މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ؟؟

އެޑްމިން

އޭނާޔަކީ އަހަރެންގެ ވަރަށްގާތް އަވަށްޓެރިއެކެވެ. އަހަރެން ބައެއްދުވަސް ދުވަހު އޭނާގެ ގެޔަށްގޮސް ވާހަކަ ދައްކާ މަޖާކޮށް ހަދަމެވެ. އޭނަޔަކީ އަހަރެންގެ ރައްޓެސަކަށް ވީތީއެވެ. އަހަންނަކީ އޭނާގެ އޮފީހުގައި އުޅޭމީހަކަށް ވެސް ވުމާއިއެކުއެވެ.

އަހަރެންނަކީ އެއޮފީހަށް ވަތްތާ އެހާގިނަދުވަސް ވެފައިވާމީހެއް ނޫންކަމުން އޭނާޔަކީ ކޮންކަހަލަ މީހެއްކަން އަހަރެންނަށް ކުރިޔަކުން އެނގިފައެއް ނެތެވެ.

ކޮންމެ ދުވަހަކުވެސް އޮފީސް ނިންމާލުމަށްފަހު އޭނާ ބޮޑު ހަތަރު ބަނަސް ގަނެއެވެ. އަހަރެން އެގެޔަށް ދާއިރުއަބަދުވެސް ތިބެނީ އޭނަގެ އަންހެނުންނާއި ހަތަރުއަހަރަކަށްދާ ދަރިފުޅެވެ. އެހިސާބުމީހުން އަހަރެން އެގެޔަށް ވަދެ ނިކުމެހަދާތީ އަހަރެންނާއި ދިމާޔަށް ވަރަށް ބަލަހައްޓައިގެންވެސް ތިބެއެވެ.

އަހަރެން އެގެޔަށްދާއިރު އޭނާގެ އަވަށްޓެރިއެއްވެސް އެގެޔަށް ވަދެލާ އިންނަތަނެއް ނުދެކެމެވެ. އޭނާ ކޮންމެދުވަހަކުވެސް މިގެންދާ ހަތަރުބަނަހާ މެދުވެސް އަހަރެންގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އަހަރެން މިކަމާ އެއްދުވަހު އޮފީސް ނިއްމާލުމަށް ފަހުމީހާޔާ ސުވާލުކުރީމެވެ. ކީއްކުރަން ކޮންމެދުވަހަކު ގެންދާ ބަނަހެއްތަ؟ އޭނާވަރަށް ހެވިލާފައި ޖަވާބުދިނެވެ. އަހަރެންގެ ދަރިފުޅު ވަރަށް މީރުކޮށް ކާއެއްޗެއްމީ ދަރިފުޅުމިނުގެންގޮސް ފިއްޔާ އެދުވަހުނުވެސްކާނެ... އަހަރެން ދެންއެކަމަކާ މާބޮޑަކަށް އަޅައެއްނުލަމެވެ.

ދެންއަހަރެން ސުވާލުއުފެދުނު އަނެއްކަމަކީ އެގޭގައި ވަކިންހަދާފައި ހުރިކޮޓަރިޔަކާމެދުއެވެ. އެގެޔަށް ދާއިރުއެކޮޓަރީގައި އަބަދުވެސް ބޮތްކެއް ދިއްލާފައި ހުއްޓައިފެނެއެވެ. އޭނާއެކޮޓަރިކައިރިއަށް ދާތީ އަހަންނަކަށް ނުވެސްފެނެއެވެ. އަދިއެކޮޓަރީގެ ތެރެއިން މީހަކު ނުކުމެ އުޅެނިކޮށްވެސް އަހަރެން ނުދެކެމެވެ. މިކަމާވެސް އަހަރެންސުވާލެއް ރާވާލީމެވެ. "އޭ! ތިގޭގަ ވަކިން އެހުންނަނީނުދޯ ކޮޓަރިޔެއް؟؟ އެތަން އެއީހުސްކޮށްހުރިތަނެއްތަ؟ އެތަންމަށަށް ކުއްޔަށްދޭންވީނު!" އަހަރެން މިހެން ބުނުމުން އޭނާހިނިގަނޑެއް ޖަހާލިއެވެ.

"ދޮންކަލޯ އެއީ ކުއްޔަށްދޭ ކޮޓަރިޔެއް ނޫން އެތަނަށް ނިދަންއަންނަ ކުއްޖަކުއުޅޭނެ އޭނަހިފާފަހުރިތަނެއް އެއީ" އޭނާ ބުންޏެވެ.

