މިދުނިޔޭގެ ޙަޔާތް ވޭތުކުރަމުންދަނީ ވަރަށް އަވަހަށް ބާރު ސްޕީޑެއްގައިކަން އެންމެންވެސް ޤަބޫލްކުރެއެވެ. އެހެންނަމަވެސް އިންސާނުން ދުނިޔެމަތީގައި އުޅެމުންދަނީ އެބައި މީހުންނަކީ މިދުނިޔެ ދޫކޮށް ދާން ނުޖެހޭ ބައެއްފަދައިންނެވެ. ގިނަބަޔަކަށް ހީވާގޮތުގައި މިދުނިޔޭގައި މަރު ކިޔާ އެއްޗެއްނުވެއެވެ. އެމަންޒަރު ލޮލަށްފެންނަމުންދާ އިރުވެސް ތިމާއަށް އެމަރު ކުރިމަތިވާނެ ދުވަހަކާއިމެދު ވިސްނާލުމެއްނެތެވެ. މިކުށްހީއަކީ އެއްޖީލުން އަނެއްޖީލަށް ވާރުތަވަމުންދާ ހީއެކެވެ.
އާދެ، މަރަކީ އެޔަށް އިތުރު ތަޢާރަފަކަށް ބޭނުންނުވާ މުޅި ހުރިހާ އުންމަތެއް އޭގެ މައްޗަށް ބޯލަނބަން މަޖުބޫރު ވެފައިވާ އޭގެ ރަހަ އެކަކަށްވެސް އިޙްސާސް ނުކުރެވޭ އެއްޗެކެވެ. މަރު އަންނާނެދުވަހެއް، އަންނާނެ ވަގުތެއް އެއްވެސް މީހަކަށް އެނގިގެނެއްނުވެއެވެ. ދުނިޔޭގައިވާ ކޮންމެ މަޚްލޫޤަކީ މަރުގެ ޝިކާރައެކެވެ.
މަރަކީ އެއާއި އެއްވެސްމީހަކަށް ފިލޭނެއެއްޗެއްނޫނެވެ. ނަމަވެސް މިހާރަކަށް އައިސް ގިނަމީހުން މަރުގެ ވާހަކަ ދައްކަން ފަށައިފިނަމަ ވަގުތުން މަޢުލޫ ބަދަލުކޮށްލަން މަސައްކަތްކުރެއެވެ. އެމީހުން އެގޮތަށް ކަންތައްކުރަނީ މަރުވެދާނެތީ ބިރުންނެއްނޫނެވެ. މަރުގެ ވާހަކަ ދައްކަން ނުވަތަ މަރުމަތިން ހަނދާންކުރަންވެސް ބޭނުންނުވަނީއެވެ. މަރުގެ ވާހަކަ ނުދައްކާ ކިތަންމެ ދުރުން އުޅުނަސް މަރަކީ ނައިސްނުދާނެ އެއްޗެކެވެ.
އާދެ، ދުނިޔޭގެ ކެހިވެރިކަން އެއްޖީލުން އަނެއްޖީލަށް ވާރުތަކުރަމުންދެއެވެ. މަރަކީ އެކަކު އަނެކަކާ ވަކިކުރާއެއްޗެކެވެ. ދެ ލޯބިވެރިން ވަކިކުރެއެވެ. އަނބިން ހުވަފަތް ކުރެއެވެ. ދަރިން ޔަތީމުކުރެއެވެ. މީހާ އެކަނިކޮށްލައެވެ. ޙަޔާތުގެ އުންމީދުތައް ފުނޑުފުނޑުކޮށްލައެވެ. ގެތައް ފަޅުކުރެއެވެ. އެއީހަމަ އެމީހުން ޣާފިލުވެގެންވާ މަރެވެ.
މަރަކީ ނުރައްކާތެރި އެއްޗެއްކަން އެނގޭއިރު އެކަމަށް ތައްޔާރުނުވަނީ ކީއްވެހެއްޔެވެ؟ އަހަރެމެން ބިމުގެ ވެއްޔާއި މޮޑެވިގެން ދިޔުމަށްފަހު ދެން އުޅެން އޮތް ޙަޔާތާއިމެދު ކުޑަކޮށްނަމަވެސް ވިސްނުން ހިންގާލިންހެއްޔެވެ؟
މަރުގެ ވަގުތު ޖެހުމުން އެމީހުންގެ ރުއިމާއި އާދޭހެއްގެ އަޑެއް ނާހައެވެ. އެމީހުންގެ ލޮލުން އެވަގުތު އޮހޮރޭ ކަރުނަޔަކުން މަރުގެ ކުރިމަތީގައި ހަމްދަރުދީއަކަށް ފުރުޞަތެއް ނޯވެއެވެ. އެވަގުތު ތިމާ އެދޭ އެއްވެސް އެދުމެއް ފުރިހަމައެއް ނުވާނެއެވެ. މަރު އައިސް އަހަރެމެންގެ ހަށިގަނޑާއި ފުރާނަ ވަކިކުރެއެވެ. އެއަށްފަހު އަހަރެމެންގެ ނިމުންއައީއެވެ. އެއަށްފަހު ހަމަ ކުރެވޭނެއެއްވެސް ކަމެއް ނޯވެއެވެ.
އަހަރެމެން ދުނިޔޭގައި މިހޭދަކުރާ ކުޑަ ވަގުތު ކޮޅުތެރޭގައި މާތްﷲގެ ޢަމުރުފުޅުތަކަށް ބޯލަނބަންޖެހޭކަން ދަނެ ޢަމުރުފުޅުތަކާއި ނަޙީފުޅުތަކަށް ކިޔަމަންވާންވީއެވެ. އެކަލާނގެއަށް ކިޔަމަންވުމުގައި ހީވާގިވާންވީއެވެ. އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކައެވެ. ދުނިޔޭގެ ދިރިއުޅުމަކީ ހެއްލުންތެރިކަމާއި، މުދަލާއި، އުފަލާއި އަރާމް ފިޔަވައި އެހެން އެއްޗެއްނޫނެވެ. އާޚިރަތަށްޓަކައި ތައުބާވެ ތައްޔާރުވުމަށް މަރުމަތިން ގިނަގިނައިން ހަނދާންކުރާށެވެ. މަރާއިމެދު ޣާފިލުވުމަކީ އަބާއްޖަވެރިވުމުގެ ޢަލާމާތެކެވެ.
(ނިމުނީ)
ކޮމެންޓް
ގުޅޭ ލިޔުންތައް
3 years ago
3 years ago
4 years ago