އަޅާއަށް ޢަފޫ ދެއްވާނދޭވެ!

އެޑްމިން

މިއަދު، ރަންކުލައިގެ އިސްތަށިގަނޑެއް ލިބިފައިވާ ދޮން އަންހެން ކުއްޖެއް ބަހެއްގެ ތެރޭން އަހަރެން ދުށީމެވެ.

އަދި އެ ކުޑަ އަންހެން ކުއްޖާ ފެނުމުން އަހަރެންގެ ހިތް އެދުނެވެ. އަހަރެންވެސް އެހާ ދޮންވާނޭނަމައެވެ...

އެ ކުއްޖާ ބަހުން ފައިބަންވެގެން ހިނގައިގެން ވަގުތު، އަހަންނަށް ފެނުނީ ކޮރުޖަހަމުން ހިނގާތަނެވެ.

އެ އަންހެން ކުއްޖާގެ އިނީ އެންމެ ފައެކެވެ. އަދި އޭނާ ހިނގަނީ މީހެއްގެ އެހީއާއިއެކުއެވެ. އަދި އެ ކުއްޖާ ދަމުން އަހަންނަށް ހިނިތުންވެލިއެވެ.

އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅަށް ކުރެވޭ ޝަކުވާތަކަށް ޢަފޫކޮށްދެއްވާނދޭވެ!

އަހަރެންނަށް ހިނގުމަށްޓަކައި ދެ ފައި ދެއްވާފައިވެއެވެ. ދުނިޔެ އަހަންނަށް ލިބިފައިވެއެވެ.

------*----------*----------*----------*----------*----------*

އަހަރެން އެއްޗެއް ގަތުމަށްޓަކައި މަޑުކޮށްލީމެވެ. އަދި މޫނުމަތިން އުޖާލާކަން ފާޅުވެހުރި ފިރިހެން ކުއްޖަކާއި ބައްދަލުވިއެވެ.

އަހަރެމެން އިރުކޮޅެއްގައި ވާހަކަދައްކަން މަޑުކޮށްލީމެވެ. އޭނާ ގެ ފަރާތުން ފެންނަން ހުރީ އުފާވެރިކަމުގެ ނިޝާންތަކެވެ.

އަދި އަހަރެން ދާން ފެށުމުން އޭނާ އަހަންނަށް ބުންޏެވެ. އަހަންނަށް ތިހާ އޯގާތެރިވީތީ ޝުކުރިއްޔާ!

ތިބާ ކަހަލަ މީހަކާއި ވާހަކަ ދައްކާލެވުމުން ވަރަށް އުފާވެއްޖެއެވެ. ކަލެއަށް އެނގޭ ހެއްޔެވެ. އަހަންނަކީ ލޯ އަނދިރި މީހެކެވެ.

އޭ ހައްދަވައި ބޮޑުކުރެއްވި މާތްﷲ، މިއަޅަށް ކުރެވޭ ޝަކުވާތަކަށް ޢަފޫކޮށްދެއްވާނދޭވެ!

އަހަރެންނަށް ބެލުމަށްތަކައި ދެ ލޯ ދެއްވާފައިވެއެވެ. ދުނިޔެ އަހަންނަށް ލިބިފައިވެއެވެ.

------*----------*----------*----------*----------*----------*

ހަމަ އެދުވަހު އަހަރެން ހިނގަމުން ދަނިކޮށް ނޫކުލައިގެ ލޮލެއް ލިބިފައިވާ ފިރިހެން ކުއްޖެއް ފެނުނެވެ.

އޭނާ އިނީ އެހެން ކުދިން ކުޅޭތަން ބަލާށެވެ. ކުރާނެކަމެއް ނެތް ކަހަލަގޮތަކަށެވެ.

އަހަރެން އެކުއްޖާ ކައިރި މަޑުކޮށްލުމަށްފަހު އަހާލީމެވެ. އެހެންކުދިންނާއެކު ކުޅެންނުގޮސް ތިއިނީ ކީއްވެހެއްޔެވެ؟

އޭނާ އަހަރެން ބުނި ބަހަކަށް ސަމާލުކަމެއް ނުދިނެވެ. ދެން އޭނާއަކީ ބީރު ކުއްޖެއްކަން އަހަންނަށް އެނގުނެވެ.

އޭ ހައްދަވައި ބޮޑުކުރެއްވި މާތްﷲ، މިއަޅަށް ކުރެވޭ ޝަކުވާތަކަށް ޢަފޫކޮށްދެއްވާނދޭވެ!

އަހަރެންނަށް އަޑު އެހުމަށްޓަކައި ދެ ކަންފަތް ދެއްވާފައިވެއެވެ. ދުނިޔެ އަހަންނަށް ލިބިފައިވެއެވެ.

------*----------*----------*----------*----------*----------*

ފައިން، އަހަރެން ދާން ބޭނުންވާތާކަށް ހިނގާފައި ދެވެއެވެ.

ލޮލުން، ދުނިޔޭގެ މަންޒަރުތައް އަހަންނަށް ފެނެއެވެ.

ކަންފަތުން، އަހަރެން ބޭނުން އެއްޗެއް އަޑުއެހެއެވެ.

ދުނިޔެ އަހަންނަށްޓަކައި ދެއްވާފައިވެއެވެ.

އަހަރެން އިރުކޮޅަކަށް މަޑުކޮށްލީމެވެ. އަހަންނަށް ދެއްވާފައިވާ ނިޢުމަތްތައް ހަނދާންކޮށްލުމަށެވެ.

ހުރިހާ ތަނެއްގައި، އެންމެންގެ ދިރިއުޅުމުގައިވެސް ފެންނަންންހުރީ ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމެވެ.

އޭ ހައްދަވައި ބޮޑުކުރެއްވި މާތްﷲ، މިއަޅަށް ކުރެވޭ ޝަކުވާތަކަށް ޢަފޫކޮށްދެއްވާނދޭވެ!

އެމީހުންނާ ޚިލާފަށް އަހަންނަށް ވަނީ ހުރިހާ ނިޢުމަތެއް ފުރިހަމަ ކަމާއިއެކު ދެއްވާފައެވެ.

ދުނިޔެ އަހަންނަށްޓަކައި ދެއްވާފައިވެއެވެ.

----------------------------------------------------------------

ތަރުޖަމާ: އަޙްމަދު ސިރާޖް

ޅެން: އަޙްމަދު ބުޚާތިރް (Frogive me when I whine)

އަސްލު ބަސް: އިނގިރޭސި

ޅެމުން ޙާސިލްވާ ޢިބްރަތް: އެހެން މީހުންނަށް މާތްﷲ ދެއްވާފައިވާ ނިޢުމަތްތަކަށް ބަލައި އަޅާ ކިއުމުގެ ބަދަލުގައި، ތިމާއަށް ދެއްވާފައިވާ ނިޢުމަތްތަކުން މަޙްރޫމްވެފައިވާ މީހުންނާއިދޭތެރޭ ވިސްނާށެވެ. އަދި ތިމާއަށް މި މަތިވެރި ނިޢުމަތްތައް މިންވަރުކުރެއްވި މާތްﷲ ސުބްޙާނަޙޫ ވަތަޢާލާޢަށް ޝުކުރު އަދާކުރުންމަތީ ދެމިހުންނާށެވެ.

ކޮމެންޓް

ގުޅޭ ލިޔުންތައް