"އެހެންތަ ކަލެޔާ މަ ސަމާސާ ކޮއްލީ އިނގޭ... މަށަށް އިނގޭ މިހާ ބައިބޯތަނެއްގައި ކޮޓަރިޔެއް ހުހަށްނުހުންނާނެކަން" އަހަރެން ބުނެލީމެވެ.

މިގޮތުގައި ދުވަސްތައް ވޭތުވަމުންގޮސް އޮފީސް ބަންދު ދުވަހެއްގައި އަހަރެން އަންހެނުންނާއިއެކު އެގެޔަށް ދިޔައީމެވެ.

އަހަރެން އެގެޔަށްދިޔަމަގު މަތީގައި ކައިރީގައިހުރި ފިހާރަޔަކަށް ވަދެ ހަތަރުބަނަސްގަތީމެވެ. އަންހެނުން ކީއްކުރާ ބަނަހެއްތޯ އެހުމުން އަހަރެންބުނީ މީއޭނާގެ ދަރިފުޅަށް ވަރަށްމީރު އެއްޗެއްކަމުގައެވެ. އެދުވަހު އެގެޔަށްގޮސް އޭނަގެދަރިފުޅަށް އަހަރެން ބަނަސް ކޮތަޅުދިއްކޮއްލާފައި ބުނީމެވެ. "ކޮއްކޯމިހިރީބަނަސް ވަރަށްމީރުވާނެދޯ" އެކުއްޖާ އަހަރެންދެކެ ވަރަށްރުޅިއައިސްފައި ހުރި ފާޑަކަށްހުރެ ބަލަހައްޓައިގެން ހުއްޓެވެ. އަހަރެންގެހިތުގައި ސުވާލުތަކެއް އެވަގުތު އުފެދުނެވެ. އެވަގުތު އޭނާގެ ބައްޕަ ހީލާފައި ބުންޏެވެ. "ތީވަރަށް ވަރުގަދަކުއްޖެއް! ބައްޕަގެންނަ ބަނަސްނޫނިއްޔަ ކަމަކުނުދާނެ " އޭރުވެސް އެކުއްޖާ ވަރަށް ރުޅިއައިސްގެން އަހަންނާ ދިމާޔަށް ބަލަހައްޓައިގެން ހުއްޓެވެ. އެދުވަހު އެހިނގާދިޔަ ހާދިސާޔާމެދު އަހަރެން މާބޮޑަކަށް ނުވިސްނަމެވެ.

އަހަރެން ޖެހިގެން އައިދުވަހު އޭނާގެ އަތުން ޕެންޑްރައިވް އެއް ނަގަންވެގެން އޭނާގޭގައި އުޅޭނެ ގަޑިޔަކަށްވާތީ ނުގުޅައި ދިޔައީމެވެ. އަހަރެން އެގޭގެ ދޮރައަށި ހުޅުވާލިތަނާ އޭނާގެ އަންހެނުން ދުރުގައި ވަކިންހުރި ކޮޓަރީގެ ދޮރުމަތީގައި ބަނަސްކޮތަޅެއް ހިފައިގެން ހުއްޓެވެ. އޭނާޔަކަށް އަހަންނެއް ނުފެންނާނެއެވެ. އަހަރެން ކުޑަކޮށް އެތެރެޔަށް ޖެހިލިތަނާ އޭނަގެއަންހެނުން އެކޮޓަރީ ގެދޮރުހުޅުވާލާފައި އެބަނަސްކޮތަޅު އެކޮޓަރީގެ ތެރެޔަށް އެއްލާލުމަށްފަހު ބުންޏެވެ. "މިއޮތީ ކާނާ ދެންވެސް މިކައިގެން އޮވެވޭތޯ ބަލާބަލަ"

މިހިސާބުން މިވާގޮތެއް ވަރަށް ރަނގަޅަށް ބަލަން އަހަރެން ބޭނުންވިއެވެ. އަހަރެން ހިތައްއެރިއެވެ. އެކޮޓަރީގައި އަނެއްކާ މިމީހުން ގެންގުޅޭ ޖަނަވާރެއް އޮތީބާވާއެވެ. ؟ އަހަރެންވަގުތުން އެގޭގައިހުރި ބަގީޗާގަސްތަކުގެ ތެރެޔަށް ތިރިވެނިވެލީމެވެ.

މިއަންހެނާ ކޮތަޅުއެއްލައިލުމަށްފަހު އެނބުރިއައިއިރު އޭނާގެ މޫނުމަތީގައި ރުޅިވެރިކަމުގެ އަސަރު އިންތިހާއަށް ހުއްޓެވެ. އެއަންހެނާ ދުވަހަކުވެސް އެހާރުޅިއައިސްފައި ހުއްޓައި އަހަރެން ނުދެކެމެވެ. މަޑުމަޑުން ކޮންމެވެސް އެއްޗެހިތަކެއް ކިޔަމުން ގޮސް އެމީހުންގެ ކޮޓަރިޔަށްވަނެވެ.

