ރަސޫލާ صلی اللہ علیہ وسلمގެ ޝަޚުޞިއްޔަތު

އެޑްމިން

ކީރިތި ރަސޫލާ صلی اللہ علیہ وسلمގެ ރިސާލަތުގެ ކުރީގައިވެސް މުޙައްމަދުގެފާނަކީ ތެދުވެރިކަމަށް އަރާހުންނެވި ބޭފުޅެކެވެ. އެކަލޭގެފާނުގެ ތެދުވެރިކަން މުޝްރިކުންވެސް ޤަބޫލުކުރެެއެވެ. މިކަން އެމީހުންގެ ވާހަކަ ތަކުންނާއި، ޢަމަލުތަކުން ކަށަވަރުވެ. އެހެން ނަމަވެސް އެބައިމީހުންގެ ހިތުގައިވާ ކުފުރުގެ ބަލިމަޑުކަމުގެ ދާނުގައި ނިދާފައި ތިބީ އެވެ. އަދިކިއެއްތަ؟ އެމީހުންގެ އިލާހުތަކުގެ ޙައްޤުގައި އެކަލޭގެފާނަކީ ދޮގުވެރި ، މަކަރު ވެރި ސިހުރުވެރިއެއް ކަމަށް ހެދީއެވެ. އެކަލޭގެފާނުގެ ރިސާލަތު ތަބުލީޣު ކުރެއްވުމަށް ނުކުރައްވާ އެއްވެސް ކަމެއްނެތެވެ. ބުރަހުރި ވޭން ތަޙައްމަލުކުރެއްވި އެވެ. މަލާމާތް ރައްދުވިއެވެ. އަމިއްލަވަޒަންދޫކުރެއްވިއެވެ. އެކަމަކުވެސް އެކަލޭގެފާނު ޘާބިތުކަމާއި އެކު އިސްލާމީ ރިސާލަތު ފެތުރުއްވުމަށްޓަކައި ޢަރަބި ކަރާގައި ދަތުރުކުރެއްވިއެވެ. އަދި އެކަރައިން ބޭރުގައިވާ ހިރަޤުލާއި، ނަޖާޝީ އަދި ކިސްރާ ފަދަ ބޭފުޅުންނަށް އިސްލާމްދީނަށް ގޮވައިލެއްވިއެވެ. އާދެ! މީހަކު މަތި ބަލައިލައިފި ނަމަ އޭނާގެ ނަޒަރު ފޯރާ ހުރިހާ ހިސާބެއްގެ އުޑު ފެތުރިފައިވަނިކޮށް ފެންނަ ފަދައިން އިންސާނީ ޙަޔާތާއި މެދު ވިސްނާލައިފި ކޮންމެ ދިމާއަކުން އިސްލާމްދީނުގެ ނަބިއްޔާގެ އަސަރުތައް ފާޅުކަން ބޮޑު ގޮތެއްގައި އޭގެ ދައުރު ފުރިހަމަކުރަމުން ގެންދާތަން ފެންނާނެއެވެ. މިއަދު އެކަންކަމަށް އަހަންމިއްޔަތު ދެވޭ ހުރިހާ ރަނގަޅު އަގުތަކަކާއި ހުރިހާ މަތިވެރި ކާމިޔާބީތަކަކީ އެކަލޭގެފާނު ދުނިޔެއަށް ގެންނެވި އިންޤިލާބުގެ ސީދާ ނުވަތަ ނުސީދާ ނަތީޖާ އެވެ. އާދެ! ދީނީ އިދާރާތަކުގައި ޝަޚުޞިއްޔަތަށް އަޅުކަން ކުރުމުގެ ބަދަލުގައި ކަލާނގެ ކިބަފުޅަށް އަޅުކަންކުރަންފެށީ ކާކުތޯއެވެ؟ ޢަޤީދާތަކަށް ވަހުމުތަކުގެ ބަދަލުގައި ޙައްޤުގެ ބިންގަލެއް ހޯދައިދިނީ ކާކުތޯއެވެ؟ ސައިންސްގެ ދުނިޔޭގައި ފިޠުރަތަށް އަޅުކަންކުރުމުގެ ބަދަލުގައި ފިޠުރަތުގެ މައްޗަށް ފަތަޙަ ހޯއްދެވުމުގެ ފިލާވަޅު ދިނީ ކާކުތޯއެވެ.؟ ސިޔާސަތުގެ މައިދާނުގައި ނަސްލީ ޝަހެންޝާހިއްޔަތުގެ ބަދަލުގައި ރައްޔިތުންގެ ސަރުކާރުތައް އުފެއްދުމުގެ މަގު ދެއްކެވީ ކާކުތޯއެވެ؟ ޢިލްމީ ދުނިޔޭގައި ހީގެ މައްޗަށް ބިނާކޮށް ޚިޔާލުތަކެއް ފާޅުކުރުމުގެ ބަދަލުގައި ޙަޤީޤަތް ބަޔާން ކުރަންފެށީ ކާކުތޯއެވެ؟ މުޖުތަމަޢުތައް އިންތިޒާމުކުރުމަށް އަނިޔާގެ ބަދަލުގައި ޢަދުލު އިންޞާފުގެ ބިންގާތަކެއް ހޯދައިދިނީ ކާކުތޯއެވެ؟ މި ހުރިހާ ސުވާލުތަކުގެ ޖަވާބަކީ އަދި މި ހުރިހާކަމެއް އިންސާނުންނަށް ލިބުނީ އިސްލާމްދީނުގެ ނަބިއްޔާގެ ފަރާތް ޕުޅުންކަމުގައި ބުނުމެވެ. އެކަލޭގެފާނު ފިޔަވައި މި މަސައްކަތްތައް އެފަރާތަކަށް ނިސްބަތް ކުރެވޭނެ އެއްވެސް ފަރާތެއްނެތެވެ. ދެންތިބި އެންމެންނަކީ ވެސް އެކަލޭގެފާނު ގެންނެވި އިންގިލާބުގެ ފައިދާ ލިބިގަންނަން ތިބިމީހުން ނެވެ. !!!!

