މިލިޔުމުގައި މިވަނީ އިސްލާމްދީނާއި މެދު ޣައިރު މުސްލިމުން ކުރާ ކުށްހީތަކާއި އުފައްދާ ބައެއް ސުވާލުތަކުގެ މައްޗަށް މަޝްހޫރު ޢިލްމުވެރިޔާ ޑރ.ޒާކިރު ނައިކް ދެއްވާފައިވާ ޖަވާބުތަކުގެ ތަފްސީލެވެ.
01. ދެ އަނބިން ނުވަތަ އެއަށްވުރެ ގިނަ އަނބިން ގެންގުޅުމަކީ ހަމަޖެހޭކަމެއް ނޫންކަމަށް ބުނުން
" އެއްފަހަރު ކައިވެނި ކުރާށެވެ" މިފަދައިން ބުނާ ހަމައެކަނި ދީނީ ފޮތަކީ މުސްލިމުންގެ މުޤައްދަޞް ފޮތްކަމަށްވާ ކީރިތި ޤްރުއާނެވެ. މި ޢަމުރުފުޅު ކްރިސްޓިއަނުންގެ ބައިބަލް އަކުންވެސް، ހިންދޫންގެ ގީޓާ އަކުންވެސް އަދި ޔަހޫދީންގެ ފޮތްތަކަކުންވެސް ފެންނާކަށްނެތެވެ. ބައިބަލްގައި ގިނަ އަނބިންގެންގުޅުން ކުރީގެ ރަސޫލުންނާއި އެކިއެކި ރަސްކަލުންގެ ވާހަކަތައްވެސް އައިސްފައިވެއެވެ؛ އިބްރާހިމްގެފާނު ތިން އަނބިކަނބަލުން ގެންގުޅުއްވި ކަމަށާއި، ސަލްމާންގެފާނު 700 އަށްވުރެ ގިނަ އަނބިކަނބަލުން ގެންގުޅުއްވިކަމަށްއެވެ. އަދި ހިންދޫންގެ ފަތްފުށްތަކުގައި އެކިއެކި ކަލާނގެތައް ސަތޭކައިން އަނބިން ގެންގުޅުންކަމަށް ބުނެފައިވެއެވެ. އަދި ޔަހޫދީންވެސް ވަރަށް ފަހަކާއި ޖެހެންދެން އެކަކަށްވުރެ ގިނަ އަނބިން ގެންގުޅުންކަމަށްވެއެވެ. މިއިން އެއްވެސް ދީނެއްގައި އަނބިން ގިނަވެގެން ގެންގުޅެވޭނެ އަދަދެއް ކަނޑައަޅާފައެއްނުވެއެވެ. އަނބިން ގެންގުޅެވޭނެ އެންމެ ގިނަ އަދަދު 4 ކަމުގައި ކަނޑައަޅުއްވައި ހަމަޖައްސަވާފައިވަނީ ހަމައެކަނި އިސްލާމްދީނުގައެވެ.
މިއަދު ކުރިސްޓިއަނުންނާއި، ހިންދޫން އަދި ޔަހޫދީން އަމަލުކުރަމުން އަންނަނީ މޮނޯގެމީ (monogamy) ނުވަތަ އެއްވަގުތެއްގައި އެންމެ އަންހެނަކާއި ކައިވެނި ކުރުމުގެ އުސޫލެވެ. ނަމަވެސް އެއީ އެމީހުންގެ ދީނުގައި އަންގަވާފައިވާ ގޮތެއްނޫނެވެ. އެއީ އެމީހުންގެ ސަރުކާރުތަކުގެ ނިންމުމެކެވެ. ވީމާ، މޮނޯގެމީގެ އުސޫލަކީ އެއްވެސް ދީނަކުން އަންގަވާފައި އޮތް ކަމެއް ނޫނެވެ. އެއީ އިންސާނުން އަމިއްލައަށް ހަދައިގެން އުޅޭ ޤާނޫނެކެވެ. މިސާލަކަށް އިންޑިޔާގެ ޤާނޫނު ހަދާ މިަޖިލީހުން 1954 ވަނައަހަރު ފާސްކުރި ޤާނޫނެއްގައިވާ ގޮތުން ހިންދޫ ދީންގެ ފިރިހެނަކު އެއް އަންހެނަކަށްވުރެ ގިނަ އަނބިން ގެންގުޅުމަކީ މަނާކަމެކެވެ. އަދި ޔޫރަޕުގެ ގައުމުތަކުގަޔާއި އެމެރިކާގައިވެސް މޮނޯގެމީގެ ފަލްސަފާގެ މައްޗަށް ޤާނޫނުތައް ހެދިއެވެ.