އަހަރެން ވަރަށް ނިވާވަމުންގޮސް މިބަނަސްކޮތަޅު އެއްލިކޮޓަރި ބަލާލީމެވެ.

ޞުބުޙާނަ ﷲ އެވެ! އަހަރެންގެ ހަޔާތުގަ ވެސް އެފަދަމަންޒަރެއް ނުދެކެމެވެ. ކޮޓަރިތެރެއިން ދުވިވަހުން އަހަންނަށް ހޮޑުނުލެވުނީ ކިރިޔާއެވެ. އިންސާނުންގެ ނަޖިހުގެ ވަހެވެ! މުޅިކޮޓަރިތެރޭގައިވަނީ މަކުނުވާފުރާފައެވެ. ކޮޓަރީގެތެރޭގައި ބައެއްކަހަލަ ބޭނުންނުކުރާ ފޮށީތަކާއި މޭޒުކަހަލަ އެއްޗެހި ހުއްޓެވެ. އަހަރެން ހިތްވަރުކޮށްލާފައި ނޭފަތުގައި އަތްއަޅައި ކޮޓަރީގެ ތެރެޔަށްބަލަހައްޓައިގެން ހުރީމެވެ. ދެލޯވަޅުވަދެފައިވާ މުސްކުޅިއަންހެނަކު އެސްފިޔަޖަހާނުލައި އަންނާދިމާޔަށް ފެންކަޅިވެފައިވާ ޙާލު ބަލަހައްޓައިގެން އޮތެވެ. ގައިގައިވާހެދުމުގެ ކުލަވެސްވަކިކުރަން ނޭގެއެވެ. ކިލަޔާ ނަޖިހާ ތަތްތެޅިފައި އޮތުމުންނެވެ. އެއަންހެނާ އޮތްއެނދުގެ ކައިރީ ބިންމަތިގައި ދެބާލީސް ވެއްޓިފައި އޮތެވެ. މީހާވަނީ ހިކިއަނަރޫފަ ވެފައެވެ.

އެއަންހެނާ ކަޅިޖަހާނުލައި ޤަބުވެފައިވާހާލު ދެލޯބޮޑުވެފައި އޮވެ އަހަންނާދިމާޔަށް ބަލަހައްޓައިގެން އޮތެވެ. އެމީހާގެ ދެލޮލުން ކަރުނަތައް ފައިބަމުންދިޔައެވެ.

އަހަންނަށް އެތަނުގައި ވަސްދުވާކަން ފަހުން އިހުސާސްވެސް ނުވެއެވެ. އެއަންހެންމީހާ މަޑުމަޑު އޮވެ އެނދުގެ މަގަތަށްޖެހިއްޖެއެވެއެވެ. ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ. ކުއްލިޔަކަށް އެނދުގެ އެއްފަރާތުގައި އަތްއަޅާއި ބިންމައްޗަށް ތިރިވިއެވެ. އެނދުގެ ކައިރީގައި އޮތްބަނަސް ކޮތަޅުނަގައި ހުޅުވާލިއެވެ. އަދިބިމުގައިވާ ކިލާތަކާއި އެކުވެފައިވާ ހާލު ބަނަސް ކާންފެށިއެވެ. ކައިރީގައި އޮތްފެންފުޅިއެއް ނެގިއިރު އޭގައިމައްޗެއްވެސް ޖަހާފައެއްނެތެވެ.

އެއަންހެނާ އެއިން ފެންބުޔެވެ.

ކިޔުންތެރިންނޭވެ. އަހަންނަށްވެސް ހުރެވުނީޤަބުވެފައެވެ. އޭނަގެ އެހާލަތައް ހަމްދަރުދީވެވި ދުއްވައިގަނެވުނީވެސް މާލަހުންނެވެ.

އެއަންހެނާގެ އެންމެފަހުގެ ކެއުން އެކެއީ އަހަރެންގެ ކުރިމަތީގައެވެ. އެންމެފަހުގެ ފެންފޮދު އެބޮވުނީ އަހަރެންގެ ކުރިމަތީގައެވެ. إِنَّا لِلَّهِ وَ إِنَّا إِلَيهِ رَاجِعُونَ

އެއަންހެނާ މިދުނިޔޭގެ ހަޔާތާއި ވަކިވެގެން ދިޔަހާލަތެވެ.

އެކުވެރީންނޭވެ. ! މިވާހަކައިގެ ދިގުކަމުން ހުލާސާއެއް އަހަރެން ކިޔުންތެރިންނަށް ހުށައަޅާލީއެވެ.

