އޭ! ދުނިޔެއާއެވެ! އަޑުއަހާށެވެ! (ޅެމުގެ ތަރުޖަމާ)

އެޑްމިން

އަޑުއަހާށެވެ،

ކަލޭމެން މަޑުން ތިބޭތާ ގިނަ ދުވަސްތަކެއްވެއްޖެއެވެ،

ކަލޭމެން ޑިމޮކްރަސީ ވުޖޫދަށް ގެނައެވެ،

ކަލޭމެން މިނިވަންކަމަށްޓަކައި އަޑު އުފުލިއެވެ،

އަދި އިންސާނީ ޙައްގުތަކޭ ބުނެ އިއުލާންކުރިއެވެ،

ކައުންސިލްތަކާއި ޖަމުޢިޔާތައް އުފެއްދިއެވެ،

އެ ގޮތްތައް ޙިމާޔަތް ކުރުމަށެވެ،

އަޑުއަހާށެވެ،

ކަލޭމެން އިންސާނިއްޔަތު ފުނޑުފުނޑު ކޮށްލިއެވެ،

ކަލޭމެންގެ އަދުލުވެރި ނޫން ޤާނޫނުތަކެވެ،

އަނިޔާވެރިންނަށް ނަޞްރުދިނެވެ،

އަނިޔާ ލިބުނު ފަރާތުގެ ބޮލުގައި ބަދުނާމު އެޅުވިއެވެ،

ކަލޭމެން މީހުން މަރަނީ ކަލޭމެންގެ ޝިޔާރު ތަކުންނެވެ،

އަދި މިނިވަންކަން ފެތުރުމުގެ ނަމުގައި އުޅެއެވެ،

ކަލޭމެން ނާންނާނަން ހެއްޔެވެ؟

އައިސް އަހަރެމެންނަށް މިނިވަންކަން ހޯދައިދިނުމަށް އެހީތެރިނުވާނަން ހެއްޔެވެ؟

ނޫނީ އަހަރެމެން މީ އިންސާނުންނަށް ނުވަނީ ހެއްޔެވެ؟

ޖަނަވާރުންގެވެސް ހައްގުތަކެއްވެއެވެ،

ނަމަވެސް އަހަރެމެން އެއަށްވުރެވެސް ދަށެވެ،

ކަލޭމެންގެ ކަމާކެމީގައި އަހަރެމެން ނުހިމަނައެވެ،

އަޑުއަހާށެވެ،

އަހަރެމެންނީ ފަލަސްތީނުގެ އަހުލުވެރިންނެވެ،

ދިރިއުޅެނީ މެދުއިރުމަތީގައެވެ،

ކަލޭމެންގެ ޝައިތާނުން އަހަރެމެންނަށް ޖެއްސުންކޮށް ދަތިކުރަނީއެވެ،

އެމީހުން ދިރިއުޅެނީ އަހަރެމެންގެ ބިމުގައެވެ،

އަދި އަހަރެމެންގެ ގެތައް ބިމާއި ތަޅާ ސުންނާފަތިކުރަނީއެވެ،

އަހަރެމެންގެ ކުދަކުދިންނާއި އަންހެނުން ޝަހީދުކުރަނީއެވެ،

ޤަތުލްއާއްމު ތަކާއި ޖަރީމާތައް ހިންގަނީއެވެ،

ކުށެއްނެތް ޢާންމުންނާއި ދެކޮޅަށެވެ،

އަހަރެމެންގެ ބިމަށް އެމީހުން ވެރިވާންފެށިތާ ފަސްދޮޅަސް އަހަރުވެއްޖެއެވެ،

ތިޔަ ބުނާ ޑިމޮކްރަސީއަކީ މިއީ ހެއްޔެވެ؟

ނޫނީ މީ ތިބުނާ ކަލޭމެންގެ ޒަމާނީ މިނިވަންކަން ހެއްޔެެވެ؟!