ނިސާ ސޫރަތުގައި މާތްﷲ މުސްލިމުންނަށް އެކެއް، ދޭއް، ތިނެއް ނުވަތަ ހަތަރު އަނބިންނާއި ކައިވެނިކުރުންވަނީ ހުއްދަކުރައްވާފައެވެ. އެހެންނަމަވެސް އެއީ އަނބިންގެ މެދުގައި ސުލްޙަ ޤާއިމްކުރެވޭނެކަން ޔަޤީންވާނަމައެވެ. ސުލްޙަވެރިކަމާއިއެކު ނޫޅެވޭނަމަ އެމީހަކަށް އޮތްގޮތަކީ ".......އެކަކާއި ކައިވެނިކޮށްގެން އުޅުމެވެ"
އެކަކަށްވުރެ ގިނަ އަނބިން ގެންގުޅުމަކީ އިސްލާމްދީން މަޖުބޫރު ކުރާކަމެއްނޫނެވެ. އެއީ ހަމައެކަނި މުސްލިމުންނަށް ދެއްވާފައިވާ އިޚްތިޔާރެކެވެ. މިއަދުގެ މުޖުތަމަޢުތަކަށް ބަލާލައިފިނަމަ އަންހެނުންނާއި ފިރިހެންނުންގެ އަދަދު ތަފާތުކަން ފާހަގަކުރެވެއެވެ. ޔޫރަޕާއި އެމެރިކާ އަދި އެހެނިހެން ޤައުމުތަކުގައިވެސް ފިރިހެނުންނަށްވުރެ އަންހެނުންގެ އަދަދު ވަރަށް ބޮޑުތަން އިތުރެވެ. މިއާއި ޚިލާފަށް އިންޑިޔާގައި އަންނަނީ އަންހެނުންގެ ނިސްބަތްހެން ޤައުމުތަކާއި ބަލާއިރު މަދު ވަމުންނެވެ. މީގެ ސަބަބަކީ އިންޑިޔާގައި އަންހެން ކުދިން ބަނޑުގައި ވަނިކޮށް އެބޯޝަން ހެއްދުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް އަހަރުތެރޭގައި ހިންދޫ ފިރިހެންނުން ކައިވެނި ކުރާނެ އަންހެނުން ލިބުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެގެންދާނެއެވެ. (އިސްލާމްދީނުގައި އެބޯޝަން ނުވަތަ ދަރި ވައްޓާލުމަކީ މަންމައަށް ނުރައްކާވާ ޙާލަތުގައި މެނުވީ ބޮޑުވެގެންވާ ފާފައެކެވެ.)