އެކުވެރިންނޭވެ! އަހަރެންނަށް ފަހުން ހަޅޭއްވެސް ލަވައިގަނެވުނެވެ.

އެކުވެރީންނެވެ. މިދުނިޔޭގެ ހަޔާތާއި ވަކިވެގެން އެދިޔައީ އަހަރެންގެ އޮފީހުގެ އެކުވެރިޔާގެ ބަލާބޮޑުކުރި އޭނާގެ މަންމައެވެ. މިފަދަ ޙާލުގައި އޭނާ އެގެންގުޅުނީ އޭނާގެ މަންމައެވެ. އޭނާ ވިހެއި އޭނާގެ އަމިއްލަ މަންމައެވެ. އަނބިމީހާ ރުއްސުމަށްޓަކައި އެ މަންމައަށް މިފަދަ ނިކަމެތި ޙާލެއް ޖެއްސީއެވެ.

އެކުވެރިންނޭވެ! އޭގެ ފަހުން އަހަރެން އޭނާއާ ގުޅުންކަނޑާލީމެވެ. އަމިއްލަ މަންމައާ ދޭތެރޭ މިހާ އިޙާނެތިކޮށް ހިތި މީހަކާ އެކީ އުޅެވޭނީ ކިހިނެތްތޯއެވެ.

ފަހުން އޭނާގެ އަވައްޓެރިން ބުނެދިން ގޮތުގައި އެމީހުންވެސް ތިބީ އެގެޔަށް ވަންނަން ނުކެރިފައެވެ. ސަބަބަކީ އެފިރިހެންމީހާގެ އަންހެނުންނާ ހެދިއެވެ. އޭނާގެ ޒީލަގަދަކަމާހެދިއެވެ.

އެކުވެރިންނޭވެ! މިފަދަވާހަކަތަކުން އަހަރެމެން އިބްރަތެއް ހާސިލްކުރަމާ ހިނގާށެވެ! މިއީ ޙަޤީޤީ ޙާދިސާއެކެވެ.

އެކުވެރިންނޭވެ! ހަނދުމަކުރައްވާށެވެ! މައިންބަފައިންނަށް އޯގާތެރިވެ އެބައިމީހުންނަށް ހެޔޮކޮށް ހިތުމަށް އިސްލާމްދީނުގައި އަހަރެމެންނަށް އަންގަވާފައި ވަނީ ވަރަށްވެސް މަތީ ދަރަޖައަކަށެވެ. އެދެމީހުން، ޚާއްޞަކޮށް މަންމައަށް ހެޔޮކޮށް ހިތުމަށް ﷲ ވަނީ އަހަރެމެންނަށް އަމުރު ކުރައްވާފައެވެ.

ފަހެ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

"އެއިލާހަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުރުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނު ވެރި އިލާހު ކަނޑައަޅުއްވާ އެންގެވިއެވެ. އެދެމީހުން ކުރެ އެކަކު، ނުވަތަ އެދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާއި ހަމައަށް ފޯރައްޖެނަމަ، އެ ދެމީހުންނަށް "އުފް" ވެސް ނުބުނާށެވެ. (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް އަޑުލައި ނުހަދާށެވެ. އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!"

"އަދި އޯގާތެރިކަމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ. އަދި ބުނާށެވެ. ހައްދަވާ ގެންގުޅުއްވާ އިލާހު! ކުޑަކުއްޖަކު ކަމުގައި މިއަޅާ ވީ ދުވަހު، އެ ދެމީހުން މިއަޅާ ބަލައި ބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވާފާނދޭވެ!" {އަލް އިސްރާއު 24-23}

އެކުވެރިންނޭވެ! ﷲ ގެ ރުހިވޮޑިގަތުން ވަނީ މައިންބަފައިންގެ ރުހުމުގައެވެ. އެއިލާހުގެ ކޯފާ ވަނީ އެމީހުންގެ ނުރުހުމުގައެވެ. އަދި ދަންނާށެވެ! މިއަދު ތިބާގެ މައިންބަފައިންނާ ދޭތެރޭ ކަންތައް ކުރާ ގޮތަށް މާދަމާ ތިބާގެ ދަރިން ތިބާއާ ދޭތެރޭ ކަންތައް ކުރާނެއެވެ. އެހެންކަމުން މައިންބަފައިންނަށް އިޙްސާންތެރިވާށެވެ.

ނޯޓް: މަތީގައި ބަޔާންކުރެވިފައިވާ ވާހަކަޔަކީ ހިނގާފައިވާ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

ކޮމެންޓް

ގުޅޭ ލިޔުންތައް