ކީރިތި ޤުރުއާން އުނގެނުމާއި، އުނގަންނައިދިނުން

އެޑްމިން

މީސްތަކުންނަށް ތެދުމަގުދެއްކެވުމަށްޓަކައި އަދި ޙައްޤާއި ބާޠިލުވަކިކޮށްދެއްވުމަށް ކީރިތި ޤުރުއާން ބާވާލެއްވި ކީރިތިވަންތަ މަތިވެރި ﷲ ތަބާރަކަވަތަޢާލާއަށް ހަމްދާއި ޘަނާގެބަސްތައް ފަށްފަށްކުރަމެެވެ. ކީރިތިޤުރުއާން ކިޔަވަންވީގޮތް އެންމެ ފުރިހަމަގޮތް އަމަލީގޮތުން އިންސާނުންނަށް އުނގަންނަވައިދެއްވި އަދި އެފޮތުގެ ޙުކުމްތައް ބަޔާކޮށްދެއްވި މާތް ރަސޫލާއަށް ޞަލަވާތާއި ސަލާމުން ވެދުން ކުރަމެވެ. ރަސޫލާގެ އިތުރު އާލުންނާއި މިތުރު ޞަޙާބީންނަށް ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާކުރަމެވެ . އެބޭކަލުންނީ ކީރިތި ޤުރުއާން ޙައްޤުގޮތުގައި ކިޔަވާވިދާޅުވި އަދި ޤުރުއާނުގެއެންމެހައި ޙުކުމްތަކަށް އެންމެ ފުރިހަމަގޮތުގައި ޢަމަލުކުރެއްބޭކަލުނެވެ.

އާދެ! ޤުރުއާން ކިޔަވައިދިނުމަކީ ، ދަސްކޮށް ދިނުމަކީ އަޅުގަނޑުމެންގެހަމަކޮންމެމީހެއްގެވެސް ޒިންމާއެކެވެ. އަދި ކޮންމެމީހަކުވެސްދިރިއުޅުމުގައި ހަމަކޮންމެ ދުވަހަކުވެސް ޤުރުއާނުގެ މިންވަރެއް ކިޔެވުމަށްސަމާލުކަން ދިނުމަކީ މުހިންމުކަން ބޮޑުކަމެކެވެ. ޚާއްޞަޮށް ސްކޫލުތަކުގެ ދަރިވަރުން މިކަމަށް ސަމާލުކަންދިނުން ވަރަށް މުހިންމެވެ. އަދި ސްކޫލުންނާއި އެކި ފަރާތްތަކުން ހިންގާޤުރުއާން ކިލާސްތަކުގައި ބައިވެރިވުމާއި، އެގޮތުން ބާއްވާ ޤުރުއާން ކިޔެވުމުގެ މުބާރާތްތަކުގައިބައިވެރިވުމަށް ސަމާލުކަންދިނުންވެސް ބޭނުމެވެ. އެފަދަ މުބާރާތްތަކުގައި ގިނަކުދިބަޔަކު ބައިވެރިވެ ކިޔަވާކަން ފާހަގަކުރަމެވެ. އެފަދައިން މަސައްކަތަތްކުރާ ދަރިވަރުންނަށް ނަޞޭޙާތުގެ ގޮތުން ނާއި ހިއްވަރު ދިނުމުގެ ގޮތުން ބުނެލަން ހުރި ބައެް ވާހަކަތައްވެސް މި ލިޔުމުގައި ލިޔެލަމެވެ.

ތިޔަ ކުދިން ގެ ތިޔަ ކުރަމުންގެންދާކަމަކީ ވަރަށް މާތް ހެޔޮ ކަމެކެވެ. ޤުރުއާން ކިޔެވުމަކީ އަބަދުވެސް ކުރާކަމަކަށް ހަދަން ވާނެއެވެ. އެކަމުގައި ދެމިހުންނަންވާނެއެވެ.