އަންހެނުންގެ އާބާދީ ފިރިހެނުންނަށްވުރެ ގިނަ ޤައުމުތަކުގައި އެއް ފިރިހެނަކާއި އެއް އަންހެނަކަށްވުރެ ގިނަ އަންހެނުން ކައިވެނިކޮށްގެން އެމީހުންގެ ދިރިއުޅުން ބިނާ ކުރެވިދާނެއެވެ. ދެ އަނތްބަށް ކައިވެނި ކުރުމަށްވުރެ، މީހަކާއި ނުއިނދެ ހުރެ “public property” އަކަށްވުމަކީ ރީތިގޮތެއްކަމުގައި އިޚްތިޔާރުކުރަނީތޯއެވެ. “public property” އަހަރެން މިތަނުގައި ބޭނުން މިކުރީ ކޮން މާނައެއްގައިކަން އެނގޭނެކަމަށް ހީކުރަމެވެ. މީހަކާއި ނުއިނދެ ހުރުމަށްވުރެ ދެ އަނތްބަށް ކައިވެނިކުރުންވެސް ރަނގަޅު ނޫންތޯ، ކައިވެނި ކުރާނެ (މީހަކާއި ނުއިނދެ ހުރި) ފިރިހެނެއް ނުލިބިފައި ހުރި އަންހެނެއްކައިރި އަހާލަބަލާށެވެ. އެއް ފިރިހެނަކާއި ކައިވެނީގެ އުޞޫލުތަކުން ގުޅިގެން އުޅޭ ދެ އަންހެނުންގެ ދެމެދުގައި ތަފާތެއް ނުހުރެއެވެ. ސަަބަބަކީ ފުރަތަމަ އަނބިމީހާއެކޭ އެއްފަދައިން ދެވަނަ އަނބިމީހާއަށްވެސް އޭނާގެ ފިރިމީހާގެ އަނބިމީހާގެ ދަރަޖަލިބި، ދަރިން ހޯދުމުގެ ޙައްޤުވެސް ލިބިދީފައިވެއެވެ. އަދި ފިރިމީހާގެ ފަރާތުން ވާރުތަކުރުމުގެ ޙައްޤު އޭނާއަށާއި އޭނާގެ ދަރިންނަށް ލިބުމުގެ އިތުރުން މުޖުތަމަޢުގައި އިޙްތިރާމާއި ގަދަރު އެ އަންހެނަކަށް ލިބިގެންވާނެއެވެ. ހުޅަނގުގެ ޤައުމުތަކުގައި ކައިވެނިކޮށްގެން އުޅޭ ފިރިން، އަނބިމީހާ ފިޔަވައި އެހެން އަންހެނުން ބޭނުންކުރުމާއި، ރައްޓެހިވެގެން އުޅުމުގެ (girlfriend ގެ) ނަމުގައި އަންހެނުން ބޭނުންކުރުމަކީ މައްސަލައެއްކަމުގައި ނުވަތަ ހުތުރު ކަމެއްކަމަކަށް ނުބަލައެވެ. ނަމަވެސް ފިރިއެއްގެ ދެވަނަ އަނތްބަކަށްވުމަކީ އެމީހުން މުޅިން ދެކޮޅުހަދާކަމެކެވެ. އެ ޤައުމުތަކުގެ ސަރުކާރާއި، މުޖުތަމަޢުވެސް ޤަބޫލުކުރާކަމަކަށްނުވެއެވެ.
02. އިސްލާމްދީނުގައި އަންހެނުންނަށް ގިނަ ފިރިން ގެންގުޅުމުގެ ޙައްޤު ލިއްބައިދީފައި ނެތުން
އިސްލާމްދީނުގައި ފިރިހެނަކަށް އެއް އަންހެނަކަށްވުރެ ގިނަ އަންހެނުންނާއި ކައިވެނިކުރުމުގެ ޙައްޤުދީފައ،ި އަންހެނަކު ގިނަ ފިރިން ގެންގުޅުމުގެ ޙައްޤުދީފައި ނުވާތީ އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި ހަމަހަމަކަމެއް ނެތޭ ޣަައިރު މުސްލިމުން ބުނެ އަޑުއުފުލައެވެ.