ދެން މި ހިސާބުން އަޅުގަނޑުގެ ވާހަކަ ބިނާކުރާނީ ، ދުނިޔޭގެ ތަފާތު ވިސްނުންތެރިން ، ކީރިތި ރަސޫލާއާމެދު އަދި ރަސޫލާ ކުރެއްވި ބުރަ އަދި އަގުހުރި މަސައްކަތްތަކާމެދު ދެކެވަޑައިގެން ހާމަކުރައްވާފައިވާ ބައެއް ވާހަކަތަކުގެމައްޗަށެވެ. އޭގެތެރޭގައި އިސްލާމްދީނުގެ އެންމެ ޢަދާވާތްތެރިންކަމުގައި ހިމެނޭ ނަޞާރާއިން ކީރިތިރަސޫލާއާއި މެދުގައި ހާމަކޮށްފައިވާ ވާހަކަތައްވެސް ހިމެނެއެވެ.! އާދެ! ކީރިތި ރަސޫލާގެ ރިވެތި އަޚުލާޤީ ސިފަތަކަށް އެއްބަސްވަނީކީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. އެންމެހައި މީސްތަކުން މިކަމަށް ހެކިވެއެވެ. މަޝްހޫރު ފިލޯސަފަރ ގޮސްޓާފް ލޯބަރ ވިދާޅުވެފައިވެއެވެ. " އިންސާނީ ތާރީޚުގައި ކީރިތި ރަސޫލާއަށްވުރެ ޢަދުލުވެރި، އޯގާވެރި، ތެދުވެރި ބޭފުޅެއް އަހަރެން ނުދަންނަމެވެ." އަދި ކީރިތި ރަސޫލާގެ ޒަމާނުގައިވެސް ކާފަރުންނާއި މުޝްރިކުން އެކަލޭގެފާނުގެ ތެދުވެރިކަމަށް ހެކިވެފައި އެބަހުއްޓެވެ. އަބޫސުފިޔާނު އިސްލާމްވުމުގެ ކުރިން ޤުރުއާނުން ތަންކޮޅެއް އަޑުއަހަފައި ބުންނެފައިވެއެވެ. " މާތް ﷲ ގަންދީ ބުނަމެވެ. އެކަލޭގެފާނަކީ ސިހުރުވެރިއެއް އަދި ދޮގުވެރިއެއްވެސް ނޫނެވެ." މަހާތުމާގާންދީ ކީރިތި ރަސޫލާއާއިބެހޭގޮތުން ވިދާޅުވެފައިވެއެވެ. " ކެކުޅުންހުރި ވޭންތަކާއި ޢަޛާބާއި ކުރިމަތިލައްވަން މުޙައްމަދުގެފާނަށް ޖެހިވަޑައިގަތެވެ. ނަމަވެސް އޭނާގެ ހިތްވަރުފުޅު މަތިވެރިއެވެ. މާތްރަސްކަލާނގެރަސްކަންފުޅު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އޭނާ ބިރުވެތިވެ ވަޑައެއް ނުގަންނަވައެވެ. އެއްވެސް އިންސާނަކު ދެކެ ބިރުފުޅުގެން ވަޑައެއް ނުގަންނަވައެވެ. މުއްސަނދިކަމާއި ޖާހު ލިބެން އޮއްވާ މި މަތިވެރި ނަބިއްޔާ އޭނާގެ ޙަޔާތް ހޭދަކުރެއްވީ ދުނިޔަވީ އަރާމުތަކާ ދުރުގައެވެ. މި ޢިއްޒަތް ތެރިޔާގެ ތާރީޚު ކިޔަމުންދިޔައިރު އަހަރެންގެ ލޮލުން ކަރުނަ އޮހުނެވެ. ފަހެ ޙަޤީޤަތާމެދު ބަޙުޘްކުރާ ކޮންމެ މީހަކަށް މިފަދަ މަތިވެރި ޝަޚުޞިއްޔަތެއްގެ ކުރިމަތީގައި ޖެހޭނީ އިސްޖަހާށެވެ! އެކަލޭގެފާނުގެ ހުރިހާ މަސައްކަތެއްމެ ވަނީ އިންސާނިއްޔަތުގެ ލާބައަށްޓަކައެވެ.