ޤުރުއާން މުބާރާތްތަކަށް އިންޞާފުރަމުންގެންދާއިރު ފާހަގަކުރެވޭ ބައެއްކަންތައްތައްވެސްހާމަކުރަމެވެ. މިމުބާރާތްތަކަށް އިންޞާފުކުރުމުގައި މައިގަނޑުގޮތެއްގައި ބެލެނީ ކިޔެވުމަށާއި، ތަޖުވީދަށާއި، އަދި އަޑާއި ރާގަށެވެ.

ބައިވެރިންގެ ކިޔެވުމުން ފާހަގަކުރެވެމުންއަންނަ ރަނގަޅުކަންތައްތަކުތެރޭގައި ތިރީގައި މިވާކަންތައްތައް ހިމެނެއެވެ.

- ވަރަށް ތުއްތުކުދިންވެސް ކެރިގެން ވަރަށް އެކަށީގެންވާމިންވަރެއްގައި ކިޔެވާކަން ފާހަގަކުރެވެއެވެ.

- ޢާންމުކޮށް ތަޖުވީދުގެ ބައިތައްވެސް އަދާކޮށްފައިވާކަން ފާހަގަކުރެވެއެވެ.

- އެކަށިގެންވާ ބާރުމިނުގައި ކިޔެވިކަން ފާހަގަކުރެވެއެވެ.

- މާފާހަގަކުރެވޭ ރާގުނޫނަށް އެކަށިގެންވާ ރަނގަޅު ރާގުތަކުގައި ވެސް ކިޔަވާފައިވާކަން ފާހަގަކުރެވެއެވެ.

- ކިޔަވަން ފެށުމުގައި ގިނަކުދިން އަޢޫޛު ކިޔައިގެން ކިޔަވަން ފަށާކަންވެސް ފާހަގަކުރެވެއެވެ.

- މުބާރާތަށް އެކަށީގެންވާމިންވަރަކަށް ތައްޔާރުވެފައިވާކަން ފާހަގަކުރެވެއެވެ.

އިތުރަށް ސަމާލުކަން ދިނުން ބޭނުންކަންކަމުގެ ގޮތުގައި ފާހަގަކުރެވޭބައެއްކަންތައްވެް ހާމަކުރަމެވެ.

- އަދިވެސް ބޮޑަށް ތަޖުވީދުގެ ޤަވައިދުތަކަށް ދޭ ސަމާލުކަން އިތުރުކުރުން މުހިންމެވެ.

- އަކުރާ ފިލި ފުރިހަމައަށް އަދާކުރުމަށް ސަމާލުކަން ދިނުން ޚާއްޞާކޮށް ބައެއެް ތަންތަނުގައި އުބުފިއްޔާއިސުކުން ، އަދާކުރުމުގައި ސަމާލުކަން ދިނުން އިތުރަށް ބޭނުމެވެ.

- ބައެއް އަކުރު އަދާކުރުމުގައި މިސާލަކަށް ت އާއި، ط ، س އާއި ، ص ذَ އާއި، ز لَ އާއި ض އަދި ظ ފަދަ އަކުރުތައް އަދާކުރުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދިނުމަކީ މުހިންމުކަމެއް ކަމުގައި ފާހަގަކުރަމެވެ.

ޅަޢުމުރުގައި އެ ގޮތަށް އަދާކުރުން އާދަކުރުމުގެ އާދަ ހަރުމުހިންމުކަން ބޮޑު ކަމުގައި ހަނދާންކޮށްދިނުން ބޭނުމެވެ.

- ހިތުދަސްކުރުމުގައި ޤުރުއާނުގެ ތަރުތީބުން ދަސްކުކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދިނުން ބޭނުންކަން މިމުބާރާތްތަކުގެ ހިތުން ދަސްކޮށްގެން ކިޔެވުމުގެބައިން އެންމެ ބޮޑަށް ރަނގަޅުކުރމަށް ފެންނަކަމަކަށް ފާހަގަކުރެވެމުންދާކަން ވެސް ހަނދާންއާކޮށްދެމެވެ.