އިސްލާމްދީނުގައި އަންހެނަކު ގިނަ ފިރިން ގެންގުޅުން ނުވަތަ polyandry ގެ އުޞޫލު ހުއްދައެއްނޫނެވެ. އެއް އަންހެނަކު ގިނަ ފިރިންތަކެއް ގެންގުޅޭނަމަ، އޭނާއަށް ލިބޭ ދަރިންގެ ޙަޤީޤީ ބައްޕަ ދެނެގަތުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ދަރިއެއް މައިމީހާގެ ބަނޑުގައި ޣަރުބަ ގަތުމާއިއެކު މާތްﷲ އެދަރިފުޅުގެ މަންމައާއި ބައްޕަގެ ހިތުގައި އެ ދަރިފުޅާއިމެދު ލޯބިޖައްސަވައެވެ. މި ވަރުގަދަ ލޯބީގެ ސަބަބުން އެދަރިފުޅު ވިހެއުމަށްފަހުވެސް ދިމާވާ އެންމެހައި ކަންތައްތަކަށް ކެތްތެރިވެ އެތައް ޤުރުބާންތަކެއް ދަރިފުޅަށްޓކައިވެއެވެ. މައިންބަފައިންގެ ލޯތްބާާއި ނުލައި އެ ދަރިފުޅަށް ދިރުމެއްނެތެވެ. ނަމަވެސް ދަރިފުޅުގެ ޙަޤީޤީ ބައްޕައަކީ ކާކުކަން ނޭނގޭކަމަށްވަންޏާ ދަރިފުޅުގެ ބައްޕަގެ ހިތުގައި ދަރިފުޅާއިމެދު ލޯތްބެއް ނުއުފެދޭނެއެވެ. އަދި އެ މައުޞޫމް ދަރިފުޅު ބައްޕަގެ ލޯބިން މަޙްރޫމްވާނެއެވެ.( އަދި ބަނޑުބޮޑު ދުވަސްވަރު މައިމީހާއަށް ލިބެންވާ އަޅާލުމާއި އޯގާތެރިކަމެއް ނުލިބޭނެއެވެ.) ފިޒިކޮލޮޖިސްޓުންގެ ހޯދުންތަކުން އެނގިފައިވާ ގޮތުން ބައްޕައަކީ ކާކުކަން ނޭނގި ބޮޑުވާކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ތަފާތު އުނދަގޫތަކާއި ކުރިމަތިވެއެވެ. ދުނިޔެ ތަރައްޤީވަމުން އައިސް މިއަދު DNA ޓެސްޓެއްގެ އެހީގައި ކުއްޖާގެ ބައްޕަ ދެނެގަނެވިދާނެއެވެ. ނަމަވެސް ދުނިޔެ ފެށުނީއްސުރެ މިއަދާއި ހަމައަށްވެސް މިކަމަކީ މުޞްތަޙީލު ކަމެކެވެ. އިސްލާމްދީނަކީ މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ ފެތުރުމަށް ތަންދޭ ދީނެއްނޫނެވެ. އަދި މި ދީނަކީ އިންސާނިއްޔަތަށް ރަޙްމަތެއްކަމުގައްޔާއި، ޞުލްޙަ ގެނެސްދިނުމަށްޓަކައި މާތްﷲ ފުރިހަމަކުރައްވާފައިވާ ދީނެކެވެ.
03. އިސްލާމްދީން އަންހެނުން ނިވާކޮށް، އެމީހުންގެ މިނިވަންކަން ނަގާލާކަމަށް ބުނާބުނުން
ތާރީޚަށް ބަލާލައިފިނަމަ އެނގޭނީ އިސްލާމްދީން ޝަރުޢު ކުރެއްވުމުގެ ކުރިން އަންހެނުންނާއިމެދު ކަންތައް ކުރެވެމުން އައީ ވަރަށް ވެސް އިހާނެތިކޮށްކަމެވެ. އަންހެނުންނަކީ އެއްވެސް އަގެއްނެތް ދަށް ފަންތީގެ ބައެއް ގޮތުގައި އައީ ދެކެމުންނެވެ. ޖާހިލިއްޔަ ޒަމާނުގައި ފިރިމީހާ ކުރާ ކުށުގެ ސަބަބުން އަނބިމީހާއަށް އަދަބު ދެމުންއައެވެ. ފިރިމީހާ މަރުވުމާއި އެކު އޭނާއާއި އެކު ކަށްވަޅުގެ ތެރެއަށް އަނބިމީހާ ދާން މަޖުބޫރުކުރުވައެވެ. އަދި އޭގެ ކުރީގެ ޒަމާނުތަކުގައި ޢަރަބިން އެމީހުންގެ އަންހެންދަރިން ދިރިތިއްބާ ވަޅުލަމުންދިޔައެވެ.