އަޑުއަހާށެވެ،

މުޅި ދުނިޔެއަށްވެސް އިވެނީ މިއަޑެވެ،

އިސްރާއީލަށް ރޮކެޓެއް ވެއްޓުނު ވާހަކައެވެ،

އިސްރާއީލުގެ ސިފައިންގެ މީހަކު މަރުވިވާހަކައެވެ،

ޒައިނިސްޓަކާއި ދިމާލަށް އޮށްގާ އުކި ވާހަކައެވެ،

ހުޅަނގުގެ ކުއްތާއެއް ޒަޚަމްވެއްޖެ ވާހަކައެވެ،

މުސްލިމަކު ބުޅަލެއް މަރާލި ވާހަކައެވެ،

އަހަރެމެން އަބަދާއިއަބަދު މަރުވަމުން ދާހިނދުގައެވެ،

ކަލޭމެންގެ ހަތިޔާރާއި ހަނގުރާމަވެރިންގެ ސަބަބުންނެވެ،

އެތައް ހާސް ޝަހީދުންނެވެ،

ލައްކައަށްވުރެ ގިނަމީހުންވަނީ ޒަޚަމްވެފައެވެ،

އަދަދު ނުކުރެވޭހާ ގިނަ ޔަތީމުންނެވެ،

އަދި އެތައްްހާސް ހުވަފަތް އަންހެނުންނެވެ،

އެެއީ އެބައެއްގެ ދިރިއުޅުން ގެއްލިފައިވާ މީހުންނެވެ،

ކަލޭމެންގެ ބާރުގެ ސަބަބުންނެވެ.

އަޑުއަހާށެވެ،

އެންމެފަހުން ބިންތައް ފޭރިގެންތަން އަހަރެމެން ދެކުނީމެވެ،

ކަލޭމެންގެ މި ވަގުތީ ދުނިޔޭގައެވެ،

އަހަރެމެން މިވަނީ އަނިޔާލިބިލިބިއެވެ،

ކަލޭމެން އެކަމަށް ހިތްވަރުދެނީއެވެ،

އަހަރެމެންގެ ބިން ވަނީ އަތުން ބީވެފައެވެ،

އަވައްޓެެރިންނާއި ގާތްތިމާގެ މީހުންވެސް ޝަހީދުވީއެވެ،

މި ބިމުގެ ހަޤީޤީ އަހުލުވެރިންނަކީ އަހަރެމެންނެވެ،

ފަލަސްތީނަކީ ހަމަ ފަލަސްތީނެވެ.

އަޑުއަހާށެވެ،

ކަލޭމެން އަހަރެމެންގެ މިނިވަންކަން ނިގުޅައިގެންފިއެވެ،

ކަލޭމެންގެ ނުބައި ރޭވުންތަކުންނެވެ،

އަހަރެމެންގެ މުޅި ދިރިއުޅުން ސުންނާފަތި ކޮށްލިއެވެ،

ކަލޭމެން ތިގެނައި ޑިމޮކުރަސީންނެވެ،

އެއީ ކަލޭމެންނަށް ފަހާފައިވާ ހެދުމެކެވެ،

އެހެން ބަޔަކަށް ރަނގަޅަކަށް ނޫނެވެ،

އެ ހަދާފައި އެވަނީ ކަލޭމެން ބޭނުންހާ ކަމެއް ކުރުމަށެވެ.

އެއިން އިންސާނިއްޔަތަށް އިންސާފު ހޯދައެއް ނުދެއެވެ،

އާދޭސްކުރަމެވެ، މިއީ އަޑުއުފުލަން ވީ ވަގުތެވެ،

ކަލޭމެންނަށް ހިމޭނުންވެސް ތިބެވިއްޖެ ނޫންހެއްޔެވެ؟

މިއީ ޙަގީގަތް ހާމަކުރަންވީ ވަގުތެވެ،

ކަލޭމެން ހަދަހަދައިގެން ކީ ޚަބަރުތަކަށް ފަހުގައެވެ،

މަކަރުހެދީ ކަލޭމެންގެވެސް ދުނިޔެއަށެވެ،

ދެންވެސް ވާހަކަ ދައްކަބަލާށެވެ.

........................................................

ޅެން: އަޙްމަދު މިޤްދާދު (ފަލަސްތީން) (Ahmed Miqdad (Palestine

ތަރުޖަމާކުރީ: މުޙައްމަދު އަބާން

ޗެކްކުރީ: އެޑްމިން

އަސްލު ބަސް: އިނގިރޭސި 

ކޮމެންޓް

ގުޅޭ ލިޔުންތައް