- ބައެއް ދަރިވަރުން ތަޖުވީދުގެޤަވައިދުތަކަށް ދޭ ސަމާލުކަން އިތުރުކުރަންފެންނަކަމުގައިވެސް ފާހަގަކުރަމެވެ.

- މުބާރާތްތަކުގައި ކިޔަވަމުންގޮސް ކުށެއްޖެހުމުން ރަނގަޅުކޮށްގެން އަލުން ކިޔުމުގައި އިތުރުސަަމާލުކަން ބޭނުން ކަންވެސް ފާހަގަކޮށްދެމެވެ.

ކުށެއް ކިޔުމުން ފަނޑިޔާރުންނަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ކިޔަވާތަން ބަލައި ރަނގަޅުކުރުމަށް ދޭސަމާލުކަން އިތުރުކުރުން މުހިންމު ކަމުގައިވެސް ނަޞޭޙަތްތެރިވަމެވެ.

ދަރިންނަށް ޤުރުއާން ކިޔަވައިދިނުމުގައި އަދި ދަސްކޮށްދިނުމުގައި ބެލެނިވެރިންނަށާއި، ދަރިންގެ މައިން ބަފައިންފުށުން އެދޭބައެއް ކަނތައްތައްވެސް ފާހަގަކޮށްދީ ހަނދާން ކޮށްދެމެވެ.

ދަރިން ޅައުމުރުގައި ޤުރުއާން ކިޔެވަން ދަސްކޮށްދެއްވުމަކީ ވަރަށް މުހިންމުކަމެކެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް ރަނގަޅުގޮތަށް ޤުރުއާން ދަސްކޮށްދެއްވުމަށް ސަމާލުކަންދެއްވުން މުހިން މެވެ. ސަބަބަކީ އަކުރުތަކުގެ މަޚުރަޖާއި ، ތަޖުވީދު ގެ ޤަވާއިދުތައް ޅައުމުރުގައި ދަސްކޮށް ކިޔެވުމުގައި އެބައިތައް އަދާކުރުމުގެ އާދަކުރެވިއްޖެނަމަ އަބަދުވެސް އެގޮތަށް ކިޔެވުން ކުރިޔަށްގެންދެވޭނެތީ އެވެ. އެއާއި ޚިލާފަށް ޅައިރު އެގޮތަށްއާދަނުވެއްޖެނަމަ، ފަހުން އެ އާދަ ބަދަލުކުރުމަށް ވަަށް ދަތިވާނެތީއެވެ.

ހަމަކޮންމެ ކުއްޖަކަށްވެސް ޤުރުއާނުގެ މިންވަރެއް ހިތުން ދަސްކޮށްދިނުމުގެމައްޗަށް ސަމާލުކަން ދެއްވުންބޭނުން ވެއެވެ.

ހަމައެގޮތަށް ހަމަކޮންމެ ދުވަހެއްގައިވެސް ޤުރުއާނުގެ މިންވަރެއް ކިޔެވުމަށްތުއްތު ދައުރުންފެށިގެން އާދަކޮށްދެއްވޭތޯ ބެއްލެވުން މުހިންމެވެ.

ހިތުދަސްކޮށްދެއްވުމުގައި ޤުރުއާނުގެ ތަރުތީބުން ސޫރަތްތައް ދަސްކޮށްދެއްވުން ވަރަށް ބޭނުންވެއެވެ.

(ވަރަށް ގިނަ ކުދިންނަށް އިޚުލާޞް ސޫރަތް ނިމުމުން ތައްބަތު ފަށާކަން ފާހަގަކުރެވެއެވެ. ) އެހެންކަމުން މިކަމަށް ވަރަށް ބޮޑު ސަމާލުކަންބޭނުން ވެއެވެ.

އެގޮތުން އިތުރަށް ސަމާލުކަން ދިނުން ބޭނުން ބައެއްކަންތައްތައް ދަންނަވާލަމެވެ.