އަންހެނުންގެ ދަރަޖަ މަތިވެރިކޮށް އެމީހުންނަށް ލިބެންޖެހޭ ޙައްޤު މަޤާމް ދިނީ މާތްވެގެންވާ އިސްލާމްދީނެވެ. އޭގެ ކުރިން އެމީހުންނަށް ނުލިބޭ އެތައް ޙައްޤެއް އިސްލާމްދީން ހޯދައިދިނެވެ. މާތްﷲގެ ކަލާމްފުޅުގެ ނިސާ ސޫރަތުގައި މުސްލިމުން ފިރިހެނުންނަށް އަންގަވާފައިވަނީ، އަންހެނަކު ކައިރިން ދާނަމަ ފިރިހެނުންގެ ބެލުންތައް ތިރިކުރުމަށެވެ. ހަމައެފަދައިން އަންހެނުންނަށްވެސް ހިލޭ ފިރިހެނަކު ކައިރިން ދާނަމަ ބެލުންތައް ތިރިކުރުމަށް މާތްﷲ އަންގަވާފައިވެއެވެ. އަދި ކީރިތި ޤުރުއާނުގައި މުސްލިމް އަންހެނުންނާއި ފިރިހެނުން އެމީހުންގެ އަޢުރަ ނިވާކުރުމަށް އަމުރުކުރައްވާފައިވެއެވެ. މުސްލިމް ފިރިހެނާގެ ޙިޖާބެއްކަމުގައިވަނީ އެންމެ ކުޑަވެގެން ފޫޅާއި ކަކުލާއި ދެމެދު ނިވާކުރުމެވެ. އަދި މުސްލިމް އަންހެނާގެ ޙިޖާބެއްކަމުގައިވަނީ މޫނާއި ދެއަތްތިލަ ފިޔަވައި މުޅި ހަށިގަނޑު ނިވާކުރުމެވެ. މުސްލިމް އަންހެނާ ޙިޖާބުގައި ހުންނައިރު ލައިފައި ހުންނަ ހެދުން ވާންޖެހޭނީ ގަޔަށް ބާރު ނޫން(ހަށިގަނޑުގެ ވަނާތައް ނޭނގޭ)، އެތެރެ ނުފެންނަ އެއްޗަކުން ފަހާފައިވާ އަންހެނުންނަށް ޚާއްސަ ހެދުމަކަށެވެ. އަދި ޣައިރު މުސްލިމުންނަށް ޚާއްސަ ހެދުމަކަށް ވެގެން ނުވާނެއެވެ. އިސްލާމްދީނުގައި އަންހެނުންނަށް ވާރުތައިން މުދާ މިލްކު ކުރެވޭނެ އިންތިޒާމް ވަނީ ކަނޑައަޅުއްވާ ނިންމަވާފައެވެ.
އަހަރެންގެ މި ސުވާލާއި މެދު ވިސްނާލަމާއި ހިންގަވާށެވެ. މިސާލަކަށް އެއްމާބަނޑު (އެއް ވައްތަރު) ދެ އަންހެން ކުދިން މަގަކުން ހިނގާފައި ދިޔައެވެ. އޭގެތެރެއިން އެއް ކުއްޖަކު ލައިގެން ހުރީ ނިވާނުވާ ކުރު ހެދުން ކޮޅެކެވެ. އަނެއްކުއްޖަކު ހުރީ އިސްލާމްދީންގައި އަންގަވާފައިވާގޮތަށް ޙިޖާބު އަޅައިގެންނެވެ. މަގުމަތީގައި އުޅޭ ފިރިހެނުންގެ ލޮލުގައި އަޅައިގަނެ، އެމީހުންގެ ފޮށުމާއި އުނދަގޫ ކުރިމަތިވާނީ ކޮން އަންހެން ކުއްޖަކަށްތޯއެވެ؟ ކުރު ސްކާރޓް ކޮޅު ލައިގެން ހުރި ކުއްޖާއަށްތޯއެވެ؟ ނުނީ ހަށިގަނޑު ނިވާކޮށްގެން ހުރި ކުއްޖާއަށްތޯއެވެ؟ މި ސުވާލުގެ ޖަވާބު ވަރަށްވެސް ސާފެެވެ. އިސްލާމްދީނުގައި ޙިޖާބު އަޅަން އަންހެނުންނަށް އަންގަވާފައިވަނީ އެމީހުންގެ ދަރަޖަ ދަށްކޮށްލުމަކަށް ނޫނެވެ. އެހެނަސް އެއީ މުސްލިމް އަންހެނުންނަށް ދެއްވާފައިވާ ރައްކާތެރިކަމެކެވެ. އޭގެ ސަބަބުން މުޖުތަމަޢުގައި ޞުލްޙަ ޤާއިމްކުރެވި އަންހެން ކަނބަލުންނަށް ދަތި އުނދަގޫތައް ކުރިމަތިވުމުން ދުރުކޮށްދެއެވެ.
