށް ހެޔޮކަމުގެ އަހުލުވެރިން ގޮތަށް މީސްތަކުންނަށް އުނދަގޫނުކޮށް ހުންނަކަމަށް އެބަ ދައްކަމުއެވެ. އެއީ ތިބާއާ ދިމާއަށް މިވެނި މީހަކީ ރަނގަޅު އަޅުވެރިއެކޭ ބުނުމަށްޓަކައެވެ. ދެން މީސްތަކުން ތިބާއާ ބައްދަލުކުރަން އައިސް ހަދިޔާދީ މާތްކޮށް ހިތައި އުޅުމަށްޓަކައެވެ. ނަމަވެސް ވަގު ދިރުހަމުހެން ގިނަ މީހުންނަކަށް ތިމާގެ ޙަޤީޤަތް ނޭނގޭނެއެވެ. ވަގު ދިރުހަމުގެ ބޭރު ކަހާލުމުން އެތެރެއިން ރިހީގެ ބަދަލުގައި އެތެރެއިން ތިމަރަ ފާޅުވެދާހެންނެވެ. "

(ނުޒްހަތުލްފުޟަލާ 2/ 667)

ކޮމެންޓް

ގުޅޭ ލިޔުންތައް