ފަރަންސޭސި ވިލާތުގެ ޢިލްމުވެރިއެއް މާތް ނަބިއްޔާއާ ބެހޭގޮތުން ވިދާޅުވެފައިވޭ. " މުޙައްމަދުގެފާނަކީ ފިލޯސަފަރެކެވެ. ރަސޫލެކެވެ. މޮޅު މުޤައްރިރެކެވެ. އަދި މޮޅު ޚަޠީބެކެވެ. އިންސާނުންނަށް ހެޔޮ މަގު ދެއްކެވި ބޭކަލެކެވެ. ބުއްދި އަރާރުން ވުމެއްނެތް ޢަޤީދާއެއް ފެތުރުއްވި ބޭކަލެކެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި އެކަލޭގެފާނަކީ ދީނެއްގެ މުއްސިސެކެވެ. އެކަލޭގެފާނަށް ލިބި ވަޑައިގެންފައިވާފަދަ މަތިވެރިކަމެއް އެހެން އެއްވެސް އިންސާނަކަށް ލިބިފައެއްނެތެވެ. އެކަލޭގެފާނު މަތިވެރި ވެފައިވާ އިންސާނީ މަތިވެރި ދަރަޖައަށް ދެވޭނީ ދެވަނަ އެހެން ކާކަށްތޯ އެވެ.؟