04. ބޮޑެތި ޖަރީމާތައް ހިންގާ ކުށްވެރިންނަށް މަރުގެ އަދަބު ދިނުން
އިސްލާމްދީނުގައި މަރުގެ އަދަބު ކަނޑައަޅުއްވާފައިވާ ބައެއް ކުށްތައްވެއެވެ. މިސާލަކަށް މީހުން މެރުމާއި، ގަދަކަމުން އަންހެނެއްގެ ޢިތްފަތްތެރިކަން ފޭރިގަތުން ހިމެނެއެވެ. މިފަދަ ކުށްތައް ކުރާ މީހުންނަށް އިސްލާމްދީނުގައި މަރުގެ އަދަބު ކަނޑައޅުއްވާފައިވަނީ ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތަކުގެ ނުބައިކަމުން މުޖުތަމަޢު ސަލާމަތްކުރުމަށާއި، މުޖުތަމަޢުގައި ޞުލްޙަ ޤާއިމްކުރެއވުމަށްޓަކައެވެ. އެމެރިކާގައި ކޮންމެ ދުވަހަކު 2713 އަންހެނުންގެ ޢިއްފަތް ގަދަކަމުން ފޭރިގަނެއެވެ. އިސްލާމްދީން މިފަދަ ކުށްތައްކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައޅުއްވާފައިވަނީ އެމީހުންގެ އެފަދަ ނުބައި ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށާއި، އެހެން މީހުން އެކަމުން ޢިބްރަތެއް ޙާސިލްކުރުމަށެވެ. އެމެރިކާގެ މީހުން ބުނާގޮތުގައި މި އަދަބަކީ މާ ހަރުކަށި އަދަބެކެވެ. އެމީހުން ދެކޭގޮތުގައި މީހަކު ފުރަތަމަ ފަހަރަށް ރޭޕެއް ކޮށްފިނަމަ އޭނާ އަދަބެއްގެ ގޮތުން ލާންޖެހޭނީ ޖަލަށެވެ. އަދި މަރުގެ އަދަބު ދޭންޖެހޭނީ އޭނާ ޖަލުގެ ޙުކުމް ނިމި އަލުން މުޖުތަމަޢުއަށް އައިސް އިތުރު ރޭޕެއް ކޮށްފިނަމައެވެ. އަޚުންނޭވެ! އެމެރިކާގެ ހިސާބުތައް ދައްކާ ގޮތުން ރޭޕްކުރާ މީހުންގެ ތެރެއިން %95 މީހުން ޖަލު ޙުކުމުން ދޫވުމުގެ ފަހުންވެސް، ތަކުރާރުކޮށް އަންހެނުންގެ ޢިއްފަތް ގަދަކަމުން ފޭރުމުގެ ކުށަށް އަރައިގަނެއެވެ. އިސްލާމްދީން އެމީހަކަށް ދެވަނަފަހަރަށް އަންހެނެއްގެ ޢިއްފަތް ފޭރުމުގެ ފުރުސަތެއް ނުދެއެވެ. އެއީ އެކަނަބަލުން ރައްކައުތެރި ކުރުމަށްޓަކައެވެ. އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ޙިޖާބު އެޅުމުން، ގަދަކަމުން ޢިއްފަތްތެރިކަން ފޭރިގަތުމަށް ފުރުސަތު ވަރަށް ހަނިކޮށްދެއެވެ.