- ޤުރުއާން ފޮތް ގަނެދެއްވުމުގައި ތަރުތީބުރަނގަޅަށް ހުންނަފޮތް ގަނެދެއްވުން

- ދަސްކުރުމުގައި ސޫރަތް ދަސްކޮށް ދެއްވުމާއި އެކު އެ ސޫރަތް ނިމުމުން ޖެހިގެން އޮންނަ ސޫރަތް ފެއްޓުމަށް ޖެއްސުން ފެއްޓުވުން

- މޮޅަށް ކިޔަވާ މަޝްހޫޜު ޤާރީންގެ ކިޔެވުން ހިމެނޭ ޤުރުއާން ރޯލު ޖަހައިދީގެން ދަސްކޮށްދެއްވުން

- ޤުރުއާން ގެ ސޫރަތްތަކުގެ ތަރުތީބުން އޮންނަ ޅެން (ޤުރުއާން ޅެންބައި) ކިޔައިދެއްވުން (އަޑުއިއްވުން)

- ސޫރަތްތަކުގެ ތަރުތީބު ލިސްޓެއް ހަދާ ގޭގައި ކިޔަވާ ތަނުގައި ބެހެއްޓެވުން

- ދޭތެތެދޭތެރެއިން ސޫރަތްތަކުގެ ތަރުތީބާއި މެދު ސުވާލުކުރެއްވުން

ޤުރުއާން ކިޔެވުމުގެ ސަބަބުން ކުރިމަތިވާނީ ރަނގަޅުގޮތްތައްކަން އަބަދުވެސްހަނދާންކުރަންވާނެއެވެ. ޤުރުއާން ކިޔެވުމުން ތިޔަކުދިން ކިޔަވާ އެހެންމާއްދާތަކުންވެސް ކުރިޔަށް ދިއުމުގެ ސަބަބަކަށްވާނެއެވެ. ޤުރުއާން ކިޔެވުމުން ކިޔަވާކޮންމެ އަކުރަކަށް ޘަވާބުލިބެއެވެ. ޤުރުއާން އަޑު އެހުމުންވެސްޘަވާބު ލިބެއެވެ.

މިކަން އަބަދުވެސް ހަނދާންބެހެއްޓުމަށް ނަޞޭޙަތްތެރިވަމެވެ. އެހެންވެ ކިތައްމެ އަވަދިނެތި އުޅެން ޖެހުނުކަމުގައިވިޔަސް ހަމަކޮންމެ ރެއަކާ ދުވާލުތެރޭގައި ޤުރުއާން ކިޔެވުމުގެ ވަގުތުކޮޅެއް ހިމަނަންވާނެ އެވެ.

ޤުރުއާނުން ކޮންމެވެސް މިންވަރެއް ހިތުން ދަސްކުރުމަށް މަސައްކަތްކުރަންވާނެއެވެ.

ޚާއްޞަކޮށް އަލްޙަމްދު ، ނުވަތަސޫރަތުލްފާތިޙާ ޤުރުއާނުގެ އެންމެ މާތް ސޫރަތް ވަރަށް ރަނގަޅަށް ކިޔަވަންދަސްކުރަންވާނެ އެވެ.، ޢުމުރުން 5 އަހަރުން ފެށިގެން 23 އަހަރައި ހަމައަށް އެއީ ހިތުން ދަސްކުރުމުގެ ރަންދައުރުކަމުގައި ފާހަގަކުރެވެއެވެ. ހިތުދަސްކުރުމުގެ ރަންދައުރުގައި ހިތުދަސްކުރުން ފަށައިފިނަމަ ހިތުދަސްކުރުމުގެ ބާރު ގަދަވާނެއެވެ. އެއްޗެތި ދަސްކުރުމަށް ބާރަކަށް ވާނއެވެެ. ޤުރުއާނުގެ މިންވަރެއް ނުވާ ހިތް ވީރާނާވެފައިވާ ގެއެއްފަދަ ކަމުގައި ޙަދީޘުގައިވެއެވެ.