އެމެރިކާގައި 1978 ވަނަ އަހަރު ޝާއިޢު ކުރެވުނު " ދި ހަންޑްރެޑް " ކިޔާފޮތުގައި އެ ފޮތުގެ މުޞައްނިފު ކުރިސްޓިއަނެއް ކަމުގައިވާ ސައިންޓިސްޓް މައިކަލް އެޗް . ހާރޓް ލިޔުއްވާފައިވެއެވެ. " ތާރީޚުގައި ދީނީގޮތުންނާއި، ދުނިޔެވީ ގޮތުން ބެލި ކަމުގައިވިޔަސް އިންތިހާ ދަރަޖައިގެ ކާމިޔާބީއެއް ލިބިވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ މުޙައްމަދުގެފާނެވެ." މިބަހުން ދަލީލު ކޮށްދޭ ގޮތުގައި ހަމަބުއްދި ލިބިހުރި ކޮންމެ މީހަކަށް ކީރިތި ރަސޫލާގެ ރިސާލަތުގެ ތެދުކަން އެގެއެވެ. އެހެން ނަމަވެސް އެކަން ޤަބޫލުކުރަން ބޭނުން ނުވަނީ އެވެ. މައިކަލް އެޗް ހާރޓް މި ފޮތާމެދު އިތުރު ބައެއް މަޢުލޫމަތު ދަންނަވާލާނަމެވެ. އާދެ! މިފޮތަކީ ދުނިޔޭގެ އިންސާނީ ތާރީޚުގެ އެންމެ އަރާހުރި ސަތޭކަ ޝަޚުޞިއްޔަތުގެމައްޗަށް ތައްޔާރުކޮށްފައިވާ ފޮތެކެވެ! އެބައިމީހުންގެ ޙަޔާތާއި ބެހޭގޮތުންނާއި އެމީހުންގެ މަސައްކަތްތަކާއި އެމަސައްކަތްތަކުގެ ނަތީޖާއާއި ބެހޭގޮތުން އަލި އަޅުވާލައްވާފައިވާފޮތެކެވެ.! މިފޮތުގައި މުޞައްނިފު ހިމަނުއްވާފައިވަނީ ޔޫރަޕުގެ 71 މީހުންނާއި، އެމެރިކާއިން 7 މީހުންނާއި ، ސައުތު އެމެރިކާއިން އެކަކާއި، އެފުރިކާއިން ތިންމީހުން ނާއި އޭސިޔާއިން 18 މީހުންނެވެ. އެމީހުންގެ މަސައްކަތުގެ ގޮތުން ހިމެނެނީ 37 ސައިންސިސްޓުންނާއި އައު އުފެއްދުންތެރިންނާއި ، 30 ސިޔާސީ އަދި އަސްކަރީ ލީޑަރުންނާއި، 14 ސިކިއުލަރ ފިލޯސަފަރުން ނާއި ،11 ދީނީ ލީޑަރުންނާއި، 6 އާޓިސްޓުން ނެވެ. މިފޮތަށް މީހުން ހޮވާފައިވާ އިންޞާފުވެރިގޮތާއި އިސްކަންދެއްވާ ތަރުތީބު ކުރައްފަވައިވާ ގޮތުގެ ފުރިހަމަކަމަށް ދުނިޔޭގެ ބޮޑެތި މީޑިޔާތަކާއި، ޔޫރަޕުގެ ބޮޑެތި ބޮޑެތި މަޖައްލަތަކާއި ނޫސްތައްވެސް ވަނީ އެއްބަސްވެފަ އެވެ.. އަދި އެފޮތަކީ މިޒަމާނުގައި ލިޔެވުނު އެންމެ މޮޅުފޮތްކަމުގައި ވަނީ ކަނޑައަޅާފައެވެ. ފޮތުގެ މުޞައްނިފަކީ ކުރިސްޓިޔަނަކަށްވީއިރި މަސީޙަށް ނުވަތަ ޢީސާގެފާނަށްް އެފޮތުގައި ލިބިފައިވަނީ 3 ވަނަ އެވެ. މައިކަލް އެޗް ހާޓް އަކީ އެމެރިކާ މީހަކަށްވީއިރު އެމެރިކާގެ ނަންހުރި މަޝްހޫރު ރައީސެއްކަމުގައިވާ އެބުރަހަން ލިންކަންއަށްވެސް އޭނާގެ ފޮތުން ޖާގަ ނުދެއްވާ ކަމުން އެފޮތުގައި ގެންގުޅުއްވާފައިވާ އުޞޫލުގެ ފުރިހަމަކަން ހާމަވާ ހެއްކަކަށް ފުދެއެވެ.!