05.އިސްލާމްދީން ފެތުރުނީ ކަނޑީގެ ބާރުން ކަމަށް ބުނާ ބުނުން.
ޙައްޤުގެ މަގު ވަނީ ސާފުކޮށް ބަޔާންވެގެންނެވެ. އސިްލާމްދީން ފެތުރުމަށް އެންމެ މުޙިއްމު ރޯލެއް އަދާކުރި ބަޔަކީ އޭރު އުޅުން މުސްލިމް ވިޔަފާރިވެރިންނެވެ. "Islam at crossroads" ކިޔާފޮތުގެ 8 ވަނަ ސަފްޙާގައި ފޮތުގެ މުޞައްނިފު ބުނެފައިވަނީ މީހުން ޤަބޫލުކުރާ ކުރުންތަކަކީ ޚިޔާލީ އެއްޗެއް ކަމަށެވެ. މިސްރުގައި އުޅޭ ކޮޕްޓިކް ކްރިސްޓިއަނުންގެ އަދަދަށް ބަލައިލާއިރު، އެމީހުންގެ އަދަދަކީ ގާތްގަނޑަކަށް 14 މިލިޔަނެވެ. ޢަރަބީން ބޭނުންނަމަ އެމީހުންނަށް މަޖުބޫރުކުރުވައިގެން އިސްލާމްދީނަށް ނުވެއްދުނީސްހެއްޔެވެ؟ އިންޑިޔާއަށް ބަލާއިރު މީލާދީން 1000ގެ އަހަރުތަކުގައި އިންޑިޔާގައި ބާރު އޮތީ މުސްލިމުންނަށެވެ. މުސްލިމުން ބޭނުންނަމަ އޭރު އިންޑިޔާގައި ތިބި އެންމެންނަށް މަޖުބޫރު ކުރުވައިގެން އެމީހުން އިސްލާމްދީނަށް ވެއްދުނީހެވެ. އިންޑޮނޭޝިޔާއާއި މެލޭޝިޔާ އިސްލާމްކުރުމަށް ދިޔައީ އިސްލާމީ ކޮން ލަޝްކަރެއްހެއްޔެވެ؟ އެމީހުން އިސްލާމްވީ ބަޔަކު ބިރުދައްކާ މަޖުބޫރުކޮށްގެނެއްނޫނެވެ. އެމީހުން އިސްލާމް ވުމުގެ ސަބަބަކަށްވީ މުސްލިމް ޢަރަބި ވިޔަފާރިވެރިންގެ ރިވެތި ޚުލްޤު ފެނުމެވެ. ރީޑާސް ޑައިޖެސްޓް ބުނާގޮތުން 1944 އާއި 1984 ދެމެދު ޔޫރަޕުންނާއި އެމެރިކާއިން އެހެން ހުރިހާ ދީނަކަށްވުރެ ގިނައިން މީހުން އިސްލާމްދީނަށް ވަނެވެ. އަހަރެންގެ ސުވާލަކީ ކަނޑި ހިފައިގެން މި މީހުން އިސްލާމްދީނަށް ވަނުމަށް މަޖުބޫރު ކުރަން ދިޔައީ ކާކުހެއްޔެވެ؟ އެކަނޑިއަކީ އެމީހުންނަށް ޙައްޤުގެ މަގު ދައްކުވައިދިން ހިތްތަކުގައިވާ ބާރުގަދަ އީމާންކަމުގެ ތޫނު ކަނޑިއެވެ.
ނޯޓް: މިއީ އިސްލާމީ މަޝްހޫރު ޢިލްމުވެރިޔާ ޑރ.ޒާކިރް ނައިކް ދެއްވާފައިވާ ދަރުސަކުން ތަރުޖަމާކޮށްފައިވާ ބައެއް
ތަރުޖަމާ: ޕްރޮމޯޓް އިސްލާމް
ކޮމެންޓް
ގުޅޭ ލިޔުންތައް
2 years ago
2 years ago
4 years ago