ބެލެނިވެރިންނާ މުޚާޠަބުކޮށް ދަންނަވާލަންބޭނުންވަނީ ދަރިން ޤުރުއާން ކިޔެވުމުގެ ސަބަބުން މައިންބަފައިންނަށް ވަރަށް މަތިވެރި ދަރަޖަ ޙައްޤުވާކަމުގައި ރަސޫލާ ޙަދީޘުން ޘާބިތުވެއެވެ.! އާދެ! ޤުރުއާން ކިޔަވާ ކުދިންގެ މައިންބަފައިންގެ ބޮލުގައި ޤިޔާމަތްދުވަހުން ވަރަށް މަތިވެރި ރީތި ތާޖެއް އެޅުވޭނެ ކަމުގައިޙާދީޘުގައިވެއެވެ.

އަދި ދަރިންގެހިތްތަކުގައި ތިންކަމެއްގެމައްޗަށް ލޯބިޖެއްސުމަށް ކީރިތި ރަސޫލާ މައިންބަފައިންނަށް އިރުޝާދު ދެއްވާފައިވެއެވެ އެއީ ކީރިތި ޤުރުއާނަށް ލޯބިކުރުމަށާއި، ނަބީކަލޭގެފާނަށް ލޯބިކުރުމަށާއި ، ރަސޫލާގެ އަޞްޙާބުންނަށް ލޯބިކުރުމަށެވެ . ހަމަކަށަވަރުންވެސް މި ތިންކަމުގެމައްޗަށް ދަރިން އާދަކުރެވިއްޖެނަމަ، އެކުދިން ޙައްޤުގޮތުގައި ދުނިޔޭގައި އުޅުމުގެ މަގު ތަނަވަސްވެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރެވޭނެކަން ޔަޤީނެވެ. އެހެންކަމުން އެންމެ ތުއްތު އިރުއްސުރެ މިކަމަށް ސަމާކަންދެވިއްޖެނަމަ އެކުރެވުނީ ވަރަށް މުހިންމުކަމެއްކަމުގައި ފާހަގަކޮށްދެމެވެ.

ތިޔަކުދިން އަބަދުވެސް ކީރިތި ޤުރުއާނުގެ ހިދާޔަތުގައި ދެމިތިބުމުގެ ހެޔޮ ތަޢުފީޤަށް އެދި ދުޢާކުރަނމެވެ. އެކަމަކު ޤުރުއާނުގެ ތެދުމަގު ލިބުން އޮތީ އެކަމަށް އެދޭމީހަކަށްކަމުގައި ހަނދާންކޮށްދެމެވެ!. ޤުރުއާނުން ތެދުމަގު އެދި އެކަމަށް ދަހިވެތިވާމީހަކަށެވެ. އެކަމުގެ ޚިޔާލުގައި ނިދަންއޮށޯންނަ މީހަކަށެވެ. އެކަމުގެ ހަނދާނުގައި ނިދިން ހޭލާމީހަކަށެވެ! އާދެ! ޤުރުއާން އެމީހަކަށްޓަަކައި ހިދާޔަތަކަށްވަނީ ތެދުމަގު ފެނުމަށާއި ތެދުމަގު ލިބުމަށް އެދޭ މީހަކަށެވެ! އަޅުގަނޑަށާއި ތިޔަހުރިހާކުދިންނަށް އެކަމުގު ތަނަވަސްކޮށްދެއްވުން އެދިދުޢާކުރަމެވެ. ޢަޅަމެން އަބަދުގެ އަބަދަށް މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާގެމަތީގައި ޘާބިތުވެ ތިބެ ކުރިޔަށް ދިއުމުގެ ހެޔޮ ތަޢުފީޤު ދެއްވާށި ! އާމީން !

ކޮމެންޓް

ގުޅޭ ލިޔުންތައް