އަހަރެމެންގެ ރަސޫލާ އޭނާގެ ފޮތުގެ އިންސާނީ ތާރީޚުގެ އެންމެ އަރާހުންނެވި ޝަޚުޞިއްޔަތެއްގެކަމުގައިހޮއްވެވި ސަބަބު ބަޔާން ކުރައްވަމުންލިޔުއްވާފައިވެއެވެ.! ތާރީޚު ދެކެފައިވާ އެންެމެ މަތިވެރި ޝަޚުޞިއްޔަތެއްގެ ގޮތުން މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ އިންތިޚާބުކުރުމަކީ ބައެއް ކިޔުންތެރިން އަޖައިބުވާނެކަމެއްކަންނޭގެ އެވެ. ބައެއްމީހުން އެކަމާ ދެކޮޅު ހަދާނެ ކަންވެސްނޭނގެއެވެ. ނަމަވެސް ހަޤީޤަތަކީ މުޅި އިންސާނީ ތާރީޚުގައި ވެސް އެކަލޭގެފާނަކީ ދީނީގޮތުންނާއި ދުނިޔެވީ ގޮތުން މިސާލެއްނެތް ފަދަ ކާމިޔާބެއް ހޯއްދެވި އެކަނި ޝަޚުޞިއްޔަތެވެ.

އަދިވެސް މުޞައްނިފު ބަޔާންކުރައްވާފައިވެއެވެ.! އެކަލޭގެފާނު އާދައިގެ އާއިލާއަކުން ވަޑައިގެން ދުނިޔޭގެ ވަރަށްބޮޑު ދީނެއްގެ ބިންގާއެޅުއްވިއެވެ. އެދީން ފަތުރުއްވައި ދީނުގެ ދާއިރާ ތަނަވަސްކުރެއްވި. ހަމައެއާއި އެކު ސިޔާސަތުގައި ވެސް ބާރު ހުރި ޤިޔާދަތެއް ހޯއްދަވައިދެއްވި. ނަތީޖާއެއްގެ ގޮތުން ސާދަ ސަތޭކަ އަހަރު ފާއިވެދިޔައިރުވެސް އެކަލޭގެފާނުންގެ އަސަރު އޭގެ ފުރިހަމަ ބާރާއި ހަލުއިކަމާއި އެކު ދަނީ ފެތުރެމުންނެވެ. މަސީޙަށްވުރެ ނުވަތަ ޢީސާގެފާނަށްވުރެ މަތީމަޤާމެއް މުޙައްމަދުގެފާނަށް ދެއްވި މުހިންމު ދެ ސަބަބެއް މައިކަލް އެޗްހާޓް އޭނާގެ ފޮތުގައި ހާމަކުރައްވާފައިވެއެވެ. އެއް ސަބަބަކީ މުހައްމަދުގެފާނު އިސްލާމްދީން ފަތުރުއްވާ ތަރައްޤީ ކުރެއްވުމަށްކުރެއްވި މަސައްކަތް ގިނަވެފައި ފުރިހަމަވުންކަމެވެ. އަދި އިސްލާމްދީނުގެ ތަޞައްވުރެއް ކަނޑައަޅުއްވާ އަދި އެދީނަށް ޢަމަލީ ސިފަގެންނަވާ ހިންގާވާލެއްވީ ޚުދު މުޙައްމަދުގެފާނުކަމުގައިވާކލަމެވެ.!

ދެވަނަ ސަބަބަކީ މުޙައްމަދުގެފާނަކީ ދީނީ ގޮތުން މަގު ދައްކަވާ ބޭކަލަކަށް ވެ ވަޑައިގެންނެވުމުގެ އިތުރުން އެކަލޭގެ ފާނަކީ ދުނިޔަވީ ލީޑަރެއްކަމުގައިވީކަމެވެ. އަދިކިއެއްތޯއެވެ؟ ޢަރަބީންގެ ފުތޫޙާތުގެ ފަހަތުގައިވާ އަޞްލު ޖަޒުބާގެ މުޙައްރިކެއްގެ ޙައިޘިއްޔަތުން ދީނީ ލީޑަރ ޝިޕާއި އެކު އެކުގައި ދުނިޔޭގެ އެންމެ އަރާހުންނެވި ސިޔާސީ ލީޑަރ ކަމުގައިވެސް އެކަލޭގެފާނުވަނީ ހިމެނި ވަޑައިގެންނެވެ.

ވައްސަލާމް ޢަލައިކުމް!

ނޯޓު: މިއީ 1429 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 12 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އަޅުގަނޑު ދެއްކިވާހަކައެވެ.

ލިޔުނީ: މުޙައްމަދު ޙަސަން

ކޮމެންޓް

ގުޅޭ ލިޔުންތައް